ހުވަދުއަތޮޅު ތިނަދޫ އާސާރީ ހުޓިކޮޑޭ މިސްކިތުގެ ބައެއް ލިޔުންތަކުގެ ވީޑިއޯ










ހުވަދުއަތޮޅު ތިނަދޫގައި ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި އަދި އެ ރަދުންނަށް ނިސްބަތްވާ މިސްކިތް "މަސްޖިދުއްސުލްޠާން މުޙައްމަދު" ތިނަދޫގައި މަޝްހޫރުވެފައިވަނީ ހުޓިކޮޑޭ (ހުއްޓޭކޮޑު) މިސްކިތުގެ ނަމުންނެވެ. "ހުއްޓޭކޮޑު" މިއީ މާލޭ ބަހުރުވައޭ އެ ކިޔާ ބަހުރުވައިގައި (ފުށިކޮޅު) އެވެ. މި މިސްކިތް "މަސްޖިދުއް ސުލްޠާން މުޙައްމަދު" ބިނާކުރީ ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ 2ވަނަ އަހަރު (1693މ.) ގައި ކަމަށް މީގެކުރިން އެ މިސްކިތުގައި ފެންނަންހުރި ލިޔުމަކުން އެނގެ އެވެ. މި ލިޔުމުގެ ނަކަލަކާއި މިސްކިތުގެ ބޯގަފަތްކޮޅުގެ ނަކަލެއް ދާދިފަހުން އަޅުގަނޑަށް ލިބިފައިވެ އެވެ. ފޮނުއްވައިދެއްވީ އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދްވީ އެވެ.

މިލިޔުމުގެ އެތެރޭގައިވާ ވީޑިއޯއިން ގިނައިން ފެންނާނީ، މިލޔުމުގެ މަތީގައިވާ ފޮޓޯއިން އެ ފެންނަ ހުޓިކޮޑޭ(ހުއްޓޭކޮޑު) މިސްކިތް ނުވަތަ މަސްޖިދުއް ސުލްޠާން މުޙައްމަދު އެ ގޮތަށް ހުރިއިރު މިސްކިތުގެ "ލާގެ" ތެރޭގައިވާ ބައެއް ލިޔުންތަކެވެ. އަދި މިސްކިތުގެ ބައެއް ތަންތަން ވެސް ކުޑަކޮށް ފެނެ އެވެ. ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ވަޒަންވެރިވީތާ ދުވަސްކޮޅެއްގެ ފަހުން މިމިސްކިތުގައި ނަމާދުކުރަން ބޭނުންވާ މީހުންނަށް މިސްކިތް ކުޑަވުމުގެ ސަބަބުން ޖާގަލިބުމަށް ދަތިވާތީ "ލާގެ"އާއި ގުޅިފައިވާ ބިތްތަކުގެ 4 ދިމާލަކުން ގައުތައް ކަފައި ނެގިއިރު މިސްކިތުގައި ހުރި ދެއްވަދޫ ރަސްގެފާނަށް ނިސްބަތްވާ ސިއްކައިގެ މެދުން އެއްބައިވަނީ ކަފައި ނަގާފަ އެވެ. މިހެންވުމުން ވީޑިއޯއިން ފެންނަނީ އެ ސިއްކައިގެ 1/2 ބައެވެ.


    ދެއްވަދޫ ރަސްގެފާނު ބިނާކުރައްވާ މިސްކިތުގައި ހުންނަ އެ ރަދުންގެ ސިއްކަ

ލާގެއަކީ:
1-       މައުލޫދު ހަރުގޭގައި ބޮޑެތި މީހުން ތިބުމަށް ހަމަޖެހިފައިވާ ދިމާގައި ދަމައިފައި ހުންނަ ކުޑަ ސަނދުވާ.
2-      ބައެއް މިސްކިތުގެ މެދުތެރެއިން މަތިވަޑާންގަނޑުގެ ދަށުގައި ލަކުޑީގެ އެތިކޮޅުތަކަކުން، ވަށްކޮށް ނުވަތަ އަށް އަރިއަށް ނުވަތަ ހަތަރު އަރިއަށް ހަދައިފައިހުންނަ ތަނެއް. މިތަން ހުންނާނީ ވަރަށްރީތިކޮށް ލިޔެލާޖަހައިފައެވެ. _ ދިވެހިބަހުގެ ރަދީފު

                      ވީޑިއޯ

މިސްކިތުގެ ޖާގަ ބޮޑުކުރުމަށްޓަކައި "ލާގެ"އާއި ގުޅިފައިވާ ބިތްތަކުގެ 4 ދިމާލަކުން ގައުތައް ކަފައި ނެގި ނަމަވެސް މި މިސްކިތުގައި ނަމާދުކުރަން ބޭނުންވާ މީހުންނަށް އެކަށީގެންވާ ޖާގަ މިސްކިތުން ނުލިބެ އެވެ. މިހެންވެފައިވަނިކޮށް ދެން ދިމާވިގޮތަކީ އާސާރީ މިސްކިތެއްގެ ގޮތުގައި ބެހެއްޓުމަށް ބޭނުންވި ނަމަވެސް އެކަމަށްޓަކައި ކުރަންޖެހޭ ކަމެއް ވެސް ކުރެވޭގޮތެއްނުވެ މިސްކިތުގެ "ލާގެ" ފީވެ މުޅިން ހަލާކުވާން ފެށުމެވެ.

މިސްކިތުގެ "ލާގެ" އަށް މިކަން ދިމާވުމުގެ ފެށުމަކީ 1962މ. ގައި ހަވަރުތިނަދޫން މީހުންބާލައި 4 އަހަރެއްހާ ދުވަހު އެ ރަށް ފަޅުރަށެއްގެ ގޮތުގައި އޮވެ މިސްކިތުގެޓިނުތައް ބައުވެ ވާރެއާއި އަވީގައި ހުންނަން ޖެހުމުން ފަނިފަކުސައިގެ ޝިކާރައަކަށް މިސްކިތްވުމެވެ. މިހެންވުމުން ހަވަރުތިނަދޫގެ 2ވަނަ އާބާދީ އެ ރަށުގައި ވަޒަންވެރިވީއިރު ވެސް މިސްކިތުގެ "ލާގެ"އަށްވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. މި ގެއްލުމަށް ޙައްލެއްނުލިބި ގިނަދުވަސްވުމުން ދެން ދިމާވި ދެރަގޮތަކީ މިސްކިތުގައި ނަމާދުކުރާ ބައެއްމީހުންނަށް ބިޗުލާއި ނަގުލަންދާށި ފަދަ ބައެއްތަކެތީގެ ގޯނާއާއި ކުރިމަތިވުމެވެ.

ހަވަރުތިނަދޫން މީހުންބާލައި ހަތަރު އަހަރެއްހާ ދުވަސްފަހުން އެ ރަށުގައި ވަޒަންވެރިވާން ބޭނުންބަޔަކަށް އެ ކަންވުމުން އެ ބަޔަކު އެ ރަށަށް ގޮސް ނަމާދުކުރުމަށް މި މިސްކިތް ބެލިއިރު މިސްކިތަށް ވާނެއެއްޗެއް ވެ ނިމުނުތާ ކިތަންމެ ދުވަހެކެވެ. މިސްކިތުގެ "ލާގެ"އާއި ކުރަހައި ލިޔެލާޖެހި ލަކުޑީގެ ގިނަތަކެތި ފީވެއްޖެ އެވެ. ކީރިތި ގުރުއާނާއި މާތްރަސޫލާގެ ޙަދީސްތައް އެ ދުވަސްވަރު ލިޔެއުޅުނު ރީތި ޢަރަބިއަކުރުން ލިޔެފައިވާ މި މިސްކިތުގެ ލަކުޑިބެރިތަކުގައި ނިޔަފަތިން މަޑުމަޑުން ޓައްކެއްޖަހާލީމާ، އެތެރެ ހޮއި ހެދިފައިވާ ކަށިކެޔޮ ހޮޅެއްފަދަ އެއްޗަކަށް އެ ތަކެތި ވެއްޖެކަން އެނގުނެވެ. 

މިހެންވުމުން މިސްކިތުގައި ނަމާދުކުރާ މީސްމީހުންގެބޮލަށް މިސްކިތުގެ މަތިވަޑާންގަނޑު ނުވެއްޓިހުރީ ވެއްޓިއްޖެނަމަ އެ މީސްމީހުންގެ ބޮލާއި އެއާއި ގުޅިފައިވާ ކަނދުރާގައި މިސްކިތުގެ މަތިވަޑާންގަނޑު ހިފެހެއްޓޭހާ ބާރުނެތީމާ މަތިވެރި ﷲގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމުންނެވެ. އެހެންކަމެއް ނޫނެވެ.

މި މިސްކިތަކީ އެ ޒަމާނުގެ މަސައްކަތްތެރިކަން ވަރަށްމޮޅަށް ފެންނަ ރީތި މިސްކިތެކެވެ. ގިނަ އަހަރުތަކެއްވީ ފަހުން މިސްކިތުގެ ޖާގަކުޑަވެ ޖާގަ އިތުރުކުރުމާ މިސްކިތް ޙިމާޔަތްކުރުމުގެ ބޭނުމުގައި މިސްކިތުގެބޭރުން 4 ފެންޑާހެއްދެވީ ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު އެވެ. އެ ފަހަރު ފެންޑާހައްދަވައި މިސްކިތަށް އެ ވަގުތަށް ބޭނުންނުކުރެވޭ ކަހަލަ މިސްކިތުގެ ބައެއްތަކެތި މިސްކިތުގެ އިރުދެކުނުފަރާތުގައި އޮތް ވެވަށްއަޅައި ވެއު ވެސް ފޮރުވާލި އެވެ. އެ ވެއު މިހާރުވާނީ މިސްކިތްކައިރީ ބޯޅަދަނޑުގެ އުތުރު ގޯލުދަނޑިއާ ގާތުގައިކަމަށް އެކަން ދެނެހުރިމީހުން ބުނެފައިވެ އެވެ. ހަވަރުތިނަދޫން މީހުންބޭލީ އެ ފަހަރު މިސްކިތުގެފެންޑާ ހެދިގޮތަށް ހުއްޓަ އެވެ. މި ލިޔުމުގެ މަތީގައިވާ ފޮޓޯއިން ވެސް އެ ފެންނަނީ އެ ފެންޑާތައްހުރި މިސްކިތެވެ.

އެންމެފަހުން މިސްކިތުގެ ނިމުންއައީ ނަމެއްގައި "އާސާރެއް" ވިޔަސް ކަމެއްގައި "އާސާރެއް" ނެތި މިސްކިތް ސުންނާފަތިވަމުން ދިޔުމުންނެވެ. އެއީ ހަވަރުތިނަދޫން މީހުންބޭލުމުގެސަބަބުން ހަތަރު އަހަރެއްހާދުވަހު އަތްވާ ވާރެއާ ޖަނަވާރާ ފަނިފަކުސައިގެތެރޭ ހުންނަން ޖެހުމުން އިޢާދަ ނުކުރެވޭނޭ ބޮޑެތި ގެއްލުންތަކެއް މިސްކިތަށް ލިބުމުންނެވެ.

ނިންމާލުން:

1693މ. ގައި ބިނާކުރި ހަވަރުތިނަދޫ މަޝްހޫރު ހުޓިކޮޑޭ (ހުއްޓޭކޮޑު) މިސްކިތް "މަސްޖިދުއްސުލްޠާން މުޙައްމަދު"ގެ "ލާގެ" ތެރޭ ހުރި ބައެއް ލިޔުންތަކާއި މިސްކިތުގެ ބައެއް ތަންތަން ފެންނަ ވީޑިއޯއެއް، 18 މާރޗް 1988މ. ގައި ނަންގަވައި ހަވަރުތިނަދޫގެ ތާރީޚަށްޓަކައި އެ ވީޑިއޯ ފޮނުއްވައިދެއްވީތީ ހަވަރުތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ކާފަދަރިކަލުން ހ. ތެވެލި/ މާލެ، އަލްފާޟިލް މުޙައްމަދު ޝަރީފުއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ.

ހަވަރުތިނަދޫގެ އާސާރީ ހުޓިކޮޑޭ (ހުއްޓޭކޮޑު) މިސްކިތް "މަސްޖިދުއްސުލްޠާން މުޙައްމަދު"އާއި ގުޅޭ ބައެއް މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ ތިރީގައިވާ ލިންކުން ވެސް ބައްލަވައިލެއްވިދާނެ އެވެ.

                -------------------
ޢަބުދުﷲ ޙިލްމީ
23 އޯގަސްޓް 2016މ.