ހުވަދޫ ރަން އަޑުގެ ވެރިޔާ މަރިޔަމް ޙިލްމީ


ހުވަދުއަތޮޅު މިހާތަނަށް ދެކިފައިވާ އެންމެރީތި އެންމެ ހިތްގައިމު އަޑުގެ ވެރިޔަކީ ހުވަދުއަތޮޅު ތިނަދޫ ސްޓާރލިންގ މަރިޔަމް ޙިލްމީ (މަރިޔަމް ދީދީ) ކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އޭނާ ވަރަށްކުޑައިރު ފެނުމުގެ ޙިއްސަށް ދިމާވި ކަމެއްގެ ސަބަބުން އެކަމުގެ އުނިކަމެއް ހުއްޓަސް އެޙިއްސުގެ ފުރިހަމަ ބައެއް އޭނާގެ ސިކުނޑިއަށް ވަނީ ގުދުރަތުން ހަދިޔާ ކުރައްވާފައެވެ. ކުޑައިރުއްސުރެ ލަވަޔާއި ރާގަށް ވަރަށްބޮޑު ޝައުގުވެރި ކަމެއް ބެހެއްޓެވުމާ އެކު، ލަވައެއް ޅެމެއްފަދަ އެއްޗެއް އެހާ އަވަހަށް ދަސްކޮށްލެއްވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އޭނާ ވަރަށް ކުޑައިރު ހިންދީފިލްމް މަދަރ އިންޑިޔާގެ "ނަގަރީ ނަގަރީ" މި ލަވަ ދަސްކުރެއްވިއެވެ.

ތިނަދޫއާއި އެހެން ބައެއް ތަންތާނގައި ބާއްވާ މުހިއްމު ޖަލްސާތަކާއި އެކިއެކި ޙަފުލާތަކުގައި ވެސް ތަފާތު ރާގުތަކުން މަރިޔަމް ޙިލްމީގެ ރީތިއަޑު އިވިފައިވެއެވެ. ރާއްޖެއަށް މަޝްހޫރު "ފެންމީރުވި ރީތި ރަށޭމީ، ރޫޙުވަނީ ތިނަދޫގަޔޭ" މި ލަވަ މުޅި ރާއްޖެއަށް ތަޢާރަފްކޮށް ދިން އަޑުގެ ވެރިޔަކީވެސް މަރިޔަމް ޙިލްމީއެވެ. އެ ލަވަޔަކީ ތިނަދޫގެ ސްކޫލްތަކުގެ ލަވަ މުބާރާތެއްގައި މަރިޔަމް ޙިލްމީގެ ގާތް ކޮއްކޮއެއް ކަމަށްވާ ތިނަދޫ ޕިންކްރޯޒް ޞަބާޙު ނަޞީރު ކިޔުމަށް ތިނަދޫގެ މަޝްހޫރު ޝާޢިރު އަލިދޯދި އަލްފާޟިލް ޢަބުދުﷲ ޢަފީފު ހެއްދެވި ލަވައެކެވެ.  

އޭގެ މާފަހުން ތިނަދޫ އާބާދީ ފަންސަވީހުގެ އައިޓަމެއްގައި ބޭނުންކުރުމަށް އެ ލަވަޔަށް ބައެއް ބައިތުތައް ޢަފީފު އިތުރު ކުރައްވައި ތިނަދޫ ސަންރޭ އަލްފާޟިލާ ޒާހިދާ އަންވަރު ވެސް އެ ލަވަ ކިޔުއްވިއެވެ.

ތަފާތު މުނާސަބާތަކުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާ އެކު މަރިޔަމް ޙިލްމީ ލަވަ ކިޔުއްވިއެވެ. މާލެއާއި ރާއްޖެތެރޭގެ އެކި ރަށްރަށުގެ އެކި ކާނިވާތަކާއި ޙަފްލާތަކުގައެވެ. 1968 ގައި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަން ފެށުމުގެ މުނާސަބާގައި މާލޭގައިބޭއްވި ކާނިވަލެއްކަމަށްވާ "ސިލްވަރ ނައިޓްސް" ކާނިވަލުގެ ސްޓޭޖުން މާލޭ ޒަމާނީ މިއުޒިކް ކްލަބްގެ ބޭންޑާ އެކީ މަރިޔަމް ޙިލްމީ ކިޔުއްވި ލަވަޔަކުން ބެލުންތެރިންނާއި އެހުންތެރިންގެ ގިނަ ބަޔަކަށް އެންމެބޮޑު އަސަރެއް ކުރުވައި ރޮއްވާލީ ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތު ކަމުންނެވެ. "ތިޔަބުނާ ރޫޙީ އުފާތައް ސިފަ މަށަށް ކޮށްދޭނުހޭ؟" ދަރިފުޅަކު އޭނާގެ މަންމައާއި ކުރި ސުވާލުތަކެއްގެ ސަބަބުންނެވެ. 

"ތިޔަބުނާ ރޫޙީ އުފާތައް ސިފަ މަށަށް ކޮށްދޭނުހޭ؟" މިލަވައިގެ ޝާޢިރާ އަންނަބީލާ އަލްމަރުޙޫމާ އާމިނަތު ޙުސައިން އެ ތާނގައި އިންނެވުމުން އޭނާގެ ލޯފުޅުން އެ ވަގުތު ކަރުނަފޮދު އޮހިގެން ދިޔައެވެ. އެއީ އޭގެ އެތައް އަހަރެއްގެ ކުރިން ލޯފަން ކުއްޖަކާ މެދު އެކަމަނާގެ ހިތްޕުޅުގައި އުފެދުނު ޚިޔާލީ ޝުޢޫރެއްގައި ގުދުރަތުގެ ފިހިން ޙަގީގީ ކުލަ ޖެހިގެން ދިޔަ ފުރިހަމަ ކަމުންނެވެ.

ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުގެ އެދިވަޑައިގަތުމަކަށް ރަސްކަމުގެ ގަނޑުވަރުގައި އެރަދުންގެ އަރިހުގައިވެސް މަރިޔަމް ޙިލްމީ ވަނީ ލަވަ ދަންނަވާފައެވެ. އެއީ އެ ރަދުންގެ ރަސްކަމަށް 13 އަހަރު ފުރުމުގެ މުނާސަބާގައި ތިނަދޫގައި ކިޔާފައިވާ ލަވައެކެވެ. ތިނަދޫގެ މަޝްހޫރު ޝާޢިރު އަލިދޯދި ޢަބުދުﷲ ޢަފީފު ހައްދަވާފައިވާ "ޝުކުރޭ ފޮނުވާނީ ވެދުމޭ މިކުރާނީ" މި ލަވައެވެ. އެހެންނަމަވެސް މި ލަވަ ރަދުންގެ އަރިހުގައި ދެންނެވުނީ އެ ރަދުންގެ ރަސްކަމަށް 15 އަހަރުފުރުނު ރޭގައެވެ. 

ލަވަ ދެންނެވީމާ "ތިޔައީ މި މުނާސަބާއަށް ތައްޔާރުކުރި ލަވައެއްތޯ؟" ރަދުން އެއްސެވިއެވެ. ޖަވާބުގައި މަރިޔަމް ޙިލްމީ ދެންނެވީ "މިއީ ރަސްކަމަށް 13 އަހަރު ފުރުމުގެ މުނާސަބާގައި ތިނަދޫގައި ކިޔާފައިވާ ލަވައެއް" ކަމަށެވެ. 

1974 ގައި އޮލިމްޕަސް ސްޓޭޖުގައި އޭރުގެ މަޝްހޫރު މިއުޒިކް ބޭންޑް "އޮލިމްޕިއަންސް" އާއެކު ވެސް މަރިޔަމް ޙިލްމީ ވަނީ ލަވަ ކިޔުއްވާފައެވެ. އަދި ހަވަރުތިނަދޫ  ސްޕޯރޓްސް ކްލަބުން 1972 ވަނަ އަހަރު ތިނަދޫގައި ބޭއްވި "ސްޕޯރޓްސް" ކާނިވަލާއި، 1973 ވަނަ އަހަރު އައްޑުއަތޮޅު ހިތަދޫގައި ބޭއްވި "ނައިންޓީ ނައިޓްސް" ކާނިވަލުގައި މާލޭގެ "ދަ ކޯބްރާޒް" ބޭންޑުން ރާއްޖޭގެ އޭރުގެ މަޝްހޫރު ލަވަ ކިޔުންތެރިންނާ އެކީގައި މަރިޔަމް ޙިލްމީ ވަނީ  ލަވަ ހުށަހަޅުއްވާފައެވެ.

މަރިޔަމް ޙިލްމީ ކިޔުއްވާފައިވާ ގިނަ ލަވަތައް ހައްދަވާފައި ވަނީ ތިނަދޫ އަލިދޯދި އަލްފާޟިލް ޢަބުދުﷲ އަފީފެވެ. ތިނަދޫގެ މަޝްހޫރު ޝާޢިރާ އަލްފާޟިލާ ރަޝީދާ އިބްރާހީމްގެ ގިނަ ލަވަތަކެއްވެސް މަރިޔަމް ޙިލްމީ ވަނީ ކިޔުއްވާފައެވެ. ދެން އެހެން ބައެއް ޝާޢިރުންގެ ލަވަތައްވެސް އޭނާ މަދުން ކިޔުއްވިއެވެ. 

ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބްގެ މިޔުޒިކް ބޭންޑްގެ އެންމެ ވިދުންގަދަ ދުވަސްވަރަކީ މަރިޔަމް ޙިލްމީ އެބޭންޑަށް ބައެއް ލަވަ ކިޔުއްވާ ދެއްވި ދުވަސްވަރެވެ. އެ ދުވަސްވަރު މާލެ ފިޔަވައި ރާއްޖެތެރޭގެ އެންމެ މަޝްހޫރު ބޭންޑެއްގެ ގޮތުގައި މަޝްހޫރު ލަވަ ކިޔުންތެރިޔާ މަސްއޮޑި އަލްފާޟިލް އިބްރާހީމް ޙަމްދީ ފާހަގަކުރައްވާ ބޭންޑަކީ ވެސް ހަވަރުތިނަދޫ ސްޕޯރޓްސް ކްލަބްގެ މިޔުޒިކް ބޭންޑެވެ. އެކަމުގެ އެންމެބޮޑު ސަބަބަކީ މަރިޔަމް ޙިލްމީގެ ރަންއަޑާއި އެ ބޭންޑާއި ގުޅިފައިވުމެވެ. އެ ބޭންޑަކީ އިބްރާހީމް ޙަމްދީއާއި މާލޭ ޒަމާނީ މިޔުޒިކްގެ ހުނަރުވެރި ފަންނާނުންގެ އިރުޝާދާއި ތަމްރީން ލިބިފައިވާ ބޭންޑެކެވެ. 

މި ބޭންޑުގެ ގިނަ ލަވަތައް ހައްދަވާ ދެއްވާފައި ވަނީ ތިނަދޫގެ އޭރުވެސް މިހާރުވެސް މަޝްހޫރު މޮޅު ދެ ޝާޢިރުންނެވެ. ޢަބުދުﷲ ޢަފީފާއި، އަދި ރަޝީދާ އިބްރާހީމެވެ. މި ބޭފުޅުން ތިނަދޫގައި ވަޑައިގެން ނޫޅުއްވާ ވަގުތުތަކުގައި މިއުޒިކް ބޭންޑަށް އެހެންގޮތެއް ނެތީމާ، ކުރަކިކޮށް ވިޔަސް ލަވައިގެ ރާގަށް ފެތޭހެން މާލޭ ބަހުރުވައިން ނޫނީ ތިނަދޫ ބަހުރުވައިން ކޮންމެވެސް އެއްޗެއް ކިޔޭތޯ އެދުވަސްވަރު އަޅުގަނޑު ވެސް ބަލައިފައި ވާނެއެވެ. ނަމަވެސް އަޅުގަނޑަކީ ޝާޢިރެއް ނޫނީމެވެ. އެނގޭވަރަކީ ޝާޢިރުންނަކީ ކޮބައިކަމެވެ.

މަރިޔަމް ޙިލްމީ އަކީ ލަވަކިޔުމުގެ ރޮނގުން 1982 ވަނަ އަހަރު ޢާއްމު ޚިދުމަތުގެ އިނާމު ޙާޞިލްކުރެއްވި ފަރާތެކެވެ. އަދި އޭނާވަނީ ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްޔޫމުގެ އަރިހުގައި ވެސް ލަވަ ދަންނަވައިފައެވެ.

                              ----------------

ޢަބުދުﷲ ޙިލްމީ
25/12/2012

ލަވަހެއްދެވީ: 
އަލްފާޟިލް ޢަބުދުﷲ ޢަފީފު އަލިދޯދި/ ގދ. ތިނަދޫ
މިޔުޒިކް: 
އަލްފާޟިލް އަޙުމަދު އަންވަރު ސަންރޭ/ ގދ. ތިނަދޫ