ނަން އޮޅިފައިވާ ފޮޓޯ













އޭގެ އަޞްލެއްނެތް ކުރެހުމަކަށްނުވާ މަންޒަރާއި މީހުންނާއި އެއްޗިއްސާއި އަދި ތަންތަން ފެންނަ ފޮޓޯއަކީ ތާރީޚާއި ގުޅުންހުރި އެއްޗަކަށްވާތީ މިފަދަ ފޮޓޯތަކުގެތެރޭ އޭގެ ތަޢާރަފު އޮޅިފައިވާ ފޮޓޯތަކަކީ އޭގެ ސަބަބުން ތާރީޚަށް އުނިކަންލިބުން އެކަށީގެންވާ އެއްޗެކެވެ. މިއުނިކަން ޙިއްޞާކުރާނީ ހިނގަމުންދާ ޖީލާއި އަންނަންއޮތް ޖީލުންނެވެ. އެ ޖީލުތަކުގެ މީހުންނެވެ. 

ބައެއްފޮޓޯއަކީ އެފޮޓޯއިން ފެންނައެއްޗެއް ނުވަތަ ތަނެއް އެފޮޓޯއެއް ބަލާ ކޮންމެމީހަކަށް އެނގޭނެ އެއްޗަކަށް ނުވާތީ އެ ފޮޓޯއިން ފެންނައެއްޗެއް ނުވަތަ ތަނެއްގެ ތަޢާރަފެއް އެފޮޓޯއެއްގައި ލިޔެފައި ހުރެއެވެ. މިގޮތަށްލިޔާ އެ ފޮޓޯއެއްގެ ތަޢާރަފަކީ އޭގެ ޙަގީގަތާ އެއްގޮތްނުވާ އެއްޗަކަށްވާނަމަ އޭގެ ޙަގީގަތް އޮޅުނީއެވެ. އޭގެ އަޞްލު ނޭނގުނީއެވެ. މީގެ މިސާލަކީ މިލިޔުމުގެ މަތީގައިއެވާ ފޮޓޯއެވެ. ފޮޓޯގެ ތަޢާރަފުގައި ލިޔެފައިވާގޮތުން އެއީ މަތިންދުއްވާ ބޯޓެކެވެ. ނަމަވެސް އެއީ ކުކުޅެކެވެ. އޭގެކައިރިން ކުކުޅުގެ ފިޔޮއްތަކެއްވެސް އެބަ ފެނެއެވެ. މިހެންވީމާ އޭގެ ޙަގީގަތް އޮޅުނީއެވެ. އޭގެ އަޞްލު ނޭނގުނީއެވެ.

ފޮޓޯއަކުން ފެންނަތަނެއް ނޫނީ ފޮޓޯއަކުން ފެންނަ ބަޔެއްގެނަން އެފޮޓޯގައި ލިޔެފައިވާގޮތް ރަނގަޅުނޫންކަމަށް ވިޔަސް އެފޮޓޯއެއް ފެނުމުން އެއީ ކޮންތަނެއްކަން އެއީ ކޮންބަޔެއްކަން އެނގޭބަޔަކު މިހާރު ތިބެދާނެއެވެ. ނަމަވެސް އެ ބަޔަކުނެތިވެ ދިޔުމުން އޭގެފަހުން އެފޮޓޯއިން ފެންނަތަނެއް ނޫނީ އެފޮޓޯއިން ފެންނަބަޔަކު ނޭނގުމަކީ ވަރަށްކައިރި ކަމެކެވެ. މިހެންވުމުން ފޮޓޯއެއްގައި އެތަނެއްގެނަން ނުވަތަ އެބަޔެއްގެނަން ލިޔާނަމަ ލިޔަންވާނީ ރަނގަޅަށެވެ. އެހެންނޫނީ އެފޮޓޯއިން ތާރީޚު އޮޅިގެންދިޔުން އޮންނާނީ ވަރަށްކައިރީގައެވެ. އޭގެ ޙަގީގަތް އޮޅޭނެއެވެ. އޭގެ އަޞްލު ނޭނގޭނެއެވެ.

ފޮޓޯއިން ތާރީޚު އޮޅިގެންދިޔުން ކައިރިކަމަށް ދެންނެވީ، ތާރީޚު މާނަކުރެވޭ ކަންކަމެއް ހުރީމައެވެ. އެއްކަމަކީ ސަނަތެވެ. ސަނަތުގެތެރޭ ކަމެއްހިނގި ނުވަތަ އެއްޗެއް އުފެދުނުދުވަހާއި  ރަސްރަސްކަލުންނާއި މަޝްހޫރުމީހުންގެ ނަސަބާއި ވާހަކަތަކާއި އެމީސްމީހުން އުފަންވިދުވަހާއި މަރުވިދުވަސްވަރާ ބެހޭ މަޢުލޫމާތު ހިމެނެއެވެ. 

ތާރީޚު މާނަކުރެވޭ ކަންކަމުގެތެރެއިން އަނެއްކަމަކީ ތާރީޚު ޢިލްމެވެ. އެއީ  ކަމެއްހިނގަމުން އައިގޮތް ލިޔެފައިވާ ލިޔުންތައް ނުވަތަ ކަމެއްހިނގަމުން އައިގޮތް ކިޔައިދީފައިވާ ކިޔައިދިނުމެވެ. ބައެއް ފޮޓޯތަކީ މިފަދަ ލިޔުންތަކެއް ނުލިޔެ އަދި މިފަދަ ކިޔައިދިނުންތަކެއް ކިޔައިނުދިންކަމަށް ވިޔަސް އެކަމެއް އެނގޭ ފޮޓޯއެވެ. އެކަމެއް އެނގުމުގެ ބާރަކަށްފުދޭ ފޮޓޯއެވެ.

                           ނަން ނުވަތަ ތަޢާރަފު އޮޅިފައިވާ ބައެއްފޮޓޯ: 


ނަންބަރ 1 ގައިވާ ފޮޓޯގައި ލިޔެފައިވަނީ ހުވަދޫ ބަޣާވަތް ހަމަޖައްސަން ދެވަނަފަހަރަށް ތިނަދުއަށްދިޔަ ދަތުރުގެ ތެރެއިން ތިނަދޫގައި ގައުމީދިދަ ނެގުމަށްފަހު ސިފައިން ތިނަދުއަށް އަރަނީކަމަށެވެ. ނަމަވެސް މިފޮޓޯއަކީ ތިނަދޫގެ ފޮޓޯއެއްނޫނެވެ. ގައްދޫގެ ފޮޓޯއެކެވެ. މިއީ ގައްދޫކަން އެނގޭނޭމީހުން މިހާރުވެސް ގައްދޫގައި އެބަތިއްބެވެ.


ނަންބަރ 2 ގައިވާ ފޮޓޯގައި ލިޔެފައިވަނީ ހަވަރުތިނަދޫ ޢަބުދުލް ކަތީބު(ޢަބުދުﷲ ކަތީބު)ގެ ގެ ކަމަށެވެ. ނަމަވެސް މިއީ ހަވަރުތިނަދޫ ކާޑުގެ(މާލިއްޔާ)އެވެ.


ނަންބަރ 3 ގައިވާ ފޮޓޯގައި ލިޔެފައިވަނީ ހުވަދޫބަޣާވަތް ހަމަޖައްސަން ދެވަނަފަހަރަށް މޯލްޑިވްސްޓާރ ތިނަދުއަށް ކުރި ދަތުރުގައި ތިނަދޫއިން މީހުން ބާލަނީކަމަށެވެ. ނަމަވެސް ހުވަދޫ ބަޣާވަތޭ ކިޔަސް ނޫނީ ހަމަނުޖެހުމެކޭ ކިޔަސް އެކިޔާ އެއްޗެއް ހަމަޖައްސަން ދެވަނަފަހަރަށް ތިނަދޫއަށްދިޔައީ "މޯލްޑިވްސްޓާރ" ނޫނެވެ. "ސިލްވަރކްރެސްޓް" އެވެ. އަދި މިއީ ތިނަދޫން މީހުންބާލަމުން ދަނިކޮށް ފެންނަ ފޮޓޯއެއްވެސް ނޫނެވެ. "ސިލްވަރކްރެސްޓްގެ" އެދަތުރު ތިނަދޫ ފެންނަ ނުވަތަ ތިނަދޫގެ ކަނޑުދަތުރުކުރާ އުޅަނދެއް ފެންނަ އެއްވެސްފޮޓޯއެއް އަދި މިހާތަނަށް ފެނިފައިނުވެއެވެ. މި ފޮޓޯއަކީ ގައްދޫގެބޭރުގައި މޯލްޑިވްސްޓާރ އޮއްވައި އޭގެކައިރިއަށް ކުދި ދޯނިފަހަރުގައި ބަޔަކުގޮސް އުޅެނިކޮށް ފެންނަ ފޮޓޯއެކެވެ.


ނަންބަރ 4 ގައިވާ ފޮޓޯގައި ލިޔެފައިވަނީ ހުވަދޫބަޣާވަތް ހަމަޖައްސަން ދެވަނަފަހަރަށް "މޯލްޑިވްސްޓާރ" ތިނަދުއަށް ކުރި ދަތުރުގައި ތިނަދޫގެރައްޔިތުން ކަމަށެވެ. ނަމަވެސް މިއީ ހުވަދޫބަޣާވަތޭ ކިޔަސް ނޫނީ ހަމަނުޖެހުމެކޭ ކިޔަސް އެކިޔާ އެއްޗެއް ހަމަޖައްސަން ފުރަތަމަފަހަރަށް ތިނަދޫއަށް "މޯލްޑިވްސްޓާރ" ދިޔަ ދަތުރުގައި ތިނަދޫ ކާޑުގޭ ދޮށުގައި ބަޔަކުތިއްބައި ފެންނަފޮޓޯއެކެވެ.


ނަންބަރ 5 ގައިވާ ފޮޓޯގައި ލިޔެފައިވަނީ، ހުވަދޫބަޣާވަތް ދެވަނަފަހަރަށް ހަމަޖައްސަން 1962ގައި "މޯލްޑިވްސްޓާރ" ކުރި ދަތުރުގައި ތިނަދޫގެ ބައެއް މީހުންނާއެކު ބޯޓުގެ ފަޅުވެރިން ތިނަދޫގައި ތިބި ފޮޓޯއެއް ކަމަށެވެ. ނަމަވެސް 1962 ގައި ތިނަދުއަށް ދިޔައީ "ސިލްވަރކްރެސްޓް" އެވެ. "މޯލްޑިވްސްޓާރ"ނޫނެވެ. ތިނަދޫން މީހުންބޭލި ދަތުރުގައި މީހަކުލައްވައި ފޮޓޯއެއް ނަންގުވަން ހަމަޖެހިލައިގެން ތިނަދޫގެބަޔަކު މިގޮތަށް ތިބޭނެކަމަށް ބަޔަކު ދުށުމަކީވެސް ދުށްބަޔަކު އެތިބި ގޮތަކާމެދު ސުވާލު އުފެދޭވަރުގެ ކަމެކެވެ. މިފޮޓޯއަކީ "މޯލްޑިވްސްޓާރ" ތިނަދުއަށް ކުރި ދަތުރުގެ ފޮޓޯއެކެވެ.


ނަންބަރ 6 ގައިވާ ފޮޓޯގައި ލިޔެފައިވަނީ، ހުވަދުއަތޮޅު ބަޣާވާތުގައި ސަރުކާރާއިދެކޮޅުވި ތިނަދޫގެ ކުށްވެރިން ކަމަށެވެ. ނަމަވެސް އެދުވަސްވަރުގެ ތިނަދޫގެމީހަކު މިފޮޓޯގައި ފެންނާކަށްނެތެވެ .


ނަންބަރ 7 ގައިވާ ފޮޓޯގައި ލިޔެފައިވަނީ މިގެއަކީ ހަވަރުތިނަދޫ ޢަބުދުﷲ ކަތީބުގެ ގެ ކަމަށެވެ. ނަމަވެސް މިއީ ހަވަރުތިނަދޫ ޙުސައިން މަޖުދީގެ ގެއެވެ. މިގޭގައި އެދުވަސްވަރު އުޅުއްވި ޙުސައިން މަޖުދީގެ އަނބިކަނބަލުން އާމިނަތު ޙުސައިންދީދީ މިހާރުވެސް ދުނިޔޭގައި އެބަ އިންނެވިއެވެ.
                     --------------------
ޢަބުދުﷲ ޙިލްމީ
10 އޮކްޓޫބަރ 2014މ.