މުޙައްމަދު ޣިޔާސުއްދީނާއި ދިވެހިރަސްކަން ޙަވާލުކުރުން















މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމަށް ނިންމެވީ މުޙައްމަދު ޣިޔާސުއްދީންގެ ކުރިން ދިވެހި ރަސްކަމުގައި ހުންނެވި ސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނެވެ. އެ ރަދުން މިކަން ނިންމެވުމުގެ ސަބަބު އެންމެމޮޅަށް އެނގިވޮޑިގެންވާނީ ވެދިޔަހާ ކަމަކާއި ވަނިވިހާ ކަމެއް އެންމެމޮޅަށް ދެނެވޮޑިގެން އެނގިވޮޑިގެންވާ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އެއަށްފަހު އެކަން އެނގިވަޑައިގަންނަވާނީ ދޮންބަންޑާރައިންނަށެވެ.

މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމަށް ދޮންބަންޑާރައިން ނިންމެވި ސަބަބެއް އެރަދުންގެ ފަރާތްޕުޅުން ނުވަތަ އެދުވަސްވަރުގެ އިތުބާރުހުރި ގޮތަކުން އެނގެންނެތި އޭގެ ދުއިސައްތަ އެތައް އަހަރެއްގެ ފަހުން އެ ރަދުން އެކަންކުރެއްވުން އެކަށީގެންވާ ސަބަބަބަކީ ކޮބައިތޯ ބަލަން ބަޔަކު އުޅޭނަމަ އެކަމަށްޓަކައި އެބަޔަކު ކުރަންޖެހޭ މަސައްކަތްތަކެއް ހުންނާނެއެވެ. މިއީ އެފަދަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމަކީ އެކަންކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދޮންބަންޑާރައިންނަށް ލިބިވަޑައިގެންފައިވާ ކަމެއްތޯއާއި އަދި އެކަން ހިނގާފައިވަނީ އެދުވަސްވަރު އެކަންކުރަން އޮންނަ އުޞޫލާއި ހަމަތަކާއި އާދަކާދަތަކާއި އެއްގޮތަށް ސަލާމަތްބުއްދި ގަބޫލުކުރާ ޙައްގުގެ މަގުންތޯ ނުވަތަ ނޫންތޯ ބެލުމުގެ މަސައްކަތެވެ. މިމަސައްކަތްކުރުމުގައި ފެންނަފަށުގައި ހުރި ތާރީޚީ ބައެއް ލިޔުންތަކެއްގެ އެހީތެރިކަން ހޯދުމުގެ އިތުރަށް އެދުވަސްވަރުގެ ޙާލަތާއި ބައެއް ކަންކަން ހުރިނެތް ގޮތަށް ވެސް ބަލައިފައިވާނެއެވެ.

މިހެންވީ ނަމަވެސް މީހަކަށް މިފަދަ މަސައްކަތް ކުރެވޭގޮތާއި އެއިން ނުކުތް ނަތީޖާއަކީ އިންސާނީ ހަމަބުއްދި ގަބޫލުކުރާ ރަނގަޅު އެއްޗެއްތޯ ނުވަތަ ނޫންތޯ ނިންމާނީ އެ މަސައްކަތެއް ދެކޭން ތިބި ބަޔެކެވެ.

1- މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދޮންބަންޑާރައިންނަށް ލިބިވަޑައިގެންފައިވޭތޯ ނުވަތަ ނޫންތޯ:

މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމަށް ދޮންބަންޑާރައިން ނިންމެވުމާއި ގުޅިގެން މުޙައްމަދު ޣިޔާސުއްދީން ރަސްކަމަށް އިސްވެވަޑައިގަތީ 1766މ. ގައެވެ. އެދުވަސްވަރުން ފެށިގެން 1893މ. އާއި ހަމައަށް އައިއިރު ވެސް ދިވެހިރާއްޖޭގެ ރަދުންނަށް އޭނާގެ ފަހަށް ރަސްކަމަށް އިސްވާނޭ ބޭފުޅަކު ޢައްޔަންކުޅައުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިވަޑައިގެންފައި ވާތީ އެކަން އެގޮތަށް ކުރައްވައިފައިވާ ކަން އެނގެއެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރުއްވި "ދިވެހި ތާރީޚަށް އައު އަލިކަމެއް" މިފޮތުގެ 638 ން 649 ށް އެވާ ޞަފުޙާތަކުގައި ރާއްޖެއާއި ބެހޭ ކުރީގެ ލިޔުންތަކެއް ލިޔުއްވި ޕިރާޑްޑީލަވާލް އާއި އެޗް.ސީ.ޕީ ބެލް އާއި ލެފްޓެނަންޓް ކްރިސްޓޮފަރއާއި އަދި ދިވެހި ދައުލަތުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންކޮޅެއްގެ ލިޔުއްވުންތަކުން އެނގޭގޮތުގައި ދިވެހިރާއްޖޭގެ ރަދުންނަށް އޭނާގެ ފަހަށް ރަސްކަމަށް އިސްވާނޭ ބޭފުޅަކު ޢައްޔަންކުޅައުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިވަޑައިގެންފައިވެއެވެ. މީގެ ބައެއް ހެކިތަކެއްގެ ތެރެއިން ދެއްކެވި އެއްކަމަކީ ވެސް މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމަށް ދޮންބަންޑާރައިން ނިންމެވުމުން އެގޮތަށް އެކަންކޮށްފައިވާ ކަމެވެ.

މިހެންވުމުން މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވީ އެކަންކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދޮންބަންޑާރައިންނަށް ލިބިވަޑައިގެންފައި އޮވެގެން ކަން އޮޅުމެއްނެތި އެނގޭތީވެ ދެން ބަލަންޖެހެނީ މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމަށް ދޮންބަންޑާރައިން ނިންމެވުން އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ސަލާމަތް ބުއްދިއަށް ގަބޫލުކުރެވޭތޯއާއި އެފަދަ ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރެވޭނަމަ އެ ސަބަބުތަކަކީ ކޮބައިތޯއެވެ.

2- މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމަށް ދޮންބަންޑާރައިން ނިންމެވުން އެކަށީގެންވާ ފުރަތަމަ ސަބަބު:

ދޮންބަންޑާރައިން އިސްވެހުންނަވައިގެން ހޮޅިންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމުން އެމަނިކުފާނު އެ ކުރެއްވި ދީނީ ގައުމީ މަތިވެރި ޖިހާދަށްޓަކައި ދިވެހި ރަސްކަމުގެ ތަޚުތުގައި އެމަނިކުފާނު އިށީނދެވަޑައިގަތުމަކީ ދިވެހިރައްޔިތުން ލޮލުންބޮލުން ރުހިގެން ތިބި ކަމެކެވެ. މިހެންވީ ނަމަވެސް ދޮންބަންޑާރައިން ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިނުގެން އެމަނިކުފާނު ދެކެވަޑައިގަތީ ދިވެހި ރަސްކަމުގެ ޙައްގުވެރިއަކީ ހޮޅިން ރާއްޖެއަށް ވެރިވެގަތުމަށްފަހު އެބައިމީހުން ކަންނަންނޫރަށް ގެންދިޔަ އޭރުގެ ރަސްގެފާނު ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން ކަމަށެވެ. ނުވަތަ އެއީ ދިޔަމިގިލީ ޢާއިލާގެ ރަސްކަމެއް ކަމަށެވެ. މިގޮތަށް ދޮންބަންޑާރައިން ދެކިވަޑައިގަތް ކަމުގެ ހެކި ދިވެހި ތާރީޚުން ލިބެއެވެ.

ދިވެހި ގައުމުގެ ޙާލަތާއި ބައެއް ކަންކަން ހުރިގޮތުން ގައުމުގެ ހެވާއި ލާބައަށްޓަކައި ދިވެހިންގެ ގިނަބަޔަކު ގަދައަޅައި ދަންނަވަމުން ގެންދިޔުމުން ދޮންބަންޑާރައިން ދިވެހި ރަސްކަން ގަބޫލުފުޅުކުރެއްވީ ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން ހޮޅިންގެ ހައްޔަރުގައި ހުންނަވާތާ 4 އަހަރާއި 6 މަހުގެ ފަހުން މަލިކުގައި ފުރައުއްތަވުމުގެ 3 އަހަރުގެ ވެސް ފަހުންނެވެ. އަދި އޭގެ އިތުރަށް ދިވެހި ރަސްކަމުގެ ވަލީޢަހުދުކަމަށް ދޮންބަންޑާރައިން ދެކެވަޑައިގަންނަވާ މުޙައްމަދު ޣިޔާސުއްދީން ރާއްޖެ ގެންނެވޭނޭ ގޮތެއް ވެސް އެހާތަނަށް ނުވެ އޮތުމުންނެވެ.

ދޮންބަންޑާރައިންގެ މަސައްކަތްޕުޅުން މުޙައްމަދު ޣިޔާސުއްދީން ރާއްޖެ ގެންނެވުނީ ހޮޅިން އެބޭފުޅުން ގެންދިޔަތާ 10 އަހަރުގެ ފަހުން 1176ހ.ގަ އެވެ. މުޙައްމަދު ޣިޔާސުއްދީން ރާއްޖެ ގެންނެވުމަށްފަހު އެމަނިކުފާނުގެ ދެކަނބަލުން އުޅުއްވުމަށް ރަސްކަމުގެ ގަނޑުވަރުގެ އެތެރެކޮއިލު ދެއްވުމަށްފަހު ދޮންބަންޑާރައިން އުޅުއްވަމުން ގެންދެވީ އެރަދުންގެ އަމިއްލަފުޅު ގެކޮޅުގައެވެ.

ދިވެހި ރަސްކަމުގެ ޙައްގުވެރިއަކީ ހޮޅިން ރާއްޖެއަށް ވެރިވެގަތުމަށްފަހު އެބައިމީހުން ކަންނަންނޫރަށް ގެންދިޔަ އޭރުގެ ރަސްގެފާނު ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން ކަމަށް ނުވަތަ އެއީ ދިޔަމިގިލީ ޢާއިލާގެ ރަސްކަމެއް ކަމަށް ދޮންބަންޑާރައިން ދެކިވަޑައިގަތް ކަމުގެ ހެކި ދިވެހި ތާރީޚުން ލިބޭ ކަންކަމަކީ:

(ހ) ދިޔަމިގިލީ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ދަރިކަނބަލުން އާމިނާ ކަނބާފާނުގެ ނަންފުޅުގައި ރަސްކަން ހިންގެވުން.
(ށ) ދިޔަމިގިލީ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީންގެ ދަރިކަލުން ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ދަރިކަނބަލުން އާމިނާ ރަނިކިލެގެފާނުގެ ނަންފުޅުގައި ރަސްކަން ހިންގެވުން.
(ނ) ހޮޅިން ރާއްޖެއަށް ވެރިވެގަތުމަށްފަހު އެބައިމީހުން ކަންނަންނޫރަށް ގެންދިޔަ ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީންގެ ދަރިކަލުން ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނާއި އަދި ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު ޣިޔާސުއްދީން ރާއްޖެއަށް ގެންނެވޭތޯ ދޮންބަންޑާރައިން ކުރެއްވި ތަފާތު ގިނަގުނަ މަސައްކަތްޕުޅުތައް.

3- މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމަށް ދޮންބަންޑާރައިން ނިންމެވުން އެކަށީގެންވާ ދެވަނަ ސަބަބު:

(ހ) ދޮންބަންޑާރައިން އިސްވެ ހުންނަވައިގެން ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމާއި ދޮންބަންޑާރައިން ފުރައުއްތަވުމާއި ދެމެދު 4 ފަހަރު ދިވެހިރާއްޖޭގެ ވެރިކަންއަތުލައި ރާއްޖެ އެބައިމީހުންގެ އަތްދަށަށް ގެނައުމަށްޓަކައި ކަންނަންނޫރުގެ ޢަލީރާޖާ ފޮނުވި ހަނގުރާމައިގެ އުޅަނދުތައް ރާއްޖެއައުމުން އެބައިމީހުންނާއި ހަނގުރާމައިގެ ގޮތުން ކުރިމަތިލައި ދިވެހިންގެދީނާއި ދިވެހިންގެ ގައުމު ސަލާމަތްކުރަން ޖެހުނެވެ. މިހެންވުމުން ޢަލީރާޖާގެ ލަޝްކަރާއި ކުރިމަތިލައްވައި ރާއްޖެ ސަލާމަތްކުރެއްވުމުގެ މުގައްދަސް ވާޖިބު އަދާކުރައްވާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ފަރާތުން ދޮންބަންޑާރައިންނެވެ. މިމަތިވެރި ވާޖިބު އަދާކުރެއްވުމުގައި ދޮންބަންޑާރައިންގެ ދެ ޙައިސިއްޔަތެއް އޮތް ކަމަށް ބެލެވެއެވެ.

ފުރަތަމަ ޙައިސިއްޔަތަކީ ރާއްޖޭގެ މުސްލިމް އަޅުތަކުންގެ އެންމެހައި ކަންކަމާއި އެހިނދަށް މަތިވެ ހުންނެވި ވެރިޔާގެ ޙައިސިއްޔަތެވެ.
ދެވަނަ ޙައިސިއްޔަތަކީ ދިވެހިންގެ ދީނާއި ދިވެހިންގެ ގައުމު ސަލާމަތްކުރަން ޖެހޭ ނާޒުކް ދަނޑިވަޅުތަކުގައި "އައްޔެކޭ އަނދިރިއެކޭ ވާނީ އެއްވަރޭ" ބުނުން ފަދަ ދީނާއި ގައުމު ބޮލާލައި ޖަހައި ފެއަށްޖެހުމުގެ ހިތި ނަތީޖާ ދިވެހިން ދެކިފައިވާތީ އެހެންނުވާނެ ގޮތަކަށް ދުޝްމަނުންނާއި މުގާބަލާކުރެއްވުމުގެ އެންމެ އިސް ޒިންމާ ނުހަނު ވިސްނުންތެރިކަމާއި އެކު ދޮންބަންޑާރައިން އުފުއްލަވަން ޖެހިވަޑައިގަތުމުގެ ޙައިސިއްޔަތެވެ.

(ށ) ހ. ގައި ބަޔާންކުރި ކަންކަން އެގޮތަށް ހުރުމުން އެދުވަސްވަރު ދިވެހިރާއްޖެ އޮތީ ބޭރުގެ ޢުދުވާނީ ބާރުތަކުން ސަލާމަތްވެފައިނޫން ކަމާއި ކުރިއަށް އޮތް ތާނގައިވެސް އެފަދަ ޢުދުވާނީ ބާރުތަކާއި ދިވެހިރާއްޖެއިން ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާކަމެއް ކަމަށް ދޮންބަންޑާރައިންނަށް ގަބޫލުފުޅުކުރެއްވޭނެ ކަމަށް ބަލަންޖެއެވެ. އަދި މިހެންމެ ދޮންބަންޑާރައިން ފުރައުއްތަވުމަށްފަހު ދެން ދިވެހިންގެ އިސްބާރު ނުވަތަ ދިވެހި ރަސްކަމުގައި ހުންނަވާ ބޭފުޅަކީ ބޭރުގެ ޢުދުވާނީ ބާރުތަކާއި ކުރިމަތިލުމުގެ ހުނަރާއި ކެރުމާއި ގާބިލްކަމާއި ތަޖުރިބާނެތް ބޭފުޅަކަށްވެއްޖެ ނަމަ ދާދި ފަސޭހަކަމާއެކު ޢުދުވާނީ ބާރެއް ރާއްޖެއަށް އަތްގަދަކޮށް ވެރިވެގަތުމަކީ އެކަން ނުވުމަށްވުރެ ވުން ގާތްކަމެއް ކަމަށް އެއްވެސް ޝައްކެއްނެތި ދޮންބަންޑާރައިންނަށް ގަބޫލުފުޅުކުރެއްވޭނެ ކަމަށް ވެސް ބަލަން ޖެހެއެވެ.

(ނ) މަތީގެ ހ. އަދި ށ. ގައިވާ ކަންކަމަށް ރިޢާޔަތްކުރިޔަސް އަދި ބޭފުޅަކު ރަސްކަމަށް އިސްކުޅައުމުގައި އެދުވަސްވަރު ބަލަމުން އައި އާދަކާދައާއި ހަމަތަކަށް ބެލިކަމަށް ވިޔަސް ދޮންބަންޑާރައިންގެ ފަހަށް ދެން ދިވެހި ރަސްކަމުގެ ތަޚުތަށް އިސްކުޅައުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު ޣިޔާސުއްދީން ކަމަށް ދޮންބަންޑާރައިންނަށް ގަބޫލުފުޅުކުރެއްވޭނެ ކަމަށް ބަލަން ޖެހެއެވެ.

މިހެނީ، ދޮންބަންޑާރައިންގެ ނިންމެވުމާއި އެއްގޮތަށް މުޙައްމަދު ޣިޔާސުއްދީން ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތްތާ 2ވަނަ އަހަރު ރާއްޖެ އަތުލުމަށްޓަކައި ހަނގުރާމައިގެ ހަތިޔާރާއެކު 6 ނަވާއި 9 އޮޑި ޢަލީރާޖާ ރާއްޖެ ފޮނުވިއެވެ. މިހަނގުރާމައިގައި ދުޝްމަނުން އުންޑައާޅަފައި 597 ބަޑި މާލެއަށް ޖެއްސެވެ. ނަމަވެސް މަތިވެރި ﷲ ނަޞްރު މިންވަރުކުރެއްވީ ދިވެހިންގެ ދީނާއި ދިވެހިންގެ ގައުމަށެވެ. ސުލްޠާން މުޙައްމަދު ޣިޔާސުއްދީން އަމިއްލަފުޅަށް އެންމެ އިސްކޮށް ހުންނަވައިގެން ކުރެއްވި މަތިވެރި ޖިހާދަށެވެ.

އެފަހަރު މާލޭގެ އެތަންމިތަނަށް ދުޝްމަނުން ޖެހި ބަޑީގެ އުންޑަތަކުން 2 އަންހެނަކު ޝަހީދުވެގެންދިޔަ އިރު އެތަނުން އެއް އަންހެނެއްގެ އުރުގައި އިން ކިރުބޯ ޅަކުއްޖަކު ވެސް ޝަހީދުވީ ކަމަށް ދިވެހި ތާރީޚުން އެނގެއެވެ. ޣިޔާސުއްދީން ރަދުންގެ އަމިއްލަފުޅު ޢިބާރާތުން ލިޔުއްވާފައިވާ މަޝްހޫރު "ޙާޖީ ބަންޑާރައިންގެ ހަނގުރާމަ"އަކީ މިއެވެ. މުޙައްމަދު ޣިޔާސުއްދީން ނުވަތަ ޙާޖީ ބަންޑާރައިންނަކީ ގަލަންކޮޅާއި ކަޑިކޮޅު އެއްވަރަކަށް ހިނގި ބަޠަލެއްކަމަށް ދިވެހި ތާރީޚުގައި ފާހަގަކުރެވެއެވެ.

ދިވެހިތާރީޚާ ސަގާފަތަށް ޚިދުމަތްކުރާ މަޖިލީހުން 1981މ. ގައި ނެރުއްވި "ޙާޖީ ބަންޑާރައިންގެ ހަނގުރާމަ" މިފޮތުގައި އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހިނގާ ގަލަންކޮޅުން ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ނަންފުޅު "އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން" މިގޮތަށް ލިޔުއްވައިފައި އެވަނީ އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ ދިވެހިތާރީޚާ ސަގާފަތު ރަނގަޅަށް އެނގިވަޑައިގަންނަވާ އެ ރޮނގުތަކުގައި ފުންނާބު އުސް ބޭފުޅެއްގެ ޙައިސިއްޔަތު ލިބިވަޑައިގެން ހުންނަވައެވެ.

4- މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމަށް ދޮންބަންޑާރައިން ނިންމެވުން އެކަށީގެންވާ ތިންވަނަ ސަބަބު:

(ހ) ދޮންބަންޑާރައިން ފުރައުއްތަވުމަށް ފަހު ރަސްކަމަށް އިސްވެވަޑައިގަންނަވާ ބޭފުޅަކީ ރާއްޖެ އަތުލައިގަތުމަށްޓަކައި އެދުވަސްވަރު ރާއްޖެއަށް ޙަމަލާދީ ދުއްތުރާތައް ކުރިމަތިކުރާ ބޭރުގެ ޢުދުވާނީ ބާރުތަކާއި ކުރިމަތިލުމުގެ ހުނަރާއި ކެރުމާއި ގާބިލްކަމާއި ތަޖުރިބާނެތް ބޭފުޅަކަށްވާނަމަ އެފަދަ ޢުދުވާނީ ބާރެއްގެ އަތްދަށަށް ރާއްޖެ ހިނގައިދާނެ ކަމާއި އެހެންވެއްޖެ ނަމަ ވުން އެކަށީގެންވާ ގޮތްތައް ގަބޫލުފުޅު ކުރެއްވުމުގެ ފުރުޞަތު އެންމެބޮޑީވެސް ދޮންބަންޑާރައިންނަށެވެ.

މިގޮތުން ބޭރުގެ ޢުދުވާނީ ބާރެއްގެ އަތްދަށަށް ދިވެހިންގެ ދީނާއި ދިވެހިންގެ ގައުމު ހިނގައްޖެ ނަމަ ދޮންބަންޑާރައިންގެ ތުއްޕުޅު ބޭފުޅުންނަށްވެސް ސަލާމަތާއި ރައްކާތެރިކަމެއް ނެތުން އެކަށީގެންވާތީ މިހުރިހާ ކަމެއްގެ ޙައްލުވެސް ހޯއްދެވުމަކީ އޭރު ދޮންބަންޑާރައިން އަދާކުރައްވަން ޖެހިވަޑައިގެންފައިވާ ދީނީ ގައުމީ މަސްއޫލިއްޔަތަކަށްވީ ހިނދު ބޭރުގެ ޢުދުވާނީ ބާރުތަކާއި ކުރިމަތިލުމުގެ ހުނަރާއި ކެރުމާއި ގާބިލްކަމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވުމުގެ އިތުރަށް ހުރިހާގޮތަކުން ހުރިހާ މާނައެއްގައި ދޮންބަންޑާރައިންގެ ފަހަށް އެރަސްކަން ޙަވާލުކުޅައުން އެންމެ އެކަށީގެންވާ ބޭފުޅެއްކަމަށް ދޮންބަންޑާރައިން ގަބޫލުފުޅުކުރައްވާ މުޙައްމަދު ޣިޔާސުއްދީނާއި ރަސްކަން ޙަވާލުކުރެއްވުމަށް ދޮންބަންޑާރައިން ނިންމެވީކަމަށް ބަލަންޖެހެއެވެ.

