ޒިނޭގެ ހަރުފަ












ބޭރުން އެއްވެސް އެއްޗެއް ހަށިގަނޑަށް ވަދެއްޖެނަމަ އެކަން އަންގައިދޭ އިންޒާރުގެ ރަނގަބީލުތަކެއް ވެ އެވެ. އެއިން އެންމެ މުހިންމު ރަނގަބީލުތަކަކީ ތަދުވުމާއި، ހުންއައުމާއި ވަރުބަލިވުމެވެ. ނަމަވެސް ޒިނޭގެ ހަރުފަ ހަށިގަނޑަށް ވަދެގެން ދަނީ އެހެނިހެން ތަކެތި ހަށިގަނޑަށް ވަދެގެން ދާ ގޮތަކަށެއް ނޫނެވެ. އެ ހަރުފަ ވަދެގެންދާއިރު ހަށިގަނޑުން އިންޒާރުގެ އެއްވެސް ރަނގަބީލެއް ނުޖަހަ އެވެ. އާދޭހެވެ. ތަދެއް ނުވެ އެވެ. ހުމެއް ނާދެ އެވެ. ވަރުބައްޔެއް ނުވެ އެވެ. 

ޒިނޭގެ ހަރުފަ އަކީ، ސްޕައިރޫކީޓް ބެކްޓީރިއަމް (Spirochete bacterium) ގެ ވައްތަރެއް ކަމަށްވާ، ޓްރެޕަނީމާ ޕެލިޑަމް (Treponema pallidum) އެވެ. އޭގެ ދިގުމިނުގައި ހުންނަނީ، 6 މައިކްރޯނާއި، 14 މައިކްރޯނާ ދެމެދުގެ މިންވަރެކެވެ. އެއީ ހަރުފައެއްގެ ސިފައިގައި، ހިމަ ދިގުކޮށް އޮންނަ މައިކްރޯއޯގަނިޒަމް (Microorganism) އެކެވެ. ހަރުފައެކޭ އެއްފަދައިން އޭގައި ބޮލަކާއި ހަށިގަނޑަކާއި ނިގުލެއް ވެ އެވެ. އިލެކްޓްރޯނިކް މައިކްރަސްކޯޕުން 36000 (ސަތިރީސް ހާސް) ގުނައަށް ބޮޑުކުރުމުން އޭތި ހަރުފައެއްގެ ސިފައިގައި ރީތިކޮށް ފެނެ އެވެ. މިހެންވެ އެއަށް ކިޔަނީ، "ޒިނޭގެ ހަރުފަ" (أفعى الزنا) އެވެ. އެ ހަރުފައިން ޖެހޭ މަޝްހޫރު ބައްޔަކީ، ސިފިލިސް (Syphilis) އެވެ.


ޒިނޭއަކީ ފިލައިގެންތިބެ ސިއްރިޔާތުގައި ކުރާ ކަމެކެވެ. ޒިނޭކުރުމަށް މަގުފަހިކުރުމާއި، ޒިނޭއާ ގުޅިފައިވާ އެހެނިހެން ކަންތައް ވެސް ކުރަނީ ސިއްރިޔާތުގަ އެވެ. އެގޮތަށް އެކަންކަން ކުރަނީ، އެއީ އެންމެ ހުތުރުކަން ބޮޑު، އެންމެ ވިޔާނުދާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވާތީ އެވެ. އެކަމުގެ ސަބަބުން، ނަސްލު އޮޅެ އެވެ. އުންމަތްތައް ހަލާކުވެ އެވެ. އިޖުތިމާޢީ ގުޅުންތައް ކެނޑެ އެވެ. އަމާނާތްތެރިކަން ނެތެ އެވެ. ދޮގުވެރިކަން ފެތުރެ އެވެ. ބަލިމަޑުކަމާއި ފިތުނަފަސާދަ ފެތުރެ އެވެ. އެކަންކުރާ މީހުން ހިތްނުތަނަވަސްވެ، މަގުއޮޅެ އެވެ.

ސިއްރިޔާތުގައި ޒިނޭކުރާ ފަދައިން، ޒިނޭގެ ހަރުފަ ހަށިގަނޑަށް ވަދެގެންދަނީ ހަމަހިމޭންކަމާއެކު ވަރަށް ސިއްރިޔާތުގަ އެވެ. މީހެއްގެ ހަށިގަނޑަށް އޭތި ވަނުމަށްފަހު، އޭގެ ދަރިފަސްކޮޅު އިތުރުކުރަމުންދަނީ ވެސް ހަމަހިމޭންކަމާއެކު ވަރަށް ސިއްރިޔާތުގަ އެވެ. ޒިނޭގެ ހަރުފަ، ވިހައި، ގިނަވެ، މީހެއްގެ ހަށިގަނޑުގައި އޭގެ ބައިބޯކުރަމުންދާއިރު، އެކަމުގެ އަސަރެއް ނުފެންނާނެ އެވެ. ތަދެއް ނުވާނެ އެވެ. ވޭނެއް ނާޅާނެ އެވެ.... ޒިނޭގެ ހަރުފައަކީ، ހަށިގަނޑުން ބޭރުގައިވާއިރު، ވަރަށް ބަލިކަށި އެއްޗެކެވެ. އެހެނިހެން ޖަރާސީމުތަކާ ޚިލާފަށް އެއަށް ހަށިގަނޑުން ބޭރުގައި ދިރިއޮވެވޭނީ މަދު ގަޑިއިރުތަކެއް ވަންދެނެވެ.

ހަށިގަނޑަށް ވަދެގެންދާއިރު، ޒިނޭގެ ހަރުފަ ހެދިގެން އޮންނަނީ އެއީ ވަރަށް ބަލިކަށި ނިކަމެތި އެއްޗެއް ކަމަށެވެ. އެހެންކަމުން އޭތި އެތެރެވުމާމެދު ހަށިގަނޑުގެ ދިފާޢީ ނިޒާމުން އަޅައެއް ނުލާނެ އެވެ. އޭތި ހަށިގަނޑަށް ވަންނަނީ، ތެތް ދުލިފަށްތަކުންނެވެ. ބަދުއަޚުލާޤީ ޢަމަލުތަކުގައި މިބަހަށް މާނައެއް ވެ އެވެ. އެހެނީ، ޒިނޭކުރުމުގެ ކުރިން ކުރާ ކަމަކުން ވެސް ޒިނޭގެ ހަރުފަ ހަށިގަނޑުގެ ތެރެއަށް ވަދެގެން ހިނގައިދާނެ އެވެ. މިސާލަކަށް ކިސްކުރުމެވެ. ވަރަށް އާދައިގެ ގޮތަކަށް ކުޑަކުޑަކޮށް ކިސްކޮށްލުމަކީ ވެސް، ޒިނޭގެ ހަރުފަ ހަށިގަނޑަށް ވަނުމަށް ލިބޭ ބޮޑު ފުރުޞަތެކެވެ. 

ތުންފަތާއި އެނޫން ތެތް ހަމުގެ ދުލިފަށްތަކުން ހަށިގަނޑަށް ވަނުމަށްފަހު، ޒިނޭގެ ހަރުފަ ދަނީ ލިމްފް ހޮޅިތަކަށެވެ. ހަމަހިމޭންކަމާއެކު އެ ހޮޅިތަކުގެ ތެރޭގައި ގިނަވެ އެވެ. އެއަށްފަހު ދާނީ، ލިމްފް ގޮށްތަކަށެވެ. އެ ގޮށްތަކުގައި ވެސް ގިނަވެ އެވެ. އެއަށްފަހު ދާނީ، ހަށިގަނޑުން ހިތަށް ލޭ ފޮނުވައިދޭ (އާޓަރީ)، (Artery) ލޭހޮޅިތަކަށެވެ. އެގޮތުގެ މަތިން ދަރުތުކޮށް، ޒިނޭގެ ހަރުފަ، ހިތުން ހަށިގަނޑަށް ލޭ ފޮނުވާ (ވެއިން)، (Vein) ލޭހޮޅިތަކަށް ވާޞިލުވެ އެވެ. ނަމަވެސް، ފަލަ ލޭ ހޮޅިތަކުގައި ވަޒަންވެރިއެއް ނުވާނެ އެވެ. އެއާދުރުގައި ޖަގަހަ ޖަހައި ވަޒަންވެރިވާނީ ހިމަ ލޭހޮޅިތަކުގެ ތެރޭގަ އެވެ. އެ ހޮޅިތަކުގެ ތެރޭގައި ވެސް އުޅޭނީ ބިރުގެންފައިވާ މުޖުރިމަކު އުޅޭހެންނެވެ. ލޭ ހޮޅިތަކުގެ މެދަކަށް ނާންނާނެ އެވެ. ފާރުބުޑުގައި ބޮނދައިގެން އުޅޭ ވަގެއް ހެން، ޒިނޭގެ ހަރުފަ އުޅޭނީ ލޭހޮޅިތަކުގެ ދުވާރުގަ އެވެ.

ޒިނޭގެ ހަރުފަ، ހަށިގަނޑަށް ވަންނަތާ 24 ގަޑިއިރުގެ ތެރޭގައި، އޭގެ ޢަދަދު ގިނަކޮށް، ނަންގަނެވިދިޔަ ގޮތުގެ މަތިން މުޅި ހަށިގަނޑަށް ފެތުރިގެން ދެ އެވެ. ނަމަވެސް ހަށިގަނޑުގައި އެއެއްޗެހި އުޅޭނީ ހަމަހިމޭންކަމާއެކު ފިލަފިލައިގެން އުޅޭ ވަގުންތަކެއް ހެންނެވެ. އެހެންކަމުން މުޅިހަށިގަނޑަށް އޭގެ ނުފޫޒު ފެތުރި، ޒިނޭކުރާ މީހާ، އޭގެ އަސީރަކަށް ވެގެންދާނީ ވާނުވާ އޭނާއަށް ނޭނގޭ ޙާލުގަ އެވެ. އެހިސާބަށް ކަންތައް ދާއިރު ވެސް، އޭނާއަކަށް ތަދެއް ނުވަތަ އުނދަގުލެއް އިޙުސާސެއް ނުވާނެ އެވެ. ނުބައިވެގެންވާ މި މުޞީބާތް، ފާޙިޝް ކަންތައް ކުރާ ނުބައި އަންހެނުންނަށާއި ނުބައި ފިރިހެނުންނަށް ޖެހެ އެވެ. މާތް ﷲ ގެ ވަޙީބަސްފުޅުގައި އަންގަވާފައިވާ ފަދައިންނެވެ.

(‏الْخَبِيثَاتُ لِلْخَبِيثِينَ وَالْخَبِيثُونَ لِلْخَبِيثَاتِ)
ސޫރަތުއްނޫރު: 26
މާނައީ، "ނުބައި އަންހެނުން ނުބައި ފިރިހެނުންނަށެވެ. ނުބައި ފިރިހެނުން ނުބައި އަންހެނުންނަށެވެ."

އާދޭހެވެ. އެމީހުން އެއްބަޔަކު އަނެއް ބަޔަކާއެކު ކުރާ ނުބައި ކަންތަކުން، ނުބައިވެގެންވާ މުޞީބާތްތައް އެމީހުންނަށް ޖެހެ އެވެ. އެއިން އެއް މުޞީބާތަކީ މިތާނގައި، އެ އެއްޗަކާބެހޭ ގޮތުން ވާހަކަދެކެވެމުން މިދާ ޒިނޭގެ ހަރުފަ އެވެ.

ނަންގަނެވިދިޔަ ފަދައިން ޒިނޭގެ ހަރުފަ، ހަށިގަނޑުގައި ޖަގަހަ ހަދައި، ވަޒަންވެރިވަނީ، ނުހަނު ހަމަހިމޭންކަމާއެކުގަ އެވެ. އޭގެ އަޑެއް ބަޑެއް ނީއްވަ އެވެ. އެހެނިހެން ޖަރާސީމުތައް ހަށިގަނޑަށް ވަނުމުން އާންމު ގޮތެއްގައި ހުން އާދެ އެވެ. އެކަމަކު، ޒިނޭގެ ހަރުފަ ހަށިގަނޑަށް ވަނަކަސް ހުމެއް ނާދެ އެވެ. ތަދެއް، ވޭނެއް އިޙުސާސެއް ނުވެ އެވެ. އެގޮތުގައި އޭގެ ލަޝްކަރު، ހަށިގަނޑުގެ ތެރޭގައި ރަނގަޅަށް ވަޒަންވެރިވެވެންދެން ރުކުރުވާލުމެއްނެތި މަޑުމަޑުން އޮވެ އެވެ.... ހަށިގަނޑާ ހަމަލަދީ ބޮޑެތި ގެއްލުންތައް ދޭން ފަށަނީ އެއަށްފަހުގަ އެވެ.

ޒިނޭގެ ހަރުފަ، ހަށިގަނޑުގެ ތެރޭގައި އުޅޭއިރު، ޖާސޫސަކަށްވުރެ ހަމަހިމޭންވާނެ އެވެ! ހިޔަޅަކަށްވުރެ މަކަރުވެރިވާނެ އެވެ! ހަރުފައަކަށްވުރެ ޙީލަތްތެރިވާނެ އެވެ! އެސޮރު ހޯދައި ބަލާނީ، ހަށިގަނޑުގައިވާ ބަލިކަށި ތަންތަނެވެ. ދެން ނުހަނު ހަމަހިމޭންކަމާއެކު އެތަންތަނަށް ހަމަލަދޭނެ ގޮތްތައް ރަނގަޅަށް ރާވައި ޕްލޭންކޮށްގެން، ހަމަލަދޭން ފަށާނެ އެވެ. ނަމަވެސް ޒިނޭގެ ހަރުފަ، މީހެއްގެ ހަށިގަނޑުގެ ތެރޭގައި ދިރިއުޅޭއިރު، އޭތި އުޅޭކަމެއް އޭނާއަކަށް ރޭކާވެސް ނުލާނެ އެވެ.

ޒިނޭގެ ހަރުފަ، މީހެއްގެ ހަށިގަނޑަށް ވަދެ ހަމަހިމޭނުން އޮންނަ އޮތުން، ހަރުފައިގެ ނިދުމަށްވުރެ މާ ނުރައްކަލެވެ. އެހެނީ، ހަރުފަ ނިދާފައި އޮންނާނީ ފިނިމޫސުމުގަ އެވެ. ފިނިމޫސުމު ނިމުމުން ބަހާރު މޫސުމާއި ހޫނުމޫސުމުގައި ހަރުފަ ހޭލާނެ އެވެ. ނަމަވެސް ޒިނޭގެ ހަރުފަ އެހެނެއް ނަހަދާނެ އެވެ. އޭތި 25 އަހަރު ވަންދެން ވެސް ހަމަހިމޭނުން އޮވެދާނެ އެވެ. އެއަށްފަހު، ހަށިގަނޑުގެ ޙައްސާސީ، މައި މަރުކަޒުތަކަށް ނުހަނު ކާމިޔާބުކަމާއެކު ހަމަލަދީ ކުރިހޯދާނެ އެވެ. އެ ހަމަލަތަކުގެ ސަބަބުން، ކަންފަތް ބީރުވާނެ އެވެ! ލޯ އަނދިރިވާނެ އެވެ! އެންމެ ނުރައްކާތެރިވާނީ، ހަށިގަނޑުގެ ސަރުކާރުގެ އިޚުލާޞްތެރި މައިމަރުކަޒު ކަމަށްވާ ސިކުނޑިއަށް ދޭ ހަމަލަތަކެވެ!!! އެ ހަމަލަތަކުގައި، ހަށިގަނޑުގެ ބާރު މުޅިން ކަނޑުވައިލާނެ އެވެ! ނަތީޖާއަކަށްވާނީ، މީހާގެ ޙާލަތު، ވާވެފައިވާ މީހެއްގެ ޙާލަތަށް ބަދަލުވުމެވެ! ސިކުނޑީގެ ވާހަކަދެއްކުމާބެހޭ ބައިތައް ހަލާކުވުމުން، ރަނގަޅަކަށް ވާހަކައެއް ނުދެއްކޭނެ އެވެ! ލޮލަށް ފެނުމާބެހޭ ބައިތައް ހަލާކުވުމުން، ރަނގަޅަކަށް ނުފެންނާނެ އެވެ! 

މިމޭރުމުން ހަށިގަނޑުގެ ނިޒާމުތައް ބަނގުރޫޓުކޮށް، ވަޒީފާތައް ހުއްޓުވަމުންދާއިރު، މުޅި ހަށިގަނޑަށް ވެރިވެފައިވާނީ ނިމުމެއް ނެތް ހަޅުތާލެކެވެ!!! ނަތީޖާއަކަށްވާނީ، ފަހުމުކޮށް ދެނެގަތުމުގެ ބާރު ވެސް ދަށްވުމެވެ! ބުއްދިއަށް މަގުއޮޅި، ތޫނުފިލިކަން ކުޑަވުމެވެ! އެހިސާބަށް ކަންތައްދާއިރު، ހަށިގަނޑުގެ ބޭރުފުށުގެ ޖިސްމާނީ ކަންތައްތަކުން ވެސް އޭގެ ޢަލާމާތްތައް ފެންނަމުންދާނެ އެވެ. ތުރުތުރުއެޅުމާއި، ރަނގަޅަށް ބެލެންސް ނުވުމާއި، އަރިއަޅާލަމުން ދިއުމާއި، ވެއްޓުން ފަދަ ކަންކަމުންނެވެ! އެއަށްފަހު މީހާގެ ބަލިޙާލު ބޮޑުވެ، އޮބިނޯންނަ ހިސާބަށްދާއިރު، އޭނާއަށް ކުރެވޭނީ އެހެން އިޙުސާސެކެވެ. މަސްތުވުމުގެ ސަބަބުން ބުއްދިފިލާފައިވާ މީހަކަށް އަރާމު އިޙުސާސްވާހެން، އޭނާއަށް ވެސް އަރާމެއް އިޙުސާސްވާނެ އެވެ. އެއާއެކު، ކިޔޭނުކިޔޭ އެއްޗެއް ނޭނގި، އޭތި މީތި ކިޔަމުން، ހަލްވަސާއެއްގެ ތެރެއަށް އޭނާ ގެނބިގެންދާނެ އެވެ.

ނަންގަނެވިދިޔައީ، ހަށިގަނޑު ވާވެގެންދާއިރު ކުރިމަތިވާ ބައެއް ކަންތަކެވެ. ނަމަވެސް އެނޫން ބަލިތައް ވެސް ޒިނޭގެ ހަރުފަ، ޖައްސަ އެވެ. އެއިން އެއްބައްޔަކީ، ޓޭބީޒް ޑޯސަލިސް (Tabes dorsalis) އެވެ. މިބަލި ޖެހުމުން، ސްޕައިނަލް ކޯޑް (Spinal cord) ގެ ފަހަތު ކޮލަމް ހަލާކުވެ އިޙުސާސްކުރުމުގެ ބާރު ދަށްވެ އެވެ. އެކަމުގެ ސަބަބުން އަނދިރީގައި ހިނގާބިގާ އުޅުމަށް ނުކުޅެދެ އެވެ. މިބަލީގެ ޢަލާމާތްތައް 15 އަހަރު ވަންދެން ފާޅުނުވެ ހުރެދާނެ އެވެ. އެހައި ދިގު މުއްދަތަކަށްފަހު، ބަލީގެ ޢަލާމާތްތައް ފާޅުވާއިރު، ސްޕައިނަލް ކޯޑަށް ވާނީ ވާނެ އެއްޗެއްވެ ނިމިފަ އެވެ. ބަލިމީހާ ވާނީ ޚާއްސަކޮށް ފުން އިޙުސާސްތައް ކުރުމުން މަޙުރޫމުވެފަ އެވެ. އަނދިރީގައި ހިނގާބިނގާ އުޅުމަށް ނުކުޅެދެނީ އެހެންވެގެންނެވެ.

ޒިނޭގެ ހަރުފައިން ލިބޭ ގެއްލުން މިހިސާބުގައި ހުއްޓޭނެނަމަ ކޮންފަދަހެއްޔެވެ؟ ނަމަވެސް އިމެއްނެތި ފެތުރެމުންދާ އޭގެ ގެއްލުމާއި ހަލާކުގެ ސަބަބުން، ބުއްދީގެ ބާރު ވެސް ދާނީ ދަށްވަމުންނެވެ. ވިސްނާ ފިކުރުކުރުމުގެ ދުވެލި ވެސް ދާނީ މަޑުޖެހެމުންނެވެ. ދެނެގަތުމުގެ ދާއިރާ ވެސް ދާނީ ހަނިވަމުންނެވެ. ފަހުމްކުރުމުގެ ތިލަފަތުގެ ބެލެންސް ވެސް ދާނީ ކެނޑެމުންނެވެ.

ބަލި ޙާލަތު ބޮޑުވެގެންދާއިރު، ބަލިމީހާގެ އަތްފަޔަށް ތަދުވާނެ އެވެ. އޭނާގެ ގުނަވަންތައް ވާނީ އައްސިވެފަ އެވެ. ނަމަވެސް އިލެކްޓްރިކް ޝޮކްތަކެއް އޭނާގެ ގުނަވަންތަކަށް ޖެހެމުންދާހެން ހީވާނެ އެވެ! އަދި ވަޅި އާއި ޚަންޖަރު ވެސް އޭނާގެ ގަޔަށް ހަރަމުންދާހެން ހީވާނެ އެވެ! ބަލިމީހާގެ ހަށިގަނޑުގައި ޒިނޭގެ ހަރުފަ ތަމްކީނުވެ ނިމޭއިރު، އޭނާ ދެކޭމީހަކު ސަހަރޯވެރިވާނެ އެވެ! ވަކި ދިމާއަކަށް ކަޅިހުއްޓާލައިގެން ހުރެ ބެލުމުގެ ބާރެއް އޭނާގެ ކިބަޔަކު ނުވާނެ އެވެ! އޭނާ ދައްކާ ވާހަކައެއް ހަމައެއް ނުޖެހޭނެ އެވެ! އޭނާގެ ދެލޮލަކަށް އެކައްޗެއް ނުފެންނާނެ އެވެ! އޭނާގެ ލޮލުގެ މައްޗަށް ވާނީ ލޮލުގެ ބޮނޑި ވެއްޓިފަ އެވެ! ތޫނުފިލި ނަޒަރަކުން ބަލައިލުމުގެ ކުޅަދާނަ ކަމެއް ވެސް ލޮލަކު ނުވާނެ އެވެ! ދެފައިގެ ހުޅުތައް ވެސް ވާނީ ދުޅަވެފަ އެވެ! އެ ހުޅުތަކުގެ އިޙުސާސް ވެސް ވާނީ ކެނޑިފަ އެވެ!

ބަލި ޙާލު ބޮޑުވާއިރު، އޭނާ ވާނީ މުޑުދާރު ސިފައެއްގަ އެވެ! ކުނިވެފައިވާ އެއްޗެއްގެ ނުބައިވަސް އޭނާގެ ގައިން ދުވާނެ އެވެ! ބަލައިލަން ނުކެރޭފަދަ ސިފައެއް އޭނާގެ ހަށިގަނޑަށް ވެރިވާއިރު، އަވަހަށް މަރުވުމަކީ އޭނާގެ އުންމީދު ކަމުގައިވާނެ އެވެ! ނަމަވެސް އޭނާގެ ހިތްއެދޭހައި ފަސޭހަކަމާއެކު އޭނާއަކަށް ކަށްވަޅަކަށް ވެސް ނުދެވޭނެ އެވެ!!!

ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ! މާތް ﷲ ގެ ޙަޟުރަތަށް އުރެދޭ މީހާއަށް، މިދުނިޔޭގައިވެސް ޖަޒާލިބިގެން އެދަނީ، އޭނާ ކުޅަ ފާފައިގެ ގިންތިންނެވެ. އޭނާގެ ކިބައިން ވާނީ ބާހުގެ ބާރު ވެސް ކެނޑި ފަ އެވެ. އޭނާ ވާނީ، ބާހުގެ އަރާމާއި، ދަރިން ލިބުމުގެ ނިޢުމަތުން ވެސް މަޙުރޫމުވެފަ އެވެ. އޭނާއަކީ، ހޯޖާވެފައިވާ ޢިންނީނެކެވެ. އެއީ، ފާޙިޝް ޢަމަލުތަކުގެ ތެރެއަށް ގެނބި، ޒިނޭކުރުމުގެ ސަބަބުން އޭނާއަށް ލިބުނު ނުބައި ޖަޒާއެކެވެ. އެއީ، މާތް ﷲ ގެ ދެއްކެވި ތެދުމަގުން އެއްކިބާވެ މަގުފުރެދިގަތުމުން އޭނާއަށް ލިބުނު ހިތި ޢުޤޫބާތެކެވެ.
              ------------------

ޑރ. ޚާލިޞް ޖަލަބީ (د.خالص جلبي)، (Dr. Khalis Jalabi) އަކީ، ސީރިއާ އަށް އުފަން ކެނެޑާގެ ރައްޔިތެކެވެ. އޭނާއަކީ، މެޑިކަލް ޑަކުޓަރެކެވެ. އޭގެއިތުރުން، އޭނާއަކީ މިޒަމާނުގެ އިސްލާމީ މުފައްކިރެއް ވެސްމެ އެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 1945 ވަނަ އަހަރު އެވެ. އޭނާ ދެނެވަޑައިގަންނަވާ ބަސްތަކުގެ ތެރޭގައި، ޢަރަބި ބަހާއި، އިނގިރޭސި ބަހާއި، ޖަރުމަނު ބަސް ހިމެނެ އެވެ. ފެކަލްޓީ އޮފް މެޑިސިން އާއި، ފެކަލްޓީ އޮފް ޝަރީޢާއިން އޭނާވަނީ ނުހަނު ކާމިޔާބުކަމާއެކު، ތަޢުލީމު ޙާޞިލުކުރައްވާފަ އެވެ. އެއަށްފަހު، ބޭސްވެރިކަމާއި، ޢުލޫމާއި، މިޒަމާނުގެ އިސްލާމީ ފިކުރުގެ ރޮނގުތަކުން ފޮތްތައް ލިއުއްވާފައިވެ އެވެ. އެއިން އެއް ފޮތަކީ، މި މަޒުމޫނުގެ އަސްލު ހިމެނޭ، "އައްޠިއްބު މިޙުރާބުއްލިލްއީމާން" الطب محراب للإيمان (މެޑިސިން އަކީ އީމާންކަމުގެ މިޙުރާބެވެ.) ނަމަކަށް ކިއުނު ފޮތެވެ.
               ------------------

ލިޔުއްވީ: ޑރ. ޚާލިޞް ޖަލަބީ
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން
25 ނޮވެމްބަރ 2013މ.