ތިރީގައި އެވަނީ "ގަލެހިރި" ސައިޓްގެ ކޯ ފައުންޑަރ އަލްމަރުޙޫމް ޢަލީ ނަޞީރުގެ މަޢުލޫމާތަށްޓަކައި، ތިނަދޫ މާކޯނި އަލްމަރުޙޫމް ޢަބުދުއްޞަމަދު ޙުސައިން ވިދާޅުވެދެއްވި އޭނާގެ އަމިއްލަފުޅު ޙަޔާތުގެ ބައެއް ވާހަކަތަކެވެ.
މަރުޙޫމް
ޢަބުދުއްޞަމަދު ޙުސައިންއަކީ، އަތޮޅާއި ރަށުގެ އިސް މަގާމުތަކެއް އަދާކުރެއްވި
ގަދަރުވެރި ޢިއްޒަތްތެރިއެކެވެ. އެ މަރުޙޫމަކީ އަތޮޅާއި ރަށުގެ ކުރިއެރުމަށްޓަކައި
ކުރެވޭ ކަންކަމަށް ވަރަށްބޮޑަށް ތަރުޙީބުދެއްވި ބޭފުޅެކެވެ. ގދ. އަތޮޅުވެރިއެއްގެ
މަގާމުގައި އޭނާ ހުންނެވި ދުވަސްވަރު، ދުވަސްކޮޅެއްވަންދެން
އޭނާގެއަރިހުގައި އަތޮޅުއޮފީހުގައި އަޅުގަނޑު މަސައްކަތްކުރީމެވެ.
މަރުޙޫމް ޢަބުދުއްޞަމަދު ޙުސައިންއާއި އަޅުގަނޑާއި
އެންމެފަހުން ބައްދަލުވެފައިވަނީ، އޭނާ
އަވަހާރަވުމުގެ ގާތްގަނޑަކަށް މަހެއްހާދުވަހުގެ ކުރިން އޭނާގެ ގެ ތިނަދޫ
"މާކޯނި"އިންނެވެ. އެ ދުވަހު އަޅުގަނޑު އޭނާގެ އަރިހަށްދިޔައީ
އަތޮޅުތަކަށް ތަޢާރަފުކޮށް ހިންގަންފެށި އަތޮޅުކޮމިޓީތަކާ ބެހޭ ބައެއް މަޢުލޫމާތު
ހޯދުމަށެވެ. މިހެންވުމުން އަޅުގަނޑު ބޭނުންވިވަރަށްވުރެ ވެސް ތަފުޞީލުކޮށް އެ
މަޢުލޫމާތު ދެއްވި އެވެ. އެ ދުވަހު އޭނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވެސް، ދެ ކަމެއް ފާހަގަކުރެއްވި އެވެ. މި ދެ ކަމަކީ އެ
ދުވަހުގެ ކުރިން ވެސް އޭނާ ފާހަގަކުރައްވަމުން ގެންދަވާފައިވާ ދެ ކަމެކެވެ.
ފުރަތަމަކަމަކީ،
ރާއްޖެއަށް ތަޢާރަފުކޮށް ހިނގަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށާއި
އަތޮޅަށް ނިސްބަތްވާ ކައުންސިލްތަކަށް މީހުންހޮވާއިރު، އެ ކަމަށް
އެކަށޭނަ ނުވަތަ ކަނޑައެޅިފައިވާ ތަޢުލީމީ ފެންވަރެއް ހުރި ބަޔަކަށް އެ
މީހުންވުމެވެ. އޭގެ ބޭނުމަކީ ރާއްޖެއަށް ތަޢާރަފުވެ އަންނަމުންދާ ތަރައްގީއާއި
އެއްގޮތަށް ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެކަންކުރެވިދާނެ ފަދަ
ހުނަރާއި ޢިލްމީ ގާބިލްކަން ކައުންސިލްތަކުގައި ހުރުމެވެ.
ދެވަނަކަމަކީ،
އެ ތަނެއްގެތެރޭ މިނިކަށި ހުރިކަމަށް ބުނެ ބަޔެއްގެބާރުގައި ނަމާދުކުރުން
ހުއްޓުވައި ވީރާނާވުމަށް ދޫކޮށްލާފައިވާ ތިނަދޫ ހުކުރުމިސްކިތުގެ ބޮޑުވެގެންވާ
ކަންތައްގަނޑެވެ. މި މިސްކިތްހުންނަނީ މަރުޙޫމް ޢަބުދުއްޞަމަދު ޙުސައިންގެ ގޭގެ
ކުރިމަތިން މަގުގެ އަނެއްފަރާތުގަ އެވެ. މިއީ ގިނަބަޔަކު ދިރިއުޅެމުންދާ
ހިސާބެއްގެ މެދުގައި ޒަމާނުއްސުރެ ހުންނަ އަދި އެ މީހުން ހުކުރުނަމާދުކުރަމުން
ގެންދިޔަ މިސްކިތެވެ. މި މިސްކިތްނޫނީ ހުކުރުނަމާދު ކުރުމަށް އެކަށީގެންވާ
ޖާގަލިބޭނޭ މިސްކިތެއް ކައިރި ހިސާބެއްގައި ނެތެވެ.
މަރުޙޫމް
ޢަބުދުއްޞަމަދު ޙުސައިން ވިދާޅުވަނީ، "އެ މިސްކިތުގެ އެތެރޭގައި މިނިކަށި
ހުންނާނެކަމަށް ގަބޫލުފުޅުނުކުރެއްވޭ ކަމަށެވެ. ނަމަވެސް އެ މިސްކިތަށް ފަހުން
އިތުރުކުރި އިރުމަތީފަރާތުގެ ހަނިފެންޑާގެ ތެރޭ ކުރީގެ ދުވަސްވަރުގެ
ގަބުރުތަކެއްގެ ބައެއް ވިޔަސް ހުރުމަކީ ވެދާނެކަމެކެވެ. މިހެންވީ ނަމަވެސް، މިނިކަށި ހުރިނަމަ ހުރިތަނެއްބަލައި އެއީ ނެގިދާނެ
އެއްޗަކަށްވުމުން އެކަންނުކޮށް މިހާ ގިނަ ދުވަސްވަންދެން މިސްކިތުގައި މީހުންނަށް
ނަމާދުނުކުރެވި މިސްކިތް ބަންދުކޮށްފައި ހުރުމަކީ ރަނގަޅުކަމެއް ނޫނެވެ. މިއީ
އަވަސް ޙައްލެއް ބޭނުންވާކަމެކެވެ. މި މިސްކިތްނޫނީ ހުކުރުނަމާދު ކުރުމަށް
އެކަށީގެންވާ ޖާގަލިބޭނޭ މިސްކިތެއް ކައިރި ހިސާބެއްގައި ނެތުމުންނެވެ."
މަތިވެރި
ﷲ، މަރުޙޫމް ޢަބުދުއްޞަމަދު ޙުސައިނާއި، މަރުޙޫމް ޢަލީ ނަޞީރަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް
މިންވަރުކުރައްވާށިއެވެ. އާމީން.
**********
"އަޅުގަނޑުގެ
ހަނދާނަށް ފެށުނުއިރު ހުވަދުއަތޮޅުގެ އަތޮޅުވެރިއަކަށް ހުންނެވީ، ހަވަރުތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭފާނެވެ.
އޭނާއަކީ އެ އަތޮޅުގެ ތަޢުލީމުގެ ބާނީ އެވެ. އޭނާގެފަހުން ދެން (އަތޮޅުގެ އެންމެ
އިސްވެރިއެއްގެގޮތުން ޞ.ސ. އަލްފާޟިލް އަލްމަރުޙޫމް އާދަމް ނަޞީރުމަނިކުގެ
ބެއްލެވުމުގެ ދަށުގައި އަތޮޅުއޮތް ދުވަސްކޮޅެއް ފިޔަވައި) އަތޮޅުވެރިކަންކުރެއްވީ
އަލްމަރުޙޫމް ވީރު ޢަލިދީދީ އާއި އަލްމަރުޙޫމް
މޫސާ ހިރިހަމައިދި ކަލޭފާނާއި އަލްއުސްތާޛު ނތ. ޙަސަންދީދީ އެވެ. އަމީންދީދީގެ ޖުމްހޫރިއްޔާ ރަނގަޅަށް ދުށީމެވެ.
އަޅުގަނޑު އެންމެ ފުރަތަމަ ކައިވެނިކުރީ ހިރިހަމައިދި ކަލޭފާނުގެ އާމިނަތު ނަފީސާ
އާއި އެވެ. އެބަނޑަށް ލިބުނީ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވެއްޖެ އެވެ.
ޢަބްދުﷲ ކަތީބު، އޭނަގެ
ކާތިބަށް އަޅުގަނޑު ބޭނުންކުރެއްވި އެވެ. އޭނާއަކީ، ވަރަށް ޚުލްޤުހެޔޮ ވަރަށްވެސް ލަފާދާރު ބޭކަލެކެވެ. ކަލޭފާނަކީ
ވެސް ވަރަށް ޚުލްޤު ރަނގަނޅު ބޭކަލެކެވެ.
މީލާދީން 1958 ވަނަ އަހަރު ހިރިހަމައިދިގޭ
އޮޑިން އަޅުގަނޑު ގޮސް ހުރީ ކޮޅުނބުގަ އެވެ. އެ އޮޑީގެ މާލިމީއަކީ ވެސް
އަޅުގަނޑެވެ. ހިރިހަމައިދި ކަލޭފާނާ، ނ.ތ.ޙަސަން ދީދީ ވެސް އެ ފަހަރު ކޮޅުނބަށް
ވަޑައިގަތެވެ. (ނ.ތ. ޙަސަންދީދީ އަށް އަތޮޅުވެރިކަން ދެއްވީ ހިރިހަމައިދި ކަލޭފާނަށް
ފަހު އެވެ.) ކޮޅުބު ހާބަރުގައި ތިބި އެ ދުވަސްވަރު، އެހާ ސާފުނޫން ގޮތަކަށް ލިބުނު ޚަބަރުތަކެއްގައި ދެކުނުގެ
އަތޮޅުތަކުގައި ކަންތައްތަކެއް ހިނގައި އަނިޔާވިބަޔަކު ކޮޅުނބަށް ގެނައި ކަމުގެ
ޚަބަރެއް ލިބިގެން އަޅުގަނޑާއި، ތިނަދޫ ގުލްދަސްތާގޭ ދޮންކަލޭފާނާއި ދެ މީހުން
ކޮޅުބުގެ މިލިޓްރީ ހޮސްޕިޓަލަށް ދިއުމުން އެނގުނީ އައްޑުއަތޮޅުގައި ބަޣާވާތްކޮށްފި
ކަމަށާއި، ވަރަށްބޮޑަށް އަނިޔާލިބިގެން ހޭފުޅު ވެސް ނެތިފައި ވަނިކޮށް މާލޭގެ
ބޭފުޅެއްކަމަށްވާ އަންވަރު ޙިލްމީ އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް އިތުރު ތަފްޞީލެއް ނުލިބުނެވެ. ފަހުން އެނގުނު ގޮތުގައި، އެ ކަމާގުޅިގެން
ނ.ތ. ޙަސަން ދީދީ ވެސް ރާއްޖެއަށް ވަޑައިގެންފިއެވެ. އޭނާ ވަޑައިގަތީ، އެއަރފޯސްގެ
މަތިންދާބޯޓެއްގައި އައްޑުއަތޮޅުގެ ގަމަށެވެ. ގަމުންވަޑައިގަތީ ހުވަދުއަތޮޅު
ހަވަރުތިނަދުއަށެވެ. ކޮޅުނބުގައި ހުންނަވަނިކޮށް ހިރިހަމައިދި ކަލޭފާނު ވެސް
ތަންކޮޅެއް ފަހުން މާލެ ގެންގޮސްފި އެވެ. އަދި އޭގެފަހުން ކޮޅުނބުގައި ތިބި
ހަވަރުތިނަދޫގެ ބައެއް މީހުން ވެސް މާލެ ގެންގޮސްފި އެވެ. ހަމަ އެ ދުވަސްވަރު،
ކަންތައްތަކެއް ހިނގަމުންދާކަމުގެ އިޙްސާސްތަކެއް ކުރެވޭތީ،
މާލެއަށް ނުގޮސް އޮޑިފަހަރު އައީ އަތޮޅަށެވެ.
މިދެންނެވި
ކޮޅުބު ދަތުރަށްފަހު، ރަށަށް އައިތަނާހެން، ހަވަރުތިނަދޫގައި ބަޣާވާތްކޮށް
އެތައްކަމެއް ހިނގަން ފަށައިފި އެވެ. ދުވަސްތަކެއްގެ ފަހުން ހުވަދުއަތޮޅު ކޫއްޑޫން
ބަނބުކެޔޮގަހެއް ކަނޑައިގެން ވިލިނގިއްޔަށް އަޅުގަނޑު ދިއުމުން އެނގުނީ،
ބޮޑުވަޒީރު އަލްފާޟިލް އިބްރާހީމް ނާޞިރު ހަވަރުތިނަދުއަށް ވަޑައިގެންފިކަމެވެ.
ދެން ވިލިނގިލިން ފުރައިގެން ހަވަރުތިނަދުއަށް ދާން ކުރި ދަތުރުގައި އިބްރާހީމް
ނާޞިރު ވަޑައިގެންނެވި ބޯޓް "މޯލްޑިވް ސްޓާރ" އާއި ކައިރިކުރުމުން އެ ބޯޓުގައި
ހުންނެވި ސައްޔިދު ޢައްބާސް އަޅުގަނޑުގާތު ވިދާޅުވީ، އެ ބޯޓަށް އެރުމަށެވެ. (އޭރު އޭނާއަކީ، ކޮޔަރ އެންޑް
ކަވްރީ ކުންފުނީގެ މެމްބަރެކެވެ.)
ބޯޓަށް
އެރުވިއިރު، ހުވަދުއަތޮޅުގެ 165 ކުށްވެރީން ތިބީ ބިޑިއަޅުވާފައި އެ ބޯޓުގެ
ތައްޓުމަތީގަ އެވެ. ބޯޓަށް އެރުމާއެކު، ބިޑިއަޅުވާފައި އަޅުގަނޑު ވެސް ބޭންދީ އެވެ.
އޭރު އަތޮޅުވެރިޔާ ނ.ތ.ޙަސަން ދީދީ ވެސް ބޯޓުގައި ހުންނެވި އެވެ. އަޅުގަނޑު ރަށުން
ފުރިއިރު ޙަސަން ދީދީ ހުންނެވީ ތިނަދޫ ދަނޑުކޮޅުގައި އަޅާފައިހުރި ގެއެއްގައި
ބަންދުކޮށްފަ އެވެ.
ބޮޑުވަޒީރު
އަލްފާޟިލް އިބްރާހީމް ނާޞިރު ހަވަރުތިނަދޫން ފުރާވަޑައިގަތީ، ހުވަދުއަތޮޅުގެ ރައްޔިތުންނަށް ބައެއް ކަންތައްތައް
ހަމަޖައްސަވާދެއްވާފަ އެވެ. އެގޮތުން އެ ދުވަސްވަރު މާލޭގައި ހިނގަމުންދިޔަ 4
ކުންފުނި ކަމަށްވާ ޤައުމީ ކުންފުނި، ސަޢާދާ ކުންފުނި، އަދި ބޮޑު އިސްޓޯރުގެ
ގޮފިތައް ތިނަދޫގައި ހުޅުއްވައިދެއްވައި އެ ތަންތަނުން ހުރިހާ ތަކެއްޗެއް
ގަންނަންލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވި އެވެ. މީގެއިތުރަށް ފާރޮށި ފިހާތަނެއް
ޤާއިމުކޮށް 5 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ކަރަންޓް ވެސް ދެއްވި އެވެ. (ކަރަންޓް
އޮންނަނީ، އަތޮޅުއޮފީސް
ހިންގާ ގެއާއި ސިފައިންތިބޭ ގެއާއި އަދި ހުކުރު މިސްކިތުގައެވެ.) އެ ތިން ޢިމާރާތް
ކައިރީ މަގުމަތީގައި ރޭގަނޑު 11 ޖަހަންދެން ކަރަންޓް އޮވެ އެވެ.
އަތޮޅުއޮފީސް
ހިންގުމާއި، ޙވާލުވެ ހުންނެވީ އިބްރާހީމް ޒަކީ (ފާމުދޭރިގޭ ތުއްތުދީދީ) އެވެ.
(ތުއްތު ދީދީގެ ފަހުން އެ މަޤާމުގައި ހުންނެވީ، ބަންދު މުޙަންމަދު ކަލޭފާނެވެ.) ސިފައިންނާއި، އިދާރީ
މުއައްޒަފުން ވެސް ތިނަދޫގައި ބައިތިއްބެވި އެވެ. ސިފައިންގެ ވެރިއަކަށް
ބެހެއްޓެވީ ޓިނު އަލިފުޅެވެ. ވިޔަފާރީގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެ
(ޤަވްމީ ކުންފުނީގެ މެނޭޖަރަކަށް) ހުންނެވީ މ. ޖަވާހިރުވާދީ އަލްފާޟިލް ޙުސައިން އިބްރާހިމްފުޅެވެ.
މަސްކިރުމާއި، ގުދަންކުރުމާއި ފާރޮށިފިހުމުގެ ކަންތައްކުރާ ތަނަކަށް ހަމަޖެއްސީ، ކުރިން ކިޔަވައިދެމުން ގެންދިޔަ "މަދަރުސަތުލް އަމީރުއިބްރާހީމް"
އެވެ. (ކިޔެވުމުގެ ކަންތައް އޭރު ނުހިނގަ އެވެ.) މަދަރުސަތުލް އަމީރުއިބްރާހީމް
ސަރުކާރަށް ބައްލަވައިގަތީ -/7000ރ (ހަތްހާސް ރުފިޔާ އަށެވެ.) އަވަށު ދެ މަދަރުސާ
ބައްލަވައިގަތީ -/4000ރ (ހަތަރުހާސް ރުފިޔާ އަށެވެ.) އެގާރަހާސް ރުފިޔާއިން
ފެއްޓެވީ ރައްޔިތުންގެ ވިޔަފާރި އެވެ. ވަގުތީ އަތޮޅުއޮފީހަކީ ޢަބްދުﷲ ކަތީބުގެ
އަޅިވިލާގެ އެވެ. ސިފައިން ތިބޭ ވަގުތީ ގެއަކީ، މުޙައްމަދު ސަޢީދު ކަތީބުގެ ވީނަސްގެ
އެވެ. ކުރިން އަތޮޅުއޮފީސް ހިންގި ވާރުގެ ހުރީ ފުރަތަމަ ބަޣާވާތްކުރި ރޭ ތަޅައި
ހަލާކުކޮށްފަ އެވެ.
މޯލްޑިވްސް
ސްޓާރ އިން މާލެއަށް ގެންދިޔަ މީހުން ބަންދުކުރީ ޖަލުގަ އެވެ. އޭރު ޖަލު ހުންނަނީ،
މިހާރުގެ ހެންވޭރު ބޯޅަދަނޑު އެއޮތް ހިސާބުގަ އެވެ. ގިނަ ދުވަހެއް ނުވަނީސް
މާލެއަށް ގެންދިޔަ ކުށްވެރީންނަށް މަޢާފުދެއްވައި ދޫކޮށްލެއްވީ އެވެ. ޖަލުން ދޫކޮށްލުމުން އެކިއެކި
މުހުތާދު ތަކުގައި ބައެއް މީހުން މާލޭގައި މަޑުކުރީ އެވެ. ބައެއް މީހުން ރަށަށް
ދިޔައީ އެވެ. ކޮޅުނބަށް ދިޔަ އޮޑިފަހަރުގެ މައްސަލައާއި ގުޅިގެން މާލެ ގެނެސް
އަރުވާލި މީހުންނަށް ވެސް މަޢާފުދެއްވި އެވެ. އެމީހުންގެ ތެރޭގައި މުޙަންމަދު
ޙަމީދު ތިނަދޫ/ ދެލްވައްތަ، މުޙަންމަދު ޙިލްމީ ތިނަދޫ/ ހަލަވެލި، އިބްރާހީމް ރަޝީދު ތިނަދޫ، ޙަސަން
ޙިލްމީދީދީ ތިނަދޫ/ މޫންލައިޓްވިލާ، އަޙުމަދު ފަތުޙީ ތިނަދޫ/ ޕާމްކޯޑް ހިމެނެ
އެވެ.
މަޢާފުދެއްވުމުން
އަޅުގަނޑު ވެސް ރަށަށް އައީ އެވެ. ރަށުގައި އުޅެނިކޮށް ރައްޔިތުންގެ އަތޮޅު
އިސްޓޯރުގެ ވިޔަފާރީގެ މަސައްކަތަށް އަޅުގަނޑު ގެންދިޔަ އެވެ. އެއީ އަޅުގަނޑުގެ
ފުރަތަމަ ވަޒީފާ އެވެ. ކާޑު ވިއްކާއިރު ވަކިވަކިންނާއި، ބަސްތާ ވެސް ވިއްކަމެވެ.
ބަސްތާއެއް ގަތުމުން -/7ރ ގެ ފައިދާއެއް ލިބެ އެވެ. ހެޔޮއަގުގައި ފަޑުއްކަ ނުވަތަ
ދާމީސް ހަނޑޫ ވެސް ވިއްކަ އެވެ. ސަރުކާރާއި، ރައްޔިތުންގެ ވިޔަފާރީގައި އުޅޭ ހުރިހާމީހުންގެ ކޮއްތު
ކައްކަނީ، އަތޮޅުގޭގަ އެވެ. އެއްދުވަހަކު ކާންތިއްބާ މާލޭ މީހަކު
އަޅުގަނޑާދިމާއަށް ބުނީ، "މީނާއަކީވެސް ކަނދުބަޑި ސަރުކާރުގެ މީހެކޭ، ވީ
ނާކާމިޔާބެވެ. އަޅުގަނޑު ބުނީ އާނ! ކާމިޔާބުވަނީ އަލިފާން ބަޑިއަށެވެ.
ކަލޭމެންނަށް މާރަނގަޅެއް ނޫން ހެއްޔެވެ." މިރިޕޯރޓް އަތޮޅުވެރިންނާއި
ހަމަޔަށްގޮސް އަޅުގަނޑު ގުދަނުގައި ބަންދުކުރުމަށްފަހު 10 ދުވަސްފަހުން ދޫކޮށްލީ
އެވެ. ވަޒީފާ ވެސް ގެއްލުނީ އެވެ.
ވަޒީފާއިން
ވަކިވުމުން ދެން ފެއްޓީ، ކޮޅުބަށާއި، އިންޑިއާ އަށް ދަތުރުކުރާށެވެ. އިންޑިއާ އަށް ގެންދަނީ ގޭގައިހުރި ކުފުރާ
އެވެ. އެ ފަހަރު މާލެ ނުގޮސް ރަށަށް އައުމަށްފަހު، ދެން ދިޔައީ، މުދަލުގެ ޑިއުޓީ
ދެއްކުމަށް (ކޮލިގޭ އޮޑިން) މާލެ އަށެވެ. އެ ފަހަރު ހުވަދުއަތޮޅުގެ އޮޑިފަހަރު ވެސް
މާލެ ދިޔައެވެ. އޮޑިފަހަރު މާލެއަށް ދިޔައީ ހަވަރުތިނަދޫގައި ހިންގާ ސަރުކާރުގެ
ކުންފުނިތަކުގެ ކާޑުބަލަ އެވެ.
"ކުރީފަހަރު
(1958) ހަވަރުތިނަދޫ
އޮޑިފަހަރުން ކޮޅުބަށްކިރުވި މަހަށްލިބުނު ފައިސާގެތެރެއިން ސަރުކާރުން ހިފެހެއްޓި
ފައިސާގެ ތަފްޞީލީ ލިޔުންތައް އޭރު ވެސް ހުރީ އަޅުގަނޑުގެ އަތުގަ އެވެ. ނަމަވެސް
ކާޑު ގަތުމަށްފަހު، ބާކީހުރި ފައިސާ (ވެރިފަރާތްތަކާއި ޙަވާލުކުރުމަށް) އޭރުވަނީ ހަވަރުތިނަދޫގައި
ހުރި އަތޮޅު އޮފީހަށް ފޮނުވާފަ އެވެ.
ދެވަނަފަހަރަށް ބަޣާވާތް ކުރުމަށްފަހު، އެ ރޭ ފޭރިގަތް ފައިސާގެތެރޭގައި އެ ފައިސާ
ވެސް ހިމެނެ އެވެ."
މާލެއަށްދިޔައިރު
ވެސް އަތޮޅުން ކާޑުވަނީ، މުޅިން ހުސްވެފަ އެވެ. އެ ދުވަސްވަރު ހަމަޖެހިފައި
އޮންނަނީ، މާލިއްޔާއަށް
މަސްކިރުމަށްފަހު، ގަވަރުމަންޓް ބޮޑުއިސްޓޯރުން ކާޑު ދޫކުރާގޮތަށެވެ. އެތަނުގެ
މެނޭޖަރަކީ، މ. ތާނގީދޮށުގޭ މުޙަންމަދު ނޫރައްދީނެވެ. ސެކްރެޓެރީ އަކީ މ. ދީފުރަމްގޭ
ސިއްކަ އަޙުމަދު އިސްމާޢީލް މަނިކެވެ. ކާޑު ލިބޭތޯ ކޮންމެ ދުވަހަކު ވެސް އެ ތަނަށް
ދަމެވެ. ނަމަވެސް މެނޭޖަރު އޮފީހަށް ވަޑައިނުގަންނަވާތީ، ކާޑު ލިބޭނެގޮތެއް ނުވެ، އެ ތަނަށް ހިނގާތާ ދޮޅު މަހެއްހާދުވަސް
ވެފައިވަނިކޮށް އެއްދުވަހަކު ކުއްލިއަކަށް މަޖޫރީން ނިކުމެ (ހަމަ އެދުވަހު)
އޮޑިފަހަރަށް ކާޑުބަރުކޮށް އަވަހަށް ފުރަން އެންގުމުން ފުރައިގެންގޮސް މާލެ އަތޮޅު
ޅޮއްސާ ހަމަޔަށް ދެވުނުތަނާ އިރުއޮއްސިއްޖެ އެވެ. ދެން އެ ރަށު ބޭރުގައި
ބަނދަރުކުރީ އެވެ. "ތާސްކުޅެން ތިއްބާ" ސިފައިން ތިބި އިންޖީނު ލޯންޗެއް
އައިސް މާދުރުނޫން ހިސާބެއްގައި މަޑުކޮށް މަސްވެރިކަން ކުރަން ފަށައިފި އެވެ.
ދަންބައެއް ވުމަށްފަހު، ލޯންޗް އައިސް އޮޑިއާއި ކައިރިކޮށްފައި 5 މީހެއްގެ
ނަންކިޔައި، އެ މީހުން ބޯޓަށް އެރުމަށް އަންގަވައިފި އެވެ. އެ މީހުންނަކީ،
އަޅުގަނޑާއި، ތިނަދޫ އަޙްމަދު
ފަތުޙީ އާއި، ތިނަދޫ ކޭވަކުގޭ
ރުޝްދީއާއި އަދި ވެސް 2 މީހެކެވެ.
އަޅުގަނޑު،
މާލެދިޔަ އޮޑީގެ މާލިމީއަކީ، އަޅުގަނޑު ކަމަށްވާތީ،
ލޯންޗަށް އަޅުގަނޑު އެރުވުމަށްފަހު، އެ އޮޑީގެ މާލިމީއަކަށް ގައްދޫ ޙަސަންމަނިކު
ހަމަޖެއްސުމަށްފަހު، އެންގެވީ
އަތޮޅަށްދާން އަވަހަށް ފުރުމަށެވެ. އެ ރޭ ދަންނަވަރު އަޅުގަނޑުމެން މާލެ ގެނެސް
ފުރަތަމަ ގެންދިޔައީ ބިލެތްކަފާގެ އަށެވެ. އެ ތަނުން ނެރެގެން ހަމަ އެރޭ ދަންވަރު
ގެންދިޔައީ ހެންވޭރުކޮޅުގައި ހަދާފައިހުރި ޖަލަށެވެ. އެ ތަނަށް ގެންދިޔައިރު އެ ތަނުގައި
ބަޔަކު ތިއްބެވެ. އެ މީހުންނަކީ، އެ ދުވަސްވަރު މާލޭގައި ތިބި ދެކުނުގެ 3 އަތޮޅު
މީހުންނެވެ. ގިނައިން ތިބީ ހުވަދުއަތޮޅުގެ މީހުންނެވެ.
ޖަލުގައި
(ގާތްގަނޑަކަށް) 2 މަހެއްހާ ދުވަސް ވޭތިވުމަށްފަހު ޝަރީއަތް ފެށިއްޖެ އެވެ.
ޝަރީޢަތްކުރުމަށް ގެންދާ ޢިމާރާތް ހުންނަނީ، މިހާރުގެ ތީމުގޭ އެ ހުރި ހިސާބުގަ
އެވެ. އެންމެން ވެސް ތިބެނީ، ބިޑިއަޅުވާފަ އެވެ. އެކި މީސްމީހުންގެ މައްޗަށް
އުފުލުނީ، އެކި ދަޢުވާ އެވެ. އަޅުގަނޑުގެ މައްޗަށް އުފުލުނީ، ބޮޑުވަޒީރު
އިބްރާހީމް ނާޞިރަށް ލަވައެއް ހެދުމުގެ ދަޢުވާ އެވެ. އެ ދަޢުވާއިން އަޅުގަނޑު
ބަރީޢަވެވުނީ، އަޅުގަނޑަކީ، ލަވަހަދަން ނުދަންނަ މީހަކަށްވާތީ އެވެ.
"ސަރުކާރުން
އެންމެ ފުރަތަމަ ޤާނޫނުލް އުޤޫބާތެއް ހެއްދެވީ ހުވަދުއަތޮޅުން ގެނައި ކުށްވެރީންގެ
މައްޗަށް ޝަރީޢަތް ކުރުމަށެވެ. ބަންޑާރަ ނާއިބަކީ، އަލްއުސްތާޒް އިބްރާހީމް ޝިހާބެވެ. އުއްތަމަ ފަނޑިޔާރަކީ،
އަލްއުސްތާޒް މުޙަންމަދު ޖަމީލު ދީދީ އެވެ. ޝަރީޢަތުގެ ކޮމިޓީގައި ޢަބްދުލްމަޖީދު
މާހިރު ވެސް އިންނަވަ އެވެ.
ޖަލުމީހުންނާ މެދު ޝަރީޢަތްކޮށް އެކިއެކި މުއްދަތަށް
ޙުކުމްކުރައްވާ މީހުން ބައިތިއްބަނީ ވަކިންނެވެ. ޙުކުމް ކުރައްވަން
ފެއްޓެވުމާއެކު، ޙުކުމްކުރައްވާ މީހުންގެ ކެއުމަށް ވެސް ބަދަލު އަތުވެއްޖެ އެވެ.
އެމީހުންނަށް ކާންދެނީ ބަތާއި ރިހާކުރެވެ. މަސްބޮނޑި ވެސް ލިބެ އެވެ. އެމީހުން
ޤަޟާޙާޖަތަށް ވަޅުދޮށަށް ދާއިރު އެމީހުންގެ ގާތްތިމާގެ މީހުންނަށް މަސްކޮޅުކޮޅު
ގެންގޮސް ވަޅުދޮށުގައި ވެސް ބާއްވަ އެވެ. ޖަލުގެ މީހުންނަށް ކައްކަނީ ޖަލުގެ
ގޯތިތެރޭގަ އެވެ.
އޭރު ޖަލުގައި ތިބި
މީހުންގެތެރޭގައި ހަވަރުތިނަދޫ އޭޝިއާ އާދަންފުތު ވެއެވެ. އެއްދުވަހަކު
އޭނާގެގާތުގައި އަޅުގަނޑު ބުނީ "ޒުވާން އުމުރުގައި ޖަލުގައިއޮވެ މި މަރުވަނީއޭ، މިތަނަކުން ނުވެސް ނިކުމެވުނެވެ." އެހެން ބުނުމުން
ނެރެދީފާނަމޭ މުޙަންމަދުފުތު ބުނެ ކުރިކަމަކީ، އަޅުގަނޑުފައިގެ ދޯނގިދޮށުގައި އިރުކޮޅެއް ވަންދެން އުނގުޅީ
އެވެ. އަނެއްދުވަހު އެތަނުގައި ފިތްގަނޑެއްނައި ވަރަށް ބޮޑަށް ފައި ދުޅަވެ
ރިއްސަން ފެށީ އެވެ. ފައިގައި ރިއްސާވާހަކަ ރިޕޯޓު ކުރުމުން އަޅުގަނޑު ޖަލުން
ނެރެގެން ގެންގޮސް ފަޅުގައި އޮތް ދޯންޏަކަށް ލައިފި އެވެ. އަޅުގަނޑާއެކު
ހަވަރުތިނަދޫ ދިގު ދޮންފުތުގެ ޙަސަނު ވެސް އެ ދޯންޏަށް ލައިފި އެވެ. އޭނަގެ
ހަށިގަނޑު ވަނީ، ވަރަށްބޮޑަށް ނިކަމެތިވެފަ އެވެ. ވަރަށްބޮޑަށް ކެއްސަ އެވެ.
އަޅުގަނޑުމެން
ދެމީހުން ފުރަތަމަ ގެންދިޔައީ ކ. އަތޮޅުއޮފީހަށެވެ. އޭރު އަތޮޅު އޮފީސް ހުންނަނީ
މާލެ އަތޮޅު ހުޅުލެއަށެވެ. އަތޮޅުވެރިޔަކީ، އާގަރާ ޢަލިކަލޭފާނެވެ. އެތަނުން
ގެންދިޔައީ އެ ރަށުގައިހުރި މީހުންނޫޅޭ ގެއަކަށެވެ. އަޅުގަނޑުމެން ގެންދިޔަ މީހާ
ބުނީ، ގެ ކައިރީގައި ފެންވަރާނޭ ވަޅެއް ވެސް ހުންނާނެ ކަމަށެވެ.
އެރޭ ނިދާފައި ހެދުނު 8 ޖަހާ އެހާކަންހާއިރު ސައި ދޭން މީހަކު އައިސް ހުއްޓެވެ.
ފާރޮއްޓާއި ސަޔެވެ. އެ ރަށުން ގެންދިޔައީ ކ.އަތޮޅު ދިއްފުއްޓަށެވެ. ޙަސަނު
ގެންދިޔައީ ކ. ތުލުސްދޫ އަށެވެ. (އެހާހިސާބުން ޙަސަނާއި ވަކިވީ އެވެ.) ދިއްފުށީ
ކަތީބަކީ ފިކުރީ ކިޔާ ބޭކަލެކެވެ. އެ ރަށަށް އަޅުގަނޑު ގެންދިޔަ ދޯނީން އައި އެ ރަށުގެމީހެއް
ކަމަށްވާ ކުޑަސޮރުބެ ކިޔާ މީހަކު ކަތީބަށް ނަންގަނެގެން އެ ގެއަށް އަޅުގަނޑު
ދިޔައީ އެވެ. ދިއްފުށީގައި ހުރިއިރު "މޫންލައިޓް" ނޫސް ލިބެ އެވެ.
ހަވަރުތިނަދޫ ފަތަޙަކޮށް އެ ރަށުން މީހުން ބޭލިކަމާއި، އަދި އެނޫން ބައެއް
ޚަބަރުތައް އެނގުނީ ނޫސްތަކުންނެވެ.
އެ ރަށުގައި
ހުންނަތާ 155 ދުވަސް ވުމަށް މާލެއަށް ގެނެސް ލީ ފަޅުގައި އޮތް ދޯންޏަކަށެވެ.
އަޅުގަނޑު އެ ދޯނީގައި އޮއްވާ އޮޅިތެރި ރަޝާދަށް ކޮންމެވެސް ގޮތަކުން އެނގިލައްވައިގެން
އޭނާ ފޮނުއްވި މީހަކު އައިސް ބުނީ ރަޝާދު ބުނުއްވިއޭ ޤާނޫނުލް ޢުޤޫބާތެއް
ވަރަށްއަވަހަށް އެބަ ހަދަ އެވެ. ވީމާ، ނުކުރާކަމަށް އެއްބަސް ނުވާށެވެ. (ތަރުޖަމާކޮށް
ދިވެހިރާއްޖޭގައި ހިންގަންފެށި ފުރަތަ ޤާނޫނުލް ޢުޤޫބާތަކީ އެއީ އެވެ. 2010މ. ވަނަ
އަހަރު ފެށުނުއިރު ވެސް ރާއްޖޭގައި ހިންގަނީ ހަމަ އެ ޤާނޫނުލް ޢުޤޫބާތެވެ.)
މާލެއަށް
ގެނެސް ދެން ފޮނުވީ ތ.އަތޮޅު ވިލުފުއްޓަށެވެ. ވިލުފުށީ ކަތީބަކީ ދޮން އިބްރާހީމް ކިޔާ ބޭކަލެކެވެ. އޭނާއަކީ، އަޚްލާޤް ރަނގަޅު، ޚުލްޤްހެޔޮ
މީހުންގެތެރެއިން ވެސް ފާހަގަކުރެވޭ ބޭކަލެކެވެ. އޭނާއަކީ، ދެކުނުގެ
ހަމަނުޖެހުމާއި ގުޅިގެން އެރަށް އަރުވާލި، ފޮނުވާލި މީހުންނަށް ވަރަށް ހެޔޮކޮށްހިތްތެވި ބޭކަލެކެވެ.
ކޮންމެމީހަކު ނުވަތަ ބަޔަކު އެ ރަށަށް ގެންދިއުމުން އެ މީހަކު ނުވަތަ އެ ބަޔަކު
އޮފީހަށް ގެންގޮސް އޭނާ ހައްދަވާގޮތަކީ، ސަންގުފުމެ، ރައްޔިތުން އައުމުން ބުނުއްވަނީ
މި މީހުންނާއި ޙަވާލުވާނެ މީހަކު ޙަވާލުވެ، މި މީހުންނަށް ހެޔޮކޮށް ހިތާށެވެ. ދެން
އެ ރަށުގެ މީހުން އެ މީހުންނާއި ޙަވާލުވެގެން ގެއަށް ގެންދަނީ އެވެ. (ދޮން އިބްރާހީމަށް
މާތް ﷲ ހެޔޮދަރުމަ މިންވަރު ކުރައްވާށި! އާމީން)
ވިލުފުށީގައި ހުރި
ދުވަސްވަރު، އިޖްތިމާޢީ ކަންކަމުގައި ވަރަށްބޮޑަށް
ޙަރަކާތްތެރިވެ އުޅުނީމެވެ. މަސައްކަތްކުރަނީ، ދެ އަވަށް ވާދައަށެވެ. އެއްކޮޅުގެ
ވެރިއަކީ، އަޅުގަނޑެވެ. އަނެއްކޮޅުގެ ވެރިއަކީ ހަވަރުތިނަދޫ މުޝްތަރީގޭ އާދަމް
ޙަލީމް (އާދަމް މާލިމީ) އެވެ. އެ ދުވަސްވަރު އެ ރަށުގައި ފުޓްބޯޅަ ދަނޑެއް ވެސް
ހެދީމެވެ. ދެކުނުގެ 3 އަތޮޅުން ޖަލަށް ގެންދިޔަ މީހުންގެތެރެއިން އެކިއެކި
މުއްދަތަށް ޙުކުމްކޮށް ޖަލުގައި ބަންދުކޮށް އަދި އަރުވާލި މީހުންގެ ތެރެއިން
(ދުނިޔޭގައި ތިބި) އެންމެންނަށް މަޢާފުދެއްވައި ދޫކޮށްލެއްވިއިރު ގިނަމީހުން ތިބީ
ވިލުފުއްޓަށް ގެނެސްފަ އެވެ. ހުޅުލޭ ބޯޓުޔާޑުގައި މަސައްކަތްކުރަން ތިބި
އެންމެންނަށް ހުޅުލެއިން ގޯތި ދެއްވި އެވެ. ހަވަރުތިނަދޫގައި މީހުން އާބާދުކުރަން
ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން ގޯތިތައް ދޫކޮށްލާފައި ނުވަތަ ވިއްކާލާފައި
ރަށަށް އައީ އެވެ. (ހުޅުލޭގައި އެއާރޕޯރޓެއް ހަދަން ހަމަޖައްސައި އެ ރަށުގައި ތިބި
ގިރާވަރު މީހުންނަށް މާލެއިން ގޯތިދީފައި މާލެއަށް ބަދަލުކުރިއިރު ހަވަރުތިނަދޫ
މީހުންނަށް ވެސް އެ ފުރުޞަތު ލިބުނެވެ.)
ތ.އަތޮޅު ވިލުފުށީގައި 155 ދުވަސް
ވުމަށްފަހު މަޢާފުދެއްވައި ދޫކޮށްލުމުން ހުވަދުއަތޮޅަށް ވިލިގިނއްޔަށް އައީ، (1963 ވަނަ
އަހަރު) ހަވަރުތިނަދޫ މުސްޠަފާ މަންސޫރުގެ އޮޑިންނެވެ. އިދާރީގޮތުން އޭރު
ހުވަދުއަތޮޅު ވަނީ ދެ ބައި ކޮށްފައެވެ. އެއީ ގއ. އަދި ގދ. އަތޮޅެވެ. މިހާރު އެ އޮތްގޮތަށް
ދެވަނަފަހަރަށް (އިދާރީ ގޮތުން) އެ އަތޮޅު ދެބައިކުރީ 08 ފެބުރުވަރީ 1962 ވަނަ
އަހަރު އެވެ.
ވިލިގިއްޔަށް
ދިއުމުން ޢާއިލާގެމީހުން އެ ރަށުގައި ނެތްކަން އެނގުމުން ދެން ދިޔައީ ގައްދުއަށެވެ.
އެ ރަށުގައި ވެސް އެ މީހުންނެއް ނެތެވެ. އަތޮޅުވެރިޔާ ގައްދޫ ޙުސައިންމަނިކާ އެކު ދެން
ދިޔައީ ފަރެހަށެވެ. އެ މީހުން ތިބީ ފަރެހުގަ އެވެ. ފަރެހުގެ ޙާލަތު ވެސް ވަރަށް ދަށެވެ.
މީހުންގެ ޢަދަދު ވެސް ވަރަށް މަދެވެ. ކާނެ އެއްވެސް އެއްޗެއް ނެތެވެ. އަޅުގަނޑު
ދިޔައިރު ގޭ މީހުންތިބީ ބަނބުކެޔޮފަތުގެ ތަނޑުތައް ކޮށައިގެން ކައްކާށެވެ.
ގައްދޫން ހަނޑޫނާޅިއެއް އަޅުގަނޑު ގެންދިޔައީ މެވެ. އެ ރަށުގައި ދުވަސްކޮޅެއްވީ ތަނާ
އެ ރަށުގެ ކަތީބުކަން އަޅުގަނޑަށް ދެއްވައިފި އެވެ. ދެން ރައްޔިތުން ނެރެގެން
ރަށުތެރެއާއި، ވަލުތެރެ އަދި ރުއްތައް ސާފުކޮށް މީދާ މަދުކޮށް މަހަށް ފޮނުވަން
ފެށުމުން ތަނަވަސްކަން ރަނގަޅުވާން ފެށީ އެވެ. އެ ރަށުގައިހުރި ހަވަރުތިނަދޫ
ފިނިވާގޭ މުޙަންމދު މާހިރު ގާތު ބުނެގެން ކިޔަވައިދޭން ފެށުމުން އެ ކަންކަން ވެސް
ރަނގަޅުވެ، މީހުންގެ ހޭލުންތެރިކަން އިތުރުވެ ދާދި އަވަހަށް ރައްޔިތުންގެ ތެރޭގައި
އެކުވެރިކަން ވެސް އާލާވެއްޖެ އެވެ. (ފަހުން ހަވަރުތިނަދުއަށް ބަދަލުވުމުން ވެސް
މާހިރު ކުރެއްވީ ކިޔަވައިދިނުމުގެ މަސައްކަތެވެ.) އޮފީހާއި މިސްކިތާއި، ސްކޫލްގެ
އައުބައުތުރަ ފިލުވައި ޙާލަތު ވަރަށް ރަނގަޅު ވެއްޖެ އެވެ. އެ ރަށުގެ
ކަތީބުކަމުގައި ހުއްޓާ ދެވަނަފަހަރަށް ހަވަރުތިނަދޫ އާބާދުކުރުމުން އެ ރަށުގެ
ކުޑަކަތީބަކަށް ހަމަޖެހި، އަދި އެ ރަށަށް ގޮސް ވަޒަންވެރިވީ އެވެ.
ހަވަރުތިނަދޫގެ
ކުޑަކަތީބުކަމާއި ކަތީބުކަމާއި، އަތޮޅުކޮމިޓީގެ މެމްބަރުކަމާއި، ރާއްޖެތެރޭގެ
ޙާއްޞަ އެހީތެރިކަން ވެސް ކުރީމެވެ. ގދ.އަތޮޅުގެ އަތޮޅުވެރިކަމުގެ ފަތްކޮޅު ދެއްވީ
ޖޫން 9، 1973 ގައެވެ. ނަމަވެސް 1974 ވަނަ އަހަރު އޭޕްރީލް ހާތަނުގައި މަޤާމުން
ވަކިކުރައްވައިފި އެވެ. ވަކިކުރި ސަބަބަކީ، އަންނަބީލާ އާމިނަތު ޙުސައިން
އައްޑުއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ހަވަރުތިނަދޫ ބޭރުގައި ބަނދަރުކުރެއްވި ނަމަވެސް،
އަތޮޅުއޮފީހަށް އަންގަވާފައި އޮތީ، ފައިބައިވަޑައިނުގަންނަވާ ކަމަށެވެ. އެހެން
ނަމަވެސް އެ އުޅަނދުދޮށަށް މޫސާ ފަތުޙީ ދުރުވުމުން، އާމިނަތު ޙުސައިން
ފައިބައިވަޑައިގެން ކުއްލިއަކަށް ގެއަށް ވަޑައިގަތީ އެވެ. އެ ބޭފުޅުން
ވަޑައިގަތުމުން މެހެމާންދާރީ އަދާނުކުރިކަމަށް، ބޮޑުވަޒީރު އަޙުމަދު ޒަކީ
އަރިހަށް ބަޔަކު ސިޓީ ފޮނުވުމާއި ގުޅިގެން އަތޮޅުވެރިކަމުން ވަކިކުރެއްވީ އެވެ."
– ޢަބްދުއްޞަމަދު މާކޯނި/ ގދ. ތިނަދޫ
*********
"އަލްފާޟިލް
ޢަބްދުއްޞަމަދު ޙުސައިނަކީ، އޭނާގެ ޙަޔާތުގެ ދުވަސްތައް ވޭތިކުރުމުގައި ވަރަށްގިނަ
އަދި ވަރަށްދަތި މަރުޙަލާތަކެއް ގިރާކުރައްވަން ޖެހިލެއްވި ބޭކަލެކެވެ. އަދި
އޭނާއަކީ، އަމީންދީދީގެ ޖުމްހޫރީ ދުވަސްވަރާއި، ހުވަދޫ ބަޣާވާތުގެ ކަންކަން
ވަރަށްގާތުން ދެކެލެއްވި އަދި ޖަލުގަޔާއި، އެހެނިހެން ރަށްރަށް އަރުވާލުމުގެ ސަބަބުން ވަރަށްހިތްދަތި
ދުވަސްތަކެއް ވެސް ވޭތިކުރެއްވި ބޭކަލެކެވެ. ނަމަވެސް އެ ހިތްދަތި ކަމެއްގެ ސަބަބުން
އެއިން އެއްވެސް ފަހަރަކު މާޔޫސްވެ އުންމީދު ގެއްލިފައި ނުވެއެވެ.
1964މ.ން
1966މ.ށް ގދ. ފަރެހުގެ ކަތީބުކަމާއި ގދ. އަތޮޅުގެ އަތޮޅުވެރިކަމާއި އަދި މިނޫނަސް
(ސަރުކާރުގެ) ކިތައްމެ މަޤާމެއް ފުރުއްވި ޢަބްދުއްޞަމަދު ޙުސައިނު އެންމެބޮޑަށް
ސަމާލުކަން ދެއްވަނީ، ޞިއްޙަތް ސަލާމަތުން ބެހެއްޓުމަށެވެ. އެފަދަކަމެއް
ދިމާވެއްޖެނަމަ ވަގުތުން ފިޔަވަޅު އަޅުއްވަ އެވެ. އެ ކަމުގެ އެދެވޭ
ނަތީޖާއެއްގެގޮތުން މިހާރު (2013މ.) ވެސް ޢުމުރުން 80 ވަރަކަށް އަހަރަށްވުރެ
މައްޗަށް ގޮސްފައިވާއިރު ވެސް އޭނާގެ ޞިއްޙަތު ރަނގަޅެވެ.
އޭނާއަކީ،
ވަރަށް ވިސްނުން ތޫނު ބޭކަލެކެވެ. އަޅުގަނޑު ދަންނަވާނީ، އޭނާއަކީ، ތަރައްޤީގެ
ޙިއްޞުތަކުގެ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމުގަ އެވެ. ތިނަދޫ ފަސްގަނޑުން
ފެންނަން އެހުރި ތަރައްޤީގެ ގިނަ މަސައްކަތްތަކުގައި ވަރަށްފުރިހަމަ ދައުރެއް އޭނާ
އަދާކުރައްވާފައިވެ އެވެ. ގަސްގަހާގެއްސާއި، މާމެލާމެލި ހެއްދުމަށް ލޯބިކުރައްވާ ޢަބްދުއްޞަމަދު
ޙުސައިނަކީ، އޭނާގެ ދުވަސްވަރުގައި ތިނަދޫގެ ތަރައްޤީގެ ކަންކަމުގައި އެންމެއިސް
ދައުރެއް އަދާކުރެއްވި ބޭކަލެއްކަމަށް ދެންނެވުމަކީ، އެހެން ފަރާތްތަކަށް
ރައްދުކުރެވޭ ކުޑައިމީސް ބަހެއްނޫނެވެ. އޭނާގެ ހުވަދުއަތޮޅުގެ ތާރީޚީ، ޘަޤާފީ،
ސިޔާސީ އަދި ޢާއްމު މަޢުލޫމާތު ލިބުމުގެ ނަޞީބު އަޅުގަނޑަށް ވަނީ، ލިބިފަ އެވެ." ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
----------------
ޢަބުދުﷲ ޙިލްމީ
02 އޮގަސްޓް
2016މ.