މަހުޖަނުގެ ޙަޔާތުގެ ހަތަރު ބައިވެރިން


ޙިކުމަތްތެރި ވާހަކައެއްގައި ވެއެވެ. އެއްޒަމާނެއްގައި ވަރަށް މުއްސަނދި މަހުޖަނަކު އުޅުނެވެ. އޭނާ އުޅުނީ ހަތަރު މީހުނާ އިނދެގެންނެވެ. އެއީ އޭނާއާ އެންމެ ކައިރީގައިވާ އޭނާގެ "ޙަޔާތުގެ ހަތަރު ބައިވެރިންނެވެ." އޭގެތެރެއިން އޭނާ އެންމެ ލޯބިވަނީ، ހަތަރުވަނަ ބައިވެރިޔާ ދެކެއެވެ. ހިސާބެއް ކިތާބެއް ނެތި، އެ ބައިވެރިޔާ އަށް ރީތި ފޭރާމާއި އަގުބޮޑު ގަހަނާ ގަނެދެއެވެ. ދުނިޔޭގައިވާ އެންމެ މީރު ކާނާއާއި ޝަރުބަތު ވެސް ހޯދައިދެއެވެ. އެ ބައިވެރިޔާ ގޮވައިގެން ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކޮށް، އަގުބޮޑު ހޮޓާތަކުގައި ދުވަސްތައް ހޭދަކުރެއެވެ. މަހުޖަނު އެ ބައިވެރިޔާ އަށް ހުރިހައި ކަމެއް ކޮށްދެނީ ނުހަނު ލޯބިންނެވެ. 

މަހުޖަނު އޭނާގެ ޙަޔާތުގެ ތިންވަނަ ބައިވެރިޔާ ދެކެ ވެސް ލޯބިވެއެވެ. އެ ބައިވެރިޔާއަށްޓަކައި، އޭނާ އަބަދުވެސް ފަޚުރުވެރިވެއެވެ. އޭނާގެ ރަޙުމަތްތެރިންނަށް އެ ބައިވެރިޔާ ދެއްކުމަކީ، އޭނާ ވަރަށް ބޮޑަށް ކުރާހިތްވާ ކަމެކެވެ.

އެ ބައިވެރިޔާގެ ކުޅަދާނަކަމާއި މޮޅުކަމުގެ ވާހަކަ، ރަޙުމަތްތެރިންނާއި ރައްޓެހިންގެ ގާތުގައި ދެއްކުމަކީ ވެސް، ނުހަނު ފަޚުރުވެރިކަމާއެކު އޭނާ ކުރާ ކަމެކެވެ. ނަމަވެސް، އެ ބައިވެރިޔާ، އޭނާގެ ގާތުން ވަރިވެގެން ގޮސް އެހެން މީހަކާ އިނދެފާނެތީ އޭނާ އަބަދުވެސް ކަންބޮޑުވެއެވެ.

މަހުޖަނު، އޭނާގެ ޙަޔާތުގެ ދެވަނަ ބައިވެރިޔާ ދެކެ ވެސް ލޯބިވެއެވެ. އެ ބައިވެރިޔާ އަކީ، ޤަދަރުވެރި ޝަޚުޞިއްޔަތެކެވެ. ކެތްތެރިކަމާއި ވަފާތެރިކަމާއި ހަރުދަނާކަމުގެ ރިވެތި މިސާލެކެވެ. މަހުޖަނު އެ ބައިވެރިޔާ އަށް ވަރަށް އިތުބާރުކުރެއެވެ. އަމިއްލައަށް ނުކުރެވޭ ވަރުގެ ބޮޑު ކަމެއް ޖެހިއްޖެނަމަ، އަބަދުވެސް އެ ބައިވެރިޔާގެ އެހީތެރިކަން ހޯދައެވެ. އެންމެ ދަތި އުނދަގޫ މައްސަލަތައް މަހުޖަނާ ކުރިމަތިވާ ވަގުތުތަކުގައި ވެސް، އެ ބައިވެރިޔާ އެ މައްސަލަތައް ޙައްލުކޮށްދެއެވެ.

މަހުޖަނުގެ ޙަޔާތުގެ ހަތަރު ބައިވެރިންގެ ތެރެއިން ޙަޤީޤަތުގައި އޭނާއަށް އެންމެ ހެޔޮއެދެނީ އޭނާގެ ފުރަތަމަ ބައިވެރިޔާއެވެ. އޭނާގެ ތަނަވަސްކަމާއި މުދަލާއި ގެދޮރު ޙިމާޔަތްކޮށްދީ، އޭނާ ކުރަންޖެހޭ ހުރިހައި މަސައްކަތްތަކެއް ބަލަހައްޓައިދިނުމުގައި، އެ ވަފާތެރި ބައިވެރިޔާ އަދާކުރާ ދައުރު ވަރަށްވެސް ބޮޑެވެ. ނަމަވެސް، މަހުޖަނު އެ ބައިވެރިޔާއާ އަޅައެއް ނުލައެވެ. އަނެއް ތިން ބައިވެރިން ދެކެ ލޯބިވާ ފަދައިން އެ ބައިވެރިޔާ ދެކެ ލޯތްބެއް ނުވެއެވެ. މަހުޖަނު ދެކެ އެ ބައިވެރިޔާ އިންތިހާދަރަޖައަށް ލޯބިވާއިރު ވެސް އެކަން މަހުޖަނަށް ނޭނގޭ ކަހަލައެވެ.

މަހުޖަނުގެ ޙަޔާތުގެ ހަތަރު ބައިވެރިންގެ ކިބައިގައި ވަނީ، ތަފާތު ހަތަރު މިޒާޖެކެވެ. އެ ހަތަރު ބައިވެރިންނާއެކު، މަހުޖަނު ޢުމުރު ހޭދަކުރަމުން ގެންދިޔައީ ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމުގައެވެ. އެގޮތުގައި އަހަރުތައް ފާއިތުވަމުންދަނިކޮށް، އެއްދުވަހަކު އޭނާ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ބޭސްވެރިންނާއި ޑަކުޓަރުންގެ ފަރުވާއަށް އެ ބަލި މަތަނުވުމުން، އެއީ މަރުބަލިކަން އޭނާއަށް ވިސްނުނެވެ. އަދި އޭނާގެ ހިތަށް އެރިއެވެ.

"ހަތަރު ބައިވެރިންނާއެކު ދިރިއުޅުމަށްފަހު، މަރުވެގެން ދާންވީ އެކަނިމާއެކަނި ހެއްޔެވެ؟ ދުނިޔޭގައި ނުހަނު އުފަލާއި އަރާމުގައި ދިރިއުޅުމަށްފަހު، ކަށްވަޅަށް ގޮސް އެތާނގައި އޮންނަންވީ ހަމަ އެކަނިމާއެކަނި ހެއްޔެވެ؟ އެހެންވިޔަކަ ނުދޭނަމެވެ. ޙަޔާތުގެ ހަތަރު ބައިވެރިންގެ ތެރެއިން ކޮންމެވެސް އެކަކު ގެންދެވޭތޯ ބަލާނަމެވެ."

މިހެން ހިތައި، މަހުޖަނު އޭނާ އެންމެ ލޯބިވާ ހަތަރުވަނަ ބައިވެރިޔާގެ ގާތުގައި ބުންޏެވެ.

"އަހުރެންގެ ޙަޔާތުގެ ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ލޯބިވީ ތިބާދެކެއެވެ. އެންމެ ރިވެތި ފޭރާމާއި އަގުބޮޑު ތަކެތި ތިބާއަށް ހޯދައިދިނީމެވެ. ތިބާ ގޮވައިގެން ދުނިޔޭގެ ކަންކޮޅުތަކަށް ގޮސް، އުފާވެރި ވަގުތުތައް ހޭދަކުރީމެވެ. ދުނިޔޭގައިވާ އެންމެ މީރު ކާބޯތަކެތި ތިބާއަށް ކާންދިނީމެވެ. ނަމަވެސް މިއަދު އަހުރެން މިއޮތީ މަރަށް ހާޒިރުވެފައެވެ. މިއަދު އަހުރެން މަރުވެގެން ދާން މިޖެހެނީ، އެކަނިމާއެކަންޏެވެ. ކަށްވަޅުގައި މުނިއަވަސްފިލުވައިދިނުމަށްޓަކައި ތިބާ އަހުރެންނާއެކުގައި ގޮސްދީފާނަންހެއްޔެވެ؟"

މަހުޖަނުގެ މިވާހަކަކޮޅު އަޑުއެހުމަށްފަހު، ހަތަރުވަނަ ބައިވެރިޔާ މަލާމާތުގެ ރާގަކަށް ހީނގަތެވެ. އަދި ބުންޏެވެ.

"ތިޔައީ އަހުރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ. ކަށްވަޅުގައި މުނިއަވަސްފިލުވައިދޭން ތިބާއާއެކު އަހުރެން ނުދާނަމެވެ. ތިބާއާއެކު އަހުރެން ވާނީ، ހަމައެކަނި ތިބާގެ ދުންޔަވީ ޙަޔާތުގައެވެ. ތިޔަ ވާހަކަ، އަހަރެންގެ ގާތުގައި ކިތަންމެ ވަރަކަށް ދެއްކިޔަސް، ތިބާއަށް ކުރާނެ އެއްވެސް މަންފާއެއް ނެތެވެ."

މިހެން ބުނަމުން ހަތަރުވަނަ ބައިވެރިޔާ، މަހުޖަނަށް ފުރަގަސްދީފައި ހިނގައްޖެއެވެ. އޭނާ ދިން ޖަވާބުގެ ހިތިކަމުން، ބަރުދާސްތުކުރަން ދަތި ވޭނާއި ކެކުޅުން، މަހުޖަނުގެ ހިތަށް ވެރިވިއެވެ.

ދެން އިރުކޮޅަކު ވޭނާއި ކެކުޅުން ބަރުދާސްތުކުރަން އޮތުމަށްފަހު، ތިންވަނަ ބައިވެރިޔާ ގެނެސް، އެ ބައިވެރިޔާގެ ގާތުގައި ބުންޏެވެ.

"އަހުރެންގެ މުޅި ޢުމުރުގައި ތިބާ ދެކެ ވަރަށް ބޮޑަށް ލޯބިވީމެވެ. ތިބާ ޙިމާޔަތްކުރުމަށްޓަކައި، އެތައް ޤުރުބާނީތަކެއްވީމެވެ. މިކަން ވަރަށް ރަނގަޅަށް ތިބާއަށް އެނގޭނެއެވެ. ނަމަވެސް މިއަދު އަހުރެން މިއޮތީ މަރަށް ހާޒިރުވެފައެވެ. މިއަދު އަހުރެން މަރުވެގެން ދާން މިޖެހެނީ، އެކަނިމާއެކަންޏެވެ. ކަށްވަޅުގައި މުނިއަވަސް ފިލުވައިދިނުމަށްޓަކައި ތިބާ އަހުރެންނާއެކުގައި ގޮސްދީފާނަންހެއްޔެވެ؟"

މަހުޖަނު ދެއްކި ވާހަކަ އަޑުއެހުމަށްފަހު، ތިންވަނަ ބައިވެރިޔާ ހަރުކަށި ޖަވާބެއް ދެމުން ބުންޏެވެ.

"ނޫނެކެވެ. ނުދާނަމެވެ. އުޚުރަވީ ޙަޔާތަށްވުރެ ދުންޔަވީ ޙަޔާތް، މާ ރީއްޗެވެ. ތިބާ ކަށްވަޅަށް ދާށެވެ! ތިބާ މަރުވުމުން، ތިބާއަށްވުރެ ހައިބަތުހުރި އެހެން މީހަކާ އަހުރެން އިންނާނަމެވެ. ތިބާއާ އެކުގައި ހޭދަކުރި ދުވަސްތަކަށްވުރެ މާ އުފާވެރި ދުވަސްތަކެއް އޭނާއާ އެކުގައި ހޭދަކުރާނަމެވެ. އަހުރެން ޙިމާޔަތްކުރުމަށްޓަކައި ތިބާ މަސައްކަތްކުރިވަރަށްވުރެ މާބޮޑަށް އޭނާ އެކަމުގައި މަސައްކަތްކުރާނެއެވެ. އަދި އަހުރެންނަށްޓަކައި އޭނާ މާބޮޑެތި ޤުރުބާނީތައް ވެސް ވާނެއެވެ. މާފުކުރާށެވެ! މިއަދު ތިބާ އެދޭ އެއްވެސް ކަމެއް ކޮށްދޭކަށް ނެތީމެވެ. އަހުރެން މިދަނީ، ދުނިޔޭގެ އުފާވެރިކަމުގެ ތެރެއަށެވެ."

މިހެން ބުނަމުން ތިންވަނަ ބައިވެރިޔާ ވެސް މަހުޖަނަށް ފުރަގަސްދީފައި ހިނގައްޖެއެވެ. އޭނާ ގޮސް އޮބާލަންދެން، އެސްފިޔަ ޖަހާނުލައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ފެންކަޅިވެފައި މަހުޖަނު އޮތެވެ.

ދެން އަނެއްކާވެސް އެތައް އިރަކު ވޭނާއި ކެކުޅުން ބަރުދާސްތުކުރަން އޮތުމަށްފަހު، މަހުޖަނު އޭނާގެ ދެވަނަ ބައިވެރިޔާ ގެނެސް އޭނާގެ ގާތުގައި ބުންޏެވެ.

"އަހުރެންގެ ޙަޔާތުގައި ތިބާދެކެ ނުހަނު ލޯބިވީމެވެ. އަދި ތިބާއަށް އިޚުލާޞްތެރިވެ ހެޔޮކަންތައްތައް ކޮށްދިނީމެވެ. މީހެއްގެ އެހީއަކަށް ބޭނުންވާ ކޮންމެ ފަހަރަކު، ތިބާ އަހުރެންނަށް އެހީތެރިވެދިންކަން، ދުވަހަކު ވެސް ހަނދާނުން ނެތިގެނެއް ނުދާނެއެވެ. އަހުރެންނާ ކުރިމަތިވާ ކޮންމެ ބޮޑު ކަމެއްގައި ތިބާއާ މަޝްވަރާކުރީ، ތިބާގެ ހިތްހެޔޮކަމާއި އިޚުލާޞްތެރިކަން އެނގޭތީއެވެ. ތިބާ އަހުރެންނަށް ދީފައިވާ އިޚުލާޞްތެރި މަޝްވަރާތަކާއި އެހީތެރިކަމަށްޓަކައި ހިތުގެ ޢުމުޤުން ޝުކުރާއި ތަޢުރީފު ރައްދުކުރަމެވެ. މިއަދު، އަހުރެން ތިބާ މިގެނައީ ވަރަށް ބޮޑުކަމެއް ޖެހުނީމައެވެ. ނަމަވެސް މިއަދު އަހުރެން މިއޮތީ މަރަށް ހާޒިރުވެފައެވެ. މިއަދު އަހުރެން މަރުވެގެން ދާން މިޖެހެނީ، އެކަނިމާއެކަންޏެވެ. ކަށްވަޅުގައި މުނިއަވަސްފިލުވައިދިނުމަށްޓަކައި ތިބާ އަހުރެންނާއެކުގައި ގޮސްދީފާނަންހެއްޔެވެ؟"

މަހުޖަނުގެ ވާހަކަ އަޑުއެހުމަށްފަހު، ދެވަނަ ބައިވެރިޔާ ނުހަނު ސަހަރޯވެރިކަމާއެކު ޖަވާބު ދިނެވެ.

"މިދުނިޔޭގައި ތިބާ އަހުރެން ދެކެ ލޯބިވި ފަދައިން އަހުރެން ތިބާދެކެ ނުހަނު އިޚުލާޞްތެރިކަމާއެކު ލޯބިވީމެވެ. ތިބާ އަހުރެންނަށް އެހީތެރިވެދިން ފަދައިން އަހަރެން ތިބާއަށް ނުހަނު ހިތްހެޔޮކަމާއެކު އެހީތެރިވެދިނީމެވެ. ތިބާ އަހުރެންގެ މަޝްވަރާއަކަށް އެދޭ ކޮންމެ ފަހަރަކު، ނުހަނު ތެދުވެރިކަމާއެކު އަހުރެންނަށް ފެންނަ އެންމެ ރަނގަޅު މަޝްވަރާ ދިނީމެވެ. ތިބާގެ މަޝްވަރާއަކަށް އަހަރެން އެދޭ ކޮންމެ ފަހަރަކު، ތިބާ އަހަރެންނަށް މަޝްވަރާ ދޭ ފަދައިންނެވެ. އަހަރެންނަކީ، ތިބާގެ ހަށިގަނޑުގެ އެއްބައިކަމަށް ތިބާ ބެލި ފަދައިން، ތިބާއަކީ އަހަރެންގެ ހަށިގަނޑުގެ އެއްބައި ކަމަށް ބެލީމެވެ. މިއީ، ދުންޔަވީ ޙަޔާތުން ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ކަން އޮތް ގޮތެވެ. މިއަދު ތިބާ ތިޔަ އޮތީ، ކަށްވަޅަށް ދިއުމުގެ މަގުމަތީގައެވެ. މިއަދު ތިޔަ އެދޭ ކަންތައް ކޮށްދެވެން ނެތަތީ، އިންތިހާ ދަރަޖައަށް ހިތުގެ އެންމެ ފުންމިނުން ހިތާމަކުރަމެވެ. މިއަދު ތިބާއަށްޓަކައި އަހުރެންނަށް ކޮށްދެވެން އޮތް ކަމަކީ، ތިބާގެ ސަންދޯކާއެކު ކަށްވަޅާ ހަމައަށް ގޮސް، ޖަނާޒާގައި ބައިވެރިވެ، ހެޔޮ ދުޢާކުރުމެވެ."

ދެވަނަ ބައިވެރިޔާގެ މި ޖަވާބު، މަހުޖަނަށް އަޑުއިވުނީ، އަޑުގަދަ ހޮނުގުގުރިއެއް ފަދައިންނެވެ. މި ޖަވާބު އަޑުއިވުމުން އޭނާ މުޅިން ބޭޤަރާރުވިއެވެ. އެހިނދު، އޭނާގެ ކޮންޓުރޯލުން ބޭރުގައިވާ ހިތުގެ ވިންދުތައް ހުއްޓުވުމަށް، އޭނާގެ ހާސަރުތައް މަސައްކަތްކުރިއެވެ. ނަމަވެސް މަލަކުލްމައުތު މަރުހިއްޕަވަންދެން ދިރި ދުނިޔޭގައި އޮންނަން ޖެހޭތީ، އޭނާގެ ހިތުގެ ވިންދުތައް މުޅިން ހުއްޓުވައިލެވޭނެ ގޮތެއް ނުވިއެވެ. ދެން އެ ޙާލުގައި އޮވެ، އަނެއްކާވެސް އޭނާއާއެކުގައި ދާނެ މީހަކު ވޭތޯ ވިސްނައި ފިކުރުކުރަން ފެށިއެވެ. އެތައް އިރަކު އެކަމުގެ މައްޗަށް ނަޒަރުހިންގިއިރު ވެސް، އެކަން ކޮށްދީފާނެ މީހަކު އޭނާގެ ޚިޔާލާއި ފިކުރުގެ ދުރުމީއަކަށް ނޭރިއެވެ.

މަހުޖަނު އެ ޙާލުގައި އޮއްވާ، ވަރަށް އޯގާވެރި އަޑެއް އޭނާގެ ކަންފަތުގައި ޖެހުނެވެ.

"ދެރަނުވާށެވެ! ތިބާ ދާންޖެހުނު ކޮންމެ ތަނަކަށް އަހުރެން ތިބާއާ އެކުގައި ދާނަމެވެ. ލޯތްބާއެކު އަބަދުމެ ތިބާއާ އެކުގައި ވާނަމެވެ. ތިބާއަށް ކުރިމަތިވާ ކޮންމެ މުޞީބާތަކުން ތިބާ ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރާނަމެވެ."

މަރަށް ޙާޒިރުވެފައި އޮތް މަހުޖަނަށް މި އިވުނު އޯގާތެރި ބަސްތައް، އޭނާގެ ހަށިގަނޑާއި ފުރާނައަށް އަލުން އައު ދިރުމެއް ގެނެސްދިނެވެ. ދެން އޭނާ ލޯ ހުޅުވައިލިއިރު ފެނުނީ، އޭނާގެ ޙަޔާތުގެ ފުރަތަމަ ބައިވެރިޔާއެވެ. އެއީ ދުވަހަކުވެސް އޭނާ އަޅާނުލާ ބައިވެރިޔާއެވެ. ކާން ނުދީ ބެހެއްޓުމުގެ ސަބަބުން، އަނަރޫފަވެފައިވާ ބައިވެރިޔާއެވެ. ރީތި ހެދުމެއް ގަހަނާއެއް ނުދީ ބެހެއްޓުމުގެ ސަބަބުން، ރީތިކަމާއި ޗާލޫކަން ގެއްލިފައިވާ ބައިވެރިޔާއެވެ. އެ ބައިވެރިޔާ ފެނުމުން މަހުޖަނު ޙައިރާންވެ އަންތަރީސްވިއެވެ. އަދި ކުއްލިއަކަށް ތެދުމަގު ފެނުނު މީހެއް ފަދައިން އޭނާގެ ދުލުން ބުނެލެވުނެވެ.

"އަނެއް ތިން ބައިވެރިން ދެކެ ލޯބިވުމުގެ ބަދަލުގައި އަހުރެން ލޯބިވާންވީ، ތިބާ ދެކެއެވެ. އަހުރެންގެ ބަލި ފަސޭހަވުމުން، އެހެން ބައިވެރިން ދޫކޮށްލާނަމެވެ. އެއަށްފަހު، ޢުމުރުގެ ބާކީއޮތްބައި ހޭދަކުރާނީ، ތިބާއާ އެކުގައެވެ. އަހުރެންގެ ހުރިހައި މުދަލަކާއި ތަނަވަސްކަމެއް ވެސް ހޭދަކުރާނީ ހަމަ ތިބާއަށްޓަކައެވެ."

މަހުޖަނު މިހެން ބުނުމުން، ފުރަތަމަ ބައިވެރިޔާ ހިނިތުންވެލަމުން ބުންޏެވެ.

"ތިބާއަށް ނޭނގުނެއް ކަމަކު، އަހުރެން އަބަދުވެސް ތިބާ ދެކެ ލޯބިވަމެވެ. އަދި މި ދުނިޔޭގައި ތިބާ ދެކެ ލޯބިވި ފަދައިން މަރުވުމަށް ފަހު އާޚިރަތުގައި ވެސް ތިބާ ދެކެ ލޯބިވާނަމެވެ."

ލޯބިވާންވީ، ޙަޔާތުގެ ކޮން ބައިވެރިއަކު ދެކެ ކަން މަހުޖަނަށް ވިސްނުނު އިރު، ވަގުތު ވަނީ ފާއިތުވެފައެވެ. ފުރަތަމަ ބައިވެރިޔާގެ އޯގާވެރި ބަސްތައް އަޑުއަހަން އޮއްވައި އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވެގެން ހިނގައްޖެއެވެ. އޭނާ ދާދި ދެންމެއަކު ބުނި ފަދައިން، ފުރަތަމަ ބައިވެރިޔާއަށް ލޯބި ދޭނެ ފުރުޞަތެއް އޭނާއަކަށް ނުލިބުނެވެ. ނަމަވެސް އެ އިޚުލާޞްތެރި ބައިވެރިޔާ، އޭނާދެކެ ފޫއްސެއް ނުވެއެވެ. ރުޅިއެއް ނާދެއެވެ. ކިއެއްތޯއެވެ. އޭނާއާއެކު، އުޚުރަވީ ޢާލަމަށް ދިޔައެވެ. ދުންޔަވީ ޙަޔާތުގައި އޭނާއަށް ވަފާތެރިވި ފަދައިން އުޚުރަވީ ޙަޔާތުގައި ވެސް އޭނާގެ މަދަދުގާރެއް ކަމުގައި ވުމަށްޓަކައެވެ.

މަހުޖަނުގެ ވާހަކަ މިހިސާބަށް ނިމުނީއެވެ.

ދެން އޮތީ އަޅުގަނޑުމެންގެ ވާހަކައެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުމެ ދިރިއުޅެމުންދަނީ، މަހުޖަނު ފަދައިން ޙަޔާތުގެ ހަތަރު ބައިވެރިންނާއެކުގައެވެ. މަހުޖަނުގެ ހަތަރުވަނަ ބައިވެރިޔާ ތަމްސީލުކުރަނީ، އިންސާނާގެ ހަށިގަނޑެވެ. ތިންވަނަ ބައިވެރިޔާ ތަމްސީލުކުރަނީ، އޭނާގެ މުދަލެވެ. ދެވަނަ ބައިވެރިޔާ ތަމްސީލުކުރަނީ، އޭނާގެ ގާތްތިމާގެ މީހުންނެވެ. ފުރަތަމަ ބައިވެރިޔާ ތަމްސީލުކުރަނީ، މާތް ﷲ އާ، އޭނާއާ ދެމެދުގައިވާ ރޫޙާނީ ގުޅުމެވެ. މިދުނިޔޭގައި ވަރަށް ގިނަ ބަޔަކު ވަނީ، މަހުޖަނު ފަދައިން، ފުރަތަމަ ބައިވެރިޔާ ހަނދާން ނެއްތައިލާފައެވެ.

މިވާހަކަ ވިދާޅުވާ، އެންމެހައި އަޚުންނާއި އުޚުތުންނޭވެ! ޢުމުރަކީ ވަރަށް ކުރުކުރު މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ރޫޙާނީ ކަންތައްތަކާމެދު ދެއްވާ ސަމާލުކަން ދުވަހެއް ދުވަހަކަށްވުރެ އިތުރުކުރައްވަމުން ގެންދަވާށެވެ! ދުނިޔޭގެ މުދަލާއި އުފަލަށްވުރެ ބޮޑަށް، އާޚިރަތުގެ ދަރުމައާއި ސަވާބަށް އިސްކަން ދެއްވާށެވެ! މަހުޖަނަށް ރަނގަޅު ގޮތް އެނގުނު ވަގުތު ޖެހެންދެން ލަސްނުކުރައްވާށެވެ!
            -------------------
ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން