ދީވީ ތަރިކަ - ފުރަތަމަބައި















މުޞައްނިފުގެ ބަސް
ދީވީ ތަރިކަ 4 ގައި އަޅުގަނޑު ލިޔެފައިމިވަނީ (ސިވައިދު އަތޮޅު) ހުވަދު އަތޮޅާއި ދިވެހި ތާރީޚް ގުޅިފައިވާ މިންވަރުގެ (ވަރަށްކުރު) މަޢުލޫމާތުކޮޅެކެވެ. ނަމަވެސް ޖޯގަރަފީގޮތުން ދެކުނު 3 އަތޮޅާބެހޭ ބައެއް މަޢުލޫމާތު "ދީވީ ތަރިކަ 2 އަދި 3 ގައި" ލިޔެފައިވާނެތީ މި ފޮތުގައި އެ މަޢުލުމާތު ތަކުރާރުކޮށްފައި ނުވާނެ އެވެ.

ދިވެހި ބޮލި

ބޭރު ދުނިޔެއަށް ދިވެހި ރާއްޖެ ތަޢާރަފްވެފައިވަނީ، ކަވްރިއާ، ޝެލް (ސީޕްރިއާ މޮނެއްޓާ) ނުވަތަ މަނީކަވްރީ ނުވަތަ ބޮލީގެ ރަށްތަކެއްގެ ގޮތުގަ އެވެ. މި ރާއްޖޭގެ ބޮއްޔަކީ، ވަރަށް ގިނަ ގަވްތަކުގައި، ވަރަށް ގިނަ އަހަރުތަކެއް ވަންދެން ފައިސާގެ ގޮތުގައާ އަދި ހަރުމުދަލުގެ ގޮތުގައި ވެސް ބޭނުންކޮށްފައިވާ އެއްޗެކެވެ. އެފްރިކާގައި (ގާނާގައި ގާނިއަން ސިޑީގެ ނަމުގައި) ވެސް ކުދިބޮލި ބޭނުންކޮށްފައިވެ އެވެ. މި ބޮލީގެ ޢުމުރުން 8000 އަހަރު ވެދާނެކަމަށް ބުނެވެ އެވެ. އަފްޣާނިސްތާނުން ފެނިފައިވާ (އެޒާތުގެ ތަކެތީން ހަދާފައިފާ) ހާރެއްގައި ހިމަނާފައިވާ މަނީ ކަވްރީ އަކީ، މީލާދުގެ ކުރީގެ 2000 ވަނަ އަހަރާއި 5000 ވަނަ އަހަރާއި ދެމެދު ބޮލިކަމަށް، އެ ބޮލީގެ ކާބަންޑޭޓުން ޘާބިތުވެ އެވެ. އޭގެއިތުރަށް ދިވެހި ބޮލީގެ އުމުރު އީސާއި ސަނަރުގެ ތިންހާސް އަހަރަށްވުރެ ދޮށިކަން ޘާބިތުވަނީ، ފަލަސްތީނުގެ ޖެރިކޯއިން ފެނެނު ބޮލިތަކެއްގެ ކާބަންޑޭޓުގެ ދިރާޘާއިންނެވެ. ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭތާ 5000 އަހަރު ވެދާނެކަމަށް، ތޯހައިދާލު އެބުއްވަނީވެސް އަފްޣާނިސްތާނުން ފެނިފައިވާފަދަ ހެކިތަކަށް ރިޢާޔަތްކޮށްފަ އެވެ.

ދިވެހި ރާއްޖޭގެ ބޮއްޔަކީ އާދަޔާޚިލާފު އެއްޗެކެވެ. 3 ހަފްތާއާ 5 ހަފްތާ ދެމެދުގެ މުއްދަތެއްގައި އުފެދި ފުހިހަމަވާ މިބޮއްޔަކީ، ފާޑެއްގެ ސޫތްޕެއް (މަހެއް) އޭގައި އިނދެގެން ބޮޑުވާ އެއްޗެކެވެ. އެކި ވަރުވަރުގެ އެކި ކުލަކުލައިގެ ބޮލި ރާއްޖޭގައި ހުރެއެވެ. މި ބޮލިތަކުގެތެރެއިން އެންމެ ފާހަގަކުރެވޭ ބޮއްޔަކީ، މަނީކައުރީ ނުވަތަ ކުދިބޮއްޔެވެ. ކުދިބޮއްޔަކީ، ފައިސާއާ އަދި އަގުބޮޑު މުދަލެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ދުނިޔޭގެ ވަރަށްގިނަ ގަވްމުތަކުގައި ބޭނުންކޮށްފައިވާ އެއްޗެކެވެ. ކޮންމެ އަކަސް ކުރުމުއްދަތެއްގެ ތެރޭގައި އުފެދޭ މި ބޮލި ކަފާސްނުވެ، އެތައްހާސް އަހަރަކަށް ދެމިހުރެ އެވެ.


ކޮންމެއަކަސް ދިވެހި ރާއްޖެއަށް ލިބުނު އަގުބޮޑު މި ފުޞަތު މިއަދު މިވަނީ، ތާރީޚާ އެކުވެފަ އެވެ. ސީޕްރީއާ މޮނެއްޓާ ނުވަތަ މަނީކަވްރީއަކީ، އެހެން ގަވްމެއްގައި އުފެދޭ އެއްޗެއްކަން އަދި މިހާތަނަށް އެނގިފައި ނުވެ އެވެ. މަނީ ކަވްރީގެ ވާހަކަ ލިޔެފައިވާ ހުރިހާތަނެއްގައި ވެސް ލިޔެފައި ވަނީ، އެއީ ހަމައެކަނި އިންޑިއާ ކަނޑުގައިވާ ޖަޒިރާ ރަށްތަކަކުން ފެންނަ ސޫތްޕެއްކަމަށެވެ. މީލާދުގެ 1400 އަހަރުގެ ކުރީގައިއޮތް އެންމެ ކުރިއަރާފައިވާ އިންޑަސް ވެލީގެ ޙަޟާރަތުގެ ވީރާނާވެފައިވާ ޢިމާރާތްތަކުގެ ދަށުން ވެސް ކުދިބޮލި (ސީޕްރިއާ މޮނެއްޓާ) ފެނިފައިވާތީ އެކަމެވެ. އެ ސަރަހައްދަކީ، އިންޑިއާގެ ލޯތާލްގެ ބައެކެވެ. ވުމާއެކު، ކުރިއަރާފައިވާ، އެ ޙަޟާރަތްތަކުގައި ވެސް މި ބޮލި ބޭނުންކޮށްފައި އެވަނީ، އަގުބޮޑު މުދަލެއްގެ ގޮތުގައި ނުވަތަ ފައިސާގެ ގޮތުގައިކަން ވަރަށްސާފުކޮށް އެނގެ އެވެ. މިހާރު އެތަނަކީ ގުޖްރާތު ސަރަހައްދެވެ. އެދުވަސްވަރުގެ ގުޖްރާތުގެ ވިޔަފާރިވެރީން ދިވެހި ރާއްޖެއަށް ވިޔަފާރީގެ ބޭނުމުގައި ދަތުރު ފަތުކޮށްފައިވެ އެވެ. ވުމާއެކު، އެގޮތުން މި ރާއްޖެއާ، ގުޖުރާތާ ދެމެދު ގުޅުން ގާއިމުވެފައިވާކަމަށް ބެލެވޭނެ ޖާގަ އެބަ އޮތެވެ. (ދިވެހި ތާރީޚް)

ކުދިބޮއްޔަކީ، އަމިއްލަ ޒާތުގައި އުފެދޭ އެއްޗެއްކަމަށް ވިއަސް، ދިވެހީންގެ މަސައްކަތުން ވެސް އެ ބޮލި އުފަންކުރުވަ އެވެ. އެކަންކުރާ ގޮތަކީ، މޫދުގައި (އޮއިނުދެމޭ ކޯރުފަދަ ތަންތަނުގައި) ރޯފަން ކަނޑައިގެން، ފަން އަޅަނީ އެވެ. މި ފަން އަޅާތާ 3 ހަފުތާފަހުން އެ ފަނަށް ބޮލި އަރަ އެވެ. ދެން އެ ބޮލި ހިލައި (ނަގައިގެން) ބިމުގައި ވަޅުލައި މަސް ފިލުވައި، ވިޔަފާރީގައި ބޭނުންކުރަނީ އެވެ. ބޮއްޔަކީ، ފަރުތަކުންވެސް ހިލާ އެއްޗެކެވެ. ކުދިބޮއްޔަކީ، މޫދުގައި ހުންނަ ގާތަކުގެ ދަށުގަޔާ އަދި ހޮރުފަދަ ތަންތަނުގައި އުފެދި އާލާވާ އެއްޗެކެވެ.

ފޫއެނބުރި، ސަންގު، ފަސްއިނގިލިފަދަ ތަކެއްޗަކީވެސް އެއާއިލާގެ އެއްޗެއްސެވެ. ސީދާ ބޮލީގެ ނަމުން ނަންކިޔާފައިވާ ނުވަތަ ފަހަތަށް ބޮލި މި ނަން އިތުރުކުރެވޭ ބާވަތްތައް ވަރަށް ގިނަ އެވެ. އެގޮތުން: ކުދި ބޮލި، ރަތްބޮލި، ކައިރުބޮލި، ރިހާކުރުބޮލި، ޗާޓްބޮލި ކަޅުބޮލި އަދި މިނޫނަސް ކިތައްމެ ވައްތަރެއްގެ ބޮލި ހުރެ އެވެ. ދުނިޔޭގެ ހަތަރުބިތުގެ ތަފާތު އެތަކެއް ޤަވްމަކަށް، މީގެ އެތަކެއް އަހަރުކުރިން ''ކަވްރީ ޝެލް'' ވިޔަފާރީގެ ގޮތުގައި ބޭރުކުރެ ވިފައިވެ އެވެ. އެފަދަ ޤަވްމު ތަކުގެތެރޭގައި ޗައިނާގެ ބައެއް ރަށްތަކަށާއި،  މެދުއިރުމައްޗާއި، ދެކުނުއޭޝިއާ ބައްރުގެ ބައެއް ގަވްމުތައް ހިމެނެ އެވެ.

ހުވަދު އަޮޅަކީ ވަރަށްގިނައިން ބޮލިހޮވައި، ވިޔަފާރީގައި ބޭނުންކުރި އަތޮޅެކެވެ. އާދެ!މިއަދު އަޅުގަނޑުމެންމިވަނީ، ކަނޑުމަ ހާދޭތެރޭގައި ވެސް ވިސްނަން ޖެހިފަ އެވެ. ދާދި މިދާކަށްދުވަހާ ހަމަޔަށް ވެސް ކަނޑު މަހަކީ، މާލީގޮތުން އަޅުގަނޑު މެންނަށް ލިބިފައިވާ އެއްމެ މުސްސަނދި ވަޞީލަތެވެ. ކަނޑުމަހަކީ، އަޅުގަނޑުމެންނަށް ދަތި އެއްޗެއް ނޫނެވެ. 1970މ ގެ އަހަރު ތަކުގައި ހޯކޯމާރޫ، މަރުބޭނީ، ހައިލީ ކުންފުނިތަކުން މަސްގަން ދުވަސްވަރު އެމީހުން ޖެހޭނީ އެމީހުންގެ ބޯޓު ފަހަރުގައި ޖާގަ ނެތަސް މަސްވެރިން ބާނާ ހުރިހާ މަހެއް ގަންނާށެވެ. އެދުވަސްވަރު އެމީހުންހަދާގޮތަކީ، މަސްވެރިން ބާނާ ހުރިހާ މަސްގަނެ، އަގު ދެނީ އެވެ. ފަހުން މަސްތައް އުކާލަނީ އެވެ.

