ޖަޒީރާގެ ބުއްދިވެރިޔާ















ކަނޑުމެދުގައިވާ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެއެއްގައި ވަރަށް އާދަޔާ ޚިލާފު ބަޔަކު އުޅުނެވެ. އެމީހުންގެ ސަގާފަތުގައި ވަރަށް ގިނަ އާދަޔާ ޚިލާފު ކަންތައްތައް ވެ އެވެ. އެމީހުންގެ އެންމެ ޢާއްމު ސިފައަކީ، މުޅަމަސް ކެއުމާއި، ވަގުތީ ފައިދާއަށް އިސްކަން ދިނުމެވެ. އޭގެ އިތުރުން، އެމީހުންގެ ރަސްގެފާނު ޢައްޔަންކުރަނީ ވެސް ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. ކޮންމެ އަހަރެއްގެ ފުރަތަމަ ދުވަހަކީ، އެމީހުން، އާ ރަސްކަލަކު ޢައްޔަންކުރާ ދުވަހެކެވެ.

ރަސްގެފާނުގެ ކިބައިގައި ހުންނަން ޖެހޭ މާގިނަ ޝަރުޠުތަކެއް އެމީހުންނަކު ކަނޑައެއްނާޅަ އެވެ. ކުލައާއި ޖިންސަކަށް ނުބަލަ އެވެ. އެހެންކަމުން، ކަޅު މީހަކަށް ނުވަތަ ދޮން މީހަކަށް ވެސް ރަސްކަން ކުރެވިދާނެ އެވެ. އަދި ފިރިހެނަކަށް ނުވަތަ އަންހެނަކަށް ވެސް އެ މަޤާމު ލިބިދާނެ އެވެ. ރަސްގެފާނުގެ ޢުމުރު ވެސް ކަނޑައެއްނާޅަ އެވެ.

ކުޑަކުއްޖަކަށް ނުވަތަ މުސްކުޅިއަކަށް ވެސް ރަސްކަން ކުރެވިދާނެ އެވެ. ރަސްގެފާނުގެ ތަޢުލީމީ ފެންވަރާއި ހޭލުންތެރިކަމުގެ ދަރަޖައެއް ވެސް ނޯވެ އެވެ. އެހެންކަމުން، ކިޔަވައިގެން ހުރި މޮޅު މީހަކަށް ނުވަތަ އަކުރެއް ބަކުރެއް ނުދަންނަ ޖާހިލަކަށް ވެސް  ރަސްކަމުގެ ތާޖާއި ތަޚުތު ލިބިދާނެ އެވެ. ނަމަވެސް އާދަޔާ ޚިލާފު އެހެން ޝަރުޠެއްވެ އެވެ. ރަސްގެފާނަށް ރަސްކަން ކުރެއްވޭނީ އެއްއަހަރު ދުވަހުގެ މުއްދަތަށެވެ. އެއަށްފަހު އެމަނިކުފާނު ޢަޒުލުކޮށް، ހަންމުށިން ތަޅައި އަނިޔާކުރުމަށްފަހު، މީހުން ދިރިއުޅޭ ރަށްތަކާ ދުރުގައިވާ ފަޅުރަށަކަށް އަރުވާލެވޭނެ އެވެ. އެރަށުގައި ދިރިއުޅުއްވަން ޖެހިވަޑައިގަންނަވާނީ، ނުހަނު ދަތި ޙާލުކޮޅެއްގަ އެވެ. އެރަށުގައި ބޯހިޔާވާނެ ތަނެއް ނުހުންނާނެ އެވެ. އަދި ފަސޭހައިން ކާއެތިކޮޅެއް، ބޯފެންފޮދެއް ނުލިބޭނެ އެވެ. މިޝަރުޠު ޤަބޫލުކޮށްފި ކޮންމެ މީހަކަށް އެރާއްޖޭގެ ރަސްކަން ލިބިދާނެ އެވެ.

ރަސްކަންކުރާ މީހެއްގެ ނިމުން އޮތްގޮތް ސާފުކޮށް އެންމެނަށް އެނގެ އެވެ. ނަމަވެސް އެ ޖަޒީރާތަކުގެ އަހުލުވެރީންގެ ތެރެއިން ހަމަ ކޮންމެ މީހަކުމެ ރަސްކަން ބޭނުންވެގެން އުޅެ އެވެ. ރަސްކަންކުރާ ކުރު މުއްދަތުގައި، އޭނާގެ އަހުލުންނާއި ވަހުލުންނަށް ހިސާބެއް ކިތާބެއް ނެތި ދައުލަތުގެ ޚަޒާނާތައް ހުޅުވާލުމުގެ މަޤުޞަދުގަ އެވެ. ޢާއްމުގޮތެއްގައި އެރާއްޖޭގެ ރަސްކަންކުރަނީ، ގަބު، ގަމާރު، ޖާހިލުންނެވެ.

އެގޮތަށް ކަންތައްތައް ހިނގަމުންދަނިކޮށް ބުއްދިވެރި މީހަކު އެރާއްޖޭގެ ރަސްކަމަށް ކުރިމަތިލި އެވެ. އޭނާއަށް ރަސްކަން ލިބުމާއެކު، ސިއްރިޔާތުގައި ޕްރޮޖެކްޓެއް ހިންގަންފެށި އެވެ. އެއީ، ރަސްރަސްކަލުން އަރުވާލަން ހަމަޖައްސާފައިވާ ޖަޒީރާ ތަރައްޤީކުރުމުގެ ޕްރޮޖެކްޓެވެ. އޭނާގެ ރަސްކަމުގެ މުއްދަތު ނިމުނުއިރު، އެރަށްވަނީ، އެރާއްޖޭގެ ވެރިރަށަށްވުރެ މާބޮޑަށް ތަހުޒީބުކޮށް ތަރައްޤީކޮށްފަ އެވެ.

ބުއްދިވެރި ރަސްގެފާނުގެ ރަސްކަމުގެ މުއްދަތު ނިމުމާއެކު، ރައްޔިތުން އެއްވެ، އާދަކާދައިގެ މަތީން އެމަނިކުފާނު ހައްޔަރުކުރި އެވެ. އަދި އެމަނިކުފާނުގެ ހަށިކޮޅުގައި ހަންމުށިން ތަޅައި އަނިޔާކޮށް، ދުރުގައިވާ ޖަޒީރާއަށް އަރުވާލި އެވެ. ދެން އެމަނިކުފާނު އެ ޖަޒީރާގައި ހުންނަވައިގެން ޢުމުރު ހޭދަކުރެއްވީ ނުހަނު އުފަލާއި އަރާމުގަ އެވެ.

ދެނެވަޑައިގަންނަވަމުތޯ އެވެ؟
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ މިވާހަކައިގައި ނަންގަނެވިފައިވާ ފަދަ ރަސްކަލެކެވެ. ދުންޔަވީ ޙަޔާތުގައި މި ހޭދަކުރާ މުއްދަތަކީ ރަސްކަމުގެ މުއްދަތެވެ. މި ޙަޔާތުގައި މަސައްކަތްކުރަންވީ އާޚިރަތް ބާއްޖަވެރިކުރުމަށެވެ. ދުރުގައިވާ ޖަޒީރާއަކީ އެއީ އެވެ! ބުއްދިވެރި ރަސްގެފާނު ފަދައިން އަޅުގަނޑުމެން އާރާސްތުކުރަންވީ އާޚިރަތުގެ ޖަޒީރާ އެވެ!

ބައެއް ލަފުޒުތަކުގެ މާނަ :

1. ތަޚުތު: ރަސްކަމުގެ ދާން.
2. ޢަޒުލުކުރުން: ރަސްކަމުން ދުރުކުރުން. ރަސްގެފާނުގެ އަތްޕުޅުން ރަސްކަމުގެ އާރާއި ބާރު ނިގުޅައިގަތުން.
3. ހަންމުށި: މިއީ، ދިރޭ އެއްޗެހީގައި ތަޅާން ގެންގުޅޭ އާލާތެކެވެ. މިއޮންނަނީ ލަޓިގަނޑެއް، ނުވަތަ ބޮންތިއެއްގެ ކުރީކޮޅުގައި ނަނުފަށެއް ބައްދައިފައެވެ. ނޫނީ ބޮންތީގެ ކޮޅު ހިމަކުރަމުންގޮސް ނަނުގަނޑެއްހެން ހަދައިފައެވެ. ހަންމުއްޓަށް ޗާބޫކޭ ވެސް ކިޔެ އެވެ.
              --------------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
މަޞްދަރު: މުންތަދަޔާތުލްމަޙައްބާ