ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ ޢާއިލާއިން ޞަފުޙާއެއް

އަލްޣާޒީ ޙަސަން ޢިއްޒުއްދީން ރަދުންނާއި އެއްބަނޑު އެއްބަފާ ޙުސައިން ބޮޑުދޮށިމޭނާކިލެގެފާނުގެ ދަރިކަލުން ހުރާ މުޙައްމަދު މަނިކުފާނު، ދިވެހިރަސްކަން ހޯއްދެވުމުގެ ބޭނުންފުޅުގައި ޙާޖީ ބަންޑާރައިންނަށް އެހެދިގޮތެއް ހައްދަވައި ނިންމެވުމަށްފަހު އެރަދުންގެ ދަރިކަލުން ޢަބްދުﷲ ޤަތުލުކުރައްވަން އުޅުއްވުމުން އެކަމުން އެމަނިކުފާނު ސަލާމަތްކުރައްވައި ފުވައްމުލަކަށް ގެންދެވި އެރަށުގެ ދެކަނބަލުންގެތެރެއިން އަންހެންބޭފުޅަކީ ކަރިއްޔަ ޙައްވާމަނިކުފާނު ކަމަށް މަދު ފަރާތްތަކަށް ވިއަސް އޮޅުންއަރާގޮތެއްވެއެވެ. އެހެންވާން ޖެހެނީ ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޢަބްދުﷲ ފުވައްމުލަކަށް ގެންދެވި ދެކަނބަލުންގެ ދަރިއެއްނެތުމުން އެދެކަނބަލުންގެ ގެ ވެސްއެދަރިކަލުންނަށް ދެއްވިކަމަށް ބުނެވުމާއި، އެ ދަރިކަލުންނަށް، ފުވައްމުލަކު “ކަރިއްޔަ” ގެ ދެއްވީ ކަރިއްޔަ ޙައްވާމަނިކުފާނަށް ވާތީއެވެ.

މިއޮޅުމަކީ މިލަދުންމަޑުލު ކުރެދިވަރުގައި އަވަހާރަވެފައިވާބޭފުޅެއްގެ މަހާނަގަލުގައި ”……… ނިޔައުވީ 1182ހ. ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 4 ވީ ބުރާސްފަތި ވިލޭރޭ” ކަމަށް ލިޔެފައިވާ ބޭފުޅަކީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ ކާފަދަރިކަލެއްކަމާއި މިއީ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެއްކަމަށް ބުނެވެމުންދާތީ މިބޭފުޅަކީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ ކާފަދަރިކަލުން އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ކަމަށް ބައެއްބޭފުޅުންނަށް ބެއްލެވި، މިގޮތަށް ލިޔުއްވޭ ފަދަ ކަމެކެވެ.

ކުރެދިވަރުގައި ހުރި މަހާނަގަލަކީ އިބްރާހިމް ބަހާއުއްދީނުގެ މަހާނަ ގަލެވެ. މިއީ މަޝްހޫރު ކުރެދިވަރު ފަނޑިޔާރު މަނިކުފާނެވެ. އެ ގަލަކީ އަލްޤާޟީ އިބްރާހިމް ސިރާޖުއްދީނުގެ މަހާނަ ގަލެއްނޫނެވެ. މި މަނިކުފާނަކީ ޙަސަން ތާޖުއްދީނަށް ކާފަ، ވިދާޅުވާ އަދި ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނަށް މާފަ(މަންމަގެބައްޕަ) ވިދާޅުވާ އިބްރާހީމް ބަހާއުއްދީންގެ މަހާނަގަލެވެ.

ކުރެދިވަރުގައި ހުރި މަހާނަގަލާ ބެހޭ މިއޮޅުމެއް އެރީ ފަނޑިޔާރުކަންކުރެއްވި މިބޭފުޅަކީ މަޝްހޫރު އަލްޤާޟީ ޙަސަން ތާޖުއްދީންގެ ކާފަދަރިކަލެއްގެ އިތުރަށް ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނަށް މާފަ(މަންމަގެބައްޕަ) ވިދާޅުވާ ބޭފުޅެއްކަމަށް ބުނެވެމުންދާތީ އެބޭފުޅަކީ އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ކަމަށް ބައެއް ފަރާތްތަކަށް ބެއްލެވުނީކަމަށް ވެދާނެއެވެ.
ޙަސަން ތާޖުއްދީނަށް ބައްޕަވިދާޅުވާ ބޭފުޅަކާއި، ކާފަވިދާޅުވާ ދެ ބޭފުޅަކާއި، ކާފަވިދާޅުވާ އެއްބޭފުޅެއްގެ ދަރިކަލަކުވެސް ފަނޑިޔާރުކަން ކުރެއްވުމުން މިކަމަށް ވިސްނައިވަޑައިގެންނެވުނު ނަމަ ޤާޟީ އިބްރާހީމް ސިރާޖުއްދީނާއި ޤާޟީ އިބްރާހީމް ބަހާއުއްދީނާ މެދު އެކަހަލަ އޮޅުމެއްނޭރީހެވެ.

އިބްރާހިމް ބަހާއުއްދީނަކީ ޙަސަންތާޖުއްދީންގެ ފުތް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނުގެ ފުތް ޤާޟީ އިބްރާހިމް ބަހާއުއްދީނެވެ. މަންމައަކީ އިބްރާހިމް ރަސްގެފާނުގެ މަރިޔަމް ކަނބާފާނެވެ. ކުރެދިވަރަކީ އަލްޤާޟީޙަސަން ތާޖުއްދީންގެ އަނބިކަބަލުންގެ ރަށެވެ. ނުވަތަ އިބްރާހިމް ބަހާއުއްދީންގެ މާމަގެ ރަށެވެ. ޤާޟީ އިބްރާހީމް ސިރާޖުއްދީނާއި ޤާޟީ އިބްރާހީމް ބަހާއުއްދީނަކީ ދެ ބޭފުޅުންގެ މަންމައާއި ބައްޕަގެ ނަން ފިޔަވައި އެހެން ޢާއިލީވަނަވަރު ލިޔާނަމަ އެއްގޮތަކަށް ވަނަވަރު ލިޔެވިދާނެ ދެބޭފުޅުންނެވެ.

މާލޭ ހުކުރުމިސްކިތް ފޮތުގެ 352 ވަނަ ޞަފުޙާގައި އެމަހާނަގަލުގެ ލިޔުންވެސް އެބަވެއެވެ. އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން އަވަހާރަވީ 1246 ވަނަ އަހަރުގެ ރަމަޟާންމަހުގެ 5 ވީ ހުކުރުދުވަހު މާލޭގައިކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީމަރުކަޒުން ނެރުއްވި “ހަނދާނާއި ތާރީޚަށްޓަކައި” މިފޮތުގެ 54 ވަނަ ޞަފުޙާގައިވެސް ލިޔެފައިވެއެވެ. މިހެންވީއިރު ކުރެދިވަރުގައި 1182ހ. ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 4 ވީ ބުރާސްފަތި ވިލޭރޭ އަވަހާރަވެފައިވަނީ އިބްރާހިމަ ބަހާއުއްދީން ކަންއެނގެއެވެ. މިއީ އިބްރާހީމް ސިރާޖުއްދީން އެއްނޫނެވެ. އަލްޤާޟީ އިބްރާހިމް ސިރާޖުއްދީނުގެ ބައްޕައަކީ ޙަސަން ތާޖުއްދީންގެ ފުތް ޚަޠީބު އަޙުމަދު މުޙްޔުއްދީންއެވެ. މަންމައަކީ ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ފާތުމާ ރަނިކިލެގެފާނުވެ.

ހުރާ މުޙައްމަދު މަނިކުފާނުގެ ނުބައިކަމުން ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޢަބުދުﷲ ސަލާމަތްކުރެއްވުމަށް މެދުވެރިވެވަޑައިގެން އެމަނިކުފާނު ފުވައްމުލަކަށްގެންދަވައި ގެންގުޅުއްވީވެސް ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި އޭނާގެ އަނބިކަނބަލުން ފުވައްމުލަކު ދިގެލެގެދަރު އާމިނާ މަނިކުފާނެވެ. މިއީ މުލަކު ދިގަލެގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް، ދިވެހިރަސްކަމަށްވުރެ، އަޅުގަނޑަށް މާ ރަނގަޅޭ ޙަސަން ނޫރައްދީން(1) ރަދުންގެ އަރިހުގައި އިބްރާހީމް ފާމުލަދޭރިކިލެގެފާނު ވިދާޅުވެފައިވާ މަޝްހޫރު ފުވައްމުލަކު ދިގެލެގެދަރު އާމިނާ މަނިކުފާނެވެ.
ދައިގަޑު ގަޑުވަރު އަޙުމަދު މަނިކުފާނާއި ދިގެލެގެދަރު އާމިނާ މަނިކުފާނަކީ އިބްރާހީމް ފާމުލަދޭރިކިލެގެފާނު ވަރަށްބޮޑަށް ލޯބިފުޅުވި އަދި އިޙުތިރާމްކުރެއްވި ދެކަނބަލުންނެވެ. އެދުވަސްވަރު ދިގެލެގެދަރު އާމިނާ މަނިކުފާނުމެންގެ ޢާއިލީ ގެ “ދިގެލެގެދަރު” ގައި ޢަބުދުﷲ (ފަހުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު)އަށް ޚާއްޞަކުރެވިފައިވާ އެނދުދާންކޮޅަކާއި އުނދޯލިކޮޅަކާއި ސަރަންފީ ގޮނޑިކޮޅަކާއި ބައެއް ތަކެތިވެސް ހުއްޓެވެ. އަދި އެގޭގައި އެމަނިކުފާނަށް ކިޔަވައި ވިދާޅުވެވޭނެ އިންތިޒާމުތައްވެސް ހަމަޖެހި އެކަން ކުރެވެމުންވެސް ދިޔައެވެ.

ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނަކީ ފުވައްމުލަކު ދައިގަޑު ގަނޑުވަރު މާފަތްތަކުރުފާނުގެ، އިސްދޫ އިބްރާހިމް ޝާހުބަންދަރު ބޮޑުވެލާނާ ތަކުރުފާނުގެ ޙަސަން މާފަތްތަކުރުފާނުގެ އައްސުލްޠާނު އިބްރާހިމް މުޡުހިރުއްދީން(ބޮޑުކިލެގެފާނު)ގެ މުޙައްމަދު މަނިކުފާނު (މުލަކު މުޙައްމަދު މަނިކުފާނު)ގެ ބޭފުޅެކެވެ.

ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި އާމިނާ މަނިކުފާނާއި، ފުވައްމުލަކަށް ވަޑައިގަތީއްސުރެ ޢަބުދުﷲ (ފަހުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު)އާއި މިހުރިހާ ބޭފުޅުން ތިއްބެވީވެސް އަޙުމަދު މަނިކުފާނާއި ޙައްވާ މަނިކުފާނުގެ “ކަރިއްޔަ” ގޭގައެވެ. އާމިނާ މަނިކުފާނަށް ވުރެ ކުރިން އަޙުމަދު މަނިކުފާނު އަވަހާރަވުމުން، “ކަރިއްޔަގޭގެ ޝަރުޢީ އިސްފަރާތްކަމަށްވާ ޙައްވާ މަނިކުފާނު، “ކަރިއްޔަ” ގެ ޢަބުދުﷲ (ފަހުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު) އަށް ދެއްވީ އަޙުމަދު މަނިކުފާނު އަވަހާރަވުމުގެ ކުރިއްސުރެ އެކަންގެންދިއުމަށް ހަމަޖެހިފައިވާގޮތުގެ މަތިންނެވެ. މިކަންނިންމެވީ ޙައްވާ މަނިކުފާނެވެ.

ކަރިއްޔައާއި، ދޮރުބައިގެދަރާއި، ދައިގަޑު ގަނޑުވަރާއި، ކުޑައިރަނިޔަ އެދުރުގެއާއި، ދޫނޑޭރެއާއި މި ގޭގެއަކީ އެއް ޢާއިލާއަކަށް ނިސްބަތްވާ އެއް ހިސާބުގަނޑެއްގެ ގޭގެއެވެ.

ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޢަބުދުﷲ (ފަހުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު)އަށް ފުވައްމުލަކު ކަރިއްޔަ ޙައްވާމަނިކުފާނު ދެއްވި ކަރިއްޔަގެއާއި އެގޭ ބޭރުގެއަށް އެމަނިކުފާނު އެޅުއްވި ގެއާއި އެގޭގެ ރުއްގަހާއި ހަރުބަޔާއި ގެވެށިކަންވާރާއި ބައެއްތަކެތި ވަގުފުކުރައްވައި އެގޮތުގެމަތިން އެކަންގެންދެވުމުގެ ތައުލިއްޔަ މޫލަވެރިކަން އެމަނިކުފާނުގެ އަނބިކަނބަލެއްކަމަށްވާ ވަލިދަޑި އާމިނާމަނިކުފާނާއި އެބޭފުޅުންގެ ދަރި މިރިމިނީނާއި އެމަނިކުފާނު ފުރަތަމަ ޙަވާލުކުރެއްވީ 27 ޛުލްޙިއްޖާ 1224ހ. ގައި އެމަނިކުފާނުގެ އަތްޕުޅުން ލިޔުއްވި ލިޔުއްވުމަކުންނެވެ. އޭގެފަހުން އަލްޤާޟީ އިބްރާހީމް ސިރާޖުއްދީންގެ ފަނޑިޔާރުކަމުގެ ދުވަސްވަރު ފަނޑިޔާރު މަނިކުފާނުގެ ސިއްކަޖެހި ޝަރުޢީފަތަކުންވެސް މިކަން ނިންމެވިއެވެ. އެފަތުން އެނގޭގޮތުގައި 14 ރަމަޟާން 1228 ބުރާސްފަތި ދުވަހު އިބްރާހީމް ފާމުލަދޭރިކިލެގެފާނު ހެޔޮޙާލުކޮޅުގައި ހުންނަވައި މިކަން ހުށަހެޅުއްވުމުން އެމަގުން އެކަންނިމި ފަތްލިޔުއްވައިދެއްވީ ޛުލްޙިއްޖާ 1245ހ. ގައެވެ. އިބްރާހީމް ސިރާޖުއްދީން ފަޑިޔާރުމަނިކުފާނުގެ މަންމަ ފާޠިމާ ރަނިކިލެގެފާނަކީ އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ބައްޕާފުޅު ޙާޖީ ބަންޑާރައިންނާއި އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.

އިބްރާހީމް ފާމުލަދޭރިކިލެގެފާނަށް ފުވައްމުލަކު “ކަރިއްޔަ” ގެ ދެއްވީ ކަރިއްޔަ ޙައްވާމަނިކުފާނަށް ވާތީ އެ ކިލެގެފާނު މުލަކަށްގެންދެވި ދެމަފިރިކަނބަލުންގެ ތެރެއިން އަންހެންބޭފުޅަކީ ކަރިއްޔަ ޙައްވާމަނިކުފާނު ކަމަށް އޮޅުންއަރާގޮތެއް ވަނީ އެކަމަށް ރަނގަޅަށް ވިސްނައިނުލުމުން ކަމަށް ވެދާނެއެވެ. އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ފުވައްމުލަކަށް ވަޑައިގެން އެ ކިލެގެފާނު ޒަވާޖީ ޙަޔާތެއް ފެއްޓެވުމާ ހަމައަށްވެސް އެރަށުގައި އެބޭފުޅެއްގެ ޢަރަބިނަމުގެ ފަހަތަށް “މަނިކުފާނު” ކިޔާފައިވަނީ ހަމައެކަނި މުޡުހިރުއްދީންގެ ޢާއިލާގެ ބޭފުޅުންނަށްކަން އެނގެއެވެ. ނަމަވެސް އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ޒަވާޖީ ޙަޔާތެއް ފެއްޓެވުމުން އަނބިކަނބަލުންގެ ޢަރަބިނަމުގެފަހަތަށް “މަނިކުފާނު” ކިޔާފައިވެއެވެ. ބޭފުޅުންގެ ޢަރަބިނަމުގެފަހަތަށް “ދީދީ އެވެ.

ޙާޖީ ބަންޑާރައިން ޝަހީދުކޮށް އެރަދުންގެ ދަރިކަލުންވެސް ޤަތުލުކުރަންއުޅުމުން އެދަރިކަލުންގެ ސަލާމަތަށް މަތިވެރި ﷲ މެދުކުރެއްވި ފުވައްމުލަކުގެ ދެމަފިރިންނަކީ ޙާޖީ ބަންޑާރައިންގެ ބައްޕާފުޅު އިބްރާހީމް ރަސްގެފާނާއި “ވަރަށްގާތް” ފުވައްމުލަކު ބަޔެއްކަމަށް ބައެއް ފަތްފުށްތަކުން ފެންނައިރު އިބްރާހީމް ރަސްގެފާނާއި ގުޅިވަޑައިގެން އުފެދިފައިވާ އެއްވެސް ޢާއިލާއެއް އެދުވަސްވަރު ފުވައްމުލަކުގައި ނެތެވެ. އިބްރާހީމް ރަސްގެފާނުގެ ފަރާތްޕުޅަށްވެސް ނިސްބަތްކުރެވިދާނެ ޢާއިލާއަކަށް ފުވައްމުލަކުގައި އުފެދުނު ފުރަތަމަ ޢާއިލާއަކީ އިބްރާހީމް ރަސްގެފާނުގެ ޝަހީދުކުޅަ ދަރިކަލުން ޙާޖީ ބަންޑާރައިންގެ ޤަތުލުކުރަންއުޅުނު ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ފަރާތްޕުޅުން އުފެދުނު ޢާއިލާއެވެ.

އިބްރާހީމް ރަސްގެފާނުގެ ދަރިކަނބަލުން މަރިޔަމް ކަނބާފާނުގެ ފަރާތްޕުޅަށްވެސް ނިސްބަތްކުރެވިދާނެ ޢާއިލާއެއް ފުވައްމުލަކުގައި އުފެދިފައިވަނީ އިބްރާހީމް ފާމުލަދޭރިކިލެގެފާނު މުލަކަށް ވަޑައިގެން ކިލެގެފާނާއި ކުޑައިރަނިއަ އެދުރުގޭ މަރިޔަމް މަނިކުފާނާއި ދެކަނބަލުންނަށް 3 ބޭފުޅުންވެސް ލިބިވަޑައިގަތް ފަހުންނެވެ. އޭރު ކިލެގެފާނާއި ވަލިދަޑި އާމިނާ މަނިކުފާނާއި ދެކަނބަލުންނަށްވެސް ބައެއް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ކިލެގެފާނު މާލެއިން މުލަކަށްވަޑައިގަތް ދަތުރުފުޅެއްގައި އިބްރާހީމް ރަސްގެފާނުގެ މަރިޔަމް ކަނބާފާނުގެ ދަރިކަލުން މުޙައްމަދު ދީދީގެ ޙުސައިން ދީދީ މުލަކަށް ގެންނެވިއެވެ. އޭގެފަހުން ކިލެގެފާނުގެ އަނބިކަނބަލެއްކަމަށްވާ ވަލިދަޑި އާމިނާ މަނިކުފާނުގެ ކޮއްކޮ ވަލިދަޑި ފާޠިމާ މަނިކުފާނާއި ޙުސައިން ދީދީ ކައިވެނިކުރައްވައި ޢާއިލާ އުފެދިގެންދިޔައެވެ.
                      --------------------
ޢަބުދު ޙިލްމީ
29 ޑިސެމްބަރ 2013މ.

މަޢުލޫމާތުގެ ޙިއްޞާ:
ޢަލިދީދީ ވިދުވަރުގެ/ ފުވައްމުލައް
އަޙުމަދު ނާޞިޙު ޢަންބަރީވިލާ/ ސ. މީދޫ،
އަޙުމަދު މުޖުތަބާ އުނިސާރިގެ/ ސ. މީދޫ