ވިލިގިލީ އިބްރާހީމް ކަލޭގެފާނު













އިރުއޮއްސުމުގެ ކުރިން ހަވަރުތިނަދޫގެ އެންމެން އެރަށުން ފައިބައިގެން ދިޔުމުގެ އޯޑަރ އައީ މެންދުރު ދޭއްގެވެސް ފަހުގެ ވަގުތެއްގައެވެ. އެކަމުގައި އެނޫން އެހެން އެއްވެސްގޮތެއް ނޯންނާނޭކަމަށް ވެރިކަމުގެފަރާތުން ތަކުރާރުކޮށް އެންގެވީމާ ރަށުން ފައިބައިގެން ގިނަމީހުން ދިޔައީ އެއްވެސްއެއްޗެއް ނެތި ހުސް އަތާއެވެ. ކާނެ ބޯނެ އެއްޗެއް ހިފައިގެން ގުޅޭނޭ އެއްޗެއް ފިޔަވައި އޮރިޔާން ނިވާކުރުމަށް ބޭނުންވާނޭ އިތުރު ފޭރާމަކާވެސް ނުލައެވެ. ރަށުން ފައިބައިގެން ދިޔައިރު ދަރި ވީ ކޮންތާކުކަމެއް ބިރުގެންފައިވާ ބައެއް މައިންނަކަށް ނޭނގެއެވެ. އަޅާލާނޭ ފިރިމީހާ ވީ ކޮންތާކުކަން ނޭނގި، ކަރުތާފެނަށް މޫދަށް އެރިގެން ގެންގޮސްދޭނޭ ދޯންޏެއް ބޮއްކުރައެއް ފެނޭތޯ ރޮމުންދިޔަ މާބަނޑު އަންހެނުން މަދެއްނޫނެވެ. އެވަގުތަކީ އެކެއްގެ ޙާލަށް އަނެކާއަށް މާބޮޑު އެހީތެރިކަމެއް އަޅާލުމެއް ވެދެވިދާނޭ ވަގުތެއްނޫނެވެ. މަރުވިމީހަކު  މަރުވީއެވެ. ދިރިހުރި މީހަކަށް ދިރި ހުރެވުނީއެވެ. އެމީހަކާ އެމީހެކެވެ.  

 ހަވަރުތިނަދޫން މީހުން ބޭލުމަށްފަހު ގއ. އަދި ގދ. އަތޮޅުގެ ނަމުގައި ހުވަދުއަތޮޅު ދެބައިކޮށް ގއ.ގެ ހިންގުމާބެހޭ އެންމެހައި ކަމެއް ބެލެހެއްޓެވުމާއި އެވަގުތު ޙަވާލުވެ ހުންނެވީ ހުވަދުއަތޮޅު ވިލިގިލީ ތުއްތުކަތީބެވެ. މިހާރު ދުނިޔެދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވާ އަޅުގަނޑުމެންގެ ވަރަށްލޮބުވެތި މުސްލިމެކެވެ. ވިލިގިލީގެ މަޝްހޫރު އިބްރާހީމް ކަލޭގެފާނެވެ. ހުވަދުއަތޮޅުގައި އޭރު ތަނަވަސްކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

އެދުވަސްކޮޅު ހުވަދުއަތޮޅުގައި ހުންނެވި އެންމެމުއްސަނދި ފަރާތަކީ ވިލިގިލީ ނަސްރީނުގޭ ޙަލީމަގެ އިބްރާހީމްއެވެ. އިބްރާހީމް ކަލޭގެފާނަށް ގއ. ގެ އަތޮޅުވެރިކަން ލިބިވަޑައިގަތީ އޭގެ ދުވަސްތަކެއްގެ ފަހުންނެވެ. އިބްރާހީމް ކަލޭގެފާނަކީ ޝޫރާގެ މަތިވެރި އުޞޫލާއި އެއްގޮތަށް ދިމާވާ ބޮޑެތި ކަންކަމުގައި އަތޮޅުގައި ކުރިއަށް ތިއްބެވި ބޮޑުންނާއި ހަރުމީހުންނާއި މަޝްވަރާ ކުރައްވައި އެއާއި އެއްގޮތަށް މަސައްކަތްކުރެއްވި ވެރިއެކެވެ.

ހަވަރުތިނަދޫގެ މީހުން ކާންބޯން ނުލިބި ހާލުބޮޑުވުމުން މަޝްވަރާ ކުރައްވައި ފުދުންތެރި ބައެއް ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން އަތޮޅުއޮފީހުގެ ކުރިމަތީ ހުސްބިމުގައި އުނދުންޖަހައި ބޮޑެތި ތެލިތެލީގައި ބަތްޕެން ކައްކަވައި ހާލުގައި ޖެހިފައިވާ މީހުންނަށް ޢާއްމުކޮށް ބައްސަވަމުން ގެންދެވިއެވެ. މީގެއިތުރަށް އޭނާގެ އަނބިކަބަލުންގެ ބެއްލެވުމުގެދަށުން ގޭގެ ބަދިގެފަރާތުންވެސް އިންސާނިއްޔަތަށްޓަކައި ޚައިރާތް ކުރެވެމުންދިޔަތަން ފެނިފައިވެއެވެ. މިޚަބަރު އަތޮޅުގެ އެކި ދިމާލަށް ދިޔުމުން އެކި ރަށްރަށުގައި ތިބި ހަވަރުތިނަދޫގެ ބައެއްމީހުން އެކި ގޮތްގޮތުން އެކި ދުވަހުން ވިލިގިއްޔަށް އައިސް އެމީހުންގެ ބަނޑުފުރާނަ މުއްތިކުރަމުން ގެންދިޔައެވެ. ބައެއްމީހުން އިބްރާހީމް ކަލޭގެފާނުގެ އޯގާތެރިކަމުގައި އެރަށުން ބިންހޯދައިގެން އެރަށުގައި ވަޒަންވެރިވިއެވެ. 

އިބްރާހީމް ކަލޭގެފާނަކީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ހުވަދުއަތޮޅު ޚާއްޞަކޮށް ހަވަރުތިނަދޫން ބޭލި މީހުން ކުރިމަތިލާންޖެހުނު ތަދުމަޑުކަމާއި ގުޅިގެން އެކަން ހައްލުކުރެވޭތޯ ވަރަށްގިނަ ގޮތްގޮތުން މަސައްކަތް ކުރެއްވި އެންމެ ފާހަގަކުރެވޭ އަގުހުރި ޝަޚުޞިއްޔަތެވެ. ހަވަރުތިނަދޫގެ މީހުން ޝުކުރުވެރިވެ ހެޔޮދުޢާ ކުރުން ވަރަށްއައުލާ ބޭފުޅެކެވެ.  ތިރީގައި އެވަނީ މިކަމާއިގުޅިގެން އޭނާ ސަރުކާރަށް ފޮނުއްވި ވަރަށްޚާއްޞަ ސިޓީއެކެވެ. އެސިޓީން ކަށަވަރުވާކަމަކީ ދަރަންޏަށް ކާޑުކޮޅެއް ހޯދުމަށްޓަކައި ހުވަދުއަތޮޅުގެ އުތުރުބުރީގައި ރަން ހުރި މީސްމީހުންގެ އަތުން ގިނަ ޢަދަދެއްގެ ރަން ހޯއްދަވައި ސަރުކާރުގައި ރަހުނުގެގޮތަށް ބެހެއްޓެވުމަށްފަހު އަތޮޅަށް ކާޑުގެނައުމަށް ކުރެއްވި މަސައްކަތުގެ ބޮޑުކަމެވެ. ހަވަރުތިނަދޫގައި ހުރި ހުރިހާ އޮޑިއެއްގައި އަލިފާންރޯކޮށް އަންދާލުމުން އަތޮޅުގައި އޮޑިފަހަރު ނެތުމުގެ ދަތިކަން އިޙުސާސްކުރެވޭ މިންވަރުވެސް އެސިޓީން އެނގެއެވެ.


                  
ހަވަރުތިނަދޫން ބޭލި މީހުންގެތެރެއިން ކާބޯތަކެއްޗަށް ދަތިބޮޑުވި މީހުންނަށް ބޭނުންވާނޭ ކާބޯތަކެތީގެ އެހީތެރިކަމެއް ކިތަންމެކުޑަ މިންވަރަކުންވިޔަސް ފޯރުވައިދެވިދާނޭ ފަރާތަކަށް އޭގެ ގިނަމީހުންނަށް އާދެވޭނޭގޮތެއް ނުވެ ގިނަ ދުވަސްވެފައި ވަނިކޮށް އާދެވެނު ބަޔަކަށް އާދެވުނުއިރު އެމީހުންގެ ހާލަތުވަނީ ދެން އިތުރަށް ގަދަނުވާނޭވަރު ވެފައެވެ. އެފަދަ މީހުންނާއި އެނޫންވެސް ގިނަބަޔަކު މީހުންއުޅޭ ރަށްރަށުގެ ފަޅުގެތަކާއި ގޭގެ ގޯތިތެރެއިން ހިޔާލިބެންހުރި ތަންކޮޅަކާއި މިސްކިތްތަކާއި މަގުމައްޗާއި އަތިރިމަތީ އޮޑިހަރުގެ ތަކާއި ގޮނޑުދޮށާއި ފަޅުރަށްރަށުގެ ޖިފުޓިތަކުގައި މިދުނިޔެއާއި އަބަދަށް އަލްވަދާޢު ކިޔާފައިވެއެވެ.

މިދުވަސްކޮޅު ހަވަރުތިނަދޫގެ ގިނަބަޔަކު ކައިބޮއި އުޅުނީ އެތަކެއްޗެއް ކެއުމުން އިންސާނުން ވިހަވެ މަރުނުވާނޭކަމަށް އެބަޔަކަށް ހީވާ ކޮންމެއެއްޗެކެވެ. ވަކިއެއްޗެއް ނޫނެވެ. ހުރިހާ އެއްޗެކެވެ. ގިނަބަޔަކަށް ހަނޑުލާއި ފުށާއި ހަކުރެއް ނުލިބެއެވެ. ފަލަމަޑިއާއި ގޮވާމުގެ ބާވަތްތަކެއް ނުލިބެއެވެ. ގިނަބަޔަކަށް ލިބެންހުރީ ފަތްކެޔޮ މާޅޮސްކެޔޮ ބުޑާއި ފަޅޯގަސްގަޑާއި އެކި ބާވަތުގެ ފަތްޕިލާވެލި ފަދަ ތަކެއްޗެވެ. އެތަކެތި ހުސްވަންދެން އެބަޔަކު ކައިބޮއި އުޅުނެވެ. ރާމަސްހުންޏޭ ކިޔާ ކާށިހުންޏާއި ދިޔާހަކުރާ އެއްކޮށްގެން ހަދާފައިވާ އެއްޗެއްވެސް ގިނަބަޔަކަށް ލިބެނީ މަދު ފަހަރަކުއެވެ. ރުއްރުކުގެ ކުރިއާއި ގޮބޮޅިއާއި ބޯކަށިކޭލާއި ވަނދު ބަބުކޭލާއި ބަނބުކެޔޮ ތޮޅިފަދަ ތަކެއްޗަކީ ހަވަރުތިނަދޫގެ ގިނަބަޔަކު އޭރު ބަނޑުހައި ހޫނުކަން ބޮޑުވެގެން ކައިބޮއިއުޅުނު އެއްޗިއްސޭ މިހާރުބުނީމާ ބަޔަކު ޙައިރާންވުން އެކަށީގެންވެއެވެ. ނަމަވެސް އެއީ ޙަޤީޤަތެވެ.

ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ފިޔަވައި ދިވެހިރާއްޖޭގެ އިންސާނުންގެ ބަޔަކާއި މިހާތަނަށް ކުރިމަތިވެފައި ނުވާނޭ ބަނޑުހައިހޫނާއި ހިތްދަތިކަމާއި އަސަރުންފުރިގެންވާ ގޮތެއްގައި ހަވަރުތިނަދޫގެ ބައެއް މީހުން މިދުނިޔެ ދޫކޮށްލިކަން އޭރު ސަލާމަތުން ދިރިތިބި އެހެން ބަޔަކަށް އެނގެނީވެސް ދުވަސްވަރާއި ޙާލަތުގެގޮތުން ފުރާނަނެތް މައްޔިތާގެ ހަށިގަނޑު ތަޣައްޔަރުވާ ފަހުންނެވެ. މިފަދަ ބައެއްމީހުން އެ ހިތްދަތި ހާލުގައި މަރުވެ ދަނިކޮށްނާއި އަދި މަރުވެފައި ތިއްބައި ފެނިފައިވެއެވެ. މީހުންއުޅޭ ބައެއް ރަށްރަށުގައި މަރުވެފައިވާ މިފަދަ މައްޔިތެއްގެ ޖަނާޒާ ނިންމާލައި ގެއަށް ނުދެވި އުޅެނިކޮށް ކޮންމެވެސް ބަޔަކު ގޯނިގަނޑެއް ކުނާގަނޑެއް އަށިގަނޑެއް ފަދަ އެއްޗެއްގައި އެފަދަ ދެވަނަމީހަކު ބާއްވައިގެން މިސްކިތުގެ ހަރީމަ ތެރެއަށް ވައްދަނީ މަދެއްކޮށްނޫނެވެ.

މިދުވަސްވަރު ދަތިބޮޑުވި ހަވަރުތިނަދޫގެ މީހުންނަކީ އެމީހުންގެ އަމިއްލަ ގޯތިގެދޮރުން އަތުވިނަމަ އަތުވި ގެވެހި ސާމާނަކާއި މުދަލަކާއި ފޭރާމަކާއި ޅަދަރީންކޮޅުގެ ކަރުގިލައަށް ދާނދެން ނުއަގުގައި ވިއްކައި އެބައިމީހުންގެ ޅަދަރީންކޮޅުގެ ފުރާނަ ސަލާމަތްކުރެވޭތޯ މިންނެތް މަސައްކަތްކުރި ބަޔެކެވެ. އެހެންނަމަވެސް ޅަދަރީންކޮޅަށްޓަކައި ވިއްކާލާނޭ އެއްޗެއް ޢަމުދުންނެތް މީހުން މަދެއްނޫނެވެ. ހަވަރުތިނަދޫ ދޫކޮށް އެރަށުން ފައިބައިގެން ދިޔަ ގިނަބަޔެއްގެ ގޯތިގެދޮރުގައި ހުރި އެމީހުންގެ ޙަލާލް މުދާކޮޅު ހޯދުމަށް އެނބުރި އެރަށަށް ދެވުނުބަޔަކަށް ދެވުނުއިރު އެބައިމީހުންގެ އަތްފައިކޮށައިގެން އެއްކުރެވިފައިވާ މުދާކޮޅު އެކީގައި ބަޔަކު ލޫޓްވައިގެން ގެންގޮސްފައި ވުމުން އަމިއްލަމުދަލުން ޒައްރެއްގެ މިންވަރުވެސް ނުލިބޭމީހުން ހަވަރުތިނަދޫގެ މީހުންގެ ތެރޭގައި ތިއްބެވެ. އަދި އެރަށުން މީހުން ފައިބަމުން ދިޔަ ވަޤުތުގައި ހަވަރުތިނަދޫގެ މީސްމީހުންގެ އަތުން ރަންރިއްސާއި ކަސަބު ބާދަލާއާއި އެނޫން ތަކެތިވެސް ތަކެތި އަތުލައްވައި ހިފެހެއްޓެވިއެވެ. އެކަން ކުރެއްވީ ހުވަދުއަތޮޅުގެ ބަޔަކު ގައްދޫގެ ގިނަގޭގެ ލޫޓްވައި އެގޭގެއިން އެފަދަތަކެތި ގެންގޮސްފައި ވާތީ އެތަކެތި ހޯއްދެވުމުގެ ނަމުގައެވެ. 

ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމުގައި ގައްދޫއަކީ އެ ހަމަނުޖެހުމަށް ތާއިދުނުކުރާ ބަޔަކު ތިބި ރަށަކަށްވާތީ އެ ފަހަރުގެ ވެރިކަމުގެ ފަރާތުން އަތޮޅުގެ ހުރިހާ ރަށަކުން މީހުން ފޮނުވައިގެން އެއްވެސް އިންޞާފެއް ހަމައެއް ގޮތެއްފޮތެއް ނެތި ގައްދޫގެ އެކި މީހުންނާއި އެކި ތަކެއްޗަށް ގެއްލުންކޮށް ބައެއް ތަކެތި ފޭރިގެން ގެންގޮސްފައިވާ ކަމަކީ ހިނގި ކަމެއްގެ ވާހަކަ ޙަޤީޤަތާއި އެއްގޮތަށް ދައްކަންޖެހޭތީ ދައްކަންޖެހޭނޭ ވާހަކައެކެވެ. އަދި މިއާއެކު ދައްކަންޖެހޭ އަނެއް ވާހަކައަކީ ހަވަރުތިނަދޫން މީހުން ބާލައި އަތޮޅުގެ އެކި ތަންތާނގައި އެ މީހުން ނިކަމެތިކަމާ އެކު އުޅެމުން ދަނިކޮށް ގައްދޫގެ ތަކެތި ހޯދުމުގެ ނަމުގައި ކޮމިޓީއެއްގެ ބަޔަކު އެ ތަންތަނަށް ގޮސް އެ ކަމާއި އެއްވެސް ގުޅުމެއް ކަމެއް ނެތް މީހުންގެ އަތުންވެސް ރަންރިހީގެ ބާވަތްތަކާއި ކަސަބު ބާދަލާއާއި ބައެއްމުދާ ފަދަ ތަކެތި ގެންގޮސްފައިވަނީ ވެސް އިންޞާފުން ބޭރުގައި އެ ބަޔެއްގެ އަމިއްލަ އެދުމުގެ ބޮޑު ކަމުންކަމަށެވެ. އަދި އެގޮތުން މީސްމީހުންގެ އަތުލިއެއްޗެއް ގިނައިންވިއަސް މަދުންވިއަސް އެއްވެސް އެއްޗެއް ގައްދޫއިން ތަކެތި ފޭރުމުން އިންޞާފުގެ މަގުން އޭގެ ޙައްގު ލިބެންވީ ބަޔަކަށްވެސް ނުލިބޭކަމެވެ. މިއީވެސް ވަކި ކުޑަ ކަމެއްނޫނެވެ.

ހަވަރުތިނަދޫން މީހުން ފައިބަމުން ދިޔަ ވަގުތުގައި ޣީރަތްތެރި ބަޚީލް ނުލަފާބަޔަކު ވަގުތުގެ ނާޖާއިޒް ފައިދާ ފުރިހަމައަށް ނަގައިގެން އެބައިމީހުންގެ ހިތްފުރި އުތުރިއަރާ ވަރަށް ލިބެންއޮތް ތާނގައި ރަނގަޅަށް ލިބިގަނެ ފުރުޞަތުގެ ބޭނުންހިފިއެވެ. އެއީވެސް މީސްމީހުންގެ ތަކެތި ފޭރިގަތުމެއް ކަމަށް ނޫނީ ނުވާނެއެވެ. އެހެން މީހުންގެ ޙަލާލް މުދަލަކީ އެބަޔަކު ހިތުން ރުހުމުން ނުދެނީސް އެބަޔެއްގެ އަތުން އަތުލައިގެންފި ނަމަ ބޮޑު ފޭރުމެކެވެ. މިދުވަހު ބަޔަކު މިކަން ހިންގިކަން ހަވަރުތިނަދޫގެ އެންމެންހެން ދަންނާނެއެވެ. ނުލަފާ ބަޔެއްގެ އަތްދޮށުން ސަލާމަތް ކުރެވިގެން އަމިއްލަ ރަންރިހީގެ ބާވަތްތައް ގެންދެވި ލިބުނު ބަޔަކަށް ބަޑުހައިހޫނު ބޮޑުވެގެން ގޮސް ކުރެވޭނޭ އެއްވެސްކަމެއް ނެތިގެން ރަން ކުޅަނދެއް (8.5 ގްރާމް) ވިއްކާލީމާވެސް ބަދަލުގައި ލިބެނީ މެދުމިނުގެ ކާއްޓެއް ދެ ކާއްޓެއްވަރެވެ. މިއީ ދޮގެއްނޫން ކަން ދަންނާނޭ މީހުން މިހާރުވެސް ތިބޭނެއެވެ.

ދަތިޙާލު ބޮޑުވެގެން ގިނައިން މަރުވެ ދިޔައީ ހަވަރުތިނަދޫގެ ޅަކުދީންނެވެ. ޅަކުދީންނާއި އެކަނިވެރި މުސްކުޅީންނާއި އަންހެނުންނާއި ފިރިހެނުންނާއި އަދި ރަށުން ފޭބިއިރު ގައިބާރު ހުރި ވަރުގަދަ ކެޔޮޅުންނާއި އެކި މަސައްކަތް އެނގޭ ފަންނީ ހުނަރުވެރިންނާއި އެކީގާ 600 އަށްވުރެ ގިނަމީހުން ބަނޑުހައި ހޫނުގައި ހުވަދުއަތޮޅުގެ ހިކި ފަސްތަންތަނާއި މޫދަށް މަރުވެދިޔަ އެވެ. މިއީ ތެދެއްކަމަށް ހަވަރުތިނަދޫގެ ގިނަބަޔަކު އެއްބަސްވެއެވެ. ކާންބޯން ނުލިބި މަރުވެދިޔަ ހަވަރުތިނަދޫގެ ގިނަ މީހުންނާއި ހޭވެރިކަން ހުންނަ ގިނަ ކުދީންނަކީ ބަނޑުފުރާނަ މުއްތިކުރުމަށް ކާއެތިކޮޅެއްގެ ބޭނުމުގައި ޙައްގުނޫން ގޮތެއްގައި އަތް އިސްނުކޮށް ވައްކަމެއްނުކޮށް ފޭރުމެއްގައި ބައިވެރިނުވެ އީމާންތެރިކަމާއި މުރުއްވަތްތެރިކަމާއި އަބުރުވެރިކަމާ އެކު ފުރާނަ ދޫކޮށްލި ބަޔެކެވެ. އެބައިމީހުން ހައްދަވައި ބޮޑުކުރެއްވި މަތިވެރި އިލާހުގެ ލޮބުވެތި ޙަޟްރަތަށް އެބައިމީހުން ދަތުރުކުރީ އެބައިމީހުންގެ ޙާލަށްޓަކައި މީހަކު ހެޔޮހިތުން ދިއްކޮށްލި އެއްޗެއް ލިބިގަނެ ދިއްކޮށްލި އެއްޗެއްނޫން އެއްޗެއް ލިބިނުގަނެއެވެ. ލިބެންނެތް އެއްޗަކަށް ހިތް ނުކިޔައެވެ. ދެކޭންތިބި ބަޔެއްވާނަމަ އެބަޔެއްގެ ހިތާއި މެޔާއި ލަނގޮޑިއަށް ކެތްކުރަން ދަތި ފުން އަސަރުތަކެއް ކުރުވުމަށްފަހުގަ އެވެ. މަތިވެރިﷲ އެބައިމީހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތްލައްވާށިއެވެ.

ހަވަރުތިނަދޫގެ އެންމެން އެ ރަށުން ބޭލުމަށްފަހު އެ މީހުންނާއި ކުރިމަތިވި ހިތްދަތި ތަދުމަޑު ދުވަސްތަކުގައި ކާބޯތަކެތި ހޯދުމުގެ ބޭނުމުގައި އެ މީހުންގެ މުދާތައް ވިއްކީ ހަމައެކަނި ހުވަދުއަތޮޅުގެ ތަނަވަސް ފަރާތްތަކަށް އެކަންޏެއް ނޫނެވެ. އެފަދަ ތަކެތި ހިފައިގެން ހައްދުންމައްޗާއި ކޮޅުމަޑުލަށްވެސް ދަތުރުކޮށް އެ ތަކެތި ވިއްކިއެވެ. ވިއްކާ އެއްޗިއްސަށް މައިގަނޑު ގޮތެއްގައި ލިބެނީ ކާއްޓާއި ބައެއްކަހަލަ ކާ އެއްޗިއްސެވެ. މިފަދަ ދަތުރުތަކުގައި ކޮޅުމަޑުލަށް ގޮސްއުޅުނު މީހުންނަށް ތިމަރަފުށީ ކަތީބު އަލްފާޟިލް މާޖެހިގޭ ޙަސަން ކަލޭފާނާއި ގުރައިދޫ ކަތީބު އަލްފާޟިލް ގަސްދޮށުގޭ ދޮންމަނިކު ވަރަށްހެޔޮކޮށް ހިތްތަވައި އެބައިމީހުންނަށް އެހީވެދެއްވި ކަމަށް އެބައިމީހުން ބުނެއެވެ.

ހަވަރުތިނަދޫން ބޭލުވި މީހުންގެ ތެރެއިން ދަތިބޮޑުވި މީހުންނަށް ހުވަދުއަތޮޅުގެ ތަނަވަސްކަން ހުރި ގިނަ ފަރާތްތަކުން އެ ވަގުތަށް ވެދެވެންއޮތް ވަރަށް އެހީތެރިވެ ދެއްވިއެވެ. ވިލިގިލީ އިބްރާހީމް ކަލޭގެފާނަކީ އެގޮތުން ހުވަދުއަތޮޅުން އެންމެ ފާހަގަކުރެވޭ ޚިދުމަތްތެރި ޝަޚުޞިއްޔަތަށްވީ ނަމަވެސް ހަވަރުތިނަދޫ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެވެން ހުރި ވަރަކުން  ފޯރުކޮށްދެއްވި ފަރާތްތައް އަތޮޅުގައިތިބި ކަން ގިނަ މީހުން ފާހަގަކުރެއެވެ. ގިނަބަޔަކު އެއްބަސްވާ އެންމެބޮޑު އެހީތެރިކަމެއް ހަވަރުތިނަދޫ މީހުންނަށް ފޯރުކޮށްދެއްވި ފަރާތްތައް އެހީތެރިވެދެއްވި ނިސްބަތުގައި އިސް ފަސްކަމެއް ނެތި ތިރީގައި އެ ވަނީއެވެ. މީގައި ހިމެނެން ޖެހި ނުހިމެނޭ ފަރާތެއްވާނަމަ އެއީ ހޯދުނު މަޢުލޫމާތުގެ އުނިކަމާއި ފުރިހަމަނުވުމެއް ކަމަށް ގަބޫލުކޮށް އެ ކަމަށްޓަކައި އެ ކަމުގެ ޙައްގުވެރި އިޙްސާންތެރިންނާއި އެ ފަރާތްތަކުގެ ޢާއިލާއިން ނިހާޔަތަށް މާފަށް އެދެމެވެ.

އަލްމަރުޙޫމް  މުޙައްމަދު ސަޢީދު ޖަނަވަރީގެ/ގއ. ކޮލަމާފުށި، އަލްމަރުޙޫމާ  މަރިޔަމްދިޔެ ޗާނދަނީގެ/ކޮލަމާފުށި، އަލްމަރުޙޫމް  ތުއްތުކަތީބު (އިބްރާހީމްކަލޭގެފާނު) ލިލީގެ/ ވިލިގިލި، އަލްމަރުޙޫމް  މޫސާބެ (ކައިދާގެ މޫސާ) ގްރީންގެ/ވިލިގިލި،  އަލްމަރުޙޫމް މުޙައްމަދު ކަލޭގެފާނު ޗާނދަނީގެ/މާމެންދޫ، އަލްމަރުޙޫމް ޢަލީޒާހިރު މިސްކިތްދޮށުގެ/ ދާންދޫ، އަލްމަރުޙޫމް   ތުއްތުކަތީބު ތިރުގެ/ ދާންދޫ، އަލްމަރުޙޫމް ހުސޭންމަނިކު ވައިލެޓްވިލާ/ގައްދޫ، އާމިނަތު އިސްމާޢީލް އަސަރީގެ/ގައްދޫ، އަލްމަރުޙޫމް ޢަލިކަލޭގެފާނު އަތިރީގެ/ގައްދޫ، ދޮންދީދީ (ގައްދަޑުގެ) ފެބްރުއަރީގެ/ވާދޫ، އަލްމަރުޙޫމް މޫސާ ފަތުޙީ (ހަވަރުތިނަދޫ) އަތިރީގެ/މަޑަވެލި (ނިމުނީ)
                             -------------------
ޢަބުދުﷲ ޙިލްމީ
22/12/2012