ތަހުޒީބާއި ތަރައްޤީގެ ހަރުފަތުގައި މުސްލިމުން - 1










އިންސާނީ ތާރީޚަށް ނަޒަރު ހިންގައިލާއިރު، ތަހުޒީބާއި ތަރައްޤީއަށްޓަކައި މުސްލިމުން ކޮށްފައިވާ ޚިދުމަތްތައް ކުލަ ގަދަ ގޮތެއްގައި ފާހަގަކޮށްލެވެ އެވެ. ހަމައެކަނި ދީނީ ޢިލްމާއި، އިޖުތިމާޢީ ޢުލޫމުތަކުގެ ރޮނގުންނެއް ނޫނެވެ. ކިއެއްތޯ އެވެ. ޢުލޫމާއި އީޖާދީފަންނު ނުވަތަ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުތަކުން ވެސް މެ އެވެ. މުސްލިމު ޢާލިމުން ޚިދުމަތްކުރައްވާފައިނުވާ ދާއިރާއެއް ނެތެވެ. ބައެއް ޢުލޫމުތަކަކީ، މުސްލިމުން އަލަށް އުފެއްދެވި ޢުލޫމުތަކެކެވެ. ކެމިސްޓްރީ އާއި، ތިނެސްކަނުގެ ހަންދަސާ އާއި، އަލްޖަބްރާ ފަދަ ޢުލޫމުތަކެވެ. އިންސާނީ ޙަޔާތް ބަދަލުކޮށްލި ބައެއް އެއްޗެއްސަކީ ވެސް މުސްލިމުން އަލަށް އީޖާދުކުރި އެއްޗެއްސެވެ. ވިޔަ އަކުރާއި، ސުމެއް ބޭނުންކުރާނެ ގޮތާއި، ވައިކުޑަ އާއި، މަތިންދާބޯޓްގެ ފިޔަގަނޑާއި، ދަގައްފާނު ސަމުގާ އާއި، ވަގުތުގަލާއި، ބެޗެލަރސް ޑިގްރީ ފަދަ ކިތަންމެ އެއްޗެކެވެ. 


މި މަޒުމޫނުގައި ކުރުކޮށް އަލިއަޅުވާލާނީ، އިންސާނީ ޙަޔާތް ތަހުޒީބުކޮށް ތަރައްޤީކުރުމަށްޓަކައި، މުސްލިމުން ކޮށްފައިވާ ބައެއް ކަންތައްތަކުގެ މައްޗަށެވެ.


ތަހުޒީބުގެ މާނަ

ތަހުޒީބުގެ ދިވެހި މާނަތަކުގެ ތެރޭގައި، ރަނގަޅު ރީތި ގޮތްތަކާއި، ޒަމާނާ އެއްގޮތަށް ބަދަލުވުމާއި، ޒީނަތްތެރިވުމާއި، ތައްޔާރުވުން ހިމެނެ އެވެ. ތަހުޒީބުގެ އަޞްލަކީ، ޢަރަބި ބަހުގެ تَهْذِيبُ އެވެ. މި ލަފުޒުގެ ޢަރަބި މާނަތަކުގެ ތެރޭގައި، ތަރުބިޔަތުކުރުމާއި، އިޞްލާޙުކުރުމާއި، އައިބު ފިލުވުމާއި، ރީތިކުރުމާއި، އަޚުލާޤު ދަސްކޮށްދިނުމާއި، ބޭކާރުބައި އުނިކުރުން ހިމެނެ އެވެ. މި މާނަތަކުން އެނގޭ ގޮތުގައި، ތަހުޒީބަކީ، ކުރިއެރުމެކެވެ. ހެޔޮ ބަދަލެކެވެ. ލާބަ ހުރި ކަމެކެވެ. އެއީ، ތަރައްޤީއާ ގުޅި ލާމެހިފައިވާ ކަމެކެވެ. މަދަނިއްޔަތާ އެމުނިއެކުލެވިފައިވާ ކަމެކެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވަނީ، ތަރައްޤީ އާއި ތަހުޒީބަށް ގޮވާލައްވާފަ އެވެ. ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވި ކަލިމަ ކަމުގައިވާ اقْرَأْ އިން ވެސް މިކަން އެވެ. އެ ކަލިމައިގެ އާންމު މާނައަކީ، "ކިޔަވާށެވެ!" ނުވަތަ "ކިޔާށެވެ!" ކިޔެވުމާއި ކިޔުމަކީ، ތަޢުލީމު ލިބުމާއި، އޮޅުންފިލުމާއި، ދެނެގަތުމުގެ މަގެވެ. އެއާ ނުލައި ތަރައްޤީ އާއި ތަހުޒީބު ޙާޞިލެއް ނުކުރެވޭނެ އެވެ.

އިސްލާމްދީނުގައި ތަރައްޤީއާއި ތަހުޒީބަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ބޮޑުކަމުން، އިސްލާމީ ޙަޟާރަތަކީ، ތަރައްޤީއާއި ތަހުޒީބުގެ ޙަޟާރަތެއް ކަމުގައި ވި އެވެ. ދުނިޔެ މިއަދު ދެކެމުންމިދާ ކުރިއެރުމާއި ތަރައްޤީގެ ބާނިންނަކީ، ޙަޤީޤަތުގައި މުސްލިމުންނެވެ. މިކަން ތާރީޚުގެ ޞަފުޙާތަކުން ޔަޤީންވެ އެވެ.


ބިނާވެށި

ބިނާވެށީގެ ޢުލޫމަކީ މުސްލިމުންގެ ތެރޭގައި ވަރަށް ބޮޑަށް ތަރައްޤީވެގެންދިޔަ ޢުލޫމުތަކެކެވެ. އެ ޢުލޫމުތަކުގެ އިސްލާމީ ފެށުމަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ (571 މ. – 632 މ.) ފަރުމާކުރައްވައި ބިނާކުރެއްވި މަސްޖިދުއްނަބަވީ އެވެ. އެ މިސްކިތްކޮޅުގައި، ދުނިޔޭގެ އެހެން އެއްވެސް ޙަޟާރަތެއްގެ އެއްވެސް ބިނާއެއްގައި ނުވާ މީޒާތަކެއް ވި އެވެ. އެންމެ މުހިންމު އެއް މީޒާއަކީ، މިސްކިތްކޮޅުގެ ތެރޭ ކޮންމެ ތަނެއްގައި މީހަކު ނަމާދަށް ހުއްޓަސް، އުޑާއި އޭނާއާ ދެމެދުގައި ހުރަހެއް ނުވާ ކަމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އުޑަށް އޭނާ ފެންނަ ކަމެވެ.

މަސްޖިދުއްނަބަވީގެ ސަބަބުން މަދީނާއަށް ބޮޑެތި ބަދަލުތަކެއް އަޔެވެ. މަރުކަޒީ ވެރިކަމެއް ފާޅުވި އެވެ. ޢުމްރާނީ ވެށީގެ މައި މަރުކަޒަކީ މަސްޖިދުއްނަބަވީ ކަމުގައި ވި އެވެ. މައިމަގުތައް ފެށެނީ އެ މައިމަރުކަޒުންނެވެ. މައިމަގުތަކަށްވުރެ މަގުތަކާއި ގޯޅިތައް ހަނިކުރެވުނެވެ. އޭގެ ފުޅާމިންތައް ކަނޑައެޅުނެވެ. މަގުތަކަށް ކުދި ހިލަ އަޅައި އެއްވަރުކުރެވުނެވެ. ގެދޮރު ނެތް މީހުންނަށް ގޯތި ދިނުމުގެ އުޞޫލެއް ކަނޑައެޅި، ބޯހިޔާވަހިކަން ހޯދައިދެވުނެވެ.

ޚާއްޞަ ބިނާތަކާއި، ޢާންމު ބިނާތަކުގެ އާ މަފުހޫމުތަކެއް އުފެދުނެވެ. މީހުން ދިރިއުޅޭ ގެތަކުގެ ޚުޞޫޞިއްޔަތެވެ. ވަކި ފަރުދަކަށް މިލްކުނުވާ ބާޒާރުގެ ބިމެވެ. މެހުމާންސަރާތަކެވެ. ޢީދުނަމާދުކުރާނެ ބިމެވެ. ބަލިމީހުންނަށް ބޭސްފަރުވާކުރާނެ ތަންތަނެވެ. ރަސްމީ ބައްދަލުވުންތައް ބާއްވާނެ ތަންތަނެވެ. އުޟުޙިޔާ ކަތިލާނެ ބިމެވެ. އެ ބިން ކަނޑައެޅުނީ، މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގަ އެވެ. ރަށެއްގައި ބިނާކުރެވިދާނެ ޢިމާރާތްތަކާއި، ބިނާކޮށްގެން ނުވާނެ ޢިމާރާތްތަކެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އިދާރީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ވެސް މަދީނާގެ މުޖުތަމަޢު އިންތިޒާމުކުރެއްވި އެވެ. މުހާޖިރިއްޔަ ބޭކަލުން ވަޒަންވެރިކުރެއްވުމުގެ އިންސާނީ މަފުހޫމެއް އުފެއްދެވި އެވެ. އެއީ، އުޚުއްވަތްތެރިކުރެއްވުމެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ގުޅުންތައް ބަދަހިވެ، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާމުގެ ވިއުގަ ހަރުދަނާވެ ވަރުގަދަވެގެންދިޔަ އެވެ.

އިތުރުއެކަލޭގެފާނު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ގެނެސްދެއްވި ރަށް ޕްލޭންކުރުމާއި، ޢިމާރާތްކުރުމުގެ މަފުހޫމުތައް، އޮނަވިހި ވަނަ ޤަރުނު ނިމެންދެން ދެމިއޮތެވެ. އެ މަފުހޫމުތައް ފޮހެލަން މަސައްކަތްކުރީ ހުޅަނގުގެ އިސްތިޢުމާރާއި، ފިކުރީ ހަނގުރާމަ އެވެ. އެހެނަސް ނަބަވީ އިރުޝާދުގެ ހެޔޮ އަސަރު މިއަދާ ހަމައަށް ވެސް މުސްލިމުންގެ ރަށްތަކުން މުޅިން ފިލައިގެނެއް ނުދެ އެވެ.

އިސްލާމީ ޙަޟާރަތުގައި، މުސްލިމުން ވަނީ، އާކިޓެކްޗަރ ނުވަތަ ޢިމާރާތްކުރުމުގެ ޢިލްމާއި ފަންނުގެ ރޮނގުން ވެސް އާ އީޖާދުތަކެއް ކޮށްފަ އެވެ. އެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް އީޖާދަކީ ތެދު އާޗެވެ. އެއީ، ސައްތައިންސައްތަ އިސްލާމީ އީޖާދެކެވެ. އެފަދަ އަނެއް އީޖާދަކީ، ޒަޚުރަފާ އެވެ. އެއީ، އިންސާނުންނާއި ޖަނަވާރުގެ ތަސްވީރުތައް ނުހިމަނައި، އުފެއްދުނު އިސްލާމީ ކުރެހުމުގެ އެންމެ މުހިންމު ބާވަތެވެ. މިސްކިތްތަކާއި އެނޫން ޢިމާރާތްތައް އެއިން ޒީނަތްތެރިކުރެވުނެވެ. ޢިމާރާތްތަކުގެ ޒަޚުރަފާގެ ބާވަތްތައް ކުރަހާފައިވަނީ، ހަމައެކަނި ފަރުގާލާއި ފަތިގަނޑުން ނޫންކަމަށް ހުޅަނގުގެ ޢާލިމުން ވެސް މިހާރު ޤަބޫލުކުރައްވަ އެވެ. އާދޭހެވެ. އެއީ މުސްލިމުންގެ މެދުގައި ހިސާބު ޢިލްމާއި ޖިއޮމެޓްރީ ކުރިއަރާފައިވާ މިންވަރު ވެސް އަންގައިދޭ އެއްޗެކެވެ. (ނުނިމޭ)
               -------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން