ވަލިއްޔުލްއަމްރުގެ އަމުރުފުޅަށް މަހާނައާއި ވަކިކޮށްލި މަހާނަގާ















"ވަރަށްބާރު ދުވެއްޔެއްގާ ގޮސް "ހާލާފަރު" މަތިންގޮސް ވާދުއަށްވަނީ 9.15 ގައެވެ. ........... މިރަށަށްފޭބީ 9.45 ގައެވެ. ފޭބީ ހުކުރުމިސްކިތް ފަރާތު މަގުންނެވެ. އެންމެފުރަތަމަ ފައިބައިގެންދިޔައީ ހުކުރުމިސްކިތްދޮށް އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ޒިޔާރަތްދޮށަށެވެ. "ތިއްތިބޭބެގެ މަހާނަވެސް އަޅުގަޑުގެ ލޮލުން .........." ހުވަދުއަތޮޅަށް އައުމުގެ މަގުޞަދު ފުދުނީއެވެ. އަލްޙަމްދުލިﷲ.

ޒިޔާރަތްދޮށަށް ގޮސް ގައްދޫ ޢަލިޚަޠީބު ކަލޭގެފާނު އިސްކޮށް ޒިޔާރަތަށް ފާތިޙާ ކިޔުއްވުމަށްފަހު ތިއްތިބޭބެއަށް ފާތިޙާ ކިޔަވާފާ ރަށުތެރެއަށް ބެހެއްޓީއެވެ.

ތިއްތިބޭގެ ގަބުރު ވީ ޒިޔާރަތުގެ ކަނާތްފަރާތު ޙަރިއްމަތެރޭގައެވެ. ނަމަވެސް  م. ا ވަނީ އެތާ ޒިޔާރަތުތެރޭން ދެގަލާ ބުސްތާނު އެދިމާލުން ކަނާތްފަރާތަށް 3 ރިޔަންހާ ހިސާބަށް ނެރެފައެވެ. މާތްރަސްކަލާގެ އެއަޅެއްގެ ފަސްނެންގެވި ތާންގާނޫން ތަނެއްގާ ތަގުދީރުފުޅުން ކަޑައެޅިފައިވާ ތަނެއްގާނޫނީ އެމީހެއްގެ ހަށިގަޑު ވަޅުނުލެވޭނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. "މިތާހުރި ފަޑިޔާރު ޝައިޚުލްއިސްލާމްގެ އަމުރުއޮތްނަމަ ޒިޔާރަތުގެތެރޭން ކޮނެވެސް ހަށިގަޑުގެ ކަށިތައްވެސް ނަގާނަމޭ ވިދާޅުވިޔޯ" ޙަމްދާއި ޝުކުރުހުރީ ދީލަތިވަންތަ ރަސްކަލާގެއަށެވެ.

މިސްކިތުން ނުކުމެގެން އެއްގަމަށް ބެހެއްޓިތަނާ އެދިމާވީ ގޭގާއުޅުނު ޢަބުދުﷲ އާއެވެ. ދެން ޚަޠީބު ތުއްތީދީ އެވެ. ސަލާމާއި ޚަބަރުތަކަށްފަހު ދެން ދިޔައީ "ގައްދަޑުގެ"އަށެވެ. ގޭގެ ދެކުނުފަރާތުން ބައްދަލުވީ ގެދަރު ޢަލިމަނިކާ އެވެ. ޙާލާއި ޚަބަރުތައް ........... ދެކުނުފަރާތު އުދޯލީގާ ވަގުތުކޮޅަކަށްފަހު .............

މުޙައްމަދު އަމީން، ޢަލިމަނިކު ދެކެ ކޯފާވި ދަތުރަކީ ............ އެފަދަ ވެރިޔަކު އާދައިގެ ރަޢިއްޔަތަކަށް އެފަދަ ކޯފާއެއް ދުވަހަކުވެފާވެސް އަދި ވާނެކަމަށްވެސް ނުވިސްނެއެވެ. ސަބަބަކަށްވީ ތިމަންނަގެ ގުދަންތައް ނެގުމުން ބޭރަށްދައްކާލި ކަމެވެ. ވަރަށްދިގު ވާހަކަތަކެކެވެ. ..............

ގައްދަޑުގެޔަށް އައިސް ޢަލިމަނިކަށް ނަންގެންފާ ގޭގާއުޅުނު ޢަބުދުﷲ ގޮވައިގެން ދިޔައީ ހުކުރުމިސްކިތް ދޮށަށް ތިއްތިބޭބެގެ ގާ ޖަހާފާހުރި ޙަރިންމަތެރެ ސާފުކޮށް ވެއްޓެން ކާރިވެފާހުރި ދެގާ އަލުންނަގާ ރީތިކޮށް ތެދަށްޖަހާށެވެ. ކޮއްކޮ ބައްޕާއޭ އަޅުގަޑަށް ފެނުނުއިރު ހުރި ވެއްޓެން ކާރިވެފާވާ ގަލާ ވިނަފަޅާފާ އޮތް މަހާނަމަތި އަޅުގަޑު ހުކުރުން ފައިބައިގެން މިހާރު އެހުރީ އަމިއްލައަތުން ގާ ޖަހާ ސާފުކޮށްފައެވެ. .............. ތިއްތިބޭގެ ކަށްވަޅު އަލިކޮށް ސުވަރުގޭގެ ތަނަވަސް ޝަހީދުންގެ ދަރަޖަ ދެއްވާށިއެވެ. އާމީން."
                 **********

މަތީގައި އެ ވަނީ، އަތްމަތީ ކޮއްރާހާއި (ކަރުދާހުގެ ލިޔުމާއި) އަދި މާކޮއްރާހުން (އިންޓަރނެޓުން) ވެސް މިހާރު ފެންނަންހުރި ލިޔުމެއްގެ ޕެރެގްރާފްތަކެއްގައި ގާތްގާތުގައިވާ ބައިތަކެކެވެ. މިއީ ދިވެހިރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި އޮނަރަބްލް އަލްފާޟިލް ޢުމަރު ޒާހިރުގެ ޑައިރީގެ ބަޔެކެވެ. މިބައިތައް ހުރި ޕެރެގްރާފްތައް އެ މަނިކުފާނު ލިޔުއްވާފައިވަނީ 25 މުޙައްރަމް 1376ހ. (31 އޮގަސްޓް 1956މ.) ހުކުރުދުވަހު އެ މަނިކުފާނުގެ ޑައިރީގަ އެވެ.

އޮނަރަބްލް ޢުމަރު ޒާހިރުގެ ޑައިރީގެ އެ ޕެރެގްރާފްތަކުގައި ލިޔުއްވާފައިވާ ބައެއްކަންކަމުގެ ވާހަކައިގެ މާބޮޑު ތަފުޞީލެއްދެއްވާފައި ނެތުމުން އެ ވާހަކަތައް ވިދާޅުވާބޭފުޅުންގެ ހިތްޕުޅުގައި ސުވާލުއުފެދުން އެކަށޭނަ ކަންކަމެއް ހުރުން އެކަށީގެންވާތީ އޭގެތެރޭ ވެދާނެކަމަށް ބެލެވޭ ދެ ސުވާލެއް ދަންނަވައިލާނަމެވެ.

ފުރަތަމަ ސުވާލަކީ:

ޝައިޚުލްފަގީހު ޢައްލާމާ މުޙައްމަދު ޖަމާލުއްދީން (މަޝްހޫރު ވާދޫ ދަންނަކަލޭގެފާނު) އަވަހާރަވެ ފަސްދާނުލެވިފައިވާ ޒިޔާރަތުގެ ކަނާތްފަރާތުން އެ ތާނގެ ޙަރިއްމަތެރޭ ވަޅުލާފައިވާ މުސްލިމު މައްޔިތެއްގެ މަހާނައިގައި ހުރި ދެ ގަލާއި ބުސްތާނު ވެސް، م.ا (އެ ދުވަސްވަރުގެ ވަލިއްޔުލްއަމްރު ޞާޙިބުލްފަޚާއްމާ ސުމުއްވުލްއަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު)ގެ އަމުރުފުޅަށް އެ ތަނުން ނެރުމުގެ އިތުރަށް، ރާއްޖޭގެ އޭރުގެ ފަނޑިޔާރު މަނިކުފާނު ފަޟީލަތުއްޝައިޚު މަރުޙޫމް ޢަބުދުﷲ ޖަލާލުއްދީން (ޝައިޚުލްއިސްލާމް)ގެ އަމުރުފުޅުއޮތް ނަމަ އެ ޒިޔާރަތުގެ ޙަރިއްމަތެރެ ކޮނުއްވައިގެން ވެސް އެ ތާނގައި އޮތް މުސްލިމެއްގެ މިނިކަށިތައް ވެސް ނަންގަވާނެކަމަށް م.ا ވިދާޅުވިނަމަ، ވިދާޅުވީ ކޮންކަމެއް ކޮންގޮތަކަށް ހުރެގެންތޯ އެވެ؟

ދެވަނަ ސުވާލަކީ:

ފަނޑިޔާރު މަނިކުފާނުގެ އަމުރުފުޅުނެތުމުން ވިޔަސް، ޝައިޚުލްފަގީހު ޢައްލާމާ މުޙައްމަދު ޖަމާލުއްދީންގެ ޒިޔާރަތުގެ ނުވަތަ ބުސްތާނުގެ ކަނާތްފަރާތުން އެ ތާނގެ ޙަރިއްމަތެރޭ ވަޅުލާފައިވާ މުސްލިމު މައްޔިތެއްގެ މިނިކަށިތައް ނެގެންނެތުމުން އެކަންކުރެއްވުން ހުއްޓާލައްވައި މައްޔިތާ އެ ތާނގައި ބާއްވަވާފައި މައްޔިތާގެ މަހާނައިގެ ދެ ގަލާއި ބުސްތާނު އެ ތަނުންބޭރުކުރެއްވީ ޝައިޚުލްފަގީހު ޢައްލާމާ މުޙައްމަދު ޖަމާލުއްދީނަށް ކުރައްވާ އިޙުތިރާމާއި ގަދަރަށްޓަކައި އެ ކަލޭގެފާނުގެ ޒިޔާރަތުގެ ނުވަތަ ބުސްތާނުގެ ޙަރިއްމަތެރޭ އެއްވެސް މުސްލިމު މައްޔިތެއްގެ މަހާނަގަލެއް ނުބެހެއްޓެވުމަށްތޯ އެވެ؟

މަތީގައި ދަންނަވާފައި އެވަނީ ދެ ސުވާލެކެވެ. ކުރިން ވެސް ދެންނެވިގޮތަށް އޮނަރަބްލް ޢުމަރު ޒާހިރުގެ ޑައިރީގެ އެ ޕެރެގްރާފްތަކުގައި ލިޔުއްވާފައިވާ ބައެއްކަންކަމުގެ ވާހަކައިގެ މާބޮޑު ތަފުޞީލެއް ދެއްވާފައި ނެތުމުން އެ ވާހަކަތައް ވިދާޅުވާބޭފުޅުންގެ ހިތްޕުޅުގައި ސުވާލު އުފެދުން އެކަށޭނަ ކަންކަމެއް ހުރުން އެކަށީގެންވާތީ އޭގެތެރޭ ވެދާނެ ކަމަށް ބެލެވޭ ދެ ސުވާލެކެވެ. މިއީ އޭގެ ޖަވާބެއް ލިބިވަޑައިގަތުން ބޭނުންފުޅު ދެ ސުވާލެއްނަމަ އޭގެ ޖަވާބު ހޯއްދަވާނީ ލިޔުން ވިދާޅުވާ ބޭފުޅުން އަމިއްލަފުޅަށެވެ. އެކަމުގައި އަޅުގަނޑަށް ވެދެވޭނީ ކުޑަ އެހީތެރިކަމެކެވެ. އެއީ އެކަމާގުޅިގެން އަޅުގަނޑު ކުރި މަސައްކަތުން ހޯދައި އެނގުނު ބައެއްކަންކަން ދަންނަވައިލުމެވެ.

ހޯދުންތައް:

ހ- ޢުމަރު ޒާހިރުގެ ލިޔުއްވުމުގައި "ތިއްތިބޭބެ"ގެ ނަމުން މުޚާޠަބްކުރައްވަނީ ދިވެހިދައުލަތުގެ އިސް މަގާމުތަކެއް އަދާކުރެއްވި އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ނަޞީރު މަނިކުގެ ދަރިކަލުން އަޙުމަދުދީދީ އަށެވެ. އޭނާއަކީ އަވަހާރަވީއިރު ޢުމުރުން 12 އަހަރަށްވުރެ ހަގު ބޭފުޅެކެވެ. އަޙުމަދުދީދީ ވާދޫގައި އަވަހާރަވީ، އޭނާގެ ބޮޑުބޭބެ، އަދި ދިވެހިދައުލަތުގެ އިސް މަގާމުތަކެއް އަދާކުރެއްވި ޞ.ސ. އަލްފާޟިލް އަލްމަރުޙޫމް އާދަމް ނަޞީރުމަނިކު، ދިވެހިބޭހުގެ ފަރުވާއެއްކުރެއްވުމަށް ވާދޫއަށްވަޑައިގެން ހުންނެވި ދަތުރުފުޅެއްގައި އޭނާގެއަރިހުގައި އަޙުމަދުދީދީ ވާދޫގައި އުޅުއްވަނިކޮށެވެ. އެ ދުވަސްވަރު ހުވަދުއަތޮޅުގެ އެންމެ އިސް ވެރިޔަކީ ވެސް މަރުޙޫމް އާދަމް ނަޞީރު މަނިކެވެ.


ށ- ވާދޫ ގައްދަޑުގޭ މަރުޙޫމާ ދޮންތުއްތުދީދީގެ އަރިހުން ދިވެހިބޭހުގެފަރުވާ ހޯއްދެވުމަށް މަރުޙޫމް އާދަމް ނަޞީރު މަނިކު ވާދޫގައި ހުންނެވި ދުވަސްވަރު "ޑަންގީ"ގައި ކުރެއްވި ދަތުރުފުޅެއްގައި 29 ޖުމާދިލްއާޚިރު 1363ހ. (20 ޖޫން 1944މ.)ގައި އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީން ވާދުއަށް ވަޑައިގަތީ ދުވަހުގެ އިރު އޮއްސުނުފަހުންނެވެ. ފުރާވަޑައިގަތީ ފަތިހު އެވެ. މި ދަތުރުފުޅުގެ ވާހަކަ އެ ކިލެގެފާނު ލިޔުއްވި "ކަނޑުންފިރުކެމުން، ވައިން އުދުހެމުން" މި ފޮތުގެ ޞ.32 ގައި އެބަވެ އެވެ. 

ނަމަވެސް އެ ލިޔުއްވުމުގައި ވާދުއާއި ގުޅިގެން ލިޔުއްވާފައިވާ ބައެއް ކަންކަމާއި ނަންނަމުގައި އޮޅުންތަކެއްވެ އެވެ. މިހެންވެފައިވަނީ، އެކަމާގުޅޭގޮތުން (މީހެއްގެ ފަރާތުން ވިޔަސް) މަރުޙޫމް އެ ކިލެގެފާނަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތު ރަނގަޅުނުވުމުން ކަމަށް ވެދާނެ އެވެ.

އޮޅުންތައް:

"ޙުސައިން ޢަފީފު ފައިވާންފުޅަށް ބޭހެއް ހަދާންވެގެން، ވާދޫ މާމުދިންގެ އަށް ވަރަށް އިރާކޮޅު ވަޑައިގަންނަވައިފިއެވެ. މި މާމުދިންމަނިކު އިނދެގެން އުޅެނީ ވާދޫ މުދިމްދީދީގެ ދޮންތުއްތުދީދީ އާއެވެ."
"ކަނޑުންފިރުކެމުން، ވައިން އުދުހެމުން" ޞ.32

އޮޅުންތައް ރަނގަޅުކޮށްލުން:

ވާދޫގައި އެ ދުވަސްވަރު މާމުދިންގެއެއް، މާމުދިންމަނިކެއް، އަދި މުދިމްދީދީގެ ދޮންތުއްތުދީދީ ކިޔާ ބޭފުޅެއް ވެސް ނެތެވެ. އަލްއަމީރު މުޙައްމަދު އަމީން ލިޔުއްވާފައިވާ ވާދޫ މުދިމްދީދީގެ ދޮންތުއްތުދީދީ އަކީ، ވާދޫ މުދިމްދީދީގެ ބޭފުޅެއްނޫނެވެ. ދޮންތުއްތުދީދީ އަކީ، ވާދޫ މުދިމްދީދީއާއި އެއްބަނޑުއެއްބަފާ ބޭފުޅެކެވެ. ވާދޫ މުދިމްދީދީ ކިޔަނީ މުދިމް މުޙައްމަދުދީދީ އަށެވެ. އަލްއަމީރު މުޙައްމަދު އަމީން ވާދުއަށް ވަޑައިގަތްއިރު ދޮންތުއްތުދީދީ އާއި ކައިވެނިކުރައްވައިގެން ހުންނެވީ އަލްފާޟިލް އަލްމަރުޙޫމް ގެދަރު ޢަލިމަނިކެވެ. ގެދަރު ޢަލިމަނިކުގެ އެނޫން ނަމަކަށް "މުދިންމަނިކު" ނުވަތަ "މުދިމް ޢަލިމަނިކު" މިގޮތަށް ހުވަދުއަތޮޅުގެ އެއްވެސްބަޔަކު ކިޔާފައިވާކަމެއް އެނގޭކަށް ނެތެވެ. އެހެނެއްނޫނެވެ. "މުދިންމަނިކު" ކިޔާ ބޭފުޅަކު ފިޔޯރީގައި އުޅުއްވައި ޢާއިލާއުފެދިފައިވެ އެވެ. ނަމަވެސް އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީން ހުވަދުއަތޮޅަށް ދަތުރުފުޅުކުރެއްވި ދުވަސްވަރު ފިޔޯރީގައި ހުންނެވި މުދިންމަނިކު ދުނިޔޭގައި ހުންނެވިކަމެއް ނޫންކަމެއް އެނގޭކަށްނެތެވެ.

ނ- މަރުޙޫމް އާދަމް ނަޞީރު މަނިކު، ބޭސްކުރައްވަން ވާދޫގައި ހުންނެވި ދުވަސްވަރު "ޑަންގީ"ގައި ކުރެއްވި ދަތުރުފުޅުގައި އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީން ވާދުއަށް ވަޑައިގަތުމަށްފަހު ދެން އެ ކިލެގެފާނު ވާދުއަށް ވަޑައިގަތީ 21 ފެބްރުއަރީ 1953މ.ގައި ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ނުވަތަ ވަލިއްޔުލްއަމްރުގެ މަގާމްގައި ހުންނަވައިގެން "ހައިސިންތު"ގައި ކުރެއްވި ދަތުރުފުޅެއްގަ އެވެ. މިއީ ހުވަދުއަތޮޅުގައި ސިޙުރު ހެދިކަމަށް ތުހުމަތުކުރެވޭ ބަޔެއްގެ ތަޙުގީގު ހަވަރުތިނަދޫގައި ހިންގި ދަތުރުފުޅެވެ.

(ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް މަރުޙޫމް ވީރު ޢަލިދީދީ އަވަހާރަވުމުގެ ސަބަބު، އެ ސިޙުރަކާއި ގުޅޭކަމަށް ކުރެވޭ ތުހުމަތުގެ އިތުރަށް ވަލިއްޔުލްއަމްރު އަވަހާރަކޮށްލުމަށް ވެސް ސިޙުރު ހެދިކަމުގެ ތުހުމަތުގެ ތަޙުގީގު ހިންގީ ހުވަދުއަތޮޅު ހަވަރުތިނަދޫ ވާރުގޭގައި ޚޮދު ވަލިއްޔުލްއަމްރު އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީން އެ ތާނގައި އިންނަވައިގެންނެވެ.

"ވީރު ޢަލިދީދީ އަވަހާރަވީގޮތާއި އަދި އެކަމާގުޅިގެން ކުރެއްވި ތަޙްޤީޤުގެ ތާރީޚުގައި ބަޔާންކޮށްފައިވާނެ އެވެ. ހަވަރުތިނަދޫގައި ކުރެވުނު އެ ތަޙްޤީޤްގައި އެމީހުންގެ ބޮލުގައި އޮޅުއަޅައި، ގަސްގަހަށް އެލުވައި، އަދި ދުއްރައިން ތެޅުން ފަދަ އަދަބުތައް ދީފައިވެއެވެ. "އެ ތަޙްޤީޤް ކުރެވުނު ގޮތާމެދު" އެކަމުގެތެރޭގައި އޭރު އުޅުއްވި ސިފައިންގެ ބޭކަލެއްކަމަށްވާ މ. ނަދި މިނާގޭ އަލްފާޟިލް މެދުހުއްތު ބުނުއްވީ، އެއްބަސްވުން ނޫން އެހެން އެއްވެސްގޮތެއް އެމީހުންނަކަށް ނޯންނާނެ ކަމަށެވެ."
ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި

ސިޙުރު ހެދިކަމަށް ތުހުމަތުކުރެވޭ މީހުންގެ ފަރާތުން އެކަން ކުރިކަމުގެ އިޢުތިރާފު ހޯދީ އެ މީހުންގެ ގައިގައި "ވަރުހުރެގެން" ދުއްރައިން ތަޅައިގެންނެވެ. އޭގެ ބައެއްމީހުން ތެޅީ ހަވަރުތިނަދޫ ވާރުގޭ ބަނބުކެޔޮގަހުގައި އެލުވައިގެންނެވެ. މިތަން ދުށްމީހުންގެ ތެރެއިން ބައެއްމީހުން އަދި ދިރި ދުނިޔޭގައި އެބަ ތިއްބެވެ.)

ރ- އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީން 21 ފެބްރުއަރީ 1953މ. ގައި ވާދުއަށް ވަޑައިގަތީ އެ ކިލެގެފާނު ވެސް އަވަހާރަކޮށްލުމަށް ބަޔަކު ސިޙުރުހެދިކަމަށް ތުހުމަތުކުރެވޭ ތަޙުގީގުގައި ޚޮދު އެ ކިލެގެފާނު ވެސް ބައިވެރިވެވަޑައިގަތްތާ ދެ ދުވަހެއްގެފަހުންނެވެ. ވާދުއަށްވަޑައިގެން  އޭރު އެ ރަށުގައި ހުންނެވި އެންމެ ގަދަރުވެރި ބޭފުޅެއްކަމަށްވާ އަލްފާޟިލް މަރުޙޫމް ގެދަރު ޢަލިމަނިކު ދެކެ އެވީ ކޯފާއަކީ، "އެފަދަ ވެރިޔަކު އާދައިގެ ރަޢިއްޔަތަކަށް އެފަދަ ކޯފާއެއް ދުވަހަކުވެފާ ވެސް އަދި ވާނެކަމަށް ވެސް ނުވިސްނޭވަރުގެ ކޯފާއެއް" ކަމަށް އޮނަރަބްލް ޢުމަރު ޒާހިރުގެ ޑައިރީގައި އެ ވަނީ ލިޔުއްވާފަ އެވެ. އަދި އެ ކޯފާވުމުގެ ސަބަބެއްގެ ގޮތުން "ބޭރަށްދައްކަވާ" ކަމަކީ، ކޮންމެވެސް ގުދަންތަކެއްގެ ކަމަކަށް ވިޔަސް ނޫނީ އެހެންކަމަކަށް ވިޔަސް ކޯފާވެފައިވަނީ ވަރަށްބޮޑަށްކަމަށާއި އެ ވާހަކަ އެ މަނިކުފާނުގެ އަރިހުގައި ވިދާޅުވީ ވެސް މަރުޙޫމް ގެދަރު ޢަލިމަނިކު ކަމަށް ޢުމަރު ޒާހިރުގެ އެ ލިޔުއްވުމުގައި އެބަވެ އެވެ.

މަރުޙޫމް ގެދަރު ޢަލިމަނިކަކީ، އައްޑޫ މީދޫ އައިސާބީގެދަރު އަލްޚަޠީބު ދޮން ޙުސައިން ތަކުރުފާނުގެ އަލްޚަޠީބު ގެދަރު ޢަލިތަކުރުފާނުގެ އަލްމުއައްޒިން ގަނޑުވަރު ޙުސައިން ތަކުރުފާނުގެ އަލްގާޟީ މޫސާ ބަދުރުއްދީންގެ ގެދަރު އަޙުމަދުމަނިކުގެ ދަރިކަލެކެވެ. މަރުޙޫމް ގެދަރު ޢަލިމަނިކަކީ، އޭނާގެ ދުވަސްވަރު ގަދަރާއި އިޙުތިރާމް ލިބިވަޑައިގެން ހުންނަވައި ހުވަދުއަތޮޅު އަތޮޅުވެރިޔާ (މަރުޙޫމް ވީރު ޢަލިދީދީ)ގެ މުޝްތަޝާރުކަމާއި އަދި އެ އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރެއްވި ބޭފުޅެކެވެ. މަރުޙޫމް ގެދަރު ޢަލިމަނިކު ވާދޫގައި ހުންނެވީ ގައްދަޑުގޭ އިބްރާހީމްދީދީގެ ދަރިކަނބަލުން ގައްދަޑުގޭ ދޮންތުއްތުދީދީ އާއި ކައިވެނިކުރައްވައިގެންނެވެ. ގައްދަޑުގޭ ދޮންތުއްތުދީދީގެ މަންމައަކީ ހުވަދުއަތޮޅުގެ އެންމެ އިސްވެރިކަން(އަތޮޅުވެރިކަން) އެންމެ ގިނަދުވަހުކުރެއްވި ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ބައްޕައާއި ދެބެންގެދެދަރި މަރުޙޫމް ދޮން ޢަލިތަކުރުފާނުގެ މަރުޙޫމާ އާމިނާދީދީ އެވެ.


ހޯދުންތަކުން ފާހަގަކުރެވޭ ނުކުތާތަކެއް:

ބ- ވާދޫގެ ދުވަސްވީ މަޢުލޫމާތު މުއްސަނދި ބޭފުޅެއްކަމަށްވާ މިހާރު ޢުމުރުން 90ގެ އަހަރުތަކުގެތެރޭ އުޅުއްވާ ވާދޫ ބިއްލޫރިޖެހިގޭ އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ މަޢުލޫމާތުދެއްވީ ޝައިޚުލްފަގީހު ޢައްލާމާ މުޙައްމަދު ޖަމާލުއްދީންގެ ޒިޔާރަތުގެ ޙަރިއްމަތެރޭ ވަޅުލާފައިވާ އަޙުމަދުދީދީގެ މަހާނައިގެ ދެ ގަލާއި ބުސްތާނު އެތަނުން ބޭރަށްނެރުނީ ވަލިއްޔުލްއަމްރު އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީން ވާދޫގައި ހުންނަވައިގެން އެ ކިލެގެފާނުގެ އަމުރުފުޅަށެވެ. އެ ދަތުރުފުޅުގައި އެ ކިލެގެފާނުގެ އަނބިކަނބަލުން ވެސް ވާދުއަށް ވަޑައިގަތެވެ.

ހުވަދުއަތޮޅުގައި ސިޙުރު ހެދިކަމަށް ބުނާ ބަޔެއްގެ ތަޙުގީގު ހަވަރުތިނަދޫގައި ހިންގެވުމަށްފަހު އެ ރަށުން ފުރާވަޑައިގެން ހުވަދުއަތޮޅުގެ ރަށްރަށަށް ވަޑައިގަތުމުގެ ތެރޭ ވަލިއްޔުލްއަމްރު އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީން ވާދުއަށް ވަޑައިގަތީ 21 ފެބްރުއަރީ 1953މ. ގަ އެވެ. މިދަތުރުފުޅުގައި އެ ކިލެގެފާނުގެ އަނބިކަނބަލުން އަންނަބީލާ މަރުޙޫމާ ފާޠިމަތު ސަޢީދު ވާދުއަށް ވަޑައިގަތެވެ.

"ހައިސިންތު" ގައި އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީނު ހުވަދުއަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީންގެ ދެކަނބަލުންނާއި އެއްގަމުގޭ އަލްއަމީރު މަރުޙޫމް އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ އިތުރަށް ފިރިހެން 7 ބޭފުޅުންނާއި 11 އަންހެންބޭފުޅުން ބައިވެރިކުރެއްވި ކަމަށް ލިޔުންތަކުން އެނގެ އެވެ.

(އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީންގެ މިދަތުރުފުޅުގައި އެ ކިލެގެފާނާއި އަނބިކަނބަލުން ފާޠިމަތު ސަޢީދުގެ އިތުރަށް އެއްގަމުގޭ އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި ޝައިޚު މަލިމް މޫސާ މާފަތް ކަލޭގެފާނާއި އާމިނަތު މުޙައްމަދުދީދީއާއި އާމިނަތު ޢަބުދުﷲ އާއި މަރިޔަމް ސަޢީދު އާއި ޢާއިޝަތު އަނީސްއާއި ފާޠިމަތު ލަޠީފާއާއި ޝަހީމާ އިބްރާހީމް ތައްޚާނާއި ކަނޑި ޙައްވާމަނިކެއާއި މަރަދޫ ސަޢީދާ ކަނބުލޭގެފާނާއި މަރަދޫ ސަޢާދާއާއި ހާޖަރާ ޙަސަންމަނިކާއި ޢަލީ ނަޖީބާއި ބޮނޑިބަތް ދޮންތުއްތުއާއި ވާރުގޭ މަރިޔަމްދީދީއާއި މާބަނޑޭރި އަޙުމަދުމަނިކާއި މުޙައްމަދު ޒާހިރާއި އުނގުލު މޫސާ ކަލޭގެފާނާއި އަދި ފަންތޮށި ދޮން މޫސާފުޅު ވެސް ބައިވެރިކުރެއްވިކަމަށް ލިޔުންތަކުން އެނގެ އެވެ.)

ޅ- ޢުމުރުން 12 އަހަރު ނުފުރޭ އަޙުމަދުދީދީ، ވާދޫގައި އުޅުއްވަނިކޮށް އަވަހާރަވުމުން ވަޅުލާފައިވަނީ ޝައިޚުލްފަގީހު ޢައްލާމާ މުޙައްމަދު ޖަމާލުއްދީންގެ ޒިޔާރަތުގެ ނުވަތަ ބިސްތާނައިގެ ކަނާތްފަރާތުން ޙަރިއްމަތެރޭގަ އެވެ. ޒިޔާރަތުގެ ނުވަތަ ބިސްތާނައިގެ އެތެރޭގައި ނޫނެވެ. ތިރީގައިވަނީ އަޙުމަދުދީދީ ވަޅުލި ތަން ދައްކައިދޭ ފޮޓޯ އެވެ.


ޒިޔާރަތް:

ދިވެހިބަހުގައި "ޒިޔާރަތް" ކިޔަނީ، ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންނާއި ވަލީވެރިންނާއި ރަސްރަސްކަލުންގެ ބިސްތާނައަށާއި، މީހަކާ ބައްދަލުކުރާ ބައްދަލުކުރުމަށާއި ތަނަކަށްދާ ދިއުމަށެވެ.

ބިސްތާނަ ނުވަތަ ޒިޔާރަތް:

ބިސްތާނަ ނުވަތަ ޒިޔާރަތަކީ މަހާނަ ވަށައިގެން އެއާއި އެންމެގާތުގައި ޖަހާފައިވާ ގައުތަކެވެ. ނުވަތަ މަހާނަ ވަށައިގެން އެއާއި އެންމެގާތުގައި ރާނާފައިވާ ރޭނުމެވެ. ބިސްތާނަ ނުވަތަ ޒިޔާރަތްތަކުގެ ތެރޭ މަތި ހިޔާކޮށްފައި ނުހުންނަ ތަންތަނާއި ހިޔާކޮށްފައިވާ ތަންތަން ހުރެ އެވެ. ތިރީގައިވަނީ މީދޫ ކޯގަންނުގައި ހިޔާނުކޮށް ހުރި ބިސްތާނައަކާއި ހިޔާކޮށްފައިވާ ބިސްތާނައެއް ފެންނަ ދެ ފޮޓޯ އެވެ.


ޒިޔާރަތުގެ ނުވަތަ ބިސްތާނައިގެ ޙަރިއްމަ:

ޒިޔާރަތުގެ ނުވަތަ ބިސްތާނައިގެ ޙަރިއްމައަކީ އެ ތަނެއްގެބޭރުގައި އޮންނަތަނެވެ. އޭގެ މިސާލަކީ މިސްކިތުގެ ޙަރިއްމަ، މިސްކިތުގެބޭރުގައި އޮންނަގޮތެވެ. މިހެންވުމުން ޒިޔާރަތް ނުވަތަ ބިސްތާނައާއި އެ ތަނެއްގެ ޙަރިއްމައަކީ ދެ ތަނެކެވެ. އޭގެ މިސާލަކީ، މިސްކިތާއި މިސްކިތުގެ ޙަރިއްމައަކީ ދެ ތަނަކަށް އޮންނަ ގޮތެވެ. 

ދިވެހިރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައި ހުންނަ މިސްކިތް، ޒިޔާރަތް ނޫނީ ބިސްތާނަތަކުގެ ތެރޭ އެ ތަނެއްގެ ބޭރުގައި އެ ތަނެއްގެ ޙަރިއްމަ އޮންނަ ބައެއް ތަންތަންހުރެ އެވެ. މީގެތެރޭ އެ ތަނެއްގެ ބޭރު އިން ވަކިކޮށްފައިވާ ތަންތަނާއި އިން ވަކިކޮށްފައިނުވާ ތަންތަން ހުންނައިރު ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައި ހުންނަ އެފަދަ ތަންތާނގެ (ޚާއްޞަކޮށް ޒިޔާރަތްތަކުގެ) ޙަރިއްމައިގެ އިން ވަކިކޮށްފައިވާތީ މިހާރުފެންނަ ގިނަ ތަންތާނގައި އެކަންކުރީ ފަހުގެ ދުވަސްވަރެއްގަ އެވެ. 

މިގޮތުން ވާދޫގައި ހުރި ޝައިޚުލްފަގީހު ޢައްލާމާ މުޙައްމަދު ޖަމާލުއްދީންގެ ޒިޔާރަތް މިހާރު އެ ހުރިގޮތަށް (ފަހުގެ މަރާމާތެއް ފިޔަވައި) ޢިމާރާތްކުރެއްވީ، ހުވަދުއަތޮޅުގައި 31 އަހަރު (1912-1943) އަތޮޅުވެރިކަންކުރެއްވި ހަވަރުތިނަދޫ މަރުޙޫމް ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު އެ މަރުޙޫމުގެ އަމިއްލަފުޅުގޮތުން ކަމަށް ހުވަދުއަތޮޅުގެ ގިނަ މަޢުލޫމާތްތަކެއް ހޯއްދެވި ތިނަދޫ ޖަނަވަރީގޭ މަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވައިފައިވެ އެވެ.

މިދެންނެވި ކަންކަމަށް ބަލާއިރު އިހުގެ މިސްކިތްތަކާއި ޒިޔާރަތްތަކުގެ ޙަރިއްމައިގެ ބޭރުގެ އިން ވަކިކުރުމަށް ގައުތަކެއް ޖަހައި ނުވަތަ ފާރުތަކެއް ރޭނުމުގެކުރިން އިހުގެ މިސްކިތެއްގެ ނުވަތަ ޒިޔާރަތެއްގެ ކައިރީގައި މަރުވާމީހުން ވަޅުލައިފައި ވުމަކީ ނުވާނޭކަމެއް ނޫނެވެ. މިގޮތަށް ވަޅުލައިފައިވާ މީހުންގެ ގަބުރުތައް ހިނގަމުން މިދާ ދުވަސްވަރު ރާއްޖޭގެ އެކި ރަށްރަށުން ފެނިފައި ވެސްވެ އެވެ.

ތިރީގައިވާ ދެ ފޮޓޯއަށް ބައްލަވައިލެއްވުން އެދެމެވެ. މިއީ 1885މ. ގައި ރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގައި ހުރި ޒިޔާރަތަކާއި މަހާނަތަކެއް ފެންނަ ދެ ފޮޓޯ އެވެ. ފޮޓޯނެގިކަމަށް ފޮޓޯގައިވަނީ ރާއްޖެއަށް އައި ބޭރުމީހެކެވެ. ސީ.ޑަބްލިޔޫ.ރޮސެޓް އެވެ. މިފޮޓޯތަކުން ފެންނަ ދަނޑިން ހަދާފައިވާ ފުޅަފުގެބޭނުމަކީ އެ ޒިޔާރަތެއްގެ ނުވަތަ އެ މަހާނައެއްގެ އިން ވަކިކުރުން ނޫންކަން ފޮޓޯތަކުން ވެސް އެނގެ އެވެ. އޭގެބޭނުމަކީ އެ ދުވަސްވަރު އެ ތަކެތި އުޅޭނޭގޮތަކަށް ދޫކޮށްލާފައިވާ ގެރިބަކަރީގެ ޙަމަލައާއި ދުއްތުރާތަކުން ޒިޔާރަތް ނުވަތަ ބިސްތާނަފަދަ ތަންތަނުގެ ބިތްގަނޑާއި މަހާނަގައުތައް ސަލާމަތްކުރުމެވެ.


(މަތީގައިވާ ދެ ފޮޓޯގެތެރެއިން ތިރީގައިވާ ފޮޓޯއިން ޅަވަރެއްގެ ބަކަރިއެއް ވެސް ފެނެ އެވެ. "ބޮޑު ދެ ގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ" މި ބަސް ބޭނުންކުރާގޮތެއްގައި ބޭނުންކުރަނީ އެ ދުވަސްވަރު މާލެތެރެއަށް ދޫކޮށްލާފައިވާ ގެރިބަކަރި ގަބުރުސްތާނުތަކަށް ވަދެ އޭގެ އެކަތި އަނެކަތި ދެކެ ރުޅިއައިސް ޙަމަލަދީ ތެޅިފޮޅި އުޅުމުގެތެރޭ އެ ތާނގައި ހުންނަ ކަށްގަލަށް(މަހާނަގަލަށް) ވެސް އެ ބާރުގަނޑު އަރައި އޭގެ ދަޅުތަކުންޖަހައި އެ ތަކެތި ބިންދަމުންދާތީ އެވެ. ބޮޑު ދެ ގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާތީ އެވެ.)

ކ- މަތީގެ ޅ- ގައި ލިޔެފައިވާ ވާހަކަތަކާއި ފޮޓޯތަކަށް ބަލާއިރު ފަހުގެ ދުވަސްވަރެއްގައި ޒިޔާރަތް ނުވަތަ ބިސްތާނަތަކުގެ ޙަރިއްމައިގެ ބޭރުގެ އިން ވަކިކުރުމަށް ފާރު ރާނައިފައިވާ ތަންތަނުގެ ފާރު ރޭނިއިރު އިހުގެ ދުވަސްވަރުގެ ގަބުރުތަކެއް އެ ތާނގެ އެތެރޭގައި ވާކަމެއް ނޫނީ ނުވާކަމެއްގެ ކަށަވަރުކަން ނެތް ތަންތަން ހުރެދާނެ އެވެ. އެއީ މަހާނަގަލެއް ނުވަތަ އެ ތަނެއްގައި ގަބުރެއްވާކަމުގެ ފާހަގައެއް އަސަރެއްނެތް ތަންތަން ހުރުމުންނެވެ. މިހެންވުމުން ބޭރުން ބަލާބެލުމަށް އެ ތަނެއްގައި ގަބުރެއްވާކަމެއް ނުވާކަމެއް ނޭނގޭނެ އެވެ. އެނގޭނީ ކޮނެގެން ބެލުމުންނެވެ. އެ ދުވަސްވަރަކީ ބިމުގެ އަޑީގައި ހުންނަ ގަބުރާއި އެހެނިހެން ބައެއް ތަކެތި ވިޔަސް ދެނެގަނެވޭ ފަދަ އާލާތްތަކެއްގެ ބޭނުންކޮށްގެން އެކަން ބެލެވެންއޮތް ދުވަސްވަރެއް ވެސް ނޫނެވެ.

މިދެންނެވިގޮތުން ވާދޫގައި ހުރި ޝައިޚުލްފަގީހު ޢައްލާމާ މުޙައްމަދު ޖަމާލުއްދީންގެ ޒިޔާރަތް ނުވަތަ ބިސްތާނައިގެ ބޭރުން އެ ތާނގެ ޙަރިއްމައިގެ އެތެރޭގައި އިހުގެ ދުވަސްވަރުގެ ގަބުރެއްނެތްކަމުގެ ކަށަވަރުކަން ލިބޭނެގޮތެއް ނެތެވެ. އެއީ މަހާނަގަލެއް ނުވަތަ އެ ތާނގައި ގަބުރެއްވާކަމުގެ ފާހަގައެއް އަސަރެއް ނެތުމުން ބޭރުން ބަލާބެލުމަށް ގަބުރެއްނެތްކަން އެނގެން ނެތުމުންނެވެ.

ރާއްޖޭގެ ރަށްރަށުގައި ދުނިޔެދޫކުރާ އެ ރަށެއްގައި ނިސްބަތުގައި ވެސް މޮޅެއް ދެރައެއްނެތި ބައެއް މަހާނަތަކުގައި މަހާނަގައު ނުޖަހާހުރެ އެވެ. މިގޮތުން ވާދޫގައި ވެސް އެކަންއޮތީ އެހެނެވެ. އޭގެ ދަލީލަކަށް ފުދޭ ކުޑަ މިސާލެއް ދަންނަވައިލާނަމެވެ. ވާދޫގައި މިހާރުތިއްބެވި ފަރާތްތަކުގެ ވެސް 90 އިންސައްތައަށް ވުރެ ބޮޑު ޢަދަދެއްގެ ޢާއިލާ އުފެދިފައިވަނީ މަޝްހޫރު މަރުޙޫމް ކޮނޑޭ ޢަލިމަނިކުފާނާއި ވެސް ގުޅިގެންނެވެ. މިހެންވީ ނަމަވެސް ވާދޫގައި އަވަހާރަވެ އެ ރަށު ހުކުރުމިސްކިތުގެ ޙަރިއްމަތެރޭގައިވާ މަރުޙޫމް ކޮނޑޭ ޢަލިމަނިކުފާނުގެ މަހާނައިގައި މަހާނަގަލެއް ނެތެވެ. މިވާހަކަ ލިޔުއްވާފައިވަނީ އެ ޢާއިލާއަކަށް އެ ބޭފުޅަކު ވެސް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ދިވެހި މުއައްރިޚު އުސްތާޛުލްމަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ އެވެ.

ކީރިތި ނަބިއްޔާގެ ޒިޔާރަތްފުޅަށް ނަޒަރެއް:

މި ތަޞްވީރު ވަނީ، ދިވެހި ބަހަށް ތަރުޖަމާކުރެވިފައެވެ. މި ތަޞްވީރުގެ މަޞްދަރު ތިރީގައި މިވަނީ އެވެ.
https://upload.wikimedia.org/wikipedia/commons/f/fa/Hujrah_Drawing.jpg

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ފަސްދާނުވެޑުވިފައިވަނީ، ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގެ ތެރޭގަ އެވެ. އެކޮޓަރިކޮޅުގެ ތެރޭގައި، އަބޫބަކުރުގެފާނާއި، ޢުމަރުގެފާނު ފަސްދާނުލެވިފައި ވެ އެވެ. އެކޮޓަރިކޮޅުގެ ތެރޭގައި، ޢަބްދުއްރަޙްމާން ބްނު ޢައުފު (عبد الرحمن بن عوف) ފަސްދާނުލެއްވުމަށް، ޢާއިޝާތުގެފާނު ހުށަހެޅުއްވި ކަމަށް ރިވާވެފައި ވެ އެވެ. އަދި އިތުރުއެކަލޭގެފާނުގެ ފާޠިމަތުގެފާނުގެ ދަރިކަލުން ޙަސަނުގެފާނު (الحسن) ވެސް އެ ކޮޓަރިކޮޅުގެ ތެރޭގައި ފަސްދާނުލެއްވުމަށް އެކަމަނާ ވިދާޅުވެފައި ވެ އެވެ. އެކަން މަނާކުރީ، އޭރު އޮތް އުމަވީ ދައުލަތުގެ ސިޔާސީ ފަރާތްތަކުންނެވެ. އެހެންވީމާ، ކީރިތި މާތް ނަބިއްޔާގެ ޒިޔާރަތްފުޅުގެ ތެރޭގައި ހަތަރުވަނަ ބޭކަލަކު ފަސްދާނުލެއްވުމުގެ ފުރުޞަތު އޮތްކަން ވެސް އެބަ އެނގެ އެވެ.

މަދީނާގެ އަލްބަޤީޢަށް ނަޒަރެއް:

މަދީނާގެ އަލްބަޤީޢަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަހުލުބައިތުންނާއި، އިތުރުއެކަލޭގެފާނުގެ މާތް އަޞްޙާބުބޭކަލުން ފަސްދާނުލެވިފައިވާ ޤަބުރުސްތާނެކެވެ. އެ ޤަބުރުސްތާނުގައި ފަސްދާނުލެވިފައިވާ ބޭކަލުންގެ ތެރޭގައި މިދަންނަވާ ބޭބޭކަލުންނާއި ބޭކަނބަލުން ހިމެނިވަޑައިގަންނަވަ އެވެ.

1- އަލްއިމާމު ޙަސަނުގެފާނު:
(ޙަސަނުގެފާނުގެ ޒިޔާރަތްފުޅުގެ ޤުއްބުގެ ތެރޭގައި، އެކަލޭގެފާނުގެ އަޚު ޙުސައިނުގެފާނުގެ ދަރިކަލުން އަލްއިމާމު ޒައިނުލް ޢާބިދީން އާއި އެނޫން ބޭކަލުން ވެސް ފަސްދާނުލެވިފައި ވެ އެވެ.)
2- ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ދަރިކަލުން، އިބްރާހީމުގެފާނު.
3- އިތުރުއެކަލޭގެފާނުގެ ބައެއް އަނބިއަނބިކަނބަލުން.
4- އިތުރުއެކަލޭގެފާނުގެ ބައެއް ދަރިދަރިކަނބަލުން.
5- ޢަބްދުﷲ ބްނު މަސްޢޫދު.
6- ޢައްބާސް ބްނު ޢަބްދުލްމުއްޠަލިބު.
7- ސަޢުދު ބްނު މުޢާޛު.
8- އަލްއިމާމު ޖަޢުފަރުއްޞާދިޤުގެ ދަރިކަލުން، އަލްއިމާމު އިސްމާޢީލު.

(އަލްއިމާމު ޖަޢުފަރުއްޞާދިޤުއަކީ، ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ދަރިކަލުން އަލްއިމާމު ޙުސައިންގެފާނުގެ ދަރިކަލުން އަލްއިމާމު ޒައިނުލް ޢާބިދީންގެ ދަރިކަލުން އަލްއިމާމު މުޙައްމަދު އަލްބާޤިރުގެ ދަރިކަލެކެވެ. އަލްއިމާމު ޖަޢުފަރުއްޞާދިޤުގެ ދަރިކަލުން އަލްއިމާމު އިސްމާޢީލް ފަސްދާނުލައިފައިވާ ބިސްތާނަ ކައިރީ ވެސް އެހެން މުސްލިމުން ވަޅުލައިފައިވެ އެވެ.)


މަދީނާގެ އަލްބަޤީޢަކީ، މިފަދަ މާތް ބޭކަލުންނާއި، ބޭކަނބަލުން ފަސްދާނުލެވިފައިވާ ޤަބުރުސްތާނެކެވެ. އެހެންކަމާއެކު ވެސް، އެ ޤަބުރުސްތާނުގައި މުސްލިމުންގެ އާންމުން ވަޅުލެވިފައި ވެ އެވެ. އަދި މި ފަހުޒަމާނުގެ މުސްލިމުން ވެސް ވަޅުލެވިފައި ވެ އެވެ. އެހެންކަމުން، މުސްލިމުންގެ ތެރެއިން މާތް ބޭކަލަކު ފަސްދާނުލެވިފައިވާ ތަނެއްގެ ކައިރީގައި މުސްލިމުންގެ ތެރެއިން އާންމުންގެ މީހަކު ވަޅުލުމަކީ ހުއްދަ ކަމެއްކަން އެބައެނގެ އެވެ. މަދީނާގެ އަލްބަޤީޢުގައި ވަޅުލެވުމަކީ، ހޭލުންތެރި މުސްލިމުން ވަރަށް ބޮޑަށް އުންމީދުކުރާ ކަމެއްވެސްމެ އެވެ.

މަދީނާގެ އަލްބަޤީޢުގައި، ފަހުން ފަސްދާނުލެވުނު އެންމެ މަޝްހޫރު އެއް ޝަޚުޞިއްޔަތަކީ، މުސްލިމުންގެ އެންމެ ފަހު ޚަލީފާ ޢަބްދުލްމަޖީދުއްޘާނީ އެވެ.


މުސްލިމުންގެ އެންމެ ފަހު ޚަލީފާ: ޢަބްދުލްމަޖީދުއް ޘާނީ (1922 އިން 1924 އަށް މުސްލިމުންގެ ޚަލީފާކަން ކުރެއްވި އެވެ.)
މި ފޮޓޯގެ މަޞްދަރު ތިރީގައި އެވަނީ އެވެ.
https://en.wikipedia.org/wiki/Abd%C3%BClmecid_II

ހިޖުރީ ސަނަތުން 1342 ވަނަ އަހަރު، މީލާދީ ސަނަތުން 1924 ވަނަ އަހަރު، އިސްލާމީ ޚިލާފަތު އުވާލެވުނެވެ. އޭރު އިސްލާމީ ޚިލާފަތުގެ، ޚަލީފާގެ މަޤާމުގައި ހުންނެވީ، ޢަބްދުލްމަޖީދުއް ޘާނީ (عبد المجيد الثاني) އެވެ. އަބޫބަކުރުގެފާނަކީ، މުސްލިމުންގެ ފުރަތަމަ ޚަލީފާ ކަމުގައި ބަލައިގެން ގުނާއިރު، ޢަބްދުލްމަޖީދުއް ޘާނީ އަކީ، މުސްލިމުންގެ 102 (ސަތޭކަ ދޭއް) ވަނަ ޚަލީފާ ކަމަށް ބައެއް މަޞްދަރުތަކުގައި ވެ އެވެ.

27 ރަޖަބް 1342 ގައި އިސްލާމީ ޚިލާފަތު އުވާލީ، ހުޅަނގުގެ ޖާސޫސެއް ކަމަށް ބެލެވޭ، މުޞްޠަފާ ކަމާލެވެ. އެއަށްފަހު އޭނާ ވެރިކަމަށް އިސްވެ، ޚަލީފާ ޢަބްދުލްމަޖީދާއި، ޚަލީފާގެ ޢާއިލާގެ އެންމެހައި ބޭފުޅުން ތުރުކީވިލާތުން ބޭރުކުރި އެވެ. އެއަށްފަހު ވިހި އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައި ވަނިކޮށް، ޚަލީފާ ޢަބްދުލްމަޖީދު އަވަހާރަވީ، ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަވަނިކޮށެވެ. ޚަލީފާ ވަޞިއްޔަތްޕުޅު ކުރައްވާފައި ވަނީ، އެމަނިކުފާނުގެ އަޖުދާދުންގެ ތެރެއިން ބޭކަލެއްގެ މަޤްބަރާގެ ކައިރީގަ އެވެ. އެ މަޤްބަރާ ވަނީ އިސްތަންބޫލުގަ އެވެ. ނަމަވެސް އެކަން ކުރުމަށް ތުރުކީވިލާތުގެ ސަރުކާރުން ހުއްދައެއް ނުދިނެވެ. އެމަނިކުފާނުގެ ދަރިކަނބަލުން، ބައްޕާފުޅުގެ ވަޞިއްޔަތްޕުޅާ އެއްގޮތަށް ޢަމަލުކުރެއްވުމަށްޓަކައި އެތައް އަހަރެއް ވަންދެން ތުރުކީވިލާތުގެ ސަރުކާރުގައި ދަންނަވަމުން ގެންދެވި އެވެ. އެހެނަސް އެކަން ކުރުމުގެ ހުއްދައެއް އެ ސަރުކާރަކުން ނުދިނެވެ. އެންމެފަހުން، ޚަލީފާ ޢަބްދުލްމަޖީދުގެ ސައްދޯއްޕުޅު ގެންދެވުނީ، މަދީނާއަށެވެ. އެއީ، މަދީނާގެ ޖަންނަތުލްބަޤީޢުގައި ފަސްދާނުލުމަށެވެ.

ޚަލީފާ ޢަބްދުލްމަޖީދުއްޘާނީ، ޕެރިހުގައި އަވަހާރަވީ، 23 އޮގަސްޓް 1944 ގަ އެވެ. މަދީނާގެ ޖަންނަތުލްބަޤީޢުގައި އެމަނިކުފާނުގެ ސަންދޯއްޕުޅު ފަސްދާނުލެވުނީ، އޭގެ އެތައް އަހަރެއް ފަހުން، 30 މާޗް 1954 (25 ރަޖަބް 1373) ގަ އެވެ. އެހެންކަމުން، އަދިވެސް ޖަންނަތުލްބަޤީޢުގައި ވެސް މުސްލިމުން ވަޅުލުމުގެ ފުރުޞަތު އެބައޮތްކަން އެބަ އެނގެ އެވެ. ދާދި ފަހުން، މިޞްރުގެ ޖާމިޢުލްއަޒުހަރުގެ ޝައިޚުލް އަޒުހަރު ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ ވެސް ފަސްދާނުލެވިފައިވަނީ، އަލްބަޤީޢުގަ އެވެ.

ނިންމާލުން:

ޝައިޚުލްފަގީހު ޢައްލާމާ މުޙައްމަދު ޖަމާލުއްދީން ނުވަތަ މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ ޒިޔާރަތުގެ ނުވަތަ ބިސްތާނައިގެ ޙަރިއްމަތެރޭ ދުނިޔެދޫކުރާ މުސްލިމަކު ވަޅުލުމާއި ނުލުމާއި ދޭތެރޭ އެއްޗެއް ދަންނަވަން އަޅުގަނޑު ބޭނުމެއްނޫނެވެ. ނަމަވެސް އެ ޙަރިއްމަތެރޭ މުސްލިމު މަރުޙޫމަކު ވަޅުލުމުގެ ކަންކަން އިސްކޮށް ތިއްބަވައިގެން އެކަން ކުރައްވާފައިވަނީ އެ ކުރެއްވޭކަމެއް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ބޭފުޅުންކޮޅެއްކަމަށް ދަންނަވަން ބޭނުމެވެ. އެއީ އެ ދުވަސްވަރު ހުވަދުއަތޮޅުގެ އިސްވެރިޔާ މަރުޙޫމް އާދަމް ނަޞީރުމަނިކާއި މަރުޙޫމް ގެދަރު ޢަލިމަނިކާއި ވާދޫގެ ވެރިންނެވެ.

ޝައިޚުލްފަގީހު ޢައްލާމާ މުޙައްމަދު ޖަމާލުއްދީނަކީ، އަދާ ހަމައަށް ވެސް އެ އަލިކަމަށް ފަނޑުކަމެއް ނާންނަ ޢިލްމީ ދަންމަރަކުން މުޅި ރާއްޖެ އަލިކޮށް އުޖާލާކޮށްދެއްވި ހެޔޮލަފާ ޞާލިޙު ދީނީ ޢިލްމުވެރިއެކެވެ. ވަރަށްބޮޑު އަޅުވެރިއެކެވެ. މިފަދަ މާތް ބޭކަލުންނަކީ މިފަނާވަނިވި ދުނިޔެދޫކުރެއްވުމަށްފަހު އެބޭކަލަކު ފަސްދާނުލެވިފައިވާ ބިސްތާނައެއްގެ ކައިރީގައި އެހެނިހެން މުސްލިމުން ވަޅުލުމަށް ރުހިވަޑައިނުގަންނަވާނޭ ބޭކަލުންނެއް ނޫނެވެ. އަދި އެއީ މާތްވެގެންވާ އިސްލާމްދީން ވެސް ހުއްދަނުކުރާކަމެއް ނޫނެވެ. އަދި ކީއްތޯ އެވެ. މޮޅު އިތުރުވެގެންވަނީ ވެސް އެކަން ކުރެވެންއޮތްނަމަ މިސްކިތްތަކާއި ހެޔޮލަފާ ޞާލިޙު ދީނީ އަޅުވެރިންގެ ބިސްތާނައާއި ވީހާ ކައިރީގައި މުސްލިމުން ވަޅުލުމެވެ.

މިދެންނެވި އެއްޗެއްގެ އެއް ދަލީލަކީ، ކީރިތި މާތް ރަސޫލާ މުޙައްމަދު ނަބީކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒިޔާރަތްފުޅެވެ. އެ ޒިޔާރަތްފުޅުގައި، ހަތަރުވަނަ ބޭކަލަކު ފަސްދާނުލުމުގެ ފުރުޞަތު އޮތްކަން ސާބިތުވާ ތާރީޚީ ހެކިތައް އެބަހުއްޓެވެ. މިދަންނަވަނީ، އިތުރުއެކަލޭގެފާނުގެ ޒިޔާރަތްފުޅުގައި އަޅުގަނޑުމެންގެ ތެރެއިން މީހުން ވަޅުލާ ވާހަކައެއް ނޫނެވެ. އެކަމަކު އިތުރުއެކަލޭގެފާނުގެ ޒިޔާރަތްފުޅުގައި، އަޞްޙާބުބޭކަލުން ފަސްދާނުލުމަކީ، އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ޢިލްމުވެރިންގެ ބިސްތާންތަކުގެ ކައިރީގައި މުސްލިމުން ވަޅުލުން ހުއްދަވާނެ ކަމުގެ ދަލީލެއް ކަމުގަ އެވެ.

މިފަދަ އަނެއް ދަލީލަކީ، މަދީނާގެ ޖަންނަތުލްބަޤީޢު އެވެ. އެތާނގައި ކީރިތި މާތް ރަސޫލާ މުޙައްމަދު ނަބީކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޭބޭފުޅުންނާއި އަނބިއަނބި ކަނބަލުންނާއި ބައެއް އަޞްޙާބުން ވެސް ފަސްދާނުލެވިފައިވެ އެވެ. އެހެންކަމާއެކު ވެސް، އެތާނގައި އިހުގެ މުސްލިމުންނާއި ފަހުގެ މުސްލިމުން ވެސް ވަޅުލުން މަނާކޮށްފައެއް ނެތެވެ. ކިއެއްތޯއެވެ. ތަންދޮރުދަންނަ ހޭލުންތެރި މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު، އަލްބަޤީޤުގައި އެމީހުން ވަޅުލެވުމަށް އެދި އެކަމަށް އުންމީދުކުރެއެވެ.

އިތުރު މަޢުލޫމާތު ޙާޞިލުކުރެއްވުމަށްޓަކައި، ތިރީގައިވާ ލިންކުން ބައްލަވައިލެއްވުން އެދެމެވެ.

އެއްވެސް އިންސާނެއްގެ ޒިޔާރަތަކީ ނުވަތަ ބިސްތާނައަކީ މިބިންމަތީގައި މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ އެ މަތިވެރި އިލާހުގެ ގެކޮޅުކަމަށްވާ މުސްލިމުން އެ ތަނެއްގެތެރޭ އެ މަތިވެރި އިލާހަށް އަޅުކަންއަދާކުރާ މިސްކިތްތަކަށްވުރެ މާތްކަމާއި އިތުރުކަމާއި ޙުރުމަތްތެރިކަން ބޮޑު ތަނެއްނޫނެވެ. މިފަދަ މިސްކިތްތަކާއި ޖެހިގެން ދާދިގާތުގައި ވެސް މުސްލިމުން ވަޅުލާފައިވެ އެވެ. މިޙަގީގަތް ރާއްޖޭގެ ކަންކޮޅުތަކުން އަދާހަމައަށް ވެސް ފެންނަން އެބަވެ އެވެ.


މުލީއާގޭ ރަސްމީދޮރޯށީގެ އިރުމަތިން މެދުޒިޔާރަތުގެ ހުޅަނގުން އެ ޒިޔާރަތުގެ ގޯތިތެރޭ އެ ދުވަސްވަރު ހުރި މެދުމިސްކިތް ރޫޅާލެވުނީ 4 އެޕްރީލް 1976މ. ގަ އެވެ. ސައްޔިދު ރަސްގެފާނު ފަސްދާނުލެއްވީ މި މިސްކިތުގެ ޙަރިއްމަތެރޭ އެވެ. މި މިސްކިތާއި އަދި މިސްކިތާއި ވަރަށްގާތުގައި ވަޅުލާފައިވާ މުސްލިމުބަޔެއްގެ މަހާނަތަކާއި އެ މަހާނަތަކުގައި ހުރި މަހާނަގައުތަކުގެ އިތުރަށް މެދުޒިޔާރަތުގެ ޙައްރިއްމަތެރޭ ވެސް ވަޅުލާފައިވާ މުސްލިމުބަޔެއްގެ މަހާނަތަކާއި އެ މަހާނަތަކުގައި ހުރި މަހާނަގައުތައް ވެސް އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނަށް ފެނިވަޑައިގެންފައިވާނެ ކަމަށް ގަބޫލުކުރެވެ އެވެ. އެ ކިލެގެފާނަކީ ގިނަ ކަންކަމެއްގައި މުލީއާގެ ބޭނުންފުޅުކުރެއްވި ބޭފުޅަކަށްވުމުންނެވެ.

ނޯޓެއް:

އަލްއަމީރު މަރުޙޫމް މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނާއި، މި ލިޔުމުގައިވާ ވާދޫގައި އަވަހާރަވި އަޙުމަދުދީދީ އާއި، އަދި އެ ދުވަސްވަރު ނޫނީ މި ދުވަސްވަރު ވިޔަސް ވާދޫއަށް ނިސްބަތްވާމީހުންގެ 90% އަށްވުރެ ބޮޑު ޢަދަދެއްވަނީ، ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނާއި ޢާއިލީގޮތުން ގުޅިފަ އެވެ. މިއީ އިތުބާރުކުރެވޭ ފަތްފުށްތަކުގައި ލިޔެފައިވާ ޢާއިލީ ވަނަވަރުތަކުން އެނގެންހުރި ކަމެކެވެ.

(*) މަރުޙޫމް މުޙައްމަދު އަމީނަކީ، ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ރަންދި ކަނބާފާނުގެ އާމިނާދީދީގެ ޢާއިޝާ ކަނބާ ރަނިކިލެގެފާނު (ކަކާގޭ ގޮމާ)ގެ ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ މަރިޔަމްދީދީގެ އަޙުމަދު ދޮށިމޭނާކިލެގެފާނުގެ ބޭފުޅެކެވެ.

(*) މަރުޙޫމް އަޙުމަދުދީދީ އަކީ، ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ރަންދި ކަނބާފާނުގެ އާމިނާދީދީގެ ޢާއިޝާ ކަނބާ ރަނިކިލެގެފާނު (ކަކާގޭ ގޮމާ)ގެ ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ދަރިކަލުން ދޮންތުއްތުދީދީގެ ޅަދީދީގެ ދޮންދީދީ (ޙައްވާދީދީ)ގެ ބޭފުޅެކެވެ.

(*) އެ ދުވަސްވަރު ނޫނީ މި ދުވަސްވަރު ވިޔަސް، ވާދޫއަށް ނިސްބަތްވާ މީހުންގެ 90% އަށްވުރެ ބޮޑުޢަދަދެއް، ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު ޣިޔާޘުއްދީން ރަދުންގެ އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ޢާއިޝާދީދީގެ ދެ ބޭފުޅެއްކަމަށްވާ ދޮންދީދީ އާއި މުޙައްމަދުދީދީ އާއި ޢާއިލީގޮތުން ގުޅެ އެވެ.

މަތިވެރި ﷲ، އަލްއަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ކުށްތައް ޢަފޫކުރައްވައި އެ ކިލެގެފާނަށް ސުވަރުގޭގެ ދާއިމީނިޢުމަތް މިންވަރުކުރައްވާށި އެވެ. އާމީން.
                 ---------------
ޢަބުދުﷲ ޙިލްމީ
31 ޖުލައި 2016މ.

ފަންނީ އެހީތެރިކަމުގެ ޙިއްޞާ:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން، އަލްފާޟިލް އަޙުމަދު ނާޞިޙު

މަޢުލޫމާތުގެ ޙިއްޞާ:
އޮނަރަބްލް ޢުމަރު ޒާހިރުގެ ޑައިރީ، އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން، އަލްފާޟިލް އަޙުމަދު ނާޞިޙު، އަލްއުސްތާޛު އަޙުމަދު ޢަލާދީދީ، އަލްފާޟިލް ބަދުރުއްނަޞީރު، އަލްފާޟިލް ޢާމިރު ޢަލީ މުނީރު މަދަރުސާގެ/ ވާދޫ، އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ ބިއްލޫރިޖެހިގެ/ ވާދޫ