ދެއްވަދޫ ގަނޑުވަރު















"ވަރަށްކުރީ ޒަމާނުއްސުރެ، މާލޭގައްޔާއި އަދި ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައި އެކި ނަންނަމުގައި "ގަނޑުވަރު" ކިޔާ ތަންތަން ހުންނަކަމާއި "ގަނޑުވަރު" މި ލަފުޒު އިވުމުން އަޅުގަނޑުމެންނަށް ސިފަކުރެވެނީ، އިންޑިޔާ ނުވަތަ އެފަދަ އެހެން ބޮޑެތި ގައުމުތަކުގައި ހުންނަ ގަނޑުވަރު ނުވަތަ "ޕެލަސް"ތައް ކަމަށާއި، ނަމަވެސް ދިވެހި ރާއްޖޭގައި "ގަނޑުވަރު" ކިޔާފައިވާ ތަންތަނަށް އެފަދައިން ނަން ދީފައިވަނީ، އެޢިމާރާތެއްގެ ރީތިކަމާއި މުއްސަނދިކަމަކުން ނޫންކަމާއި އެއީ ޝާހީ ޢާއިލާއެއްގެ ބޭފުޅުން އެޢިމާރާތެއްގައި އުޅުއްވުމުން ނޫނީ އެހެންގޮތަކަށް ދަންނަވާނަމަ، އެތަނެއްގައި އުޅުއްވި ބޭބޭފުޅުންގެ ނަސަބުފުޅުގެ މައްޗަށް ބަލާފައިކަމަށް" ދިވެހިތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އަލްފާޟިލާ ނަސީމާ މުޙައްމަދު "ހަވީރު" ނޫހުގައި ލިޔުއްވާފައިވެއެވެ.

މީގެ ގިނަ އަހަރުތަކެއްގެ ކުރިން ދެއްވަދޫގައިވެސް ގަނޑުވަރެއް ހުއްޓެވެ. އެގަނޑުވަރުގެ މަޝްހޫރުނަމަކީ ދެއްވަދޫ ބޮޑު ގަނޑުވަރެވެ. ދެއްވަދޫ މެދު ގަނޑުވަރު ކިޔައި އުޅުނީވެސް އެތަނަށެވެ.

އެދުވަސްވަރު ޝާހީ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވަމުން ގެންދެވި އެހެން ގަނޑުވަރުތަކެއް ދެއްވަދޫގައި ހުރުން އެކަށީގެންވެފައި އެތަންތަނަށްވުރެ މިތަން ބޮޑުވުމާއި މިތާނގައި އުޅުއްވާ ބޭފުޅުންގެ އިސްކަމެއް ހުރުމުން އެތަނަށް ބޮޑު ގަނޑުވަރު ކިޔުމަކީ ވެދާނެކަމެކެވެ. އަދި ދެއްވަދޫގައި އެހެން ގަނޑުވަރުތަކެއް ހުރެފައި އެތަންތަނުގެ މެދަށްވާ ހިސާބެއްގައި ނުވަތަ ރަށުގެ މެދަށްވާ ހިސާބުގައި މިތަންހުރުމުން މެދުގަނޑުވަރު ކިޔާފައިވުމަކީވެސް އެކަށޭނަ ކަމެކެވެ. 

ދެއްވަދޫ ގަނޑުވަރު ބިނާކޮށްފައިވަނީ އެރަށުގެ މައުލޫދު ހަރުގެ ޢިމާރާތްކޮށް މިހާރު މެޖިސްޓްރޭޓް ކޯޓް އެހުރި ހިސާބުގައެވެ. މިއީ އެޒަމާނުގައި ގާތްގަނޑަކަށް ރަށުގެ މެދަކާ ހިސާބެވެ. ދިވެހިރާއްޖޭގެ ދެރަސްކަލެއްގެ ޚާންދާނާ ގުޅިފައިވާ ބޭފުޅުން ދިރި އުޅުއްވާފައިވާ މިގަނޑުވަރުގެ ގާފޮޅުގެ ބައިބައި ވަރަށްފަހަކާ ޖެހެންދެން އެތަނުން ފެންނަށް ހުއްޓެވެ. ދެއްވަދޫގެ އުތުރު ފަރާތުގައި ހަދަމުންދިޔަ ފާލަމެއްގައި ބޭނުންކުރުމަށް ގަނޑުވަރުގެ ގާފޮޅުގެ ބައެއް ގައުގައު ބޭނުންކުރިއެވެ. އެތަނުގެބިމުން ގަނޑުވަރުގެ ދުވަސްވީ ބައެއްކަހަލަ އެއްޗެތި އެކިދުވަސްވަރު ފެނިފައިވެއެވެ. މިއާއެކުމެ އެތާނގައި އުޅުއްވި ބޭފުޅުންނަކީ ރަންރިހީގެ ގަހަނާއާ ފައިސާއާ މުދަލުގެ ގޮތުން މުއްސަނދި ބޭފުޅުންކަންވެސް އެނގެއެވެ.

