އެދުވަސްވަރުގެ ބޭސްވެރިކަން














ގދ.އަތޮޅު ހެލްތްސެންޓަރުގައި ރަސްމީގޮތުން ކުރާންޖެހޭ މަސައްކަތްކުރުމަށް ގދ. ތިނަދޫއަށް އަޅުގަނޑު ދިޔައީ 1982މ. ވަނަ އަހަރުއެވެ. އެއީ ޝިގެއްލާ ރޯގާގެ ބަލިމަޑުކަމުގެ ދުވަސްވަރެވެ. އޭގެކުރިން އަޅުގަނޑު މަސައްކަތްކުރީ ގއ.އަތޮޅު ހެލްތް ސެންޓަރުގައި ވިލިގިލީގައެވެ. ގއ.އަތޮޅުވެރިޔަކަށް އޭރު ހުންނެވީ މ.ރެޑްކޯސްޓް އަލްފާޟިލް ހުސައިން މޫސާ އެވެ. ގދ.އަތޮޅަށް ދިޔައިރު، އަތޮޅުވެރިއަކަށް ހުންނެވީ ގ.ކެތީރޯޒް އަލްފާޟިލް މުޙަންމަދު ޝަރީފެވެ.

އަޅުގަނޑު ދިޔައިރު ގދ. ހެލްތްސެންޓަރގައި ތިއްބެވީ، ތިނަދޫ ސީބްރީޒް މުޙަންމަދު ޝަހީދާއި، އެރަށުގެ ގޯލްޑްސްމިތް އަޙުމަދު ސަޢީދެވެ. މަސައްކަތަށް ވަރަށްޤާބިލް އެ ދެ ބޭފުޅުންނާއެކު އެތާނގައި އަޅުގަނޑު މަސައްކަތް ކުރީމެވެ. ހެލްތްސެންޓަރގައި އެދުވަސްވަރު މަސައްކަތު މީހަކަށްހުރީ، ތިނަދޫ މުޙަންމަދު ނަސީމު (ދޮންމަރިޔަން ދައިތަގެ ކަލޯ) އެވެ. ހެލްތްސެންޓަރ ހިންގަމުންދިޔައީ، އަތޮޅުކޮމިޓީގެ ދުވަސްވަރުގައި އަތޮޅުކޮމިޓީގެ އޮފީސް ހިންގި ޢިމާރާތުގައެވެ.
އެ އިމާރާތްހުރީ، ގދ. އަތޮޅު ކައުންސިލް އުފެދުމުން، ކައުންސިލްގެ އިދާރާ ހިންގި ޢިމާރާތާއި އަދި، ގދ. އަތޮޅުގެ ބިނާކޮށްފައިވާ ކޮށީގެ ހުޅަނގު އުތުރު ކަންމަތީގައެވެ. އެންމެ ފުރަތަމަ 1969މ.ގައި ގދ.ހެލްތް ސެންޓަރ ހިނގަމުން ދިޔައީ، ތިނަދޫ އޮފީހުގެ ކޮޓަރިއެއްގައެވެ. އޭގެފަހުން ދެން ބަދަލުވީ ކުރިން މިދެންނެވި ޢިމާރާތަށެވެ.

މިލިޔުމުގެ މަތީގައިވާ ހެލްތްސެންޓަރގެ އައު ޢިމާރާތަކީ ތިނަދޫގައި (2009މ.) ބަންދުކޮށްފައި އެހުރި، އެރަށު ހުކުރު މިސްކިތް ބިނާކޮށްފައިވާ ކޮށީގެ ހުޅަނގު އުތުރުގައި އަލަށް ހެދި ޢިމާރާތެވެ. ހެލްތް ސެންޓަރގެ މި އައު ޢިމާރާތް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބްދުލްޤައްޔޫމް ތިނަދޫއަށް ވަޑައިގެން އެތަން ހުޅުއްވައިދެއްވި އިރު، އެތަނާއި ޙަވާލުވެ ހުރީ، އަޅުގަނޑެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހެލްތު މިނިސްޓަރ، އަލްފާޟިލް ޢަބްދުﷲ ޖަމީލު ވެސްވަޑައިގަތެވެ. އެރަށު ހެލްތް ސެންޓަރގައި އަޅުގަނޑު މަސައްކަތްކުރީ 1990މ. ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށެވެ.

އެދުވަސްވަރު ބަލިމީހުން ބެލުމުގެ ނިޒާމު ހަމަޖެހިފައި އޮންނަނީ، ހިނގާފައި ނާދެވޭވަރުގެ ބަލިމީހުން ސެންޓަރަށް ގެނެވޭނޭ ވެހިކަލްތަކެއް ނެތުމުން، ބަލިމީހާ އޮތް ތަނަކަށް ޞިއްޙީ އެހީތެރިޔާ (ކޮމިއުނިޓީ ހެލްތްވޯކަރ) ގޮސް އެމީހާއަށް ބޭސްފަރުވާކުރާ ގޮތަށެވެ. ކުއްލިޙާލަތުގައި ގޭގެއަށްގޮސް ބަލިމީހުން ބަލައި ފަރުވާދޭންވެސް ޖެހެއެވެ. އަތޮޅުތެރޭ ރަށްރަށުގައިވެސް އޮންނަނީ ހަމަ އެ އުޞޫލެވެ. އާދެ! ފުޅިބައްތިއާއި، ޓޯޗްބައްތީގެ އެހީގައި، ގޭގޭގެ އެނދުމަތީގައި ބަލިމީހުން ބާއްވައިގެން އައި.ވީ ގުޅައި، އިންޖެކްޝަން ޖަހައި، ބޭސް އަޅަން ޖެހެއެވެ. މާބަނޑު މީހުން ވިއްސަންވެސް ޖެހެއެވެ. ގިނަފަހަރަށް ވަރަށްބޮޑަށް ދަތިވަމުންދިޔަ މި އުޞޫލު ބަދަލުކޮށް، ހެލްތް ސެންޓަރަށް ބަލިމީހުން ގެނެސްގެން ފަރުވާދޭގޮތަށް، އެކަންކަން ބަދަލުކުރެވުނީ، ގދ. އަތޮޅަށް ފަހުންވަޑައިގެންނެވި އަތޮޅުވެރިޔާ އަލްފާޟިލް އަޙުމަދު ރަޝީދުގެ އެހީތެރިކަމާއެކު 1985މ. ހާތާނގައެވެ. އޭރު ހެލްތްސެންޓަރގައި މަސައްކަތްކުރަން ހުރީ އަޅުގަނޑު އެކަންޏެވެ. ދެން ހުންނަނީ މަސައްކަތުމީހާއެވެ. ހެލްތްސެންޓަރުން ލިބެން ހުންނަނީ ޑަބްލިޔޫ.އެޗް.އޯ އިން ފޮނުވާ ހިލޭ ބޭސްކޮޅެކެވެ. ގއ. އާއި ގދ. އަތޮޅުންވެސް ތިނަދޫ ސެންޓަރަށް ބަލިމީހުން އަންނާތީ ދުވާލެއްގެ މައްޗަށް 70 ނުވަތަ 80 ވަރަކަށް ބަލިމީހުން ބަލަން ޖެހެއެވެ. ބަލިމީހުންނަށް ދިމާވާ ކަންކަމުގައި، ފަސޭހައިން ޑޮކްޓަރެއްގެލަފައެއް، ނުވަތަ ފަންނީ އެހެން ފަރާތެއްގެ ލަފައެއް ފަސޭހައިން އަހާލެވޭނޭ ނިޒާމެއް އެދުވަސްވަރުގައި ޤާއިމްވެފައެއް ނެތެވެ. އެއިންކަމަކަށް އެހީތެރިވެދޭނެ އިތުރު މީހަކު ނުހުރެއެވެ. ސީރިއަސް ޙާލަތްތަކުގައި ކިތައްމެ ފަހަރަކު އަޅުގަނޑުގެ ސިކުނޑިއަށް ކުރާ ބާރު ކުޑައެއްނޫނެވެ. އެގޮތުން ހިނގާފައިވާ ދެތިން ޙާދިސާއެއްގެ ސުރުޚީ އަޅާލުން ކީއްތޯއެވެ.

އާދެ! އެއްޙާދިސާއަކީ، އަތޮޅުތެރޭގެ ރަށަކުން ގެނައި މާބަނޑު އަންހެނެކެވެ. އެ ބަލިމީހާ އޮތީ، ޚަބަރު ހުސްވެފައެވެ. ބަނޑަށް އަށްމަހެވެ. އެމީހާ ގެނެސް ސެންޓަރަށް ލާފާއި، ގެނައި މީހުން ފުރައިގެން ދިޔައީއެވެ. އެހީތެރިއަކަށް އިނީ، އެމީހާގެ މަންމައެވެ. ކޮންމެއަކަސް ކަންދިމާވީ، ވަރަށްވެސް ހިތާމަވެރި ގޮތަކަށެވެ. ރޭގަނޑު 9:30 އެހާކަންހާއިރު އެމީހާ ނިޔާވީއެވެ. އެ މައްޔިތާ އެތަނުގައި އޮތުމުގެ ސަބަބުން އަތޮޅު އޮފީހުން ދީލަތިކަމާއެކު، ބިގަރެއް ދިއްލައިދީ، އަދި އަތޮޅުވެރިޔާ އަޙުމަދު ރަޝީދު، ދެތިންފަހަރު ސެންޓަރަށް ވަޑައިގަތެވެ. ނިޔާވި މީހާގެ މަންމައަކީ، ޢުމުރުން ދުވަސްވެފައިވާ މީހެއްކަމަށްވާތީ، އެރޭ އެތަނުގައި މަޑުކުރަން އެމީހާ ޢުޛުރުވެރިވެ، ރައްޓެހި ގެއަކަށް ދިޔައީއެވެ. ސެންޓަރގެ މަސައްކަތު މީހާއަކީ، މުހިއްމުކަމެއްގާ ވިޔަސް ސައުވީސް ގަޑީގައި ހިފަހައްޓާލެވޭ ވަރަށްވުރެ، ބަލިމީހެއްކަމަށްވާތީ، އޭނާވެސް ގެއަށް ދިޔައީއެވެ. އަޅުގަނޑު އިންނަށްޖެހުނީ، އެކަނިމާއެކަނި، މައްޔިތާ ބާއްވާފައިއޮތް ފަށްޖެހި އެނދުކައިރީ، ދިގުގޮނޑިއެއްގައި، ސެންޓަރގެ ފެންޑާގައެވެ.

އަނެއް ހާދިސާއަކީ، އަތޮޅުގެ ރަށަކުން ގެނައި މާބަނޑު އަންހެނެކެވެ. ގެނައިރު، މައިމީހާގެ ބަނޑުގައި އޮތް ދަރިފުޅު، މަރުވެއްޖެއެވެ. މައިމީހާގެ ސަލާމަތަށްޓަކައި އައްޑުއަތޮޅަށް، ނުވަތަ މާލެއަށް ދަތުރެއް ކުރެވޭނެ އެއްވެސް ގޮތެއް ނެތުމާއެކު، ވަރަށްދަތީގައި އުޅެގެން ވިއްސުނީ، ގާތްގަނޑަކަށް ހަތަރުގަޑި އިރު މަސައްކަތްކޮށްގެންނެވެ. އެފަދަ އަނެއް ޙާދިސާއަކީ، ގއ.އަތޮޅުގެ ރަށަކަށް ވިހެއުމަށްފަހު، ތިނަދޫއަށް ގެނައި އަންހެނެކެވެ. ދަރިފުޅު ވިހެއުމަށްފަހު، މަސް ތުރަކުރަން ފޫޅުމާ ކުރި މަސައްކަތުގެތެރޭގައި، މަސްތުރަނުވެ، ފޫޅުދަނޑިވަނީ ލުހިފައެވެ. އެދުވަސްވަރަކީ، އެފަދަ ޙާލަތްތަކުގައި މަސްތުރަކުރުމަށް ކޮންމެހެން ބޭނުންވާނޭ އެއްވެސްއެއްޗެއް ސެންޓަރގައި ނުހުންނަ ދުވަސްވަރަކަށްވާތީ، (މެނުއަލްކޮށް) އެމީހާގެ މަސްތުރަކުރަން ޖެހުނީ، ބަލިމީހާ އޮތް ގޭގައި ބާއްވައިގެންނެވެ. ބަލިމީހަކު މާލެއަށް ގެންދިއުމަށްޓަކައި ސަރުކާރުން ކަނޑަށް ޖައްސާ މަތިންދާބޯޓެއް (އެއަރޓެކްސީ) ތިނަދުއަށް ފޮނުވީ 1985މ. ހާތާނގައެވެ. އޭރުވެސް ސެންޓަރގައި ހުރީ އަޅުގަނޑު އެކަންޏެވެ.

ކުރިން ވެސް ފާހަގަކޮށްފައިވާނެ ފަދައިން 1985މ. ގެ އަހަރުތަކާ ހަމަޔަށްވެސް، ބަލިމީހުން ބަލައި ފަރުވާދިނުމުގައި ގިނަފަހަރު ގޭގެއަށް ދާންޖެހެއެވެ. ސެންޓަރގައި ބައިސިކަލެއްހާ ހިސާބުވެސް ނުހުންނަ އެދުވަސްވަރު، ޢާއްމުކޮށް ހުވަދުއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ޚާއްޞަކޮށް ތިނަދޫގައި އެތަކެއް ފަހަރަކު ނުވަދެވޭ ގެއެއް ވަރަށް މަދުވާނެއެވެ.
            -------------------------
ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު، ޒޫރިޔާގެ/ މަޑަވެލި
19/1/2013