ތާރީޚުގެތެރެއިން ދުންފަތް













މިއީ ދިވެހި އަޚުންނާއި، އުޚުތުންނަށް ދުންފަތުގެ ގެއްލުން އަންގައި ދިނުމަށްޓަކައި 2008މ. ވަނަ އަހަރު، ދިވެހިރާއްޖޭގެ އަޑުން (ވަގުތުން) ފޮނުވި ޕްރޮގްރާމެއްގައި، އެހުންތެރީންނާ، އަޅުގަނޑު ޙިއްޞާކޮށްފައިވާ ބައެއް މަޢުލޫމާތެވެ. ޕްރޮގްރާމް ހުށަހަޅުއްވައި ދެއްވީ، ސީނިއަރ ޕްރޮޑިއުސަރ ޢަލީ ޙިލްމީ އާއި، އަޙުމަދު ރަމީޒާއި، އަޑުގެ އެހެނިހެން ޕްރޮޑިއުސަރުންނެވެ.

އާދެ! ދުންފަތާ ދެކޮޅަށް، ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ވާހަކަދެކެވެން ފެށުނީ 1932 ވަނަ އަހަރު އެކަށައެޅުނު މި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ އޮނިގަނޑުގެ ތެރެއިންނެވެ. ނަމަވެސް އެކަމުގެ ތެރެއަށް ސިޔާސީ ފިކުރު ވަނުމުގެ ސަބަބުން، އެ ޚިޔާލާތު ކަރުތާފެނުގައި ފަތަމުން ދަނިކޮށް 1954މ. ވަނަ އަހަރާ 1957މ. ވަނަ އަހަރާއ ދެމެދު ޤާނޫނު ހަދާ މަޖްލިސްގެ ތަޅުމަށް “ދުންފަތުގެ ވާހަކަ” ހުށަހެޅުނެވެ. އެހާތަނަށްވެސް އެޚިޔާލާތު ޣަރަގްނުވެ ދެމި އޮވެވުނީ 1940މ. ވަނަ އަހަރު އަލްއަމީރު މުޙައްމަދު އަމީން ލިއުއްވި އަސަރުގަދަ މަޒްމޫނުތަކެއްގެ ސަބަބުން ކަމުގައި ދަންނަވާން ޖެހެއެވެ. އެކިލެފާނު ލިޔުއްވި މަޒްމޫންތަކަކީ، އިންގްލެންޑްގެ ކިންގް ޖޭމްސް (1 ވަނަ) ލިއުއްވި ބަލާޣާތްތެރި މަޒްމޫނެއްކަމަށްވާ “އަ ކައުންޓަރ ބްލާސްޓް އޮފް ޓޮބެކޯ” އާ އެއްފަދަ މަޒްމޫންތަކެކެވެ.

އާދޭހެވެ. ވޭތުވެދިޔަ 70 ވަރަކަށް އަހަރުގެ މާޒީއަށް ރިޢާޔަތްކުރާއިރު، އަޅުގަނޑު ދަންނަވާނީ، އަލްއަމީރު މުޙަންމަދު އަމީނަކީ، ދިވެހި ޤައުމުގެ “ކިންގް ޖޭމްސް އެއްވަނަ” އެވެ. އަދި އެ ކިލެގެފާނަކީ، ދިވެހި އުއްމަތުގެ “މޫގަލް އެމްޕެރަރ ނޫރުއްދީން ސާލިމް ޖަހާންގީރު” އެވެ. އަދި ކީއްތޯއެވެ. އެކިލެފާނަކީ، ދިވެހި ރާއްޖޭގެ “މެކް ޓްވައިން” އެވެ.

