ދެއްވަދޫ ރަސްގެފާނުގެ އަގުހުރި ޢިލްމީ ޚިދުމަތުން ޞަފުޙާއެއް


ޢިލްމުވެރިވުމާއި، ޢިލްމީ ޚިދުމަތްކުރުމާއި މިއީ ދެ ކަމެކެވެ. ޢިލްމުވެރިނޫން މީހަކުވެސް ޢިލްމީ ޚިދުމަތްކޮށްފާނެއެވެ. މިހެންމެ ޢިލްމުވެރިން ވެސް ޢިލްމީ ޚިދުމަތެއް ނުކޮށް ތިއްބަވައިފާނެއެވެ. ޢިލްމުވެރިއަކަށް މީހަކުވަނީ ކޮންމެހެން އެ މީހަކު ޢިލްމުވެރިއެއްގެ، ނުވަތަ ޢިލްމުވެރިންގެ ޢާއިލާއަކުން ދުނިޔެއަށް އުފަންވީމާ ނޫނެވެ. ޢިލްމު ލިބިފައިނުވާ ނުވަތަ ޢިލްމުވެރިނޫން ޢާއިލާތަކުންވެސް މޮޅު ޢިލްމުވެރިން އުފެދެއެވެ. އަދި ޢިލްމުވެރިއެއްގެ، ނުވަތަ ޢިލްމުވެރި ހުރިހާ ޢާއިލާއަކުން ޢިލްމުވެރިން ނުއުފެދޭކަންވެސް ފެންނަމުންދެއެވެ. މިއީ ދުނިޔެ ދައްކައިދީފައިވާ އަދި ދައްކަމުންދާ ޙަގީގަތެވެ. ނަމަވެސް ޢިލްމުވެރިއެއްގެ، ނުވަތަ ޢިލްމުވެރިންގެ ޢާއިލާއަކުން މީހަކު ދުނިޔެއަށް އުފަންވުމަކީ އެމީހަކު ޢިލްމުވެރިއަކަށް ވުމުގެ ފުރުޞަތު ތަނަވަސްވެގެންދާ ކަމެކެވެ. އެ ކަމަށް ބާރުލިބޭ ކަމެކެވެ. 


މިވާހަކަ ދަންނަވައިލީ މިލިޔުމަކީ ދެއްވަދޫ ރަސްގެފާނުގެ ޢިލްމީ ޚިދުމަތަށް އަލިއަޅުވައިލެވޭތޯ މަސައްކަތްކުރާ ލިޔުމަކަށްވާއިރު އެ ރަދުންނަކީ އެ ދުވަސްވަރުގެ މޮޅު ޢިލްމުވެރިންކަމަށްވާ މަޝްހޫރު އައްޑޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނަށް ކާފަ، އަދި ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަށް މާފަ (މަންމަގެ ބައްޕަ) ވިދާޅުވާ ބޭފުޅަކަށްވުމުގެ އިތުރަށް އެ ރަދުންގެ ކާފަގެ ފަރާތްޕުޅުގެ ގިނަ ބޭފުޅުންނަކީ ވެސް ޢިލްމުވެރި ބޭފުޅުންނަށް ވާތީ މިކަންކަމުގެ ސަބަބުން ޢިލްމުވެރިވެވަޑައިގަތުމަށް އެ ރަދުންނަށް ވަރަށްބޮޑަށް ފުރުޞަތު ތަނަވަސްވެގެން ދިޔަކަން ގަބޫލުކުރެވޭތީއެވެ.

ދެއްވަދޫ ރަސްގެފާނަކީ އަގުހުރި ޢިލްމީ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މިކަން އޮތީ މިގޮތަށެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް އެ ރަދުންގެ އެ މަތިވެރި ޚިދުމަތް ވަނީ ޢާއްމުކޮށް ފެންނަފަށަށް ތިލަނުކޮށެވެ. ފެނުއަޑީގައި ބާއްވާފައެވެ. ފެނުއަޑީގާ އޮތީމާ އެ ޚިދުމަތް ނުފެނި އޮޅުންނުފިލާ އޮތީއެވެ. އެ ޙަގީގަތް އެނގޭވަރުނުވީއެވެ. ކުރިބަޔަކު މިކަން ކުރި ގޮތާއި އޭގެ ސަބަބަކީ ކޮބައިތޯ ބެލުމަކީ މިލިޔުމުގެ ބޭނުމަކަށްނުވާތީ އެ ބައި ދޫކޮށްލީއެވެ.

ދެއްވަދޫ ރަސްގެފާނުގެ ޢިލްމީ ޚިދުމަތަށް އަލިއަޅުވާލައި "މާލޭގެ ފުރަތަމަ މަދަރުސާއާއި ދެއްވަދޫ ރަސްގެފާނު" މިސުރުޚީގެ ދަށުގައި އަޅުގަނޑު ލިޔުނު ލިޔުމަށްފަހު، އެ ރަދުންގެ ޢިލްމީ ޚިދުމަތުގެ ވިދުވަރު އިތުރަށް ގަދަވެގެންދާ ނުހަނު ބޭނުންތެރި މަޢުލޫމާތުކޮޅެއް އަޅުގަނޑަށް ލިބުނެވެ. މިއީ މަޝްހޫރު ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައި މިހާތަނަށް ޗާޕުނުކުރެވި ޢާއްމުވެފައިނުވާ މަޢުލޫމާތު ކޮޅެކެވެ. މިމަޢުލޫމާތު އަޅުގަނޑަށް ފޮނުއްވައިދެއްވީ ދިވެހި ތާރީޚަށް ލޯބިކުރައްވާ އަދި ތާރީޚީ ޞަފުޙާތަކެއް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިކަމަށްޓަކައި އޭނާއަށް ޝުކުރު ދަންނަވަމެވެ.

އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވުމުން އެނގޭގޮތުގައި )ތަންދޮރު ނުދަންނަ ޖާހިލުންނަށް ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ އިތުރުން، ނަޖިސް ފިލުވުމާއި، ޠާހިރުވުމާއި، ރޯދަހިފުމާއި، ނަމާދުކުރުމާއި، ޙައްޖާއި، ޒަކާތް ފަދަ ޢައިނިއްޔަ ފަރުޟުގެ ތެރޭގައި ހިމެނޭ ޢިލްމުތައް ކިޔަވައިދެއްވުމުގެ ބޭނުންފުޅުގައި( އިސްކަންދަރު ރަސްގެފާނު ބިނާކުރެއްވި މަދަރުސާ މާލޭ ހުކުރު މިސްކިތުގެ ދެކުނު ދޮރޯށީގައި ކިޔަވައި ދެއްވަން ފެއްޓެވީ 1670މ. ވަނަ އަހަރުގެ މެއި މަހުގެ 30 ވީ ހުކުރުދުވަހު އެވެ. މިމަދަރުސާގެ ފުރަތަމަ އުސްތާޛަކީ (އެދުރަކީ) އައްޑޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްޢައްލާމާ އަޙްމަދު ޝިހާބުއްދީން ބޮޑު ނާއިބު އެދުރު ތަކުރުފާނެވެ. 1676މ. ގައި އަޙްމަދު ޝިހާބުއްދީން އަވަހާރަވުމުން ދެން އެ މަދަރުސާގައި ކިޔަވައިދެއްވީ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ކާފަ ދަރިކަލުން މުޙައްމަދު ބިން ޙާއްޖު ޢަލީ (ދެއްވަދޫ ރަސްގެފާނު) އާއި، މުޙައްމަދު ސިރާޖުއްދީން (ފޮނަދޫ ޚަޠީބު ތަކުރުފާނު)އެވެ. މުޙައްމަދު ސިރާޖުއްދީނަކީ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނާއި އެއްބަނޑުއެއްބަފާ ސިއްތިބީގެ ތަޅަމުދިތަކުރުފާނުގެ ވަށޮރަންދިޔެގެ ބޭފުޅެކެވެ. އަދި މުޙައްމަދު ސިރާޖުއްދީންގެ ބައްޕައަކީ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދޮންދަރިކަލުން ކަޅިހާރު ދޮންބުއި ނާއިބު ތަކުރުފާނުގެ ދަރިކަލުން އަލްގާޟީ މަޙުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނެވެ.

މިމަގަށް މިކަން ހިނގަމުންދަނިކޮށް މުޙައްމަދު ސިރާޖުއްދީން ހައްދުންމަތީ ފޮނަދުއަށް ވަޑައިގެން އަދި މުޙައްމަދު ބިން ޙާއްޖު ޢަލީ ރަސްކަމަށް އިސްވެ ވަޑައިގަތުމުން ދެން އިސްކަންދަރު ރަސްގެފާނު ބިނާކުރެއްވި މަދަރުސާގައި ކިޔަވައިދެއްވީ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން ޙުސައިން އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ބޭފުޅެއްކަމަށްވާ މުޙައްމަދު ބޮޑު ފުތްތަކުރުފާނެވެ.


މުޙައްމަދު ބިން ޙާއްޖު ޢަލީ (ދެއްވަދޫ ރަސްގެފާނު) ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، އިސްކަންދަރު ރަސްގެފާނުގެ މަދަރުސާ (މާލޭ ހުކުރުމިސްކިތުގެ ދެކުނުދޮރޯށި)ގައި ކިޔަވާ ދަރިވަރުންނަށް މުސާރައެއް ހަމަޖައްސަވައި އަދި ދަރިވަރުން ކިޔަވާނެ ޢަރަބި ފޮތް ހޯއްދަވައިދެއްވިއެވެ. މިއީ ރާއްޖޭގައި ކިޔަވާ ކުދީންނަށް ދިވެހިދައުލަތުގެ ފަރާތުން މުސާރައެއް ދެއްވިކަން ތާރީޚުން އެނގޭ ފުރަތަމަ ފަހަރެވެ. އަދި ދެއްވަދޫ ރަސްގެފާނުގެ ދުވަސްވަރު އެ ރަދުން އިސްކަންދަރު ރަސްގެފާނުގެ މަދަރުސާ އިތުރަށް ތަނަވަސް ކުރައްވައި އެ މަދަރުސާގެ އުސްތާޛު ނުވަތަ އެދުރު ތަކުރުފާނަށާއި ދަރިވަރުންނަށް ރަސްކަމުގެ ގަނޑުވަރުން ފަރިއްކޮޅުގެ އިންތިޒާމުވެސް ހަމަޖައްސަވައިދެއްވި ކަމަށާއި ދެއްވަދޫ ރަސްގެފާނަކީ ޢިލްމަށް ވަރަށް ލޯބިކުރެއްވި ޢިލްމުވެރި ރަސްކަލެއްކަމަށްވެސް ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވެއެވެ.

ދިވެހިދައުލަތުގެ ފަރާތުން (އިސްކަންދަރު ރަސްގެފާނު) މާލޭގައި ބިނާކުރެއްވި ފުރަތަމަ މަދަރުސާގެ ކިޔެވުން ހުއްޓިގެންދިޔަ ސީދާ ދުވަސްވަރެއް ލިޔުންތަކުން އެނގޭކަށް ނެތެވެ. ނަމަވެސް 1670މ. ގައި އެ މަދަރުސާގެ ކިޔެވުން ފެށުމަށްފަހު 1773މ. ގައި ހުރާގޭ މުޙައްމަދު މަނިކުފާނު ދިވެހިރަސްކަން އަތުލައްވައި ސުލްޠާން މުޙައްމަދު ޣިޔާޡުއްދީން ޝަހީދު ކުޅައުމާއި ހަމައަށް އެ މަދަރުސާ (ގަރުނަކަށްވުރެ ގިނަދުވަހު) ހިނގަމުންދިޔުން ވަރަށްބޮޑަށް އެކަށީގެންވާ ކަމަށް ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ބައެއް ބޭފުޅުން ދެކިވަޑައިގަނެއެވެ. މިބޭފުޅުން އެގޮތަށް ދެކިވަޑައިގަންނަވަނީ އޭގައި ސަބަބުތަކެއް ހުރެގެންނެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމައަށް ގޭގެ މުގުރާން އަމުރުކުރައްވައި ޢިލްމު ކިޔަވާމީހުންގެ އަތުން ފޮތްފޭރޭން އަމުރުކުރައްވައި އަދި އޭނާ ހިތްޕުޅާ ހަމަކުރައްވާ މީހަކަށްނޫނީ ޢިލްމުއުނގެނުން މަނާކުރެއްވީ ދިވެހިރަސްކަން އަތުލެއްވުމަށްފަހު ހުރާގޭ މުޙައްމަދު މަނިކުފާނު ކަމަށް ދިވެހިތާރީޚުގައި ލިޔެފައިވާތީ ހުރާގޭ މުޙައްމަދު މަނިކުފާނު ސިފަވެގެންދަނީ ޢިލްމާއި އިންޞާފާއި ދެކޮޅުވެރި ހަތުރެއްގެގޮތުގައި ކަމަށް ވާތީއެވެ.

މަތިވެރި ﷲ މުޙައްމަދު ބިން ޙާއްޖުޢަލީ (ދެއްވަދޫ ރަސްގެފާނު)ގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވާށިއެވެ. އާމީން.
              ----------------------

ޢަބުދުﷲ ޙިލްމީ
03 ފެބްރުއަރީ 2016މ.