ހުވަދުއަތޮޅު ތިނަދޫގެ އެންމެ ދުވަސްވީ ކަރުދާހުގެ ލިޔުން











ހުވަދުއަތޮޅު ތިނަދޫ މީހެއްގެ އަމިއްލައަތުން ކަރުދާހުގައި ލިޔެފައިވާ އެންމެދުވަސްވީ ލިޔުމަކަށް މިހާރު ފެންނާން އޮތް ލިޔުމެއްކަމަށް ބަލަންޖެހެނީ 1927މ. ވަނަ އަހަރު ހުވަދުއަތޮޅުގެ އަތޮޅުވެރިކަމުގައި ހުންނަވައިގެން ހުވަދުއަތޮޅު ތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭގެފާނު ޙައްޖަށް ވަޑައިގެންނެވި ދަތުރުގައި އޭނާ އަމިއްލަފުޅަށް ލިޔުއްވާފައިވާ ދަތުރުނާމާއެވެ. ހުވަދުއަތޮޅު ތިނަދޫގެ މީހަކު ކަރުދާހުގައި ލިޔެފައިވާ މިއަށްވުރެ ދުވަސްވީ އެހެން ލިޔުމެއް ނުފެންނަނަމަ މިއީ އެންމެ ގިނަދުވަސްވީ ލިޔުންކަމަށް ބަލަންޖެހެއެވެ.

ހަވަރުތިނަދޫ ޙާޖީ މުޙައްމަދުކަލޭގެފާނުގެ މި ޙައްޖުދަތުރުގެ ބައިވެރިންގެތެރޭގައި ޝައިޚު ޙުސައިން ޞަލާޙުއްދީންގެ އަރިހުގައި މާލެއިންފުރި ޖަމާޢަތަކާއި މަލިމްމޫސާ މާފަތްކަލޭގެފާނުގެ ޙަވާލުގައި މާލެއިންފުރި ޖަމާޢަތެއް ހިމެނެއެވެ. މިދެމާޖަޢަތުގެވެސް އެންމެއިސްވެރިޔަކީ ނުވަތަ އަމީރުލްޙައްޖުއަކީ ޝައިޚު ޙުސައިން ޞަލާޙުއްދީނެވެ.

ޝައިޚު ޙުސައިން ޞަލާޙުއްދީންގެ ޖަމާޢަތް
1 – ބޮޑުގަލުގޭ މޫސާދީދީ
2 – ދަރަވަންދޫގޭ ޙުސައިންދީދީ (ޙުސައިން ޞަލާޙުއްދީން)
3 – ދަރަވަންދޫގޭ މުޙައްމަދު ޖަމީލުދީދީ
4 – ދަރަވަންދޫގޭ މުޙައްމަދު ރަޝީދުދީދީ
5 – ދަރަވަންދޫގޭ ޙުސައިން ޢަފީފުދީދީ
6 – ދަރަވަންދޫގޭ އިބްރާހީމް ޝިހާބުދީދީ
7 – ދަރަވަންދޫގޭ ފާޠިމަތުދީދީ
8 – ދަރަވަންދޫގޭ މެދުގަޑުވަރު ތުއްތުމަނިއްޕުޅު
9 – ދަރަވަންދޫގޭ މެދުގަޑުވަރު ތުއްތުގޮމާ
10 – ދަރަވަންދޫގޭ މެދުގަޑުވަރު ތުއްތުދީދީ
11 – އައްޑޫ ފާޠިމާމަނިކެ
12 – ކަޑޫދޫގޭ ޙާޖީ ކަލޭގެފާނު
13 – ހިންނަވަރު މުދިން ދޮންޙުސައިން
14 – ހިންނަވަރު ޒަކަރިއްޔާ
15 – ހިންނަވަރު ކާސިންފުޅު
16 – ހިންމަފުށީ ކަތީބު އިބްރާހީމްމަނިކު
17 – ގުޅީ ޢީސާ ކަލޭގެފާނު
18 – ގުޅީ ޢިސާ ކަލޭގެފާނުގެ ދޮންމަނިކު
19 – ބޮޑުގަލު މުދިންކަލޭގެފާނު
20 – މަކުނުދޫ ޙުސައިން
21 – ޅަސޮރު ދޮންކޮއްކޯ
22 – ހައްދުންމަތީ ދޮންޙުސައިން

މަލިމްމޫސާ މާފަތްކަލޭގެފާނުގެ ޖަމާޢާތް
1 - މަލިމްމޫސާ މާފަތްކަލޭގެފާނު
2 – ހުވަދުއަތޮޅު އަތޮޅުވެރިކަލޭގެފާނު
3 – ތިލަދުންމަތީ ނާއިބު މުޙައްމަދު ތަކުރުފާނު
4 – ކެއުދޫ ޚަޠީބު ޙުސައިންރަހާ
5 – ވަށަފަރު ޚަޠީބު ޙުސައިން ތަކުރުފާނު
6 – ގުޅީ ޚަޠީބު ޙުސައިން
7 – ނައިފަރު މާމުދިމް ޢަލިކޮއި
8 – ގުޅީ ރަށްވެރި ޢަލީ
9 – ހަވަރުތިނަދޫ އިސްމާޢީލް ތަކުރުފާނު
10 - ހަވަރުތިނަދޫ ކުދުތަކުރުފާނު
11 – ހަވަރުތިނަދޫ ޙުސައިން ތަކުރުފާނު
12 – ހަވަރުތިނަދޫ އިބްރާހީމް ތަކުރުފާނު
13 - ހަވަރުތިނަދޫ އިބްރާހީމް ތަކުރުފާނުގެ އަނބި ކަމަނާ
14 – ދިއްދޫ ދޮންޢަލީ
15 – ކަނދޮޅުދޫ އިސްމާޢީލް ކަލޭގެފާނު
16 – ހުވަރަފުށީ ކުޑަސޮރު ގާސިމް ތަކުރުފާނު
17 – ނައިފަރު ޢަލިކޮއިގެ އާދަމްކޮއި
18 – ނައިފަރު މުޙައްމަދުކޮއި
19 – މާކުން އާދަމްފުޅުު
20 – ބޯކިބާ އާދަމްފުޅު
21 – ހިންނަވަރު ޢީސާ ޙާޖީ
22 - ހިންނަވަރު ޢީސާ ޙާޖީގެ އަނބި ޢާއިޝާ
23 – ނައިފަރު ޒަކަރިއްޔާ
24 - ނައިފަރު ޒަކަރިއްޔާގެ އަނބި މަރިޔަމް
25 – މުޙައްމަދު ވަޙީދުގެ އަނބި ސިއްތި
26 – މަނަދޫ ހާރޫނު
27 – ހުވަދޫ ވިލިގިލީ ބޮޑުފުތާ (ބޮޑު މޫސާ ކަލޭގެފާނު)
28 – ގުޅީ އަބޫބަކުރު
29 – ހުވަރަފުށީ އަޙުމަދުބެ
30 – ނޮޅިވަރަންފަރު ޙަސަން     

މުޙައްމަދު ކަލޭގެފާނު އެ ދަތުރަށް ތިނަދޫން ފުރުއްވުމަށްފަހު، މާތްކަން އިތުރު ތިން ޙަރަމަށް ޒިޔާރަތްކުރައްވައި ޙައްޖުގެ މަތިވެރި އަޅުކަން ނިންމެވުމަށްފަހު އެނބުރި ތިނަދޫއަށް ވަޑައިގެންނެވުނީ ގާތްގަނޑަކަށް ދަތުރުގައި 11 މަހަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. މަތިވެރި ސަވާބާއި ދަރުމައާއި ފުއްސެވުން އެދިވަޑައިގެން އެ ދުވަސްވަރު ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރެއްވުމަށް ދިވެހިރާއްޖެއިން ޚާއްޞަކޮށް ހުވަދޫ ކަނޑުން ދެކުނުގެ އަތޮޅުތަކުން ޙިޖާޒުކަރައަށް ވަޑައިގަންނަވާ ބޭފުޅުންގެ އެފަދަ ދަތުރުފުޅެއްގައި ހޭދަވެގެންދާ ދުވަސްތައް އުޅޭނީ އެހާކަންހާ ވަރަށެވެ.


ހުވަދުއަތޮޅު ތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އެ ދަތުރުގައި އޭނާގެ އިތުރަށް ޙައްޖުގެ އަޅުކަން އަދާކުރެއްވި ހުވަދުއަތޮޅުގެ ބޭފުޅުންނަކީ ތިނަދޫގެ ބޭފުޅުންކަމަށްވާ އިސްމާޢީލް ޙާޖީ، ކުޑަތަކުރުފާނު (ކުދެބެއްޔާ)، މުދިމް ޙުސޭން ތަކުރުފާނު، އިބްރާހީމް ތަކުރުފާނު، އޭނާގެ އަނބިކަނބަލުން ކަމަނާ (ކައްބޮއްލޭ ކަމެންދައިތާ)، ދާންދޫ މާމުދިމް ދޮންތަކުރުފާނު، އަދި ވިލިގިލީގައި ދިރިއުޅުއްވާ ހަވަރުތިނަދޫގެ ބޭފުޅެއްކަމަށްވާ ބޮޑު މޫސާ ކަލޭގެފާނެވެ. މޫސާ ކަލޭގެފާނަކީ މުޙައްމަދު ކަލޭގެފާނާ ދެބެއިންގެ ދެދަރި ބޭފުޅެކެވެ.

އެ ދަތުރު ދިވެހި ޙައްޖާޖީންގެ އަމީރުލްޙައްޖަކަށް ވަޑައިގަތީ ޝައިޚުލްއުސްތާޛް މަރުޙޫމް ޙުސައިން ޞަލާޙުއްދީނެވެ. އެ ދުވަސްވަރު އެ މަނިކުފާނުގެ އަތްޕުޅުންލިޔުއްވައި މިހާރު ޗާޕްކޮށް ނެރެފައިވާ "ދިވެހިންގެ ޞަފަރުނާމައޭ ޙިޖާޒު 1346" މިފޮތަކީ އެ ދަތުރުފުޅެވެ. އެ ފަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރި ހުރިހާ ދިވެހީންގެނަންތައް އެ ފޮތުގައި ލިޔުއްވާފައިވެއެވެ. މި ލިޔުމުގެ މަތީގައިވާ ފޮޓޯގައި އެވަނީ އެ ފަހަރު މުޙައްމަދު ކަލޭގެފާނުމެން އިޓަލީ ބޯޓެއްގައި ކޮޅުނބުން ފުރާވަޑައިގެންނެވި ހިސާބުން ދަތުރުނާމާގެ ޞަފްޙާއެކެވެ.

ހުވަދުއަތޮޅުގައި މީހުން ދިރިއުޅުނު ރަށްރަށާއި މިހާރު ދިރިއުޅޭ ރަށްރަށުގައި އެ ދުވަސްވަރެއްގެ ނިސްބަތުގައި ޢިލްމީބޭފުޅުން އުފެދި އެކިކަހަލަ ލިޔުއްވުންތައް ލިޔުއްވާފައިވާނެ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް މިހާތަނަށް އައިއިރު އެފަދަ ދުވަސްވީލިޔުމެއް ފެންނަންނެތީއެވެ. އެ ދުވަސްވަރުގެފަހުން ދެންއައި ޖީލުތަކަށް އެ ކަމަށް އެހާބޮޑު ޝައުގުވެރިކަމެއް ނުދެވުނީކަމަށް ވެދާނެއެވެ. އަޅުގަނޑަކީ ވެސް މީގެ އަހަރުތަކެއްގެ ކުރިން އެފަދަ މީހަކީމޭ ދެންނެވިދާނެއެވެ. ނަމަވެސް މި ލިޔުމުގައި ދެންނެވިފައިވާ ދަތުރުނާމާގެ ކޮޅުނބުން ފެށިގެން އަޞްލުލިޔުން އަޅުގަނޑުގެ އަތުގައި އެބަ އޮތެވެ. އެކަމަކު މިލިޔުމުގެ ހުވަދޫން މާލެއިން ކޮޅުނބަށް ލިޔުއްވިބައި ކަތުރުފަނީގެ ޝިކާރައަކަށްވެ ނެތިގެންގޮސްފައިވާ ކަމީ ހިތާމަހުރި ދެރަ ކަމެކެވެ.

