ގަހަށް ހީވާގޮތް



އުފެދި ބޮޑުވަމުން އަންނައިރު (ފަތްކެޔޮ، މާޅޮސްކެޔޮ ފަދަ) ދޮންކެޔޮގަހަށް ހީވަނީ، ތިމަންނާއަކީ، ވަރަށް ވަރުގަދަ އަދި އެކަނި ނަފުސަށް ވެސް ދެމިހުރެވިދާނެ އެއްޗެއް ކަމަށެވެ. މި ހިތްވަރު އިތުރަށް އައުވެގެންދަނީ، ބޯށި ނިކުންނަ ނުވަތަ ފޯދޭ ފުރައިގައެވެ. އިތުރު އެހީތައް ބޭނުންވާކަން އެނގެނީ، ކެޔޮގަނޑުގެ ވައްތައް އުފެދެން ފެށުމުންނެވެ. ބުރަ ބޮޑުވާން ފެށުމުންނެވެ. ވައްތައް ދޮންވާން ފެށުމުން ދެން ލިބޭ ހިތްވަރު އަދި ވަކީން ގަދަވެއެވެ. ފާޑެއްގެ ޝާއްބަވަންތަ ކަމެއް ލިބި ގަހަށް ބުރަބޮޑުވާން ފެށުމުން ދެން ޖެހެނީ، ކައްތިރި ވިއްދާށެވެ. ނުވިއްދައިފި ނަމަ، ގަސްވެއްޓުމުގެ ފުރުޞަތު އޮތީތީއެވެ. 

ކޮންމެވެސް މީހަކު ނުވަތަ ބަޔަކު އައިސް ކައްތިރި ވިއްދުމުން، ބަލިކަށި ދުވަސްތަކުގެ މަތިންނާއި، ކައްތިރި ވިއްދި މީހުންގެ މަތީން ހަނދާން ނެތި ދަނީ ދާދި އަވަހަށެވެ. ވައްތައް ދޮންވާން ފެށުމުން ކެޔޮގަނހަށް ބަލާ މީހުންގެ ޢަދަދު ގިނަވެ އެވެ. މިދުވަސްވަރަކީ، އެ ގަހަށް ލިބޭ އެންމެ ކިބުރުވެރި އެންމެ ބޮޑާ ދުވަސްވަރެވެ. މިހެނީ ދޮންކެޔޮގަނޑަށް ބަލާ މީހުންގެ ޢަދަދު ގިނަވުމާއި، އެކި މީހުން އެކި އަގުތައް ކިޔުން ގިނަވަމުންދާތީއެވެ.

އަދިވެސް ވިއްދި ކައްތިރިތައް ހުރީ ހަމަ ވިއްދި ގޮތަށެވެ. އެކަމުގެ ސަބަބުން ގަނހަށް ލިބޭ ހެލިފެލި ވުން ވަރަށް ކުޑައެވެ. ގަނހުގެ ބާރުގަދަ އެވެ. ވެއްޓިދާނެ ކަމުގެ "ޑަރް"ވެސް ހީއެއް ނުވެ އެވެ. ބޮޑާ ބަސްތައް ބުނުން ގިނައެވެ. މިހާރު ދޮންކެޔޮގަނޑު އެވަނީ، ދޮންވެ ފައްކާވެފައެވެ. ގިނަބަޔަކު ގަނހުގައި ފިރުމައެވެ. ހަމަ އެއާ އެކު ގަނހަށް ޝަރަފުވެރިކަން ހޯދައިދިން ކެޔޮގަޑުގައި އަދި މާބޮޑަށް ފިރުމާ މީހުން ވެސް އެހާ ގިނައެވެ.

ދުނިޔެ މިހާރު އެވަނީ، ރަންވެފައެވެ. މިދުވަސް މިއީ މިއީ ދުވަހަކުވެސް ފާއިތުވާނެ ދުވަހެއް ނޫންކަމަށް ވެސް އެގަސް ހީކުރެ އެވެ. ދެން ފެށެނީ ކުރިން ހީކޮށްފައިނުވާ ކަހަލަ މަރުޙަލާ އެކެވެ. ކެޔޮގަނޑު ކަނޑާލުމުގެ މަރުޙަލާ އެވެ. ދުރުން އަދި މާދުރުން ވެސް މިހާރު ފެންނަނީ، ވަޅިތަކާއި، ކަތިވަޅިތަކެވެ. އައިގޮތަށް ކޮންމެވެސް ބަޔަކު އައިސް ވަރަށް ރަހުމްކުޑަ ކަމާއެކު، ކައްތިރިތައް މޮހާލައެވެ. ގަހުގެ ފަތްތަކުގައި ހިފައި ތިރިއަށް ދަމައިގަނެއެވެ. ޖެހިޖެހީނުން ދޮންކެޔޮގަނޑު ބުރިކޮށްލައެވެ. ހަމަ އެއާއެކު، ކަތިވަޅީން ޖެހިޖެހީނުން ގަހުގެ ބުޑުން ބުރިކޮށް އަދި ގަސް ވެސް ދެތިން ތަނަކުން ބުރިކޮށްލުމަށް ފަހު ގެންގޮސް ގޮނޑަށް އެއްލާލައެވެ. އެތަނުގައި އެއްވެސް ބައެއްގެ ކުލުނުވެރިކަމެއް ނެތި، ގަސް ރޮއިރޮއި އޮވެ، ފީވެ ދާނީއެވެ. (ނިމުނީ)
         ---------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި