މުދާވެރިކަން – ގިލަންވެރިކަމަކަށް














މި ފަނާވަނިވި ދުނިޔޭގައި އިންސާނާއަށް ކުރިމަތިވާ މުދާވެރިކަމަކީ މަތިވެރި ﷲ އެ އިންސާނާއާއި ކުރިމަތިކުރައްވާ ވަރަށްބޮޑު އިމްތިޙާނެކެވެ. އެ މުދާވެރިކަން އެ އިންސާނާ ހޯދާގޮތާއި އަދި އެ މުދާވެރިކަން އެ އިންސާނާ ބޭނުންކުރާ ގޮތުގައެވެ. ފަހެ، މިދުނިޔޭގައި އެ އިންސާނާ ހޯދައި ލިބިގަންނަ މުދާވެރިކަމަކީ އޭނާއަށް ކުރިމަތިވާ ބޮޑު ގިލަންވެރިކަމެއްގެ ގޮތުގައިވެސް ދުނިޔެވަނީ ތަޖުރިބާކޮށްފައެވެ. 

އިންސާނާއަށް މިކަން މެދުވެރިވުމުގެ ގިނަ ސަބަބުތަކެއް ޢިލްމުވެރިން ހާމަކުރައްވައި ބަޔާންކުރައްވާފައިވެއެވެ. އޭގެ އެންމެބޮޑު ސަބަބަކީ އެ މުދާ ހޯދައި ލިބިގަންނަ ގޮތުގެ ނުބައިކަމާއި ފާފަވެރިކަމުގެ ބޮޑުކަމުގެ އިތުރަށް އެމުދާވެރިކަމުގެ ބޮޑާކަން އޭނާގެ ހިތަށްވަދެ މަތިވެރި ﷲގެ މަތިން އެ އިންސާނާ ހަނދުމަނެތި އެމަތިވެރި ފަރާތްޕުޅުގެ އަޅުތަކުންގެ މެދުގައި ފަސާދަ އުފައްދަމުން ދިޔުމެވެ. 

މުދައުވެރިކަމަކީ ނުބައިކަމާއި ފާފަވެރިކަމުގެ ތެރެއިން އިންސާނާ ލިބިގަންނަން ޖެހޭ އެއްޗެއްނޫނެވެ. އަދި ކިޔެއްހެއްޔެވެ. މުދައުވެރިކަން ލިބިގަތުން އޮތީ ޙަލާލްކުރެއްވި މަގުންނެވެ. 

މަތިވެރި މާތް ﷲގެ ވަޙީ ބަސްފުޅުގައި ވެއެވެ.
"وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ"
 "އަދި ރަނގަޅުތަކެތި އެއުރެންނަށް ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ."

ފަހެ، އިންސާނާ އެ މުދާ ހޯދައި ލިބިގަންނަ ގޮތުގެ ނުބައިކަމާއި ފާފަވެރިކަމުގެ ބޮޑުކަމާއެކު އެ މުދަލުގެ ދަހިވެތިކަމާއި ބޮޑާކަން އޭނާގެ ހިތަށްވަދެ މަތިވެރި ﷲގެ މަތިން އެ އިންސާނާ ހަނދުމަނެތި އެކަލާނގެ އަޅުތަކުންގެ މެދުގައި ފަސާދަ އުފައްދަމުން ދިޔުމުގެ ނަތީޖާއަކަށް ވާނީ އެ މުދައުވެރިކަން އޭނާގެ ކިބައިން ބީވެ، ހަލާކުގެތެރެއަށް އެ އިންސާނާ ވެއްޓިގެން ދިޔުމެވެ. 

މަތިވެރި ﷲގެ ވަޙީ ބަސްފުޅުގައިވެއެވެ.

"أَوَلَمْ يَعْلَمْ أَنَّ اللَّهَ قَدْ أَهْلَكَ مِن قَبْلِهِ مِنَ الْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْأَلُ عَن ذُنُوبِهِمُ الْمُجْرِمُونَ"
''ހަމަކަށަވަރުން،އޭނާގެ ކުރިން އިސްވެދިޔަ ޖީލުތަކުން އޭނާއަށް ވުރެ  މާވަރުގަދަ އަދި މުދާގިނަ މީހުން  ﷲ ހަލާކުކުރެއްވިކަން އޭނާއަށް ނޭގެނީހެއްޔެވެ؟  އަދި ކުށްވެރީންނަކަށް ، އެއުރެންގެ ފާފަތަކާ މެދު ސުވާލެއް ނުކުރައްވާނެތެވެ."

ހަމަ މިހެންމެ، މަތިވެރި ﷲ ވަޙީކުރެއްވި އެހެން ބަސްފުޅެއްގައިވެއެވެ.

"فَخَسَفْنَا بِهِ وَبِدَارِهِ الْأَرْضَ فَمَا كَانَ لَهُ مِن فِئَةٍ يَنصُرُونَهُ مِن دُونِ اللَّهِ وَمَا كَانَ مِنَ الْمُنتَصِرِينَ"

"ފަހެ، ތިމަންރަސްކަލާނގެ  އޭނާއާއި އޭނާގެ ޚަޒާނާތަކާއި ގެއާ އެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، ﷲ އާ ދެކޮޅަށް އޭނާއަށް ނަޞްރުދޭނޭ އެއްވެސްބައެއް ނުވިއެވެ. އަދި ނަޞްރުލިބޭނޭ މީހުންގެ ތެރެއިން ވެސް އޭނާ ނުވިއެވެ."

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ.
ދުނިޔެއަށް އިންސާނާ ފޮނުއްވީ އޭނާ ހިތަށްއެރިކަމެއް ހިތަށްއެރި ވަގުތެއްގައި ކޮށް ޙައްގުގެ މަގު ފަހަނަޅައި ބާޠިލްގެ މަގުން ދަތުރުކުރުމަކަށް ނޫނެވެ. އަދި ކިޔެއްހެއްޔެވެ. ނުބައިކަމާއި ފާފަވެރިކަމުގެތެރެއިން މުދައު އެއްކޮށް އެމުދަލުގެ އަވާގައި މަތިވެރި ﷲގެ އަޅުތަކުން ޖައްސައި އެބައިމީހުން ހަލާކުގެތެރެއަށް ވައްޓާލުމަކަށްވެސް ނޫންކަން ހަނދުމަކުރުން ހުއްޓެވެ. މިހެންމެ އެ މުދަލުގެ ބޮޑާކަމާއި މަސްތުގައި ޣާފިލުވެ މަތިވެރިﷲގެ ވަޙީބަސްފުޅުތަކަށް ގޮންޖަހައި ތަނުގައި ފަސާދަ އުފެއްދުމުގެ ނަތީޖާއަކަށްވާނީ ގާރޫނުގެ ނިމިދިޔުން ފަދަ ޢިބުރަތްތެރި ނިމުމަކަށް ނޫނީ ނުވާހުއްޓެވެ. ފަހެ، ވިސްނައި ފިކުރުކުރާ ބަޔަކަށް އެކަމުން ޢިބްރަތްލިބުން ހުއްޓެވެ.
               ---------------------
ލިޔުއްވީ: އިބްރާހީމް އާދަމް