1962 ގައި ތިނަދޫން މީހުން ބޭލީއްސުރެ ގިނަ އަހަރުތަކެއް ވަންދެން ދަތުރުނާމާގެ މިބައި އަޅުގަނޑުގެ އަތުގައި ނުގެއްލިއޮތީ، ލިޔުއްވުމުގައި މޮޅަށް ސިފަކޮށްދެއްވާފައިވާ އިސްލާމީޙައްޖުގެ މަތިވެރި އަޅުކަމުގެކަންކަމާއި ޙުރުމަތްތެރިވެގެންވާ ތަންތަނާއި ދަތުރުގެ އެހެންކަންކަމުގެ ވާހަކައަކީ އިސްލާމީ ހިތްތަކުގައި އިސްލާމީރޫޙް އިތުރަށް އާލާކޮށް ވަރުގަދަކޮށްދޭނޭ ކަންކަމާއި ތަންތަނަށްވާތީ އެހެން މީހުންނާއި ވެސް ދަތުރުނާމާއިން އެ ވާހަކަ ޙިއްޞާކުރުމަށް އަޅުގަނޑު ބޭނުންވާތީއެވެ. އޭގެއިތުރަށް ތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނަކީ އަޅުގަނޑުގެ މަންމަގެ މާފަ (މަންމަގެ މައިފުށުގެ ކާފަ)އެވެ.

މުޙައްމަދު ކަލޭގެފާނުގެ ޙައްޖުދަތުރުގައި އޭނާއާ އަދި އެ ދަތުރުގެ ބައެއް ބޭފުޅުން އަލްޤުދުސަށް ވަޑައިގެން އެ ތަނުން އެ ބޭފުޅުން ޒިޔާރަތްކުރެއްވި ތަންތަނާއި ކުރެއްވި ކަންކަމުގެވާހަކަ ދަތުރުނާމާއިން ކިޔާލީމާ މައްކާ، މަދީނާގައި ކުރަންޖެހޭ މަތިވެރި އަޅުކަމުގެއިތުރަށް އަލްޤުދުސަށް ޒިޔާރަތްކުރުމުގެ ބަރަކާތާއި ޝަރަފު ލިބިގަންނަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން އުފެދެއެވެ. މިހާރު ދިވެހިރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ގިނަ ބޭފުޅުންނަކީ އަލްޤުދުސަށް ޒިޔާރަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާ ބޭފުޅުންނެއްނޫނެވެ. 

އެހެންކަމާ އެކު، މުޙައްމަދު ކަލޭގެފާނު ލިޔުއްވާފައިވާ ދަތުރުނާމާގެ އަޞްލު ބައްލަވާލައްވައި އޭގައިވާ އަލްޤުދުސަށް ކުރެއްވި ޒިޔާރަތުގެ ބައި މިޒަމާނުގެލިޔުމަށް ގެނެސް ދެއްވުމަށާއި އަދި މުޙައްމަދު ކަލޭގެފާނުގެ އެ ލިޔުއްވުމާމެދު ދެކިވަޑައިގަންނަވާ ގޮތެއް ހާމަކޮށްދެއްވުން އެދިގެން ތިނަދޫ އަލިދޯދި އަލްފާޟިލް ޢަބުދުﷲ ޢަފީފު އަރިހަށް އަޅުގަނޑު އެ ދަތުރުނާމާ ގެންދިޔައީމެވެ. އެ ލިޔުއްވުމާމެދު ޢަފީފު ދެކިވަޑައިގަންނަވާ ގޮތެއް ހާމަކޮށްލަދެއްވުމަށް އެދުނީ އެ ލިޔުއްވުމަކީ ވަރަށްކުރީގެ އެއްޗަކަށްވެފައި އެ ދުވަސްވަރުގެ ލިޔުންތެރިކަމުގެ ފެންވަރު ހުރި ނެތްގޮތް އެހެން ފަރާތްތަކަށް ވެސް އެނގުމުގެ ބޭނުންތެރިކަން ބޮޑުކަމުންނެވެ. އަދި މިހެންމެ ލިޔުން ލިޔުއްވި ފަރާތަކީ އަޅުގަނޑުގެ މަންމަގެ މާފައަށްވާތީ އެ ލިޔުމާމެދު ވަކިގޮތެއް އަޅުގަނޑު ހާމަކުރުމަކީ އެންމެ ރަނގަޅުނޫން ގޮތެއް ކަމަށް ވެދާނެކަމަށް އަޅުގަނޑު ދެކޭތީވެއެވެ. މިހެންކަމުން އަޅުގަނޑުގެ ދެންނެވުން ޤަބޫލުކުރައްވައި ޢަފީފު ކޮށްދެއްވި މަސައްކަތްޕުޅަށް އޭނާއަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.

ހުވަދުއަތޮޅު ތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ޙައްޖުދަތުރުގެތެރެއިން އަލްޤުދުސް އަށް ކުރެއްވި ދަތުރު


މިޞްރުން ޤުދުސްއަށް ދާންފުރީ ހިޖުރައިން 1346 ވަނައަހަރު ޝައްވާލު މަހު 11ވަނަ ދުވަހުއެވެ. ރޭލުގެ ސެކެންޑް ކްލާހުން ޓިކެޓް ނަގައިގެން ރޭލަށްއެރީ އެދުވަހު ހަވީރު ފަސްގަޑި ތިރީހުގައެވެ. ފުރައިގެންގޮސް އެރޭ ނުވަގަޑި ތިރީހުގައި ޤަންޠަރާ އަށް މަޑުކުރިއެވެ. ދެން އެތަނުން ފުރައިގެން ފާލަމެއްގައި ސްވޭސްކެނެލް ހުރަސްކުރުމަށްފަހު ދިހަގަޑި ސާޅީސްފަހެއްގައި ޝާމު ކަރަޔަށްގޮސް ޕާސްޕޯޓާބެހޭ ކަންތައް ނިންމައި ރޭލުގައި ފުރޭވަރުވީ އެރޭ ބާރަޖެހި ފަހުންނެވެ. އަނެއް ދުވަހު އިރުއަރާ ހަތްގަޑިބައިވީ އިރު އުސްފަރުބަދަ ހުރިތަނަކަށް ދެވުނެވެ. އޭގެފަހުން ހަތްވަނަ ސްޓޭޝަނަކަށް ވަނީ ފަސްޠީނެވެ. ފަލަސްޠީނަށް ދެވުނީ ޝައްވާލުމަހު 12 ވަނަދުވަހު ނުވަގަޑި ތިރީސް ވީއިރުއެވެ. ފަލަސްޠީނަށްގޮސް ރޭލުންފޭބި އިރު ސްޓޭޝަނުގައި އައްޝައިޚް އިބްރާހީމުލް އަންޞާރީ ހުންނެވިއެވެ. އޭނާ އަޅުގނޑުމެން ގޮވައިގެން ވަޑައިގަތީ އޭނާގެ ގެއަށެވެ.

ހަމަ އެދުވަހު ޢީސާގެފާނާ މަރިޔަމުގެފާނަށް ނިސްބަތްކޮށް ހަދާފައިހުރި ފައްޅިއާއި ނާނޭފުޅުފިއްލެވިތަނޭ ކިޔާ ތަނެއް ބެލީމުއެވެ. އަދި އެދުވަހު މަޣުރިބު ނަމާދު ޤުއްބުފުޅުގައި ކުރެވުނެވެ. އަނެއްދުވަހު (ޝައްވާލުމަހުގެ 13ވަނަދުވަހު) ސަލާމްލެއްވި މޫސާގެފާނުގެ ޒިޔާރަތަށް ދިއުމަށްޓަކައި ހެނދުނު އަށްގަޑިފަނަރަ އެހާންހާއިރު ކާރުގައި ފުރައިގެން ކަސީބުލް އަޙުމަރު ކީތަނަށް ދެވުނީ 9.30 ގައެވެ. މިދަތުރު ކުރާ މަގުގައި ތީޙުމައިދާން ކިޔާ ފަރުބަދަނެތް ތަނެއްވެސް އޮތެވެ. ދެން އަރީޙާ ކިޔާރަށަށްގޮސް ސަލާމްލެއްވި މޫސާގެފާނުގެ މަޤުބަރާއަށް ޒިޔާރަތްކޮށްފާ ކާރުގައި ނައްޓާލެވުނީ 10.15 ގައެވެ. 11.15 ވީ އިރު ޢަޒީޒުގެފާނުގެ މަޤުބަރާއަށް ޒިޔާރަތްކޮށްފައި 11.32 ގައި މަރިޔަމްގެ ފާނުގެ މަޤުބަރާއަށް ޒިޔާރަތްކުރުމަށްޓަކައި ވަން ތަނެއްގައި ތިރިއަށް ފައިބާން 20 ގަނޑު ހަރުފަތް ހުއްޓެވެ. އެތަނަށް ފައިބައި މަރިޔަމްގެފާނުގެ މަޤްބަރާއަށް ޒިޔާރަތްކުރުމަށްފަހު ފުރައިގެން 12 ޖެހިއިރު ބައިތުލަޙުމު ކީ ރަށަށްދެވުނެވެ. އެތަނަށްގޮސް ޢީސާގެފާނު ރައްކައުވީތަނޭ ކިޔާ ދެއްކި ތަނަށް ދިޔުމަށްޓަކައި 16 ގަނޑު ހަރުފަތުން ފައިބަންޖެހުނެވެ. 

އެތަނުން ފުރައިގެން ދެންދިޔައީ ޚަލީލުއްރަޙްމާން ކީ ރަށަށެވެ. އެރަށް ވަނީ 136 މޭލު ދުރުގައެވެ. އެރަށަށްގޮސް ވަނީ ބޮޑު މިސްކިތެއްގެ ތެރެއަށެވެ. އެމިސްކިތުގެ އެކި ފަރާތް ފަރާތުގައި (މިސްކިތްތެރޭގައި) އިބުރާހީމްފާނުގެ ޒިޔާރަތް، އެކަލޭގެފާނުގެ އަނބިކަނބަލުންގެ ޒިޔާރަތް، އިސްޙާޤުގެފާނުގެ ޒިޔާރަތް، އެކަލޭގެފާނުގެ އަނބިކަނބަލުންގެ ޒިޔާރަތް،ޔޫސުފްގެ ފާނުގެ ޒިޔާރަތް،އެކަލޭގެފާނުގެ މަންމާފުޅުގެ ޒިޔާރަތް، އަދި ރާޙީލު މި ބޭބޭކަލުންގެ ޒިޔާރަތް ހުއްޓެވެ. މިބޭބޭކަލުން ފަސްދާނުލެއްވުމަށް ލަޙުދުވަޅަށް ފޭބިތަނުގައި ބިމުގެ އަޑިޔަށް ހަފުއް ދިއްލާފައިވާ ވޮށެއް ދޫކޮށްފާ އޮތެވެ. އަދި ރަސޫލުﷲގެ ފާނުގެ ފައިންޕުޅު އެޅުއްވި ހިލަފުޅެއްކަމަށްބުނާ ފައިންޕުޅެއްގެ އަސަރު ހުރި ހިލަފުޅުވެސް ބެލީމުއެވެ. މިހުރިހާ ޒިޔާރަތެއްކޮށްފާ އެތަނުން ނުކުމެގެން ކާރުގައި އެތައް ތަނަކަށް ދެވުނެވެ. ދެން މިސްކިތެއްގެ ތެރެއަށްވަދެ ސަލާމުލެއްވި ދާއޫދުގެފާނުގެ މަޤުބަރާއަށްވެސް ޒިޔާރަތް ކުރީމެވެ. ޝައިޚު އިބްރާހީމުލް އަންޞާރީ ވިދާޅުވީ އެމިސްކިތުގައި ސުލައިމާނު ޢަލްއިހިއްސަލާމްގެ މަޤުބަރާވެސް ވާކަމަށާއި، އެދެބަފައިކަލުންގެ މަޤުބަރާ ވަނީ އެއްމަޤާމެއްގައިކަމަށް ބުނެވޭކަމަށެވެ. އެތަން ހުރީ ފަރުދާކޮށްފައި ވަރަށް ރީތިކޮށް ހަދާފައެވެ.

ޝައްވާލު މަހު 16 ވަނަދުވަހު، ލޫޠުގެފާނުގެ ރަށް ބަންޑުން ޖެއްސެވި ތަނަށް ދިޔައީމުއެވެ. އެތަން އޮތީ އަލްޤުދުސް އިން 40 މޭލު ދުރުގައެވެ. އެކަނޑުގެ ލޮނު އަނގައަށްލުމުން ލޮނު ގަދަކަމުން ހީވީ އަނގައާ ދޫވެސް ތޮރުފާލާހެންނެވެ. އެކަނޑުގެ ނަމަށް ކިޔަނީ ބަޙުރުލް މައްޔިތުއެވެ. އެކަނޑުގައި އެއްވެސް ދިރޭއެއްޗެއް (ފަންޏެއްވިޔަސް) އުޅޭކަމަކަށް ނުވެއެވެ. އެތާގެ ގޮނޑުދޮށުގައި ވަރަށް ރީތި އެކި ކުލަކުލައިގެ ހިލަ ހުއްޓެވެ. މިހިލަތަކާ މިތާގެ މަންޒަރު ބަލަން ވަރަށްގިނަ މީހުން ގޮސްއުޅޭކަމަށްވެއެވެ. އަދި އެތަނުން ފެންވެރީމާ ގައިގެ ތަދުފިލާކަމަށްވެސް ބުނެއުޅެއެވެ. މިތަނުން ފުރައިގެން ޝައްވާލު މަހުގެ 15 ވަނަ ދުވަހު މަހުޒު ބަރުދަން ކީ އާރު ދޮށަށްގޮސް އެ އާރުން ފެން ބުއީމެވެ. އެ އާރުގެ ފުޅާމިނުގައި އަށެއްކަ ބަމަ ހުންނާނެއެވެ. މިފެނަކީ ބަޙީރަތުއްޠަބުރިޔާ ކިޔާތަނުން އަންނަ ފެނެއްކަމުގައި ބުނެވެއެވެ. 

މިތަނަކީ ދެފަރާތުގައި ގަސްހެދިފައި ވަރަށް ރީތިކޮށް އޮތް ތަނެކެވެ. އަދި މިފެން ދެމެމުންގޮސް އެޅެނީ ކުރިން މިދެންނެވި ލޫޠުގެފާނުގެ ރަށް ނެންގެވި ބަޙުރުލްމައްޔިތު ކިޔޭ ކަނޑަށްކަމުގައި ބުނެވެއެވެ. މިތަނުން ފުރައިގެން ދިޔައީ އަރީޚާ ކިޔާރަށަށެވެ. އެތަނަށްގޮސް ސުލައިމާނުގެ ފާނު ހެއްދެވިކަމަށް ބުނާ ދެ ފެންގަނޑު ބެލީމުއެވެ. މިއީ ތާނގީ ހެން ރާނާފައި ހުރި ވަރަށްބޮޑު ދެތަނެވެ. މި ދެ ފެންގަނޑުގައިވެސް ނުފުރި ތަންކޮޅެއް ހުރެއެވެ. މިއިން ބޭރުވާ ފެން އޮރުދާޔަކުން (ދިޔަދޮތްވަކުން) ގޮސް ބަގީޗާއަކަށް އެޅެނީއެވެ. މިއަރީޚާ އަކީ މީސްކޮޅުމަދު ކުޑަ ރަށެކެވެ. އަދި މާމީރުވަސްދުވާ ރަށެކެވެ. މިތަނުން އެދުވަހު 10.30 ގައި ފުރައިގެން ހުކުރު ދުވަސް ކަމަށް ވުމާއެކު ދިޔައީ ހުކުރުނަމާދު ކުރުމަށްޓަކައި މަސްޖިދުލް އަޤުޞާ އަށެވެ. އެދުވަހު ހުކުރު ނަމާދުގައި މުޅި މިސްކިތާއި ގުއްބުފުޅާއި ގުއްބުފުޅާއި މިސްކިތާ ދޭތެރެވެސް ފުރިފައި މީހުން ތިބޫއެވެ. ގުއްބުފުޅުގެ ޙަރަމުގައިވެސް ތިން ހަތަރުހާސް މީހުންނަށްވުރެ މަދެއް ނުވާނެއެވެ. އެދުވަހުގެ އަޞުރުނަމާދުވެސް ކުރީ މަސްޖިދުލް އަޤުޞާގައެވެ.

ޤުދުސް އިން މިސްރަށް ދިޔުމަށްޓަކައި ރޭލުގައި ފުރީ ޝައްވާލު މަހުގެ 16 ވީ ހޮނިހިރު ދުވަހު ހެނދުނު 08.30 ގައެވެ. މިހިސާބުން މިދަތުރުނާމާގެ ޤުދުޞުގެ ދަތުރު ނިމުނީއެވެ.

ނޯޓް: 
ދަތުރުނާމާގެ މިބައި މިޒަމާނުގެ ލިޔުމުން ލިޔުނު މީހެއްގެ ގޮތުން އަޅުގަނޑު (ގދ. ތިނަދޫ އަލިދޯދި ޢަބްދުﷲ ޢަފީފު) ދަންނަވާނީ މިއީ މީގެ 84 އަހަރުކުރިން ލިޔުއްވާފައިވާ ލިޔުއްވުމަކަށް ވާއިރުވެސް ލިޔުމުގެ ޢިބާރާތްތައް ވަރަށް ފަސޭހައިން ދޭހަކުރެވެއެވެ. އެދުވަސްވަރުގެ ލިޔުންތަކުގައި ހުންނަ ދޭހަކުރުމަށް އުނދަގޫވާ ގޮތް މިލިޔުމަކު ނެތެވެ. ލިޔުމަކީ ދަތުރުމަތީގައި ވަރަށް އަވަދިނެތި އުޅުއްވަމުން ލިޔުއްވާފައިވާ ލިޔުމަކަށް ވާތީ (ދޭހަ ނުގެއްލޭގޮތަށް) ކުރުކޮށްލައްވާފައި ހުރި ބައެއް ތަންތަން ފުރިހަމަކޮށްލުން ނޫން މާބޮޑު ބަދަލެއް އަޅުގަނޑު ނުގެންނަމެވެ. ދެން މިލިޔުމުން ފާހަގަކުރެވޭ އަނެއްކަމަކީ އަލްމަރުޙޫމް މުޙައްމަދު ކަލޭގެފާނު މިލިޔުމުގައި ވަގުތު (ގަޑިއާއި މިނެޓަށް ދަންދެން) ބަޔާންކޮށް ދެއްވުމަށް ބަހައްޓަވާފައިވާ ފަރުވާތެރިކަމެވެ. އަދި އެކަލޭގެފާނުގެ ސިފަކުރެއްވުމުގެ މޮޅުކަމާ ފޭބެންނެވި ސިޑިތަކުގެ ހަރުފަތްތަކުގެ ޢަދަދުވެސް ބަޔާންކޮށް ދެއްވާފައިވުމުން ދޭހަވަނީ ލިޔުންތެރިކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެލައްވާފައިވާ ކަމެވެ. އަދި މިލިޔުމަކީ އެދުވަސްވަރުގެ އެންމެރީތި ލިޔުމަކާ އެއްފެންވަރުގެ ރީތި ލިޔުމެއްކަމަށްވެސް ފާހަގަކުރެވެއެވެ.      
- ޢަބުދުﷲ ޢަފީފު -
                             ------------------

ޢަބުދުﷲ ޙިލްމީ
08 ޖެނުއަރީ 2013މ.