ކީރިތި ޤުރުއާނުގައި ދިވެހިރާއްޖެ















ކީރިތި ޤުރުއާނުގައި ދިވެހިރާއްޖޭގެ ވާހަކަ ނަންގަނެވިފައިވާ ކަމަށް ބުނާ ފޮތެއް ވެ އެވެ. އެ ފޮތުގެ ނަމަކީ، (فك أسرار ذي القرنين ويأجوج ومأجوج) އެވެ. މާނައަކީ، "ޛުލްޤަރުނައިނި އާއި ޔައުޖޫޖު މައުޖޫޖު ބާގައިގެ ސިއްރުތައް ހޯދުން" އެވެ.

ފޮތުގެ މުއައްލިފަކީ، ސުޢޫދީ ޢަރަބިއްޔާގެ މަޖްލިސުއް ޝޫރާގެ ބޭކަލެކެވެ. އޭނާގެ ނަމަކީ، ޙަމްދީ ބިން ޙަމްޒާ އެވެ. އެފޮތް ލިޔުއްވުމަށްޓަކައި އޭނާވަނީ، ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރައްވައި ގިނަގުނަ ދިރާސާތައް ކުރައްވާފަ އެވެ.

ޙަމްދީގެ ފޮތުގައި، ޛުލްޤަރުނައިނި ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވި ކަން ބަޔާންކުރައްވާފައިވެ އެވެ. އަދި އަލްކަހުފު ސޫރަތުގެ 86 ވަނަ އާޔަތުގައިވާ "އިރުއޮސްފުހޭތަނަކީ" ދިވެހިރާއްޖެ ކަމަށްވެސް އެ ފޮތުގައިވެ އެވެ. މިއީ ތެދެއް ކަމަށް ވަނީނަމަ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ (عين حمئة) ވާނީ ދިވެހިރާއްޖޭގަ އެވެ.



 









 

އަލްއުސްތާޛު ޙަމްދީ ބިން ޙަމްޒާ

(عين حمئة) ގެ މާނަކަމަށް ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި ވަނީ "ކަޅުކުލައިގެ ފެންގަނޑެކެވެ." އެތަނަށް އިރުއޮއްސޭ ގޮތާމެދު މުފައްސިރުން ވާހަކަދައްކަވާފައިވެ އެވެ. ފެންގަނޑެއްގެ ތެރެއަށް އެއްޗެއް ގެނބިގެންދާ ގޮތަށް، އެތަނަށް އިރުއޮއްސޭކަމަކަށް މުފައްސިރުންގެ ޖުމްހޫރު ވިދާޅެއް ނުވެ އެވެ. އެބޭކަލުން ވިދާޅުވެފައިވަނީ، އިރުއޮއްސޭތަނަށް ޛުލްޤަރުނައިނި ރަސްގެފާނު ވަޑައިގެންނެވި އިރު، ކަނޑުގެ ތެރެއަށް އިރު ނިވާވެގެންދާ ފަދައިން އިރުއޮއްސޭ މަންޒަރު އެކަލޭގެފާނަށް ފެނިވަޑައިގަތް ކަމަށެވެ. އެހެންވީމާ އެއީ އިރު އޮއްސޭ މަންޒަރު، އެކަލޭގެފާނަށް ފެނިވަޑައިގަތް ގޮތެވެ. އެއީ ކައުނުގެ ޙަޤީޤަތެއްގެ ގޮތުގައި މާތް ﷲ އަންގަވާފައިވާ ބަސްފުޅެއް ނޫނެވެ.

(عين حمئة) ގެ މާނައަކީ، "ހޫނުގަދަ ފެންގަނޑެއް" ކަމަށް މުފައްސިރުން މާނަކުރައްވާފައި ވެ އެވެ. އަދި އެއީ "ކަޅުކުލައިގެ ފެންގަނޑެއް" ކަމަށް ވެސް މާނަކުރައްވާފައި ވެ އެވެ. ކަނޑުގައި އަލިފާން ފަރުބަދަ ގޮވައިގެން ހެދިފައިވާ ފެންގަނޑުގައި މި ދެ ސިފަ ވާނެ އެވެ. އަލިފާންފަރުބަދަ ގޮވާއިރު އެ ފެންގަނޑު ހޫނުވާނެ އެވެ. އަލިފާން ފަރުބަދައިން ބޭރުވާ ތަކެތީގެ ސަބަބުން އެ ފެންގަނޑުގެ ކުލަ ވާނީ ތަޣައްޔަރުވެ ކަޅުވެފަ އެވެ.

މިޒަމާނުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ދުނިޔޭގެ ކަނޑުގައި ދެކޮޅަށް ދަތުރުކުރާ ދެ އޮއިވަރެއް ވެ އެވެ. އޭގެ ތެރެއިން، އެއް އޮއިވަރު ދަތުރުކުރަނީ، އިރުމަތިފަރާތަށެވެ. އެއީ ދުނިޔޭގެ ދެ ތަނޑިއާ ކައިރީގައިވާ އޮއިވަރެކެވެ. އަނެއް އޮއިވަރު ވަނީ ޚައްޠުލްއިސްތަވާ އާ ކައިރީގަ އެވެ. މި އޮއިވަރު ދަތުރުކުރަނީ ހުޅަނގަށެވެ. ދެކޮޅަށް ދަތުރުކުރާ މި ދެ އޮއިވަރުގެ ސަބަބުން ކަނޑުގައި ހޮޅިބުރަށް އެނބުރޭ ފެންގަނޑުތައް އުފެދެ އެވެ. އެޔަށް ހޫނު ފެންގަނޑޭ ކިޔެ އެވެ. އެފަދަ ފެންގަނޑުތައް ދިވެހިރާއްޖޭގެ ކަނޑުގައި ވެ އެވެ .



 















ފޮތުގެ ބޭރުގަނޑުގައި: ޛުލްޤަރުނައިނި ރަސްގެފާނު، މިޞްރުން ދިވެހިރާއްޖެ އަށް ... ދެން ކިރިބަތީ އަށް ...
އެއަށްފަހު ޗައިނާއަށް ދަތުރުކުރެއްވި މަގު ދައްކާދޭ ކުރެހުމެއް

މިދެންނެވި ފެންގަނޑަކީ، (عين حمئة) ކަމުގައި ވެދާނެ ކަމަށް، ޙަމްދީ ކަނޑައެޅުއްވީ ދިވެހިރާއްޖެއަށް އޭނާ ވަޑައިގެންނެވުމުގެ ކުރިންނެވެ. އޭނާ ދިވެހިރާއްޖެއަށް ވަޑައިގެން ކުރެއްވި ދިރާސާތަކުން އިތުރު ޙަޤީޤަތްތައް އޭނާއަށް އެނގިވަޑައިގަތެވެ. އޭގެތެރެއިން އެންމެ މުހިންމު ޙަޤީޤަތަކީ، ގޮވާފައިވާ އަލިފާން ފަރުބަދަތަކެއްގެ އަނގަމަތީގައި، ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވާ ކަމެވެ. ޛުލްޤަރުނައިނި ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވި އިރު، ދިވެހިރާއްޖޭގައި އަލިފާން ފަރުބަދަތައް ގޮވަމުން ދިޔަކަމަށް އޭނާ ލަފާކުރައްވަ އެވެ.

(عين حمئة) ގެ ވާހަކަ ނަންގަނެވިފައިވަނީ، ސޫރަތުލް ކަހުފް ސޫރަތުގެ 86 ވަނަ އާޔަތުގަ އެވެ. އެއާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(حَتَّى إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا)

މާނައީ، "އިރުއޮސްފުހޭތަނަށް އޭނާ ވަޑައިގަތުމަށްދާންދެނެވެ. އެހިނދު ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮސްފުހޭތީ، އޭނާއަށް ފެނިވަޑައިގަތެވެ. އަދި އެތާނގެ ކައިރިން އޭނާއަށް ޤައުމެއްގެ މީހުން ފެނިވަޑައިގަތެވެ. ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. އޭ ޛުލްޤަރުނައިނި އެވެ! އެހެންޏާ އެއުރެންނަށް ތިބާ އަދަބުދެއްވާށެވެ! އެހެންޏާ އެއުރެންނާމެދު އޯގާތެރިކޮށް ކަންތައްކުރައްވާށެވެ!"

މިއާޔަތުގައި މާތް ﷲ އަންގަވާފައި މިވަނީ، ޛުލްޤަރުނައިނި ރަސްގެފާނުގެ ވާހަކަ އެވެ. މިއާޔަތުގައިވާ "އިރުއޮސްފުހޭ" ތަނަކީ ދިވެހިރާއްޖެ ކަމަށްވަނީނަމަ، އެތަނުން އެކަލޭގެފާނަށް ފެނިވަޑައިގަތް މީހުން ވާނީ، އޭރު ދިވެހިރާއްޖޭގައި ދިރިއުޅުނު މީހުންނަށެވެ.

ޛުލްޤަރުނައިނި ރަސްގެފާނު ދަތުރުފުޅު ފަށްޓަވާފައިވަނީ މިޞްރުންނެވެ. ރަތް ކަނޑާއި ޢަރަބި ކަނޑު ހުރަސްކުރައްވައި އެކަލޭގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވި އެވެ. އެކަލޭގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވި ކަމުގެ އާސާރީ ހެކިތައް، ދިވެހިރާއްޖެއިން ފެނިފައިވާ ކަމަށް ފޮތުގެ މުއައްލިފު ލިޔުއްވާފައި ވެ އެވެ. އޭގެތެރެއިން އެއް ހެތްކަކީ، އެޒަމާނުގައި މިޞްރު މީހުން ގެންގުޅުނު ކަހަލަ ފުރާދުއްވާ ތަކެތި ދިވެހިރާއްޖެއިން ފެނިފައިވާ ކަމެވެ.

ޛުލްޤަރުނައިނި ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑައިގެންނެވުމުން، ވަރަށް އާދަޔާ ޚިލާފު މަންޒަރެއް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެއީ، އިރުއޮއްސޭ މަންޒަރެވެ. އެމަންޒަރު ދިވެހިރާއްޖޭގައި ފެންނަނީ، މާސިންގާ ބިޔަ ކަނޑުގައި އަލިފާން ފަރުބަދަ ގޮވައި ކިލަނބުވެފައިވާ ހޫނު ފެންގަނޑުގެ ތެރެއަށް އިރުއޮއްސޭހެންނެވެ. މިއީ، މިޞްރުން އެކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ މަންޒަރެއް ނޫނެވެ .



 












ކަނާތްފަރާތުގައިވާ ފޮޓޯ: އަލްއުސްތާޛު ޙަމްދީގެ ފަހަތުން އެފެންނަނީ ޛުލްޤަރުނައިނި ރަސްގެފާނު ބިނާކުރެއްވި ފާރެވެ.
ވާތްފަރާތުގައިވާ ފޮޓޯ: އަލްއުސްތާޛު ޙަމްދީ އެހުންނެވީ އެފާރުގެ މަތީގަ އެވެ.

ދިވެހިރާއްޖެއަށް ވަޑައިގަތުމަށްފަހު، ޛުލްޤަރުނައިނި ރަސްގެފާނު، ދުނިޔޭގެ އިރުމައްޗަށް ދަތުކުރުކުރެއްވީ ޚައްޠުލްއިސްތަވާގެ މަތީގަ އެވެ. އެ ދަތުރުފުޅުގައި އެކަލޭގެފާނު ކިރިބަތީއަށް ވަޑައިގެންނެވި އެވެ. ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ (مطلع الشمس) އަކީ އެ ޖަޒީރާ އެވެ. އެއަށްފަހު އެކަލޭގެފާނު ޗައިނާއަށް ވަޑައިގެންނެވި އެވެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ އަނިޔާވެރިކަމުން މީހުން ސަލާމަތްކުރެއްވުމަށްޓަކައި އެކަލޭގެފާނު ފާރެއް ބިނާކުރެއްވީ ޗައިނާގަ އެވެ. މިއަދާ ހަމައަށް ވެސް، ކިރިބަތީއާއި ޗައިނާގައި އެކަލޭގެފާނާބެހޭ އާސާރީ ހެކިތައް އެބަހުއްޓެވެ. ނަމަވެސް މި މަޒުމޫނުގައި އެއަށް އަލިއަޅުވާލާކަށް ނެތީމެވެ. މި މަޒުމޫނުގެ ބޭނުމަކީ، ޙަމްދީގެ ފޮތުގައިވާ ދިވެހިރާއްޖެއާ ބެހޭ ވާހަކަ ކޮޅެއް ލިޔެލުމެވެ. ކީރިތި ޤުރުއާނުގައި ދިވެހިރާއްޖެ ނަންގަނެވިފައިވާ ކަމަށް އެފޮތުގައި ވާތީ، އެކަން ހާމަކުރުމެވެ.
                -------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން