ހުތްތައްޚާނުގެ ލަކުޑި ސިޓީ













ހުތްތައްޚާނު ލިޔެދިން ލަކުޑިސިޓީއަކަށް ހުވަދުއަތޮޅުގެ ބައެއް ރަށްރަށުން ރުއްލަކުޑި ކަނޑުވައިދިން ވާހަކަ ފުރަތަމަ އަޅުގަނޑަށް ވިދާޅުވެދެއްވީ ހުވަދުއަތޮޅު ވިލިގިލީ ޝަބުނަމީގޭ އަލްފާޟިލް އިބުރާހީމް އަނީސެވެ. އޭގެފަހުން މަޑަވެލީ ޒޫރިޔާގޭ އަލްފާޟިލް ޢަލީ ނަޞީރާއި އެނޫން ބައެއް ބޭފުޅުން ވެސް އެ ވާހަކަ އެގޮތަށް ވިދާޅުވެދެއްވިއެވެ. 

ތައްޚާނަކީ ހަމަ ތައްޚާނެވެ. ތައްޚާނު އެކަމެއްކުރީ ހުވަދުއަތޮޅުގެ ބޮޑުކަމުންކަމަށާއި އެއަށްވުރެ ކުޑަނަމަ އެކަމެއްކުރާކަށް އޭނާއަށް ނުޖެހުނީސް ކަމަށާއި އޭނާ އެކަމެއް ނުކުރިނަމަ ރައްޔިތުންގެ ހުރިހާ ހިތްބަރުކަމެއް އޮންނާނީ ރަސްގެފާނާއި އަތޮޅުވެރިޔާއަށް ކަމަށް ތައްޚާނު ބުނެއެވެ. ތައްޚާނުގެ އެ ހުރިހާ ވާހަކައަކާމެދު އެއްޗެއް ދަންނަވަން ނޭނގުނަސް އަތޮޅުގެ ބޮޑުވާހަކަ އެއީ ތެދެކެވެ. 

ހުވަދުއަތޮޅަކީ ދިވެހިރާއްޖޭގެ އެންމެބޮޑު ޤުދުރަތީ އަތޮޅެވެ. ދާދިފަހަކާ ޖެހެންދެން ވެސް އެ އަތޮޅުގެ 20 ރަށުގައި މީހުން ދިރިއުޅުނެވެ. އޭގެކުރިން އެކި ދުވަސްވަރު 30 ރަށް، 40 ރަށުގައި އެ އަތޮޅުގައި މީހުން އުޅުނުކަމަށް ބެލެވެއެވެ. އެފަދަ ރަށްރަށުގައި މީހުން ވަޒަންވެރިވެ އުޅެފައިވާކަމުގެ އަސަރު ވެސް ފެނެއެވެ. 

ރަށްރަށާއި އެ ރަށްރަށުގެ މީހުންނަށް އަތޮޅުވެރިޔަކު ކޮށްދެއްވަން ޖެހޭ ކަންކަން ހުރުމުން އެކަމަށްޓަކައި ރިޔަލާއި ފައްޔާއި އަތްވާއި ވާރޭގައި ވިޔަސް އެ ރަށްރަށަށް އަތޮޅުވެރިން ދަތުރުކުރައްވަން ޖެހެއެވެ. ހުވަދުއަތޮޅު ކަހަލަ ބޮޑު އަތޮޅެއްގައި އެފަދަ ދަތުރެއްކުރެއްވުމަށް ފަހު އެނބުރި އަތޮޅުވެރިކަން ކުރާ ރަށަށް ވަޑައިގެންނެވެނީ ޢާއްމުކޮށް މަހަކާއި ގާތްކުރާ ފަހުންނެވެ. ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ޙާޖީ މުޙައްމަދު ކަލޭގެފާނާ ވީރު ޢަލިދީދީއާ މޫސާ ހިރިހަމައިދި ކަލޭގެފާނަކީ މިދެންނެވިގޮތުން އަތޮޅުވެރިކަން ކުރާ ރަށުން ފުރާވަޑައިގަންނަވާތާ މަސްދުވަހުން އަތޮޅުތެރޭ ދަތުރެއްނިންމަވައި އެނބުރި އަތޮޅުވެރިކަން ކުރާ ރަށަށް ވަޑައިގެންނެވި ބޭފުޅުންނެވެ. ބޮޑެތި އަތޮޅުތައް ދެބައިކޮށް އުތުރުބަޔަކާއި ދެކުނުބަޔެއް ހަމަޖައްސަން ޖެހުމުގެ އެއްބޭނުމަކީ ހިންގުމުގައި ކުރިމަތިވާ މިފަދަ ދައްޗަށް ލުޔެއް ހޯދުމެވެ. 

ހުވަދުއަތޮޅު ފުރަތަމަ ދެބައިކުރީ 15 ޖޫން 1961 ގައިކަމަށް ބައެއްބޭފުޅުން ލިޔުއްވައިފައިވަނިކޮށް ފެނެއެވެ. ނަމަވެސް އެއީ ހުވަދުއަތޮޅު ފުރަތަމަ ދެބައިކުރި ތާރީޚެއްނޫނެވެ. 15 ޖޫން 1961 އެއީ ދެވަނަ ފަހަރަށް  ހުވަދުއަތޮޅު ދިވެހިދައުލަތުގެ ބާރުގެދަށުން ވަކިކޮށްލި ތާރީޚެވެ. އޭގެކުރިން 16 މޭ 1961 ގައި ހުވަދުއަތޮޅުވަނީ ދެބައިކޮށްފައެވެ. އެފަހަރު ބައިކުރީ ތަބައި ކަނޑުން ގަން ކަނޑަށް ދަމާލެވޭ ރޮނގަކުންނެވެ. އެއްބައިގެ ނަމަކީ ގއ. (ގ.އަތޮޅު އިރުމަތީބުރި) އެވެ. އަނެއްބައިގެ ނަމަކީ ގހ. (ގ.އަތޮޅު ހުޅަނގުބުރި) އެވެ. އިރުމަތީބުރީގެ ފުރަތަމަ އަތޮޅުވެރިޔަކަށް ހަމަޖެއްސެވީ އަލްފާޟިލް ކުޑަ އަޙުމަދު ކަލޭގެފާނެވެ. ހުޅަނގުބުރީގެ އަތޮޅުވެރިޔަކަށް ހަމަޖެއްސެވީ އަލްފާޟިލް ޢަލިކަލޭގެފާނު ކުޑަތުއްތުއެވެ. ނަމަވެސް އިރުމަތީބުރީގެ ހިންގުމުގެ ނިޒާމު މުޅިން ނުނިމިއުޅެނިކޮށް ދެވަނަފަހަރަށް ހުވަދުއަތޮޅު ދިވެހިދައުލަތުގެ ބާރުގެދަށުން ވަކިކޮށްލީއެވެ.

ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމަށް ފަހު އެ އަތޮޅު ދެވަނަފަހަރަށް ދެބައިކުރީ 07 ފެބުރުއަރީ 1962 ގައެވެ. އެއީ ހޫޓިކަނޑުން ވާރުލޫކަނޑަށް ދަމާލެވޭ ރޮނގަކުންނެވެ. އެއްބައިގެ ނަމަކީ ގއ. (ގ.އަތޮޅު އުތުރުބުރި) އެވެ. އަނެއްބައިގެ ނަމަކީ ގދ. (ގ.އަތޮޅު ދެކުނުބުރި) އެވެ. އުތުރުބުރީގެ ފުރަތަމަ އަތޮޅުވެރިޔަކަށް ހަމަޖެއްސެވީ ވިލިގިލީ ލިލީގޭ އަލްފާޟިލް އިބްރާހީމް މުޙައްމަދު (ތުއްތުކަތީބު) އެވެ. ދެކުނުބުރީގެ އަތޮޅުވެރިޔަކަށް ހަމަޖެއްސެވީ ގައްދޫ ވައިލެޓްވިލާ އަލްފާޟިލް ޙުސައިން މަނިކެވެ. މި ދެ ބޭފުޅުން އަތޮޅުވެރިކަމުގެ މަޤާމަށް ހަމަޖެއްސެވުމުގެ ކުރިން ކޮންމެބޭފުޅަކީ ވެސް އެ ބޭފުޅެއްގެ ރަށެއްގެ އިސް ކަތީބެވެ. (ހުވަދުއަތޮޅުގައި ދެވަނަފަހަރަށް ހަމަނުޖެހުން އުފެއްދުމާއި ގުޅިގެން އެ ދުވަސްވަރު އަތޮޅުގައި ތިއްބެވި ދިވެހިސަރުކާރުގެ މުވައްޟަފުންވަނީ އެ ބޭފުޅުންތިއްބެވި މަޤާމްތަކުން ވަކިކުރައްވައިފައެވެ. ހަމަނުޖެހުމުގެ ދުވަސްވަރުގެ މުސާރަ އެ ބޭފުޅުންނަށް ދިވެހިދައުލަތުން ދެއްވާފައި ނުވެއެވެ.)

ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު 2 ފަހަރަކަށް 31 އަހަރު ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވިއެވެ. އެ 2 ފަހަރުގެ ދޭތެރޭގެ މެދުކެނޑުން އޮތީ ވެސް ހަޔެއްކަ ދުވަސް ވަންދެންނެވެ. ހުތްތައްޚާނަކީ ކަލޭގެފާނުގެ އެ ދުވަސްވަރު ކަލޭގެފާނުގެ ގޭގެ ވިޔަފާރިމުދައު ހިފައިގެން އަތޮޅުގެ ރަށްރަށަށް ދަތުރުކޮށް ވިޔަފާރިކޮށް އުޅުނު މީހެކެވެ. މަދު ދަތުރެއްގައި އަތޮޅުވެރިންގެ އަތޮޅުތެރޭގެ ދަތުރުގައި ވެސް ބައިވެރިވެއެވެ. ޙާޖީ މުޙައްމަދު ކަލޭގެފާނާއި ބެހޭގޮތުން ހުވަދުއަތޮޅުގެ މަޢުލޫމާތު މުއްސަނދި ބޭފުޅެއްކަމަށްވާ މަޑަވެލީ ޒޫރިޔާގޭ އަލްފާޟިލް ޢަލީ ނަޞީރު ލިޔުއްވާފައިވެއެވެ. 

[މުޙައްމަދު ކަލޭގެފާނަކީ ތިލޭރުވެރިކަމާއި ކަނބުރުވެރިކަމާއި އެކިވައްތަރުގެ ވަޑިކަމާއި ބޭސްވެރިކަމާއި  ނަކަތްތެރިކަމާއި އަދި ފަންޑިތަވެރިކަން ވެސް އެނގި ވަޑައިގަންނަވާ ބޭފުޅެކެވެ. ތާރީޚީ މަޢުލޫމާތުތަކާއި މާލެއާއި އަތޮޅުގެ ބޮޑެތި ޢާއިލާތަކުގެ ވަނަވަރާއި އެ ޢާއިލާތަކާ ގުޅޭ މުހިއްމު މަޢުލޫމާތު ހޯއްދަވައި އެއްކުރައްވައި ލިޔުއްވިއެވެ. އަތޮޅުގެ ބޮޑު ނާއިބުކަމާއި ހަވަރުތިނަދޫ އިސް ކަތީބުކަން ކުރެއްވިއެވެ. ބޭރު ދަތުރުކުރާ ދެ އޮޑިއާއި އެތެރޭގެ މަސްވެރިކަމާއި އެހެނިހެން ކަނޑުދަތުރު ކުރާ އެކިވަރުގެ ހަތަރުފަސް އުޅަނދު ގެންގުޅުއްވިއެވެ. މިކަންކަމާއެކު ވަގުތުގައި ފަރުޟު ނަމާދު އަދާއަށް ކުރެއްވުމަށް އިސްކަންދެއްވިއެވެ. އެ ޒަމާނުގައި ވަރަށް މަޝްހޫރު މުއްސަންޖަކަށް ވުމާއެކު ވެސް  ޢާއްމުކޮށް ފަރިއްކުޅުއްވަނީ، ރާބޮޅާއިން ކައްކާ ކިރުގަރުދިޔައާ ހިއްކި ބަނބުކޭލެވެ.

މޮޅު ކެޔޮޅެއްކަމަށް ބެލެވޭ ޙާޖީ މުޙަންމަދު ކަލޭފާނު ހަވަރު ތިނަދޫގެ 07 ދޯންޏަކަށް އެއްދުވަހު މަސްބާނައި ދެއްވިކަމަށް ބުނެވެ އެވެ. އެކަންވީގޮތަކީ، އޭނާ މަސްވެރިކަން ކުރައްވަން (ރަށުގެ) ފުއްޓަރުފަރާތަށް ބޮއްކުރާއެއްގައި ނިކުމެ އުޅުއްވަނިކޮށް ފަރާއި ދާދިގާތުން މަސްވެރިން މަސްބާނަމުން ދަނިކޮށް ފެނިވަޑައިގެން އެތަނުން ދޯންޏަކަށް އަރާވަޑައިގެން މަސްބާނާ ދެއްވައި، އެ ދޯނި ފުރުމުން އަނެއް ދޯންޏަށް ވަޑައިގެން މަސްބާނާ ދެއްވައި، އެގޮތަށް ހަތް ދޯންޏަށް މަސްބާނާ ދެއްވީއެވެ. އެ ރަށުން މީހުން ބޭލުމާއި ގާތަށް ވަރަށްފަހަކާއި ޖެހެންދެން 07 ދޯންޏަށް މަސްބާނައި ދެއްވި ދުވަސް ހަވަރުތިނަދޫ މީހުން ފާހަގަކުރަނީ "ހަތްކުޑައިގެ ދުވަސް" ގެ ގޮތުގައެވެ. ގާތްގަނޑަކަށް 150 ވަރަކަށް ފަޅުރަށް އޮންނަ ހުވަދުއަތޮޅުގެ ހުރިހާ ފަޅުރަށެއްގެ ނަންތަކާއި އެ ރަށްރަށް އޮންނަތަނާއި އަތޮޅުގެ ގިރިފަރު ކަނޑުއޮޅިތައް ވެސް އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. އަތޮޅުގެ އެކިވަރުގެ ހަޔެއްކަ ފަޅުރަށް ވަރުވާއަށް ލިޔުއްވައިގެން ވެސް އުޅުއްވިއެވެ. 

މުޙަންމަދު ކަލޭގެފާނަކީ އޭރު ވެސް މިހާރު ވެސް ހަވަރުތިނަދޫއާއި މަޑަވެއްޔާއި ހޯޑެއްދޫއަށް ނިސްބަތްވާ އެންމެ ޢާއިލާ ބޮޑު އަވަހާރަވުމާއި ހަމަޔަށް ވެސް އެންމެ ގިނަބަޔަކު ބޯލެނބި އަދި އެންމެގިނަ ދުވަހު އަތޮޅުގެ އެންމެ އިސްވެރިކަން ކުރެއްވި ޝަޚުޞިއްޔަތެވެ. ޙާޖީ މުޙައްމަދު ކަލޭގެފާނު މާލެވަޑައިގަންނަވާ ކޮންމެ ދަތުރުފުޅެއްގައި ރަސްގެފާނުގެ ފައިންޕުޅު ދެކެވަޑައިގަތުމަށް ގަނޑުވަރަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ކަލޭގެފާނާއި އިސްތިޤްބާލު ކުރެއްވުމަށް ގަނޑުވަރުގެ ދޮރޯށިދޮށަށް އޭރުގެ ރަދުން (މުޙައްމަދު ޝަމްޝުއްދީން 3) ނުކުމެ ވަޑައިގަންނަވައެވެ.] 

ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު އޭނާ ގޭގައި އުޅުއްވަނިކޮށް ކަނޑުހުޅުދޫ ގެމަނަފުށި ހިސާބުގަނޑުން ހަވަރުތިނަދޫއަށް ދިޔަ ދޯންޏެއްގެ ބަޔެއްގެ ކިބައިން ކަލޭގެފާނަށް އެނގިވަޑައިގަތީ ހުތްތައްޚާނު (އެންމެފަހުން ކުރި ވިޔަފާރި ދަތުރުގައި) އެ ހިސާބުގަނޑުގެ ބަޔަކަށް ލިޔެދިން ރުއްލަކުޑި ސިޓީއަށް އެބައިމީހުން ރުއްލަކުޑި ކަނޑައިފިކަމަށެވެ. މިހެންވުމުން ތައްޚާނު ބަލައި ފޮނުއްވައިގެން ގެންނަވައި އެކަމާއި ސުވާލުކުރެއްވުމުން އޭނާ ދެންނެވިއެވެ.

[އެއީ ތެދެކެވެ. އަޅުގަނޑު އެކަންކުރީމެވެ. އެކަމުގައި އަޅުގަނޑުގެ އެއްވެސް އަމިއްލައެދުމެއް ނެތެވެ. އޭގެ ރުކެއް ގަހެއްގެ ބޭނުން އަޅުގަނޑު ނުކުރަމެވެ. އަޅުގަނޑު އެކަން އެގޮތަށްކުރުމުގެ ހުރިހާ ވެސް ބޭނުމަކީ ރަސްގެފާނާއި އަތޮޅުވެރިންގެ މައްޗަށް އެއްވެސް ރައްޔިތެއްގެ ނުރުހުމެއް ހިތްބަރުކަމެއް އޮތަ ނުދިނުމެވެ. މިރާއްޖޭގެ ވެރިޔަކީ ރަސްގެފާނެވެ. އަތޮޅުވެރިންނަކީ ރަސްގެފާނުގެ ފަރާތްޕުޅުން ރައްޔިތުންގެ ކަންކަމަށް އިސްކުރައްވައި އަތޮޅުގައި ހުންނެވި ވެރިޔާއެވެ. ރައްޔިތުންގެ ބޭނުންތަކަށް އަތޮޅުވެރިން ކޮށްދެއްވަންޖެހޭ ކަމެއްވާނަމަ އެކަމެއް ކޮށްދެއްވުމަކީ އަތޮޅުވެރިންގެ ކަމެކެވެ. އެފަދަކަމެއް އޮވެ އެ ކަމެއް ނުވިނަމަ ބޭނުންޖެހިފައިވާ ރައްޔިތުމީހާ ބަލާނީ ރަސްގެފާނާއި އަތޮޅުވެރިން އެ ކަމެއް ނުކުރެއްވީކަމަށެވެ. އެ ކަމެއް ނުވީކަމަށެވެ. އެގޮތުން ބަލާއިރު އެ ވެސް ދޮގެއްނޫނެވެ. އަނެއްކޮޅުން ބަލާއިރު ދުރު ރަށެއްގައި ހުރި މީހަކު ބޭނުންވީމާ އެ މީހަކަށް އެންމެ ރުކެއްގެ ސިޓީއެއް ލިޔެދެއްވުމަށް އެމީހާ ބޭނުންހާވަޤުތަކު އެ ރަށަކަށް އަތޮޅުވެރިންނަށް ވެސް ވަޑައިގެންނެވޭކަށް ނޯންނާނެއެވެ. އަދި އެފަދަ ސިޓީއެއް ހޯދުމަށް އަތޮޅުވެރިންގެ އަރިހަށް އެ މީހަކަށް ވެސް ނާދެވޭނެއެވެ.
ކަލޭގެފާނެވެ. ބަޔަކު ކޮންމެއެއްޗެކޭ ކިޔަސް ކަންއޮތީ މިހެންނެވެ. އަނެއްކާ އަތޮޅުވެރިން ކޮށްދެއްވަންޖެހޭ މިކަހަލަކަމެއް އޮވެ އެކަމެއް ނުވެދާއިރު އަތޮޅުވެރިންގެ އަރިހުގައި އުޅޭ މީހަކު ކުޅިބަލަންހުރެފި ނަމަ އެ ވާނީ އަތޮޅުވެރިންނަށް ހަރާންކޯރުވީކަމަށް ނޫންތޯއެވެ. އަތޮޅުވެރިންގެ އަރިހުގައި އުޅޭ މީހަކަށް މިވަރުގެ ކުޑަކުޑަކަމެއް ނިކަމެތި ރައްޔިތަކަށް ކޮށްނުދެވޭނަމަ އަރިހުގައި އުޅުމުގެ ބޭނުމަކީ ވެސް ކޮބައިތޯއެވެ.]

ތައްޚާނުގެ ޖަވާބު އައްސަވައި އަތޮޅުވެރިން އެ ވަޤުތަކު ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. ނަމަވެސް ތައްޚާނު އެކުރި ކަމާމެދު ހިތްޕުޅާނުވެ ދުވަސްކޮޅެއް ދިޔަކަމަށާއި އޭގެފަހުން އެފަދަ ކަމެއް ނުކުރުމަށް ރަށުގެ ނައިބުލައްވައި ތައްޚާނަށް ނަޞޭޙަތްދެއްވިކަމަށް އެނގިފައިވެއެވެ.
                         --------------------

ޢަބުދުﷲ ޙިލްމީ
24 ޖުލައި 2012މ.