ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅު އޮތް ފަތްކޮޅު










"ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅު" މިސުރުޚީގެ ދަށުގައި އަޅުގަނޑު ލިޔުނު މަޟްމޫނާއި ގުޅިގެން ތާރީޚާއި ޢާއިލީވަނަވަރު ދިރާސާކުރައްވާ ބޭފުޅަކު އަޅުގަނޑާއި ފޯނުންގުޅުއްވި އެވެ. މިބޭފުޅަކީ ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅާއި ގުޅިގެން އުފެދުނު ދަރިކޮޅުގެ ތެރެއިން ހައްދުންމަތީގައި އޮންނަ ޢާއިލާއެއްގެ ޒުވާން ބޭފުޅެކެވެ. އޭނާ ވިދާޅުވި އެވެ. 

"ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު މަޝްހޫރުވެފައިވަނީ "އައިސާދިޔޯ"ގެ ނަންފުޅުންކަމަށް ވިޔަސް އެ ކަމަނާގެ ދަރިކަލުން ދެއްވަދޫ ރަސްގެފާނުގެ ފަތްކޮޅެއްގައި އެ ރަދުންގެ މަންމާފުޅުގެ ނަންފުޅަކަށް "އައިސާދިޔޯ" ބޭނުންފުޅު ނުކުރައްވާނެކަމަށް އެ މަޟްމޫނުގައި އެބައޮތެވެ. އެއީ "އައިސާ"ގެ ފަހަތަށް "ދިޔޯ" އަންނާތީ ކަމަށާއި ދިވެހިބަހުގައި "ދިޔޯ"ގެ މާނައަކީ "ރީތި އަންހެނާ" އަށް ވުމުން "އައިސާދިޔޯ"ގެ މާނައަކަށްވަނީ "ރީތި އަންހެނާ ޢާއިޝާ" ކަމަށްވީތީ އެވެ. އެހެންނަމަވެސް ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު އެ ރަދުންލިޔުއްވި އެ ފަތްކޮޅުގައި "ތިމަން ރަދުންގެ މައި އައިސާބީ" މިހެންއޮވެފައި އެއާއި ދާދިގާތުގެ ޕެރެގްރާފެއްގައި "މި އައިސާދިޔޯ" މިގޮތަށް އޮތުމުން އެ ރަދުންގެ މަންމާފުޅުގެ ނަންފުޅަކަށް އެ ރަދުން ލިޔުއްވީ ކޮން ނަންފުޅެއްތޯ ބައެއް ފަރާތްތަކަށް ސުވާލުއުފެދުމުގެ އިތުރަށް އޭގެތެރެއިން އެ ރަދުންގެ މަންމާފުޅުގެ ނަންފުޅަކީ ކޮބައިތޯ ވެސް ސުވާލުއުފެދުމަކީ ވެދާނެކަމެކެވެ. މިހެންވީމާ އެފަދަ ސުވާލެއް ނުއުފެދޭގޮތަށް މިކަން ސާފުވެފައި އޮތުމަކީ ބޭނުންތެރިކަމަކަށް ވާނެ އެވެ."

ކޮންމެއަކަސް "ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅު" މިސުރުޚީގެ ދަށުގައި އަޅުގަނޑު އެއްޗެއް ލިޔުނީ ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅާއި ގުޅިގެން އުފެދިފައިވާ ދަރިކޮޅުގެ ބޭފުޅެއްގެ ބޭނުންފުޅަކަށްވެފައި އެއާއި ގުޅިގެން މިފަހަރު އަޅުގަނޑުގާތު އެއްޗެއް ވިދާޅުމިވީ ވެސް ހަމަ އެ ދަރިކޮޅުގެ ބޭފުޅަކަށްވާތީ މި ބޭފުޅެއްގެ ވިދާޅުވުމަށް ވެސް އިޖާބަދިނުމަކީ  ބޭނުންތެރި ކަމަކަށް ދެކެމެވެ. އިޖާބަދެވެން އޮތް ގޮތެއްގައި އެނގިހުރި މިންވަރުންނެވެ.
    
1 ޖުމާދިލް އައްވަލް 1106ހ. (ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ 3ވަނަ އަހަރު) ގައި އެ ރަސްގެފާނު ދެއްވަދުއަށް ދެއްވި ވަގުފު ފަތްކޮޅުގެ ތަޢާރަފުގައި:

މިސްކިތަކަށް ނުވަތަ ރަށަކަށް ނުވަތަ އެހެން ތަނަކަށް ވިޔަސް ރަސްކަލަކު ދެއްވާ ވަގުފު ފަތްކޮޅަކީ އެ ފަތްކޮޅެއް ބައުވެއްޖެނަމަ ނުވަތަ އެ ފަތްކޮޅެއްގައި ލިޔެފައި އޮންނަ ކަމަކަށް ބަދަލެއްގެނައުން ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެ ރަސްކަލަކު ނުވަތަ އޭގެ ފަހުގެ ކޮންމެވެސް ރަސްކަލަކު އައުކޮށްދެއްވާ އެއްޗެކެވެ. މިކަން ހިނގަމުން ގޮސްފައިވަނީ މިގޮތަށެވެ.

1 ޖުމާދިލް އައްވަލް 1106ހ. ގައި (ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ 3ވަނަ އަހަރު) ދެއްވަދޫ ރަސްގެފާނު ދެއްވަދުއަށް ދެއްވި ވަގުފު ފަތްކޮޅަކީ ވެސް ކުރީގެ ވަގުފު ފަތްކޮޅު ބައުވުމުން އައުކޮށްދެއްވި އެއްޗެއްކަން އެ ފަތްކޮޅުން އެނގެ އެވެ. މި ވަގުފު ފަތްކޮޅު އެންމެކުރިން ދެއްވީ ޣާޒީ ރަދުންނެވެ. އޭގެފަހުން އެ ރަދުންގެ ދަރިކަލުން ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރު ކަލާފާނު ވެސް މިފަތްކޮޅު އައުކޮށްދެއްވިކަން ނުވަތަ ފަތްކޮޅަށް ބަދަލެއް ގެންނެވިކަން ފަތްކޮޅުން އެނގެ އެވެ.

މިފަތްކޮޅަކީ ދެއްވަދޫ ހުކުރުމިސްކިތަށް އެ ރަށުގެ ރަސްބަޔާއި ގޮއިފާލައްބަ ލެއްވުމުގެ އިތުރަށް ބައެއް ފަރާތްތަކަށް ޢިނާޔަތްތަކެއް ދެއްވާފައިވާ ފަތްކޮޅެކެވެ. ޚާއްޞަކޮށް އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އައިސާބީ ނުވަތަ އައިސާދިޔޯގެ ޢާއިލާ ވެސް ހިމެނޭގޮތަށް  ފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅަށްވަނީ ޚާއްޞަ ޢިނާޔަތްތަކެއް ދެއްވާފަ އެވެ. މިފަތްކޮޅުން އެނގޭގޮތުގައި މިކަންކަން ހަމަޖެއްސެވީ ދެއްވަދޫ ރަސްގެފާނެއްނޫނެވެ. ކުރީގެ ދެ ރަސްކަލެކެވެ. ޣާޒީ ރަދުންނާއި އެ ރަދުންގެ ދަރިކަލުން ކަލާފާނެވެ. ދެއްވަދޫ ރަސްގެފާނު ކުރެއްވި ކަމަކީ ކުރިން ވެސް ދެންނެވިގޮތަށް ކުރީގެ ދެ ރަސްކަލަކު ދެއްވި ވަގުފުފަތްކޮޅު ބައުވުމުގެ ސަބަބުން އެ ފަތްކޮޅު އައުކޮށްދެއްވީ އެވެ. 

ޣާޒީ ރަދުންގެ ދުވަސްވަރު މިފަތްކޮޅު ލިޔުނުއިރު ރާއްޖޭގެ ފަޑިޔާރަކީ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނެވެ. މީގެދަލީލު އެ ފަތްކޮޅުން ވެސް ލިބެ އެވެ. އެއީ އެ ފަތްކޮޅުގައި "ތިބާއަތޮޅު ފަޑިޔާރުކަލޭގެ ދަރީނާއި ދަރީންގެދަރި މިނިމިނީނާއި" މިގޮތަށް އޮތުމުންނެވެ. އަދި މީގެ އިތުރަށް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިއުއްވި "އައްސުލްޠާނު އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމު ސިރީ ސަވާދީއްތަ މަހާރަދުން" މިފޮތުގެ 283ޞ. ގައި ލިޔުއްވާގޮތުން "ކޮރަލިތަކުރުގެ އަބޫބަކުރު ފަޑިޔާރު ތަކުރުފާނުން ނިޔައުވީމާ ދެން ފަޑިޔާރުކަމަށް އިސްވީ ހުވަދޫ އަބޫބަކުރު ފަޑިޔާރު ތަކުރުފާނެވެ. އުތީމު ސަވާދީއްތަ މަހާރަދުންގެ ރަސްކަމުގެ ފަހުކޮޅުގައްޔާއި ކަލާފާނު ރަސްކަމުގެ އިހުކޮޅުގައި ފަޑިޔާރުކަމުގައި ހުންނެވީ މިއަބޫބަކުރު ފަޑިޔާރު ތަކުރުފާނެވެ. ކަލާފާނު ޢަރަބި ކިޔަވާވިދާޅުވެ ޢިލްމުވެރިވީ މިތަކުރުފާނުންގެ އަރިހުންނެވެ."

މިހިސާބުން އެ ފަތްކޮޅު ބައްލަވައިލެއްވުން އެދެމެވެ. މިމަޟްމޫނުގައި އެ ފަތްކޮޅު ލިޔެފައިވާއިރު ފަތްކޮޅުގެ ބައިތައް ހައިލައިޓްކުރީ ކިޔުންތެރިންނަށް ދަންނަވަން ބޭނުންވާ މަޢުލޫމާތަކަށްޓަކަ އެވެ. އޭގެ ތަފުޞީލު ނުވަތަ ހައިލައިޓް ކުރެވިފައި ހުރިގޮތް(ތަޅުދަނޑި) ފަތްކޮޅުގެ ފަހަތުގައިވާނެ އެވެ.
                *************

ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ތިންވަނަ އަވެރެދު ސުވަސްތީ ސިރީ މަތަމަހާސިރީ ފުރަ ސިތުރަ އައުދާނަ ސިރީ ކުލަރަންމަނި އައުދާނަ ކައްތިރިބަވަނަ މަހާރަދުންގެ މިދިވެހިރާއްޖޭގެ ސަރުސަނަރާދަ ބައްދިނަ އާރާންދަކޮނު ފުރަވަޑުނަށަ ދިންނާން ދަބަވަނަ ލަދަވަރުދާނަ ދުވަޅަކާންކުރަކޮށު. ބަސިސަލޯކަ މަހާރަދުން ފުރަގަޅަ އުއްގަދަކޮށް. ކައްތިރި ރެދަލިކަމުން މިދޭހައިންބައަ ނިރުބާކޮށު. ސަވާދަ ސާސްތުރަ ސަވާލައްކަ ފަނިމިދީ މަލިކައްޑޫ މިދެމެދު އެކަށްއޮންނަނީކޮށު. އަނެކުންނަށް ނެތީކޮށު. ފުރަމާލޭ ރަތުރަނައި ރަސަދަރަވަތީ ޖައުހަރު އިރަނިއަރުތިބޭ ބިރިކުސަ ފުރަކޮއިލަވަތީ. ކައްފިކައި ތިބޭހިދަށަ ކައްތިރިބަވަނަ މަހާމައްތިރި ބަރުނަ ބަވާކާ އަސްކަރު ރެސްވެކެދިގެން ދިވެތި މަންދޭށަކޮށު ރަންމަނި އާދީއްތަ އަންބަރައިރަ ސަރިދާލޭސް މައްތީ އުއްތަރަ އާނަންދަ ވޮޑިގިނެދެ ފުރަކީރިތި ރެދަލިކުރަނަ ތިންވަނަ އަވެރުދު ޖުމާދިލްއައްވަލް މަހު ފުރަތަމަދުވަހު ތިމަންރަދުންގެ ކާބަފައި އަބޫބަކުރު ފަޑިޔާރުކަލޭގެއަށް އުފަން ތިމަން ރަދުންގެ މައި އައިސާބީގެ ދަރީގެދަރި މިރިމީން ކިބައަށް ސުވަސްތީ ސިރީ މަތަމަހާސިރީ ކުލަސަދުރަ ސަރީކިސާސްތުރަ އައުދަ ކީރިތި ކައްތިރިބަވަނަ މަހާރަދުންނެވެ. އައްސުލްޠާން މުޙައްމަދު ރަދުންނާއި. މިރަދުންގެބައި. ސިރީސަވަރު ދެބަވަނަ މަހާރަދުނަވި އައްސުލްޠާނުލް ޣާޒީ ފާށަނާކިލެގެފާނާއި މިދެރަސްކަލުން ދެއްވި ވިދާޅުފަތް ބައުވެއްޖެކަމަށް މިފަތްފަތުންހުށި މަގުން މިފަތްބަލައިގެން ހުށި މަގީ:

މަގޭ ވޮނަދަނަރާއްޖޭ ހުވަދޫމައްޗަށް ފުރަބަންޑާރަފުށުން ރަސްކަމާކެމަށްދާހައި އަޅުނާއި އެހެނެހެން ކިބަކިބައިން ކަންކަމުދާހައި އަޅުނާއި މިއެންމެއަޅުތަކުނަށް ވިދާޅުފަތެ.

ތިބާއަތޮޅު ފަޑިޔާރުކަލޭގެ ދަރީނާއި ދަރީންގެދަރި މިނިމިނީނާއި މިއެންމެން އަމިއްލަ ދަޑުފަގު ރުއްގަސް އަޅުފެމުސްވެރީންގެ މިފަދައިންހުށި ކޮންމެއެއްޗެއް ޝަރީޢަތަކާއިނުލައި މީންއެއްޗެއް ހިފައި ކޮންމެގަދަމީހަކީ މާވެކިޔައި މިމީހުނަށް އަނިޔާއެއް ނުކުރަނީކޮށު. މިއައިސާދިޔޯގެ ބެއި ފަޑިޔަތްކަލޭގެ މީނަގެދަރީނާއި ފިރިހެން ފެމުސްވެރީންގެ ރަހުރާއި ހަށިކުރަތާއި ހުކުރުމިސްކިތަށް ކަޑުވައިފެއްޗެ. މީން އެއްޗަކާއި ކޮންމެ ބަންޑާރަވެރިޔަކު ވެންނުވަނީކޮށު. ދެއްވަދޫ ރަސްބައި ގޮއިފާލައްބަ މިހުކުރުމިސްކިތަށް ލައްވައި ދަރުމަކުރައްވައިފިއްޗެވެ. މިރަށު އުރައިތަކާއި ފާލައްބަތަކާއި މިރަށު އެހެންބަޔަކަށް ކޮންމެމީހަކު ވެންނުވަނީކޮށު. މިފަދައިން ރައްކަލާގެ ދަރީނާއި ހޯޑެއްދޫ އާބަކުރުގެ ދަރީނާއި ދޮނާހުގެ ދަރީނާއި މީންއަޅަކާއި ޝަރީޢަތަކާއި ނުލައި ވެންނުވަނީކޮށު. މިދެއްވަދޫ ކަބުރުވެރިޔަކުވިޔަސް ކޮންމެ ރާވެރިޔަކުވިޔަސް ކޮންމެ މަސްވެރިޔަކުވިޔަސް މީން މީހަކާއި ކޮންމެމީހަކު ވެންނުވަނީކޮށު. މިރަށުމީހަކާއި އެހެން ކޮންމެމީހަކު ވެންނުވަނީކޮށު. މީންމީހެއްގެ ރުހުމާއިނުލައި މީންމީހެއްގެ ގެޔަކަށް ނާރައިކޮށު. މީންމީހެއްގެ ރުހުމަކާއިނުލައި މީންމީހެއްގެ ދޯނިއަކަށް ނާރަނީކޮށު. މިމިސްކިތަށްހުށި އެއްޗަކުން އިހު ރަސްކަލުން ކަޑުއްވައިފައިހުރި ރުއްރުކާއި ހުށި ކޮންމެއެއްޗެއް އެފަދައިންމެ މިސްކިތްމައްޗަށް ހުންނައީކޮށު. މިފަޑިޔާރުކަލޭގެ ދަރީންގެ އަތުއިހުންހުށި.

މިކަން މިމަގަށް ހުންނައީކޮށު. މަގޭއިތުރު ހިރިޔާ ފާތުރާދަށުން ދެއްވި މިވިދާޅުފަތް އޮއްވައި މިއިންކަމަކުންކަމެއް އަރައެރުންކުޅައޫތަ. މަގޭ ކީރިތިކަމުގެ ފުރަމާނަދަނެއު.

މިތައްމަގުން ސިރީ ކުލަސަދައިރަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރިބަވަނަ މަހާރަދުންގެ ކައްތިރި މުދިގެއްސެވުމަށް މިފަތް ލިއެއްވުމުގެ ހުއްދަ ވިދާޅުބަސްފުޅާއި ނުކުމެ އަލްވަޒީރުލްޙާއްޖު މުޙައްމަދު ފާށިނާ އަޅާކީހިދު ލިޔާ މުޙައްމަދު ޚަޠީބު އަޅާލީން.
                *************

ހައިލައިޓްކުރިގޮތުގެ ތަފުޞީލު(ތަޅުދަނޑި)

މިގޮތަށް ހައިލައިޓްކޮށްފައި ހުރީ ސުލްޠާން މުޙައްމަދު ބިން ޙާއްޖު ޢަލީ (ދެއްވަދޫ ރަސްގެފާނު)ގެ ރަސްކަމުގެ ދުވަސްވަރު އެ ރަދުން ލިޔުއްވި ފަތްކޮޅުގެ ޢިބާރާތް

މިގޮތަށް ހައިލައިޓްކޮށްފައި ހުރީ ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމާއި އެރަދުންގެ ދަރިކަލުން ކަލާފާނު (ސުލްޠާން އިބްރާހީމް 3ވަނަ) ގެ ރަސްކަމުގެ ދުވަސްވަރުގެ ފަތްކޮޅުގެ ޢިބާރާތް

ސުވަސްތީ ސިރީ މަތަމަހާސިރީ ކުލަސަދުރަ ސަރީކިސާސްތުރަ އައުދަ ކީރިތި ކައްތިރިބަވަނަ މަހާރަދުންނެވެ. އައްސުލްޠާން މުޙައްމަދު ރަދުންނާއި
މިއީ "ބޮޑުތަކުރުފާނު" ކަމަށް ލިޔުއްވައި ސުވާލުމާކެއް ޖައްސަވާފައިވަނީ ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ އެވެ. ބޮޑުތަކުރުފާނަކީ، ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމެވެ.

ސިރީސަވަރު ދެބަވަނަ މަހާރަދުނަވި އައްސުލްޠާނުލް ޣާޒީ ފާށަނާކިލެގެފާނާއި
މިއީ "ކަލާފާނު" ކަމަށް ލިޔުއްވައި ސުވާލުމާކެއް ޖައްސަވާފައިވަނީ ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ އެވެ. ކަލާފާނަކީ، ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ ދަރިކަލުން ސުލްޠާން އިބްރާހީމް 3ވަނަ އެވެ.

ނިންމާލުން:

ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ޚާއްޞަ ނަންފުޅަކީ ޢާއިޝާ އެވެ. މިކަން އެނގެނީ އެ ކަމަނާގެ ދަރިކަލުން ސުލްޠާން މުޙައްމަދު ބިން ޙާއްޖު ޢަލީ ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ 3 ވަނަ އަހަރު އެ ރަދުން އައުކޮށްދެއްވި ވަގުފު ފަތްކޮޅު ފުރަތަމަ ލިޔެދެއްވި ޣާޒީ ރަދުންނާއި އޭގެފަހުން އެ ފަތްކޮޅު އައުކޮށްދެއްވި ނުވަތަ ބަދަލެއްގެންނެވި ކަލާފާނާއި މި ދެ ރަސްކަލުން އެ ފަތްކޮޅުގައި ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅަކަށް ބޭނުންފުޅުކުރެއްވީ އައިސާ - ދިޔޯ އަށް ވުމާއި އޭގެފަހުން އެ ވަގުފު ފަތްކޮޅު އައުކޮށްދެއްވި ދެއްވަދޫ ރަސްގެފާނު އެ ރަދުންގެ މަންމާފުޅުގެ ނަންފުޅަކަށް ބޭނުންފުޅުކުރެއްވީ އައިސާ - ބީ އަށް ވުމުން އެއްވެސް ރަސްކަލެއްގެ ލިޔުއްވުމަކުން އައިސާ އަށް ބަދަލެއް ނައުމުންނެވެ. ދިވެހިބަހުގެ އައިސާ އަކީ ޢަރަބިބަހުގެ ޢާއިޝާ އެވެ.

ކުރީގެ ބައެއް ލިޔުންތަކުގައި ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅުގެ ކުރިއަށް އައިސާ ގެނެސްފައި އޭގެފަހަތަށް ބީ ނުވަތަ ދިޔޯ ނުވަތަ ކަނބުލޯ ގެނެސްފައި ހުރި ނަމަވެސް އައިސާ އަށް ބަދަލެއް ނާދެ އެވެ. ކުރީގެ ބައެއް ލިޔުންތަކުގައި އެ ކަމަނާއަށް "ދެއްވަދޫ ކަކުނިދިޔޯ" ނުވަތަ "ދެއްވަދޫ ކަކުނީދިޔޯ" ލިޔެފައި ހުންނަނީ އެކަމަނާއަށް ގުދުރަތުން ހަދިޔާކުރެއްވި ނުހަނު އަގުހުރި ނިޢުމަތެއްކަމަށްވާ އާދަޔާޚިލާފު ރީތިކަމަށްޓަކަ އެވެ. "ދެއްވަދޫ ކަކުނީދިޔޯ"ގެ މާނައަކީ "ދެއްވަދޫ ރީތި އަންހެނާ" ނުވަތަ "ދެއްވަދޫ ރީތި އަންހެންބޭފުޅާ" އެވެ.
                 -----------------
ޢަބުދުﷲ ޙިލްމީ
22 އޮކްޓޫބަރ 2016މ.