ރަމަޟާންމަހު ޝައިޠާނުން ކަސްތޮޅު އެޅުއްވުން















ރަމަޟާން މަސް އައުމުން ޝައިޠާނުން ކަސްތޮޅު އެޅުއްވޭނެ ކަމަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެ އެވެ. ތިރީގައި މިވަނީ އެ ޙަދީޘްފުޅާއި، އޭގެ މާނައާއި، ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ކަމަށް އޮތް ބަސްފުޅުގެ ބައެއް ދޭހަތަކެވެ.

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: (إِذَا دَخَلَ شَهْرُ رَمَضَانَ فُتِّحَتْ أَبْوَابُ السَّمَاءِ وَغُلِّقَتْ أَبْوَابُ جَهَنَّمَ وَسُلْسِلَتِ الشَّيَاطِينُ) ރިވާކުރެއްވީ: އަލްބުޚާރީ.
މާނައީ: އަބޫ ހުރައިރަތުގެފާނު ރިވާކުރެއްވި އެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވި އެވެ. "ރަމަޟާން މަސް އަތުވެއްޖެނަމަ، އުޑުގެ ދޮރުތައް ހުޅުވައިލެއްވެ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެއްވެ އެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުއްވެ އެވެ."

މި ޙަދީޘްފުޅުގައި، ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ކަމަށް އޮތް ބަސްފުޅާމެދު، ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ، މަޖާޒީ ބަސްފުޅެއް ކަމަށެވެ.

އަލްޙާފިޡު ޒައިނުއްދީން ޢަބްދުއްރައޫފުގެ ރައުޔުގައި، އެބަސްފުޅުގެ މާނައަކީ، ޝައިޠާނުންގެ ވަސްވާސްތައް ރޯދަވެރިންގެ ހިތްތަކަށް ވަނުން މަނާވުމެވެ. އެހެނީ، ރޯދަމަސް އައުމުން، މުސްލިމުން ރޯދަހިފުމުގައި މަޝްޣޫލުވެ އެވެ. އުރެދުންތަކުން އެއްކިބާވުމަށް މުސްލިމުން މަސައްކަތްކުރެ އެވެ. ރޯދައިގެ ސަބަބުން، ޝަހުވާނީ އެދުންވެރިކަމާއި، ހަށިގަނޑުގެ ޖިސްމާނީ ޣަރީޒާތަކުގެ ބާރު ދަށްވެ އެވެ. ވިސްނުމާއި ފިކުރު އުޖާލާވެގެންދެ އެވެ. ބުއްދީގެ ބާރު ވަރުގަދަވެގެންދެ އެވެ. މުސްލިމުންގެ ހިތްތަކުގައި، މާތް ﷲ އަށް ކިޔަމަންތެރިވުމުގެ ރޫޙު އާލާވެގެންދެ އެވެ. ޝައުޤުވެރިކަމާއެކު އަޅުކަންކުރުން އިތުރުވެގެންދެ އެވެ. އެފަދަ އަޅުކަމުގެ ތެރޭގައި، ނަމާދުކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، އިޢުތިކާފަށް ތިބުމާއި، ޒިކުރުކުރުން ހިމެނެ އެވެ.

ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ކަމަށް އޮތް ބަސްފުޅުގެ ބޭރުފުށުގެ މާނައަށް ވެސް ބައެއް ޢިލްމުވެރިން ބުރަވެވަޑައިގެންފައި ވެ އެވެ.

ރަމަޟާންމަހުގައި ޝައިޠާނުން ކަސްތޮޅު އެޅުއްވިފައިވާއިރު، މީހުން ފާފަކުރަނީ ކީއްވެގެންކަން ސާފުކޮށްދެއްވުމަށް އިމާމު ޤުރުޠުބީގެ އަރިހުގައި ދެންނެވުނެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވި އެވެ. އެ ބަސްފުޅުގެ މާނައަކީ، ރަމަޟާންމަހު ރޯދަ ހިފަންޖެހޭ ގޮތަށް ރަނގަޅަށް ރޯދަހިފާ މީހުންނަށް ކުށްފާފަތައް ކުރެވޭ މިންވަރު މަދުވުމެވެ. ނުވަތަ، ކަސްތޮޅު އެޅުއްވިފައިވަނީ، ބައެއް ޝައިޠާނުންނެވެ. ކަސްތޮޅު އެޅުއްވިފައިވަނީ ހުރިހައި ޝައިޠާނުން ނޫންކަމަށް ބައެއް އެހެން ޙަދީޘްފުޅުތަކުގައި ވެސް ވާރިދުވެފައިވެ އެވެ. ކަސްތޮޅު އެޅުއްވިފައިވަނީ، ޝައިޠާނުންގެ ތެރެއިން މާރިދުންނެވެ. އެހެން ނަޒަރަކުން ބަލާއިރު، ހުރިހައި ޝައިޠާނުން ކަސްތޮޅު އެޅުއްވިފައި ވިޔަސް، މީހުން ކުށްފާފަތައް ކުރުން މުޅިން މަނާވުން ލާޒިމެއް ނޫނެވެ. އެހެނީ، ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ އިތުރުން، ނުބައި ކަންކަމަށް ގޮވާލާ އެހެން ފަރާތްތަކާއި ކަންކަން ވެސް އެބަހުއްޓެވެ. ނުބައި ނަފުސުތަކާއި، ނޭދެވޭ އާދަކާދަތަކާއި، އިންސާނުންގެ ތެރެއިންވާ ޝައިޠާނުން ވެސް ނުބައި ކަންކަމަށް މަގުދައްކަ އެވެ.

ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ކަމަށް އޮތް ބަސްފުޅަކީ، މުކައްލަފަކު ބަހަނާއެއް ދައްކާނެ ޖާގަ ނެއްތަވައިލައްވާނެ ބަސްފުޅެކެވެ. އެއީ، ތިމަންނާ އަށް މިފާފަ ކުރެވުނީ، ޝައިޠާނާގެ ވަސްވާހުންނޭ ބުނެ އުޒުރެއް ދެއްކުމުގެ ފުރުޞަތު ނެއްތަވައިލެއްވުމެވެ. ފާފަކުރުމާއި، ފާފަނުކުރުމުގެ އިޚުތިޔާރު މުކައްލަފުންނަށް ލިބިގެންވެ އެވެ. އެހެންކަމުން، ރަމަޟާންމަހު ރޯދައަށް ހުންނައިރު، އެއްވެސް މުކައްލަފަކު ކުށްފާފަތައް ކޮށްގެން ނުވާނެ އެވެ.

ރޯދަ ހިފުމަކީ، ކުށްފާފަތަކަށް އަރައިގަތުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެއްކަން މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކުން ވެސް ވަނީ އެނގިފަ އެވެ. ރަމަޟާންމަހުގެ ރޯދަ ހިފަން ފެށުމުން، ހަށިގަނޑުގައި، ޝަހުވާނީ އެދުންވެރިކަމަށް ގޮވާލާ ހޯމޯން އުފައްދާ މިންވަރު ދަށްވެގެންދެ އެވެ. ކިހައިވަރަކަށްތޯ އެވެ؟ ދިހަބައިކުޅަ އެއްބަޔަށެވެ. ރަމަޟާން މަސް ނިމި، ރޯދަހިފުން ހުއްޓާލާތާ ތިންދުވަހުގެ ތެރޭގައި އެ ހޯމޯން އުފައްދާ މިންވަރު، އޭގެ އަޞްލު މިންވަރަށް ރުޖޫޢަވެދެ އެވެ. ރޯދަހިފަން ފެށުމުން، ކަންބޮޑުވުމާއި ބިރުގަތުން އުފައްދާ ހޯމޯން ވެސް ހަށިގަނޑުގައި ދަށްވެގެންދެ އެވެ. އެއާއެކު، ބާއްޖަވެރިކަމާއި އަމާންކަން އިޙުސާސްކޮށްދޭ ހޯމޯން އިތުރުވެގެންދެ އެވެ.

ރޯދަހިފުމަކީ، ޞިއްޙީ ގޮތުން ގިނަގުނަ ފައިދާތައް ލިއްބައިދޭ ކަމެކެވެ. އެއިން އެންމެ މުހިންމު އެއް ފައިދާއަކީ، ލޭ ހޮޅިތައް ބަންދުކޮށްލާ ސަރުބީ ވިރުވައިލުމެވެ. އެކަމުގެ ސަބަބުން، ސިކުނޑި ތާޒާވެގެންދެ އެވެ. ވިސްނުމާއި ފިކުރާއި ބުއްދީގެ ބާރު އިތުރުވެގެންދެ އެވެ. ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމާއި، ހެޔޮކަންތައްތައް ކުރުމުގައި ދެމިހުރުމުގެ ހެޔޮ ވިސްނުން، ރޯދަވެރިޔާގެ ހިތަށް ވެރިވެގެންދެ އެވެ. މިފަދަ މިފަދަ ކަންކަމަކީ، ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ކަމަށް އޮތް ބަސްފުޅުގެ އިމުގެ ތެރޭގައިވާ ކަންކަން ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

މާތް ﷲ، ޝައިޠާނުންގެ ވަސްވާހުން އެއްކިބާވެގެންތިބެ ރޯދަހިފުމުގެ ހެޔޮ ތައުފީޤު، އެންމެހައި މުސްލިމުންނަށް ދެއްވާށި އެވެ! އާމީން!
                 ---------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން