އެތެރެ ހުސް، ގަބު މީހުން ބޮޑަށް އަޑުގަދަވާނެ















ރޭލެއް ދަތުރުކޮށްފައި ދާއިރު، އޭގެ ބުރިއެއް މާބޮޑަށް ތެޅެމުންދާނަމަ އެއީ ހުސް ބުރިޔެއްކަން ކަށަވަރެވެ. ވިޔަފާރިވެރިޔަކު އޭނާ ވިއްކާ އެއްޗެއް މާބޮޑަށް އިޝްތިހާރުކުރާނަމަ، އެއީ ރަނގަޅު އެއްޗެއް ނޫންކަން ޔަޤީނެވެ.

މި އުސޫލުން ބަލާއިރު، އެތެރެ ހުސް، ހަރުކަމެއް ނެތް މީހުން އަޑުގަދަވެފައި ހަޅޭއްލެވުން ގިނަވާނެ އެވެ. އެތެރެ ހުސް (ބޮޑުބެރު ފަދަ) ތަކެތިން ގަދަ އަޑު އިވޭ ބީދައިންނެވެ. ނަމަވެސް، ކެތްތެރިކަމާއެކު މަސައްކަތްކުރާ ހަރުދަނާ މީހުން ހަމަހިމޭންވެފައި ހިތްތިރިވާނެ އެވެ. އެހެނީ، އެމީހުންނަކީ ކާމިޔާބުގެ އޮނިގަނޑު ފަރުމާކޮށް، އުއްމަތުގެ ބިނާ އާރާސްތުކުރުމުގައި އަވަދިނެތި އުޅޭ ބަޔެކެވެ. 


އޮށްޓަރު އަރައި ފުރިފައިވާ ގޮދަންކޯޅި ބަރުވާނެ އެވެ. އެ ގޮދަންކޯޅި ވާނީ އަތްއަތަށް ނުލެނބި ސާބިތުކަންމަތީގަ އެވެ. އެއާ ޚިލާފަށް، އޮށްޓަރު މަދު ގޮދަންކޯޅި ލުއިވާނެ އެވެ. ވަޔާއެކު އެ ގޮދަންކޯޅި އަތްއަތަށް ލެނބޭނެ އެވެ.  

އިންސާނުންގެ ތެރޭގައި ވެސް، ބުރަދަނެއް ނެތް މީހުން އުޅެ އެވެ. އެ މީހުންނަކީ ޙަޔާތުގެ މަދްރަސާއިން ފޭލްވެފައިވާ ސުންތަކެކެވެ. އެ މީހުންވަނީ، އުނގެނުމުގެ ވެށްޓާއި، އީޖާދުކުރުމުގެ މައިދާނާއި، އުފެއްދުންތެރިކަމުގެ ކާރުޚާނާގައި ނާކާމިޔާބުވެފަ އެވެ. އެހެންކަމުން އެ މީހުންގެ މަސައްކަތަކަށް ހަދާފައިވަނީ، އެހެން މީހުންގެ ކާމިޔާބާއި ކުރިއެރުމަށް ހުރަސް އެޅުމެވެ. އެ މީހުންގެ މިސާލަކީ ތަނެއްދޮރެއް ނުދަންނަ ސަފީހުންގެ މިސާލެވެ. ކުރެހުންތެރިޔަކު ކުރަހައި، ރީތިކަމާއި ޗާލޫކަމުން އަތްކަންއަޅާފައިވާ ލާމަސީލު މަންޒަރެއް އެއިން މީހަކަށް ފެނިއްޖެނަމަ، އެޔަށް ކިލާ ޖަހައި އެ ހަޑިކޮށްލާނެ އެވެ. 

ތަނެއްދޮރެއް ނުދަންނަ އަނދޮޅު މީހުން ހިންގާ ޕްރޮޖެކްޓަކީ ވައިއަނގަ ތެޅުމެވެ. އެބައިމީހުންގެ ޙުއްޖަތްތަކަކީ ހަޅޭއްލެވުމެވެ. ދަލީލުތަކަކީ ބުހުތާން ދޮގެވެ. އެބައިމީހުންގެ ތެރެއިން މީހަކީ ކަނޑައެޅިގެން މިވެނި ދާއިރާއަކަށް ނިސްބަތްވާ މީހެކޭ ބުނާކަށް ނޭނގޭނެ އެވެ. އެއީ އަދީބުންނެއް ނޫނެވެ. ވާހަކަދެއްކުންތެރިންނެއް ވެސް ނޫނެވެ. ލިޔުންތެރިންނެއް ވެސް ނޫނެވެ. މޭސްތެރިންނެއް ވެސް ނޫނެވެ. ވިޔަފާރިވެރިންނެއް ވެސް ނޫނެވެ. އެމީހުން، ރަނގަޅު މުވައްޒަފުންގެ ތެރެޔަކު ނުހިމެނޭނެ އެވެ. ތޫނުފިލި ޢިލްމުވެރިންގެ ތެރެޔަކު ވެސް ނުހިމެނޭނެ އެވެ. ހެޔޮލަފާ ޞާލިޙުންގެ ތެރެޔަކު ވެސް ނުހިމެނޭނެ އެވެ. ދީލަތި މީހުންގެ ތެރެޔަކު ވެސް ނުހިމެނޭނެ އެވެ. ކީއްތޯއެވެ. އެ މީހުންނީ، އަދަދުގެ ވާތްފަރާތުގައި ޖަހާ ސުންތަކެކެވެ. ދިރިއުޅެމުންދާނީ އަމާޒެއް ނެތި އެވެ. ކުރިޔަށްދާނީ ރޭވުމެއް ނެތި އެވެ. ހިނގަމުންދާނީ ހިންމަތެއް ނެތި އެވެ. ފާޑުކިޔޭވަރުގެ ޢަމަލެއް އެބައިމީހުންނަކަށް ނުކުރެވޭނެ އެވެ. އެއީ ސޮހޮލުވެ ބިންމައްޗަށް ވެއްޓިފައިވާ ބަޔެކެވެ. އެހެންކަމުން އެ މީހުންނަކު އިތުރަކަށް ނުވެއްޓޭނެ އެވެ. އެ މީހުންނާމެދު ހެޔޮ ބަހެއް ބުނެވޭތަނެއް ނުފެންނާނެ އެވެ. އެ މީހުންނަށް ހެޔޮ ރަނގަޅު ކަމެއް ކުރެވިފައި ނެތީތީ އެވެ. އެ މީހުންނާ ދިމާއަށް މީހަކު އެއްޗެއްސެއް ވެސް ނުކިޔާނެ އެވެ. އެމީހުންގެ ކިބައިން އެކަމަކަށް ހަސަދަވެރިވާނެ ކަމެއް ފެންނަން ނެތީތީ އެވެ.

އަދަބީ ފޮތްފޮތުގައި ނަންގަނެވިފައިވެ އެވެ. ކަންނެތް، ފަރުވާކުޑަ ޒުވާނަކު އޭނާގެ ބައްޕަ ގާތުގައި ބުންޏެވެ.

"އެވެނި މީހާއާ އެއްގޮތަށް، ތިމަންނައަށް އެއްވެސް މީހަކު ތާރީފުގެ ބަހެއް ވެސް އަދި ބަދު ބަހެއް ވެސް ނުބުނަނީ ކީއްވެ ހެއްޔެވެ؟"

އެހިނދު އޭނާގެ ބައްޕަ ޖަވާބުގައި ބުންޏެވެ.

"ތިބާއަކީ އިންސާނެއްގެ ހަންގަނޑެއްގެ ތެރޭގައި އޮތް ގެރިއަކަށްވީތީ އެވެ."

އެތެރެހުސް ގަބު މީހާ އަށް، އެހެން މީހުންގެ މަސައްކަތްތައް ފުނޑުފުނޑުކޮށްލައިގެން ފޮނިކަން ލިބެ އެވެ. ރަނގަޅު ކަންކަމުގައި ކުރި ހޯދާފައިވާ މީހުންގެ ކަރާމަތްތެރިކަމަށް އަރައިގަނެގެން އަރާމު ލިބެ އެވެ. އެމީހުންގެ މޮޅު އުފެއްދުންތަކާއި އީޖާދުތައް ސުންނާފަތިކޮށްގެން އުފާ ލިބެ އެވެ. އެމީހުންނާ އެއް ހަމައިގައި އޭނާއަށް ފައިތިލަ ސާބިތު ނުކުރެވުނީތީ އެވެ.

ހިވާގި މަސައްކަތްތެރިޔާ އޭނާގެ ވަގުތުތައް ހޭދަކުރާނީ، އޭނާގެ މަސައްކަތްތައް ރަނގަޅަށް ފުރިހަމަކުރެވޭތޯ އެވެ. އަދި އޭނާ އުފައްދާތަކެތީގެ ފެންވަރު މަތިކުރެވޭތޯ އެވެ. ދިރިތިބީންގެ ނަފުސުތައް ކަތިލައި، މަރްޙޫމުންގެ ކަށްވަޅުތައް ކޮންނާނެ ވަގުތެއް އޭނާއަކަށް ނުލިބޭނެ އެވެ. އެއްވެސް ބަޔެއްގެ އައިބުތައް ކިޔައި ނެތިމޮށުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. އަވަދިނެތި އޭނާ އުޅޭނީ އުއްމަތުގެ ބިނާ އާރާސްތުކުރެވޭތޯ އެވެ. ހެޔޮކަމުގެ ފޭރާން ވިޔެ އުފެއްދޭތޯ އެވެ.

ރަނގަޅަށް ހެދި ފޯދިފައިވާ ކަދުރު ރުއް، ފެހިކަންމަތީ އަބަދުވެސް ދެމިހުންނާނެ އެވެ. އޭގެ މޭވާތައް މީރުވެފައި، ފައިދާތައް ގިނަގުނަވާނެ އެވެ. އެހެންކަމުން، ސަފީހަކު އެއްލާ ގާބުރިން ޖެހިފައިވެސް އެ ރުކުން ވެއްޓޭނީ މީރު ފޮނި ކަދުރެވެ. ނަމަވެސް ޙަންޡަލް (Colocynth) ވެލުގެ މޫ ފެނާހަމައަކަށް ނުފޯރަ އެވެ. އޭގެ މަލަ އަބާއްޖަވެރި އެވެ. ރަހަ ހިތްޗެވެ. އެޔަކު ރީތިި ސިފައެއް ނެތެވެ. މީރު މޭވާއެއް ނާޅަ އެވެ.

ކަނޑި، ކަށިތައް ބުރިކުރަމުންދާ އިރު ހަޅޭކެއް ނުލަވަ އެވެ. ނަމަވެސް ޖައްވު ގުގުމާލާ ބޮޑު ބެރަކީ އެތެރެ ހުސް އެއްޗެކެވެ!

އަޅުގަނޑުމެން ކުރަންވީ ކަމަކީ، އަމިއްލަ ނަފުސުތައް އިޞްލާޙުކޮށް، ޢަމަލުތައް ފުރިހަމަކުރުމެވެ. އެހެން މީހުންގެ ފަތް ބަލައި ހިސާބުކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫނެވެ. އެހެން މީހުންގެ ވިސްނުމާއި ފިކުރަށް ފާރަލައި، އެމީހުންގެ ޒަމީރަށް ޙުކުމްކުރުމަކީ ވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫނެވެ. މާތް ﷲ އެމީހުންގެ ހިސާބުބައްލަވާނެތެވެ. ސިއްރާއި ފާޅުގައި އެމީހުން ކުރާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެ އެވެ.

ހެޔޮލަފާ ބަޔަކަށް، އެހެން މީހުންގެ ކަށިތައް ބިންދާނެ ހުސްވަގުތެއް ނޯންނާނެ އެވެ. އަދި އެ މީހުންނަކަށް، އެހެން މީހުން ދޮންނަ އެއްޗެހި ހިއްކަން އަޅައި، އެހެން މީހުންގެ ކަފުންތައް އިރާނެ ހުސްވަގުތެއް ވެސް ނޯންނާނެ އެވެ.

މެއްސެއްހެން، މީހުންގެ ފާރުކޮޅުތައް ކޮންނަން އުޅޭނީ ހެޔޮލަފާކަމެއް ނެތް މީހުންނެވެ. ހެޔޮލަފާ މީހުން ވާނީ، ބޭކާރު ކަންތައްތަކުން އެއްކިބާވެގެންނެވެ. އެ މީހުންނަކީ މާމުއި ކުޅަނދުރުތަކެއް ފަދަ ބަޔެކެވެ. އެ ކުޅަނދުރު މާމެލާމެލިން ފޮނި ބުއިމުގައި މަޝްޣޫލުވެގެން ވެ އެވެ. އެއިން، ޝިފާލިބިދޭ މާމުއި އުފެއްދުމަށްޓަކަ އެވެ.

މުބާރާތްތަކުގައި ވާދަކުރާ އަސްތައް، ކުޅިބަލަން ތިބޭ މީހުން ފޯރިދޭ އަޑެއް ނާހާނެ އެވެ. އޭއްޗެހި އެ އަޑު އަހައިފިނަމަ، އޭއްޗިއްސަށް މުބާރާތް ނާކާމިޔާބުވާނެތީ އެވެ. ގަދައަޅައި މަސައްކަތްކުރާށެވެ! ކުރާކަމެއް ރަނގަޅަށް ފުރިހަމަކުރާށެވެ! ހުރަސްއަޅާ މީހަކު ނުވަތަ ހަސަދަވެރިވާ މީހަކު ނުވަތަ ވައިއަނގަތަޅާ މީހަކު ކިޔާ އެއްޗެއް އަޑުނާހާށެވެ!

ކަދުރުރުކަކަށް ތިރިކުރި މަދިރިއެއް އުދުއްސައިގަންނަމުން ބުންޏެވެ.

"ކަދުރުރުކާ އެވެ! ސާބިތުވެ ހުންނާށެވެ! އަހަރެން މި އުދުއްސައިގަންނަނީ އެވެ."

އެހިނދު އެ ކަދުރުރުއް ބުންޏެވެ.

"މާތް ﷲ ގަންދީ ބުނަމެވެ! އަހަރެންގެ ގަޔަށް ތިބާ ތިރިކުރިކަމެއް އަހަންނަކަށް ނޭނގެ އެވެ. ވީމާ، ތިބާ އުދުއްސައިގަންނަ އިރު، އެ ކަން އަހަންނަށް އިޙުސާސްވާނެ ހެއްޔެވެ؟

ބަރު މުދާ އުފުލާ ބޮޑެތި ލޮރީތައް މަގުތަކުގައި ދުއްވާފައިދާ އިރު، އޭއްޗެހީގައި ލިޔެފައި ހުރެ އެވެ. "މިއީ ނުރައްކާތެރި އެއްޗެކެވެ! މިޔާ ގާތްވުމަކީ މަނާކަމެކެވެ!" ކާރުތަކާއި ސައިކަލްތައް އެޔާ ދުރަށްޖެހި ފޭވާއިރު އެތަކެތީގެ ޙާލުގެ ދުލުން ގޮވާ ކަހަލަ އެވެ.

(لا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لا يَشْعُرُونَ)
ސޫރަތުއްނަމްލު: 18

"(އެއީ) ނޭނގި ތިބެ، ސުލައިމާނުގެފާނާއި އެ ކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށްޓަކަ އެވެ."

ސިންގާ މުޅައެއްޗެއް ނުކާނެ އެވެ. މިނިކާވަގު އަންހެނަކަށް ހަމަލައެއް ނުދޭނެ އެވެ. ނަމަވެސް ކުރަފިތަކާއި ފަނިފަކުސަތައް އުޅޭނީ ކުނިގޮނޑުގަ އެވެ. އޭއްޗެހީގެ ކުޅިސަމާ އޮންނާނީ އެ ތާނގަ އެވެ.
            --------------------

މުޞަންނިފު: ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބިން ޢަބްދު ﷲ ޢަލްޤަރްނީ
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން