މާލޭގެ 6 ވަރަށް ތަކެތި ގެންދިޔުން ހުއްޓައިލުން















ހުވަދުއަތޮޅު ތިނަދޫއިން ކޮންމެ އަހަރަކު އެއްފަހަރު މާލޭގެ 6 ވަރަށް ގެންދަންޖެހުނު ތަކެއްޗެއް ގެންދަން ޖެހުނީ ޣާޒީ ރަދުންގެ ދުވަސްވަރު އެރަށުގައި ހިނގިކަމެއް ހިނގުމަށްފަހުއެވެ. އޭގެފަހުން ގާތްގަނޑަކަށް 360 އަހަރުވަންދެން އެރަށުގެ ރައްޔިތުން ތިބީ މާލޭގެ "6 ވަރުގެ" ފުރިހަމަބާރާއި ކޮންޓްރޯލްގެ އަޅުވެތިކަމެއްގައެވެ. މިއަޅުވެތިކަން ފެށުނުފަހުން އެރަށުގެ ނަމުގެ ކުރިއަށް ބައެއްފަހަރު ވިޔަސް "6 ވަރު" ނުވަތަ "ހަވަރު" ކިޔަމުން ގޮސްފައިވާކަން އިތުބާރުހުރި ލިޔުންތަކުން އެނގެއެވެ.

ތިނަދޫގެ ނަމުގެ ކުރިއަށް ބައެއްފަހަރު ވިޔަސް "6 ވަރު" ނުވަތަ "ހަވަރު" ކިޔަން ދިމާވީ، ރާއްޖެއިން ބޭރުގެ ކަނޑުފޭރޭ މީހުންގެ ކިބައިން އެރަށު މީހުންނާއި އެމީހުންގެ މުދައު ސަލާމަތްނުކުރެވިގެން ރަށުގެ ރައްޔިތުން އެދިގެން ދިވެހި ރަސްކަމުގެ (ޢަސްކަރީ- 6 ވަރުގެ) ޙިމާޔަތް ހޯދުމުގެ ސަބަބުންކަމަށް ބައެއް ފަރާތްތަކަށް ހީކުރެވެއެވެ. އަދި އެ "6 ވަރު" ނުވަތަ "ހަވަރު" ތިނަދޫގެ ނަމުގެކުރިއަށް އައިސްފައިވަނީ ޣާޒީ ރަދުން އެރަށަށް ދެއްވި ފަޚުރުވެރި ރީތި ނަމެއްގެގޮތުން ކަމަށްވެސް ބައެއް ފަރާތްތަކަށް ހީކުރެވެއެވެ. ނަމަވެސް މިއީ ކުށް ހީތަކެކެވެ.

އެހެނީ، ބޭރުގެ ކަނޑުފޭރޭ މީހުންގެ ނުބައިކަމުން ދިވެހި ރައްޔިތުންގެ ބަޔެއްގެ ޖާނާއި މާލު ސަލާމަތްނުވެގެން އެބަޔެއްގެ މަތީވެރިންގެ ޙިމާޔަތް ހޯދަން އެބަޔަކު އެދި އެޙިމާޔަތް ލިބުމަކީ، އެބަޔެއްގެ މަތީވެރިންގެ އަޅުވެތިކަމުގައި އެބަޔަކު ބައިތިއްބާނޭ ކަމެއްކަމަށް ސަލާމަތްބުއްދި ގަބޫލު ނުކުރެއެވެ. މިހެންމެ ޣާޒީ ރަދުން ދެއްވާ ފަޚުރުވެރި ރީތި ނަމެއްގެގޮތުން ހަމައެކަނި ހުވަދުއަތޮޅު ތިނަދޫގެ ނަމުގެ ކުރިއަށް އެރަދުންގެ ލަޝްކަރުގެ ނަން "6 ވަރު" ނުވަތަ "ހަވަރު" ގެންނަވާނޭކަމަށް ވެސް ސަލާމަތްބުއްދި ގަބޫލު ނުކުރެއެވެ. އެހެނެއްނޫނެވެ. ހުވަދުއަތޮޅު ތިނަދޫގެ ނަމުގެ ކުރިއަށް ބައެއްފަހަރު ވިޔަސް "6 ވަރު" ނުވަތަ "ހަވަރު" ކިޔަމުން ގޮސްފައިވަނީ ޣާޒީ ރަދުންގެ ރަސްކަމުގެ ދުވަސްވަރު އެރަށުގައި ހިނގިކަމެއް ހިނގުމަށްފަހު ކަމަށް ހީކުރެވޭނަމަ ނޫނީ ގަބޫލުކުރެވޭނަމަ އެއީ ސަލާމަތްބުއްދިއަށް ގަބޫލުނުކުރެވޭނޭ ކަމަކަށް ނުވާނެއެވެ.

މިދެންނެވިގޮތަށް ހުވަދުއަތޮޅު ތިނަދޫގައި ހިނގިކަމެއް ހިނގުމަށްފަހު، ގާތްގަނޑަކަށް 360 އަހަރުވަންދެން އެރަށުގެ ރައްޔިތުން ތިބީ މާލޭގެ "6 ވަރުގެ" ފުރިހަމަބާރާއި ކޮންޓްރޯލްގެ އަޅުވެތިކަމެއްގައެވެ.

މިހެންދެންނެވީ، އެދުވަސްވަރެއްގައި މާލޭގައި ހުންނެވި ރަސްކަލަކާއި އެރަދުންގެ ލަޝްކަރު(6 ވަރު)ގެ ވެރިން އެއަށް ހައްދަވާނޭގޮތެއް ހެއްދެވުމަށްޓަކައި 300 ބޮޑުވައްޓޭ ބޯޑި (ބޮޑުފަތަފޮޅި)އާއި، 1200  ކުދެވަޓި ނުވަތަ ވެށުމާއި، މަރުވާމީހުންގެ ސަންދޯކުގެތެރޭ އެޅުމަށް ތިނަދޫމީހުން ވިޔާ ކާޑެއްދޫ ކުނާ(ދެފަލުކުނާ) ކިޔާ އެއްވެސް ރޮނގެއް ނުހުންނަ ފޭރާންދެރަ ކުނަލުގެ 1200 ކުނަލާއި، ރަށުގެ ކޮންމެ ގެއަކުން ހުޅެވި ކުނަލަކާއި، ރަސްގެފާނުގެ ޖަލިޔާކޮޅަށާއި ގަނޑުވަރުތެރޭގެ ކަންކަމަށް ބޭނުންކުރާނޭ ވަކަވާ(ވާނާވަލެ) 8 ވަލާއި، މާލޭ ކަނޑިއްމާގެ ބައްތިދިއްލަން ބައްތިކައިރިއަށް ދިއުމަށްޓަކައި "ހަވަރުފޮޅެޔާ" ނުވަތަ ގޮއިވެރިގޭ ފޮޅެޔާ"އޭ ތިނަދޫމީހުން ކިޔާކަހަލަ ބޮއްކުރައަކާއި، ރަށުގެ 15 އަހަރު ފުރިފައިވާ ކޮންމެ މީހެއްގެ އަތުން ބައިކޮޢްޓޭ ބޮއްޔާއި، މިހުރިހާ އެއްޗެއް ހަމައަށް ބަރާބަރަށް ކެނޑިނޭޅި ކޮންމެ އަހަރަކު އެއްފަހަރު ދިވެހިރައްޔިތުންގެ ބަޔަކު މާލޭގެ 6 ވަރަށް (ރަސްގެފާނުގެ ލަޝްކަރަށް) މާލެއަށް ފޮނުވަންޖެހުމުގެ އިތުރަށް މިތަކެތި މާލޭގެ 6 ވަރަށް ގެންދާ ގޮއިއޮޑީގައި ލުމަށްޓަކައި ތިނަދޫގެ ރައްޔިތުން 25 އަޑުބާ ކާށިތެޔޮ ދޭންޖެހިފައި އޮތުން ހިމެނިގެންދަނީ އަޅުވެތިކަމަކަށްވާތީއެވެ.

އެދުވަސްވަރު ކޮންމެ އަހަރަކު އެއްފަހަރު ތިނަދޫގެ ރައްޔިތުން މާލޭގެ 6 ވަރަށް ނުވަތަ ރަސްގެފާނުގެ ލަޝްކަރަށް ގެންދަންޖެހޭ (އަޅުވެތިކަމުގެ ތަކެތީގެ) ކަން ހިނގާ ގޮތާއި ގުޅިގެން (ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީއާއި އެނޫންވެސް ބައެއް ފަރާތްތަކުގެ މަޢުލޫމާތަށް ބިނާކޮށް) "ކުރީގެ ހުވަދޫއަތޮޅު" މިފޮތުގައި ބައެއްވާހަކަ ލިޔެފައިވެއެވެ.

"ކޮންމެ އަހަރަކު ބަދުރުވާ މޫސުމުގައި (ފުރަބަދުރުވަ ފެށުނީއްސުރެ ފަސްބަދުރުވާގެ ނިޔަލަށް) ހަވަރުތިނަދޫ ގޮއިއޮޑި ހަވަރަށް މާލެ ގެންދަން ހަމަޖެހިފައިވާ ތަކެތި ހިފައިގެން މާލެދާން ފުރާނެއެވެ. ގޮއިއޮޑި މާލެދާން ފުރުމުގެކުރިން އެމޫސުމުގައި ހަވަރުތިނަދޫން އެހެން އޮޑިއެއް ފުރުން މަނާވާނެއެވެ. އެހެން އޮޑިފަހަރަށް މާލެދާން ފުރޭނީ ގޮއިއޮޑި ފުރުމަށްފަހުގައެވެ.

ހަވަރަށް ގެންދާ ތަކެތި ހިފައިގެން ހަވަރުތިނަދޫ ގޮއިއޮޑި މާލޭ ކަނޑިންމައިން ވަނުމާއެކު އޮޑީގެ ކުނބަށް ރަތް ދިދައެއް ނަގާނެއެވެ. އޮޑި ކަނޑިންމައިން ވަނުމަށްފަހު ހަވަރަށް ތަކެތި ބަހާ ނިމެންދެން އޮޑީގެ ފަޅުވެރިންނަށް ގަނޑުވަރުން ކޮއްތު ދެއްވައެވެ. އެއީ ކޮންމެ ދުވަހަކު ބޮޑު ބަދިގެއިން އޮޑިއަށް އަރުވާ ކޭމެކެވެ. ހަވަރަށް ބަހާ ނިމުމުން މިކޭން ކެނޑިދެއެވެ. އަދި އޮޑީގައި ނަގާފައިހުންނަ ދިދަ ވެސް ތިރިކުރެއެވެ. ހަވަރަށް ބައްސަވާ ދުވަހު ގުޅަކުޅޭ ފަސްގަނޑުގައި ބޭރު ބޮޑުއަށި ކައިރި ރިޔާ ދަމައި މެދުރި ކުނާއަޅައި އޭގެ މައްޗަށް އޮޑިން ގެނައި ތަކެތި ބާލައެވެ.

މިކަންކުރާ ދުވަހު ނާބުސްޚާނުން ހަވަރަށް ބެރުޖަހައި ހަވަރު އެއްކުރެ އެވެ. މިދުވަހު ހަވަރަށް މިތަކެތި ބަހާތަނަށް ގޮއިވެރިޔާ (ހަވަރުތިނަދޫގެ ގޮއިވެރިޔާ) ދުރުވެ ހުންނަވާނެ އެވެ. އޭނާ ހުންނަވާނީ ފޭލި އަނދެ ނިހާލި ބަނދެ ހުދު ލިބާސް ލައިގެންނެވެ. ބޮލުގައި އޮންނާނީ ހާސްގަނޑުފޮތީ ތާކިހަލެކެވެ. އަދި ހުންނަވާނީ ބޮޑު ބޭކަލެއްގެ އަސާ ހިއްޕަވައިގެންނެވެ. ބެހުމަށްޓަކައި ގޮއި އޮޑިން ބާލާފައިހުންނަ ތަކެތީގެ މާރުތައް ކޮށާލައްވައި އެ މަސައްކަތް ފައްޓަވާދެއްވާނީ ވެސް ގޮއިވެރިޔާއެވެ.

މިގޮތަށް މި ބެހުމުގެ ކަންތައް ހިގަމުންދާއިރު ގުޅަކުޅޭ ފަސްގަނޑަށް ހަވަރުގެ މީހުންނޫން މީހަކު ވަދެއްޖެނަމަ ދުރޯ ދޭން ޖެހެ އެވެ. ނަމަވެސް ހަވަރުތިނަދޫ މީހުން އެދުވަހުގެ ފަސްގަނޑަށް ވަދެއުޅުން އޮންނަނީ ހުއްދަވެފައެވެ. ދެން މިގޮތަށް ހަވަރަށް ހަވަރަށް ބަހާ ނިމުމުން އެއަހަރު ހަވަރުތިނަދޫ ގޮއިވެރިޔާގެ މާލެ ދަތުރު ނިމުނީއެވެ. ނަމަވެސް މާލެއިން އޭނާ ފުރުއްވާނީ ކުރިއަށްއޮތް އަހަރުގެ ހަވަރުތިންދޫގެ ވާރު(ގޮއިވެރި) ފަތް ހިއްޕަވައިގެންނެވެ."

ތިނަދޫއަކީ 6 ވަރުގެ އަޅުވެތި، 6 ވަރުގެ ބެއްލެވުމުގެ ދަށުގައި އޮތް، އަދި 6 ވަރު ނިސްބަތްވާ ބޮޑުބޭކަލަކު ހުންނަވާ ރަށަކަށްވުމުން 6 ވަރަށް އިޙުތިރާމްކުރުމުގެ ގޮތުން ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ޚާއްޞަ ކަންތައްތަކެއް އެދުވަސްވަރު އެރަށަށް ހަމަޖެހުނެވެ. އޭގެތެރޭ އައްޑޫ މުލަކުގެ އޮޑިފަހަރު މާލެއާއި ކޮޅުނބަށް ދިޔުމަށްޓަކައި ހުވަދުއަތޮޅުގެ ކާޑެއްދޫ ކަނޑުން އެތެރެވަރިއަށް ވަނުމާއެކު، އޮޑީގެ މައިރިޔާ ނޫން ހުރިހާ ރިޔާ ތިރިކުރަން ޖެހުމާއި، ތިނަދޫގެ ވެރިޔަކަށް މީހަކު ވަގަށް ގޮވައިފިނަމަ އޭނާގެ އަތުން ދުރޯ ނެގުމުގެ އިތުރަށް 6 ވަރަށް ވެސް ދުރޯ ނެގުމާއި އަދި ތިނަދޫގެ މީހުންނޫން މީހުން ތިނަދޫގައި ހުދުލިބާސް ލައިގެން އުޅުމާއި އަދި މަކަނަށް ފޮށާލައިގެން އުޅުމަކީ މަނާކަމެކެވެ.

މީގެ އިތުރަށް ރާއްޖޭގެ ރަށްރަށުގެ މީހުންނަށް ޖެހޭ ބަންޑާރަ މަސައްކަތް ތިނަދޫގެ މީހުންނަށް ނުޖެހުންވެސް ހިމެނެއެވެ. މިކަން ސުލްޠާން މުޙައްމަދު ޢިމާދުއްދީން(4) ގެ ދުވަސްވަރުން ފެށިގެން ސުލްޠާން މުޙައްމަދު ޝަމްސުއްދީން ގެ ދުވަސްވަރާ ހަމައަށް އޮތެވެ.

23 ޖެނުއަރީ 1799މ. އިން ފެށިގެން 37 އަހަރާއި 1 މަހާ 4 ދުވަހު ދިވެހި ރަސްކަންކުރެއްވި ސުލްޠާން މުޙައްމަދު މުޢީނުއްދީން(1) ގެ ރަސްކަމުގައި އެ ރަދުން، 6 ވަރު ނިސްބަތްވާ ބޮޑުބޭކަލަކު ތިނަދޫގައި ބެހެއްޓެވުމުގެ ބަދަލުގައި އޭނާ މާލޭގައި ބަހައްޓަވައި އޭނާގެ އެންގެވުމާއި އެއްގޮތަށް ތިނަދޫގެ ކަންކަން ގެންގޮސް އަދި އެރަށު ރައްޔިތުންގެ އަތުން އަތުލައި  މާލެފޮނުވަންޖެހޭ ތަކެތި ފޮނުވުމަށްޓަކައި "ގޮއިވެރިޔާ"ގެ ނަމުގައި ހުންނަ މީހަކު ތިނަދޫގައި ބަހައްޓާގޮތަށް ނިންމަވަންދެން ތިނަދޫގައި ބޮޑު ބޭކަލަކު ހުންނަވާގޮތަށް ހަމަޖެހިފައި އޮތެވެ.

ސުލްޠާން މުޢީނުއްދީން(1)ގެ ރަސްކަމުގައި ތިނަދޫއަށް ހަމަޖެއްސެވި ތިނަދޫ ގޮއިވެރިޔާއަކީ މާލޭގެ 6 ވަރު ރަމްޒުކޮށްދޭ ފަރާތަކަށްވީމާ އޭނާއަކީ އެއަތޮޅުގެ ވާރުވެރިޔާ(އަތޮޅުވެރިޔާ)އަށް ވުރެ ތިނަދޫގެ ކަންކަމުގައި ބާރުގަދަ މީހެކެވެ. އެދުވަސްވަރު ސަރުކާރުން(ބަނޑޭރިގެއިން) އެއަތޮޅުގެ ވާރުވެރިޔާ(އަތޮޅުވެރިޔާ)އަށް އަންގަވާ ކޮންމެ މުހިއްމު އެންގެވުމެއްގެ ކޮޕީވެސް ތިނަދޫ ގޮއިވެރިޔާއަށް ފޮނުއްވާގޮތަށް ހަމަޖެހިފައި އޮވެއެވެ.

ތިނަދޫ ގޮއިވެރިޔާގެ މަސްއޫލިއްޔަތަކީ ތިނަދޫގެ ކަންކަމަށް އިސްކުރައްވައި މާލޭގައި ހުންނަވާ "6 ވަރު" ނިސްބަތްވާ ބޮޑު ބޭކަލެއްގެ އެންގެވުމާއި އެއްގޮތަށް ތިނަދޫގެ ކަންކަން ގެންދިޔުމެވެ. މީގެތެރޭ ތިނަދޫގައި "6 ވަރު" ކުރި މަސައްކަތަށްޓަކައި "6 ވަރަށް" ދެއްވާފައިވާ ކޫއްޑުއާއި ކާޑެއްދުއާއި ތިނަދޫގެ ދަނޑުކޮޅާއި މެދުރުއްގަނޑާއި ބަރާސީލާއި ތިނަދޫ މާފުއްޓާއި މިތަންތާނގައި ތިނަދޫ ރައްޔިތުންލައްވައި މަސައްކަތްކުރުވައިގެން އެއިން ލިބޭ ނަފާ މާލޭ "6 ވަރަށް" ފޮނުވުމުގެ އިތުރަށް ކޮންމެ އަހަރަކު އެއްފަހަރު ތިނަދޫގެ ރައްޔިތުންގެ އަތުން އަތުލައި މާލޭގެ "6 ވަރަށް" ފޮނުވަންޖެހޭ ތަކެތި ބަރާބަރަށް ފޮނުވުންވެސް ހިމެނެއެވެ. މިގޮއިވެރިޔާގެ އުޖޫރައަކީ ރަތަފަންދޫ ކަންނިގިލިކޮޅެވެ.

ތިނަދޫގެ ރައްޔިތުންގެ އަޅުވެތިކަން މިހިސާބަށް އޮތްއިރު އޭގެއިތުރަށް މާލެއާއި ކޮޅުނބަށް ދަތުރުކުރާ އައްޑޫ މުލަކުގެ އޮޑިފަހަރުވެސް އެދުވަސްވަރު ހުވަދުއަތޮޅު ކާޑެއްދޫ ކަނޑުން އެތެރެވަރިއަށް ހަމަ ވަނުމާއެކު، މާލޭގެ 6 ވަރުގެ އަޅުވެތިކަމުގައި ތާށިވެއެވެ. އެއީ ކާޑެއްދޫ ކަނޑުން އެތެރެވަރިއަށް ވަނުމާއެކު އެއޮޑިއެއްގެ މައިރިޔާ ނޫން ހުރިހާ ރިޔާ ތިރިކުރަން މަޖުބޫރުވުމެވެ. މިއީވެސް ގާތްގަނޑަކަށް 226 އަހަރަށްވުރެ ގިނަދުވަހު ހިނގި ކަމެއްކަމަށް ބަލަންޖެހެއެވެ. (މިއީ 6 ވަރު ނިސްބަތްވާ ބޮޑު ބޭކަލަކު ތިނަދޫގައި ހުންނަވާގޮތަށް ހަމަޖެހިފައި އޮތް އަހަރުތަކެވެ. ނުވަތަ ޣާޒީ ރަދުންގެ ރަސްކަމުގެ ފެށުމާއި މުޢީނުއްދީން އައްވަލްގެ ރަސްކަމުގެ ފެށުމާ ދެމެދުގެ އަހަރުތަކެވެ.) 

ޣާޒީ ރަދުންގެ ދުވަސްވަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ހުވަދުއަތޮޅު ތިނަދޫ ރައްޔިތުންގެ އަތުން މާލޭގެ "6 ވަރަށް" ނަގަމުންދިޔަ ތަކެތި ނެގުން ހުއްޓުނީ 1959ވަނަ އަހަރު ސަރުކާރުން އެތަކެތި ނެންގެވުން ހުއްޓާލެއްވީމާ ކަމަށް "ކުރީގެ ހުވަދޫއަތޮޅު" މިފޮތުގައި ލިޔެފައިވެއެވެ. ނަމަވެސް އެއީ ލިޔުމުގެ އޮޅުމެއްކަމަށް ފެނެއެވެ. އެއީ ތިނަދޫ ރައްޔިތުންގެ އަތުން މާލޭގެ "6 ވަރަށް" ނަގަމުންދިޔަ ތަކެތި ނެގުން ހުއްޓުނީ ސުލްޠާން މުޙައްމަދު ޝަމްސުއްދީން(3)ގެ ރަސްކަމުގެ ދުވަސްވަރަށް ވުމުންނެވެ. 7 އޮކްޓޯބަރ 1934 (27 ޖުމާދިލް އާޚިރު1353) ގައި ޝަމްސުއްދީން(3) ރަސްކަމުން ޢަޒުލުކޮށްފިއެވެ. އަދި 1959މ. ވަނަ އަހަރު ހުންނެވި ރަސްކަލަކީ 7 މާރޗް 1954މ. އިން 11 ނޮވެމްބަރު 1968މ. އަށް ރަސްކަމުގައި ހުންނެވި ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލެވެ.

ހުވަދުއަތޮޅު ތިނަދޫ ރައްޔިތުންގެ އަތުން މާލޭގެ "6 ވަރަށް" ނަގަމުންދިޔަ ތަކެތި ނެގުން ހުއްޓުނީ 1959ވަނަ އަހަރު ކަމަށް "ކުރީގެ ހުވަދޫއަތޮޅު" މިފޮތުގައި ލިޔުއްވާފައި ވިޔަސް އެއީ ލިޔުމުގެ އޮޅުމެއްކަމުގެ އެންމެބޮޑު ހެއްކަކީ އެފޮތުގެ މުޞަންނިފު އަލްއުސްތާޛު ނތ. ޙަސަންދީދީ އަށް 26 ޖޫން 1958މ. ގައި ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ދެއްވިއިރުވެސް ތިނަދޫ ރައްޔިތުންގެ އަތުން މާލޭގެ "6 ވަރަށް" ނަގަމުންދިޔަ ތަކެތި ނެގުން ހުއްޓިފައި އޮތުމެވެ.

ތިނަދޫ ރައްޔިތުންގެ އަތުން މާލޭގެ "6 ވަރަށް" ނަގަމުންދިޔަ ތަކެތި ނެގުން ހުއްޓުނީ ސުލްޠާން މުޙައްމަދު ޝަމްސުއްދީން(3)ގެ ރަސްކަމުގެ ދެވަނަ ދުވަސްވަރުއެވެ. ޝަމްސުއްދީން(3) ރަދުން ދެފަހަރެއްގެ މަތިން 33 އަހަރު ރަސްކަން ކުރެއްވިއެވެ. ފުރަތަމަ ފަހަރު 3 މަސްވަންދެނެވެ. މިހެންވުމުން އެރަދުންގެ ދެވަނަފަހަރުގެ މުއްދަތަކީ 1903މ. އިން ފެށިގެން 32 އަހަރާއި 7 މަހެވެ.

އަޅުވެތިކަމުގެ ގޮތުން ތިނަދޫގެ ރައްޔިތުން މާލޭގެ 6 ވަރަށް ފޮނުވާ އެއްޗެއް ފޮނުވާތާ ގާތްގަނޑަކަށް 360 އަހަރުވީ ފަހުން (ޣާޒީ ރަދުންގެ ރަސްކަމުގެ ފެށުމާއި ޝަމްސުއްދީން(3) ރަދުންގެ ރަސްކަމުގެ ދެވަނަ ދުވަސްވަރުގެ ނިމުމާއި ދެމެދު) އެތަކެތި ފޮނުވުން ހުއްޓިގެންދިޔަ ސަބަބަކީ ކޮބައިތޯ، ނޫނީ އެތަކެތި މާލެއަށް ނުގެންނަވާގޮތަށް ޝަމްސުއްދީން ރަދުން ނިންމެވީ ކީއްވެތޯ މިކަމާމެދު ލިޔެފައިވާ އިތުބާރުކުރެވޭ އެއްވެސްލިޔުމެއް އަޅުގަނޑު ނުދެކެމެވެ. އަދި ތިނަދޫގެ ދުވަސްވީ ތަފާތު ވާހަކަތައް އެންމެގިނައިން ލިޔުއްވައިފައިވާ ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވައިފައިވާ އެފަދަ ލިޔުއްވުމެއްވެސް އަޅުގަނޑަށް ފެނިފައިނުވެއެވެ.    

ކޮންމެއަކަސް ތިނަދޫގެ ރައްޔިތުން މާލޭގެ 6 ވަރަށް ފޮނުވާ އެއްޗެއް އަހަރަކު އެއްފަހަރު ވިޔަސް ފޮނުވަންޖެހިފައި އޮތުމަކީ އަޅުވެތިކަމެއްގެ އިތުރަށް ރަށުގެ ގަދަރުހުރި ބޮޑުންނާއި ޢާއްމުންނަށްވެސް ބައެއްފަހަރަށް ކުރިމަތިވާ ނުހަނު ބޮޑު ހިތާމަވެރިކަމެކެވެ. އެއީ މާލޭގެ 6 ވަރަށް ތަކެތިގެންދާ ބައެއް އޮޑިފަހަރު ބެހިގެން ގޮސް ދަތިހާލުގައި ޖެހުމާއި ބައެއްފަހަރު މީހުންނާއި އޮޑިއަށްވީ ގޮތެއް ނޭނގުމާއި މީހުން މަރުވުމެވެ. ގިނަ އަހަރުތަކެއްވުމުން މިކަހަލަ ކަމެއްގެ ވާހަކަ އެނގެނީވެސް ދުވަސްވީ ލިޔުމަކުން އެކަމެއް އެނގޭނަމައެވެ.

ތިނަދޫގެ ރައްޔިތުން މާލޭގެ 6 ވަރަށް ފޮނުވާ އެއްޗަކާއި ޙަވާލުވެ މާލެދުރުވަން ޖެހެނީ (އެރަށުގައި ބޮޑު ބޭކަލުން ނުތިއްބަވާގޮތަށް ހަމަޖެއްސެވި ފަހުން) ތިނަދޫގެ ގޮއިވެރިއަކަށް އެހިނދަށް ހުންނެވި ފަރާތެކެވެ. މިމަގާމު ދެއްވަނީވެސް ގަދަރުވެރިންނަށާއި ރަށުގެ ވެރިންނަށެވެ. ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައި ތިނަދޫ މުދިމްބޭގެ ބައްޕަ މުޙައްމަދު ކަތީބުކަލޭގެފާނު(މުޙައްމަދު ކައްތިކަލަހާނު) ގޮއިވެރިއަކަށް ހުންނަވައި އޭނާގެ އަމިއްލަ އޮޑީގައި މާލޭގެ 6 ވަރަށް ތަކެތި ގެންދެވި ދަތުރެއްގައި މާލެއަށް ދަތުރުކުރަނިކޮށް އޮޑި ބެހިގެން ބަންގާޅުގެ ސެޓިގަމަށް ދެވި އެތާނގައި ނިޔައުވިއެވެ. މިހެންމެ ތިނަދޫ މުދިމްބޭގެ އަޚު ޢަލިކަތީބު ތަކުރުފާނު ތިނަދޫ ގޮއިވެރިއަކަށް ހުންނަވައިގެން މާލޭގެ 6 ވަރަށް ތަކެތި ގެންދެވި ދަތުރެއްގައި މާލެއިން ރަށަށް ދަތުރުކުރައްވަނިކޮށް ނިޔައުވެ ފަޅުރަށެއްކަމަށްވާ ކުރަލީގައި ވަޅުލަން ޖެހުނެވެ. ސެޓިގަމަކީ ބަންގާޅު(ބަނގުލަދޭޝް)ގެ ބަނދަރުމަތީ ރަށެއްކަމަށްވާ ޗިޓަގޮން އަށް ކުރިއްސުރެ ދިވެހިން ކިޔާ ނަމެކެވެ.

ތިނަދޫ ރައްޔިތުންގެ އަތުން މާލޭގެ "6 ވަރަށް" ނަގަމުންދިޔަ ތަކެތި ނެގުން ހުއްޓިގެން ދިޔަ އެއް ސަބަބަކީ އޭގެތެރޭ ހިމެނޭ ކާބޯތަކެތިކަމަށްވާ ބޮޑުވައްޓޭ ބޯޑި (ބޮޑުފަތަފޮޅި)އާއި ކުދެވަޓި ނުވަތަ ވެށުމުގެ އިތުރަށް ކާށިތެޔޮ ތައްޔާރުކުރާ މީހުންގެތެރޭ ޖުޒާމްބައްޔާއި ފައިފަލަ ބަލީގެ މީހުން އުޅުމަކީ ވެދާނެކަމެއް ކަމަށް ޝަމްސުއްދީން ރަދުންނަށް ވިސްނިވަޑައިގަތުން އެކަށީގެންވާކަމަށް ބެލެވޭ ކަމެއް މާލޭގެ ރަސްކަމުގެ ގަނޑުވަރުތެރޭ ހިނގިކަމަށް ތިނަދޫ ސްޓާރލިންގ އަލްމަރުޙޫމް އަޙުމަދު ޙިލްމީ އާއި ޙަވާލާދެއްވައި ތިނަދޫ މުޝްތަރީގޭ އަލްފާޟިލް މުޙައްމަދު ޝަރީފު މަޢުލޫމާތު ދެއްވިއެވެ.

"ޖުޒާމްބައްޔާއި ފައިފަލަ ބަލީގެ މީހުން ހުވަދުއަތޮޅުގައި އެންމެގިނަ ދުވަސްވަރަކީ ތިނަދޫ ރައްޔިތުން މާލޭގެ 6 ވަރަށް ތަކެތި ފޮނުވަމުންދިޔަ ދުވަސްވަރެވެ. ޝަމްސުއްދީން(3)ގެ ރަސްކަމުގެ ދުވަސްވަރު އެއްފަހަރަކު މިތަކެތި މާލެއަށް ގެންދެވީ ތިނަދޫ ކޭވަކުގޭ ގާސިމް ތަކުރުފާނެވެ. ގާސިމް ތަކުރުފާނަކީ އެދުވަސްވަރުގެ ޢިލްމީ ބޭކަލެކެވެ. ރަދުންނާއި ކިލެގެބޭކަލުންނާއި ވެސް ގާތްކަން އޮތެވެ.

އެދަތުރު 6 ވަރަށް ތަކެތި ބަހާ ނިމިގެން ގޮއިއޮޑި ފުރުމުގެކުރިން ރަދުންގެ ފައިންޕުޅު ދެކެން ގާސިމް ތަކުރުފާނު ގަނޑުވަރަށް ދުރުވި ވަގުތު ނުވަތަ އޭނާ ދުރުވުމުން ވިޔަސް ރަދުންނާއި ބައެއް ބޮޑުންގެ ސައިފޮދެއް ހިނގިއެވެ. މިސައިފޮދުގައި ތިނަދޫން ގެނެސްފައިވާ ބޮޑުވައްޓޭ ބޯޑި(ބޮޑުފަތަފޮޅި) ކުދެވަޓި ނުވަތަ ވެށުން ފަދަ ކާބޯތަކެތީގެ ބާވަތްތަކެއް ހުއްޓެވެ. 

މިއެއްޗެތި ފެނިލެއްވުމުން "މިއީ މަނިއްޕުޅުވެސް ބޭނުންފުޅުކުރައްވާ އެއްޗެއްތޯ" ގާސިމް ތަކުރުފާނު، ރަދުންނަށް ދަންނަވައިލިއެވެ.

ގާސިމް ތަކުރުފާނު، ރަދުންގެ އަރިހުގައި ދެންނެވި އެއްޗެއް ދެންނެވި ރާގާއި އެވަގުތު ގާސިމް ތަކުރުފާނުގެ މޫނުމަތިން ރަދުންނަށް ކުރެއްވުނު "ތަރުޖަމާ"އަކުން "ތިޔަހެން އެހީ ކީއްވެތޯ" ރަދުން ސުވާލުކުރައްވައިފިއެވެ.  

ގާސިމް ތަކުރުފާނު އެތަކެއްޗަށް އިޝާރާތްކުރައްވައި ރަދުންނަށް ދެންނެވިއެވެ. "މިއެއްޗިއްސެއް އަޅުގަނޑު ކައިބޮއި ނޫޅެމެވެ. އެއީ މިއެއްޗެހި ތައްޔާރުކުރުމާއި މިއެއްޗެހި ތައްޔާރުކުރުމުގެ ތެރޭ ބައެއްފަހަރު އުޅޭ މީހުންނާއި ކަން ހިނގާ ގޮތުންނެވެ."

ނަމަވެސް އެމީހުންނާއި އެކަންކަމަކީ ކޮބައިކަން އޭގެ ތަފްޞީލެއް ގާސިމް ތަކުރުފާނު ނުދަންނަވައެވެ. ނަމަވެސް އެދެންނެވުމުން ޝަމްސުއްދީން ރަދުންނަށް ވިސްނިވަޑައިގަތުން އެކަށީގެންވާ އެއްޗެއް އޮތްނަމަ އޮންނާނެއެވެ. ނެތްނަމަ ނޯންނާނެއެވެ.

ދިވެހި ބައެއް ރަސްކަލުންނަކީ އެތަކެއްޗެއްގެ ގޮތްބާވަތް އެނގިވަޑައިގެންފިނަމަ އެއްގޮތަކަށްވެސް އޭގެ ބޭނުންފުޅު ނުކުރައްވާ ބޭފުޅުންނެވެ.

ސުލްޠާން އިބްރާހީމް ކަލާފާނު ގެ ރަސްކަމުގައި 02 ޖުލައި 1602މ. ގައި މާޅޮސްމަޑުލު ގޮއިދޫ ފަރަށް އުރުނު ފަރަންސޭސި ނައު "ކޯރބިން" އިން ދަތުރުކުރި ސައްޔާޙެއްކަމަށްވާ ފްރެންކޮއިސް ޕިރާޑް ޑީ ލާވާލް އޭގެފަހުން 5 އަހަރެއްހާ ދުވަހު ރާއްޖޭގައި އުޅުމަށްފަހު ކަލާފާނު ޝަހީދުވުމުން ފަރަންސޭސި ވިލާތަށް ދިއުމަށްފަހު ރާއްޖޭގެ އެކި ކަންކަމާއިބެހޭ ގޮތުން ލިޔުއްވި ފޮތް މީރުބަޙުރުގޭ އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު އިސްމާޢީލްދީދީ ދިވެހިބަހަށް ތަރުޖަމާކުރެއްވިއެވެ. "މަލަސް" 55 ވަނަ ޢަދަދުގައިވާ މިތަރުޖަމާ "ޕިރާޑްގެ ގަލަމުން ދިވެހިރާއްޖެ" ޞ. 292 ގައި ލިޔެފައިވެއެވެ.

"އެއްދުވަހަކު އަހަރެން ރަސްގެފާނު އަރިހުގައި ވާހަކަ ދަންނަވަމުންގޮސް ކެހެރިފޮތީގައި ރަތްކުލަ ޖައްސަނީ ހަމައެކަނި މޭބިސްކަދުރުގެ ރާބޯމީހުންގެ ކުޑަ ހާޖުވެރިކަމުންނޭ ދެންނެވީމާ ވަރަށްބޮޑަށް ޙައިރާންފުޅުވުމާއެކު އޭނާ ތުރުކުރައްވާން ގެންގުޅުއްވާ ކަޅު ރަތްކުލައިގެ ތާކިހާކޮޅު އެއްލަވާލެއްވިއެވެ. އެއަށްފަހު ދުވަހަކުވެސް އެތާކިހާކޮޅެއް ނުތުރުކުރައްވައެވެ.

އަހަރެމެން އައި ނަވުން ގެނައި ތަކެތީގެތެރެއިން ބައެއް ބުރުހާއި އަދި ފިހިގަޑު ހަދާފައިވަނީ އޫރުގެ ކެހެރިންކަން ރަސްގެފާނަށް އެނގިވަޑައިގަތުމުން އެތަކެތި ބޭރަށް ނެރުއްވައި އަންދާލެއްވިއެވެ. ކުރީގައި އެތަކެތީން ބޭނުންފުޅުކުރައްވައި އަދި އަތްޕުޅުލައްވާ އުޅުއްވިކަމާއިހެދި ހިތާމައާއެކު ވަރަށް އުދަގޫފުޅުތައް އުފުއްލެވިއެވެ. އަދި ސީލްގެ ހަން ޖަހައިގެން ހަދާފައިހުރި ބައެއް ދަބަހާއި ފޮށިވެސް އޫރުހަމުން ހަދާފައިހުރި ތަކެތިކަމަށް ހީފުޅުކުރައްވައިގެން އަންދާން އުޅުއްވިއެވެ."

ނޯޓެއް:
ނިންމާލަމުންވެސް ދަންނަވަމެވެ. އަޅުވެތިކަމުގެ ގޮތުން ތިނަދޫގެ ރައްޔިތުން މާލޭގެ 6 ވަރަށް ފޮނުވާ އެއްޗެއް ފޮނުވާތާ ގާތްގަނޑަކަށް 360 އަހަރުވީ ފަހުން (ޣާޒީ ރަދުންގެ ރަސްކަމުގެ ފެށުމާއި ޝަމްސުއްދީން(3) ރަދުންގެ ރަސްކަމުގެ ދެވަނަ ދުވަސްވަރުގެ ނިމުމާއި ދެމެދު) އެތަކެތި ފޮނުވުން ހުއްޓިގެންދިޔައެވެ. އޭގެ ސަބަބަކީ ކޮބައިތޯ، ނޫނީ އެތަކެތި މާލެއަށް ނުގެންނަވާގޮތަށް ޝަމްސުއްދީން ރަދުން ނިންމެވީ ކީއްވެތޯ މިކަމާމެދު ލިޔެފައިވާ އިތުބާރުކުރެވޭ އެއްވެސްލިޔުމެއް އަޅުގަނޑު ނުދެކެމެވެ. އަދި ތިނަދޫގެ ދުވަސްވީ ތަފާތު ވާހަކަތައް އެންމެގިނައިން ލިޔުއްވައިފައިވާ ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވައިފައިވާ އެފަދަ ލިޔުއްވުމެއްވެސް އަޅުގަނޑަށް ފެނިފައިނުވެއެވެ.    
                     --------------

ޢަބުދުﷲ ޙިލްމީ
18 އޮކްޓޫބަރ 2015މ.

މަޢުލޫމާތުގެ ޙިއްޞާ:
ގދ. ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީގެ ލިޔުއްވުން
"ކުރީގެ ހުވަދޫއަތޮޅު" ފޮތް
މުޙައްމަދު ޝަރީފު މުޝްތަރީގެ/ ގދ. ތިނަދޫ
"ޕިރާޑްގެ ގަލަމުން ދިވެހިރާއްޖެ" ފޮތް