ބިޝްޢާ: ދޮގު ސާބިތުކުރާ ވަސީލަތް


ބިޝްޢާއަކީ، މީހަކު ދޮގުހެދިކަން ނުވަތަ ނޫންކަން ސާބިތުކުރުމަށްޓަކައި ބަދަވީން ބޭނުންކުރާ ވަސީލަތެކެވެ. ޢަރަބި ބަދަވީންގެ ގާތުގައި ދޮގު ހެދުމަކީ ހުތުރުކަން ބޮޑުވެގެންވާ ކަމެކެވެ. ދޮގުހެދި ކަމުގެ ތުހުމަތަކީ، އެއިން އެއްވެސް މީހަކަށް ހަޖަމުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންވެ، ދޮގުހެދިކަން ނުވަތަ ނޫންކަން ސާބިތުކުރުމަށްޓަކައި އެމީހުން ބިޝްޢާ ބޭނުންކުރެ އެވެ.

މީހަކު ދޮގެއް ހެދިކަން ނުވަތަ ނޫންކަން ސާބިތުކުރަން ޖެހިއްޖެނަމަ، ދަނީ މުބައްޝިޢެއްގެ ގާތަށެވެ. މުބައްޝިޢަކީ، ބިޝްޢާ ބޭނުންކޮށްގެން ދޮގުހެދިކަން ނުވަތަ ނޫންކަން ސާބިތުކުރުމާ ބެހޭ މާހިރެވެ. އޭނާ އެކަން ކުރަނީ އިސްކަރާބެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެންނެވެ. އެއީ މަޢުދަނުން ހަދާފައިވާ އާލަތެކެވެ. އޭތި ދޮންވެ ރަތްކުލަ އަރަންދެން އަލިފާނުން ހޫނުކުރެ އެވެ. ދެން ދޮގުހެދިކަމަށް ތުހުމަތުކުރެވޭ މީހާގެ ދުލުގައި އޭތި ޖައްސަ އެވެ. އޭނާގެ ދޫ ފިހިއްޖެނަމަ، ދޮގުހެދިކަން ސާބިތުވީ އެވެ. އޭނާގެ ދުލަން ގެއްލުމެއް ނުލިބިއްޖެނަމަ، ދޮގުނުހަދާކަން ކަށަވަރުވީ އެވެ.

ބަދަވީންނަކީ، ކަމެއް ސާބިތުކުރުމަށްޓަކައި ހުވާކުރުން ޤަބޫލުކުރާ ބަޔެއް ނޫނެވެ. ދޮގު ހުވަޔެއް ކުރުމަކީ މީހަކު ކޮށްފާނެ ކަމެއް ކަމުގައިވާތީ އެވެ. މިހެންވެ، އެމީހުން ބުރަވަނީ ބިޝްޢާ އަށެވެ. ދާދި ފަހަކާ ޖެހެންދެން ބިޝްޢާއަކީ، ބަދަވީންގެ ތެރޭގައި ޢާއްމު އެއްޗެކެވެ. ނަމަވެސް ޒަމާނީ ތަހުޒީބު ފެތުރޭ ވަރަކަށް އޭގެ ބޭނުން ހިފުން މަދުވަމުން ދެ އެވެ. މިހާރުވެސް ފަލަސްޠީނާއި އުރުދުނާއި ސީރިއާގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ ބަދަވީން ބިޝްޢާ ހަދަ އެވެ.

ބިޝްޢާގެ ފިޔަވަޅުތައް:
1. ބިޝްޢާ ހަދަން ބޭނުންކުރާ އާލަތް އަލިފާނަށް ލައިގެން ރަތްކުލަ އަރަންދެން ހޫނުކުރެ އެވެ.
2. އެވަރަށް ހޫނުވުމުން، މުބައްޝިޢު އޭތި ނަގައިގެން އޭނާގެ އަތުގައި ތިންފަހަރު ކާއްތާލަ އެވެ. މިކަންކުރަނީ، ކުށެއް ނުކުރާ މީހަކަށް އަލިފާނުން ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ.
3. މުބައްޝިޢު، ތުހުމަތުކުރެވޭ މީހާއާ ދިމާއަށް އެ އާލަތް ދިއްކޮށް، އޭގައި ދޫ ޖެއްސުމަށް ބުނެ އެވެ.
4. ތުހުމަތުކުރެވޭ މީހާ އޭނާގެ ދޫ ނެރެ އެތަނުގައި ތިބޭ މީހުންނަށް ދައްކަ އެވެ. މިކަންކުރަނީ ބިޝްޢާ ހެދުމުގެ ކުރިން އޭނާގެ ދޫ އޮތީ ސަލާމަތުންކަން ކަށަވަރުކޮށްދިނުމަށްޓަކަ އެވެ.
5. ތުހުމަތުކުރެވޭ މީހާ، އޭނާގެ ދޫ، އެ އާލަތުގައި ތިންފަހަރު ޖައްސަ އެވެ. އެއަށްފަހު ދެތިންފަހަރު އޭނާގެ އަނގަ ދޮވެ، އެތާ ތިބި ބަޔަކަށް އޭނާގެ ދޫ ދައްކަ އެވެ.
6. އޭނާގެ ދުލަށް ގެއްލުމެއް ލިބިފައިވާނަމަ، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތު ސާބިތުވެ އޭނާ ކުށްވެރިވެއްޖެ ކަމަށް އެމީހުން ބުނާނެ އެވެ. އޭނާގެ ދުލަށް ގެއްލުމެއް ލިބިފައި ނުވާނަމަ އޭނާއަކީ ކުށުން ބަރީއަވެގެންވާ މީހެއް ކަމަށް އެމީހުން ބުނާނެ އެވެ.

ދީނީ ގޮތުންނާއި ޢިލްމީ ގޮތުން، ބިޝްޢާ ހެދުމާމެދު ފާޑުކިއުންތައް ކުރިމަތިވެފައިވެ އެވެ. ޢިލްމީ ނަޒަރަކުން ފާޑުކިޔާ މީހުންގެ ނަޒަރުގައި ބިޝްޢާގައި ޙަޤީޤަތެއް ވެދާނެ އެވެ. ދޮގުނުހަދާ މީހާގެ ދުލަށް އެއިން ގެއްލުން ނުލިބެނީ، އޭނާގެ އަނގައިން ކުޅު ނުހިކޭތީ އެވެ. އެހެނީ ބިޝްޢާ ހަދަން ދާއިރު އޭނާ ހުންނާނީ ނުހަނު ސާބިތުކަންމަތީގަ އެވެ. އޭނާ ދޮގެއް ނުހަދާ ކަމާއި، ބިޝްޢާ އިން އޭނާއަށް ގެއްލުމެއް ނުލިބޭނަކަމުގެ ޔަޤީންކަން މަތީގަ އެވެ. ހާސްކަމާއި ނުތަނަވަސްކަން އޭނާއަކާ ކުރިމައްޗެއް ނުވާނެ އެވެ. މިހެންވެ، އޭނާގެ އަނގައިން ކުޅެއް ނުހިކެ އެވެ.

ދޮގު ހަދާ މީހާގެ ޙާލަތު މިއާ ތަފާތެވެ. އޭނާ ވާނީ ހާސްވެ ކަންބޮޑުވެފަ އެވެ. މިހެންވެ އޭނާގެ އަނގައިން ކުޅުހިކެ އެވެ. އޭނާގެ ދުލަށް ގެއްލުން ލިބެނީ ދުލުން ކުޅުހިކޭތީ އެވެ.

ދީނީ ނަޒަރަކުން ބަލާއިރު ބިޝްޢާ ހެދުމަކީ މާތް ﷲ އަށް އީމާން ނުވާކަމުގެ ޢަލާމާތެއް ކަމަށް ބުނެވެ އެވެ. އަދި އެއީ ޖާހިލުންގެ ޢަމަލެއް ކަމަށް ވެސް ބުނެވެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް، ބަދަވީން ބިޝްޢާ ހަދަ އެވެ.
               --------------------

މުޞައްނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
މަސްދަރު: ކިނާނާ އޮންލައިން