އެންމެ ފަހު ވަގުތާ ހަމައަށް ވެސް އިޙުތިރާމް













ނޯޓް: މިލިޔުން ގުޅިފައިވަނީ ހަވަރުތިނަދޫގައި ދެވަނަފަހަރަށް ބަޔަކު ވަޒަންވެރިވުމާއެކު، ކުދިންނަށް ތަޢުލީމު އުނގަންނައި ދެއްވުމުގެ ބުރަ މަސްއޫލިއްޔަތު ނުހަނު ފުރިހަމައަށް އަދާކުރައްވަމުން ގެންދެވި އެއް ބޭފުޅެއްކަމަށްވާ އެރަށު ފެންފިޔާޒުގޭ އަލްމަރުޙޫމް ގާސިމް ރަޝާދު އާއި އެވެ.

ބަންޑާރަ ހޮޅުއަށީގައި "އިޙުތިރާމް" އެނދުމަތިކޮށްފައި އޮންނަތާ ލައްކަ ދުވަސް ވެއްޖެއެވެ. އެނދުމަތި ކުރީމާ އެނގެނީ ކަމާއިބެހޭ ބައެއްގެ ބެލުމުގެ ދަށުގައި ބާއްވައިގެން ފަރުވާކުރަން ޖެހޭ ހިސާބަށް ދިޔައީއެވެ. އެކަމަކު ހިތަށް އެރިއެވެ. ހޮޅުއައްޓަކީ ބަލިވެގެން އެނދުމަތި ކުރާ ތަނެއްބާވައެވެ. މިސުވާލު އުފެދިފައި ހުއްޓައި އެނގުނީ "އިޙުތިރާމަށް" ކަމެއް ވެއްޖެނަމަ އެކަން ރަނގަޅުކޮށްލުމަށްޓަކައި ޖާގައޮތް ކޮންމެ ތަނެއްގައި ވިޔަސް ފަރުވާއެއް ދޭންޖެހޭ ކަމެވެ.

ފެންނަގޮތުން "އިޙުތިރާމު" ގެ ހާލު މިއަދު ވަރަށްބޮޑެވެ. ނޭވާލެވެނީވެސް ފީނާ ވައްތަރުގެ މާސްކް އަޅުވައިގެން ވަރުވަރުގެ ހޮޅި ގުޅައިގެންނޭވެސް އެބަ ބުނެއެވެ. މިވަރަކުން މިކަމެއް ނުވާނެޔޭ ކިޔައި ކޮންމެވެސް އެއްޗަކަށް އެކަމާއިބެހޭ "ނަރުސްކުދިން" ފިތައި އޮބައިގެން ގަދަކަމުން "އިޙުތިރާމް" ނޭވާލައްވަންޖެހޭ ފަހަރު އާދެޔޭވެސް ބައެއްމީހުން ބުނެއެވެ.

އެއްބަޔަކު ބުނަނީ "ނަރުސް ކުދިން"ނެއް ކަމަކު އެއްޗިއްސަށް ފިއްތައިގެން ލެއްވޭނޭ ނޭވައެއް މިހާރަކު ވަކި ނޯންނާނެއެވެ. އެއަށްވުރެ ޓެކްނޮލޮޖީއޭ ކިޔާ އެއްޗެއް މާމައްޗަށް، އުޑުވިލާތަކަށް ވުރެ އެތަކެއްމޭލު މައްޗަށް ޖެހިލައިފި ކަމަށެވެ. ކޮންމެއަކަސް އެނގޭ އެއްޗަކީ މިއަދު "އިޙުތިރާމް" އޮތީ ދިރިހުރުމާއި މަރާއި ދެމެދުގައި ކަމެވެ.

އިޙުތިރާމަކީ ރާއްޖެއިން މިހާރު ނެތެމުންދާ ކަމެކެވެ. ވަރަށްކުޑަކޮށް ނޫނީ އެކަކު އަނެކަކަށް އޭގެ ބޭނުންކުރާތީ ނުފެންނަ ކަމެކެވެ. ނަމަވެސް މިއީ އިންސާނީ މުޢާމަލާތުގެ ތެރޭ އޮންނަންޖެހޭ އެންމެމަތިވެރި އެއް ސިފައެވެ. ރާއްޖެއަކީ އެނގެންނެތް ޒަމާނުއްސުރެ މިރިވެތިސިފަ ފެންނަމުން ދިޔަ ތަނެއްކަން ތާރީޚުން އެނގޭއިރު މިއަދު މިހެންވާން ޖެހުމުގެ ސަބަބަކީ ކޮބައިތޯ ބަލަން އުޅެފިނަމަ އެކަމުގެ ގިނަ ސަބަބުތަކެއް ވެސް ފެނިދާނެއެވެ. އޭގެތެރޭ ތަރުބިއްޔަތާއި ޢިލްމާއި އަޚުލާޤާއި ރިވެތި އިންސާނީ ވަންތަކަމުގެ ބިންގާއެޅޭ މާޙައުލުކަމަށްވާ އެމީހަކު އުޅެބޮޑުވާ ގެއާއި މަދަރުސާއާއި ވަށައިގެން ފެންނަ ކަންކަމާއި އިވޭ އަޑުތަކާއި އެކަމެއްގެ ތެރޭ އުޅެވޭ ކަންކަމަކީ އޭގެ އަސަރު އެމީހަކަށް ކުރާނެ ކަންކަމެވެ. އެ މީހެއްގެ ޠަބީޢަތު ބައްޓަންވެގެން ދިޔުމުގައި އެކަންކަމުގެ ތާސީރު ހުންނާނެ ކަންކަމެވެ.

އިޙުތިރާމަކީ އޭގެ ޒާތުގައި ހޯދަން އެނގިއްޖެނަމަ ކޮންމެ މީހަކަށްވެސް އެމީހެއްގެނިސްބަތުގައި ލިބިދާނެ އެއްޗެކެވެ. އެ ހޯދުމަށްޓަކައި އޭގެ ބަދަލުގައި އެމީހަކު ދޭންޖެހޭ އެއްޗަކީވެސް އިޙުތިރާމެވެ. އެހެންއެއްޗެއް ނޫނެވެ. ތިމާއަށް އަނެކުންގެ އިޙުތިރާމު ލިބޭނީ އަނެކުންނަށްވެސް ތިމާ އިޙުތިރާމުކޮށްގެންނެވެ. އިޙުތިރާމް ކުރުމުގައި ދެމިހުރެގެންނެވެ. އިޙުތިރާމުކުރި ނިސްބަތެއްގައެވެ.

ދަރިން މައިންބަފައިންނަށް މައިންބަފައިން ދަރިންނަށް ދަރިވަރުން މުދައްރިސުންނަށް މުދައްރިސުން ދަރިވަރުންނަށް ރައްޔިތުން ވެރިންނަށް ވެރިން ރައްޔިތުންނަށް އެކަކު އަނެކާއަށް އަދާކުރަންޖެހޭ އިޙުތިރާމް އަދާކުރަމުން ދަނިކޮށް އަޅުގަނޑުމެން ދުށީމުއެވެ. މީގެ އަހަރުތަކެއްގެ ކުރިންނެވެ. އެއީ އެދުވަހެވެ. މިއީ މިދުވަހެވެ. އެވެސް ދުވަހެކެވެ. މިވެސް ދުވަހެކެވެ. އެދުވަހު އެއީ ޖަންގަލީގެ އުޞޫލު ބާވައެވެ. ބޯދާ ކަޓުމުއްލާ ގޮތް ބާވައެވެ. ނުވަތަ މިއަދު މިއީ ތަހުޛީބު ބާވައެވެ. އެންމެފުރިހަމަ ޑިމޮކްރަސީގެ އުޞޫލު ބާވައެވެ.

މީހަކު މީހަކަށްކުރާ ނުވަތަ މީހުން މީހުނަށްކުރާ ޙަޤީޤީ އިޙުތިރާމަކީ އެ ބަޔެއްގެ ފުދުންތެރިކަމާއި ފައިސާއާއި ޖާހަށްޓަކައި ކުރާ ކަމެއް ނޫނެވެ. މިގޮތަށް މީހަކަށް ކުރަމުން ދިޔަ އިޙުތިރާމަކީ އެމީހެއްގެ އެކަންކަން ނެތް ދުވަހެއްގައި ނުކުރާނޭ ނުލިބޭނޭ އިޙުތިރާމެއްކަމަށް ވާނަމަ ކުރިން އެކުރެވުނީ ޙަޤީޤީ އިޙުތިރާމެއް ނޫނެވެ. އިޙުތިރާމުގެ ދަޅަ ދެއްކުމެކެވެ.

