ބަސް ދަބަސް




ކުޑަވެސް ޝައްކެއް ނެތެވެ. ބަހަކީ، ދިރުން ލިބިގެންވާ އެއްޗެކެވެ. އެހެން ނަމަވެސް ބަހަށް ލިބިފައިވާ ދިރުމަކީ، އިންސާނުންނާއި، ޖިންނި ޝައިޠާނުންނާއި، މާމެލާމެއްޔާއި، ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި، މިނޫނަސް މިފަދަ ތަކެއްޗަށް ލިބިފައިވާފަދަ އާދެ! ހެލިފެލިވެ، އުފެދިބޮޑުވެ، ނުވަތަ ޙަރަކާތްކުރުން ފަދަ ދިރުމެއް ނޫނެވެ. ބަހަށް ލިބިފައިވާ ދިރުމަކީ، ތަރައްޤީއާއި، ކުރިއެރުމާއި، ބުރުސޫރައާއި، އޮމާންކަމާއި، އަޑުމަޚްރަޖައާއި، ޒަމާނާއިއެއްގޮތަށް އަންނަމުންދާ ބަދަލުތަކާއި، އަޚްލާޤިއްޔާތާއި އަދަބިއްޔާތުގެ ސިފަތަކެވެ. ބަހުގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، އެބަހެއް ނުވަތަ ބަސްތަކެއް ކުރިން ބޭނުންކުރިގޮތަށްވުރެ، މާނަފުން ނުވަތަ މާނަރިވެތި، އަޑުއަހަން ފަސޭހަ ގޮތަކަށް، ފަހުން ބޭނުންކުރުން އެއީ ބަސް މުއްސަނދިވުން ނުވަތަ ބަހަށްލިބޭ (ޒަމާނީ) ކުރިއެރުމެކެވެ. އެހެންނަމަވެސް އެއީ އެހެން ބަސްބަހާއި، ގުޅުވައިގެން ނުވަތަ ބައިކުޅަބައެއް ހިމަނައިގެން ނުވަތަ ދެޖުމްލައިން އެއްޖުމްލަ އަމިއްލަބަހުންނާއި، ބޭރުބަހަކުން ކިއުމެއް ނޫންކަމުގައިވެސް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ. 


އިސްވެ މިދެންނެވިއުޞޫލުން ބަހަށް އުނިއިތުރު އައުމަކީ، ކުރިން ބޭނުންކުރި ގޮތް ނުބައީއަކީއެއް ނޫންކަމުގައިވެސް އެބޭފުޅުން ވިދާޅުވެއެވެ. ކޮންމެއަކަސް "ބަސް" ބޭނުންކުރަނީ، ދޭހައެއްގޮތުންނެވެ. ދޭހަ ގުޅިފައިވަނީ، އެމީހެއްގެ ނުވަތަ އެބައެއްގެ ނިޔަތާއިއެވެ. ނަމަވެސް ދޭހައަށް ބަދަލުއައުން ނުވަތަ ގެނައުން އެއީ، މުޅީން އެހެންކަމެކެވެ. ބަދަލު އައުމާއި، ބަދަލު ގެނައުމާއިމެދު (އަޅުގަނޑަށް އިވިފައިވާ އަޑުތަކާއި، އެނިގިފައިވާ މަޢުލޫމާތުގެ އަލީގައި) ދެތިން ކަމަކާއިމެދު ބަލާލާނަމެވެ.

ހ. ބުނެވޭ ގޮތުގައި އެންމެ ފުރަތަމަ ބުދަށް އަޅުކަންކުރިމީހުން އެކަންކުރީ، މާތްﷲ މަޢުރިފާކޮށް ދެނެގަތުމުގެ ބޭނުމުގައެވެ. ތިމާއަށް ﷲ ނުފެނުނު ކަމުގައި ވިއަސް ﷲ ތިމާ ދެކެވޮޑިގެންވާކަމުގެ ރަމްޒީ މާނައިގައެވެ. މިކަމަކީ، އެންމެ އެވޭލާޒަމާނުގައި ކަންހިނގާފައިވާ ގޮތެވެ. ނަމަވެސް ﷲގެ ކަށަކުޅަދުންވަންތަކަން އެނގި ކަށަވަރުވުމަށްފަހު، ކުރިމަތީގައި ބުދެއް ނުވަތަ ޞޫރައެއް ނުވަތަ މެދުވެރިއެއް ބޭނުންކޮށް ހެދުމަކީ، ބޮޑުވެގެން އަނިޔާވެރީންގެ ޢަމަލެއްކަން ކަށަވަރެވެ.

ށ. މީގެ އަށްސަތޭކަހައްޓި ވަރަކަށް އަހަރުކުރިން އަޅުގަނޑުމެންގެ ޤަވްމުގެ ރައްޔިތުން އަޅުކަންކުރީ ބުދުތަކަށެވެ. ވުމާއެކު، މީގެ 860 އަހަރު ކުރިން ދިވެހިރާއްޖޭގެ ފަސްގަނޑަށް އުފަންވެފައިވާ މަންމައަކާއި، ބައްޕައެއްގެފަރާތުން (އެނޫން ފަރާތަކަށް ނަޤުލުނުވެ) ދެމިގެން އައިސްފައިވާ ކޮންމެ ދިވެއްސެއްގެ  އަށްވަނަ ނުވަތަ ދިހަވަނަ ކާފަ ނުވަތަ މާނައަކީ، ބުދަށް އަޅުކަންކުރި މީހުންނެވެ. ރާއްޖެ އިސްލާމްވީ ދުވަސްވަރު މޮށިއުޅުނު ގިނަބަސްތަކާއި، މިހާރު މޮށިއުޅޭ ބަސްތަކުގައި ވަރަށް ބޮޑު ތަފާތު ހުރިކަން "ލޯމާފާނުތަކުން" އެނގެއެވެ. އެދުވަސްވަރު ބޭނުންކުރި އަދި މިހާރުވެސް ބޭނުންކުރާ ބައެއް ބަސްތަކުގެތެރޭގައި އެންމެ ގިނަބަޔަކު ފާހަގަކުރާ ބަސްތަކަކީ ﷲއަށް ނިސްބަތްކޮށް ބޭނުންކުރާ ބައެއް ބަސްތަކެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެދުވަސްވަރު ބޭނުންކުރިގޮތް ނުވަތަ މާނަ ނުވަތަ ނިސްބަތްކުރި ޢަޤީދާއަކީ، ގޯސް ޢަޤީދާއެއްނޫނެވެ. އެހެންނަމަވެސް އެޖުމްލަތައް މިއަދު އެގޮތަށް ބޭނުންކުރުމުގެބަދަލުގައި އެއަށްވުރެ ރީތިކޮށް ރަނގަޅަށް ބޭނުންކުރުން އެއީ އާދެ! ﷲއަށް ނިސްބަތްކުރުމުގައި ﷲ މިގޮތަށް ބޭނުންކުރުން އެއީ، އެންމެ ރަނގަޅުގޮތްކަމުގައި އަޅުގަނޑުދެކެމެވެ. 

މިދެންނެވި ބަސްތަކުގެތެރޭގައި: އިނބަސުވާމީންގެ، ބޮޑުސުވާމީންގެ، އިނބަރަސްކަލާނގެ، މާތްދޭވަތާއީންގެ މިފަދަ ބަސްތައް ހިމެނެއެވެ. އިނބައަކީ، ހައްދުންމަތީގެމީހުން ތިޔަ ނުވަތަ ކަލޭއޭ ބުނުމުގެ މާނައިގައި ބޭނުންކުރާ ޖުމްލައެކެވެ. ވުމާއެކު، އެބަސް އެއީ ތިޔަ ނުވަތަ ޢަރަބިބަހުން ޔާ ގެ މާނައިގައި ބޭނުންކުރާ ބަހަކަށްވާތީ، އިނބަ ﷲ، ތިޔަ ﷲ މިއީ ހަމަ ރަނގަޅު ގޮތެކެވެ. ނަމަވެސް "ސިވާ" އާއި "ދޭވަތާ" އެއީ މުޅިން ތަފާތު ދެގޮތެކެވެ. ސިވާ އަކީ، ބުދުދީނުގެ މީހުން އަޅުކަންކުރާ ވަރަށްޚާއްޞަ ބުދުތަކެއްކަމަށްވާ، ސަތިޔަން، ސިވަން، ސުންދަރަމްގެތެރޭގައި ހިމެނޭ ބުދުތަކެކެވެ. ދޭވަތާ އަކީ، ގްރީކުބަހުން ނެގިފައިވާ ބަހެކެވެ. މި ބަސް ނަގާފައިވަނީ، ޑޭވިއާއިންނެވެ. ޑޭވިއާ ނަގާފައިވަނީ، ޑޭވިޑް މިބަހުންނެވެ. ޑޭވިޑް ނިސްބަތްކުރަނީ ސަލާމްލެއްވި ދާވޫދު ޢަލައިހިއްސަލާމަށެވެ. (ބޮޑުތަރުތީބު ނުވަތަ "ޒުހުރުލްކަމާލާތު ފީ އަޙްކާމުލްޢިބާދާތު" މިފޮތުގައިވެސް ވަރަށްގިނައިން ލިޔުއްވާފައިވެ އެވެ. މިބާވަތުގެބަސްތައް އިންޑިއާގައި ދިރިއުޅޭ ބައެއް ދީންތަކުގެމީހުން "ދޭވަތާ" ބޭނުންކުރަނީ "ކަނޑުގެ" ކަލާނގެ މި މާނައިގައެވެ. އެކިއެކި ކަންކަމަށް އެމީހުން ބޭނުންކުރަނީ، އެކިއެކި ކަލާނގެތަކެވެ.

އާދެ! ދިވެހިރާއްޖެ އަށް އިސްލާމްދީން ތަޢާރަފުވީދުވަސްވަރު ހިނގަމުންއައި އާދަކާދަތަކާއި އެއްގޮތަށްހުރި ކިތަންމެކަމެއް އިސްލާމްދީނުގެ ޢަޤީދާތެތެރެއަށް ވަދެފައިވުން އެއީ ކަން އޮތްގޮތެވެ. މިސާލަކަށް މިފަދަ އެއް ހެއްކަކީ، ހ.ހުޅުގަލި އެހުރި ކޮށީގައި ބިނާކޮށްފައިވާ މަސްޖިދުއްތަޤުވާގައި (ޝަހާދަތްލިޔެ) ބަހައްޓާފައިހުރި ހިލައެވެ. ތާރީޚާއިބެހޭ މަރުކަޒުން ވިދާޅުވާގޮތުގައި މިހިލައަކީ، ރާއްޖެ އިސްލާމްވީ ދުވަސްވަރާއި ދާދިގާތުގައި ރާއްޖެއަށް ގެނެސްފައިވާ ހިލައެކެވެ. (މިހިލަ ގެނައި ދުވަސްވަރެއްވެސް، ގެނައި ފަރާތެއްވެސް އެނގޭކަށް ނެތެވެ. އެހިލައިގައި ތާރީޚެއްވެސް ނެތެވެ.) އާދެ! މިހިލައިގައި ލިޔެފައިވާ ޝަހާދަތުގެ ދެކަލިމައިގެ ވަށައިގެން (ބިންވަޅުކަނޑައި) ކުރަހާފައިއެވަނީ، ހިންދޫދީނުގެ އާދަކާދަތަކެއް ދައްކުވައިދޭ ސިފަ ތަކެއްކަމަށްވާ ދޮންކެޔޮ ގަނހެކެވެ.

ނ. ދިވެހީންގެ އާދަކާދަތަކަކީ، މައްސުނި އާދަކާދަތަކެކެވެ. އަޅުކަމުގެބައިތަކާއި، މުނިފޫހިފިލުވުމުގެ އާދަކާދަތަކާއި، ބަސްމޮށުންތެރިކަމާއި، އުފެންދުންތެރިކަމާއި، މިނޫނަސް މިފަދަ އެތައްކަމެއްގެތެރެއިން، މިކަންކަން ފެންނަން އެބަހުއްޓެވެ. ހަމައެކަނި މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ގިނަބަޔަކު ޝަވްޤުވެރިވާ ބޮޑުބެރު އެއީ އެފްރިކާގެ އާދަކާދަތަކުގެތެރެއިން ތަޢާރަފްވެފައިވާ ކަމެއްކަމަށް ބުނެވެއެވެ. މީގެއިތުރަށް އިންޑިއާގެ ޘަޤާފަތުގެ ބޮޑުބައެއްގެ ޙިއްސާވެސް އެކަމުގައިއެބައޮތެވެ. ކޮންމެޤަވްމެއްގެ ކޮންމެބަޔަކުވެސް އެބައެއްގެ މިޒާތުގެކަންކަން އެބައެއްގެ ދީނީ ޢަޤީދާއާއި ގުޅުވާފައިހުރެއެވެ. ކަންމިހެން އޮތްކަމަށްވިއަސް ބެލުމެއްނެތިއަނެއްބަޔަކަށް އެފަދަ ކަންކަމަށް ހުރަހޮޅިގެންފައި އެބަހުއްޓެވެ.  މިސާލަކަށް ދަންނަވާނަމަ، ދިވެހީންގެ ބޮޑުބެރު"ލަވަ" އެއީ އެކަމުގެ ފުރިހަމަ ހެއްކެކެވެ. ބައެއް ލަވަތައް ދިވެހިބަހަށް ބަދަލުކޮށްފައި ހުރިކަމަށްވިއަސް އަދިވެސް ބައެއް ޖުމްލަތައްހުރީ ހަމަ ހުރިގޮތަށެވެ. އެޒާތުގެ އެއްޖުމްލައަކީ ބޮޑުބެރުލަވައެއްގައި ކިޔާ "ކާލިރާމާ ވަގުތޭ" މިއެވެ. ކާލިރާމާއަކީވެސް އަޅުކަންކުރާ ބުދެކެވެ.

ރ.  ދެން ދިވެހި ތާރީޚަށް ބައްލަވައިލައްވާށެވެ. އާދެ! ވެވަޑައިގަތުން، ނުވަތަ ވަޑައިގަތުން، ދިވެހި ބަހުގައި މިބަސް ބޭނުންކުރަނީ، އިޚްތިޔާރީ ކަންކަމަށެވެ. މިސާލަކަށް ރަދުން ހިންމަފުއްޓަށް ގެންދިއުން، ނުވަތަ ހިންމަފުއްޓަށް، ވަޑައިގަތުމާއި، ގެންދިއުން އެއީ މުޅީން ދެ މާނައެކެވެ. އެގޮތުން ބޮޑުތަކުރުފާނު ފަސްދާނަށް ވަޑައިގަތުން، ބޮޑުތަކުރުފާނު އަވަހާރަވެވަޑައިގަތުން، ބޮޑުތަކުރުފާނު އުފަންވެވަޑައިގަތުން، މިގޮތަށްވުރެ، ފަސްދާނުވެޑުވުން، އުފަންވުން، އަވަހާރަވުން މިއީ ކަންހިނގާއުޞޫލެވެ. ނަމަވެސް އަވަހާރަވެވަޑައިގަތުން، ދިވެހިބަހުގެ މާނައިގައި، އެއީ އަމިއްލަފުޅަށް އަވަހާރަވެވަޑައިގަތުން ކަމަށް ބެލެވިދާނެއެވެ.

ބ. ރާއްޖޭގައި އެންމެފަހުންކޮލިލެއްވި ރަދުންނަށް ކޮލިލެއްވުމުގެޙަފުލާގައި، ރައްޔިތުންނަށް އިއްވި ގުރަނދުގައި އިބްރާހިމް ދޮށިމނާކިލެގެފާނު ވިދާޅުވީ "ތިބާމެން ރުހެއްތައު" މިފަދައިންނެވެ. މިއަދު އެ ޖުމްލަ ކިޔާނީ "ތިޔަބޭފުޅުން މިކަމާއި ރުހިވަޑައިގަންނަވަމުތޯ" މިފަދައިންނެވެ.

ޅ. ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި، އިބްރާހިމް ނާޞިރު ޙަވާލުވެވަޑައިގަތުމަށްފަހު އުފެއްދެވި މަޙްކަމާތަކުން ކުރައްވާމަސައްކަތްތައް ރައްޔިތުންނަށް އަންގަވައިދެއްވުމަށްޓަކައި (އެދުވަސްވަރުނެރުނު ނޫސް) "ވިޔަފާރި މިއަދު" ގައި ލިޔުއްވަފައިވާ ސުރުޚީއަކީ "ރައްޔިތުން ހޭއެރުވުން" އެވެ. މާނައަކީ، ރައްޔިތުން ހޭލުންތެރި ކުރުވުމެވެ. އެހެން ނަމަވެސް މިޒަމާނުގައި ލިޔުއްވާނީ "ރައްޔިތުން ހޭލުންތެރި ކުރުވުން" މިގޮތަށެވެ.

ކ. "ތަމްރީނުކުރުން" މިއީވެސް ބަދަލުވަމުންދާ ބަހެކެވެ. އާދެ! ބަހުގެ މާހިރުން ވިދާޅުވާގޮތުގައި ތަމްރީނުކުރަނީ، ނަޢަމްސޫތްޕެވެ. އިންސާނުންނަށް ފޯރުކޮށްދޭނީ މަޢުލޫމާތެވެ. ނުވަތަ ހޭލުންތެރިކުރުވާނީ އެވެ.

އ. ޖުމްލަ އިސްފަސްކުރުން: މިއީވެސް ވަރަށް މުހިންމެ ކަމެކެވެ. އެގޮތުން މި ޖުމްލަ ބައްލަވައިލައްވާ ށެވެ.  "އަޅުގަނޑުމެން ބެލިބެލުން އެންމެގިނަބަޔަކު ކިރުސަރުބަތު ހަދަން ބޭނުންކުރަނީ ސާގު" އެވެ. އެހެން ނަމަވެސް ބަހުގެ އަހުލުވެރީން ވިދާޅުވަނީ، މި ޖުމްލަ މިގޮތަށްލިޔެފިނަމަ މިއަށްވުރެ ފުރިހަމަވާނެ ކަމަށެވެ. "އަޅުގަނޑުމެން ބެލިބެލުމުން އެނގުނީ، ކިރުޝަރުބަތު ހަދަން އެންމެ ގިނަބަޔަކު ބޭނުންކުރަނީ، ސާގު" ކަމަށެވެ. (ނިމުނީ)
                                                     ------------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
18 ޖުލައި 2013