ހުވަދޫ ހުނަރުވެރި މޮޅު ފަންނާނުދިވެހިރާއްޖޭގެ އެކި ޒަމާންތަކުގައި ލިބިހުރި ވަސީލަތާއި ކަންކަމަށް ބަލާއިރު އާދަޔާއިޚިލާފު މޮޅު ހުނަރުވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދި ފެނިފައިވެ އެވެ. 1960 ގެ އަހަރުތަކާއި ހަމަޔަށް އައި އިރު ހުވަދުއަތޮޅު ދުށް އެންމެމޮޅު އެއް ފަންނާނަކީ ހުވަދުއަތޮޅު ހަވަރުތިނަދޫ ބަހާރުގޭ އަލްފާޟިލް އަލްމަރުޙޫމް ޙަސަން ޙަބީބެވެ. މިއީ ހުވަދުއަތޮޅާއި އަދި ހަވަރުތިނަދޫގެ އެ ޒަމާނާއި މި ޒަމާން ދެކިފައިވާ އެއްވެސްމީހަކަށް އިންކާރުކުރެވެން ނޯންނާނޭ ކަމެކެވެ. 

މަރުޙޫމް ޙަސަން ޙަބީބުގެ ބައްޕައަކީ ހަވަރުތިނަދޫ މެދުއަވަށު ދޮންމޫސާކަލޭގެ ދަރިކަލުން ރައްކަލާކަލޭގެ ދި އާމިނާފުޅާއި، ހުވަދުއަތޮޅު ހަވޮއްޑޭ ދޮންބެއްޔާ ކާވެނިކުރައްވައިގެން ލިބިލެއްވި އިސްމާޢީލް އެވެ. މަރުޙޫމް ޙަބީބުގެ މަންމައަކީ، ހުވަދުއަތޮޅު މާމެންދޫ ކޭވަނެބެޔާގެ އަޚު މާމެންދޫ އޮޅަފުތުބެއްޔާގެ ކަލޯބެ (ފަހުން ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާ) އާއި، ހަވަރުތިނަދޫ ކައްބޮއްލޭ ދޮންކަމަނަ އާއި، ދެ ކަނބަލުންގެ ކައިވެނީން ލިބިވަޑައިގަތް 8 ބޭފުޅުންގެ ތެރޭގައި ހިމެނޭ ޙައްވާ ނުވަތަ ޙައްވާ ދައިތަ އެވެ.

މަރުޙޫމް ޙަސަން ޙަބީބުގެ ބައްޕައަކީ ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރެއްވި މުއްސަނދި އަދި އެހާމެ ދީލަތި ބޭފުޅެއްކަމަށްވާ އަލްމަރުޙޫމް އިސްމާޢީލް ޙާޖީ އެވެ. އިސްމާޢީލްގެ ފަހަތަށް "ޙާޖީ" ކިޔަން ފެށުނީ އޭނާ ޙައްޖަށް ވަޑައިގަތް ފަހުންނެވެ. އެ ޒަމާނުގައި ދިވެހިރާއްޖެއިން މީހުން ޙައްޖަށްދިޔުމަކީ ވަރަށް އުދަނގޫކަމެކެވެ. އެ މީހެއްގެ ތަނަވަސްކަން އެހާ ބޮޑަށް ހުރުމުގެ އިތުރަށް ރަށުންފުރާތާ 7 މަސް، 8 މަސް ދުވަސްފަހުން ނޫނީ ޙައްޖުދަތުރު ނިންމާފައި އެނބުރި ރަށަށް ނާދެވޭވާހަކަ މިހާރު މީހަކު ބުނެފިނަމަ ގަބޫލެއް ވެސް ނުކުރެވޭނެ އެވެ. ނަމަވެސް އެއީ ތެދެކެވެ.

އިސްމާޢީލް ޙާޖީގެ މުއްސަނދިކަމާއި ދީލަތިކަމުގެ އެންމެޚާއްޞަ އެއް ދުވަހަކީ، ހަވަރުތިނަދޫގެ ރަށްވެހިކަމުގައި ރައްޔިތުންނުކުމެ ޝާރިޢު އަމީން(މިހާރު ހުކުރުމިސްކިތުގެ ކުރިމަތީ އޮންނަ ޣާޒީމަގު) މަގުގެ ދެކުނުން ހަވަރުތިނަދޫ ޗަސްބިމުގެ ކުޅިއާއި ޖެހެންދެން މަގުމަތީ ހެދިފައިވާ ގަސްތައް ކޮށައި، މަގު ސާފުކުރުމުގެ މަސައްކަތްކުރި ދުވަހެވެ. އެ ދުވަސް ޚާއްޞަވެގެން ދިޔައީ މަގުގެމަސައްކަތް ނިމުމުން، ޗަސްބިމުގެ ކުޅިންފެށިގެން ދެކުނަށް ކުޅިތެރެއިން ކަފެނާއި ދިމާލަށް ހަވަރުތިނަދޫގެ އަތިރިމައްޗަށް ދެވޭގޮތަށް ރަށުގެވަޑީން ދުނބުރިން ފާލަމެއްހަދަން ހަމަޖެހިފައިވާތީ އެވެ. 

މިއީ އަލްއަމީރު މުޙައްމަދު އަމީންގެ ޖުމްހޫރިއްޔާ ފެށުމުގެ ރަސްމިއްޔާތަށް ފަހު އެ ކިލެގެފާނު ހަވަރުތިނަދުއަށް ވަޑައިގަތުމަށް ހަމަޖެހޭ ގައުމީދުވަހަށްޓަކައި ޚާއްޞަކޮށް ކުރި މަސައްކަތެކެވެ. ތިނަދޫގެ މިހާރުގެ ޣާޒީމަގުގެ އެ މަސައްކަތްކުރުމަށް ނުކުތް ހުރިހާ ބަޔަކަށް ބެއްސެވުމަށްޓަކައި އޭރުގެ ދިވެހި 1 ރުފިޔާގެ ނޫޓް ފުނިވަރެއް މޭޒެއްގެމަތީ ބަހައްޓަވައިގެން އައިހާ ބަޔަކަށް، (ކެރޭމީހަކު އެއްފަހަރަށް ވުރެ ގިނަ ފަހަރަށް އަޔަސް) އެ މީހުންނަށް މަރުޙޫމް އިސްމާޢީލް ޙާޖީ، ރުފިޔާ ބައްސަވަމުން ގެންދެވިވާހަކަ ހަވަރުތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވާފައިވެ އެވެ. އެ ޒަމާނަށް ބަލާއިރު މިއީ ވަރަށް މުއްސަނދި މީހަކަށްނޫނީ ނުކުރެވޭނޭ ވަރުގެ ކަމެކެވެ.

ކުރިން ދެންނެވި ފާލަން ހެދި ނަމަވެސް ޢާއްމުކޮށް އެންމެނަށް ފާލަން ހުޅުވުމުގެ ކުރިން އަމީނީ ދައުރު ބަދަލުވުމުން އެ ދައުރުގައި ކުރި ބައެއް ކަންކަމަކީ، އިސްލާމުންނާއި ލާހިކުނޫން ކަންކަމަށް ބަޔަކުދެކިގެން، އެ ރީތި ފާލަން ވެސް ހަލާކުކޮށްލީ އެވެ. އަލްއަމީރު މުޙައްމަދު އަމީންގެ ވެރިކަމުގައި ރާއްޖޭގެ އެތަން މިތާނގައި ކުރެވިފައި ހުރި ތަރައްގީގެ ވަރަށްގިނަ ކަންކަން އެ ވެރިކަން ބަދަލުކުރި ބައެއް މީހުން ސުންނާފަތިކޮށްލި އެވެ. ހަވަރުތިނަދޫގެ މި ފާލަން ހަލާކުވެގެން ދިޔައީ ވެސް އެ ޒާތީ ޠޫފާންގަ އެވެ.

މަރުޙޫމް ޙަސަން ޙަބީބުގެ މޮޅު ހުނަރުވެރި ކަމެއްގެގޮތުން އޭނާގެ އަމިއްލަ ފޮޓޯ ސްޓޫޑިއޯގައި ހެއްދެވި ޑާރކްރޫމާއި އެންލާޖަރ ފާހަގަވެ އެވެ. އޭނާއަކީ، ހަވަރުތިނަދޫގައި ފުޅާ ދާއިރާއެއްގައި ޢާއްމުކޮށް ފޮޓޯ ނަންގަވައި ފޮޓޯ ސާފުކުރެއްވި ފުރަތަމަ ފަރާތެވެ. ފޮޓޯ ނެންގެވުމުގެ މަސައްކަތްކުރެއްވީ ސިލޯންގެ ޖަނަރަލް ފޮޓޯކޮމްޕެނީ ގައި ގާތްގަނޑަކަށް 6 އަހަރެއްހާދުވަހު އެ މަސައްކަތުގެ ހުނަރާއި ތަމްރީން ހޯއްދެވުމަށްފަހު އެވެ. އަދި މަރުޙޫމް ޙަބީބު ބޭރުން ގެންނެވި ސޮޑާ ތައްޔާރުކުރާ މެޝިނަކަށް ވެސް އޭގެ މަސައްކަތަށް ބޭނުންވާ އިތުރު ބަދަލުތަކެއް ފަހުން ގެންނެވި އެވެ. އެ ދުވަސްވަރު ހަވަރުތިނަދޫގައި ޓެނިސްކުޅޭތީ، ބޭރުގެ ރެކެޓާއި އެއް ފެންވަރަށް މަރުޙޫމް ޙަބީބު ރެކެޓް ވެސް ތައްޔާރުކުރެއްވި އެވެ. ބައެއް ރެކެޓް ހެއްދެވީ ކަނީރު ލަކުޑިންނެވެ. ބޭރުގެ ރެކެޓާއި ޙަބީބު ހެއްދެވި ރެކެޓަކީ ކޮބައިކަމެއް ބަލާމީހަކަށް ނޭނގޭ ފެންވަރަށް ވަރަށްމޮޅަށް އެ ކަން ކުރެއްވި އެވެ. އަދި ފައިން އަނބުރައިގެން މޫދުގައިދުއްވާ ޑިންގީއެއް ވެސް ތައްޔާރުކުރައްވައި އެ ޑިންގީ މޫދުގައި ދުއްވަވައި އުޅުއްވި އެވެ. އެ ކަމަށް ބޭނުންކުރެއްވި ގިނަ ސާމާނު ތައްޔާރުކުރެއްވީ ވެސް ޚޮދު އޭނާ އެވެ.

މާމެލާމެލީގެ އަރަގު ނަންގަވައިގެން އޭގެ ބޭނުންކުރައްވައިގެން އަތަރާއި ސެންޓާއި ތެލާއި ސައިބޯނި ހެއްދެވުމުގެ މަސައްކަތް ވެސް ކޮންމެވެސް ވަރަކަށް މަރުޙޫމް ޙަބީބު ކުރެއްވި އެވެ. އަދި މިތަކެތި އޭނާގެ ގާތް ބޭފުޅުންނަށް ދެއްވައި އެ ބޭފުޅުން އޭގެ ބޭނުން ކުރެއްވި އެވެ. އެ ދުވަސްވަރު ހަވަރުތިނަދޫގައި ކިޔަވައިދެމުން ގެންދިޔަ މަދަރުސާގެ ޢިމާރާތަށް ޒަމާނީ ބައެއްބަދަލު ގެނެސް، "މަދަރުސަތުލް އަމީރު އިބްރާހީމް"ގެ ނަމުގައި އެ ތަން ހުޅުއްވައިދެއްވުމަށް އެ ދުވަސްވަރުގެ ބޮޑުވަޒީރު ޞާޙިބުއްދައުލާ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވަޑައިގަތުމުގެ ރަސްމިއްޔާތަށް ވެސް މަރުޙޫމް ޙަބީބުގެ ހުނަރުވެރިކަމުގެ ތެރެއިން ބައެއް ކަންކަން ކުރެވުނެވެ. 

އެ ފަހަރު ސީލިންގ ފަންކާ ހައްދަވައި އޭސީ ނުވަތަ ޑީސީ ފަދަ އެއްވެސް ކަރަންޓެއް ނެތި މަދަރުސާ ހުޅުވުމުގެ ޖަލްސާގައި ފަންކާ ބޭނުންކުރުމާއި މަދަރުސާ ގޯތިތެރޭގެ ބަގީޗާ ބުރުގައި ހެދި ފެންއަރުވާ ވަޑާމަކީ ވެސް މަރުޙޫމް ޙަބީބުގެ މޮޅު ހުނަރުވެރިކަމުގެ ތެރެއިން ފާހަގަކުރެވޭ ކަމެކެވެ. އަދި އެ ދުވަސްވަރު މަދަރުސަތުލް އަމީރު އިބްރާހީމްގެ އަހަރީ އިނާމުދިނުމުގެ ޖަލްސާތަކުގައި އެންމެމަތީ މާރކްސް ހޯދައިގެން 1 ވަނަ ހޯދާ ދަރިވަރަކަށް ވަރަށް ޚާއްޞަ ތައްޓެއް ވެސް މަރުޙޫމް ޙަބީބު ތައްޔާރު ކުރެއްވި އެވެ. އެކި ކުލައިގެ ހެދި މާތަކާއި ކުލަކުލައިގެ ޖަރީތަކުން ތައްޔާރުކޮށްފައިވާ މިޝީލްޑް އެ ދަރިވަރަކަށް ދެވެންދެން އޭގެ މަތީބައި އެނބުރި އެނބުރި ހުރެ އެވެ.

ހަވަރުތިނަދޫގެ އުތުރާއި ދެކުނު އަވަށުން ތަޢުލީމީގޮތުން އެ އަހަރެއްގައި ވާދަކޮށް ގިނަ މާރކްސް ހޯދައިގެން 1 ވަނައަށް ދާ މަކުތަބަކަށް ވެސް މިކަހަލަ އެހެން ޝީލްޑެއް މަރުޙޫމް ޙަބީބު ހުށަހެޅުއްވި އެވެ. މި ޝީލްޑް ނުވަތަ ތަށި ފުރަތަމަ ގެންދިޔައީ ހަވަރުތިނަދޫ ދެކުނު އަވަށު ރައްޔިތުންގެ "މަކުތަބުއް ސަޢާދާ" އެވެ. އަހަރީ އިނާމުދިނުމުގެ ޖަލްސާގައި ތައްޓާއި ޙަވާލުވެވަޑައިގަތީ އެ މަކުތަބުގެ ނާޡިރު އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ޢަލީ (ފަހުން ތިނަދޫ އަލިވާގޭ މުޙައްމަދު ޢަލީ) އެވެ. 

މަރުޙޫމް ޙަސަން ޙަބީބަކީ އެ ދުވަސްވަރު ރާއްޖޭގައި ކޮށް އުޅުނު އަތްތެރިމަސައްކަތުގެ ހުރިހާ ފަންނެއްގައި ވަރަށް ކުރީގައި ހުންނެވި ބޭފުޅެކެވެ. އޭނާގެ ކޮއްކޮ އަލްފާޟިލާ އަލްމަރުޙޫމާ ޚަދީޖާ އިސްމާޢީލް (ކަތްދާމަނިކެ) އަކީ ވެސް އެ ޒަމާނުގެ އަންހެނުން ކޮށް އުޅުނު ހުރިހާ މަސައްކަތެއް ރަނގަޅަށް ދެނެވަޑައިގެން އެ ކަން ކުރެއްވި ބޭފުޅެކެވެ. މި ބޭފުޅުންގެ ސިކުނޑިފުޅުގެ ތަނަވަސްކަމާ އެކު އެ ކަންކަމަށް އެންމެބޮޑަށް ފަސޭހަފުޅު ކަމަކަށްވީ އެ ބޭފުޅުންގެ މުއްސަނދިކަމެވެ. ބޭރު ދަތުރުކުރާ 2 އޮޑިޔާއި އެތައް މަސްދޯންޏަކާއި އެކި ވަރުގެ ކުދި ދޯންޏާއި ފަޅުރަށްރަށާއި އެ ޢާއިލާގައި ގެންގުޅުއްވި އެވެ. އަދި ގޭގައި ވިޔަފާރި ވެސް ކުރެއްވި އެވެ.