އެހެން މީހުންނަށްވެސް އިޙުތިރާމްކުރެއްވި އަދި އެހެން މީހުންގެ އިޙުތިރާމްވެސް ހޯއްދެވި ޝަޚުޞިއްޔަތެއްގެ ވާހަކަ ދަންނަވައިލުން ކީއްތޯއެވެ. ޢިބްރަތެއް ޙާޞިލް ކުރެއްވުން އެކަށީގެންވާ ކަމަށް ބަލައިގެންނެވެ.

ފެށުމުގައި އާދައިގެ މަސްވެރިކަމާއި އަމިއްލަ ފަޅުރަށްރަށުގެ (ވަލުތެރޭ) މަސައްކަތާއި އަމިއްލަ ގޯތިގެދޮރުގެ (ދަނޑިފަނުގެ) އެންމެހައި މަސައްކަތާއި އުޅަނދުފަހަރު އެހިލައި ބޭލުމުގައި ޢަމަލީގޮތުން ބައިވެރިވެ އުޅުއްވި ޝަޚުޞިއްޔަތެކެވެ. ކުދީންނަށް ޢަރަބި ތާނައަކުރު ދަސްކޮށްދެއްވައި ތަޖުވީދުމަގަށް ޤުރުއާން ކިޔަވައި ދެއްވިއެވެ. ކުޑަ ކަޠީބެއްގެ މަސްއޫލިޔަތެއްގެ ގޮތުން ހުކުރު މިސްކިތް ބަލަހައްޓަވައި އިމާމްވެ ނަމާދުކުރެއްވުމާއި މައްޔިތުންގެ ޖަނާޒާގެ ކަންތައްތައް އިސްވެ ބެލެހެއްޓެވިއެވެ. އެންމެންގެ އިޙުތިރާމާއި ލޯބި އޭނާ ހޯއްދެވިކަމީ އޭނާ ދެކިފައިވާ ބަޔަކު މިއަދުވެސް ޤަބޫލުކުރާ ކަމެކެވެ. މިދެންނެވި ޝަޙުޞިއްޔަތަކީ ހަވަރުތިނަދޫ ނުވަތަ ތިނަދޫ ފެންފިޔާޒުގޭ ޤާސިމް ރަޝާދެވެ. އެދުވަސްވަރުގެ ގިނަ ބަޔަކު ދަންނާނޭ ކާސިންފުތު ބެއްޔާ އެވެ.

ފުރަތަމަ ކަމަކީ، ވަކިވަކި ފަރުދުން އެފަރާތަށް ކުރި އިޙުތިރާމެވެ. އެފަރާތުންވެސް ހަމަ އެގޮތަށް އެފަރާތްތަކަށް އެކަން ރައްދުކުރެއްވިއެވެ. ޤާސިމް ރަޝާދުއާއި މަގުމަތިން ދިމާވާ އޭނާ ދަންނަ އާދައިގެ މީހުން އޭނާ ފެނުމުން ހުއްޓިލައެވެ. އޭގެތެރެން ވާހަކަދައްކާ ބަޔަކާއި ވާހަކަ ދައްކަވައެވެ. އަދި އެމީހަކަށް އެނގިގެން "އޭނަޔަށްވުރެ މަ ވަކި ދެރަނޫނޭ ހިތައި" ޤާސިމް ރަޝާދުގެ ކުރިއާއި ފަހަތާއި އަރިއަރިމަތިން ހިނގައި ދުވެ ފުމެ އުޅުނީތީ އެއްވެސް ބަޔަކު ނުދެކޭނެއެވެ.

ދެވަނަ ކަމަކީ، ޤާސިމް ރަޝާދަކީ އޭނާ ކިޔަވައިދެއްވި ދަރިވަރުން ދެކެ ލޯބިވާ އަދި ދަރިވަރުން ވެސް އޭނާދެކެ ލޯބިވީ އެދުރެކެވެ. މިކަމާއެކުމެ އެކުދީންނަށްވެސް އޭނާ އިޙުތިރާމް ކުރައްވައެވެ. އޭނާ ކިޔަވައިދެއްވި ދަރިވަރުން ބޮޑެތިވެ ރަށާއި އަތޮޅުގެ އެކިވަރުގެ ވެރިންނަށް ތިއްބެވިއިރު ވެސް ޤާސިމް ރަޝާދަށް "ޖެހިލުން" ވެއެވެ. އިޙުތިރާމް އަދާކުރެއެވެ. އެކަން އެހެންވުމަކީ ޤާސިމް ރަޝާދު އެބައިމީހުންނަށް ކުރައްވާ އިޙުތިރާމަށް އެއްވެސް ބަދަލެއް އައި ކަމެއްނޫނެވެ. މަގުމަތިންނާއި މަކުތަބާއި ގެއިންވިޔަސް އެބައިމީހުންނާއި ދިމާވުމުން ރިވެތި ބަހުން މުޚާޠަބުކުރައްވައި އިޙުތިރާމު ކުރައްވައެވެ.

ތިންވަނަ ކަމަކީ، އޭނާ ކިޔަވައިދެއްވި މަކުތަބުގެ ޖަލްސާތައް ޝަރަފުވެރިކޮށްދެއްވި ހުރިހާ ފަންތިއެއްގެ ހުރިހާ ޢިއްޒަތްތެރިން އެޖަލްސާއެއްގައި އިށީނދެވަޑައިގެން އުޅުއްވީވެސް އޭގެކުރިން ޤާސިމް ރަޝާދު ގޮނޑީގައި އިށީންނެވުމަށް އެދިވަޑައިގެން އެކަން ކުރެއްވީމާ ކަން އަޅުގަނޑުމެން ދުށީމުއެވެ.

ހަތަރުވަނަ ކަމަކީ، ރާއްޖޭގެ އެދުވަސްވަރުގެ އެންމެމަތީ ވެރިންގެތެރެއިން ޤާސިމް ރަޝާދާއި ބައްދަލުވެވަޑައިގަތް ވެރިންގެ ހިތްޕުޅުގައި ޤާސިމް ރަޝާދަށް އޮތް އިޙުތިރާމެވެ. ގާތްކަމެވެ. އެކަން އޮންނަންވީ ނިސްބަތެއްގައެވެ.

އިޙުތިރާމާއި ގާތްކަމުގެ ފައިދާއަކީ ކޮންމެހެން ނަޤުދު ފައިސާ ނުވަތަ ތަކެތީގެ ގޮތުގައި ސީދާ އަތަށްލިބުން ލާޒިމު އެއްޗިއްސެއް ނޫނެވެ. މަޢުނަވީގޮތުން ބަލައިފި ނަމައެއީ ކޮޅެއްނެތްހައި ގިނަ ފައިސާއާއި ތަކެއްޗެވެ. މިއީ ބޭނުންނަމަ އެމީހަކާއި އެތަނެއްގެ ނިސްބަތުގައި ހަމަ ކޮންމެ މީހަކަށް ވެސް ލިބިދާނެ އެއްޗެކެވެ. ނުލިބޭނެކަމަށް ހީކޮށްގެން ނުވާނެއެވެ. ރާއްޖޭގެ އެންމެމަތީ ވެރިކަންކުރެއްވި ބޭފުޅުންނަށް ބަލާއިރު މިލިޔުމުގައި ގެނެސްދޭ ޝަޚުޞިއްޔަތުގެ އެދުވަސްވަރު ހަވަރުތިނަދޫއަށް ވަޑައިގަތީ ރައީސް އަމީނާއި ރައީސް ނާޞިރެވެ.

ތިނަދޫ ހުކުރުމިސްކިތުގައި ހުކުރު ނަމާދުގައި ބައިވެރިވެވަޑައިގަތް ދިވެހިރާއްޖޭގެ ރައީސް އަމީންގެ ދޫފުޅުން "ސާބަހޭ ކަތީބާ، ތިޔަވަރެއް ހަމަ ނެތޭ" ވިދާޅުވުމުގެ ޝަރަފުދެއްވީ ހަމައެކަނި ޤާސިމް ރަޝާދު ހުކުރުނަމާދުގެ ޚުޠުބާކިޔުއްވައި ނަމާދުގައި ކީރިތި ޤުރުއާން ކިޔަވާވިދާޅުވި އަޑު މަޚުރަޖުގެ ރީތިކަމާއި ފުރިހަމަކަމަށްޓަކައި ނޫނެވެ. އަދި ކީއްތޯއެވެ. އެޝަރަފު ދެއްވީ ރަށުގެވެރިންނާއި ރައްޔިތުންނާއި އެންމެންގެ (ނިސްބަތުގައި) އިޙުތިރާމާއި ލޯބި ހޯއްދެވުމާއި އެންމެނަށް "އިޙުތިރާމް" ކުރެއްވުމުގައި އޭނާ ގެންގުޅުއްވައި ދަމަހައްޓަވަމުން ގެންދެވި ރިވެތި އުޞޫލު ރައީސް އަމީނަށް އެނގިވަޑައިގެންފައި އޮތުމާއެކުވެސްމެ އެވެ. އެނގިވަޑައިގަތް ގޮތެއްގައެވެ. އެހެންނޫންނަމަ ޤާސިމް ރަޝާދަށް ވުރެ ޢިއްޒަތާއި ހައިބަތާއި ތަނަވަސްކަމުގެ ގޮތުން ހާސްބައި ކުރީގައި އުޅުއްވި ބޭފުޅުން އޭރު އެރަށުގައި ތިއްބެވިއިރު މިބޭފުޅުންގެ އުނިވާނަމަ އުނިވާ އެއްޗަކީ (ނިސްބަތުގައި) އެންމެންގެ އިޙުތިރާމެވެ. އެންމެންގެ ލޯތްބެވެ. އެ ދުވަސްވަރު އެރަށުގެ މިކަން ހުރި ނެތްގޮތް އެންމެބޮޑަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކީވެސް ރައީސް އަމީނެވެ. ރަށުގެ ވެރިންނާއި ބޮޑުންނާއި އެކި ގިންތީގެވިޔަސް އޭގެ އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ "ބަތާނަ" ފުށް މައްޗަށް ޖެއްސެވިނަމަ ޖެއްސެވުމުން އެކަމެވެ.
                      
ހަވަރުތިނަދޫން މީހުންބޭލި ދުވަހުގެ މެންދުރު ދެގަޑިބަޔަށް ވުރެ ބޮޑުވީފަހުން [އިރުއޮއްސުމުގެ ކުރިން އެންމެން ރަށުން ފޭބުމަށް] އޮތީ އަންގަވައިފައެވެ. އޭގެ އިރުކޮޅެއްފަހުން ރަށުގެ ބައެއް އުޅަނދުފަހަރާއި ބައެއް ގޯތިގެދޮރު އަނދަމުން ދަނިކޮށް ބޮޑުވަޒީރު ނާޞިރުގެ އަރިހުގައި ކުޑަ ވާހަކައެއް ދަންނަވައިލާނޭ ފުރުޞަތެއް ޤާސިމް ރަޝާދު ހޯއްދެވިއެވެ. އެކަމަށް މެދުވެރިވެ ވަޑައިގަތީ އަންނަބީލު މުޙައްމަދު ޢިމާދުއްދީނެވެ.

(ޤާސިމްރަޝާދަކީ ހުވަދުއަތޮޅުގައި ދެފަހަރު ހިނގި ހަމަނުޖެހުމުގައިވެސް ދިވެހި ދައުލަތުގެ އަދި ދެކުނު ތިން އަތޮޅުގައި އުފެއްދި ސުވައިދީބު ދައުލަތުގެވެސް އެއްވެސްކަހަލަ "ކުށްވެރި"ވުމެއް ނެތް ހަމައެކަނި އެފެންވަރުގެ ޝަޚުޞިއްޔަތެވެ. އެފެންވަރު ބޭފުޅަކު ކޮންމެވެސް އެއްކޮޅެއްގެ ކުށްވެރިއަކަށް ނުވެ މުޅި ހުވަދުއަތޮޅުގައި ވެސް ނެތެވެ. ހަވަރުތިނަދޫގައި އެދުވަހު ތިބި މީހުން ދައުލަތަށް ކިޔަމަންތެރިކަން އަދާކޮށް މާފު ބޭނުންވާ މީހަކަށް މާފުކޮށް ދެއްވާނެކަމަށް އަންގަވާފައި އޮތުމުން އެރަށުން މީހުންފައިބައިގެން ދިޔުމުގެ އަމުރުގެކުރިން ރަށުގެ ފަޅުތެރޭ ދޯންޏެއްގައި ބޮޑުވަޒީރު ހުންނަވަނިކޮށް އޭނާގެ އަމުރަށް އިޙުތިރާމު ކުރެއްވުގެގޮތުން އޭނާގެއަރިހަށް މޫދަށް ފައިބަންނަވައިގެން ޤާސިމް ރަޝާދު ވަޑައިގަތްކަމަށް ތިނަދޫ އަންޒަމާން މުޙައްމަދު ޙަސަން ވިދާޅުވެއެވެ.)

އެހެންވުމުން އެދުވަހު ބޮޑުވަޒީރު ނާޞިރުއާއި ޤާސިމް ރަޝާދާއި މި ބައްދަލުވަނީ ދެވަނަ ފަހަރަށެވެ. އޭނާ ބޮޑުވަޒީރަށް ދެންނެވިއެވެ.
"ދެ މީހަކު މި ރަށުގައި ނިޔައުވެފައި ވެއްޖެއެވެ. އަދި އޮތީ ފަސްމަތީ ވަޅުނުލެވިއެވެ. މިކަން ކުރަން ހުރީވެސް އަޅުގަނޑެވެ. މިހާރު އަޅުގަނޑުގެ ގެޔާއި ކައިރި ބައެއް ތަންތަންވެސް އަނދަމުން އެބަދެއެވެ. އެހެންވީމާ މިކަންކަން ނިންމުމަށް އަޅުގަނޑު އުޅޭއިރު ގެޔަށް ވެދާނެ ގޮތަކަށްވުރެ ގޭގައި ތިބިކުޑަ ކުދިންނަށް ވާނެ ގޮތަކާމެދު ކަންބޮޑުވެއެވެ. ގޭގައި އެއްވެސް ބޮޑުމީހަކު ނެތެވެ. އަޅުގަނޑުގެ އަންހެނުންވީ އައްޑުއަތޮޅުގައެވެ. މިހެން މިކަންކަން ހުރި އިރު އިރުއޮއްސުމުގެ ކުރިން ރަށުން ފައިބައިގެން ދާންވެސް އެބަޖެހެއެވެ."

(ޤާސިމް ރަޝާދު އެ ވިދާޅުވި ދެމީހުންގެތެރެއިން ފިރިހެނަކު ނިޔާވީ ބަޑީގެ އުންޑައިންނެވެ. އަންހެނަކު ނިޔާވީ ބަޑީގެ އަޑާއި ކަން ހިނގަމުންދިޔަ ގޮތުން ބިރުންނެވެ. މީހުން އެކިޔާ ކަހަލަ ހާރޓްއެޓޭކެއްގަ އެވެ. ރަށުން ފޭބުމުގެތެރޭވެސް ހަމަ އެދުވަހު އެކިޔާ ކަހަލަ ހާރޓް އެޓޭކެއްގައި ފިރިހެނަކާއި އަންހެނަކު ނިޔައުވެ ކައިރި ފަޅުރަށެއްގައި ވަޅުލިއެވެ.)

ޤާސިމް ރަޝާދަށް ޖަވާބުދެއްވީ ބޮޑުވަޒީރެވެ.
"އެމީހުންގެ ޖަނާޒާގެ ކަންތައް ނިންމަވާށެވެ. ކަތީބުގެ ގެ ނާދާނެއެވެ. ކަންކަން ނިންމެވުމަށްޓަކައި މިރަށުގައި 15 ދުވަހު ހުންނެވުމުގެ މުއްދަތު ކަތީބަށް އެބަ އޮތެއެވެ."

އެދުވަހު ނިޔައުވިމީހުންގެ ޖަނާޒާ ނިންމެވީވެސް ޤާސިމް ރަޝާދެވެ. އޭގެތެރޭ ލައިނޫފަރުމާގޭ ސަންފާ ވަޅުލީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި (މިހާރު މަސްޖިދުއް ސުލްޠާން މުޙައްމަދު) މިސްކިތުގެ ޤަބުރުސްތާނާއި ޝާރިޢުލް އަމީން (ބޮޑުމަގާ) ދެމެދު މަގާއި ކައިރީގައެވެ. މިހާރު އެމިސްކިތުގެ ފެންތާނގީ ހުރީ އެހިސާބުގައެވެ. މިއީ އޭރު އެމަގުގެ ގޮނޑުދޮށާއި އެހާދުރު ހިސާބެއް ނޫނެވެ.

މައްޔިތާ ވަޅުލުމުގެކަންތައް ހިނގަމުން ދަނިކޮށް އެމަގުގެ ގޮނޑުދޮށުން އެއްގަމަށް އެހިލާފައި ހުރި ހަވަރުތިނަދޫ އަބޫބަކުރު ޚަޠީބު ކަލޭގެފާނުގެ ނާލުބައްތެލި "ޣަނީމާ" ގައި އަލިފާން ރޯކޮށްލިއެވެ. އެ ދުވަހު ވައިޖެހޭދިމާލުގެ ގޮތުން އަލިފާނުގެ ގަދަ ހޫނާއި ބޯ ދުން މިޞްރާބުވެފައި ހުރީ ވަޅުލުމުގެ ކަންކަން ހިނގަމުން ދިޔަ ދިމާލަށެވެ. އެހެންވުމުން އެތާނގައި ތިބި ބަޔަކު ތިބުމަށް އުނަދގޫވި ނަމަވެސް މައްޔިތާއަށް ކުރައްވަންޖެހޭ އެންމެހައި ކަންކަން ކިތަންމެ ދަތީގައިވިޔަސް ޤާސިމް ރަޝާދު ފުރިހަމަ ކުރެއްވިއެވެ. އިޙުތިރާމާއި އީމާންތެރިކަމުގެ މިސާލެކެވެ.

އެ ދުވަހުގެ އެވަޤުތަކީ ގިނަ ބަޔަކު އެބަޔެއްގެ އަމިއްލަނަފުސުގެ ސަލާމަތް ހޯދުމަށް ހޭބޯ ނާރައި އުޅުނު ވަޤުތެވެ. އެދުވަހަކީ ދަރިވީތަނެއް މައިމީހާއަށް ނޭނގުނު އަދި އަނބިވީތަނެއް ފިރިމީހާއަށް ވެސް ނޭނގުނު "ދުނިޔެވީ ކުޑަ ޤިޔާމަތް" ދުވަހެކޭ މިއަދު ބުނެފިނަމަ އެކަން ޤަބޫލުކުރާނީ ކާކުހެއްޔެވެ.

ފަސްވަނަ ކަމަކީ، ޝަޢުބާން މަހު ފަހުކޮޅު ހަވަރުތިނަދޫން މީހުންބޭލުމުން ރަމަޟާންމަސް ހުސްވިއިރުވެސް ޤާސިމް ރަޝާދު ހުންނެވީ އޭނާ ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި ފަޅުރަށް ރަހަދޫގައެވެ.

(ރަހަދޫގައި ހުންނެވީ 15 ދުވަސް ވަންދެން ހަވަރުތިނަދޫގައި ހުންނެވުމަށްފަހު އެވެ. އޭނާގެ ގޭގެ ތަކެތި ގެންދެވެންދެނެވެ. ހަވަރުތިނަދޫގައި ހުންނެވިހާ ދުވަހަކު ކޮންމެރެޔަކު ހުކުރުމިސްކިތް އަލިކޮށް ބޭއްވެވުމަށް ގެއިން މިސްކިތަށް ފާނޫޒެއް ފޮނުއްވައިގެން މިސްކިތުގައި އަލިކަން ބޭއްވެވިއެވެ. މިކަން ކުރެއްވީ ޤާސިމް ރަޝާދުގެ އެންގެވުމަށް ތިނަދޫ އަންޒަމާން މުޙައްމަދު ޙަސަނެވެ. މުޙައްމަދު ޙަސަނަކީ ޤާސިމް ރަޝާދުގެ ޚާއްޞަ ދަރިވަރެކެވެ. އޭރު ހަވަރުތިނަދޫއަކީ އެރަށުގައި އުޅެމުންދިޔަ އާބާދީ ކުއްލިއަކަށް އެރަށުން ފައިބައިގެން ދިޔުމުން މުޅިރަށް ފަޅުވެފައިވާ ރަށެކެވެ. އެއްވެސް ގެޔަކު އެއްވެސް މީހަކު ނެތެވެ. ރަށުން ފައިބައިގެންދިޔަ އިރު ގެންދެވުނު އެއްޗެއް ގެންދެވުނު މީހަކު ގެންދިޔަނަމަވެސް ގިނައިން ހުރީ ނުގެންދެވޭ އެއްޗިއްސެވެ. ތަންމިނަށް ހުޅުވުނު މި ފުރުޞަތުގައި މީސްމީހުންގެ އަގުބޮޑު ތަކެއްޗާއި މުދައު ނެގުނުގޮތަކަށް ނެގި ވަގުންނާއި ލުޓޭރުންނާއި ޖައްބާރުންވެސް އުޅުނެވެ.)

މިލިޔުން ވިދާޅުވަމުން ގެންދަވާ ބޭފުޅުން މިހާރު ތިޔަ ތިއްބެވި ރަށުގެ އެންމެން އެންމެ ދެ ގަޑިއެއްހާއިރުތެރޭ ރަށް ދޫކުރައްވައި ވަޑައިގެންފިނަމަ ދެން ރަށުގެ ގޭގެއާއި ރަށް އޮންނާނެ ގޮތަކަށް އިރުކޮޅަކު ވިސްނާވަޑައިގަތުން ކީއްތޯއެވެ.

ރަހަދޫގައި ޤާސިމް ރަޝާދު ހުންނެވިއިރު ވިލިގިލީގެ ވެރިންނާއި ރައްޔިތުންގެ ގިނަމީހުން ޤާސިމް ރަޝާދުގެ އަރިހުން އެދުނީ އެރަށުގެ ދަރީންނަށް ތަޢުލީމު ދެއްވުމަށް ވިލިގިލީގައި ހުންނެވުމަށެވެ. އެފަރާތުގެ އެދުމަށް ޤާސިމް ރަޝާދު އިޖާބަ ދެއްވުމުން އޭނާ އެރަށަށް ގެންދަވައި ރައްޔިތުންގެ ޚަރަދުގައި މަކުތަބެއް އަޅައި އެތާނގައި އެރަށުގެ ދަރިވަރުންނަށް ކިޔަވައިދެއްވައި އެރަށުގައި އިމާމްވެ ނަމާދުކުރައްވައި އުޅުއްވިއެވެ. އަދި ރަށުގެ ހަމަ އެންމެންގެ ލޯތްބާއި އިޙުތިރާމް ދެމިއޮތެވެ. ޤާސިމް ރަޝާދަށް އަމިއްލައަށް ކަންކަން ހަމަޖެއްސެވޭވަރު ވަންދެން އޭނާގެ އެންމެހައި ޚަރަދެއް ބެލެހެއްޓެވީވެސް ވިލިގިލީގެ ރައްޔިތުންނާއި ވެރިންނެވެ. ހަވަރުތިނަދޫން މީހުންބޭލުމުން އެދުވަސްވަރު ހުވަދުއަތޮޅުގެ އެންމެތަނަވަސް މީހުން ތިއްބެވީ ވިލިގިލީގައެވެ.

އިޙުތިރާމާއި ލޯތްބަކީ އެމީހެއްގެ ބަހާއި ޢަމަލާއި ގުޅިފައިވާ އެއްޗެކެވެ. އަނެކުންނަށް އިޙުތިރާމާއި ލޯބި ރައްދުކުރި މިންވަރަކުން އޭގެ ބަދަލުގައި އޭގެ ނިސްބަތުގައި ތިމާއަށްވެސް އިޙުތިރާމު ލިބޭނެއެވެ. ހިތާމައަކީ މިރިވެތި ސިފަ މިއަދު ފަނޑުވަމުން ގޮސް އެންމެފަހުން ދިވެހިންނާއި އަބަދަށް ވަކިވެ ގެއްލިދާނެތީއެވެ. މިއީ މިއަދު ހަމަ އެންމެންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަމެކެވެ. މިއަދު ނުވިސްނައިފިނަމަ މާދަމާ ވިސްނާކަށް އެކަމެއް ނޯންނާނެއެވެ. މިއަދު ނުވި ރައްކަލެއް ފަހަކުން ނުވާނެއެވެ. އެންމެފަހު ވަޤުތާއި ހަމައަށްވެސް އިޙުތިރާމު އަދާކޮށް އިޙުތިރާމު ލިބިގަންނަމާތޯއެވެ. (ނިމުނީ)
                            -----------------

ޢަބުދުﷲ ޙިލްމީ
15 ޖެނުއަރީ 2013މ.

މަޢުލޫމާތު:
ޞަފިއްޔާ ރަޝާދު މާކޯޅި/ ތިނަދޫ، މުޙައްމަދު ޙަސަން އަންޒަމާން/ ތިނަދޫ، މުޙައްމަދު ޒުހައިރު ޖޭނެސްޓް/ ތިނަދޫ