އިންސާނުންނަށް ގެއްލުންހުރި ކޮންމެ އެއްޗެއްވަނީ، އިސްލާމްދީނުގައި ޙަރާމް ކުރައްވާފައެވެ. އިންސާނުން ބޭނުންކުރާ ބައެއް އެއްޗިއްސަކީ، ކަނޑައެޅިގެން އޭގެ ގެއްލުން ކުރިން އެނގިފައި ނުވުމުގެ ސަބަބުން އާދައެއްގެ ގޮތުގައި ބޭނުންކުރެވެމުންދާ އެއްޗިއްސެވެ. އޭގެތެރެއިން އެންމެ މަޝްހޫރު އެކައްޗަކީ، ދުންފަތެވެ. ބިޑި، ސުއްޓާ، ސިނގިރެޓާއި، ދުންބުއިމާއި، ދުފާއިރު ދުންފަތް ބޭނުންކުރު މަކީ، ބައެއް މީހުން ވަރަށް ޝަވްޤްވެރިކަމާއެކު، ކުރަމުން އަންނަ ކަންކަމެވެ. އެކަންކަމަށް އާދަވެފައި ތިބޭލެއް ބޮޑުކަމުން ބައެއް މީހުންނަށް އެކަންކަމުން ދުރުހެލިވުން ވަނީ، ވަރަށްދަތި އުނދަގޫކަމަކަށް ވެފައެވެ. ކަންމިހެން އޮތްކަމުގައިވިއަސް، ކޮންމެ މީހަކީވެސް، ބަލިތަކުން ދުރުހެލިވެގެންވާ ފުރިހަމަ ޞިއްޙަތެއްގެ ވެރިއަކަށް ވުމަށްއެދޭނޭ މީހެކެވެ. ސަލާމަތްބުއްދިއެއްހުރި އެކަކުވެސް ތިމާގެ ނަފުސު ހަލާކުގެތެރެއަށް އެއްލައިލުމަށް ނުރުހޭނެއެވެ. ކަމެއްގެ ނުވަތަ އެއްޗެއްގެހުރި ގެއްލުން ބޮޑުކަން ހާމަވެގެންދިއުމުން ބުއްދި ސަލާމަތުންހުރި މީހެއްނަމަ، އެކަމަކާއި ނުވަތަ އެ އެއްޗަކާއި ދުރުހެލި ވާނެއެވެ. ކަމުގެ އަހުލުވެރީން އެތައް އަހަރެއްގެ ތަޖްރިބާއަށްފަހު ހާމަކުރަމުން ދަނީ، ދުންފަތުގެ އިސްތިޢުމާލު ކޮންމެގޮތަކަށް ކުރިކަމުގައިވިއަސް އެކަމުގެހުރި ގެއްލުމުގެ ބޮޑުކަމެވެ. ބައެއް ޤަވްމުތަކުން ހާމަކުރާ ގޮތުގައި އަހަރަކު އެތައް މިލިއަނެއްގެ މީހުން ދުންފަތުގެ ސަބަބުން މަރުވަމުންދެއެވެ. އެކި ވައްތަރުގެ ކެންސަރާއި ފުއްޕާމެއާއި ހިތުގެ ބަލިތަކުންނެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުރައްކާތެރިކަން ބޮޑުކަމުން، ދުނިޔޭގެ ވަރަށްގިނަ ޤަވްމުތަކުން ދަނީ، ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރަމުންގޮސް މުޅިން ހުއްޓާލެވޭ ގޮތަށް ފިޔަވަޅު އަޅަމުންނެވެ. މިކަމުގެ އިސްނެގުން އެންމެ އައުލާކަންބޮޑީ މުސްލިމުންނެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ފަދަ، އިސްލާމީ ޤަވްމުތަކެވެ. އެއީ މާތްވެގެންވާ އިސްލާމް ދީނުގައި، މިފަދަ ގެއްލުން ހުރި ތަކެއްޗާއި ކަންކަމުން ދުރުހެލިވުމަށް، މުސްލިމުންނަށް އަމުރުކުރައްވާފައި ވާތީ އެވެ. އަމިއްލަ ނަފުސާއި، އެހެނިހެން މީހުން ހަލާކުގެ ތެރެއަށް އެއްލައި ނުލުމަށް އަމުރުކުރައްވާފައި ވާތީ އެވެ. ސޫރަތުލް ބަޤަރާ 190 ވަނަ އާޔަތުގެ މާނައިގައި (މާތް ﷲ ވަޙީކުރައްވާފައި) ވަނީ، ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައި މީހުންގެ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައި ނުލާށެވެ! އަދި ކީރިތިރަސޫލާގެ ހަދީޘްފުޅެއްގެ މާނާގައިވަނީ، އަމިއްލަ ނަފުސަށް ގެއްލުން ލިބިގަތުމާއި، އެއްބަޔަކު އަނެއްބަޔަކަށް ގެއްލުން ދިނުން ވަނީ ނަހީ ކުރައްވާފައެވެ. ކަންމިހެން ހުރުމާއިއެކު، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ވެއްޓަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެގެންވާ ވެއްޓަކަށް ހަދަން އެންމެން އެއްބާރުލައިގެން މަސައްކަތް ފަށަމާތޯއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އިސްލާމްދީން ނުވަތަ އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ، ވަރަށް މަތިވެރި އުޞޫލުތަކެއް ތަކެއްގެ މައްޗަށެވެ. އިންސާނުންނަށް ގެއްލުންހުރި ކޮންމެކަމެއް އިސްލާމް ދީނުގައި ވަނީ، މަނާ ކުރައްވާފައެވެ. އިންސާނުންނަށް ފައިދާހުރި ކޮންމެކަމެއް ވަނީ، އިސްލާމްދީނުގައި ހުއްދަ ކުރައްވާފައެވެ. ހިޖްރައިން ދިހަވަނަ ޤަރްނުގެ ފަހުކޮޅުގައި “ދުންފަތުގެ ނަމުގައި” މީސްތަކުންގެ ތެރެއަށް ތަޢާރަފް ވެގެންދިޔަ ފަތަކީ، އެ ބުއިން ހުއްދަ އެއްޗެއްތޯ މުސްލިމު ޢިލްމުވެރީންނަށް އޭގެ ދުވަސް ކޮޅެއްގެ ފަހުން ބަޙުޘްކުރަން މަޖްބޫރުވެ ވަޑައިގަތެވެ. ދީނުގެ އުޞޫލުތަކަށް ބައްލަވައި ވާހަކަފުޅުދައްކަވަން ފެއްޓެވިއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ނުވަތަ ދުންފަތް ކޮންމެގޮތަކަށް ބޭނުންކުރިއަސް އެއީ ޙަރާމް އެއްޗެއް ނޫންކަމުގައި ބައެއްބޭފުޅުން ވިދާޅު ވެއެވެ. އަނެއް ބޭފުޅުން ވިދާޅުވަނީ މަކްރޫހަ ކަމެއް ކަމުގައެވެ. އަނެއް ބޭފުޅުން ވިދާޅުވީ ހުއްދަކަމެއް ކަމަށެވެ. ހަމަ އެފަދައިން ޑޮކްޓަރުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ދުންފަތަކީ، އެއިން އިސްތިޢުމާލު ކުރުމުން އިންސާނުންގެ، ޞިއްޙަތަށް ގެއްލުންތައްދޭ އެއްޗެކެވެ. އެބޭފުޅުން ކިޔަވާވިދާޅުވި ޢިލްމުގެ އަލީގައި ދުންފަތުން ގެއްލުންލިބޭކަން އެބޭފުޅުންވަނީ، ވަރަށްޞަރީޙަކޮށް ފުރިހަމަ ދަލީލާއެކު ދައްކަވާފައެވެ. ކީރިތި ޤުރްއާނުން ޘާބިތުވާ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ، އިންސާނުންނަށް ގެއްލުން ހުރި ކޮންމެ ކަމެއް ޙަރާމް ކުރައްވައި އަދި އިންސާނުންނަށް ފައިދާހުރި ކޮންމެ ކަމެއް ޙަލާލު ކުރައްވާފައެވެ. ކީރިތި ޤުރްއާނުގެ އަލްއަޢުރާފް ސޫރަތުގެ 157 ވަނަ އާޔަތުގެ މާނާގައި ވަނީ، ކަލޭގެފާނު އެއުރެންނަށް ހެއު ކަންތައްތަކަށް އަމުރު ކުރައްވާށެވެ. އަދި ނުބައި ކަންތައްތައް އެއުރެންނަށް ނަހީ ކުރައްވާށެވެ. އަދި ރަގަނޅު ތަކެތި އެއުރެންނަށް ހަލާލު ކުރައްވާށެވެ. ނުރަގަނޅު ތަކެތި އެއުރެންނަށް ޙަރާމް ކުރައްވާށެވެ.”

އަލްއިމާމު އަޙްމަދު ރިވާކުރައްވާފައިވާ ޞަޙީޙް ޙަދީޘެއްގެ މާނާގައިވެއެވެ. ރަސޫލުﷲ (ޞ.ޢ.ވ) ޙަދީޘް ކުރެއްވިއެވެ. އެއްވެސް ކަމެއްގައި، ގެއްލުން ދިނުމެއް އަދި ގެއްލުމެއް ލިބިގަތުމެއްވެސް ނުވެއެވެ. އެބަހީ: އެހެން މީހުންނަށް ގެއްލުން ދިނުމާއި، ތިމާ އަމިއްލަޔަށް ގެއްލުން ލިބިގަތުމަކީ، ހަށިގަޑަށް ލިބޭ ގެއްލުމުގެ ބަޔެކެވެ. ސިނގިރެޓުން ނުވަތަ ދުންފަތުން އިންސާނާގެ ޞިއްހަތަށް ގެއްލުން ލިބޭކަމަށް ހުރިހާ ޑޮކްޓަރުން އެއްބަސްވެއެވެ. ދުންފަތުން އިންސާނާއަށް ލިބޭ ގެއްލުމުގެ ތެރޭގައި ފުއްޕާމެއަށާއި، ނޭވާލާ ނިޒާމަށާއި، ހިތަށް ބަލިތައްޖެހުން ހިމެނެއެވެ. މިއީ މުޅިދުނިޔެ ވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. މިއީ އިންކާރުކުރެވޭނެ ކަމެއްނޫނެވެ. ދެވަނަ ބަޔަކީ، ދުންފަތުގެ ސަބަބުން މާލީގޮތުންލިބޭ (މާލީ) ގެއްލުމެވެ. މިއީ ވެސް ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ހަށިގަނޑަށް ފައިދާއެއްނުކުރާ އަދި އަތުން އެތައް ޚަރަދެއް ގޮސް، ހަށިގަޑަށް ގެއްލުންދޭ ކަމެކެވެ. މާތް ﷲ އާ، ކީރިތި ރަސޫލާ (ޞ.ޢ.ވ) ވަނީ، މުދާ އިސްރާފްކުރުން ނުވަތަ ބޭކާރު ގޮތުގައި މުދާ ހަލާކުކުރުން މަނާ ކުރައްވާފައެވެ. ސޫރަތުލްއިސްރާގެ 27 އަދި 28 ވަނަ އާޔަތުގެ މާނާގައިވެއެވެ. އަދި ގިނަގިނައިން އިސްރާފް ނުކުރާށެވެ. ހަމަކަށަވަރުން އިސްރާފްކުރާ މީހުންނަކީ، ޝައިޠާނާގެ އަޚުންނެވެ. ދެން އޭގެ އިތުރަށް، މުސްލިމުންނަކީ، ވަރަށްސާފު ތާހިރުކޮށް އަބަދުވެސް ތިބެންޖެހޭ ބައެކެވެ. ނަމާދުކުރާ ހިނދު އަދި މީސްމީހުން ޖަމަޢަވެ އުޅޭ ތަންތަނަށް ދާއިރު އޭނާގެ ގައިން ނުބައި ވަސްދުވާނަމަ، އެހެން މީހުން ނަފުރަތު ކުރާނެއެވެ. ލޮނުމެދު ކައިގެން ހުންނަމީހާ، އޭނާގެ ގައިން ނުބައިވަސް ދުވާނަމަ، މިސްކިތަށް ހާޟިރުނުވުމަށް ކީރިތި ރަސޫލާ (ޞ.ޢ.ވ) ވަނީ އަންގަވާފައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. ލޮނުމެދު އަދި ފިޔާ ކައިގެން ތިބޭ މީހުންގެ އަނގައިން ނުބައިވަސް ދުވާނަމަ އަހަރެމެންނާއި އެކަހެރިވާށެވެ. އަހަރެމެންގެ މިސްކިތްތަކުންވެސް އެކަހެރިވެ، އެމީހުންގެ، ގޭގައި ތިބޭށެވެ. މިއީ މާތް ﷲ ހުއްދަކުރައްވާފައިވާ ކާއެއްޗެއް ކެއުމުގެ ސަބަބުން ގައިން ނުބައިވަސް ދުވާނަމަ ކަންތައް ކުރަންވީގޮތް ކަމަށްވާނަމަ، އެއަށްވުރެ ނުބައިކަމެއް ކުރުމުން ދެން ކަންތައް ކުރަންޖެހޭނެ ގޮތަކީ، ކޮބައިބާވައެވެ!

އެހެންކަމުން މާތް ﷲ ފުރިހަމަ ސިކުނޑިއެއް ދެއްވާފައިވާ މުސްލިމުން މިފަދަ ކަންކަމުން ދުރުހެލި ވުމަކީ، ކުރަންޖެހޭނެ ކަމެކެވެ. ތިމާގެ ޞިއްޙަތަށާއި ތިމާގެ ނަފުސަށާއި، ތިމާގެމުދަލަށް، ގެއްލުންދޭ މިފަދަ ކަންކަމުން ނުވަތަ މިފަދަ ނުރައްކާތެރި ވަބާއަކުން ތިމާ ސަލާމަތްވުމަށް މަސައްކަތްކުރުމަކީ، ކޮންމެ ބުއްދިވެރިއެއްގެ މައްޗަށް ވާޖިބު ކަމެކެވެ. ތިމާއަކީ، ދުންފަތުގެ އަޅަކަށް ވުމުގެ ބަދަލުގައި، ދުންފަތަކީ، ތިމާގެ އަޅެއްކަމުގައި ހެދުމަށް މަސައްކަތް ކުރާށެވެ. ދުންފަތުގެ ސަބަބުން ތިމާގެ އަބުރާއި ޢިއްޒަތް، އެހެންމީހުންގެ ކުރިމަތީގައި ގެއްލި، ތިމާއަށް އެހެންމީހުންގެ ނަފްރަތު ރައްދުވުމުން ސަލާމަތްވަމާ ހިންގަވާށެވެ. ތިމާގެ އަނގައިންދުވާ ސިނގިރެޓްގެ ވަހުން އެހެންމީހުން، ތިމާއަށް ނަފުރަތުގެ ބެލުމަކުން، ބެލުން ދުރުވަމާ ހިންގަވާށެވެ. ތިމާއަކީ މާތްﷲ ނަހީކުރައްވާފައިވާ ހުރިހާކަމަކުން ދުރުހެލިވެގެންވާ މީހަކަށްވުމުގެ ޢަޒުމް ކަނޑައަޅަމާ ހިންގަވާށެވެ.

ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރޭގައި ހައްދާ ގަހެއްކަމަށްވާ “ޖީނަސް ނިކޮޓީނާ” ގަހުގެ ތާޒާ ފަތުން އުފައްދާ، ދުންފަތަކީ، ސަލާމްލެއްވި، ޢީސާގެފާނުގެ 8000 (އަށްހާސް) އަހަރު ކުރިންވެސް އިންސާނުން ދަންނަ އެއްޗެކެވެ. އީސާގެފާނުގެ 6000 (ހަހާސް) އަހަރު ކުރިންވެސް އެމެރިކާ ބައްރުގައި ދުންފަތްގަސް ހައްދާ ބޭނުންކުރެއެވެ. ޘަޤާފީކަމެއްގެ ގޮތުގައި އެންމެ ފުރަތަމަ ދުންފަތް ބޭނުން ކުރަން ފެށިފައިވަނީ، އީސާގެފާނުގެ 3000 (ތިންހާސް) އަހަރު ކުރިން އެމެރިކާގައެވެ. ދުމުގެގޮތުގައި ދުންފަތް ބޭނުންކުރަން ފެށިފައިވަނީ، އީސާގެފާނުގެ 2000 (ދެހާސް) އަހަރު ކުރިން ނެވެ. ކަށިގަނޑު (ޕައިޕް) އުފައްދައި ބޭނުންކުރަން ފެށިފައި ވަނީ، އީސާގެފާނުގެ 1400 (ސާދަސަތޭކަ) އަހަރު ކުރިން ނެވެ. ރޫޙާނީ ކަމެއްގެ ގޮތުގައި “ބޭސްފަރުވާ ކުރުމަށް” ދުންފަތް ބޭނުންކުރަން ފެށިފައިވަނީ، މީލާދުގެ ކުރީގެ 1000 (އެއްހާސް) ވަނަ ސާސްކަފުގެ ތެރޭގައެވެ. ގުޑުގުޑާ އުފައްދައި، ބޭނުންކުރަން ފެށިފައިވަނީ، މީލާދުގެ ފަހުގެ 14 (ސާދަ) ވަނަ ޤަރްނުގައެވެ. ސިނގިރެޓް އުފައްދައި ބޭނުންކުރަން ފެށުނީ، މީލާދީން 15 (ފަނަރަ) ވަނަ ޤަރްނުގައެވެ. ޔޫރަޕާއި، އޭޝިއާ އިން، މެދުއިރުމައްޗަށް ދުންފަތް ގެންދަން ފެށުނީ، މީލާދުގެ ފަހުގެ 17 (ސަތާރަ) ވަނަ ޤަރްނުގައެވެ. ތާރީޚީ ހެކިތަކުން އެނގޭގޮތުގައި، އިސްވެ މިދެންނެވި ތާރީޚުތަކުގެ މާކުރިންވެސް، ދުންފަތަކީ “ޔޫރަޕަށް” ތަޢާރަފް ވެފައިވާ އެއްޗެއްކަން (ތާރީޚީގޮތުން) އެނގެއެވެ. ޕޯޗްގީޒުންގެ (މިސަރަޙައްދުގެ) ޙަރަކާތްތަކަށް ރިޢާޔަތްކުރާއިރު، މީލާދުގެ ފަހުން 15 (ފަނަރަ) ވަނަ ޤަރުނުގެ ތެރޭގައި، އެމީހުންވަނީ، ދިވެހިރާއްޖެއަށް ދުންފަތް ތަޢާރަފުކޮށްފައެވެ.

އާދެ! ސްޓޭޓްތަކެއް އެއްކޮށް “ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ” ގެ ނަމުގައި ބާރުގަދަ، ޤަވްމެއް އުފެދުމުގެ ބިންގަލަކީ ދުންފަތް ކަމުގައި ބައެއް މުއައްރިޚުން ލިޔެފައިވެއެވެ. އެކަން އެގޮތަށް މެދުވެރިވާންޖެހުނު މައިގަނޑު ސަބަބަކީ، އެދުވަސްވަރުގެ ވަރަށް ގިނަމީހުން ދުންފަތަށް ބަރޯސާވެ އަދި އެއަށް ދެވިހިފާފައި ވާތީއެވެ. “ބްރޯން ގޯލްޑް / މުށިރަނު” ގެ ނަމުން މަޝްހޫރުވެފައިވާ ދުންފަތުގެ ސަބަބުން، އެމެރިކާގައި ދާޚިލީ ހަނގުރާމައަކަށް މަގުފަހިވުމަށް މެދުވެރިވެފައި ވަނީ، ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން އެދުވަސްވަރު އެންމެބޮޑު އަރަނިވެރިކަމެއް ލިބެނީ، ދުންފަތުގެ ބާވަތްތަކުންކަމަށް ވާތީއެވެ. ބޮޑުސުއްޓާ ތައްޔާރު ކުރުމަށް ޓަބަކޯ” ގެ ނަމުގައި، ދުންފަތުގެ ބޮޑެތި ޝިޕްމަންޓްތައް، އެންމެ ފުރަތަމަ އިންޑިއާއަށް” ފޮނުވަން ފެއްޓީވެސް އެމެރިކާއިންނެވެ.

ކުރީޒަމާނުގައި ޙަކީމުންނާއި، އެކިއެކި ދީންތަކުގެ ދަންނަބޭކަލުން، މައިގަނޑު ގޮތެއްގައި ދުންފަތް ބޭނުންކުރީ، ބޭސް ފަރުވާ ކުރުމުގައި [ތަދުކަނޑުވުމަށް” އެހީހޯދުމަށް ގުޅައިދޭ ރޫޙާނީ ބާރެއްކަމަށް ބަލައިގެންނެވެ. އެގޮތުން ބޭސްވެރިން، ބޭސްފަރުވާކުރުމަށް ދުންފަތުގެ ދިޔަ” ޖޫހުގެގޮތުގައި (އެދުވަސްވަރު) ބަލިމީހުންނަށް ބޯންދެއެވެ. ކޮފީއާއި، ދުންފަތަކީ، އެދުވަސްވަރު އެއްހަމައެއްގައި ފައިހަމަކުރި ދެބާވަތެވެ. މިއަދުވެސް ކޮފީއާއެކު “ދުންފަތު” އިސްތިޢުމާލު ކުރުމަކީ، ވަރަށް ޢާއްމު ކަމެކެވެ. އެކިއެކި ރެސްޓޯރަންޓް ތަކުން މިއަދުވެސް ވަރަށްރަނގަޅަށް އެކަން އެނގޭނެއެވެ. ދިވެހިރާއްޖެއަކީ، އެކަމުގެ ދިރިހުރި ވަރަށްފުރިހަމަ މިސާލެއްކަމުގައި ދެންނެވުމަކީ، ދޮގަކަށް ނުވާނެއެވެ.ސީ.އެން.އެން އިން ބުނާގޮތުގައި އެންމެ ފުރަތަމަ ދުންފަތް ބޭނުންކުރަން ފެށީ، ކުރީގެ ކޮލަމްބިއާ މީހުންނާއި، އެމެރިކާ ބައްރާއި އަދި އެ ބައްރުގެ އަވައްޓެރީންނެވެ. އެމީހުން ދުންފަތްގަސް ހައްދައި، ބޭނުން ކުރަންފެށީ، ކަށިގަނޑު ބުއިމަށާއި، ބޭސްފަރުވާ ކުރުމަށާއި، އެކިއެކި މުނާސަބަތު ތަކުގައި ބޭނުން ކުރުމަށެވެ. (ޑަބްލިޔޫ.އެޗް.އޯ އިން ލަފާކުރަނީ، ދުންފަތާއި ގުޅުން ހުރި ބަލިތަކުގައި “އެފްރިކާއިން” މަރުވާ މީހުންގެ ޢަދަދު، ކުރިއަށްއޮތް 20 އަހަރު ތެރޭގައި ދެގުނައަށް އިތުރުވާނެ ކަމަށެވެ.)

އާދެ! ދުންފަތުގެ ނަމުގެ ތަޢާރަފަށް ބަލާއިރު “ޓަބަކޯ” މި ބަހަކީ، މިހާރު “ސްޕެނިޝް” ބަހެއްކަމަށް ވިއަސް، އެއީ އަސްލު އަރަވަން ބަހެކެވެ. އަރަވަކަން ބަހަކީ، ކިއުބާގެ “ޓެއިނޯ” އަވަށުގެ މީހުންނާއި، ކެރީބިއަން ރަށްތަކުގެ މީހުން ވާހަކަދައްކާ ބަހެކެވެ. ސްޕޭނުގެ “ކިރިސްތިއަން” ދަންނަ ބޭކަލެއްކަމަށްވާ، ބާރޓޮލޮމީ ޑި ލަސްކާސަސް (މީލާދީން 1474 ން 1566 ށް ނުވަތަ 1484 ން 1525 ށް) ކިޔާފައިވާ ނަމަކީ ޓައްބަގު އެވެ. އޭނާއަށް އެނަން ދަސްވީ، ކޮލަބަސްއާ އެކު، ޓެއިނޯ ޖަޒީރާއަށް ދިޔަ ފަހަރު އެތަނުންނެވެ. އޭނާ ބުނާގޮތުގައި، ދުންފަތުގެ އިސްތިޢުމާލު ކުރަނީ ކީއްވެތޯ އެމީހުންނާއި، ސުވާލުކޮށްފިނަމަ އެމީހުންދޭ ޖަވާބަކީ، އެއީ ފެޝަނަކަށް ކުރާކަމެއް ކަމަށާއި، އެކަން ދަމަހައްޓަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ޅައުމުރުގައި އެކަމަށް އާދަވެފައިވާތީ، އެކަން ކުރެވެނީ ކަމަށެވެ. (ބާރޓޮލޮމީ ޑި ލަސްކާސަސް އަކީ، ސްޕޭނުގެ ސިވިލާއަށް އުފަން ރޯމަން ކެތޮލިކް މަޒުހަބުގެ މީހެކެވެ. ކޮލަމްބަސް އާ އެކު، ޓެއިނޯއާއި އަދި އެހެނިހެން ސަރަހައްދުތަކަށް ވެސް ދަތުރުތަކެއް އޭނާ ވަނީ، ކޮށްފައެވެ.)

ދުންފަތުގެ ނަން އުފެދިފައި ވަނީ، ހަކީމީ ބޭހުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ގަހެއް ކަމަށްވާ ނިކޮޓިއަނާ ޓެބަކަމް ގަހުގެ ޅަ ކުރިއާއި، ފަތާއި، މުލާއި، ތޮއްޓާއި، ގޮފި، ހިމަނައިގެން ކިޔާފައިވާ، އެކުވި ނަމެއްގެ ގޮތުގައެވެ. އެއީ، ފަންސަނގަ ނުވަތަ މައްސުނި ނަމެކެވެ. ދުންފަތް ގަހަކީ، ބޭސްވެރިކަމަށް ބޭނުންކުރާ “ގަސްގަހާގެހީގެ” ޢާއިލާގެ ގަހެކެވެ. މީލާދުގެ ފަހުގެ 9 ވަނަ ޤަރްނުން ފެށިގެން، ޢަރަބި ދުނިޔެއަށް މަޝްހޫރު ވެފައިވާ ނަމަކީ، ތައްބަޤް އެވެ. ވުމާއެކު، “ޓޮބެކޯ” މި ބަހުގެ “އަސްލު ނަން” އައިސްފައިވާކަމަށް ބެލެވެނީ، ޢަރަބި ބަހުންނެވެ. ޔޫރަޕްގެ ޤައުމުތަކުގައި އިނގިރޭސި ބަހުން ޓޮބެކޯ އެވެ، ކިޔަން ފެށުނީ، ޢަރަބީންގެ ތެރެއިން ވާރުތަވި “ތަންބާކޫ” މިބަހުގެ އަކުރުތަކާއި، ފިލިތަކަށް ބަދަލު ގެނެސްގެން ކަމަށް ބުނެވެ އެވެ. އަރަބި ޤަވްމުތަކުގައި ބޭނުންކުރާ އަނެއް ނަމަކީ “ނަރުޖިލާ” އެވެ. ޢަރަބިބަހުން ނަރްޖިލާ ކިޔަނީ ކާށި ނުވަތަ ކާށީގެ ނާއްޓަށެވެ. ނާށިން ހަދާ “ގުޑުގުޑާއަށް” ޢަރަބިބަހުން ކިޔަނީ ނަރުޖިލާ އެވެ. ނާށި ގުޑުގުޑާ ފުރަތަމަ އުފެއްދީ އަރަބީންނެވެ. ދުންފަތަށް ޢަރަބިބަހުން ތައްބަޤް ކިއުމުގެ ކުރިން، އެހެންބަޔަކު ދުންފަތަށް، އެ ނަން ކިޔާފައިވާކަމެއް، ތާރީޚީ ގޮތުން އެނގޭކަށް އަދި ނެތެވެ.

ސްނިފްގެ ނަން ނިސްބަތް ވަނީ، ދަނޑުވެރިއެއްކަމަށްވާ ވުޑް–ނިފްގެ ނަމަށެވެ. ދަނޑުވެރިން އެމީހުންގެ ޖިފްޓިތަކުގެ ވަށައިގެން ދުންފަތް ހައްދައި އެފަތް، ފެނުގައި ކައްކައިގެން ކެއުމަށް ބޭނުންކުރެއެވެ. އަދި އެކަމަށް އެހެންމީހުންނަށް ދަޢުވަތު ދެއެވެ. އެކަން ކުރަނީ، ޕާޓީ ބާއްވާ އުޞޫލުންނެވެ. ދުންއަރުވާ މަޖާކޮށް ލަވަކިޔައި، ނަށައި އަދި ބޭޚޯޝްވެ، ވަޖިދުވަންދެން އެމީހުން އެކަން ކުރެއެވެ. “ވުޑް-ނިފް” އޭނާގެ ޖިފްޓި ކައިރީގައި (އަލިފާން އަންދާ ތަނުގެ” ވަށައިގެން (އެތަނުގައި އަލިފާން އަންދާތާ 13 މަސް ފަހުން) ދުންފަތް ގަނހާއި، ޒުވާރިއާއި، ބީންސް ހެދިފައިވާތީ، ފެނިގެން އެއީ އޭނާއަށް ޤުދުރަތުން ދެއްވި ޢިނާމެއް ކަމަށް ޤަބޫލުކޮށް ޓިފުޓިގަނޑުގެ ވަށައިގެ ދުންފަތް ގަސް ހެއްދީއެވެ. އޭނާ ޤަބޫލުކުރި ގޮތުގައި، ދުންފަތް ގަހަކީ، ޚާއްޞަ ބަޔަކަށް ޤުދުރަތުން ދެއްވާ ރޫޙާނިއްތާ ގުޅައިދޭ، އިލާހީ ހަދިޔާ އެކެވެ. ވީމާ، ދުންފަތްގަސް އޭނާ ހެއްދީ، އަޅުކަންކުރާ (ވަރަށް މާތް) ގަހެއްގެ ގޮތުގައެވެ.

ވިޔަފާރި މުދަލެއްގެ ގޮތުގައި، ބޮޑުސުއްޓާ އުފައްދަން ފެއްޓީ މީލާދުގެ 3000 އަހަރު ކުރިންނެވެ. ފުރަމަ ބޮޑުސުއްޓާ އުފެއްދީ، ރެޑް އިންޑިއަނުންނެވެ. އެމީހުން އެއަށް “ޓަބަކޯ” ކިޔަން ފެއްޓީ މާފަހުންނެވެ. އިންޑިއާއަށް ދުންފަތް އެތެރެކޮށް އެއިން އެމީހުންވެސް ފުރަތަމަ އުފެއްދީ ބޮޑުސުއްޓާއެވެ. އެމީހުންވެސް އޭރު ކިޔަނީ، ޓަބަކޯއެވެ. ދުނިޔޭގެ އެހެން ބައްރުތަކަށް “އެމެރިކާ ބައްރު” ތަޢާރަފު ވުމުގެ ކުރިން އެތަނުގައި، ދުންފަތް ބޭނުންކުރަނީ، ދީނީ މީހުންނާއި، ބޭސްވެރީންނެވެ. އޭރު އެމީހުން ދުންފަތް ބޭނުންކުރީ، ތަދުކަނޑުވުމަށާއި އަދި ރޫޙާނިއްޔަތާއި ގުޅައިދޭ ބާރެއްގެ ގޮތުގައެވެ. މީލާދީން 1492 ވަނަ އަހަރު އަރަވަކަން މީހުންގެ އަތުން ދުންފަތް ގެނެސް އޭޝިއާ ބައްރަށް، އެތަކެތި ތަޢާރަފުކުރީ، ކޮލަމްބަސްއެވެ. ސްޕޭނާއި އަދި ޕޯޗްގަލްގައި ދިގު މުއްދަތަކަށް ހަރުމުދަލުގެ ގޮތުގައި ދުންފަތް ބޭނުންކޮށްފައިވެއެވެ. ތަފާތު ބަލިތަކަށް ދުންފަތުން ބޭސްފަރުވާކޮށް އެއީ ބޭހެއްކަމަށް ކަނޑައެޅީ މީލާދީން 16 ޤަރްނުގެ މެދުތެރޭގައި ޑޮކްޓަރ ފިލިޕް (11 ވަނަ) އެވެ. ބޭހެއްގެގޮތުގައި މުޅިދުނިޔެއަށް ދުންފަތް ޢާއްމުވީ އޭގެ ފަހުންނެވެ.

ދިވެހި ބަހުގެ ރަދީފުގައި ދުންފަތުގެ މާނަ ލިޔެފައިވަނީ، އެއީ ތިރިކޮށް ހެދޭ ގަހެއްގެ ފަތްކަމަށާއި، މިފަތް ބޭނުންކުރަނީ ބިޑި ސުއްޓާ، ސިގިރެޓާއި، ދުންބުއިމަށާއި، ކެއުމަށާއި އަދި ދުފުމަށެވެ. މިއީ، ދުންފަތް ގަހެވެ. މިގޮތަށެވެ. ” ދުންފަތް، މިބަސް ދިވެހި ބަހުން، އުފެދިފައި ވަނީ، ދެލަފްޒެއް އެކުވެގެންނެވެ. އެއީ “ދުން” އަދި “ފަތް” މި ދެ ލަފްޒެވެ. އެބަސް އުފެދިފައިވާ ދިވެހި ބަހެއްކަމަށް ލަފާކުރެވެނީ، އެދުވަސްވަރު އެފަތުން ކުރާބޭނުމާއި ގުޅުވައިގެން ކިޔާފައިވާ ނަމެއްކަމަށެވެ. ފަހުން ބޭނުން ކުރަންފެށުނީ އެކި ގޮތް ގޮތަށްކަމަށްވިއަސް، ފުރަތަމަ އެފަތް، ދިވެހި ރާއްޖެއަށް ތަޢާރަފު ވުމާއެކު، އެ ފަތް ބޭނުންކުރި ބަޔަކު ބޭނުންކުރީ، އެއިން ނިކުންނަ “ދުން” އެތެރެއަށް ދެމުމާ އެކު، ނޭފަތުން ބޭރުކޮށް އޭގެ ރާޙަތު ލިބިގަތުމަށް ކަމަށް ބެލެވެއެވެ.

އާދެ! ގުޑާކު ފަތުގެ ނަމުގައި އެތެރެކުރާ ދުންފަތުންވެސް ކުރަނީ ދުމުގެ ބޭނުމެވެ. އެއީވެސް ހަމަ ދުންފަތެވެ. މިއީ ދުމާއި ގުޅިފައިވާ ފަތެއްކަން އެފަތުގެ ނަމުންވެސް އެނގެއެވެ. ދިވެހި ބަހުން ދުން މާނަ ކުރަނީ، އަލިފާން ރޯވުމުން އެއިން އަރާ ނުވަތަ ނިކުންނަ އަޅިކުލައި ގޭހަކަށެވެ. އެގޮތުން، މި ފަތަށް މި ނަން، ކިޔާފައިވާކަމަށް ބެލެވެއެވެ.
               ---------------------


މަޢުލޫމާތު:
  1- 
އިންޓަނެޓް،     3 ދިރާސާ 2 ދިވެހިބަހުގެ ރަދީފު،
                       
ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު، ޒޫރިޔާގެ/ މަޑަވެލި
21/12/2012