ހަވަރުތިނަދޫގެ ޞަފުޙާއެއް - 1947

މި މަޟްމޫނުގައިވަނީ "ދޮންތުއްކަލާގެ އައްޑޫދަތުރު" މިނަމުގައި މީރުބަޙުރުގޭ އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު އިސްމާޢީލް ދީދީ ލިޔުއްވި ދަތުރުނާމާ ފޮތުގެ މާލެ/އައްޑޫ/މާލެއަށް ކުރެއްވި ދަތުރުފުޅުގެ ބަޔެކެވެ. މަރުޙޫމް މުޙައްމަދު އިސްމާޢީލްދީދީ މިދަތުރުކުރެއްވީ ސަރުކާރުގެ ބޮޑުނާކޮޅު "ޢަޠިއްޔަތުއް ރަޙުމާން"ގަ އެވެ. އެއީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ ދޮޅުއަހަރެއްހާ ދުވަސްފަހެވެ.
                **************

މާހުޓިގަލާ ބަނދަރުން ފުރުން:

13 އޭޕްރީލް 1947މ.
މިއަދު ވިއްސާރަ ނަމަވެސް އިއްޔެވަރެއްނޫނޭ އަދި ވައިވެސް ކުޑައިކޮށް ރަނގަޅެވެ. ހަވަރުތިނަދުވާ ދިމާޔަށް އެއްއަތު ދުވާނޭހެންވެސް ހީވެއެވެ. ދެން 8:30 ވީއިރު މާހުޓިގަލާ ބަނދަރުން ފުރައިގެން ހޭރިޔާތަކެއް ކުރާކަށް ނުޖެހުނެވެ. ތިނަދުވާ ދިމާއަށް ނާ ދުވަން ފަށައިފިއެވެ. މެންދުރުފަހު ދެގަޑިބައިވީއިރު ހަވަރުތިނަދޫގެ ކައިރީގައި ނައުކޮޅު ޖައްސައިފީމުއެވެ. ތިނަދުވާ ކައިރިވުމާއެކު ހުވަދުއަތޮޅު ހިންގުމާ ޙަވާލުވެތިބި ވީރު ޢަލިދީދީއާ، ގައްދަޑުގޭ ޢަލިމަނިކާ، އަދި ބަގުފަޑިއްގޭ އިބްރާހީމް މަނިކު ދޯންޏެއްގައި އައިސް ނާކޮޅަށް އަރައްޖެއެވެ. ބަގުފަޑިއްގޭ އިބްރާހީމްމަނިކު މިދުވަސްވަރު ހުވަދުއަތޮޅުގައި ހުރީ، މާލޭ ސަރުކާރުން ފޮނުއްވީމާ، މާގޮނޑެރެހާ ތިބި ފައިފަލަބަލީގެ މީހުން ހަވަރުތިނަދޫގެ ބަރާސީލަށް ގެންނަންވެގެންނެވެ. ވީރު ޢަލިދީދީ އަޅުގަނޑާއި ބައްދަލުވެ ބޭނުންކަމެއް އޮތްތޯ އެއްސެވެ. ދެން މާދަމާ ހެނދުނު ޖުޒާމްބަލީގެ ފިރިހެނުންތިބޭ ފުނަދުވަށް ދެވޭނޭ އިންތިޒާމެއް ކުރުމަށް އަންގާފައި ހަވީރުން ތިނަދުވަށް ފައިބާނެ ވާހަކަ ބުނެފީމެވެ. 


އެތިންމީހުން އަޅުގަނޑާ ސަލާމްގަލާން ހަދާފައި މާކަލަހެއްނުވެ ނާކޮޅުން ފައިބައިފިއެވެ. ދެން މިއަދުހަވީރު 3:40 ވީއިރު ހަވަރުތިނަދުއަށް ފައިބައި ރަށުތެރެ ބަލާ ހެދީމެވެ. ރަށުގެ ބަރާސީލު (އެއީ ފައިފަލަ ބަލިމީހުން އެއްފަރާތް ކޮށްފައި ތިބޭތަނަށް ކިޔާނަމެވެ.) އާއި މަދުރަސާގެ ދެގޮފީގެ ކުދީންގެ ކަސްރަތު ބަލާހެދުމަށްފަހު 6 ޖެހިއިރު އެބުރި ނަވަށް އައީއެވެ.

ހަވަރުތިނަދޫ:

ހަވަރުތިނަދޫއަކީ މޭލެއްގެ 3/2 ބައި ދިގުމިންވާ، ބައި މޭލަކަށްވުރެ ހަނި ރަށެކެވެ. ރަށު ކައިރީގައި އޮޑިފަހަރު އަޅަން ފުދޭ ކަހަލަ ރީތި ބޮޑު ވިލެއް އޮތެވެ. ރަށަށް ވަންނާނޭ ރީތި ރަގަޅު ނެރެ ނެތެވެ. ފަޅުތެރެ ވަރަށް ހަޑިއެވެ. އަރާފައިބާނޭ 40 ހަކަށް ފޫޓްގެ ދިގުމިނުގެ ފާލަމެއް އޮތެވެ. ފާލަންމަތިން ފޭބުމާއެކު ކުރިމަތިން ފެންނަނީ ވާރުގޭ ދޮރޯއްޓެވެ. ވާރުގެއަކީ ވަރަށް ބޮޑު ގޯއަޗެއްގެ ތެރޭގައި ރާނާފައި ހުރި ފައްކާ ގެއެކެވެ. ގޯތި ތެރޭގައި ގުދަންތަކާއި އުދޯލިގެތައް ހުއްޓެވެ.
ތިނަދޫއަކީ ގެއިން ފުރިފައިވާ ރަށެކެވެ. މަދުމަދުން ރުއްގަސް ހުއްޓެވެ. ގިނަ ގޯތީގެ ބޭރު ފާރު ލާފައޭ ވަނީ، ރަށާއި ބެލުމަށް މަގުތައް ފުޅާވެފައި ތެދެވެ. އެބައިމީހުންގެ މިންވަރުން މަގުތަކާއި ގެތަކުތެރެ ތާހިރެވެ. މާލޭގެ ބައެއްމަގު ހަނދާންވެލާވަރުގެ މަގުވެސް ތިނަދޫގައި އެބަހުއްޓެވެ.
އެރަށުގައި ތިބި މީހުންގެ ޢަދަދު  2700
ގޭގެ ޢަދަދު              540
މަސްދޯނީގެ ޢަދަދު          32
މާލެދާ އޮޑި              10
މަދުރަސާ               1

މަދުރަސާ:

ހަވަރުތިނަދޫގެ މަދުރަސާގައި ކިޔަވާ ފިރިހެންކުދިން 40، އަންހެންކުދިން 24، ކިޔަވާ ދިނުމުގެ އެންމެބޮޑު މުދައްރިސަކީ އެރަށު ޔޫސުފް ޞިދްޤީއެވެ. މީނާއަކީ ޙައިދަރުއާބާދުގައި 7 އަހަރު ހުރެ ޢަރަބިއާއި އޮރުދޫ ކިޔަވައިގެން ހުންނެވި ބޭކަލެކެވެ. މަދުރަސާގައި ކަޔަވައިދެނީ ޢަރަބި ފޮތްފޮތާއި، ހިސާބެވެ. ކުޑައިކޮށް ތާނަ ފޮތްފޮތްވެސް ކިޔަވައިދޭ ކަމުގައި ބުންޏެވެ. އެކަމަކު އަޅުގަނޑު ސަރުކާރުޚަބަރު ކިޔުއްވި ދެތިން ކުދިންގެތެރޭގައި ފުދޭވަރަށް ކިޔުނު ކުއްޖަކުނެތެވެ. ވަގުތު ނެތުމާއިއެކު ކިޔަވާ އެހެން ތަކެތީން ސުވާލު ކޮށެއް ނަހަދަމެވެ.

ކަސްރަތު:

މަދުރަސާގެ ދެގޮފީގެ ކުދިން އަޅުގަނޑަށް ދައްކާން ކަސްރަތު ކުޅައެވެ. ފިރިހެންކުދީންނަށް އިގިރޭސި ބަހުން ގޮވީ މުދިން ތަކުރުފާނުގެ އަޙްމަދު މަނިކެވެ. އަންހެންކުދީންނަށްވެސް ގޮވީ އިގިރޭސި ބަހުންނެވެ. އެއީ ޒުލައިޚާ ކިޔާ އަންހެންކުއްޖެކެވެ. އައްޑުއަތޮޅުގެ ގިނަ ރަށްރަށަށްވުރެ ތިނަދޫގެ ކަސްރަތު ކުރުން ދެރައެވެ. އެކަމަކު ކަސްރަތު ހުއްޓާލައިފައި ލަވަކީލެއް މާރީއްޗެވެ. މުޅި އައްޑުއަތޮޅުންނާއި މުލަކުންވެސް ނާހާވަރުގެ ރާގު ހުރި ކުއްޖެކޭ ނަގާކީ، އެއީ މަރިޔަމް ޒުހައިރާއެވެ. ކީލަވައިގެ މައިގަނޑަކީ:
           "ފެންނަ ފެހި ނޫރުން ޢުލޫމުގެ އެންމެނަށް އަލިވާނެޔޭ
                         ގެންނަ ތަހުޒީބީ އެގޮތްތައް ދެން މުޅިން ފެތުރޭނެޔޭ"
މަދަރުސާގެ ނަމަކީ "މަދުރަސަތުއްސުބުލުއްސަލާމް"

ޢާންމު ޙާލަތު:

ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ލިބުނު ތަދުކަމާއި ދަތިކަން އެންމެބޮޑުކޮށް އުފުލަންޖެހުނު ރަށްތަކުގެތެރެއިން އެއްރަށެކޭ ހަވަރުތިނަދުވަކީ، ހިސާބަކަށް ގޭގެ ފަޅުވެފައި ހުއްޓައި ފެނެއެވެ. ހަނގުރާމައިގެ ކުރީގައި 60 ގަޑެނތި މަހަށްދުއްވި ނަމަވެސް މިހާރު މަހަށްގޮސް އުޅެނި ތިރީހަކަށް ދޯންޏެވެ. ރަށުގެ ގިނަމީހުންގެ ކިބައިން ތަދުކަމާއި ފަގީރުކަމުގެ އަސަރު ފެނުނު ނަމަވެސް ޢާންމުކޮށް ރަށުތެރެ ބަލަލާއިރު މިދަތުރު ކުރީބެލި ހުރިހާ ރަށަކަށްވުރެ މުއްސަނދިކަމާއި މަދަނިއްޔަތުގެ އަސަރުތައް ފެނެއެވެ. މިހާރުވެސް ބައެއްގެދޮރު އިމާރާތްކޮށް ރާނަނީއެވެ. ފަގީރުންގެ ހެދުން ބާވެ ހަސްފަސްނެތިފައި ވުމާއިއެކު މުއްސަނދިންނާއި، އުޅެވޭމީހުންގެ ހެދުން ތާހިރުވެފައި އަލެވެ. އަންހެނުން އަދި ވަކީން ނަލައެވެ. ބައެއް އަންހެނުންގެ އަތުގައި ރަން އުޅާ ހުއްޓެވެ. އުޅެވޭވަރުގެ ގިނަ އަންހެންކުދީންގެ ކަރުގައި ފައްޓަރުބައި އަޅައިގެންނޭ އުޅެނީ، ގިނަމީހުންގެ ހަށިތައް ދެރައެވެ. ސިނގުނުވާ ކުއްޖަކު ފެންނަނީ މަދުންނެވެ. ނަމަވެސް މުއްސަނދިންގެ ބައެއްމީހުންގެ ހަށިތައް އެންމެރަނގަޅެވެ. މީހުންގެ އިސްކޮޅަށް ބަލާއިރު މެދުމިނަށްވުރެ ބޮޑުމީހަކު ފެންނަނީ މަދުންނެވެ. އަންހެނުންގެ ތެރެއިން ގިނައިން ފެންނަނީ މެދުމިނަށް ވުރެ ކުދި މީހުންނެވެ.

މިޒަމާންކަމާއި ރަށްވެހިކަން:

އަޅުގަނޑު މިދަތުރުދިޔަ ރަށްތަކުގެ ތެރޭގައި މިހައިބޮޑަށް މަދަނިއްޔަތު ލިބިފައިވާ ރަށެއް ނުދެކެމެވެ. މީހުންގެ އަދި ވަކީން އަންހެނުންގެ އުޅުމާއި ވައްޓަފާޅި ހެދުމާއި މޮށެކިޔުން މާލެއާއި ގާތެވެ. މާލޭގައި މިއަޅާ ނަންބަރު ހެދުން ނެތްނަމަވެސް ތިނަދޫ އަންހެންކުދީންގެ ލިބާހާއި ފޭލިއަނުން ބޯވަޅާއި ބޮލުގެ އިސްތަށިގަނޑު ބަހައްޓާގޮތް މާލޭގެ މީހުންނާ ގާތެވެ. ތިނަދުވަކީ މާލޭގެ 218 ވަރަކަށް މޭލު ދެކުނުގައި އޮތް ރަށެއް ނަމަވެސް މާލެއާ 50 މޭލު ކައިރީގައިވާ ރަށްރަށަށްވުރެ މާލޭގެއުޅުން ތިނަދޫން ފެންނަލެއް މާބޮޑެވެ.

ތިންއަހަރު ދުވަސްކުރީން އައްނަބީލް މުޙައްމަދު އަމީންދީދީ އައްޑުވަށް ވަޑައިގަންނަވަމުން ހަވަރުތިނަދުވަށް ފައިބައިވަޑައިގެން އެރަށް ބައްލަވާ ހެއްދެވިއެވެ. އެދަތުރުގެ ވާހަކައިގައި މުހައްމަދު އަމީން ދީދީ ހަވަރުތިނަދޫގެ އަންހެންކުދީންގެ ވާހަކަ ލިޔުއްވަމުން ލިޔުއްވާފައިވާ ހަނދާންވެޔޭ ދިވެހިރާއްޖެއިން އެބޭފުޅާ ދެކިވަޑައިގަތް ރަށްތަކުގެތެރެއިން އެންމެރީތީ ހަވަރުތިނަދޫގެ އަންހެންކުދީންނެވެ. އަޅުގަނޑަށް އެބަސްފުޅާ މުޅިން ތަބާނުވެވުނު ނަމަވެސް ހަވަރުތިނަދޫގެ އަންހެންކުދީންނަށް ޚާއްޞަ ތާރީފެއް ކުރާން ޖެހިއްޖެއެވެ. އެއީ އެކުދީންގެ އަޑާއި ރާގެވެ. ދިވެހިރާއްޖެއިން މާލެ ފިޔަވައި އަޅުގަނޑު ދުށް ރަށްތަކުގެތެރޭގައި ހަވަރުތިނަދޫގެ ކުދީންފަދަ އަޑުރީތި ރާގު ހުރި އެހެން ބަޔަކު ނުދެކެމެވެ. މިކަމުގައި އެރަށު މުދިން ތަކުރުފާނުގެ މަރިޔަމް މަނިކެޔާއި،  ފާތިމާ މަނިކެ، އަދި ވަކިން މޮޅެވެ. އާދޭހޭ އައްނަބީލް މުޙައްމަދު އަމީން ދީދީގެ އެއްބަސް ފުޅަކަށް އަޅުގަނޑު ތާއީދު ކުރަމެވެ. އެއީ ހަވަރުތިނަދޫ އަންހެންކުދީންގެ ހިނގުމެވެ. އެބައިމީހުންގެ ހިނގުމުގައި ޚާއްޞަ އަންހެންވައްތަރެއް ހުރެއެވެ. ޔޫރަޕްގެ ބައެއް ރަށްރަށްފަދައިން ހިނގުމުގައި ލައްވާނޭ ބަޑިތަކާއި ގޮތްތައް ދަސްކޮށްދީ ނެހެދިކަމަކު ތިނަދޫގެ އަންހެނުންނަށް ހިނގުމުގައި ލައްވާނޭ ބަޑިތައް ޠަބަޢީގޮތުން ދަސްވަމުންދާ ކަހަލައެވެ.

ތިނަދޫގެ ފިރިހެނުންނަކީ ހީވާގި މުރާލިބަޔެކެވެ. އެބައިމީހުންގެ މަސައްކަތަކީ މަހަށްދިޔުމެވެ. އަނެއްބަޔަކު ވިޔަފާރިކުރުމެވެ. އަންހެނުންގެ މަސައްކަތަކީ ކުނާވިޔުމާއި ރޯނުވެށުމެވެ. މަސްކެއްކުމާއި ގޭތެރޭގެ މަސައްކަތްކުރުން އަންހެނުންގެމައްޗަށް އޮންނާނޭކަން ކޮންމެމީހަކަށްވެސް އެނގޭނެނޫންތޯއެވެ. ކެރިފޯރާ އަންހެނުން އެއްވެސްމަސައްކަތެއް ނުކުރާކަހަލައެވެ. ކުނާވިޔެ ރޯނުވަށާ ހަދަނީވެސް ރަށުގެ އާދައިގެމީހުންނެވެ. ގަތާ ފެހުމަކީ އެރަށުގެ މޮޅުމީހުންކުރާ މަސައްކަތެކެވެ. މިހާރުވެސް ވަރަށްރީތިކޮށް ބޯވަޅުއަޅާ މީހުން އެބަތިއްބެވެ. ގިނަ ބީރައްޓެހި ރަށްރަށާއި ޚިލާފަށް ތިނަދޫގެބޮޑުން ޚާއްޞަކޮށް އަންހެނުންނަކީ މަސައްކަތްކުރާން އާދަވެފައިނެތް ...... މިޒާޖުގެ ބަޔެކެވެ. މާލެ ފަދައިން މޮޅުމީހުން ގޭތެރޭގެ މަސައްކަތްކޮށް ކައްކާހެދުމަށް ނޯކަރުން ގެންގުޅެއެވެ.
                  ****************
                   -----------------
ޢަބުދުﷲ ޙިލްމީ
15 އޯގަސްޓް 2017މ.