އަޅުގަނޑުގެ އުމުރުން 9 އަހަރަށްވުރެ ވެސް ހަގުއިރު އެންމެ ހަނދާންހުންނަ ކަމެއްގެ ގޮތުން މަރުޙޫމް ޙަބީބު ކުރެއްވި އެއް ކަމެއް މިހާރު ވެސް ހަނދާނުން ނުފިލައި އެބަ ހުރެ އެވެ. އެ ކަމަކީ، މަރުޙޫމް ހަބީބުގެ ބަހާރުގެ (މިހާރު ތިނަދޫ ވެސްޓްލައިޓް) އިން ގްރަމޯފޯނުން (އަތުން ޗާބީ ދީގެން ލަވަޖަހާ ލަވަފޮއްޓެއްގެ ހޮޅިން) ލަވަ ޖެހީމާ، އެ ފޮށީގެ ފަރސްޓް ސައުންޑް ބޮކްސް (ތަލިން) ގުޅާލެވިފައިވާ ބަރަނި ރޮއްޖަކުން ކުރީގެ ޖަނަވަރީގެ (މިހާރު ހިތިގަސްދޮށުގޭ) އިރުމަތީ ދޮރޯއްޓާއި ހިސާބުގައި އެހާ ދުރުގައި ހަދާފައިހުރި ކެންޓީނެއްގައި ހަރުކޮށްފައި ހުރި ތާޅަފިއްޔަކުން ލަވަ އަޑު އިވޭކަމެވެ. އެއްވެސް ބާވަތެއްގެ ކަރަންޓެއް ނެތި އެވެ. މިއީ މިހާރު މިސްކިތްތަކުގެ ބަންގީގެ އަޑު ދުރަށް އިއްވަން އެ ހުންނަ ތާޅަފިލިގޮތަށް އޭގެބޭރު ޓިނުން ހަދާފައިވާ އެއްޗެކެވެ. އެ ދުވަސްވަރުގެ ބައެއް ކުދީންނަށް އެ ކަން ރަނގަޅަށް ކަމުދާކަމަށްވަނީ ބަހާރުގެއިން ޙަބީބުގެ ދަރިކަނބަލުން އަލްފާޟިލާ ޙަބީބާ ޙަސަން ޙަބީބު ލަވައެއް ޖެއްސެވީމާ އެ އަޑުއަހަން އެ ތާނގައި ތިބެފައި، އެއްކަލަ ކެންޓީނުން ވެސް އިވެނީ ހަމަ އެ ލަވަތޯ ޔަގީންކުރުމަށް ބާރަށްދުވެފައި ކެންޓީނާ ހިސާބަށް ދާންޖެހޭތީ އެވެ.އެއްކަމެކެވެ. އެ ދުވަސްވަރު ހަވަރުތިނަދޫ އޯކިޑްމާގޭ އަލްފާޟިލް އަލްމަރުޙޫމް އިބްރާހީމް ޝިހާބު މޮޓޯ ސައިކަލެއް ގެންނެވި އެވެ. މިއީ ހަވަރުތިނަދޫއަށް އެންމެފުރަތަމަ ގެނައި މޮޓޯ ސައިކަލެވެ. ބީ.އެސް.އޭ ސައިކަލެކެވެ. މި ސައިކަލު މަގުމަތިން ދުއްވާފައި ދިޔައީމާ އެ ސައިކަލް ދުވެފައި ދިޔަ ރޮނގުގައި ބިންމަތީގައި ބައެއް ކުދިން ޕެޓްރޯލުގެ ވަސްބަލައި އުޅެ އެވެ. އޭގެ ޙަގީގަތެއް ނޭނގޭތީ އެވެ. ބައެއް ކުދިން ބުނެއުޅުނީ އެ ވަސް ހުންނަނީ ސައިކަލް ދުވެފައި ދިޔަ ރޮނގައި ކަމަށެވެ. އެ ޙަގީގަތް އެނގުނީ މާ ފަހުންނެވެ. އެ ވަހެއް އެ ހުންނަނީ ސައިކަލް ދުވެފައި ދިޔަ ރޮނގުގައި ނޫންކަމާއި ދުވެފައި ދިޔަ ލައިނުގައި ނުވަތަ މަގުގައި ކަމެވެ.

އެ ދުވަސްވަރުގެ ހަވަރުތިނަދޫގެ ކުދީން މިކަންކުރުމަކީ ޙައިރާންވާންޖެހޭ ވަރުގެ ކަމެއްނޫންތާ އެވެ. އެހެނީ އެ ދުވަސްވަރު މާލޭގައި ކީރިތި މަހާރަދުންގެ ކާރުކޮޅު މަގުމަތިން ދުއްވާފައި ދިޔައީމާ ކާރުގެ ފޮރުޅޮ ފާހަގަވާ ރޮނގުގައި ވަސްބަލާ ކުދިން ވެސް އުޅޭވިއްޔާ އެވެ. އޭގެ ބައެއް ކުދިންނަކީ ބޮޑުވެ ފަހުން ވަޒީރުކަން ކުރެއްވި ބޭފުޅުންކަމަށް ވެސް ބުނާތީ އަހަމެވެ.

މި ލިޔުން ނިންމާލުމުގެ ކުރީގައި، މި ލިޔުމަށް ބޭނުންވާ ބައެއް މަޢުލޫމާތުދެއްވި  ބޭފުޅުންނަށް ޝުކުރު ދެންނެވުމަކީ އުފަލެއްކަމަށް ދެކެމެވެ. ތިނަދޫ ގަހާކޯޅި އަލްފާޟިލް އަބުދުލް މުޙުސިން މޫސާ އާއި ތިނަދޫ ހަލަވެލި އަލްފާޟިލާ އާމިނަތު ފާއިޒާ އާއި މަޑަވެލީ ޒޫރިޔާގޭ އަލްފާޟިލް ޢަލީ ނަޞީރާއި އަދި ތިނަދޫ އާރު އަލްފާޟިލާ ރަޝީދާ އިބްރާހީމް އަށެވެ. މި ބޭފުޅުންގެ އެހީތެރިކަން މި ލިޔުމަށް ނުލިބުނުނަމަ މިހާވަރަށް ވެސް ލިޔުން ފުރިހަމަ ނުކުރެވޭނެތީ އެވެ. 

މި ލިޔުމަށް ބޭނުންވާނޭ މިއަށްވުރެ އިތުރު މަޢުލޫމާތުކޮޅެއް ލިބޭތޯ މަރުޙޫމް ޙަސަން ޙަބީބުގެ ދަރިކަނބަލުން އަލްފާޟިލާ ޙަބީބާ ހަސަން ހަބީބާއި ފޯނުން ގުޅޭތޯ އަޅުގަނޑާއި ރަޝީދާ އިބްރާހީމާއި ދެ މީހުން ކުރި މަސައްކަތް މި ލިޔުން ޢާއްމުކޮށް އެންމެނަށް ބަލާލެވޭ ހިސާބަށް ދިޔައިރު ވެސް ކާމިޔާބެއް ނުވިކަމީ ލިޔުމަށް ލިބުނު ވަރަށްބޮޑު އުނިކަމެއް ކަމަށް ދެކެމެވެ. 
                                -----------------
ޢަބުދުﷲ ޙިލްމީ
25/12/2012