ދަސްކުރަންޖެހޭ އަށް ކަންތައް
















އެއްފަހަރަކު ޢިލްމްވެރި އުސްތާޛަކު އޭނާގެ ދަރިވަރުންގެ ތެރެއިން ދަރިވަރަކު ކުރެން ސުވާލެއްކުރިއެވެ. ތިޔަދަރިވަރު އަހުރެން ކައިރިން އުނގެނޭތާ މިހާރު ވަރަށް ދުވަސްވެއްޖެއެވެ. ވީމާ މިހައިހިސާބަށް ދަސްވީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ "އަހުރެން، އަށް ކަމެއް ދަސްކޮށްފީމެވެ." އޭނާ ޖަވާބުދިނެވެ.

ފުރަތަމަ ކަމަކީ އިންސާނުން އުފައްދަވާފައިވާ ގޮތެވެ. އަހުރެންނަށް ފެނުނީ ކޮންމެ މީހަކަށްވެސް އެމީހަކު އެންމެ ލޯބިވާފަރާތެއް ވާކަމާއި، އެކަމަކު ކަށްވަޅަށް އެމީހަކު ދާންޖެހެނީ އެމީހެއްގެ އެންމެ ލޯބިވާފަރާތް ދޫކޮށްލައިފަކަމެވެ. އެހެންވީމާ އަހުރެންގެ ލޯބިވާފަރާތް ކަމުގައި އަހުރެން ހެދީ އަހުރެންގެ ހެޔޮ ޢަމަލުތަކެވެ. އޭރުން އެޢަމަލުތައް ކަށްވަޅުގައި އަހުރެންގެ ބައިވެރީން ކަމުގައިވާނެއެވެ.

ދެވަނައަށް އަހުރެންނަށް ފާހަގަކުރެވުނީ އައްނާޒިޔާތި” ސޫރަތުގެ ސާޅީސް ވަނަ އާޔަތެވެ. އެއާޔަތުގައި ވަނީ: “އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!” މި ބަސްފުޅެވެ. އެހެންކަމުން އަހުރެން ގަދައަޅައި މަސައްކަތްކުރީ އަހުރެންގެ އެދުންތަކާ ދެކޮޅަށެވެ. އެއީ މާތް ﷲ އަށް ކިޔަމަންތެރިކަން މަތީ ދެމިހުރުމަށެވެ.

ތިންވަނައަށް އަހުރެންނަށް ފެނުނީ ކޮންމެމީހަކުވެސް އެމީހެއްގެ އަތުގައި އެއްވެސް ބާވަތެއްގެ އަގުހުރިއެއްޗެއް ވާނަމަ، އެ އެއްޗެއް ރައްކާތެރިކުރަން މަސައްކަތްކުރާ ތަނެވެ. އެހެންކަމުން “އައްނަޙުލު” ސޫރަތުގެ ނުވަދިހަ ހަވަނަ އާޔަތާ މެދު އަހުރެންނަށް ވިސްނާލެވުނެވެ. އެ އާޔަތުގައި ވަނީ: “ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި اللَّه ގެ حضرة ގައިވާ އެއްޗެއް ދެމިހުންނާނެތެވެ. އަދި ހަމަކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން عمل ކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.” މި ބަސްފުޅެވެ. އެހެންކަމުން، އެ އެއްޗެއްގައި އަގެއްހުރި ކޮންމެ އެއްޗެއް އަހުރެން ހޭދަކުރީ މާތް ﷲ އަށްޓަކައެވެ. އެއީ އަހުރެންނަށްޓަކައި އެ އެއްޗެއް އެކަލާންގެ ޙަޟްރަތުގައި އަބަދަށް ދެމިހުރުމަށްޓަކައެވެ.

ހަތަރުވަނައަށް އަހުރެން ދުށީ މީސްތަކުން މުއްސަނދިކަމާއި، ޢިއްޒަތާއި މަޤާމްތައް ހޯދުމުގައި އުޅޭތަނެވެ. އެއީ އަހުރެންގެ ނަޒަރުގައި އެހައި އަގުހުރިކަންކަމެއް ނޫނެވެ. އަދި އަހުރެން “އަލްޙުޖުރާތު” ސޫރަތުގެ ތޭރަ ވަނަ އާޔަތާއި މެދު ވިސްނީމެވެ. އެއާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވަނީ: “ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.” މި ބަސްފުޅެވެ. އެހެންކަމުން އަހުރެން ވީހާވެސް ބޮޑަށް މަސައްކަތް ކުރީ ﷲ އަށް ތަޤުވާވެރި ވުމަށެވެ. އެއީ އެކަނލާންގެ ޙަޟުރަތުގައި މާތްކަން ލިބިގަތުމަށެވެ.

ފަސްވަނައަށް އަހަންނަށް ފެނުނީ މީސްތަކުން އެކަކު އަނެކަކު ދެކެ ޙަސަދަވެރި ވެފައި ވަނިކޮށެވެ. އެހެންކަމުން އަހުރެން ބެލީ “އައްޒުޚްރުފް” ސޫރަތުގެ ބައްތިރީސް ވަނަ އާޔަތަށެވެ. އެ އާޔަތުގައިވަނީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަންދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ.” މި ބަސްފުޅަށެވެ. އެހެންވީމާ އަހުރެން ޙަސަދަވެރިކަމާ ދުރުހެލިވެގަތީމެވެ.

ހަވަނައަށް އަހުރެން ދުށީ މީސްތަކުންގެ މެދުގައި ދުޝްމަންކަން އުފެދިފައިވަނިކޮށެވެ. ދެން އަހުރެންގެ ޚިޔާލަށް އައީ ފާޠިރު ސޫރަތުގެ ހަވަނަ އާޔަތުގައިވާ “ހަމަކަށަވަރުން، شيطان އާއަކީ، ތިޔަބައިމީހުންނަށްވާ عداوة ތެރިޔެކެވެ. ފަހެ، އެ شيطان އާއީ، عداوة ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعة އަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهل ވެރިންގެތެރެއިން ވުމަށެވެ. އެހެންކަމުން އަހުރެން ދުޝްމަންވުމާއި ދުރުހެލިވެ އަހުރެންގެ ދުޝްމަނަކީ ހަމައެކަނި ޝައިޠާނާ ކަމުގައި ހެދީމެވެ.

ހަތްވަނައަށް އަހުރެން ދުށީ މީސްތަކުން ރިޒުޤު ހޯދުމަށްޓަކައި އެމީހުންގެ އަގު އަމިއްލައަށް ވައްޓާލަމުން ދާ ތަނެވެ. ދެން އަހުރެންގެ ޚިޔާލަށް އައީ “ހޫދު” ސޫރަތުގެ ހަވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ “ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه رزق ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ.” މި ބަސްފުޅެވެ. އެހެންކަމުން އަހުރެން އަވަނެތި އުޅުނީ ﷲ އަށްޓަކައި އަހުރެން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައެވެ. އަހުރެންގެ މުދާ ﷲ އަށްޓަކައި އަހުރެން ދޫކޮށްލީމެވެ.

އަށްވަނައަށް އަހުރެންނަށް ފެނުނީ މީސްތަކުން އެމީހުންގެ ވިޔަފާރިއާއި، ގެދޮރާއި، އަމިއްލަ ޞިއްޙަތާމެދު މަޝްޢޫލްވެގެން އުޅެނިކޮށެވެ. ދެން އަހުރެންގެ ޚިޔާލަށް އައީ “އައްޠަލާޤުސޫރަތުގެ ތިންވަނަ އާޔަތުގައިވާ އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.” މިބަސްފުޅެވެ. އެހެންކަމުން އަހުރެން ވަކީލުކުރަނީ ހަމައެކަނި މާތް ﷲ އަށެވެ.
            ----------------------

ލިޔުއްވީ: އަޙުމަދު ނާޞިޙު ޢަންބަރީވިލާ/ ސ.މީދޫ