ފިރިހެނުންނަށްވުރެ އަންހެނުން މޮޅު ދިހަ ކަންތައް















އަންހެނުންގެ ރީތިކަން ތަރައްގީވެއެވެ.
އުމުރުން ދުވަސްވާވަރަކަށް އަންހެނުން ރީތިވުމަށް އިސްކަންދެ އެވެ. މިކަމުގެ ސަބަބުން އެމީހުންގެ ރީތިކަން އިތުރުވެ އެވެ. އެއާ ޚިލާފަށް، ފިރިހެނުން އުމުރުން ދުވަސްވާވަރަކަށް ރީތިވުމަށްދޭ ސަމާލުކަން ކުޑަކުރެ އެވެ. ފަރުވާކުޑަކުރުމުގެ ސަބަބުން ފިރިހެނުންގެ ބަރުދަން އިތުރުވެ ފަލަވެ އެވެ. ބޮލުން އިސްތަށި ފައިބައި ތަލަވެ އެވެ. އެކަން ހުއްޓުވާކަން ގިނަ ފިރިހެނުންނަކު ނޫޅެ އެވެ. 2000 މީހުންގެ މައްޗަށް ކުރެވުނު ދިރާސާއަކުން އެނގުނު ގޮތުގައި، ރީތި އަންހެނުން ވިހާ ދަރިންގެ 16 އިންސައްތަ އެމީހުންނާ ވައްތަރެވެ. އަދި 36 އިންސައްތަ އަކީ ރީތި އަންހެން ކުދިންނެވެ. މީގެ މާނައަކީ، ޠަބީޢީ ގޮތުން ވެސް އަންހެނުންގެ ރީތިކަން ތަރައްގީވެ ކުރިއަރަމުންދެ އެވެ.

2. ނުރައްކާތެރި އެކްސިޑެންޓްތަކުން އަންހެނުން ސަލާމަތްވާވަރު އިތުރެވެ.
ކާރު އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ 77 އިންސައްތައަކީ ފިރިހެނުންނެވެ. މިކަމުގެ ސަބަބަކީ، ފިރިހެނުންގެ ފަރުވާކުޑަކަމާއި، އަންހެނުންގެ ފަރުވާތެރިކަމެވެ. ގިނަ އަންހެނުން، ސަލާމަތީ ކަމަރު އަޅަ އެވެ. ދުއްވުމުގައި ތަބާވާންޖެހޭ ގަވާއިދުތަކާ ވެސް ތަބާވެ، ދުވެލި ކޮންޓްރޯލްކުރެ އެވެ. އަދި ކާރު ދުއްވާއިރު، މޯބައިލް ފޯނުން ވާހަކަނުދައްކަ އެވެ. ގިނަ ފިރިހެނުން މިއާ ޚިލާފަށް ޢަމަލުކުރެ އެވެ.

3. ނަފުސާނީ އުނދަގޫތަކުން ސަލާމަތްވާން މޮޅީ އަންހެނުންނެވެ.
2000(ދެ ހާސް) މީހުންގެ މައްޗަށް ކުރެވިފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި، ނަފުސާނީ އުނދަގޫތަކުން ސަލާމަތްވުމުގެ ކުޅަދާނަކަން، ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް ލިބިފައިވެ އެވެ. މިކަމުގެ ސަބަބަކީ ހިތުގައި އުފެދޭ އުދާސްތަކާއި، ކުރިމަތިވާ މައްސަލަތައް ހިތުގައި ފޮރުވާފައި ނުބާއްވައި، އަންހެނުން އެމީހުންގެ ރައްޓެހިންނަށް ކިޔާދޭ ކަމެވެ. ނަތީޖާއަކީ، ނަފުސާނީ ގޮތުން އަންހެނުންނާ ކުރިމަތިވާ އުނދަގޫތަކުގެ ބޮޑު ބަޔެއް ފިލައިގެން ދިއުމެވެ. ފިރިހެނުންގެ ތެރެއިން އެމީހުންނަށް ދިމާވާ މައްސަލަތައް ކިޔާދެނީ އެންމެ 29 އިންސައްތަ އެވެ. ފިރިހެނުންނާ ޚިލާފަށް އަންހެނުންނަކީ މިޞްރާބެއް ނެތި އަނގަތަޅާ ބަޔެކެވެ. ބައެއް މުޖުތަމަޢުތަކުގެ ވަޒީފާ އަދާކުރާ އަންހެނުން، އެމީހުންގެ ގޭތެރޭގައި ހިނގާ ހުރިހާ ކަމެއް އޮފީހުގެ ރައްޓެހިންނަށް ވެސް ކިޔާދެ އެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ފަހަރު އާއިލާތައް ރޫޅިފައިވެ އެވެ. ނަމަވެސް އަންހެނުން މިކަންކުރަނީ، އެމީހުންގެ ހިތުގައިވާ އެއްޗެއް ބޭރުކޮށް ނަފުސު ލުއިކޮށްލުމަށްޓަކަ އެވެ.

4. އާމުދަނީ މެދުކެނޑޭ އަންހެނުންނަކީ ނިސްބަތުން މަދު ބަޔެކެވެ.
ވަޒީފާގެ މައިދާނުގައި ކުރެވިފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި، (އެ ދިރާސާގައި ހިމެނޭ ސަރަޙައްދުގައި) 2007 ވަނަ އަހަރުން ފެށިގެން ވަޒީފާ ގެއްލިފައިވާ މީހުންގެ 80 އިންސައްތައަކީ ފިރިހެނުންނެވެ. މިކަމުގެ ސަބަބަކީ، އިގުތިޞާދީ ދަތިކަން ކުރިމަތިވި މައިދާންތަކުގައި ގިނައިން މަސައްކަތްކުރަނީ ފިރިހެނުން ކަމަށްވުން ކަމަށް ވެދާނެ އެވެ. ނަމަވެސް ފާހަގަކުރެވޭ ކަމަކީ، ވެރިންގެ ގޮތުގައި މަސައްކަތްކުރާ އަންހެނުން، އެމީހުންގެ ވަޒީފާތަކުގައި ދެމިތިބި ކަމެވެ.

5. ތަޢުލީމީ މައިދާނުގައި ކުރިއަށްދަނީ އަންހެނުންނެވެ.
އެމެރިކާގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޔުނިވަރސިޓީ ތަޢުލީމު ނިންމާ އަންހެނުންގެ ޢަދަދު އިތުރުވަމުންދާއިރު، ފިރިހެނުންގެ ޢަދަދު ދަނީ މަދުވަމުންނެވެ. މަދުރަސީ ދައުރުގައި، ފިރިހެން ކުދިންނަށްވުރެ، އަންހެން ކުދިން މޮޅެވެ. މިކަމަކީ، ޢާންމުކޮށް އެނގިފައިވާ އެންމެން ދަންނަ ކަމެކެވެ.

6. ޞިއްޙީ ކާނާއަށް އިސްކަންދެނީ އަންހެނުންނެވެ.
14000(ސާދަ ހާސް) މީހުންގެ މައްޗަށް ކުރެވިފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި، ފިރިހެނުންނަށްވުރެ ބޮޑަށް ޞިއްޙީ ކާނާއަށް އިސްކަންދެނީ އަންހެނުންނެވެ. ފިރިހެނުންނަށްވުރެ ގިނައިން، މޭވާއާއި ތަރުކާރީ ވެސް ކަނީ އަންހެނުންނެވެ.

7. އަންހެނުންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު މާވަރުގަދަ އެވެ.
ފިރިހެނަކަށް އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، އޭނާ އުޅޭނީ ކުޑަކުއްޖަކު އުޅޭހެންނެވެ. އެއީ އެމީހުންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިކަމުގެ ހެތްކެކެވެ. އަރިދަފުސް ރޯގާ ފަދަ ކުދިކުދި ބަލިތަކަށް އަންހެނުން ނުގުޑާނެ އެވެ. އެކަމުގެ ސިއްރަކީ، އަންހެނުންގެ ހަށިގަނޑުގައިވާ ހޯމޯނެކެވެ. އެއީ، އެސްޓްރޯޖިން އެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި، އެސްޓްރޯޖިން އަކީ، އަންހެނުންގެ ހަށިގަނޑުގެ ސިއްރު ހަތިޔާރެއްގެ ގޮތުގައި މަސައްކަތްކުރާ ހޯމޯނެކެވެ.

8. އަންހެނުންގެ އުމުރު ދިގެވެ.
ދުނިޔޭގެ އާބާދީގައި، އުމުރުން ސަތޭކަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ މީހުންގެ 85 އިންސައްތަ އަކީ، އަންހެނުންނެވެ. އާންމު ގޮތެއްގައި، ފިރިހެނުންގެ އުމުރަށްވުރެ އަންހެނުންގެ އުމުރު ދިގެވެ. ފިރިހެނުންނަށްވުރެ އިތުރަށް، 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް އަންހެނުން ދިރިއުޅެ އެވެ.

9. މަސައްކަތްތައް ހިންގާލަން މޮޅީ އަންހެނުންނެވެ.
ޢަމަލީ މައިދާނުގައި ވެރިންގެ ގޮތުގައި ޙަރަކާތްތެރިވެ، މީހުންލައްވާ މަސައްކަތް ކުރުވަން މޮޅީ އަންހެނުންނެވެ. މިކަމާމެދު ބައެއް ފިރިހެނުން ދެކޮޅު ހަދަ އެވެ. ނަމަވެސް ކަމާބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި، މިކަމުގައި ފިރިހެނުންނަށްވުރެ އަންހެނުން މޮޅީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއް ސަބަބަކީ، މީހުން ދައްކާވާހަކަ، ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން އަޑުއަހާ ކަމެވެ. އަނެއް ސަބަބަކީ، ކަންތައްތައް ކުރަންވާ ގޮތް ކިޔައިދީ، އެކިއެކި މައްސަލަތަކުގެ ޙައްލު، ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން ބުނެދޭ ކަމެވެ. މީގެ އިތުރުން، އެއްފަހަރާ ތަފާތު މަސައްކަތްތައް ކުރުމުގެ ގާބިލުކަން، ފިރިހެނުންނަށް ލިބިފައިވާ ވަރަށްވުރެ އިތުރަށް، އަންހެނުންނަށް ލިބިފައި ވެސް ވެ އެވެ.

10. ފައިސާއާއި މުދާ ބަލަހައްޓަން މޮޅީ އަންހެނުންނެވެ.
ފައިސާއާއި މުދަލުގެ ބޭނުން ހިފާފައިވާ ގޮތުގެ، 100000 (އެއް ލައްކަ) ފައިލް ދިރާސާކުރުމުން ލިބުނު ނަތީޖާއަކީ، "އެއް ލާރި، ދެ ލާރިއަށް" ހެދުމުގައި ވެސް އަންހެނުން މާ މޮޅު ކަމެވެ. މިމައިދާނުގައި ފިރިހެނުންނަށްވުރެ އަންހެނުން ކުރިއަރާފައިވާ ނިސްބަތް 18 އިން ސައްތައަށް ވާސިލުވެފައިވެ އެވެ. މިކަމުގެ ސަބަބެއް ކަމަށް ބެލެވެނީ، ބަލައިލުމެއްނެތި އަޖުމަ ނޭނގޭ މަޝްރޫޢުތައް ހިންގަން، އަންހެނުން ހޭދަނުކުރާ ކަމެވެ. ގިނަ ފިރިހެނުންނަކީ ޖެހިލުމެއްނެތި ދިގު މުއްދަތުގެ މަޝްރޫޢުތަކަށް ހޭދަކުރާ ބަޔެކެވެ. ނަމަވެސް ގިނަ އަންހެނުން އެކަންކޮށްފައިވަނީ، ވަރަށް ރަނގަޅަށް ބަލައި، ދިރާސާކުރުމަށްފަހުގަ އެވެ.
              -----------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން