ހުވަދުއަތޮޅު ގައި އެނގެން އޮތް އެންމެ ދުވަސްވީ ވާރު ފަތްކޮޅު

މިލިޔުމުގައިވާނީ ތިނަދޫ ޖަނަވަރީގޭ ހަސަން ޙިލްމީ ނަކަލުކުރައްވާފައިވާ ހުވަދުއަތޮޅުގެ ކުރީގެ ވާރު ފަތްކޮޅަކާއި އެއާއި ގުޅުން ހުރި ކަމަށް މިހާރު ބެލެވޭ ކަމެކެވެ. އެ ފަތްކޮޅަކީ 1835-1779 މ. އަށް ރާއްޖޭގެ ރަސްކަން ކުރެއްވި މުޢީނުއްދީން (1) ރަދުންގެ ރަސްކަމުގެ ދުވަސްވަރު، އެ ރަދުން ހުވަދުއަތޮޅު ދާންދޫ މޫސާ ކަތީބަށް ދެއްވާފައިވާ ވާރު ފަތްކޮޅެވެ. މުޢީނުއްދީން(1) ރަދުންނަކީ، ޙާޖީ ބަންޑާރައިންގެ ދަރިކަލުން ފާމުލަދޭރި ކިލެގެފާނަށް ކިލެގެކަމާއި ހުވަދުއަތޮޅުގެ ބޮޑެތި ބާރުތަކެއް ދެއްވި ޙަސަން ނޫރައްދީން(1) ރަދުންގެ ދަރިކަލެކެވެ. 


އަޅުގަނޑު ހުވަދުއަތޮޅު ވިލިގިލީ ހެލްތުސެންޓަރ ގައި 1977 ގައި މަސައްކަތްކުރި އިރު ވިލިގިލީ ޝަބްނަމީގޭ އިބްރާހީމް އަނީސާއި ލިލީގޭ އިބްރާހީމް ޝިހާބާއި އަޅުގަނޑާއި އަދިވެސް ގާތް ބަޔަކު އެ އަތޮޅުގެ ދުވަސްވީ ބައެއް ކަންކަން ހޯދައި ލިޔުނީމެވެ. އެފަހަރު  ހުވަދުއަތޮޅުގައި ވާރު (އަތޮޅުވެރިކަން) ކުރެއްވި ދާންދޫ ވާރުވެރި ކަލޭގެފާނާއި ބެހޭ ބައެއް މަޢުލޫމާތު ވެސް ހޯދައި ލިޔެފައިވެއެވެ.

ދެން އަތޮޅުގެ ވާރު ލިބިލެއްވީ ދާންދޫ އަލްފާޟިލް ދޮންކޮއްކޮ (މޫސާ ޚަޠީބު) ކަލޭގެފާނަށެވެ. މިކަލޭގެފާނު ވާރު ކުރެއްވި ކަމަށް ދޫދޫމަތިން ބުނެ އުޅެނީ ދާންދޫގަ އެވެ. ނަމަވެސް ބޮޑަށް ހީވަނީ ވާރުވެރިކަމުގެ ގިނަ ދުވަހު އެ ރަށުގައި ހުންނެވީ ކަމަށެވެ. އޭނާ ހުންނެވި ގެ “ވާރުގޭ”ގެ ނަމުން މަޝްހޫރު ވެފައި މިހާރު ވެސް ފެންނާން އެބަ ހުއްޓެވެ. މީނާގެ ވެރިކަމުގައި އަތޮޅުގެ ޚަޠީބު މުދިމް ކަމާއި ގޮއިފާލއްބަ ހިންނަފަދަ ތަންތަން މީހުންނަށް ދެއްވަނީ ޚުދު އޭނާ ކަމުގައި ބުނެ އުޅެތެވެ. ނަމަވެސް މީގެ މާ ސާފު ހެއްކެއް އެނގެން އޮތީކީ ނޫނެވެ. މިހާތަނަށް ބެލި ބެލުމުން ހީވާން އުޅެނީ އެ ދުވަސްވަރު ރަސްކަމަށާއި މާލޭގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތަކެއްގެ ސަބަބުން ހަމަ އެކަނި އެ ދުވަސްކޮޅުގައި ވާރުވެރިޔާ އަށް އެ އިޚުތިޔާރު ލިބިލެއްވީ ކަމަށެވެ. މިހެންނޫނީ އެފަދަ މަޤާމްތަކާއި ތަންތަން ލިބެނީ ވާރުވެރިންގެ ސިޓީއަކާއެކު އެ މީހަކު މާލެ ފޮނުވައިގެން ކަމަށް އެނގޭން އެބަ އޮތެވެ.

ކޮންމެއަކަސް ދޮންކޮއްކޮ (މޫސާ ޚަޠީބު) ކަލޭގެފާނަކީ އޭގެ ކުރިންނާއި އަދި ފަހުން ތިއްބެވި ވާރުވެރިންނަށް ވުރެ "މުޚްތާރު" ވެރިކަމެއް ކުރެއްވި ވާރު ވެރިއެކެވެ. މީނާ ވަރަށް ގިނަ ދުވަސްވަންދެން ވާރު ކުރެއްވި އެވެ. ނިޔައުވީ އެ މަޤާމްގައި ހުންނަވަނިކޮށް ދާންދޫގަ އެވެ.

ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު” ފޮތްބައިގައި ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވަނީ “1836ވަނަ އަހަރު އަތޮޅުގެ (ހުވަދުއަތޮޅުގެ) 30 ރަށުގައި މީހުން އުޅުނުކަމަށްވެ އެވެ. އޭރު ކާޑެއްދޫ އޮތީ ފަޅަށެވެ. އަދި ކުބުއްޑޫ (ކޫއްޑޫ) ގައި 200 ވަރަކަށް މީހުން އުޅެއެވެ. މަޑަވެއްޔަކީ އޭރު ފަޅުރަށެކެވެ. އޭރު ވާރުކުރަނީ ހޯޑެއްދޫގަ އެވެ. އޭގެ ކުރިން ވާރު ކުރީ ދާންދޫގަ އެވެ.

ދޮންކޮއްކޮ (މޫސާ ޚަޠީބު) ކަލޭގެފާނަކީ މުޢީނުއްދީން(1) ރަދުން ފަތްކޮޅުދެއްވި ވާރު ވެރިއެކެވެ. އޭރު ރަސްކަލެއްގެ ފަރާތްޕުޅުން (މުޢީނުއްދީން ރަދުންގެ ބައްޕާފުޅު) ހުވަދުއަތޮޅާއި ފުވައްމުލަކާއި އައްޑު އަތޮޅުގެ ބޮޑެތި ބާރުތަކެއް ދެއްވާފައިވާ ވެރިޔަކު ފުވައްމުލަކުގައި ހުންނެވި އެވެ. ފާމުލަދޭރި ކިލެގެފާނެވެ. ޙަސަން ނޫރައްދީން (1) ރަދުން އެ ކިލެގެފާނަށް ދެއްވި ކިލެގެ ކަމުގެ ޢިއްޒަތާ އެކީ ދެއްވި ޚާއްޞަ އިމްތިޔާޒަކީ ހުވަދޫ ކަނޑުން ދެކުނުގެ އަތޮޅުތަކުގެ ވަރަށް ބޮޑު ބާރެކެވެ. އެ އަތޮޅުތަކުގެ ކަތީބު މުދިން ނައިބު ކަމާއި ގޮއިފާލައްބަ ހިންނަފަދަ ތަންތަން މީސްމީހުންނަށް ދީ ވަކިކުރުމާއި ވާރަށް ނެގޭ ބަޔާއި ކަނޑުން ހޮވައި ލައްގާ މާވަހަރު ފަދަ ތަކެތި ބޭނުން ކުރުމާއި ނުކުރުމުގެ ހުއްދަ ވިދާޅު ބަސްފުޅާއި އެ ކިލެގެފާނާއި މަތިކޮށް ފަތްކޮޅު ދެއްވުމެކެވެ. މިކަން މިހެން އޮވެ، އަދި މުޢީނުއްދީން(1) ރަދުން ރަސްކަމަށް ވަޑައިގެން އިރު އެ ބާރުގައި ކިލެގެފާނު ހުންނެވިކަމަށް ވާނަމަ ދާންދޫ ދޮންކޮއްކޮ ކަލޭގެފާނު (މޫސާ ޚަޠީބު) އަށް ވާރު ވެރިކަން ހޯއްދަވައި ދެއްވުމުގެ މެދުވެރިއަކަށް ވާނީ ވެސް ކިލެގެފާނު ކަމަށް ޤަބޫލުކުރަން ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

އެ ޒަމާނުގައި ދިވެހިރާއްޖޭގެ ހުވަދޫ ފުވައްމުލައް އައްޑޫގައި ހުރި މީހަކު ޢަރަބި ކަރައަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާނަމަ ގޮސްފައި އާދެވެނީ އަހަރަކާއި ގާތްވާ ފަހުންނެވެ. އެންމެ އަވަހަށް ވެސް 9-10 މަސް ދުވަހުން ނޫނީ އާދެވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. މާލެއިން ޙައްޖަށް ފުރާ މީހުން ޝަޢުބާން މަހުގައި، އައްޑޫ ފުވައްމުލައް ހުވަދޫ މީހުން ރަޖަބު މަހުގައި، ޙައްޖު ދަތުރަށް މާލެ ދާނެ އެވެ. މިހެންވީމާ ކިލެގެފާނު ޙައްޖު ދަތުރުފުޅެއްގައި ފުރާ ވަޑައިގަތުމުން ކުރިން ދެންނެވި “ބާރު” އޭނާގެ އެދިވަޑައިގަތުމަށް ދާންދޫ ވާރުވެރި ކަލޭގެފާނަށް (ވަގުތީ ގޮތުން) ލިބިދީފައި އޮތުން އެކަށީގެންވެ އެވެ. އެހެނީ، ޙަސަން ނޫރައްދީން(1) ރަދުން އެ ބާރު ކިލެގެފާނަށް ދެއްވީއްސުރެ "ސިޔާސީ ސިލުވާނު" ގައި ހޭދަވި 2 މަހެއްހާ ދުވަސް ނޫނީ ކިލެގެފާނު އަވަހާރަވުމާއި ހަމައަށް އެ ބާރު އޮތީ ކިލެގެފާނުގެ އަތްޕުޅުގަ އެވެ.

ރަސްކަމުގެ ފަރާތުން ކިލެގެފާނަށް އެރުވި ޚާއްޞަ އިމްތިޔާޒުގެ ބާރު ކިލެގެފާނުގެ ކިބައިން މުޅީން ވަކިކުރެއްވި ނަމަ އެ ބާރު ވާރުވެރިއަކަށް ނުދެއްވާނެ އެވެ. އެއީ އެ ދުވަސްވަރު ރަދުންނަށް ޚާއްޞަވެފައިވާ ބާރަކަށްވާތީ ވާރު ވެރިންނަށް އެ ބާރު ދެއްވުމެއް ނޯވެ އެވެ. އަދި ދާންދޫ ވާރުވެރި ކަލޭގެފާނަށް ދެއްވި ވާރު ފަތްކޮޅުގައި ވެސް އެ ބާރު ދެއްވާފައިނުވެ އެވެ.

މިއީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު ހުވަދުއަތޮޅު ދާންދޫ އަލްފާޟިލް މޫސާ ކަތީބަށް (1214ހ. ވަނަ އަހަރު ރަމަޟާން މަހުގެތެރޭ) ދެއްވި ހުވަދުއަތޮޅުގެ ވާރު (އަތޮޅުވެރިކަމުގެ) ފަތްކޮޅުގެ ނަކަލެކެވެ. މިއީ އަޞްލު ފަތްކޮޅު ދުވަސްވެ ބާވެފައި ވީނަމަވެސް އޭގެ ޢިބާރާތަށް އުނި އިތުރެއް ނުގެނެސް އެއާއި އެއްގޮތަށް ކޮށްފައިވާ ނަކަލެކެވެ. މިނަކަލު އޮތީ ހަވަރުތިނަދޫ ޖަނަވަރީގޭ އަލްމަރްޙޫމް ޙަސަން ޙިލްމީގެ ލިޔުއްވުންތަކުގެތެރޭގަ އެވެ. މުޢީނުއްދީން އިސްކަންދަރު ރަދުން ރަސްކަން ކުރެއްވީ 1835-1779 އަށެވެ. މިމޫސާ ކަތީބަށް މޫސާ ތަކުރުފާނު، އަދި ވާރުވެރި ކަލޭގެފާނު، ދޮންކޮއްކޮ ކަލޭގެފާނު ވެސް ކިޔައި އުޅެއެވެ. މީނާ ދިރިއުޅުއްވި ގެ ދާދި ފަހަކާއި ޖެހެންދެން ވެސް “ވާރުގެ” ނަމުގައި ދާންދޫގައި ހުއްޓެވެ. މި ގެ ދެކެފައިވާ ގިނަ މީހުން ދާންދޫ ގައި މިހާރުވެސް އެބަ ތިއްބެވެ. މި ގެ ނައްތާލީ އެތާނގައި އެހެން ގެއެއް އެޅުމަށެވެ.

ފަތްކޮޅު:


                   ----------------
ޢަބުދުﷲ ޙިލްމީ
31 މޭ 2012މ.