ދެ މޫނުގެ އަހުލުވެރިން












ދެ މޫނުގެ އަހުލުވެރިންކަމުގައި ޢާއްމު ރަޔުގައި ބުނެއުޅެނީ މުނާފިގުންނެވެ. އެއީ ކޮންމެހެން އެ ހަށިގަނޑެއްގައި ދެ މޫނު ހުރި ހަށިގަނޑެއް ލިބިފައިވާ ފަރާތެއްނޫނެވެ. މުނާފިގުންނަކީ ވާހަކަދެއްކުމުގައި ދޮގުހެދުމާއި ވަޢުދެއް ވެއްޖެނަމަ އެ ވަޢުދަކާއި ޚިލާފުވުމާއި ޙަވާލުކުރެވޭ އަމާނާތަށް ޚިޔާނާތްތެރިވާ މީހުންނެވެ. މިފަދަ މުނާފިގުންނަކީ އެބައިމީހުންނަށް ހުރި ނުބައިކަމުގެ ވާހަކަ ޤުރުއާނާއި ސުންނަތުން ވެސް އެނގެން ހުރި މީހުންނެވެ. މިބައިމީހުންނަކީ އެ ގޮތް ދޫނުކޮށް ތައުބާނުވެ މަރުވެއްޖެނަމަ، މިބައިމީހުންނަށް ނަޞްރުވެރި ވާނޭ އެއްވެސް ފަރާތެއްނުވާ އަދި ނަރަކައިގެ އެންމެދަށު ވަތްގަނޑުގައިވާނޭ ބަޔެކެވެ. 

ޢާއްމު ރައުޔުގައި ދެ މޫނުގެ އަހުލުވެރިންނަކީ މުނާފިގުންނަށްވީ ނަމަވެސް ގާތްގާތުގައި އެކި ދުވަހު އެކި ގޮތަށް އެކި ބާވަތަށް އެ މީހެއްގެ ގޮތްބާވަތް ބަދަލުކޮށްގެން އުޅޭތީ މީސްތަކުންނަށް ފެންނަ މީހުންނަކީ ވެސް ދެ މޫނުގެ އަހުލުވެރިންގެ ވައްތަރެކެވެ.

ނަމަވެސް މިފަދަ މީހެއްގެ ކިބައިގައި ކުރިންހުރި ގޮތަކީ ނުބައިކަން ބޮޑުވެގެންވާ ގޮތެއްނަމަ އެ ގޮތް ދޫކޮށްލައި ހެޔޮވެގެންވާ މަގަށް ރުޖޫޢަވާ ބަޔަކީ ދެ މޫނުގެ އަހުލުވެރިން ނޫނެވެ. އެ ނޫން ގޮތްގޮތަށް ހެނދުނާއި މެންދުރާއި ހަވީރު އެ ބަޔެއްގެ ކިބައިން ފެންނަ ފުށުއެރުން ބޮޑު މީސްތަކުން ޙައިރާންކޮށްލަނިވި ނުބައިކަމާއި ޙީލަތާއި މަކަރުވެރި ކަންކަން ފެންނަ ބަޔަކީ ދެ މޫނުގެ އަހުލުވެރިންނެވެ. 

ރާއްޖޭގެ ހުރިހާ ދިމާލަކުން ހުރިހާ ގިންތީއަކުން އެބައިމީހުންނަކީ ކޮބައިކަން އެނގޭ ގޮތަށް ދެ މޫނުގެ އަހުލުވެރިން ފައުޅުވެ މީސްތަކުން އެނގި ކަށަވަރުވަމުން މި ދަނީ ރާއްޖޭގެ ދީނާއި ޤައުމިއްޔަތާއި އެހެން މީސްތަކުންގެ ރަނގަޅަކަށާއި ޢިބްރަތަކަށްޓަކައި ކަމަށް އެ ކަމާއި ބެހޭ ސާރވޭއެއްގެ %85 މީހުންބުނެއެވެ.

އެބައިމީހުން ބުނާ ގޮތުގައި ރާއްޖެ މިއަދު އޮތް ޙާލަތަށް ބަލާއިރު އަމާން ޞުލްޙަވެރި ރަނގަޅު ވެއްޓެއް ޤާއިމުވެ ދެމިއޮތުމަށްޓަކައި ދެ މޫނުގެ އަހުލުވެރިންނަކީ ކޮބައިކަން ކޮންމެހެން ވެސް އެނގެން ޖެހެއެވެ. ސާރވޭގެ ގިނަ މީހުން ބުނާ ގޮތުގައި މި ކަމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ނުހަނު ފައިދާކުރަނިވި ބޭނުންތެރި ކަމެކެވެ.
                     -------------------

ލިޔުއްވީ: އިބްރާހީމް އާދަމް