ނަގޫރޯޅި - ޖައްރާފާ


ހުވަދުއަތޮޅު ތިނަދޫ އުތުރުފަރާތުން ތިނަދޫއާއި ތިނަދޫ މާފުއްޓާ ދޭތެރޭ ފަޅުތެރެއަށް ކުރީ ޒަމާނުގައި އެރި ނަގޫރޯޅިއެއްގެ ސަބަބުން އެތާނގައި ވަރަށްފުން ތަނެއް ހެދިގެންދިޔައެވެ. ނަގޫރޯޅިއަކީ ވިއްސާރަ ވިލާގަނޑުން ނަގުލެއްގެ ސިފައިގައި ފައިބައިފާ ހުންނަ ބާރުގަދަވައި އެކުލެވޭ އެނބުރޭ ރޯޅިއެވެ. ތިނަދޫގެ އެކި ދުވަސްވަރުގެ މުސްކުޅިންގެ ދޫދޫމަތިން ނަގުލުވަމުން އައިސްފައިވަނީ ވަރަށްބޮޑަށް ވިއްސާރަ ދުވަހެއްގައި މިނަގޫރޯޅި އެތަނަށް އެރުމުން ވަށްބުރެއްގެ ސިފައިގައި ފަންސާހަކަށް ފޫޓު ބޮޑުމިނުގައި ވަރަށްފުން ތަނެއް ހެދިގެންދިޔަކަމަށެވެ.

ތިނަދޫ އުތުރުފަރާތު ފަޅުތެރެއަށް އެރި ނަގޫރޯޅިން ހެދިގެންދިޔަ ފުންތަނަށް ކުރިއްސުރެ ކިޔައިއުޅުނީ "ޖައްރާފާ" އެވެ. މިޖައްރާފާގެ އަޑި ފެންނަނީ ފުންވިލެކޭ އެއްފަދައިން ނޫކުލައިގައެވެ. ތިނަދޫން މީހުން ބޭލިއިރު އެތާނގެ ފުންމިނުގައި ހިކިދިޔައިގައި ގާތްގަނޑަކަށް ވިއްސަކަށް ފޫޓް ހުންނާނެއެވެ. އެދުވަސްވަރު ތިނަދޫގެ އެއްގަމަށް އެހިލައިފައި ހުރުމުން ދޯނީގެ މަޑޫތައް ދިޔަވާވަރަށް ދުރުވެފައިވާ ބައެއް ދޯނިތައް މޫދަށްބޭލުމުން ދިޔަނުހިފޭތީ މަޑޫތައް ގާތްވެ ދިޔަހިފެންދެން މިޖައްރާފާގެ ތެރެއަށް އެދޯންޏެއް ފައްތާފައި ބާއްވައެވެ.

ތިނަދޫން މީހުން ބޭލުމާއި ހަމައަށް މިޖައްރާފާގެ ތެރޭ ދޯންޏެއް ފައްތާފައި އޮންނަ ދުވަސްވަރެއްގައި ބައެއް ކުދިން މޫދަށްއެރި އުޅޭއިރު ޖައްރާފާއަށް ގޮސް އެދޯންޏަކަށް އަރައި އުޅެއެވެ. ނަމަވެސް ޖައްރާފާގެ ތެރޭ ފަތައި އުޅުމަކީ ދުރުކަމެކެވެ. އޭގެ ސަބަބަކީ ޖައްރާފާ ތެރޭ މަދުނޫން ޢަދަދަކަށް ވެން، (ތިނަދޫބަހުން ވެމެ) އަދި ޚާއްޞަކޮށް ފަންހާމަސް (ތިނަދޫބަހުން އިދިހެނެފަނެ) އުޅެތީއެވެ. ފަންހާމަހަކީ އެއާއި ބެހި ރުޅިއަރުވައިފިނަމަ ވެނަށްވުރެ ނުރައްކާ ބޮޑު އެއްޗެކެވެ. މިމަހާތޮޅެ ރުޅިއެރުވުމުން އޭގެ ބޯކޮޅު ވަތަށް ވާގޮތަށް އެމީހަކަށް ހަމަލާދީ އޭގެ ބުރަކަށީގައިވާ ކަށިތައް އެމީހެއްގެ ފަޔަށް ނުވަތަ އެނޫން ތަނަކަށްވެސް ވައްދައެވެ. މިހެންވީމާ އެތަނެއްގައި ގިނައިން ފަންހާމަސް އުޅޭތަނަކީ ޢާއްމުކޮށް އެހެނިހެން މަސްމަހާމެހި އުޅުން ދުރު ތަނެކެވެ.

ތިނަދޫ ޖައްރާފާ ހިކި ތިނަދޫގެ ބިމާއި ގުޅިގެންދިޔައީ ނޮވެމްބަރ 2000މ. ގައި ތިނަދޫއާއި ތިނަދޫމާފުއްޓާ ދޭތެރެއަށް ވެލިއަޅައި ހިއްކުމުގެ ސަބަބުންނެވެ. މިޖައްރާފާ އޮތް ހިސާބަކީ މިހާރު ގިނަ ގެތަކެއް އަޅައި މީހުން ދިރިއުޅެމުންދާ ސަރަޙައްދެކެވެ. ތިނަދޫގައި ސަރުކާރުން ޢިމާރާތްކުރެއްވި ދެބުރިމިސްކިތުގެ ދެކުނުން ތިނަދޫ ކުދިމާ މުޙައްމަދު ޝަރީފުގެ ގެ "ދިވެތި" މިހާރު އެވަނީ އެހިސާބުގައެވެ.
                                ---------------------

ޢަބުދުﷲ ޙިލްމީ

މަލޫމާތުގެޙިއްޞާ:
 މުޙައްމަދު ޒުހައިރު ޖޭނެސްޓް/ ތިނަދޫ
ޢަބުދުﷲ އަޙުމަދު ސޯސަންޕާކް/ ތިނަދޫ