މަސައްކަތްތެރި ކަމުގެ ތެރެއިން ލާހިންގުން















ފެލިދެއަތޮޅު، ފެލިދޫ އިބްރާހިމް އާދަމުގެ ޢަބްދުﷲ ސަޢީދު (ފޯނު 7997510) ގެ މަންމައަކީ ފެލިދޫ ބޭސްގޭ ޙަލީމާ އާދަމް އެވެ. އަތޮޅުގެ ބޮޑުނާއިބު ކަމާއި، ފެލިދޫ ކަތީބުކަންވެސް ކުރެއްވި ފެލިދޫ / ކެނެރީގޭ އިބްރާހިމް ޢަލިކަލޭފާނަކީ، ބައްޕަފަރާތުގެ ތިމާގެމީހެކެވެ. ހ.ޝަފީގުގޭ އަޙުމަދު ޝަފީޤުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު (1953މ. ވަނަ އަހަރު) ބައްޕައަކީ ރަށުގެ ކުޑަކަތީބެވެ. (އޭރު މުދިމަކަށްހުންނެވީ، ފެލިދޫ / ހުސްނުހީނާގޭ އާދަމް މޫސާ އެވެ. ހަނދާންހުންއިރުގެ ރަށުގެއާބާދީއަކީ 350 ވަރަކަށް މީހުންނެވެ.) ދެން ބައްޕަ ބަދަލުވީ ކަތީބުކަމުގެ މަޤާމަށެވެ. އޭގެފަހުން އަތޮޅުވެރިޔާގެ އެހީތެރިއަކަށެވެ. ފެލިދޫ މުދިމްކަމުގެ މަޤާމުގައި އޭރު ހުންނެވީ، ރަންކޮކާގޭ އަލީ ހުސައިނު އެވެ. އަތޮޅުވެރިޔާގެ އެހީތެރިކަމުގެ މަޤާމަށް، ބައްޕަ ބަދަލުކުރެއްވުމަށްފަހު، އަލީ ހުސައިން ބަދަލުކުރެއްވީ ކަތީބުކަމުގެ މަޤާމަށެވެ. ކުޑަކަތީބުމުގެ މަޤާމުގައި އޭރު ހުންނެވި / ފީރޯޒުގޭ އިބްރާހިމް ޚަލީލު އަކީ ވެސް ތިމާގެ މީހެކެވެ.

ވ.އަތޮޅު، އަތޮޅުއޮފީހުގެ ބަނޑޭރިކަމުގެމަޤާމު އަޅުގަނޑަށްދެއްވީ، ޖުލައި 25، 1967މ. ގަ އެވެ. އޭރު އަތޮޅުވެރިއަކަށް ހުންނެވީ މ.މެރީކޯނަރ / ހަރުސީ އެވެ. ވަޒީފާގެ މަސައްކަތެއްގެގޮތުން ފުރަތަމަ އަޅުގަނޑަށް ކުރަންޖެހުނު މަސައްކަތަކީ ވޯކީޓޯކީ އޮޕަރޭޓަރުކަމެވެ. އޭރު އަތޮޅުވެރިއަކަށް ހުންނެވީ ހ.ވައިޓްވިލާ އަލި ކަލޭފާނު ކުޑަތުއްތު އެވެ. (ދިވެހިރާއްޖެއަށް ވޯކީޓޯކީ ތަޢާރަފުވީ 1962މ. ވަނަ އަހަރު ހާތަނުގަ އެވެ.) އަތޮޅުކޯޓުތައް އުފެދުމުން ދެން އަޅުގަނޑު ބަދަލުކުރީ ވ.އަތޮޅުކޯޓުގެ ކާތިބަކަށެވެ. (އަތޮޅުކޯޓްތައް އުފެދުނީ، ޑިސެމްބަރ 20، 1969މ. ގަ އެވެ. ރަށުކޯޓުތައް އުފެދުނީ، ޖުލައި 17،1979މ. ގަ އެވެ.) އޭގެފަހުން އަނެއްކާވެސް އަތޮޅު އޮފީހުގެ ބަނޑޭރިއަކަށް ހުއްޓާ 1991މ. ވަނަ އަހަރު އަޅުގަނޑު ހަމަޖެއްސީ ފެލިދޫ ކަތީބުކަމުގެ މަޤާމަށެވެ. އެ މަޤާމުގައިހުއްޓާ 2001މ. ވަނަ އަހަރު ބަދަލުކުރީ ރާއްޖެތެރޭގެ ޚާއްޞައެހީތެރިކަމުގެ މަޤާމަށެވެ. ކޮންމެއަކަސް 2008މ. ވަނަ އަހަރު ވެރިކަމުގެނިޒާމަށް އައި ބަދަލާއިގުޅިގެން ވަޒީފާ ނިމުމަކަށް އައިއިރު 40 އަހަރާއި 5 މަހާއި 15 ދުވަހު ސަރުކާރަށް ޚިދުމަތް ކުރެވިއްޖެއެވެ. އެއްބަނޑު އެއްބަފާ 2 އަންހެން ކުދިންނާއި 6 ފިރިހެން ކުދިން އެބަތިބޫއެވެ.

ފެލިދެ އަތޮޅުގައި މީހުންނޫޅޭ ހަނދާނެއްނެތެވެ. އަޅުގަނޑުގެ މަންމައަކީ ފެލިދޫ ބޭސްގޭ މީހެކެވެ. ދެން ބައްޕަވެސް އެކަން ފެއްޓެވީ އެވެ. ދެން އަޅުގަނޑަށްވެސް ދިވެހި ބޭސްވެރިކަމުގެތެރެއަށް ވަދެވި މިހާރުވެސް އަޅުގަނޑަކީ ސަނަދު އޮތުމާއެކު ޚިތާންކުރާ މީހެކެވެ. ބައްޕަގެފަރާތުން ފަންޑިތަ އަދި ނަކަތްތެރިކަންވެސް އަޅުގަނޑަށް އެނގޭތީ އެކަންވެސް ކުރަމެވެ. އަދި އޭގެއިތުރަށް (ބައްޕަގާތުން ދަސްކޮށްގެން) މިހާރު އަޅުގަނޑުކުރަނީ ލާ ހިންގުމުގެ މަސައްކަތެވެ. ލާހިންގުން، ލާފެންކުރުން، ލިޔެލާޖެހުން، ދެފަށްލާ ޖެހުން، އެއީ ރާއްޖޭގައި ލާއިންކުރާ ހަތަރުވައްތަރުގެ މަސައްކަތެވެ. (ރުކުފަތީގެ މަސައްކަތްވެސް އަޅުގަނޑު ދަންނަމެވެ.) ރަށުގައިހުންނަ އަޅުގަނޑުގެ 2 ފިހާރައިގައި ވިއްކަންހުންނަނީ އަޅުގަނޑު ކޮށްފައިވާ ލާހިންގުމުގެ މަސައްކަތެވެ. ލާގެ މަސައްކަތްކުރުމަށް ބޭނުންކުރަނީ، ނާއްޓާއި، އެކިފާޑުގެ ލަކުޑިއާއި، ބޮއްޔާއި، މަހުގެ ދަތާއި، އަދި މިނޫނަސް އެފަދަ ތަކެއްޗެވެ. އެމީހަކު ބޭނުން ނަމެއް ބޭނުންވާ ބައްޓަކަމަށް ލާހިންގުމަކީ ނުހަނު ފަސޭހަކަމާއެކު އަޅުގަނޑުކުރާ ކަމެކެވެ. އަދި މިމަސައްކަތަކީ، ވިޔަފާރީގެ އުޞޫލުން ތަކެތި އުފެއްދުމާއި، ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ދަސްކޮށްދެވިދާނެ މަސައްކަތެއްވެސް މެއެވެ.


ލާފެންކުރުން: އެއްޗެއް ލާފެންކުރުމަކީ، ފާލީސްކުރުމެވެ. މިއީ އިހުޒަމާނުގައި، ޒަމާންތަކަށް ދަމަހައްޓަން ބޭނުންވާ ޢިމާރާތުގެ ލަކުޑީގެ ތަންތަނާއި، ތަކެތީގައި ޚާއްޞަ އަހައްމިއްޔަތެއް ދެވިގެން ކުރާކަމެކެވެ.

ލާހިންގުން: ލާހިންގުމަކީ، އަލިފާނުގެ ހޫނުކަމުން ލާ ވިރުވައިގެން އެއްޗެއްގައި ލާގެ ފަށެއް ދުއްވުމެވެ. އެމީހަކު ބޭނުންވާ އެކަށީގެންވާ ބޯމިނެއްގައި މި ތޮށި ލެވިދާނެއެވެ.

ޚިތާނުކުރުމަށް ވެސް އެހާ ކުޅަދާނަ ޢަބްދުﷲ ސަޢީދު ބުނުއްވީ، ލާހިންގުމުގެ އެއްވެސްމަސައްކަތެއް އޭނާ ލައްވައި ކުރުވަން ނުވަތަ އޭނާގެ ފަރާތުން ދަސްކުރަން އެއްވެސްމީހަކު ބޭނުންނަމަ، އުފަލާއިއެކު، އޭނާ އެކަން ކޮށްދެއްވާނެކަމަށެވެ. ލާޖެހުމަކީ، އަލިފާނުގެ ހޫނުކަމާއިނުލައި، އެއްޗެއްގައި ލާ ހިންގުމެވެ. ޢާއްމުކޮށް ދިވެހީން މިކަންކޮންއުޅެނީ، ދިގުހަރު ނުވަތަ ބޮމަކަނދުގެ ބޭނުން ކޮށްގެން ނެވެ. (ދިވެހި މަސައްކަތްތެރިކަން: ޞ،39، 40)
(ނިމުނީ)
                  -----------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
23 ޖުލައި 2013