1960ގެ އަހަރުތަކާ ހަމައަށްވެސް ދިވެހިރާއްޖޭގައި މުއްސަނދިމީހުން އެންމެގިނައީ އައްޑޫ ފުވައްމުލައް ހުވަދޫގައެވެ. އޭގެ އެންމެބޮޑު ސަބަބަކީ ސިލޯނާ އިންޑިޔާއާ އެހެންވެސް އަވަށްޓެރި ޤައުމުތަކަށް ދަތުރުކުރާ އޮޑިފަހަރުތައް އެބައިމީހުންގެ އަތުގައި ގިނަކަމާ ދަތުރުކޮށްގެން އެކިބާވަތުގެ މުދައު ފާސްމާން ވެހާމާން ހެޔޮއަގުގާ ގަނެގެން ގެނައުމެވެ. އޭގެއިތުރަށް އެތަންތާނގެ ތަނަވަސްކަންހުރި ރައްޓެހިންނާ މީސްމީހުންނަށް ފޯރުވޭ ހަދިޔާބަދިޔާގެ ބަދަލުގައި އެފަރާތްތަކުން ފޯރުވާ އެކިބާވަތުގެ ހަދިޔާގެ ގިނައެއްޗެތި ލިބޭ ބަޔަކަށްވެސްވުމެވެ. އެހެންވުމުން އައްޑޫ ފުވައްމުލައް ހުވަދޫގެ އެކަމުގެ ކުޅެދުންތެރިންނަށް ރާއްޖޭގެ ނިސްބަތުގައި ފޯރުންތެރިންނަށް ވުމުގެ ފުރުޞަތު ބޮޑުވެގެންދަނީއެވެ.

ވަރަށް ފަހަކާ ޖެހެންދެން ބިނާގެ އަސަރު ފެންނަންހުރި ދެއްވަދޫ ގަނޑުވަރު، ނިސްބަތްވާ "ގެ"އަކީ، ގަނޑުވަރެއްކަމަށް ބަލަންފެށުނީ ދެއްވަދޫ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ބިން ޙާއްޖު ޢަލީ އަށް ދިވެހި ރަސްކަން ލިބިވަޑައިގަތުމާއި ހަމައިންނެވެ. އެގެއަކީ ރަސްކަން ލިބިވަޑައިގަތުމުގެ ކުރިން އެމަނިކުފާނު އުޅުއްވާފައިވާ އެބޭފުޅުންގެ ޢާއިލީ ގެކޮޅެވެ. އުތީމު ރަދުން އުތީމުގައި އުޅުއްވި "ގެ" ފަހުން ގަނޑުވަރަކަށް ބަދަލުވުމަކީ މިދެންނެވި ގޮތުގެ ދަލީލެކެވެ. ދެއްވަދޫ ރަސްގެފާނަށް ރަސްކަން ލިބިވަޑައިގެންނެވިއިރުވެސް އެގޭގައި އެރަދުންގެ ދައިތާފުޅު ދޮންދަލޭކާ ކަނބުލޭގެފާނާއި އެކަމަނާގެ ބައެއް ބޭފުޅުން އުޅުއްވަމުން ގެންދެވިއެވެ. ދެއްވަދޫ ރަސްގެފާނަށް ރަސްކަން ލިބިވަޑައިގަތުމަށްފަހު ދޮންދަލޭކާ ކަނބުލޭގެފާނު އުޅުއްވަމުން ގެންދެވީ މާލެއާއި ދެއްވަދޫގައެވެ. އޭގެ މާފަހުގެތާރީޚެއްގާ މިކަމަނާގެ ޚާންދާނުގެ ބޭފުޅަކާ މުޡުހިރުއްދީން ރަސްގެފާނުގެ ޚާންދާނުގެ ބޭފުޅަކާ ޒަވާޖީގޮތުން ގުޅިވަޑައިގެން އެގަނޑުވަރުގައި އުޅުއްވަމުން ގެންދެވުމަކީ އެތަން ގަނޑުވަރަކަށްވީގޮތެއް ނޫނެވެ. ދެއްވަދޫ ރަދުންގެ ދައިތާފުޅު ދޮންދަލޭކާ ކަނބުލޭގެފާނަކީ އޭނާގެ ބޮޑު ދައިތާފުޅު ދޮންދަލޭކާ ކަނބުލޭގެފާނެއް ނޫނެވެ.

ދެއްވަދޫ ގަނޑުވަރުގެ ނަމުން މަޝްހޫރުވި ގޭގައި ކުރިންއުޅުއްވީ ދެއްވަދޫ ރަދުންގެ ބައްޕާފުޅާއި މަންމާފުޅާއި އެޚާންދާނުގެ ބައެއް ބޭފުޅުންނަށްވިޔަސް އެދުވަސްވަރު އެތަން ހަދާފައިހުރީ ކޮންގޮތަކަށްކަމެއް ނޭނގެއެވެ. ނަމަވެސް ޒަމާނާއި ފޯރުންތެރިކަމަށް އަންނަ ބަދަލެއް އެތަނަށްވެސް އަންނާނެކަމަށް ގަބޫލުކުރެވެއެވެ. މިހެނީ އެބޭފުޅުންގެ ދެފަރާތްޕުޅުގެ ޚާންދާނަކީ މުޅިރާއްޖޭގެ ނިސްބަތުގައިވެސް ޢިލްމުވެރި ފޯރުންތެރި ބޭފުޅުންނެވެ.

އެޒަމާނުގައި ހުވަދުއަތޮޅުގެ ފޯރުންތެރި ބައެއްގޭގެ ހަދާފައިހުންނަގޮތް ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވުމުން ސިފަކޮށްދެއްވާފައިވެއެވެ. މިއީ ކޮންމެހެން ދެއްވަދޫ ގަނޑުވަރު އެދުވަސްވަރު ހުރިގޮތްކަމަށް ބެލުން ލާޒިމެއްނޫނެވެ.

"ކުރީޒަމާނުގެ ހުވަދުއަތޮޅުގެ ބޮޑެތި މީސްމީހުންނާއި ފޯރުންތެރި މާވަޑިންގެ ގޭގެ ހުންނަނީ މާވަލުގެއަކާއި(މެދު އެތެރެ ގެއަކާއި) ބޭރުގެއަކަށްވާގޮތަށް ގެ ބައިކޮށް ހަދާފައެވެ. ގާފޮޅުހުންނަނީ ފަރުން ބޮޑެތިގައު ކަނޑައިގެން ގައުތައް ކޮށައި އޮމާންކޮށްފައެވެ. ގެއަށްވަންނަ މައިދޮރުގެ ދެފަރާތުން ބިތުގައި ރުއްވަކަރާ އެކިބާވަތުގެ ލަކުނޑީގެ ފިލާޖަހައެވެ. މޮޅު ގެތަކުގެ އެބިތާއި އެތެރެގެއަށްބައިވާ ހިސާބުގެ ބިތުގެ ފިލާގައި ކެނޑުންތަކާއި ކަނޑައިނަގާފައިވާ ރީތި ކުރެހުންތައް ހުރެއެވެ. ގޭގެ ހުރަސްބިތް ހުންނަނީ ގާފޮޅުމަތި ކޮނެފައި އެތާނގައި އޮމާންކޮށް މަށައިފައިވާ ދުނބުރިދަނޑި ބައިފޫޓެއްހާ ގާތްގާތުގައި ޖަހާފައެވެ. އަދި އޭގެހުރަހަށް ބައިފޫޓެއްވަރު ހަތަރެސްކަން ގޮޅި ހެދޭގޮތަށް އަޅާފައި ހުންނަނީވެސް ދުނބުރި ދަނޑިއެވެ. ދަނޑިތައް ބަނދެފައި ހުންނަނީ ހިމަ ރޯނުންނެވެ. ބިތްތައް ނިވާކުރަނީ ވިޔެފައިވާ ދިވެހިރުކުގެ ފަނުންނެވެ. މޮޅު ގޭގޭގައި ފަންގިން ބިތްތައް ނިވާކުރެއެވެ. އެތެރެގޭގައި ބަހައްޓާފައި ހުންނަނީ ދުނބުރިންޖަހައި ރޯނުފުރާފައިވާ ދެއެނދާއި ރުއްވަކަރުން ހަދާފައިވާ އައްޓެކެވެ. ބޭރުގޭގާ ހުންނާނީ ކުރިންދެންނެވިހެން ހަދާފައިވާ ދިމާއެނދަކާއި ބޮޑުއައްޓަކާއި ކުޑައައްޓެކެވެ. މުޅިގެ ހިޔާކޮށްފައި ހުންނަނީ ފަނުންނެވެ."

ދެއްވަދޫ ރަސްގެފާނު(އައްސުލްޠާން މުޙައްމަދު ބިން ޙާއްޖު ޢަލީ)އަށް ރަސްކަން ލިބިވަޑައިގަތުމުގެ ކުރިން އެގަނޑުވަރުގައި އެމަނިކުފާނު އުޅުއްވީ އެމަނިކުފާނުގެ ޢިލްމީ ބައްޕާފުޅާއި އެދުރު އެދުރު ބޭބޭފުޅުންގެ އަރިހުން ތަޢުލީމު ޙާޞިލް ކުރެއްވުމަށްފަހު ދެއްވަދޫގެ ޚަޠީބަކަށް އޭނާ ހުންނެވި ދުވަސްކޮޅުއެވެ. އޭގެފަހުން މާލެވަޑައިގެން ދިވެހި ހަތަރު ރަސްކަލެއްގެ ރަސްކަމުގައި މާލޭގައި އިސް ފަނޑިޔާރުކަން ކުރެއްވިއެވެ. އަދި އެދުވަސްވަރު ބޭރުގެ މޮޅު ޢިލްމުވެރިއެއްކަމުގައިވާ އައްސައްޔިދު މުޙައްމަދު ޝަމްސުއްދީން އަރިއަހުންވެސް އެމަނިކުފާނު އިތުރަށް ޢިލްމު އުނގެނިވަޑައިގަތެވެ. އެންމެފަހުން އައްސުލްޠާން މުޙައްމަދު ބިން ޙާއްޖަ ޢަލީ(ދެއްވަދޫ ރަސްގެފާނު)ގެ ނަންފުޅުގައި ދިވެހި ރަސްކަންކުރެއްވި ބޭފުޅަކީވެސް އެއީއެވެ.

އަޅުގަނޑު ދުށް http://maj.s5.com/meedhoo_genealogy.htm ވެބްސައިޓުގާ މުޙައްމަދު ޝަމްސުއްދީން އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ބަފައިކަލެއްގެ ނަންފުޅަކަށް ލިޔެފައިވަނީ ދޮއްތަޑަފި އެދުރު ކަލޭގެފާނުގެ ފުތް، އެދުރު ދޮންތަކުރުފާނުގެ ފުތް، ޢަލީ އެދުރު ތަކުރުފާނުގެ ދި، ސަންފާ ބީފާނުގެ ފުތް، އެދުރު އިސްމާޢީލް ތަކުރުފާނުގެ ދި، ބީފާނުގެ ފުތް، އެދުރު ޙަސަން ނާއިބެވެ. މައިކަނބަލުންގެ ނަންފުޅެއްކަމަށް އޭގައި ލިޔެފައިވަނީ، ސަންފާބީ އެވެ. މިފަނޑިޔާރު ތަކުރުފާނުގެ ބޭފުޅުންގެތެރޭގައި ޢަލީ ތުއްކަލާގެ ނަންފުޅެއް އެ ވެބްސައިޓުގައި އެނގެންނެތެވެ. ނަމަވެސް ކުރިއްސުރެ އިތުބާރުކުރެވޭ ދިވެހިތާރީޚީ ގިނަ ފަތްފުށްތަކުގައި ލިޔެވި ފެންނަން ހުރުމުން ދެއްވަދޫ ރަސްގެފާނުގެ ބައްޕާފުޅު އަލްޙާއްޖު ޢަލީ ތުއްކަލާގެ ބަފައިކަލުންނަކީ އައްޑޫ މީދޫ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނު ކަމާމެދު ދެބަސްވެވޭނޭ ތަނެއް ނެތެވެ.

އަލްޙާއްޖު ޢަލީތުއްކަލާ އަކީ، ދެއްވަދޫ ރަސްގެފާނާ، ދޮންދަލޭކާ ކަނބުލޭގެފާނާއި، މަރިޔަމް ކަނބުލޭގެފާނުގެ ވެސް ލޮބުވެތި ބައްޕާފުޅެވެ. ޢަލީތުއްކަލާ ހުވަދޫއަށް ވަޑައިގެން ކައިވެނިފުޅުކުރެއްވީ، "އައިސާދިޔޯ"އާ އެވެ. ދިޔޯގެ މާނައަކީ "ރީތި އަންހެނާ" އެވެ. މިކަމަނާގެ ބައްޕާފުޅަކީ، ފުރަމާލޭގައި އިސް ފަނޑިޔާރުކަން ކުރެއްވި އަދި ހުވަދުއަތޮޅު ތިނަދޫ އަބޫބަކުރު ސްކޫލްގެ ނަންވެސް އެފަރާތްޕުޅަށް ނިސްބަތްވާ ވާދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނެވެ. އައިސާދިޔޯގެ މައިކަނބަލަކީ ދެއްވަދޫގެ ބޭފުޅެކެވެ. އެހެންކަމުން އަލްޙާއްޖު ޢަލީތުއްކަލާ އާއި އައިސާދިޔޯ އާ ދެމަފިރިކަނބަލުން ހިމެނިގެންދަނީ އަލްޢައްލާމާ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން ތަޢުލީމް ޙާޞިލް ކުރައްވައިގެން ދިވެހިރާއްޖޭގެ އިސް ފަނޑިޔާރުކަން ކުރެއްވި ވަރަށްބޮޑު ޢިލްމުވެރި ދެބޭފުޅެއްގެ ދެބޭފުޅުންނަށެވެ. މިދެންނެވި އައިސާދިޔޯގެ ނަންފުޅަކަށް އައިސާބީ ކަނބުލޯވެސް ލިޔެފައި ހުރެއެވެ. އޭގެ އިތުރަށް ގުދުރަތުން އެކަމަނާއަށް ހަދިޔާކުރެއްވި ނިޢުމަތެއްކަމަށްވާ އާދަޔާޚިލާފު ރީތިކަމަށްޓަކައި އެދުވަސްވަރު "ދެއްވަދޫ ރީތި އަންހެންބޭފުޅާ"(ދެއްވަދޫ ކަކުނީދިޔޯ)ގެ ނަންފުޅުންވެސް އެކަމަނާއަށް މަޝްހޫރުކަން ލިބިވަޑައިގެންފައިވެއެވެ.

އަލްޙާއްޖު ޢަލީތުއްކަލާއާއި އައިސާ ދިޔޯ އާ ދެކަނބަލުންގެ ދަރިކޮޅުގެ ބައެއްބޭފުޅުން ދެއްވަދޫ ބޮޑު ގަނޑުވަރުގައި އުޅުއްވިއެވެ. މިދަރިކޮޅު ހިނގައި ގުޅިފައިވާ ގޮތަށް ބަލާލުމުން ފާހަގަކުރެވޭ ޚާއްޞަ ކަންކަމެއް އެދަރިކޮޅުން އެބަފެނެއެވެ. ކީރިތި ޤުރުއާން ހިތުދަސްކަމާ، އިސްލާމީ ޢިލްމުވެރިކަމާ، އިސްލާމީ އަޅުވެރިކަމާ، ޚުލްޤުހެޔޮ ބަނިޔާދަންކަމާ، މަސްވެރިކަމާ، ދަނޑުވެރިކަމާ، ފަޤީރު މިސްކީނުކަމާ، ފައިސާވެރި ތަނަވަސްކަމާ، ދިވެހިރާއްޖޭގެ އެންމެމަތީ ވެރިކަމާ، ބޮޑުފަނޑިޔާރުކަމާ، ވަޒީރުކަމާ، އަމީރުކަމާ، ޤާޟީކަމާ، ތަފާތު ފަންނުގެ ޑޮކްޓަރުކަމާ، އިންޖިނޭރުކަމާ، ޤާނޫނުހަދާ މަޖިލިސްގެ މެމްބަރުކަމާ، ކަތީބުކަމާ، މުދިންކަމާ، އަތޮޅުވެރިކަމާ، ޤާނޫނީ ވަކީލުކަމާ، ޢަސްކަރީންނާ، ދިވެހި ބޭސްވެރި ޙަކީމުންނާ، ތަފާތު މަސައްކަތުގެ ހުނަރުވެރިންނާ، ދިވެހިރާއްޖޭގެ ހުރިހާ ގިންތީއަކުން ގިނަ ކަންކަމެއް އެދަރިކޮޅުން ފެނެއެވެ.

ކޮންމެއަކަސް ދެއްވަދޫ ގަނޑުވަރު، މިހާރު ދެއްވަދޫގެ ބިމުގައި ފެންނަން ނެތަސް އެގަނޑުވަރާ ގުޅިފައިވާ ދަރިކޮޅުގެ ސިލްސިލާއިން ދީނީ ގައުމީ ވަޠަނީ ތަފާތު ކަންކަމުގެ ކުލަތައް ތަފާތު ފެންވަރުގައި ފެނެއެވެ.
              --------------------
ޢަބުދުﷲ ޙިލްމީ
01 އެޕްރީލް 2012މ.