އެކުވެރިކަމަކީ، އިމިއުން ސިސްޓަމްގެ މަދަދުގާރު
















އަނެކުންނާ ދެކޮޅުވެރިވެ އެކަހެރިވެގެން އުޅުމަކީ، އިމިއުން ސިސްޓަމް (Immune System) ނުވަތަ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރު ކަނޑުވައިލާ ކަމެކެވެ. މިކަމަކީ، މިޒަމާނުގެ ސައިންޓިފިކް ދިރާސާތަކަކުން ސާބިތުވެފައިވާ ކަމެކެވެ. އޭން އެއް ދިރާސާ އަކީ، އެމެރިކާގެ އޮހާޔޯ ސަހަރުގެ ޔުނިވަރސިޓީ (The Ohio State University) އިން ކޮށްފައިވާ ދިރާސާއެކެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި، އަނެކުންނާ ދެކޮޅުވެރިވުމާއި، އަނެކުންނަށް ނަފުރަތުކުރުމަކީ، ތިމާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ކަމެކެވެ. ކިއެއްތޯ އެވެ. އެކަމަކީ ބަލިބައްޔަށް ޝިފާ ލިބުމުގެ ފުރުޞަތު ވެސް ވަރަށް ބޮޑަށް ކުޑަކޮށްލާ ކަމެކެވެ. އެ ދިރާސާއިން އެނގޭ ގޮތުގައި، އަނެކުންނާ ގުޅިގެން އެންމެން އެކީގައި އެކުވެރިކަމާއެކު މަސައްކަތްކުރުމަކީ، ނުހަނު ލާބައާއި މަންފާ ހުރި ކަމެކެވެ. އެހެނީ، އެކުވެރިކަމަކީ، އިންސާނާގެ ހަށިގަނޑުގައިވާ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ މަދަދުގާރެވެ.

އޮސްޓްރޭލިއާގައި ކުރެވިފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި، އިޖުތިމާޢީ ގޮތުން އެކަހެރިވެގެން އުޅޭ މީހުންނަކީ، ޢުމުރު ކުރު ބަޔެކެވެ. އިޖުތިމާޢީ މީހުންގެ ޢުމުރަށްވުރެ އެކަހެރި މީހުންގެ ޢުމުރު، 22 އިންސައްތަ ކުރެވެ. މީގެ މާނައަކީ، އަނެކުންނާ ގުޅިގެން ޖަމާޢަތާއެކު ދިރިއުޅޭ މީހުންގެ ޢުމުރު ދިގުވާނެ އެވެ. އެހެނިހެން ދިރޭތަކެތީގެ މައްޗަށް ނަޒަރު ހިންގައިލާއިރު މިކަން ހާމަވެގެންދެ އެވެ. ދިރޭތަކެތީގެ ގިނަ ބާވަތްތައް ދިރިއުޅެމުން ގެންދަނީ ޖަމާޢަތްތަކެއްގެ ސިފައިގަ އެވެ. އެއިން އެންމެ ސާދާ މިސާލަކީ، ހިނީގެ މުޖުތަމަޢެވެ. ނުވަތަ މާމުއިކުޅަނދުރުގެ މުޖުތަމަޢެވެ.