ކޮންމެއަކަސް އެޒަމާން މާޒީއާއެކުވެ، އޮބާލައިފި އެވެ. އެންވެރިކަމާއި، މަސްވެރި ކަމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުއައިސް، ދޯނިފަހު ބިޔަވެ 100 އެތައް ފޫޓަކަށް ދިގުވެ، އެންހިފުމަށް ބޮޑެތި މާރކަރީ (ލައިޓް) ތައް ބޭނުންކޮށް ފަރުތަކުގެ މަތީގައި ހަރުލާފައިހުންނަ ބިހުގެ ދުލިފަތްތައް ވެސް ނަގައި (ބޭނުން ނުވިއަސް) ބޮޑެތި ދޯނިފަހަރު ފުރާ އެންހިފައި އެތައް ޓަނެއްގެ މަސް ބާނައި، ނުކިރޭމަސްތައް އުކާލުމުގައި އޮފީސްތަކަށްވެސް އުކާލުމުގެ ޘަޤާފަތެއް ޤާއިމުކޮށްފީމެވެ. އެކަމަށް އެވޯޑް ޙައްޤްކަމަަށް ވެސް ދެކެން ފަށައިފީމެވެ. ނަމަވެސް ޒަމާން ބަދަލުވެއްޖެ އެވެ. މަސްތައް ވެސް ގެއްލިއްޖެ އެވެ. ބޮލި ވެސް ގެއްލިއްޖެ އެވެ. އަދި މިހާރު ފެންނަ މަންޒަރަކީ، ފަތުރުވެރީންނަށް ވިއްކުމަށްޓަކައި، ޅަ މުރަކަ ގިނަ ޢަދަދަކަށް ނަގަމުންދާ މަންޒަރެވެ. އެކަމުގެ ނަތީޖާ ވެސް ރަނގަޅުވާނެއެކޭ އަޅުގަނޑު ނުދަންނަވާނަމެވެ.
"ހޯކޯމާރު ތިރީސް އަދި ހޯކޯ ނަންބަރު ސަތިރީސް، ބޭނިމަސްކޮޅުދޭ ކިރާލަން ވަގުތުން ފައިސާދޭ"
ހުވަދު އަތޮޅުގެ ބަހުން، ކަލޯ

   ކަލޯ މި ބަހަކީ، ވަރަށްގިނަ ގޮތްގޮތަށް ބަދަލުވެފައިވާ ބަހެކެވެ. މިސާލަކަށް: ކަލޯ، ކިލެގެ، ކަލޭގެ، ކަލޭފާނު، ކިލެގެ، ކިލެގެ ފާނު ފަދަ ގޮތްގޮތަށެވެ. މިއީ މުޅިން ވެސް ފިރިހެނުންނަށް ނިސްބަތްކުރެވޭ ނަންތަކެވެ. އަންހެނުންނަށް ނިސްބަތްކުރެވޭ ކަނބޮލޮ، ކަނބުލޭގެފާނު، ކަމަނަ، ކަމަނާފާނު މިގޮތަށެވެ. މާނަޔާކިލެގެ ނިސްބަތްކުރެވެނީ، ރަސްމަތިފުށުގެ އަންހެން ބޭފުޅުންނަށެވެ. މިއީ ޚާއްޞަކޮށް ޢިއްޒަތުގެ ލަޤަބެކެވެ. ކަލޯ، ކަމަނަ، ކަނބޮލު، ކަލޭގެ ފިޔައި ދެންހުރީ މުޅިން ވެސް ޝަރަފު ވެރިކަމުގެ ލަޤަބެވެ.

ކަލޯގެ ކުރިއަށް އަކުރުތައް އިތުރުކުރުމާއި، ބައެއް ނަންނަމުގެ ފަހަތަށް ފާނު ވެސް އިތުރުކުރެވިފައިވާތީ ފެނެ އެވެ. އެއީ ދާންނާ ކަލޭފާނު، ކާންނާ ކަލޭފާނު، މުރީދު ތަކުރު، ފެންނާ މަނިކުފާނު، ހިރިހަމާނދި ކަލޭފާނު، ފާމުލަދޭރި ކިލެފާނި، ވަތަބަނޑޭރި ކެލޭފާނު، ހަކުރާ ތަކުރުފާނު، މަނިކުފާނު ފަދަ އެތައް ގޮތަކަށެވެ. އިސްވެ ލިޔެފައިވާ ގޮތްގޮތަށް އެކަން ބައްޓަން ކޮށްފައި ވިއަސް ހުވަދު އަތޮޅު މީހުން ކަލޯ އޭ ކިޔަނީ، އަޚްވަންތަކަމާއި، ލޯތްބާއި، ކުލުނުވެރިކަމާ، ގާތްކަމުގެ ގޮތުންނެވެ. މާލެބަހުން ދަރިފުޅާއޭ އެބުނާ ބަސް އެމީހުން ބޭނުންކުރާ ދެގޮތެއް އޮވެ އެވެ. އެއްގޮތަކީ، ކަލޯ އެވެ. އަނެއްގޮތަކީ، ހުތާ އެވެ. ހުތާއަކީ އަދި މާ ގަތްގޮތެކެވެ. ބައެއް ފަހަރު މި ދެގޮތް ބޭނުންކުރަނީ، ދަރިކުލުނައިގެ މާނައިގަ އެވެ. ކަލާ، މިގޮތަށް ނިސްބަތް ކުރަނީ ލޯބިވެރީންނަށެވެ.

   ދިވެހި ރާއްޖެ، މިއީ ދެ ލަފްޒެކެވެ. މި ދެ ލަފުޒް ނުވަތަ ދެ ބަސް ނިސްބަތްކުރެވެނީ، ޤަވްމަކަށެވެ.  މިއީ ދިވެހީންގެ
އަމިއްލަ ޤަވްމެކެވެ. ވަކި ދަވްލަތެއްގެ ގޮތުގައި މި ރާއްޖޭގެ (ރާޖާގެ) ރަށްތައް ހަމަޖެހުނު ދުވަސްވަރެއް ތާރީޚީގޮތުން އެނގެން ނެތަސް، މިއީ ވަރަށް ކުރީއްސުރެން ވެސް ޤާނޫނީ ޙުކޫމަތެއް ހިނގާ ޔުނިޓަރީ ދަވްލަތެކެވެ. ދިވެހި، މި ޖުމްލަ ނެގިފައި ވަނީ، ދީވިއާގެ ނަމުންނެވެ. ރާއްޖެ، މި ޖުމްލަ ނެގިފައި ވަނީ، ރާޖާ ނުވަތަ ރަސްގެފާނުގެ ނަމުންނެވެ. ދިވެހި ރާއްޖެއޭ ބުނުމުގެ މާނަ އަކީ، ދީވިއާ ނުވަތަ ދޭވަތާގެ ނުވަތަ ރާޖާގެ ޤަވްމު އެވެ.
ނަމަވެސް މި ދެ ޖުމްލައިގެ އަޞްލަށް ނުވަތަ މަޠުލަބަށް މިހާރު މިވަނީ ބަދަލުއައިސްފަ އެވެ. ކުރިން އެއީ ދޭވަތާގެ ޤަވްމެވެ. ދޭވަތާއަކީ، ބުދުދީނުގެ މީހުން އަޅުކަންކުރި އިންސާނީ ޖިސްމެކެވެ. އިންސާނީ ޖިސްމަށް، އިންސާނުން އަޅުކަންކޮން އުޅުނީ، މާޒީގެ އަނދިރި ޒަމާނުގަ އެވެ. އެޒަމާނުގައި މިރާއްގެ ޙާލަތުއޮތީ ވެސް އެފަދަ ގޮތަކަށްކަމަށް ވެދާނެ އެވެ. އެޢަޤީދާ މި ރާއްޖެއަށް ވާރުތަވީ އިންޑިއާއިންނެވެ. ރަންނަމާރީގެ ޒަމާނާހަމައަށް މި ރާއްޖޭގައި އެކަން ދެމި އޮތެވެ. ޒަމާން ނިމުމަކަށްއައީ، މީލާދީން 1153 ވަނަ އަހަރު އޭރު ދިވެހި ރާއްޖޭގެ ތަޚުތުގައި އިންނެވި ރަދުން އިސްލާމް ދީން ޤަބޫލުކުރެއްވުމާއި ގުޅިގެން ނެވެ. އޭނާއަކީ، ފަހުން އައްސުލްޠާން މުޙަންމަދު ބިން ޢަބްދު ﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނެވެ.

މި ދީބުގެ އެންމެ އުތުރުގައި އޮތީ، ހުވަދު އަތޮޅެވެ. ހުވަދު އަތޮޅަކީ، ސުވަލްދީބްގައި ހިމެނޭ، އެންމެބޮޑު އަތޮޅެވެ. ސިޔާސީގޮތުން އެއަތޮޅު އެންމެބޮޑަށް ފާހަގަކުރެވެނީ އެ އަތޮޅުގެ ރަށެއްކަމަށްވާ "ހަވަރު" ތިނަދޫގެ ސަބަބުން ނެވެ. ދެން ފާހަގަ ކުރެވޭ އަނެއް ސަބަބަކީ، ހުވަދޫ ބަޣާވާތުގެ ނަމުންނެވެ. އެކަން ވެސް ނިސްބަތްވަނީ، ހަވަރު ތިނަދުވަށެވެ. ހަވަރު ކަންތައް ހިނގާފައިވަނީ، 1573މ. އާއި 1585މ. އާއި ދެމެދުގަ އެވެ. ބަޣާވާތުގެ ކަންތައް ހިނގާފައިވަނީ 1958މ. އާއި 1962މ. އާއި ދެމެދުގަ އެވެ.

{މިއަތޮޅަކީ މަސްވެރި އަދި ދަނޑުވެރި އަތޮޅެކެވެ.}

މި ދީބުގެ މެދުގައި އޮތީ ފުވައްމުލައް އަތޮޅެވެ. މި ދީބުގެ އެންމެކުޑަ އަތޮޅަކީ ވެސް ފުވައްމުލައް އަތޮޅެވެ. ފުވައްމުލަކު ރަށްވެށީގައި ކިޔާފައިވަނީ "އައްޑުވާ ހުވަދުވާ ދޭތެރެ ކައިރީމެދާ ގުޅުމެންނެތި އަތޮޅެކޭ އޮތްރަށެކޭ ވަކިވެފާ" މިގޮތަށެވެ. އެގޮތުން ދާދިފަހަކާޖެހެންދެން (1990މ. ގެ އަހަރު ފެށުނުރު) ވެސް ފުވައްމުލަކަކީ، ލަފާފުރުމުގައި ފުރާނަޔާމެދު ޔަޤީންކަމެއްނެތް އަތޮޅެ ކެވެ. ނުވަތަ ރަށެކެވެ. އައްޑޫ/ހުވަދޫގައި ހިނގާ ކަންމެ ކަމެއްގައި އެ އަތޮޅުގެ އެހީތެރިކަން ލިބެ އެވެ. އަތޮޅު އޮތްތަނުގެ ގޮތުން ވެސް މެ އެވެ.

ފުވައްމުލަކަކީ، ދަނޑުގޮވާމުގެ ކޮށާރެއްފަދަ ރަށެކެވެ. އާބްހަވާ ރަނގަނޅު، ހިތްފަސޭހަ އަތޮޅެކެވެ.

މި ދީބުގެ އެންމެ ދެކުނުގައިއޮތީ އައްޑު އަތޮޅެވެ. އެ އަތޮޅަކީ، ކުރީޒަމާނުގައި އުރާގެ މޫސުމީ ދަނޑުވެރިކަންކުރި އަތޮޅެ ކެވެ. އަލައިގެ ބާވަތްތަކާއި، ފަތްކޭލާއި، ފަޅޮލާއި، މޭވާގަސްތައްއިންދައި ހެއްދުމަށްދަނީ، މަސައްކަތް ކުރަމުންނެވެ. ކައްޓަލައާއި،
 ދަނޑިއަލުވިއާ ޒުވާރިއާއި، ދޮނަޅައިގެ ދަނޑުވެރިކަން ވެސް ކުރިއެވެ. (ނުނިމޭ)
               ---------------------
ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި