ހަވަރުތިނަދޫ ރަށްވެހިކަމުގެ މަސައްކަތް - 1953











އަލްއަމީރު އަލްޙާއްޖު އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ދިވެހިދައުލަތް ހިންގެވި ދުވަސްވަރު، އެ ކިލެގެފާނުގެ އިސްނެންގެވުމުގެ ތެރެއިން ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައި ރަށްވެހިކަމުގެ ގޮތުން ކުރި މަސައްކަތުގެ ބޭނުމަކީ، ރަށްރަށުގައި ބަލިމަޑުކަން އުފެދުން އިތުރުވެ އެކަން އިންސާނިއްޔަތަށް ގެއްލުންދެނިވި ބޮޑު މުޞީބާތަކަށްވެފައިވާތީ، ދުޅަހެޔޮ ޞިއްޙަތެއްގައި އިންސާނުން ތިބުމަށްޓަކައި ބޭނުންވާނޭ ޞިއްޙީ ވެށްޓެއް ގާއިމުކުރުމެވެ. މަރުޙޫމް އަމީންދީދީ މިކަންކުރެއްވީ ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާ ވެސް ހޯއްދަވައިގެންނެވެ.

މިކަމަކީ އެ ދުވަސްވަރުގެ ބަޔަކު ކިޔައި އުޅުނުގޮތަށް، އިންތިހާ ދަރަޖައިގެ ބޮޑު ދަތި ޙާލެއްގައި ނުކައިނުބޮއި އޮރިޔާންނުވެ މީސްތަކުންތިއްބައި އެ މީސްމީހުންގެ ގެދޮރާއި ރުއްގަސްތައް ސުންނާފަތިކޮށް "ޔޫރަޕްހެދުމަށް" ނުވަތަ ޔޫރަޕުގެ ކުރިއަރާފައިވާ ގައުމުތަކާ އެއްސަފަކަށް ދިވެހިރާއްޖެ ގެނައުމަށްޓަކައި ކޮށްފައިވާ ކަމެއްނޫނެވެ.

ވިސްނެވުންހުއްޓެވެ! އެ ދުވަސްވަރު ރާއްޖޭގެ ރަށްރަށުން މީހުންތައް މަރުވެފައިވަނީ ދަތި ޙާލުގައި ނުކައިނުބޮއި ތިބުމަކުން އެކަންޏެއްނޫނެވެ. އަދި ކީއްތޯ އެވެ. ނުކައިނުބޮއި ތިބުމުގެތެރެއަށް ބަލިމަޑުކަން ވެސް ވަދެގެންނެވެ.

ރަށްވެހިކަމުގެ މަސައްކަތަކީ، ރާއްޖޭގައި ބަލިމަޑުކަން އިންތިހާއަށް ގިނަވަމުންދާތީ، ރާއްޖެއިންބޭރުން ޑޮކްޓަރުންގެޓީމެއް ގެނެސްގެން ކުރެވުނު ސާރވޭ ރިޕޯރޓަކާއި ގުޅިގެން ކުރެވުނު މަސައްކަތެކެވެ. އެ މަސައްކަތުގެ ސަބަބުން މަދިރިއުފެދޭ ތަންތަނާއި، ކުނިގޮނޑުތައް ނައްތާލައި، ރަށްރަށުގެ އާބުހަވާއަށް ދުޅަހެޔޮކަން ލިބިގެން ދިޔައެވެ. މިހާރު ވެސް އަތޮޅުތަކުގެ އެ ރަށްރަށުގައި އެ ދުވަސްވަރު ރޭނި ފާރުތައް އެބަހުއްޓެވެ. - ލިޔުއްވުން: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި

ރަށްވެހިކަމަކީ، މުޅި ރާއްޖެއަށް އަމާޒުކޮށް އެއްފަހަރާ ފަށަންޖެހުނު މަސައްކަތަކަށް ވެފައި ދުވަސްވަރުގެ ޙާލަތާއި އަދި އޭރު ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރިގޮތުން ޢަމަލީގޮތުން އެ މަސައްކަތްކުރީ ރައްޔިތުންނެވެ. އަމިއްލަ ގޭގައިހުރިނަމަ ހުރި އެއްޗެއް ކައިގެން އަމިއްލަ ކޮނޑުގައި އުފުލަންޖެހޭ އެއްޗެއް އުފުލައިގެންނެވެ. މިހެންވީ ނަމަވެސް އެ ރަށެއްގެ ތަނަވަސްކަން ހުރި މީސްމީހުން އެ މީހެއްގެ ފެންވަރުން އެ މީހަކަށް ވެދެވެންއޮތް އެހީތެރިކަމެއް ރަށްވެހިކަމުގެ މަސައްކަތަށް ފޯރުކޮށްދިނެވެ.

(ދިވެހިރާއްޖޭގެ އެ ދުވަސްވަރަކީ އޭގެ މާ ކުރިއްސުރެ، ސަރުކާރުން ރަނގަޅުމަގެއް ދެއްކުމުން އެ މަގަކުން ރައްޔިތުން ހިނގައި، ދާ ތަނަކަށް ދެވެންދެން ހިތްވަރުކޮށް ކިޔަމަންތެރިކަން އަދާކުރި ދުވަސްވަރެކެވެ. ރަށްރަށުގެ ރައްޔިތުންނަށް ޢާއްމުވެގެންވާ ފައިދާއާއި ކަންކަމުގައި ކުރަންޖެހޭ މަސައްކަތުން ރައްޔިތުން ދުރުހެލިވެ ސަރުކާރުގެ ބޮލަށް ހުރިހާކަމެއް ގުޅަކޮށްފައި ޖަހަންފެށީ، ރާއްޖޭގެ ސިޔާސީ ވެއްޓަށް އަންނަން ފެށި ބަދަލުތަކެއްގެ ސަބަބުންނެވެ. މިއީ ވެސް ތަރައްގީގެ ބާވަތެއްކަމަށް ދެކޭ ބަޔަކު އުޅެފާނެ އެވެ. ކޮން ބާވަތެއްގެ ތަރައްގީއެއް ކަމެއް ނޭނގެ އެވެ. މިދާގޮތަށް ދާނަމަ މާ ލަހެއްނުވެ ރައްޔިތުން ފެންވަރުވަން ބޮލަށް ފެންއަޅައި، ރައްޔިތުންގެ ގޭގޭގެ ސައިކުރާ ކައްކައިދޭން ޖެހޭނީ ވެސް ސަރުކާރުންނެވެ. ނުވަތަ ރަށުގެ ކައުންސިލުންނެވެ. މި ހިސާބަށް ދިޔައީމާ ރަށެއްގެ ބިން ކޮނެގެން ރަނާއި އަގުހުރި މަޢުދަން ނެގޭ ރަށަކުން ނޫނީ ކަމަކަށްވާ ކަމެއް ވެސް އަދި ތަރައްގީއޭ މި ކިޔާ އެއްޗެއް ވެސް  އެ ރަށަކަށްވާނޭ ގޮތެއް ނޯންނާނެ އެވެ. ވާނަމަ ވާނީ އެ ރަށެއްގެ ރައްޔިތުންގެ ދަރިދަރި މިނިމިނީންނަށް ދާނދެން ކޮންމެވެސް ފަރާތަކުން ދަރަންޏަށް ފައިސާހޯދައި މަސައްކަތްކުރާ ކޮންމެވެސް ބަޔަކަށް އެ ފައިސާ ދީގެންނެވެ.)

ހުވަދުއަތޮޅުގެ ރަށްވެހިކަމުގެ ތެރެއިން:

މީލާދީ 1950 ވަނަ އަހަރު ޑިސެމްބަރ މަހުގެ ތެރޭ، ހުވަދުއަތޮޅުގެ ހުރިހާ ރަށެއްގެ ރަށްވެހިކަމުގެ މަސައްކަތް ހިންގަވައި ބެލެހެއްޓެވުމަށް ސަރުކާރުން ވަފުދެއް އެކުލަވާލައްވައި އަތޮޅަށް ފޮނުއްވި އެވެ. ވަފުދުގެ ބޭފުޅުންނަކީ ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ ވީރު ޢަލިދީދީ، ހަވަރުތިނަދޫ މޫސާ މަނިކުފާނު (މޫސާ ހިރިހަމައިދި ކަލޭގެފާނު)، ގައްދޫ އިސްމާޢީލް ކަލޭގެފާނު (އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނު)، އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ އެވެ. މި ބޭފުޅުން ހުވަދުއަތޮޅުގެ މީހުންއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގައި ރަށްވެހިކަމުގެ ގޮތުން ކުރެވޭނޭ ކަންކަމަކީ ކޮބައިތޯ ބައްލަވައި އެ މަސައްކަތް ފެއްޓެވި އެވެ.

ރަށްވެހިކަމުގެ މަސައްކަތުގައި ހުވަދުއަތޮޅުގެ މީހުންއުޅޭ ކޮންމެ ރަށެއްގައި އެ ރަށެއްގެ ދިގާއި ހުރަހަށް އެއްމަގު ހެދި އެވެ. މިއީ ރަށުގެ އެއްފަރާތުން އަނެއްފަރާތަށް ސީދާކޮށް ހެދުނު މަގުތަކެވެ. ތަނަވަސްކަންހުރި މީސްމީހުން ތިބި ބައެއް ރަށްރަށުގައި އެއްމަގަށްވުރެ ގިނަ މަގުތަކާއި ގޯޅިތައް އަލުން ހެދި އެވެ. މަގުތައް ހެދުމުގެ މަސައްކަތްކުރިއިރު މީހުން ދިރިއުޅޭ ގޯތިގެދޮރު މަގަށް ގޮސް އެ ތަންތަން ނެތިގެން ނުދާނޭގޮތަށް ނުވަތަ އެފަދަ ތަންތަން އެންމެމަދުން ދާނޭގޮތަށް މަގުހެދޭނީ ކޮންދިމާލަކުން ކިހިނެއްހެދީމާތޯ ދިގު ރުއްރުކާއި ގަސްގަހަށް މީހުންއަރައި ހޯދައި ބަލައިގެން އެ މަސައްކަތްކުރި އެވެ. މިހެން ހަދަންޖެހުނީ އެ ދުވަސްވަރަކީ ސެޓްލައިޓާއި އެހެނިހެން ތަކެތީގެ ވަސީލަތް މެދުވެރިކޮށް ރަށްރަށުގެމަތިން އެ ރަށްރަށް އެކީގައި ފެންނަގޮތަށް ވީޑިއޯ/ފޮޓޯ ނެގެންއޮތް ދުވަސްވަރަކަށް ނުވުމުންނެވެ.

ހަވަރުތިނަދޫ

ރަށްވެހިކަމުގެތެރޭ ހަވަރުތިނަދޫގެ އެއްކޮޅުން އަނެއްކޮޅަށް ދިގުމަގަކާ ރަށުގެ ހުރަހަށް ހަތަރުމަގު ހެދި އެވެ. ވަކިވަކި ބައެއް ގޯޅިތަކަށް ވެސް ބަދަލު ގެނެވުނެވެ. ހުކުރުމިސްކިތުގެ ކުރިމަތީގައި މިހާރު ވެސް އެ އޮތް މަގުގެ ދެކުނުފަރާތުން ރަށުގެ ޗަސްބިމާ ހަމައަށް އެ މަގު ބޮޑުކުރީ އެ ދުވަސްވަރު އެވެ.

ހަވަރުތިނަދޫ ބިމުގައި ވަޒަންވެރިވީކަމަށް ބެލެވޭ ދެވަނަ އާބާދީއަށް އެ ރަށުގެމަގުތައް އަލުން ހެދުމުން އެ ރަށުގެ ކުރީގެ މަގުތަކުން "ޝާރިޢުލްއަމީން" ފިޔަވައި އެހެން ހުރިހާ މަގެއް ކުރީގެ އިންތަކުން ނެއްޓި ގެއްލިގެން ދިޔައީ އެވެ. ނަމަވެސް މި މަގުގެ އިރުމަތީ ފަރާތުގެ ފާރު ތަންކޮޅެއް އެތެރެއަށް ޖެހުން ފިޔަވައި މަގުގެ ތަރަހައަކަށް ބަދަލެއް ނާދެ އެވެ. ކުރީގެ ރަށްވެހިކަމުގެ ޒަމާނުގައި ރޭނި ރޭނުމުގެ މަގު ފާރުގެ ބަޔެއް މިހާރުވެސް އެ މަގުގެ ހުޅަނގުފަރާތުގެ ފާރުގެ ބައެއް ތަންތާނގައި ފެންނަން އެބަ ހުއްޓެވެ. ހަވަރުތިނަދޫގެ ދެވަނަ އާބާދީގައި މި މަގުގެނަމަކަށް ހަމަޖެއްސީ "އަމީން ރޯޑް" އެވެ. އޭގެ މާފަހުން 2000މ. ގެ އަހަރުތަކުގެ ތެރޭ އެ މަގުގެ ނަން "ޣާޒީމަގު" މި ނަމަށް ބަދަލުކުރި އެވެ.

ރަށްވެހިކަމުގެ ދުވަސްވަރު ހަވަރުތިނަދޫގެ މަގުތައް ހެދިއިރު މަގަށްދާތީ ނަގަންޖެހޭ ގެތަކާއި ތަކެތީގެބަދަލުގެ މައްސަލަ ހަމަޖެއްސީ ރައްޔިތުން އަމިއްލައަށެވެ. މަގުތަކުގެ ފާރުރާނައި ނިންމީ ވެސް ރައްޔިތުންނެވެ. މަސައްކަތަށް ބޭނުންވާ އުވަ ދެވުމަށްޓަކައި އޭރު ހުރި ކޮޅުނބު ދަތުރުކުރާ ބޮޑެތި އޮޑިފަހަރުގައި ކޫއްޑުއާއި، ކޮނޑޭ ފަދަ ރަށްރަށަށް ދަތުރުކޮށް އުވަދަރު ގެނަ އެވެ. ހަވަރުތިނަދޫއަށް ބޭނުންވާ ގިނަ އުވަ ދެވީ ހަވަރުތިނަދޫގަ އެވެ. މަސައްކަތުގައި ރަށުގެ ހުރިހާ އަންހެނުން ޖޯޝާއި ފޯރީގައި ޢަމަލީގޮތުން ބައިވެރިވި އެވެ. އެ މީހުންގެ މަސައްކަތުގައި ސަރުކާރުގެ ބޯޓް "ޑަންގީ"ގެ ހުރިހާ ފަޅުވެރީން ބައިވެރިވި ކަމަށް އޭރުގެ ލިޔުންތަކުން އެނގެ އެވެ. "ޑަންގީ" އޭރު އޮތީ، ހަވަރުތިނަދޫ ބަނދަރުގަ އެވެ.

އެ ފަހަރު ހަވަރުތިނަދޫގެ މީހުން ރަހަދޫގައި ދެވި އުވަވަޅަކީ، 250 ބަސްތާ އުވަ ނެގުނު ވަޅެކެވެ. މިއީ ބޮޑު ޢަދަދެކެވެ. ހަވަރުތިނަދޫގެ ރަށްވެހިކަމުގެ މަސައްކަތަށް ބޭނުންވާ ގިނަ ވެލިތައް ނެގީ، ރަށުގެ ހުޅަނގު ފަރާތުން އަންހެންވެރިން އެކަންޏެވެ. މަސައްކަތްކުރާ ތާކަށް އުފުލަނީ ވެސް އެ މީހުންނެވެ. މި މަސައްކަތުގައި ރަށުގެވެރީންގެ އަނބިންނާއި ފައިސާވެރީންގެ އަނބިންނާއި އެހެން އަންހެނުން ތަފާތެއްނެތި ފުރިހަމައަށް އެ މަސައްކަތްކުރި އެވެ. ރަށްވެހިކަމުގެ މަސައްކަތުގައި ފާރު ރާނާ ތަންތަނަށް ހަވަރުތިނަދޫގެ އެންމެމުއްސަނދި ފައިސާވެރިން ނުކުންނަވައި މިއަދު ހަވީރަށް މިވެނިވަރަށް ރޭނުމުގެ މަސައްކަތް ނިންމައިފި ނަމަ، މިހާ ވަރެއްގެ އިނާމެއް ދެއްވުމަށް ވާދަ ކިޔުއްވައި ބޮޑެތި އިނާމުތައް ވެސް މީސްމީހުންނަށް ލިބެމުން ދިޔަ އެވެ. 

ރަށްވެހިކަމުގެ މަސައްކަތް ފެށިގެން ދިޔައިރު ހަވަރުތިނަދޫގައި ތިއްބެވި އެންމެމުއްސަނދި ފައިސާވެރިންގެތެރޭ، ޙާޖީ މުޙައްމަދު ކަލޭގެފާނު، މޫސާ ހިރިހަމައިދި ކަލޭގެފާނު، އިސްމާޢީލް ޙާޖީ ހިމެނިވަޑައިގަނެ އެވެ. އަދި ޢަބްދުﷲ ކަތީބު ކަލޭގެފާނު، ކަތީބު ޙުސައިން މުޙައްމަދުދީދީ (އޮޅަދީދި ކަތީބު)، ހަވޮއްޑޭ މުދިމްބެ، މުދިމް ޙުސޭން ތަކުރުފާނު، ޙާޖީ ކުޑަތަކުރުފާނު، އަބޫބަކުރު ކަތީބު ކަލޭގެފާނު، ނާއިބު އިސްމާޢީލް ޒާހިރު، ޙުސައިން ކަލޭގެފާނު، ޢަބްދުﷲ ނާޞިރު ކަލޭގެފާނު، މުޙައްމަދު ޖަމީލު ކަލޭގެފާނު، ބޭސް ދޮންކަލޭގެފާނު، ހުވަނދުމާގޭ ޙުސޭންފުތުބެ، އަދި މިނޫނަސް ތަނަވަސް ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ހޭދަކުރެއްވުން ހަވަރުތިނަދޫ ރަށްވެހިކަމުގެ މަސައްކަތުގެތެރޭ އޮތެވެ.

ރަށްވެހިކަމުގެ ދުވަސްވަރު ހަވަރުތިނަދޫގައި ތިއްބެވި ތަނަވަސްކަން ހުރި ގިނަ ބޭފުޅުންނަކީ، މިހާރު ބައެއް ދިމަދިމާލުން ފެންނަމުންދާގޮތަށް ފަގީރުންނަށާއި ރަށުގެ މުޅިރައްޔިތަށް މަންފާލިބޭ ކަންކަމުގައި އަތްޕުޅުގެ ހުރިހާ އިނގިލިތައް ލައްޕަވައި މުށް ބާރުކުރެއްވި ބޭފުޅުންނެއް ނޫނެވެ. ފަގީރުންނަށާއި ރައްޔިތުންނާއި ކުރިމަތިވާ ބޮޑެތި ކަންކަމަށް ފިސާރި ދީލަތިކަމާއިއެކު ހޭދަކުރެއްވި ހެޔޮފުޅު ބޭފުޅުންނެވެ. މިއީ އެތައް ފަހަރަކު ފެނި ތަޖުރިބާ ކުރެވިފައިވާ ޙަގީގަތެކެވެ. އެހެނީ، ކިތަންމެ ގިނަ މުދަލާއި ފައިސާ ހުއްޓަސް ދުނިޔެދޫކުރުމުން ގެންދެވޭނޭ އެފަދަ އެއްވެސްއެއްޗެއް ނެތްކަން އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަނެ އެވެ.

ހަވަރުތިނަދޫ "ޑޭޒީމަގު" (މިހާރުނަމަ ކުރީގެ އެސްޓީއޯ ފިހާރަ ޢިމާރާތުގެ އުތުރުން ރަށުގެ އިރުމަތިން ހުކުރުމިސްކިތާ ހަމަޔަށް އޮންނަ މަގު)ގެ ދެ ފަރާތު ފާރުގައި އެންމެ ރެޔަކުން އުވަޖަހައި ނިންމާލުމަކީ މަސައްކަތުގެ ބޮޑުކަމަށް ބަލާއިރު ހަވަރުތިނަދޫ ރަށްވެހިކަމުގެ ތެރޭގެ ރެކޯޑެކެވެ. މިހެންމެ، އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހަވަރުތިނަދޫއަށް ވަޑައިގެން ބެއްލެވިއިރު އެ ތާނގެބޭރުގައި އުވަނުޖަހާ ހުރި ހުކުރުމިސްކިތް (މަސްޖިދުލްޣާޒީ މުޙައްމަދުއޭގެ ދެ ދުވަހެއްގެ ފަހުން އެ ކިލެގެފާނަށް ފެނިވަޑައިގަތީ އުވަޖަހާފައިހުއްޓަ އެވެ. މިއީ އެ ކިލެގެފާނު ޙައިރާންފުޅުވި އަވަސް މަސައްކަތެކެވެ. އެއީ އުވައިން ކުރި މަސައްކަތަކަށްވެފައި އަދި އެއީ ވިއްސާރަ މޫސުމަކަށް ވެސް ވުމުންނެވެ. ހުކުރުމިސްކިތުގެ ބޭރުގައި އުވަޖެހިއިރު ވާރެއިން ހިޔާކުރުމަށް މިސްކިތުގެ ހަތަރުފަރާތުގައި ދަމާފައި ހުރީ، އެ ދުވަސްވަރުގެ ބޭރު ދަތުރުކުރާ އޮޑިފަހަރުގެ ހަތަރެސްކަން ރިޔަލެވެ. 

ދަރަށް ބޭނުންކުރާ ބައެއް ތަކެއްޗާއި އަކިރި އަންދައިގެން އެއިން ނަގާ އުވައަކީ، މިހާރު ފެންނަ ސިމެންތިހާ އަވަހަށް ހިކޭ އެއްޗެއްނޫނެވެ. ވަރަށްލަހުން ހިކޭ އެއްޗެކެވެ. އުވަޔަކީ ކޮން އެއްޗެއްކަމެއް މިހާރުގެ ބައެއް މީހުން ނުވެސް ދަންނާނެ އެވެ. އެއީ ކޮން އެއްޗެއްތޯ އަދި ހިކެނީ ކިހާއިރަކުންތޯ އެނގޭނީ އެ ކަންއެނގޭ މީހެއްގެގާތުން އެހީމަ އެވެ.

ހަވަރުތިނަދޫގެ ރަށްވެހިކަމުގައި އެ ރަށުގެ ޗަސްބިމުގެ(ކުޅީގެ) މިހާރު "އަބޫބަކުރު ސްކޫލް" ހުރިތާނގެ މެދުން ރަށުގެ ދެކުނުފަރާތު އަތިރިމައްޗަށް ދެވޭގޮތަށް ދުނބުރިން ފާލަމެއް ހެދި އެވެ. މި މަސައްކަތްކުރީ ހަވަރުތިނަދޫގެ ވަޑިން ހިލޭ ސާބަހަށެވެ. އަދި ރަށުގެ އިރުމަތީފަރާތުން ވާރުގެހުންނަ ދިމާލުން ގޮނޑޮދޮށާއި މޫދު، ހިކި ދިޔައިގައި ކުދި ބޮއްކުރާ ދޯނިފަހަރު ނުބީހޭ ވަރަށް ފުންކުރުމަށް އުދަލިން ކޮނެ އެ ދިމާލުން ރަށާއިގުޅޭ ހިސާބުގައި ގަލާއި އުވައިން ތޮށިގަނޑެއް ރާނައި އުވަޖަހައި ރީތި ފާލަމެއް ވެސް ހެދި އެވެ. ރަށުގެހުރިހާ ބޮޑެތި މަގުތަކުގެ ދެ ފަރާތުގައި ފާރުރާނައި ކުދިގޯޅިތަކުގެ ވެސް ގިނަ ގޯޅިގޯޅީގެ ފާރު ރާނައި ރައްޔިތުންނާ ސަރުކާރުގެ ހުރިހާ ޢިމާރާތެއްގައި އުވަޖަހައި ރީތި ކުރެވުނެވެ.

ހުވަދުއަތޮޅުގެ ރަށްވެހިކަމުގެ މަސައްކަތް މުޅިން ނުނިމެނީސް އަތޮޅަކީ ހުރިހާގޮތަކުން ރާއްޖޭގައި އޭރުއޮތް އެންމެ ތަރައްޤީ އެއް އަތޮޅުކަމަށްވި އެވެ. އެއީ އޭރުގެ ސަރުކާރުގެ ވެރިންނާއި އަތޮޅުތަކުގެ ރަށްތައް ދެކިފައިވާ މީހުން އެ ކަން ގަބޫލުކުރި ގޮތެވެ. މިއީ ތެދެއްކަމުގެ ސާފުހެކި އެ ދުވަސްވަރުގެ ހަވަރުތިނަދޫގެ އެކިއެކި ފޮޓޯތަކުން ވެސް ލިބެ އެވެ.

އަލްއަމީރު މުޙައްމަދު އަމީން ދިވެހިދައުލަތް ހިންގެވުމާއި ޙަވާލުވެވަޑައިގަތީ 20 އޮކްޓޫބަރ 1944މ. ގައެވެ. ނަމަވެސް އޭގެކުރިން ވެސް ދައުލަތުގެ މަތީ މަގާމްތަކެއް އެ ކިލެގެފާނު އަދާކުރެއްވި އެވެ. އެ ކިލެގެފާނު ފެށްޓެވި ރަށްވެހިކަމުގެ މަސައްކަތް ހުވަދުއަތޮޅުގައި ފެށުނީ 1950މ. ގައެވެ. އެ ކިލެގެފާނުގެ ޖުމްހޫރީވެރިކަން ފެށުނީ 1 ޖެނުއަރީ 1953މ. ގަ އެވެ. އެހެންވީމާ ރަށްވެހިކަމުގެ މަސައްކަތް ފެއްޓެވީ އެ ކިލެގެފާނުގެ ރައީސްކަމުގެ ދައުރުގެ ކުރިންނެވެ. މި މަސައްކަތުގައި ހުވަދުއަތޮޅު ހަވަރުތިނަދޫ ފިޔަވައި އެހެން ރަށްރަށުގައި ކުރެވުނު މަސައްކަތުގެލިޔުމެއް އަޅުގަނޑަށް ފެނިފައި ނުވެ އެވެ. ރަށްވެހިކަމުގައި ހަވަރުތިނަދޫގައި ކުރެވުނު މަސައްކަތުގެ މިންވަރެއް އަޅުގަނޑުގެލޮލަށް ފެނިފައިވުން އެކަށީގެން ވިޔަސް ހަނދާނުގައި އެ ކަމެއްނެތެވެ. އެއީ އަޅުގަނޑުގެ ޢުމުރުން އެއް އަހަރުގައި ކުރެވުނު ކަމަކަށްވާތީ އެވެ. ނަމަވެސް ލިޔެވުނުއެއްޗެއް ލިޔެފައިމިވަނީ، ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީގެ ބައެއް ލިޔުއްވުންތަކާއި އަދި އެ ދުވަސްވަރުގެ މަސައްކަތް ދެކިފައިވާ ބައެއްމީހުން ދީފައިވާ މަޢުލޫމާތަށް ބިނާކޮށެވެ.

(ހަވަރުތިނަދޫން މީހުން ބޭލިދުވަހުގެ ކަންކަން ހިނގިގޮތާއި އަދި އޭގެފަހުން އެ މީހުން އުޅެންޖެހުނު ޙާލުގެ ވާހަކައަކީ، އަޅުގަނޑުގެ ޢުމުރުން 12 ވަރަކަށް އަހަރުގައި އަމިއްލަޔަށް ވެސް ތަޖުރިބާކުރި ކަމެކެވެ. ދެކުނުގެ ހަމަނުޖެހުމާ ގުޅިގެން ހުވަދުއަތޮޅުގައި ދެ ފަހަރަށް ހިނގައިދިޔަ ކަންކަމުގައި އަޅުގަނޑު ދުށްތަނާއި، ގިނަ ބަޔަކު ދެކިފައިވާ ކަންކަމުގެ ތެރެއިން މަދުނޫން ކަންކަމެއް އަޅުގަނޑު ލިޔެފައިވާތީ އެ ކަންކަމުގެ ވީނުވީ އެހެން ފަރާތްތަކާ ޙިއްޞާކުރުމަށް އަޅުގަނޑު ބޭނުންނަމަ އޭގެ ދައްޗެއް ނެތަސް ހުވަދުއަތޮޅުގެ ރަށްވެހިކަމާ ގުޅިގެން އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ މަޢުލޫމާތެއް އަޅުގަނޑަށް ލިބިފައިނެތުމުން އެ ކަންކަން އެހެން ފަރާތްތަކާ ޙިއްޞާކުރެވެން ނެތުމަކީ ދެރަކަމެކެވެ.)

ރަށްވެހިކަމުގެ ތެރޭ ހަވަރުތިނަދޫގައި އަލަށްހެދި މަގުތަކުގެ ނަންތައް:

 "ޝާރިޢުލް އަމީން" 
(ނިސްބަތްވަނީ، އަލްއަމީރު މުޙައްމަދު އަމީނަށް)
"ނަރުގިސް މަގު" 
(ނިސްބަތްވަނީ، އަލްއަމީރު މުޙައްމަދު އަމީނުގެ އަނބިކަނބަލުން އަންނަބީލާ ފާޠިމަތު ސަޢީދަށް)
"ވައިލެޓް މަގު" 
(ނިސްބަތްވަނީ، އަންނަބީލާ އާމިނަތު ޙުސައިނަށް)
"ޑޭޒީ މަގު" 
(ނިސްބަތްވަނީ، އަލްފާޟިލާ އާމިނަތު ފާއިޒާއަށް)
"އޯކިޑް މަގު" 
(ނިސްބަތްވަނީ، އަލްއަމީރު މުޙައްމަދު އަމީނަށް)
  
ރަށްވެހިކަމުގެ ތެރޭ ހަވަރުތިނަދޫގައި ކުރި މަސައްކަތްތަކާ ގުޅިގެން މަޖިލީހަށް އެރުއްވި ބޭކަލުން:

މަޖިލީހަށް އެރުމަކީ، އިހުގައި ދައުލަތުން ދެއްވާ ވަކި ދަރަޖައެއް ލިބުން. މިދަރަޖަ ލިބިފައި ތިބޭ މީހުންނަށް ޢާއްމުގޮތެއްގައި ކިޔައި އުޅެނީ ކަލޭފާނެވެ. ނަމަވެސް ދީދި، ނުވަތަ މަނިކު، ނުވަތަ ތުއްތު ކިޔާމީހަކު މަޖިލީހަށް އަރުވައިފިނަމަ އޭނާގެ ނަމަކަށް ބަދަލެއް ނާންނާނެއެވެ. – ދިވެހިބަހުގެ ރަދީފު

·         ޢަލީ ޡާފިރު ކަލޭގެފާނު (ތާޖަރު ޢަލިކަލޭގެފާނު)
·         ޢަލިކަލޭގެފާނު (މާލިއްޔާ ޢަލިކަލޭގެފާނު)
·         ޙުސައިން ކަލޭގެފާނު
·         ޢަބުދުﷲ ކަތީބު ކަލޭގެފާނު
·         މުޙައްމަދު ނަޖީބު ކަލޭގެފާނު (އަސޭ ދޮންކަލޭގެފާނު)
·         މުޙައްމަދު ޖަމީލު ކަލޭގެފާނު (މޫސަބޭގެ ދޮންކަލޭގެފާނު)
·         ދޮންކަލޭގެފާނު (ބޭސް ދޮންކަލޭގެފާނު)
·         ޙަސަން ކަލޭގެފާނު (ބޭސް ޙަސަން ކަލޭގެފާނު)
·         މުޙައްމަދު ކަލޭގެފާނު (ހުތާބެ)
·         ޢަބުދުﷲ ނާޞިރު ކަލޭގެފާނު (ބޮޑުބެއްޔަގެ ދޮންކަލޭގެފާނު)

ރަށްވެހިކަމުގެ ދުވަސްވަރު ހަވަރުތިނަދޫގައި ތިއްބެވި ޙާޖީ މުޙައްމަދު ކަލޭގެފާނާއި އަބޫބަކުރު ކަތީބު ކަލޭގެފާނު މަޖިލީހަށް އެރުއްވީ އޭގެ އަހަރުތަކެއްގެ ކުރިން ސުލްޠާން މުޙައްމަދު ޝަމްސުއްދީން(3)ގެ ރަސްކަމުގެ ދުވަސްވަރުގަ އެވެ. – ޢަލީ ޙުސައިން ރަންގަލް/ ތިނަދޫ


ހުވަދުއަތޮޅުގެ ރަށްވެހިކަމުގައި އަތޮޅުގެމީހުން އުޅޭ ރަށްރަށުގެ ދިގާއި، ހުރަހަށް ހެދުނު މަގުތަކުގެތެރޭ ރަށުގެ މީހުންނޫޅޭ ބައިގެ ތެރެއިން ގޮނޑުދޮށަށް ހެދުނު މަގުތައް ހަޑިވިޔަނުދީ ބެލެހެއްޓުން ބައެއް ރަށްރަށުގައި ފަހަކުން ނެތެވެ. މުނިފޫހި ފިލުވުމާއި އިށީނދެތިބެގެން އެކަކު އަނެކަކާއި ވާހަކަދައްކައި ހިތްހަމަޖައްސައިލުމަށް ފަރުމާކޮށް ގިނަ ރަށްރަށުގައި ހެދުނު މައިދާންތަކާއި ބުރުތަކާއި ޢިމްރާނީ ހަރުދަނާ ބައެއްތަންތަން ވެސް ރާއްޖޭގެ ސިޔާސީ ވެށްޓަށް އައި ބަދަލަކާގުޅިގެން ގިނަރަށްރަށުގައި ނެތިކޮށްލުމަށް ހަލާކުކޮށްލެވުނެވެ. އެއީ ސިޔާސީވެށީގެ ވަކި ހިސާބަކުން އެ ކަންކަން ކުއްލިއަކަށް ކާފިރުންގެ ކަމަކަށްވީމަ އެވެ. ކާފިރުންގެކަމަކަށް ހަދައިގެންނެވެ. 

މިހެންވީ ރާއްޖޭގެ ނިސްބަތުގައި މަދުބަޔަކު ނުވަތަ އެ ކަމާ އުޅުނު ބަޔަކު އުޅެގެން ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ވެރިކަން ވައްޓައިލުމާއި ގުޅިގެންނެވެ. ވައްޓައިލުމަކީ ޣައިރު ގާނޫނީ ކަމެއްތޯ ނޫންތޯއެއް ނޫނެވެ. އެ ކަން އެގޮތަށްކުރި އެވެ. އެ ރައީސްގެ އިރުޝާދުގެދަށުން މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ކުރި ރަށްވެހިކަމުގެ މަސައްކަތަށާއި އަދި އެ ކިލެގެފާނުކުރެއްވި ރަނގަޅު ކަންކަމަށް ވެސް ނުރުހުމުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރި އެވެ. 

އަމީންދީދީގެ ވެރިކަން ނިމުމާއެކު، ސަރުކާރުން އަތޮޅުތަކަށް ވަފުދުތަކެއް ފޮނުއްވިއެވެ. އެގޮތުން ހުވަދުއަތޮޅަށްފޮނުއްވި ވަފުދުގެ އިސްބޭފުޅަކީ، (ނަން) އެވެ. އޭނާ އަތޮޅުގެއަށްވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވިކަމަކީ، އެތަނުގެ ފާރުގައި ބަހައްޓާފައިހުރި އަމީންދީދީގެ ފޮޓޯފުޅު ބިންމައްޗަށް ވައްޓަވައި، ބިއްލޫރިގަނޑު ތަޅާލައްވައި، ފޮޓޯފުޅަށް ފައިންޕުޅުން އަރުއްވައި އެ ފޮޓޯފުޅު ވީދާލެއްވުމެވެ. ކުރިން ބުނި ރަސްމިއްޔާތައްޓަކައި ހަވަރުތިނަދޫގައި ހަދާފައިހުރި މައިޒާންތަކާއި، އެނޫން ވެސް އެފަދަ ތަންތަން ތަޅުއްވައި ސުންނާފަތިކުރެއްވީ އެ ދަތުރުގައި ވަޑައިގެންނެވި (ނަން) އެވެ. - ލިޔުއްވުން: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި، މަޢުލޫމާތު: އަލްމަރުޙޫމް ޢަބްދުއްޞަމަދު ޙުސައިން މާކޯނި/ ތިނަދޫ

ސުމުއްވުލްއަމީރު އަލްޙާއްޖު އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ދުވަހަކު ވެސް ކުރެއްވި ރަނގަޅުކަމެއް ނެތްހާ ހިސާބަށް އެ ދުވަސްވަރު ރާއްޖޭގެ ބައެއް ދިމަދިމާލުން އަޑުތައް އިވުނީ މަދެއްކޮށްނޫނެވެ. އަދި އެ ކިލެގެފާނަކީ، ދިވެހިގައުމަށް ދިމާވި ބަލާވެރިކަމަށް ބައެއް މީހުނަށްވި އެވެ. މުޅި ގައުމަށް ހަލާކާއި ގެއްލުންދެއްވި ބޭފުޅަކަށް ބައެއް މީހުނަށްވި އެވެ. މިގޮތަށް ގޮވައި އުޅުނުބަޔަކު ވެސް ރާއްޖޭގައި އުޅުނެވެ. "އުފާވެރިބުލްބުލް ޖުމްހޫރީ"ގެ ސިފައާއި އަދި ކުލަ ބަދަލުކޮށްލީ "ގައުމަށް މެދުވެރިވީ ބަލާ"އަކަށެވެ.

ބޭލި ކެޔޮޅަށްވުރެ ކަނޑުފަޅާއި ގިރިފަރާއި އަދި މަސްވެރިކަންކުރަން ނޭނގޭ މީހަކު، ދުވަހަކު މި އޮޑިން މަހަށް ނުދާކަމަށް ގޮވައި އުޅުމަކީ، ދިވެހިރާއްޖޭގެ ބައެއްމީހުންގެ ކިބައިގައި ހުންނަ ޢަޞްބީ ބަލިމަޑުކަމެކެވެ. ކޮންމެފަހަރަކު ބޮޑު ދޯންޏަށް އަރާ އާ ކެޔޮޅުގެރުހުން އިތުރަށް ހޯދުމުގެބޭނުމުގައި އެ އޮޑީގެ ފަޅުވެރިންގެގާތަށާއި އަދި އޮޑީގެ މަސްބަހާ ތަންތަނަށް ގޮސް މަސްކޮޅެއްގެ ބޭނުމުގައި އުޅޭ ބަޔަކު ގޮވާއެއްޗެއް އެހެން މަދުބަޔަކު ވިޔަސް ގޮވައިއުޅުމަކީ، ދިވެހި ރާއްޖެއިން ފެންނަމުންދާ ކަމެކެވެ. ފަހުގެ ތާރީޚަށް ބަލާއިރު ވެސް އެ ކަން ނެތެކޭ ދެންނެވެން ނެތެވެ.  

މުލީގޭ ޝަމްސުއްދީންގެ ކެޔޮޅުކަން ނިމުމުން ވެސް އެ އަޑު އިވުނުވަރެއްގައި އިވުނެވެ. ޙަސަން ނޫރައްދީން(ސާނީ) ގެ އަޑު މަޑެވެ. އަމީންދީދީގެ ކެޔޮޅުކަން ނިމުމުން ކުރިން އިވިފައިވާއަޑެއް ދެންމެ ވެސް އެ އިވުނީތާ އެވެ. މުޙައްމަދު ފަރީދުގެ ކެޔޮޅުކަން ނިމުމުން އަޑުމަޑެވެ. އެ ކެޔޮޅަށް ހަމްދަރުދީގެ އަޑު މާ ގަދަވީކަން ނޭނގެ އެވެ.  އެކަމަކު ކޮންމެވެސްއަޑެއް މުޅިން ނެތީކީނޫނެވެ. ދެން ނާޞިރެވެ. އެ ކެޔޮޅުގެއަޑުތައް ވަރަށްގަދައެވެ. ދެން މައުމޫނެވެ. އެކަމަކު މިކެޔޮޅުގެއަޑު، ބާލާ އެހެން ކެޔޮޅުންތަކާ އަޅައިބަލާއިރު ފަރިހީގެ ސިފައިގައި އިވެންވީ ވަރަށްވުރެ، ތަންކޮޅެއް ލާހިކުހެން ހީވާންއުޅެ އެވެ.  ބޭލިކެޔޮޅު މައުމޫންގެ ކެޔޮޅުކަމުގައި އެ މަނިކުފާނަށް ހަދާފައިވާ ރައިވަރުތައް އޭރު ކިޔައިއުޅުނު ވަރާ ބަލާއިރު ކެޔޮޅުބޭލުމުން އިވުނުލެއް މަދެވެ. ޔަގީނުން އަމީނާއި ނާޞިރު ކެޔޮޅު ބޭލުމުން އިވުނުވަރަކަށް ނުއިވެ އެވެ.
              -------------------
ޢަބުދުﷲ ޙިލްމީ
23 ޑިސެމްބަރ 2012މ.