އާދޭހެވެ. ޖަމާޢަތްތަކެއްގެ ސިފައިގައި ދިރިއުޅުމަކީ، މާތް ﷲ، އެކަލާނގެ ޚަލްޤުކުރެއްވި މަޚުލޫޤުންގެ ކިބައިގައި ލައްވާފައިވާ ޠަބީޢީ ޣަރީޒާއެކެވެ. އެ ޣަރީޒާ އެންމެ ސާފުކޮށް ހާމަވެގެންދާ އެއް މުޖުތަމަޢަކީ، މާމުއިކުޅަނދުރުގެ މުޖުތަމަޢެވެ. މާމުއިކުޅަނދުރުތައް ޖަމާޢަތްތަކެއްގެ ސިފައިގައި، ނުހަނު އެއްބައިވަންތަކަމާއެކު މަސައްކަތްކުރަމުން ދަނީ، ގުދުރަތީ ވެށީގައިވާ ޝިފާ ލިއްބައިދެނިވި އެންމެ މޮޅު މާއްދާ އުފެއްދުމަށްޓަކަ އެވެ. އެ މާއްދާ އުފެއްދުމަކީ، މާމުއިކުޅަނދުރު ކުރާ ހެޔޮ ޢަމަލެކެވެ. މިހެންވެ، ހެޔޮ ޢަމަލުތައް ކުރުމުގެ ރޫޙު އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނަވަން އެބަޖެހެ އެވެ. މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ކުރާ އިޖުތިމާޢީ ހެޔޮކަންކަމުގައި ބައިވެރިވުމާއި، ދީލަތި އެހީ ދިނުމާއި، ދީނަށް ގޮވައިލުން ފަދަ ހެޔޮ ކަންކަމުގައި ޙަރަކާތްތެރިވުމަށް އަޅުގަނޑުމެންގެ ނަފުސުތައް ހާނުވަން އެބަޖެހެ އެވެ. ތިމާމެންނަށް ލިބިފައިވާ ފައިދާކުރަނިވި މަޢުލޫމާތެއް އަނެކުންނާ ޙިއްޞާކުރުމަށްޓަކައި، އުޚުތުންނާއި އަޚުން އެއް ޖަމާޢަތެއްގެ ސިފައިގައި ތެދުވެ މަސައްކަތްކުރުމަކީ ވެސް ހެޔޮ ކަމެކެވެ. އެ ޖަމާޢަތުގައި ކޮންމެ މީހަކުމެ މަސައްކަތްކުރާނީ، އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުންނެވެ. އަޅުގަނޑުމެން ޚަބަރުދާރުވެ ދުރުހެލިވާންވީ، ޖަމާޢަތާ ނުގުޅި އެކަހެރިވެގެން ދިރިއުޅުމަށެވެ. އެހެނީ، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވަނީ، އުޚުތުންނާއި އަޚުން ޖަމާޢަތެއްގެ ސިފައިގައި ތެދުވެ، އެކުވެރިކަމާއެކު މަސައްކަތްކުރުމަށެވެ.

ރަޙުމަތުގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެ އެވެ.

(إن المؤمن للمؤمن كالبنيان يشد بعضه بعضاً)
ރިވާކުރެއްވީ: އަލްބުޚާރީ.

މާނައީ، "ހަމަކަށަވަރުން އެއް މުއުމިނަކު އަނެއް މުއުމިނަކާ ގުޅި ލާމެހިފައިވަނީ އާރާސްތުވެފައިވާ ބިނާއެއް ފަދައިންނެވެ. އެ ބިނާގެ އެއްބައި އަނެއްބަޔަށް ވާންކޮށް ދަމައި، ވަކިވެގެން ނުދާނެހެން ހިފަހައްޓަ އެވެ."

ޔުނިވަރސިޓީ އޮފް ވަރޖީނިއާ (University of Virginia) އިން ކޮށްފައިވާ ދިރާސާއެއް ކަށަވަރުކޮށްދޭ ގޮތުގައި، އެކުވެރިންނާއެކު ވާހަކަދައްކައިއުޅުމަކީ، ތަދު އިޙުސާސްވުން ކުޑަކޮށްދޭ ކަމެކެވެ. ދުވަސްވީ ބައްޔެއްގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން އިޙުސާސްކުރެވޭ ތަދު ކުޑަކޮށްދޭ އެއްކަމަކީ، ވާހަކަދައްކައި ބަލިމީހާގެ ހިތަށް ތަސައްލީއެއް ދޭނެ ބަޔަކު އޭނާގެ ކައިރީގައި ތިބުމެވެ. މިތާގައި ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ބަލިމީހުންގެ ގާތަށް ޒިޔާރަތްކުރުމަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ކަމެވެ. މިކަމާބެހޭ ގޮތުން މާތް ﷲ، ޤިޔާމަތްދުވަހު ކޮންމެ މީހަކާ ސުވާލުކުރައްވާނެކަން ދެނެވަޑައިގަންނަވަމުތޯ އެވެ؟

މުސްލިމު ރިވާކުރައްވާފައިވާ ޤުދުސީ ޙަދީޘްފުޅެއްގައި ވެ އެވެ.

(إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ يَا ابْنَ آدَمَ مَرِضْتُ فَلَمْ تَعُدْنِي قَالَ يَا رَبِّ كَيْفَ أَعُودُكَ وَأَنْتَ رَبُّ الْعَالَمِينَ قَالَ أَمَا عَلِمْتَ أَنَّ عَبْدِي فُلَانًا مَرِضَ فَلَمْ تَعُدْهُ أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِي عِنْدَهُ)
ރިވާކުރެއްވީ: މުސްލިމް.

މާނައީ، "ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލަ، ޤިޔާމަތް ދުވަހު ނިދާ އިއްވަވާނެތެވެ. އޭ އާދަމުގެދަރިޔާ އެވެ! ތިމަންރަސްކަލާނގެ (ޙަޟުރަތުގައި ތިމަންރަސްކަލާނގެ އަޅާ) ބަލި ޙާލުގައި ވީ ހިނދު، ތިބާ ތިމަންރަސްކަލާނގެ ޙަޟުރަތަށް ޒިޔާރަތެއްނުކުޅަމު އެވެ. ފަހެ އޭނާ ދަންނަވާނެ އެވެ. ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންއަޅާ އިނބަރަސްކަލާނގެ ޙަޟުރަތަށް ޒިޔާރަތްކުރާނީ ކިހިނަކުންތޯ އެވެ؟ އިނބަރަސްކަލާނގެއީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެ އެވެ. ފަހެ، (އެހިނދު) ﷲ ނިދާ އިއްވަވާނެތެވެ. ފަހެ، ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން މިވެނި އަޅަކު ބަލި ޙާލުގައި ވީ ހިނދު، ތިބާ އޭނާގެ ގާތަށް ޒިޔާރަތް ނުކުޅައީ، އޭނާ ބަލިޙާލުގައި ވީކަން ތިބާއަށް ހަމަނޭނގޭތީ ހެއްޔެވެ؟ ތިބާ އޭނާގެ ގާތަށް ޒިޔާރަތްކުޅަ ނަމަ، އޭނާގެ ގާތުން، ތިމަންރަސްކަލާނގެއާ (އެބަހީ: އެކަލާނގެ ދެއްވާ ނިޢުމަތާއި ދަރުމައާއި ޘަވާބާ) ތިބާއަށް ބައްދަލުވެވޭނެކަން، ތިބާއަށް ހަމައެނގިފައި ނުވަނީ ހެއްޔެވެ؟"

މާތްވެގެންވާ އިސްލާމްދީނުގެ ޙަޤީޤަތާއި މި މާތް ދީނުގެ މަތިވެރިކަން، މިފަދަ މޮޅުއިތުރު ޙަދީޘްފުޅުތަކުން އެބަ އެނގެ އެވެ. މި މާތް ދީނަކީ، ރަޙުމަތާއި، ލޯތްބާއި، ޢަފޫކުރުމާއި، ޢަދުލުވެރިކަމާއި، ބާއްޖަވެރިކަމުގެ ދީންކަން ވެސް އެބަ ހާމަވެ އެވެ. ފަހެ، މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ، މި މަތިވެރި ޤުދުސީ ޙަދީޘްފުޅުގައި މުޚާޠަބުކުރައްވާފައި އެވަނީ، އިންސާނާގެ އެންމެ ފުން ޝުޢޫރުތަކާ އެވެ. އެކަލާނގެ އަންގަވާފައި އެވަނީ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އަޅަކު ބަލިވުމަކީ، ސީދާ އެކަލާނގެ ރަސްކަންފުޅަށް ނިސްބަތްކުރެވޭ ކަމެއް ކަމަށެވެ. މިއީ އެކަލާނގެ، އަޅުތަކުންނަށް ދެއްވާފައިވާ ކިހައި މަތިވެރި ދަރަޖައެއްތޯ އެވެ؟ އެއްވެސް އުނިސިފައެއް އެކަލާނގެ ޒާތުފުޅަށް ލިބިވޮޑިގެން ނުވާކަމާއި، އެކަލާނގެ ޒާތުފުޅު ވަނީ، އެންމެހައި އުނިސިފަތަކުން ހުސްދުރުވެވޮޑިގެންކަން އަޅުގަނޑުމެން ދަންނަމު އެވެ. ބަލިވުމަކީ، އުނިސިފައެކެވެ. އެހެނަސް އެކަލާނގެ ޒާތުފުޅަށް އެސިފަ ނިސްބަތްކުރައްވާފައި އެވަނީ، ބަލި ޙާލުގައި އުޅޭ އަޅުތަކުންގެ ދަރަޖަ މަތިވެރިކުރެއްވުމަށްޓަކަ އެވެ. ނަންގަނެވިދިޔަ ޙަދީޘްފުޅުގައި އަންގަވާފައި އެވަނީ، ބަލިމީހާގެ ގާތަށް ޒިޔާރަތްކުރުމަކީ، ސީދާ އެކަލާނގެ ޙަޟުރަތަށް ޒިޔާރަތްކުރުން ކަމަށެވެ! މިއީވެސް އެކަލާނގެ، އަޅުތަކުންނަށް ދެއްވާފައިވާ ކިހައި ބޮޑު ޝަރަފެއްތޯ އެވެ؟

އުޚުތުންނާއި އަޚުންނޭވެ! އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކަށް ޞިއްޙަތާއި، ޢާފިޔަތާއި، ދުޅަހެޔޮކަން ލިބެން އޮތީ، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންގެ ފިޔަވަޅުތައް ސީދާކޮށްގެންނެވެ. ފަޤީރުންނަށް ޞަދަޤާތް ދިނުމަށް ވެސް މި މާތް ދީނުގައި އަންގަވާފައި ވެ އެވެ. ތިޔައިގެ ތެރެއިން އުޚުތަކު ނުވަތަ އަޚަކު ފަޤީރަކަށް ދެއްވާ ޞަދަޤާތަކީ އާދައިގެ ދިނުމެއް ކަމަށް ނުހިއްތަވާށެވެ! އެއީ، ސީދާ މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ދެއްވާ ޞަދަޤާތެއް ކަމުގައި ހައްދަވާށެވެ! މާތް ﷲ ގެ ޙަޟުރަތުން ޘަވާބާއި ދަރުމަ، ޙާޞިލުކުރެއްވޭނީ އޭރުންނެވެ. ޞިއްޙަތާއި، ޢާފިޔަތާއި، ހިތްހަމަޖެހުމާއި، ބާއްޖަވެރިކަމާއި، މި ޙަޔާތުގެ ޙަޤީޤީ ފޮނިމީރުކަން ވަނީ، އެކަލާނގެ ދެއްވާ ދަރުމައާއި ނިޢުމަތުގަ އެވެ.

ޔުނިވަރސިޓީ އޮފް ރޮޗެސްޓަރ (University of Rochester) އިން ކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި، މީހަކާ އިނދެގެން ޒަވާޖީ ޙަޔާތެއް ބިނާކުރުމަކީ، ހިތުގެ ބަލިތަކުން ވަރަށް ބޮޑަށް ސަލާމަތްވާ ކަމެކެވެ. މީހަކާ އިނދެގެން، ބަނިޔާދަންކަންމަތީ ރިވެތި ޒަވާޖީ ޙަޔާތެއް ވޭތުކުރަމުންދާ މީހުންގެ ޢުމުރު ދިގެވެ. އަދި އެފަދަ މީހަކަށް ބައްޔެއް ޖެހިއްޖެނަ، އާންމު ގޮތެއްގައި ނުހަނު އަވަހަށް ފަސޭހަވެދެ އެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ ޒަވާޖީ ގުޅުން ރަނގަޅުވި ވަރަކަށް، އެ ދެމަފަރިންގެ ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުވެ އެވެ. އަނބިމީހާ ފިރިމީހާ އަށް، ލޯތްބާއި ކުލުނާއި ހިތްހެޔޮކަން ދީ، ފިރިމީހާއަށްޓަކައި ހެޔޮކަންތައްތައް ކުރުމަކީ، އަނބިމީހާގެ ޞިއްޙަތަށް ހެޔޮ އަސަރުކުރާ ކަމެކެވެ. ހަމައެފަދައިން، ފިރިމީހާ އަނބިމީހާ އަށް، ލޯތްބާއި ކުލުނާއި ހިތްހެޔޮކަން ދީ، އަނބިމީހާ އާއި، ދަރީންނާ އަޅާލައި، އެމީހުން ބަލައި، ޢާއިލާއަށްޓަކައި އިޙުސާންތެރިކަމާއެކު ހެޔޮކަންތައްތައް ކުރުމަކީ، ފިރިމީހާގެ ޞިއްޙަތަށް ހެޔޮ އަސަރުކުރާ ކަމެކެވެ. މިދެންނެވި ކަންތައްތަކަކީ، ދެމަފިރިންގެ ހަށިގަނޑުގައިވާ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ ކަންކަމެވެ. ދިފާޢީ ނިޒާމު ވަރުގަދަވުމުގެ ނަތީޖާ އަކީ، ހަށިގަނޑަށް ހަމަލަދޭ އެކިއެކި ޖަރާސީމުތައް ގިއްގެޅުމެވެ. އެތަކެތީގެ މައްޗަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ކުރިއަރައި ކާމިޔާބު ހޯދުމެވެ.

ދާއިމީ ގޮތެއްގައި އަޅުގަނޑުމެންގެ ހަށިތަކަށް، ޖަރާސީމާއި ވައިރަސް ހަމަލާތައް ދެމުން ގެންދެ އެވެ. އެތަކެތީގެ ސަބަބުން މީހަކަށް ބައްޔެއް ޖެހުން ބިނާވެފައިވަނީ، އެމީހެއްގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ މައްޗަށެވެ. ދިފާޢީ ނިޒާމު ވަރުގަދަވި ވަރަކަށް އެތަކެތީގެ ސަބަބުން ޖެހޭ ބަލިތަކާއި، ލިބޭ ގެއްލުންތައް ކުޑަވާނެ އެވެ. ދިފާޢީ ނިޒާމު ބަލިކަށިވި ވަރަކަށް އެތަކެތީގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވެ، ލިބޭ ގެއްލުންތައް ބޮޑުވާނެ އެވެ. އެކަހެރި ގޮތެއްގައި ދިރިއުޅޭ މީހުންގެ އާންމު ޙާލަތަކީ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވެފައި ވުމެވެ. މީހަކާ ނީނދެ ޒަވާޖީ ޙަޔާތެއް ނުފަށައި އުމުރު ފަނާކުރަމުންދާ މީހުންގެ އާންމު ހާލަތަކީ ވެސް، ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވެފައި ވުމެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީ (Johns Hopkins University) އިން ކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި، ވަރިކުރުމަކީ، ހިތުގެ ބަލިތަކާއި، ހަކުރު ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވެގެންދާ ކަމެކެވެ. މިފަދަ ނަތީޖާއެއް، ޔުނިވަރސިޓީ އޮފް އެރިޒޯނާ (Johns Hopkins University) އިން ކޮށްފައިވާ ދިރާސާއަކުން ވެސް ލިބިފައިވެ އެވެ. އެ ދިރާސާއިން އެނގޭ ގޮތުގައި، ވަރިވެފައިވާ މީހުން ދިރިއުޅެމުންދަނީ، މާޔޫސްކަމާއި ހިތްދަތިކަމުން ފުރިފައިވާ ކެކުޅުންތަކެއްގެ ތެރޭގަ އެވެ. ޒަވާޖީ ޙަޔާތުގައި އުފާފާގަތިކަންމަތީ ދިރިއުޅޭ މީހުންނަށްވުރެ، ވަރިވެފައިވާ މީހުން މަރުވާ ނިސްބަތް، 31 އިންސައްތަ އިތުރެވެ.

މި ޙަޤީޤަތްތަކުގެ ކުރިމަތީގައި، އައްރޫމު ސޫރަތުގެ 21 ވަނަ އާޔަތުގެ މައްޗަށް ނަޒަރު ހިންގައިލަމާތޯ އެވެ. އެ އާޔަތުގައި މާތް ﷲ އަންގަވާފައިވަނީ، އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެއް ކަމަށެވެ.

(وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآَيَاتٍ لِقَوْمٍ يَتَفَكَّرُونَ)
އައްރޫމު: 21

މާނައީ، "ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ، ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކަ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވި އެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ."

އެއްވެސް ޝައްކެއް ނެތް ގޮތުގައި، ޒަވާޖީ ޙަޔާތަކީ، އިޖުތިމާޢީ ޙަޔާތުގެ އެއް ވައްތަރެވެ. މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން އުފެދިގެން އަންނަ ދިރަކީ ވެސް ޒަވާޖީ ޙަޔާތުގެ އިމުގެ ތެރޭގައި ބިނާކުރާ ޢާއިލާ އެވެ. މިކަންކަމާމެދު ވިސްނާ ފިކުރުކުރުމުން އެނގޭ އެއްޗަކީ، ކާވެނިކުރުމާއި، ޒަވާޖީ ޙަޔާތަށް ކަމޭހިތުމާއި، އަނބިފިރިކަމުގެ ގުޅުން ދެމެހެއްޓުމާއި، ޢާއިލާގެ ތެރެއިން ފެށިގެން އިޖުތިމާޢީ ދިރިއުޅުން އާރާސްތުކުރުމާއި، މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އެކުވެރިކަން ޤާއިމުކުރުމުގެ ބޭނުންތެރިކަމެވެ. މިކަންކަމަކީ، އިންސާނީ ޙަޔާތް ދުޅަހެޔޮކަންމަތީ ދަމަހައްޓައިދޭ އަސާސީ ބަހާތައް ކަމުގައި ވާތީ އެވެ. ލޮނާ ނުލައި ކާބޯތަކެތީގެ ރަހަ ހެޔޮވަރު ނުވާ ފަދައިން، މި ބަހާތަކާ ނުލައި އިންސާނީ ޙަޔާތުގެ ދުޅަހެޔޮކަން ފުރިހަމައެއް ނުވާނެ އެވެ.

ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކަށް ނަޒަރު ހިންގައިލާއިރު، ފާހަގަކޮށްލެވޭ ވަރަށް ބޮޑު ޙަޤީޤަތެއް މިތާނގައި ފާހަގަކޮށްލަންޖެހެ އެވެ. އެ ޙަޤީޤަތަކީ، މާތް ﷲ، ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ގިނަ އަމުރުފުޅުތައް ވަޙީކުރައްވާފައިވަނީ، ޖަމްޢުގެ ޞީޣާގައި ކަމެވެ. އޭގެ މިސާލަކީ، އެކުވެރިވުމަށް އަމުރުކުރައްވާފައިވާ އާޔަތެވެ. އެ އާޔަތުގައި ވެ އެވެ.

(وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا وَاذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا وَكُنْتُمْ عَلَى شَفَا حُفْرَةٍ مِنَ النَّارِ فَأَنْقَذَكُمْ مِنْهَا كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آَيَاتِهِ لَعَلَّكُمْ تَهْتَدُونَ)
އާލުޢިމްރާން: 103

މާނައީ، "އަދި ތިޔަބައިމީހުން އެންމެން ﷲ ގެ ވާފަށުގައި (އެބަހީ: ﷲ ގެ ދީނުގައި) ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) ޢަދާވާތްތެރިން ކަމުގައި ވަނިކޮށް، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް، ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކުރެއްވި އެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތްތަކުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމު އެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމު އެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވި އެވެ. ﷲ، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކަ އެވެ."

މާތް ﷲ، ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ މިފަދަ އެހެން އާޔަތްތަކުން ވެސް، ޖަމާޢަތުގެ މުހިންމުކަން ކަށަވަރުވެ އެވެ. އަދި އެކިއެކި މަސައްކަތްތައް ކުރާއިރު ވެސް، ވަކިވަކި ފަރުދުންގެ ގޮތުގައި މަސައްކަތްކުރުމުގެ ބަދަލުގައި، ޖަމާޢަތް ހަދައިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ވެސް ޔަޤީންވެ އެވެ. ޢިލްމީ ގޮތުން ހައިބަތުހުރި، މިޒަމާނުގެ ޔުނިވަރސިޓީތަކުން ކުރާ ސައިންޓިފިކް ދިރާސާތަކުން ވެސް ވާޞީލުވެވޭ ނަތީޖާތަކަކީ، މާތް ﷲ، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި އަންގަވާފައިވާ އެންގެވުންތަކެވެ. އެ ދިރާސާތައް ކޯރުތަކެއްގެ ސިފައިގައި ދެމެދުންގޮސް އޮއްސޭ މަޞްދަރަކީ، ކީރިތި ޤުރުއާނެވެ. އެ ދިރާސާތައް ކަށަވަރުކޮށްދެނީ، ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ފަދައިން މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކުރަންޖެހޭނެ ކަމަށެވެ. އަދި އެކުވެރިކަމާއި، އެއްބައިވަންތަކަމަކީ، އަޅުގަނޑުމެންގެ ހަށިތައް، ޞިއްޙަތާއި، ޢާފިޔަތާއި، ދުޅަހެޔޮކަންމަތީ ދަމަހައްޓައިދޭ އިމިއުން ސިސްޓަމް (Immune System) ނުވަތަ ދިފާޢީ ނިޒާމުގެ މަދަދުގާރު ކަމަށެވެ.
                   -------------

މުޞަންނިފު: އަލްއުސްތާޛު އަލްމުހަންދިސް ޢަބްދުއްދާއިމް
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން