މަޖިލީހަށް އެރުވުން















މަޖިލީހަށް އެރުވުމަކީ އިހުގައި ދިވެހިވެރިކަމުގެ އެންމެމަތީ ފަރާތްޕުޅުން އެކި ބޭބޭފުޅުންނަށް ދެއްވަމުން ގެންދަވައިފައިވާ ޢިއްޒަތެއްގެ ދަރަޖައެކެވެ. މި ދަރަޖަ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ނަންފުޅުގެ ފަހަތަށް "ކަލޭގެ"، "ކަލޭގެފާނު"، "ކަނބުލޭގެފާނު"، އާދެއެވެ. އެގޮތުން ޢަލިކަލޭގެ، ދޮން މޫސާކަލޭގެ، އިބްރާހީމް ކަލޭގެފާނު، ޢަލިކަލޭގެފާނު، އާމިނަ ކަނބުލޭގެފާނު، ފާޠިމާ ކަނބުލޭގެފާނު، ފަދަ ބޭފުޅުންނަކީ މަޖިލީހަށް އެރުވުމުގެ ދަރަޖަ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. ނަމަވެސް ދީދީ، މަނިކުފާނު، އަދި ތުއްތު ކިޔާ މީހަކު މަޖިލީހަށް އެރުވިނަމަވެސް އޭނާގެ ނަމަކަށް ބަދަލެއް ނާންނާނެކަމަށް ލިޔުންތަކުން އެނގެއެވެ.

"ކަލޭގެ"ކަން ދަރަޖަކުރެވިފައިވަނީ އުޅަނދުމަތީ ދަރަޖައެއްކަމަށެވެ. (މިދަރަޖައަކީ އެ ދަރަޖަދެއްވައިފައިވާ ބޭފުޅުން ވަކިކަހަލަ އުޅަނދެއްގައި އުޅުއްވުން ލާޒިމްކުރާ ދަރަޖައެއްނޫނެވެ.) "ކަލޭގެ" ކަމާއި "ކަލޭގެފާނު" ކަމާއި މީގެތެރެއިން ނަމާއި އަދި ދަރަޖަ އިސްވެފައިވަނީ "ކަލޭގެ" ކަން ކަމަށް ބެލެވެއެވެ. މުޖުތަމަޢުގައި އެ ބޭފުޅުންނަށް އެރުވިފައިވާ ޤަދަރާއި އިޙުތިރާމުގެ ސަބަބުންނެވެ. ދެއްވަދޫރަދުންގެ ދުވަސްވަރު އެރަދުން ދެއްވަދޫގެ މިސްކިތްތަކަށް ދެއްވި ފަތްކޮޅުތަކުގައި އެރަދުންގެ މާފާފުޅު(މަންމަގެބައްޕަ) ގެ ނަންފުޅު ލިޔުއްވައިފައިވަނީ "އަބޫބަކުރު ފަނޑިޔާރު ކަލޭގެ" އެވެ. އާދައިގެ ފިރިހެނެއްގެ ނަމުން ނުކިޔައި އެމީހަކަށް "ކަލޭ" ނުވަތަ "ކަލޭގެ" ކިޔަމުން ގޮސްފައިވަނީ ފަހުގެ ދުވަސްވަރަކުން ފެށިގެންކަމަށް ބެލެވެއެވެ.

"ކަލޭގެފާނު" ކަމަކީ އިހުގައި މަޖިލީހަށް އަރުވާ ފިރިހެނުންނަށް ޙާޞިލްކުރެވޭ ދަރަޖައެކެވެ. ނުވަތަ ލަޤަބެކެވެ. އެފަދަ ބައެއް ބޭފުޅުންނަށް އެބޭފުޅެއްގެ ނަންފުޅުން ނުކިޔައި "ކަލޭގެފާނު" ނުވަތަ "މާރަންދޫ ކަލޭގެފާނު" ނުވަތަ "ވިލިގިލީ ކަލޭގެފާނު" މި ގޮތަށް ކިޔައެވެ.

"ކަނބުލޭގެފާނު" ކަމަކީ އިހުގައި މަޖިލީހަށް އަރުވާ އަންހެނުންނަށް ޙާޞިލްކުރެވޭ ދަރަޖައެކެވެ. ނުވަތަ ލަޤަބެކެވެ. އެމީހެއްގެ ނަމުން ނުކިޔައި "ކަނބުލޭގެ" އަކީ އާދައިގެ އަންހެނުންނަށް މުޚާޠަބްކުރެވޭ ނަމެކެވެ. ނަމަވެސް މޮޅެއް ދެރައެއްނެތި "ކަނބުލޯ" ބޭނުންކޮށްފައި ހުންނަކަން އެނގެއެވެ.

(މަތިވެރި ﷲގެ ރަސޫލުންނާއި ނަބިއްޔުންނާއި އެ ބޭބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ބޭފުޅުންނާއި އަހުލުބައިތުންނާއި ޞަޙާބީންނާއި އަދި ވަލިއްޔުންނާއި، ޢާލިމުންނާއި، އެދުރުއެދުރު ބޭކަލުންނަށް މާތް ކުރުމާއި މޮޅުކުރުމުގެގޮތުން ފިރިހެންބޭފުޅުންގެ ނަންފުޅުނުލައި "ކަލޭގެފާނު" އަދި ނަންފުޅާއި ގުޅުވައިގެންނަމަ "ފާނު" ބޭނުންކުރާ ޙާލަތްތަކެއް ހުރެއެވެ. މިސާލަކަށް މުޙައްމަދު ނަބީ "ކަލޭގެފާނު"، އެ "ކަލޭގެފާނު"، އާދަމުގެ"ފާނު"، ޢީސާގެ"ފާނު" މިގޮތަށެވެ. އަންހެންބޭފުޅުންގެ ނަންފުޅުނުލައި "ކަމަނާފާނު" އަދި "ފާނު" ބޭނުންކުރެއެވެ. މިސާލަކަށް އެ "ކަމަނާފާނު" ޙައްވާގެ"ފާނު" ޚަދީޖަތުގެ"ފާނު" މިގޮތަށެވެ.)

"ކަލޭގެ"ކަމާއި "ކަލޭގެފާނު"ކަމާއި "ކަނބުލޭގެފާނު" ކަން ލިބިވަޑައިގަތް ހުރިހާ ބޭފުޅުންނަކީ ކޮބައިކަން އެނގޭނޭ އިތުބާރުކުރެވޭ ލިޔުމެއްނުފެނި މިހާރުކުރެވޭ މަސައްކަތަކުން އެ ހުރިހާ ބޭފުޅުން  ދެނެގަތުމަކީ ކުރެވުމަށްވުރެ ނުކުރެވުން ގާތްކަމެއްކަމަށް ޤަބޫލުކުރެވެއެވެ. ތިރީގައިއެވަނީ ހުވަދުއަތޮޅުން މިހާތަނަށް ހޯދިފައިވާ "ކަލޭގެ"ކަމާއި "ކަލޭގެފާނު"ކަމާއި "ކަނބުލޭގެފާނު" ކަން ލިބިވަޑައިގަތް ބޭފުޅުންނެވެ. މިބޭފުޅުންގެތެރޭ ނުހިމެނޭ އެދަރަޖައިގެ ބޭފުޅުންނަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ފަރާތްޕުޅުތަކުން އެ ބޭބޭފުޅުން ލިސްޓްގައި ހިމެނުއްވުމަކީ ނުހަނުބޮޑަށް އެދެވިގެންވާ ކަމެކެވެ.

ކަލޭގެކަން:
ހަވަރުތިނަދޫ ޢަލިކަލޭގެ
ހުޅުދެލީ ކާސިންކަލޭގެ (މީނާގެ ޢާއިލާ އުފެދުނީ ހުވަދޫގައެވެ.)
ހަވަރުތިނަދޫ މެދުއަވަށު ދޮންމޫސާ ކަލޭގެ
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ

ކަލޭގެފާނު ކަން
މޭނާ ކަލޭގެފާނު (ހަވޮއްޑޭ މޭނާ ކަލޭގެފާނު) މިއީ އައްޑޫ ހިތަދޫ މެދުވަލު އެދުރުގޭ ދޮންޢަލިތަކުރުފާނެވެ.
ހަވޮއްޑޭ އަޙުމަދު ކަލޭގެފާނު
ހަވަރުތިނަދޫ މޫސާ ކަލޭގެފާނު (މޫސާ ކަލަހާނު)
ހަވަރުތިނަދޫ މުދިމް އަޙުމަދު ކަލޭގެފާނު
ހަވަރުތިނަދޫ ބޮޑުކަތީބު ކަލޭގެފާނު (ބޮޑުކައްތި ކަލަހާނު)
ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު
މޫސާ ހިރިހަމައިދި ކަލޭގެފާނު (މީނާގެ ޢާއިލާ އުފެދުނީ ހުވަދޫގައެވެ.)
ހަވަރުތިނަދޫ  މުޙައްމަދު ކަލޭގެފާނު (ހުތާބެއްޔާ)
ހަވަރުތިނަދޫ  އަބޫބަކުރު ކަތީބު ކަލޭގެފާނު
ހަވަރުތިނަދޫ  ޒަކަރިއްޔާ ކަލޭގެފާނު (އޮޅަކުއްދާ ބެއްޔާ)
ހަވަރުތިނަދޫ  ޢަލިކަލޭގެފާނު (ޗާންދު މުޙައްމަދު ރަޝާދުގެ ބައްޕަ)
ހަވަރުތިނަދޫ  ޢަލިކަލޭގެފާނު (ސަރުދާރު ޢަލިކަލޭގެފާނު)
ހަވަރުތިނަދޫ  ޢަލިކަލޭގެފާނު (މާލިއްޔާ ޢަލިކަލޭގެފާނު)
ހަވަރުތިނަދޫ  ޙުސައިން ކަލޭގެފާނު ( ފޮޓާ ޙުސޭން ކަލޭގެފާނު)
ހަވަރުތިނަދޫ  މުޙައްމަދު ޖަމީލު ކަލޭގެފާނު (މޫސަބޭގެ ދޮންކަލޭގެފާނު)
ހަވަރުތިނަދޫ  ޢަބުދުﷲ ކަތީބު ކަލޭގެފާނު
ހަވަރުތިނަދޫ  ދޮންކަލޭގެފާނު (ބޭސް ދޮންކަލޭގެފާނު)
ހަވަރުތިނަދޫ  ދޮންކަލޭގެފާނު (މުންޑުބޭގެ ދޮންކަލޭގެފާނު)
ހަވަރުތިނަދޫ  ޢަބުދުﷲ ނާޞިރު ކަލޭގެފާނު (ބޮޑުބެއްޔަގެ ދޮންކަލޭގެފާނު)
ހަވަރުތިނަދޫ  ޙަސަން ކަލޭގެފާނު (ބޭސް ޙަސަން ކަލޭގެފާނު)
ހަވަރުތިނަދޫ  ދޮންޙުސޭން ކަލޭގެފާނު (ގޮއިވެރިކަލަހާނު)
ހަވަރުތިނަދޫ  ދޮންކަލޭގެފާނު (އަސޭ)
ހަވަރުތިނަދޫ  ރާގުޅި އަޙުމަދު ކަލޭގެފާނު
ހަވަރުތިނަދޫ  ޙުސޭން ކަލޭގެފާނު (ދިހެރޭ ޙުސޭން ކަލޭގެފާނު)
ކޮލަމާފުށީ  އިސްމާޢީލް ކަތީބު ކަލޭގެފާނު
ކޮލަމާފުށީ  މުޙައްމަދު ސަޢީދު ކަތީބު ކަލޭގެފާނު
ވިލިގިލި   ވާރުގޭ ކަލޭގެފާނު (ތުއްތުދީދީގެ ބައްޕަ)
ވިލިގިލި   އިބްރާހީމް ކަލޭގެފާނު (ތުއްތުކަތީބު)
މާމެންދޫ   މުޙައްމަދު ކަލޭގެފާނު
މާމެންދޫ  ޙަސަން ކަލޭގެފާނު (ކާބުލް)
ނިލަންދޫ   ޢަލިކަލޭގެފާނު
ނިލަންދޫ  މުޙައްމަދު ކަލޭގެފާނު (އައްޑޫ މަރަދޫ ވަކަރުގޭ ކަލޭގެފާނު)
ދާންދޫ ދޮންކޮއްކޮ ކަލޭގެފާނު ( ހުވަދުއަތޮޅު ވާރުކުރެއްވި ބޭކަލެއް)
ކަނޑުހުޅުދޫ ޢަލިކަލޭގެފާނު
ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނު (ކަންގަތި ދަރަޖައިގެ ބޭކަލެއް)
ގައްދޫ މ. އިސްމާޢީލް ކަލޭފާނު (މާބެއްޔަގެ)
ގައްދޫ ޢަލިކަލޭގެފާނު
ވާދޫ މުޙައްމަދު ޖަމާލުއްދީން (ދަންނަކަލޭގެފާނު، މާލެއިން ވާދުވަށް ވަޑައިގެންނެވި)
ވާދޫ ކަލޭގެފާނު (ކަލޭގެފާނުގެ ޢަލިދީދީގެ ބައްޕަ)
މާތޮޑާ ކަތީބު ކަލޭގެފާނު/ ގުލްފާމްގެ
ފިޔޯރީ ޢަލިކަލޭގެފާނު
ރަތަފަންދޫ ކަތީބު ކަލޭގެފާނު
ރަތަފަންދޫ މުދިމް ކަލޭގެފާނު
ހޯޑެއްދޫ ބޮޑު ކަލޭގެފާނު

ކަނބުލޭގެފާނު ކަން
ދޮންދަލޭކަ ކަނބުލޭގެފާނު (މާތޮޑާ ދޮންމަރުނު ކުދު ކަތީބު ކަލޭގެފާނުގެ)
ދެއްވަދޫ ދޮންދަލޭކަ ކަނބުލޭގެފާނު
ދެއްވަދޫގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު (ދެއްވަދޫ ދޮންދަލޭކަ ކަނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ)
ހަވޮއްޑޭ ޙައްވާ ކަނބުލޭގެފާނު (މީނާ ފަހުން ދިރިއުޅުއްވީ ހަވަރުތިނަދޫގައެވެ.)
ހަވަރުތިނަދޫ ޝަރީފާ ޝީރީން ކަނބުލޭގެފާނު (މާނެލް ދޮންބީފާނު ކަނބުލޭގެފާނު)
ގައްދޫ ޖަމީލާ ކަނބުލޭގެފާނު
                -------------------

މަޢުލޫމާތު ހޯއްދަވައި އެއްކުރެއްވީ: އަލްމަރުޙޫމް  ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި