ބާރުގަދަ އަތޮޅުވެރިން
















އަތޮޅުވެރިންގެ ބާބަކީ ކިޔައި ނިމިފައިވާ ބާބެކެވެ. މިހާރު ކިޔަމުން ދަނީ އަތޮޅު ކައުންސިލަރުންގެ ބާބެވެ. ނަަމަވެސް ހަނދާނާއި ތާރީޚަށްޓަކައި އަތޮޅުވެރިންގެ ފޮތް ހުޅުވައިލައި އޭގެ ތެރެއިން ބާރުގަދަ އަތޮޅުވެރިންގެ ބާބު ކިޔައިލުމަކީ ވެސް އޮތް ކަމެއް ނޫންތޯއެވެ.  އަތޮޅު ކައުންސިލަރުންގެ ބާބު ފެށިފައި މި ވަނީ ލާމަރުކަޒީ ޤާނޫނޭ ކިޔުނު އެފަދަ ދެވަނައެއް ނެތް ކަމަށް ބުނެވޭ ފުރިހަމަ ޤާނޫނަކަށް ޢަމަލުކުރަން ފެށި ފަހުންނެވެ. އޭގެ ކުރިން އިދާރީގޮތުން ހިންގުމުގެ ފަސޭހައަށްޓަކައި ބަހާލައިފައިވާ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހުންނަވާ އެންމެ އިސް ވެރިއަކީ އަތޮޅުވެރިޔާ އެވެ. އެންމެ ބޭފުޅެކެވެ. 

ލާމަރުކަޒީ ޤާނޫނޭ ކިޔުނު ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން ކޮންމެ އަތޮޅެއްގައި އެތައް އަތޮޅު ކައުންސިލަރުން ތިއްބަވަ އެވެ. ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ މީހުންއުޅޭ ކޮންމެ ރަށަކަށް ނިސްބަތްވާ އަތޮޅު ކައުންސިލަރެއް ހުންނެވުމަކީ ވެސް ދުރުގައިއޮތް ކަމެއްނޫނެވެ. ވެދާނެ ކަމެކެވެ. އެއީ ރާއްޖޭގެ އަތޮޅުތަކުގައި މީހުންއުޅޭ ކޮންމެ ރަށެއް އަތޮޅު ކައުންސިލުގައި ތަމްސީލުކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ވެދާނެތީ އެވެ.

ބާރުގަދަ އަތޮޅުވެރިންނަކީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހުގެ އަހަރުތަކުގައި ޚާއްޞަ ބާރާއި ފުރިހަމަ އިޚުތިޔާރު ދެއްވައި އަތޮޅުތަކަށް ފޮނުއްވިކަމަށް ބުނެވޭ އަތޮޅުވެރިންނެވެ. މިއީ މިލިޔުމުގެ ފޮޓޯއިން ފެންނަގޮތަށް ކޮންމެހެން ހަށިގަނޑުގެ ބާރުގަދަ ބޭފުޅުންނެއް ނޫނެވެ. އެ ބޭފުޅުންނަކީ އެ ހުރި ގޮތެއްގައި އެ ހުރި ބާރެއް އިންތިހާ ދަރަޖައިން މައްޗަށް ގޮސް އޭގެ މިނަކީ ކޮބައިކަން އިންސާނުންގެ އެނގުމުގެ ތެރެއިން ނުވާ އަތޮޅުވެރިންނެވެ. 

ބާރުގަދަ އަތޮޅުވެރިންނޭ މި ލިޔުމުގައި ދަންނަވާފައި އެ ވަނީ އެފަދަ ބޭފުޅުންނަށެވެ. މިހެންވުމުން މިލިޔުމުގެ ސުރުޚީއާއި ފޮޓޯއިން މާނަކުރެވޭ އެއްޗަކާއި ލިޔުމުގައި ދަންނަވާ އެއްޗަކާއި ދިމާނުވެޔޭ ހީފުޅުވެދާނެ އެވެ. މި ހީފުޅަކީ ތެދު ހީފުޅެކެވެ. ނަމަވެސް އެއީ އެހާ ބޮޑުކަމެއް ކަމަށް ނުބެއްލެވުން އެދެމެވެ. އެހެނީ އަޅުގަނޑުމެންނަށް ވުރެ މި ޤައުމުގެ ބޮޑެތި މީހުންނޭ އެ ބުނެވޭ ބޭފުޅުން ވެސް ވިދާޅުވާ އެއްޗަކާއި އެ ބޭފުޅުން ޢަމަލުފުޅުކުރައްވާ ގޮތަކާއި ދިމަލެއް ނުވެއެއް ނޫންތޯ އެވެ. މިއީ ދިވެހިރާއްޖެ މި ދެކޭ ޒަމާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއް ނޫންތޯ އެވެ. 

"އަތޮޅުވެރިން" ކިޔަން ފެށުމުގެ ކުރިން އަތޮޅުތަކުގައި އެ މަސައްކަތް ކުރެއްވި ބޭފުޅުންނަށް "ކާރުދަވެރިން" "ވާރުވެރިން"ވެސް ކިޔައިފައިވެ އެވެ. ކޮންމެ ނަމެއް ކިޔާފައި ވިޔަސް އެ ބޭފުޅުންގެ މަސްއޫލިއްޔަތަކީ އެ ފަހަރެއްގެ ޤާނޫނާއި ޤަވަޢިދާ އެއްގޮތަށް ނުވަތަ އެ ފަހަރެއްގެ ސަރުކާރުން އަންގަވާ ގޮތެއްގެ މަތިން އެ އަތޮޅެއްގައި ކަން ހިންގަވައި ބެލެހެއްޓެވުމެވެ. ކާރުދަވެރިންނާއި ވާރުވެރިންނާއި އަތޮޅުވެރިންނަކީ ޒަމާނުއްސުރެ ފަތްކޮޅުދެއްވާ މަޤާމެއްގެ ބޭފުޅުންނެވެ. މިކަން މިގޮތަށް ހިނގަމުން ގޮސް ރައީސް ނާޞިރުގެ ވެރިކަމުގެ ފަހުކޮޅުގައި ފަތްކޮޅުދެއްވުން ނޯންނަ ދުވަސްވަރެއް ދިޔަ އެވެ. ނަމަވެސް އޭގެ ފަހުން ރައީސް މައުމޫންގެ ވެރިކަން ފެށި އެ ވެރިކަން ނިމެންދެން ފަތްކޮޅުދެއްވުން އޮތެވެ. އޭގެފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަޤާމުގެ ބަދަލުގައި އަތޮޅު ކައުންސިލަރުގެ މަޤާމް އުފައްދަވައި އެ މަޤާމަށް ބޭފުޅުން ހަމަޖެއްސެވި އެވެ. 

ޚާއްޞަ ބާރާއި ފުރިހަމަ އިޚުތިޔާރުދެއްވި ކަމަށް ބުނެވޭ އަތޮޅުވެރިންނަކީ، ރާއްޖޭގައި ހަދާފައި ހުރި ޤާނޫނުތަކާއި ޤަވަޢިދުތަކާއި ފޮތްފޮތުގައި ވެސް އެ ބޭފުޅުންނަށް ދެއްވިކަމަށް ބުނެވޭ ޚާއްޞަ ބާރާއި ފުރިހަމަ އިޚުތިޔާރުގެ ވާހަކަ ޢާއްމުކޮށް ލިޔެވިގެން ވަނިކޮށް ބަޔަކަށް ފެނިފައި ނުވާ އަތޮޅުވެރިންނެވެ. އެ ބޭފުޅުންނަކީ ރާއްޖޭގެ އެންމެ މަތީ ވެރިކަމުގެ ފަރާތުން އެ ބާރާއި އެ އިޚްތިޔާރު ދެއްވާފައި އޮތް ބޭފުޅުން ކަން އެހެން ބަޔަކަށް އެނގެނީ ވެސް އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ފަހު އަތޮޅާއި ޙަވާލުވެވަޑައިގަތުމަށް އަތޮޅަށް ވަޑައިގަންނަވާ އިރު އަތޮޅުގެ މީސްތަކުންނަށް އަތޮޅުވެރިޔާ ތަޢާރަފްކޮށް ދެއްވުމަށްޓަކައި ފުރަމާލެއިން ވަޑައިގަންނަވާ ބޭފުޅަކު މީސްތަކުން އެއްކޮށްގެން އެ ވާހަކަ ވިދާޅުވުމުންނާއި އަދި އޭގެ ފަހުން އެ އަތޮޅުވެރިއެއްގެ ޢަމަލުފުޅުތައް ހުންނަ ގޮތުންނެވެ. އޭނާ ކުރައްވާ ކަންކަމުންނެވެ.

ރާއްޖޭގެ ބައެއް އަތޮޅުތަކުގެ އަތޮޅުވެރިންގެ ކިބައިން ޚާއްޞަ ބާރާއި ފުރިހަމަ އިޚުތިޔާރުގެ ކަންކަން ވަނީ ރައްޔިތުންނަށް ފެނި ތަޖުރިބާކުރެވިފަ އެވެ. ނަމަވެސް މިއާއިއެކުމެ ވަރަށް ރަނގަޅު ޚުލްޤު ހެޔޮ، ރައްޔިތުންނަށާއި ދައުލަތަށާއި ޤައުމަށް ވަފާތެރި ތެދުވެރި ބައެއް އަތޮޅުވެރިން ވެސް ދިވެހި ޤައުމު ވަނީ ދެކިފަ އެވެ. ކުރިން ދެންނެވި ޚާއްޞަ ބާރާއި ފުރިހަމަ އިޚުތިޔާރުދެއްވި އަތޮޅުވެރިންތައް ފެނިފައިވަނީ ރައީސް މައުމޫންގެ ވެރިކަން ނިމުމުގެފެށުން ފެށުނު ފަހުންނެވެ. ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ ފަރާތްޕުޅުން މި އަތޮޅުވެރިން ތަކަށް ދެއްވިކަމަށް ބުނެވޭ އެ ފަދަ ޚާއްޞަބާރާއި ފުރިހަމަ އިޚުތިޔާރުގެ ދަށުން އެ ބޭފުޅުން އަތޮޅުތަކުގައި ކުރައްވަމުން ގެންދެވި ކަންކަމާއި އޭގެ ނަތީޖާއަކަށް ވާނީ ކޮންކަމެއް ކޮންގޮތަކަށްވުން ކަން އޭރު ވެސް އެނގިވަޑައިގެން އެ ވާހަކަފުޅު ދެއްކެވި މަދުނޫން ފަރާތްތައް މިހާރު ވެސް އެ ތިއްބެވީ އެވެ.

ރާއްޖޭގެ އަތޮޅުތަކަށް އަތޮޅުވެރިން ހަމަޖެއްސެވުމުގައި ރާއްޖޭގައި އެ ފަހަރަކަށް އޮތް ވެރިކަމެއްގެ ތެރޭގައި ނުފޫޛު ހުރި ބަސްވިކޭ ބައެއް ފަރާތްތަކުގެ ބާރު ފޯރުއްވަވައި އެ ކަން އެ ގޮތަށް ހިނގާފައިހުރި ކަމުގެ ހެކި ލިބެއެވެ. ދިވެހިރާއްޖެ ދުށް ތަފާތު ވެރިންގެ ތަފާތު ވެރިކަމުގެ ތެރެއިން މިކަހަލަ ކަންކަމުގައި ކަމާއިނުބެހޭ މީހުންގެ "ދަނޑިބޭނުން" އެންމެ ކުޑަ ވެރިކަމަކީ ރައީސް ނާޞިރުގެ ވެރިކަން ކަމުގައި ގިނަ ބަޔަކު އެއްބަސްވެ އެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ނިމުމުގެފެށުން ފެށި އެ ވެރިކަން ފަސްތަނުން ބަނދެ ކަށްވަޅަށް ތިރިކުރުމާ ހަމައަށް ވެސް ރާއްޖޭގެ އަތޮޅުތަކަށް އަތޮޅުވެރިން ހަމަޖައްސަވައި ފޮނުއްވުމުގައި ވަކިވަކި ބޭފުޅުންކޮޅެއްގެ ފުރިހަމަ ބާރު އޮތްކަމަށް ބުނެވެ އެވެ. 

މި ކަމުގައި ވަކި ކަހަލަ އުޞޫލުތަކެއް ރައީސް މައޫމުން ގެންގުޅުއްވި ނަމަ އެއީ ކޮން ކަހަލަ އުޞޫލުތަކެއްތޯ، އެ އުޞޫލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި އެ މަނިކުފާނުގެ ވެރިކަމަށް އިތުރު ކުރިއެރުމެއް ބަދަހިކަމެއް އައިތޯ، ނުވަތަ ނޫންތޯ، އެ ކަން ހިނގާފައިވަނީ ކިހިނެއްތޯ، އެ ބޭފުޅުންތައް މިއަދު ކޮބައިތޯ، ކިހިނެއްތޯ، މި ކަންކަން ރައީސް މައުމޫން ދެނެވަޑައިގަންނަވާނެ އެވެ. އެ މަނިކުފާނު އެ ހުންނެވީ އެވެ. އަދި އެއަށްވުރެ ވެސް ބޮޑަށް މި ބޭބޭފުޅުންގެ މަޤުޞަދާއި، ނިޔަތާއި، ޢަމަލުފުޅުތައް ދެނެވޮޑިގަތުމާއި އެނގިވޮޑިގަތުމުގައި މަތިވެރި ﷲގެ ކުޅަދުންވަންތަ ކަން ހާސްބައި ބޮޑެވެ.

ހެދިބޮޑުވާ ގަހާއި ހެދިފައި ހުރި ގަސްތައް އެންމެ އަވަހަށް ހިކި އަނަރޫފަވެ، ބިމުން ލުހިގެން ވެއްޓިގެން ދާނީ އެ ގަހެއްގެ މޫތައް އުފުރައިލެވުނު ގޮތަކުން އުފުރައިލުމުންނެވެ. މިވަރުން ވެސް ނުފުދޭނަމަ އެ ގަހެއްގެ އެކިއެކި ގޮފިތައް ވަކިވަކިން ކަނޑާލައި، ތޮށިގަނޑު ނޮޅައިލުމަކީ ވެސް އެ ގަހެއް ވުޖޫދުން ނެތިގެން ދިޔުން އަވަސްވެގެން ދާނެ ކަމެކެވެ. ރައީސް މައުމޫންގެ ވެރިކަން ނެތިގެން ދިޔުމުގައި މިފަދަ އެތަކެއް ޙަޤީޤީ ކަންތައްތަކެއް ހިނގާފައިވާ ކަމީ، އިންކާރު ކުރެވެން ނޯންނާނޭ ތެދު ހަޤީޤަތެވެ.
                 -----------------
ޢަބުދުﷲ ޙިލްމީ
18 ޖުލައި 2013މ.