(ށ) ދޮންބަންޑާރައިން ފުރައުއްތަވީއިރު އެރަދުންގެ ތިއްބެވީ 14 އަހަރާއި 8 އަހަރާއި 4 އަހަރުގެ ފިރިހެން ބޭފުޅުންނެވެ. މިބޭފުޅުންގެ ތުއްޕުޅުކަމުގެ އިތުރަށް އެބޭފުޅުންގެ އެންމެހައިކަމެއް ހުރިނެތްގޮތް ވެސް އެންމެބޮޑަށް އެނގިވަޑައިގަތުން އެކަށީގެންވާ ބޭފުޅަކީވެސް އެބޭފުޅުންގެ ބައްޕާފުޅު ދޮންބަންޑާރައިންނެވެ. ދޮންބަންޑާރައިން ފުރައުއްތަވުމަށް ފަހު ބޭރުގެ ޢުދުވާނީ ބާރުތަކާއި ކުރިމަތިލުމުގެ ހުނަރާއި ކެރުމާއި ގާބިލްކަމާއި ތަޖުރިބާ ލިބިވަޑައިގެންފައި ނެތް މިއިން ބޭފުޅަކާއި ރަސްކަމާއި މަތިކުރައްވައިފައި ވަނިކޮށް ބޭރުގެ ޢުދުވާނީ ބާރެއްގެ ދަށަށް ރާއްޖެ ހިނގައްޖެނަމަ ދެން ދޮންބަންޑާރައިންގެ ފަރާތްޕުޅުން އުފެދިގެން ދާނެ ޢާއިލާއެއް ވުޖޫދުގައި ނެތުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ދޮންބަންޑާރައިންނަށް ގަބޫލުފުޅުކުރެއްވޭނެ ކަމަށް ބަލަން ޖެހެއެވެ.

މިދެންނެވިގޮތަށް ބަލާއިރު ހޮޅިން ރާއްޖެއަށް ވެރިވެގަތުމަށްފަހު އެބައިމީހުން ކަންނަންނޫރަށް ގެންދިޔަ އޭރުގެ ރަސްގެފާނު ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ދެލޯފުޅު ކޮނެލައި ނުހަނު އަނިޔާވެރިގޮތަށް އެރަދުންނާ މެދު އެބައިމީހުން ޢަމަލުކުޅައުމުގެ ސަބަބުން އެރަދުން ފުރައުއްތަވެގެން ދިޔައީއެވެ. އަދި އޭރު އެރަދުންގެ އިންނެވި ދަރިކަނބަލުންވެސް އަވަހާރަވެ ދިޔުމުން އެރަދުންގެ ފަރާތްޕުޅުން ޢާއިލާއެއް ނުއުފެދެއެވެ.

ނިންމާލުން:

ދިވެހި ތާރީޚީ ގިނަ މަޢުލޫމާތްތަކެއް ހާމަކޮށްދެއްވަމުން ގެންދަވާ އަލްފާޟިލާ ނަސީމާ މުޙައްމަދު ލިޔުއްވާފައިވާ "ޝަހީދު ކުޅަ ބަންޑާރައިން" މި ސުރުޚީގެ ލިޔުއްވުމުން އެނގޭގޮތުގައި "ތާރީޚުން ފެންނަން ހުރި ހެކިތައް ދައްކާ ގޮތުގައި ޣިޔާސުއްދީން ރަދުންނަކީ ދީންވެރި ޢިލްމުވެރި މާތް އަޚުލާޤެއްގެ ވެރިއެކެވެ. ޢާންމު ރައްޔިތުންގެ ލޯބި މަތިވެރި ދަރަޖައަކަށް ލިބިވަޑައިގެންނެވި ދިވެހިރާއްޖެ އަށް ތަފާތު ރޮނގުތަކުން އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހަނގުރާމައިގެ ތެރޭގައި އަސްކަރީންގެ މީހުންނާ އެކީގައި ޙަރަކާތްތެރިވެވަޑައިގަތް ތާރީޚުގައި ފާހަގަކޮށްލެވޭ ހިތްވަރުގަދަ ބަޠަލެކެވެ. މިރަދުންގެ ރަސްކަމުގައި މަލާބާރީންނާ (ހޮޅިންނާ) ކުރެއްވި ހަނގުރާމައެއް (ޙާޖީ ބަންޑާރައިންގެ ހަނގުރާމަ) ހިނގައިދިޔަ ގޮތް ޚުދު މިރަދުންގެ ޢިބާރާތުން ލިޔުއްވާފައިވާ އިރު އެއީ އަދަބީ ގޮތުން ބަލާއިރު ވެސް އެ ދުވަސްވަރުގެ ލިޔުންތަކުގެ މިސާލެކެވެ.

ސުލްޠާން މުޙައްމަދު ޣިޔާސުއްދީނަކީ ޢިލްމީ ރޮނގުން ވެސް ފާހަގަކޮށްލެވިފައިވާ ލިޔުންތެރިއެއް ކަމާއި ދިވެހިރާއްޖެއިން ފެންނަން އޮތް އެންމެފުރަތަމަ ދިވެހިރަދީފު "ޣިޔާޘުއްދީނުގެ ބަސްފޮތް" އެކުލަވައިލައްވައި ދިވެހި ބޭސްވެރިކަމުގެ ފޮތަކާއި ދިވެހިންގެ އެޒަމާނުގެ އާދަކާދަތައް ހިމެނޭ ފޮތެއް ވެސް އެ ރަދުން ލިޔުއްވިކަމާއި މިފޮތުގައި އެ ރަދުންގެ ޒަމާނުގައި ރަސްމީ ކަންތައްތަކާއި އާދައިގެމަތިން ދިވެހިން ކުރަމުން ގެންދިޔަ ކަންތައްތައް ލިޔުއްވައިފައިވާ ކަމާއި މީގެ އިތުރަށް، އެރަދުންގެ އަމުރުފުޅަށް ލިޔެފައިވާ މައުލޫދު ފޮތެއް ވެސް ކޮޅުމަޑުލު ބުރުނީގައި ރައްކައުކުރެވިފައި އެބަ އޮތް ކަމާއި އަދި މިރަދުންނަކީ ޢުމްރާނީ ގޮތުން ފާހަގަކުރެވޭ އާކޯއްޓޭ ބުރުޒު ވެސް ބިނާކުރެއްވި ރަދުންކަމަށް" އަލްފާޟިލާ ނަސީމާ މުޙައްމަދު ލިޔުއްވާފައިވެއެވެ.

ސުލްޠާން މުޙައްމަދު ޣިޔާސުއްދީނާއި ގުޅުންހުރި އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދޮންބަންޑާރައިންނަށް ލިބިވަޑައިގެންފައިވޭތޯ ނުވަތަ ނޫންތޯއާއި އަދި މުޙައްމަދު ޣިޔާސުއްދީނާއި ދިވެހި ރަސްކަން ޙަވާލުކުރެއްވުމަށް ދޮންބަންޑާރައިން ނިންމެވުން އެކަށީގެންވާ ސަބަބުތަކަކީ ކޮބައިތޯ ބެލުމަށް މިވަގުތަށް އަޅުގަނޑަށް ކުރެވެން އޮތް މަސައްކަތެއް އެވަނީ ކޮށްފައެވެ. މިހެންވީ ނަމަވެސް މިލިޔުން ފަށައިގަތުމުގެ ކުރީކޮޅު ދެންނެވިގޮތަށް މިފަދަ މަސައްކަތެއް ކުރެވޭގޮތާއި އެއިން ނުކުތް ނަތީޖާއަކީ އިންސާނީ ހަމަބުއްދި ގަބޫލުކުރާ ރަނގަޅު އެއްޗެއްތޯ ނުވަތަ ނޫންތޯ ނިންމާނީ އެ މަސައްކަތެއް ދެކޭން ތިބި ބަޔެކެވެ. (ނިމުނީ)
                         ----------------------

ޢަބުދުﷲ ޙިލްމީ

މަޢުލޫމާތުގެ ޙިއްޞާ:
ދިވެހި ތާރީޚާއި ޘަގާފަތަށް ޚިދުމަތްކުރާ މަޖްލީހުން ނެރުއްވި "ދިވެހި ތާރީޚް" ފޮތް
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރުއްވި "ދިވެހި ތާރީޚަށް އައު އަލިކަމެއް" ފޮތް
އަލްފާޟިލާ ނަސީމާ މުޙައްމަދު ލިޔުއްވި "ޝަހީދުކުޅަ ބަންޑާރައިން"