ޤިޔާމަތްވުމުގެ ބައެއް ޢަލާމާތްތައް














ޤިޔާމަތްވުމުގެ ޢަލާމާތްތައް ބެހިގެންވަނީ، ދެ ބަޔަކަށެވެ. އެއީ، ކުދި ޢަލާމާތްތަކާއި، ޤިޔާމަތްވުމުގެ ބޮޑު ޢަލާމާތްތަކެވެ. ކުދި ޢަލާމާތްތަކަކީ، ޤިޔާމަތްވުމުގެ އެތައް ޒަމާނެއްގެ ކުރިން ފެށިގެން ފާޅުވަމުން ދާނެ ޢަލާމާތްތަކެކެވެ. އެއިން ބައެއް ޢަލާމާތްތައް މިހާރުވަނީ، ފާޅުވެފަ އެވެ. ފާޅުވެފައިވާ ބައެއް ޢަލާމާތްތައް ތަކުރާރުވެދާނެ އެވެ. އަދި ބައެއް ޢަލާމާތްތައް ދަނީ ފާޅުވަމުންނެވެ. ބޮޑެތި ޢަލާމާތްތައް ފާޅުވާނީ، ކައިރިކައިރީގަ އެވެ. އެއީ، ޤިޔާމަތްވުން ގާތްވެއްޖެކަން ބަޔާންކޮށްދޭ ފާޅުކަންބޮޑު ޢަލާމާތްތަކެކެވެ.

ތިރީގައި މިވަނީ، ޤިޔާމަތްވުމުގެ ކުދި ޢަލާމާތްތަކާއި ބޮޑު ޢަލާމާތްތަކެވެ.

ޤިޔާމަތްވުމުގެ ކުދި ޢަލާމާތްތައް:

1. ރަޙުމަތުގެ ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ފޮނުއްވުން.
2. އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވުން.
3. ބައިތުލް މަޤުދިސް ފަތަޙަވުން.
4. ފަލަސްޠީނުގެ (عمواس) ނަމަކަށް ކިޔުނު ރަށުގައި، ބޮޑު ވަބާއެއް (ޠާޢޫނެއް) ފެތުރުން.
5. މީސްތަކުންގެ އަތުގައި ފައިސާއާއި މުދާ ގިނަވެ، ޞަދަޤާތް ލިބުމަށް އެދިގެން އުޅޭ މީހަކު ނެތުން.
6. އެކިއެކި ފިތުނަތައް ފާޅުވުން.
7. ނަބީކަމަށް ދަޢުވާކުރާ މީހުން ފާޅުވުން.
8. ޙިޖާޒުކަރައިން އަލިފާންގަނޑެއް ފާޅުވުން. ހިޖުރައިން 654 ވަނަ އަހަރު، އެ އަލިފާންގަނޑު ފާޅުވެފައިވާ ކަމަށް ބުނެވެ އެވެ.
9. އަމާނާތްތެރިކަން ނެތިދިއުން. އަމާނާތްތެރިކަން ނެތިދާނީ، ކަންކަމަށް ޤާބިލު ނޫން މީހުންނާ އެކަންކަން ޙަވާލުކުރުމުގެ ސަބަބުން ކަމަށް ބުނެވެ އެވެ.
10. ޢިލްވެރިކަން ނެތިދިއުމާއި ޖާހިލުކަން ފާޅުވުން.
11. ޒިނޭކުރުން ފެތުރި ޢާއްމުވުން.
12. ރިބާކެއުން ފެތުރުން.
13. މިޔުޒިކުކުޅުން ޢާއްމުވުން.
14. ބަނގުރާ ބުއިން ގިނަވުން.
15. ބަކަރިހުއިހައްޕާ ފަޤީރުން މުއްސަނދިވެ، އުސް ބިނާތައް ޢިމާރާތްކުރުން.
16. އަޅުކަނބުލޭގެ ބަނޑުން، ސާހިބުކަމަނާ ވިހެއުން.
17. މީހުން މެރުން ގިނަވުން.
18. ބިންހެލުން އައުން ގިނަވުން.
19. ބިންގަނޑު އަޑިޔަށް ދިއުމާއި، ބައެއް މީހުންގެ ސިފަ ހުތުރުވުމާއި، ހިލައުކުން.
20. ހެދުން ލައިގެން އުނު އޮރިޔާން ނިވާނުވެ ތިބޭ އަންހެނުން ފާޅުވުން.
21. މުއުމިނުންގެ ހުވަފެން ސީދާވުން.
22. ދޮގު ހެކި ދިނުން ގިނަވުމާއި، ތެދު ހެކި ބަސް ވަންހަނާކުރުން.
23. އަންހެނުން ގިނަވުން.
24. ޢަރަބި ކަރައަށް ބަގީޗާތަކާއި ފެންކޯރުތައް އިޢާދަވުން.
25. ފުރާތުކޯރުގެ ތެރެއިން ރަން ފަރުބަދައެއް ފާޅުވުން.
26. ޖަނަވާރުތަކާއި ޖަމާދާތު (ހިލަ ފަދަ ތަކެތި) އިންސާނުންނާ ވާހަކަ ދެއްކުން.
27. ރޫމީންގެ ޢަދަދު ގިނަވެ، އެބައިމީހުން މުސްލިމުންނާ ހަނގުރާމަކުރުން
28. ޤުސްޠަންޠީނިއްޔާ (މިހާރުގެ އިސްތަންބޯލް) ފަތަޙަވުން.

ޤިޔާމަތްވުމުގެ ބޮޑު ޢަލާމާތްތައް:

ޤިޔާމަތްވުމުގެ ބޮޑު ޢަލާމާތްތަކުގެ ތެރޭގައި ދިހަ ކަމެއް ހިމެނެ އެވެ. އެކަންތައްތަކަކީ:
1. ދައްޖާލު އެރުން.
2. ސަލާމްލެއްވި ޢީސާގެފާނު ދުނިޔެއަށް ފައިބާވަޑައިގެންނެވުން.
3. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ފާޅުވުން.
4. މަދީނާގެ އިރުމަތިފަރާތުން ކޭތަ ފެނުން.
5. ޢަރަބިކަރައަށް ކޭތަ ފެނުން.
6. މަދީނާގެ ހުޅަނގު ފަރާތުން ކޭތަ ފެނުން.
7. ބިޔަ ދުންގަނޑެއް ފާޅުވުން.
8. ހުޅަނގުފަރާތުން އިރުއެރުން.
9. ބިމުން ދާއްބައެއް ނުކުތުން.
10. ޔަމަނުކަރައިން އަލިފާންގަނޑެއް ފާޅުވުން.
މި ޢަލާމާތްތައް މިލިޔުމުގައި ވަނީ، ފާޅުވާނެ ތަރުތީބަކުން ނޫނެވެ.
           ------------------------------

ލިޔުއްވީ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
މަސްދަރު:
1. އަލްޤިޔާމަތުއް ޞުޣުރާ (އައްޝައިޚު، ޢުމަރު ސުލައިމާނުލް އަޝްޤަރު)
2. އަޝްރާޠުއް ސާޢާ (އައްޝައިޚު، ޔޫސުފުލް ވާބިލު)