ހުވަދުއަތޮޅު އެކެފަރަށް އުރުނު ބޯޓު - އެމް.އެސް. ތާލަތާ












ރީޔުނިއަން އަލިފާންފަރުބަދަ ގޮވުމާއި ގުޅިގެން އުފެދުނު ފުންވަޅުގަނޑު އުފެދުނީ އިންޑިއާ ކަނޑުގައެވެ. ސައިންޓިފިކް ހެކިތައް ހާމަކޮށްދެނީ، އެކަނޑަށް ޣަރަޤުވެފައި މިވާ ދިވެހިރާއްޖޭގެ ތިލައައްޓަކީ އިންޑިއާއަށްވުރެ ދޮށީ ޢުމުރުގެ އައްޓެއް ކަމަށެވެ. މިދެންނެވި ތިލައަށީގައި ފަހުން އުފެދި،ފެނުން ހިކިފައި މިވާ ރަށްތަކަކީ، ދިވެހިރާއްޖޭގެ ރަށްތަކެވެ. މިރަށްތައް އުފެދި ފުރާ ފުރިހަމަވެފައި މިވަނީ، ހައްޠު އިސްތަވާގައެވެ. މިދެންނެވި ސައިންޓިފިކް ތިއަރީގެ އަހުލުވެރީން ލަފާކޮށްފައިވަނީ، މިރާއްޖޭގެ ތިލައަށި ކުރިން އޮތީ އެހެން ތަނެއްގައި ކަމަށާއި، "ގިރެމުން އައިސް" އެންމެ ފަހުން އިންޑިއާ ކަނޑަށް ޣަރަޤުވެ، އެކަނޑުގައި ޤަރާރުވީ ކަމަށެވެ. ކޮންމެއަކަސް ދިވެހިރާއްޖެ މިހާރު މިއޮތް ނުކުތާއަކީ (ކަނޑުގެ މަގުން) ހުޅަނގުގެ ކަރަތަކާއި، އިރުމަތީގެ ކަރަތައް ގުޅުވައިދޭ ނުކުތާއެކެވެ. ވުމާއެކު، އިރުންހުޅަގަނށް އަދި ހުޅަނގުންއިރަށް ދަތުރުކުރާ އުޅަނދުތައް މިރާއްޖޭގެ ފަރުތަކަށް އުރުމަކީ، ކަނޑުދަތުރުތައް ފެށުނު އަންޒަމާނުއްސުރެ ފެށިގެންވެސް ދާދި މިދާކަށްދުވަހާއި ހަމައަށްވެސް ހިނގަހިނގައި އޮންނަ ސިލްސިލާއެކެވެ. އެގޮތުން މިރާއްޖޭގެ ފަރުތަކަށް އުރުނުކަމަށް ބެލެވޭ އުޅަނދުތަކުގެ ޢަދަދު އެއީ ނޭނގުމެއްގެތެރޭގައި އޮތް ކަމެކެވެ.


މަތީގައި ދެންނެވިގޮތުގެ މަތިން ރާއްޖެއަށް ގިނަ ޢަދަދެއް އުޅަނދުތައް އުރިފައިވިއަސް، މިބަޔާނުގައި އަޅުގަނޑު މިގެނެސްދެނީ، މަތީގައި އެވާ ކާގޯބޯޓު "އެމް.އެސް. ތާލަތާ" އާއި ބެހޭގޮތުން މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ ބައެއް މަޢުލޫމާތެވެ.

ހުވަދުއަތޮޅު އިރުއުތުރު ފަރަކީ، ކުރީޒަމާނުގައި ވަރަށްގިނަ ނާފަރު އުރިފައިވާ ފަރެކެވެ. މަޝްހޫރު އަނދިރިއަނދިރީންގެ ބައްޕަ ދަތުރުކުރި ނަވާއި، ރިޔާލަނަވާއި، އަދިވެސް ކިތައްމެ ނަވެއް އެފަރަށް އުރިފައިވެއެވެ. އަދި މީގެއިތުރަށް، ކާނޑެއްދުއާއި، ކެރަމިންތާ ދިމާއިން، ފުއްޓަރުފަރާތު ފަރަށްވެސް ނާފަހަރު އުރިފައިވެއެވެ. ކެރަމިންތާ އާއި ދިމާއަށް ފުއްޓަރުފަރާތަށް އުރުނު ނަވަކީ "ކަޅުހިލަދައި" ބަރުކޮށްގެން ދަތުރުރި ނަވެކެވެ. އެ ނަވުން ގެނެސްފައިވާ "ފުނޑާދައެއް" އަޅުގަނޑުމެންގެ ގޭގައި ބޭނުންކުރިއެވެ. އެ ނާ އުރުނުދިމާއިން ފަރުމަތިން ގިނަ ޢަދަދެއްގެ (އެކިވަރުވަރުގެ) ހިލަ ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް (1998މ. ވަނަ އަހަރުގެ ކުރީކޮޅު) ގެނެސްފައިވަނިކޮށް ވެސް އަޅުގަނޑު ދުށީމެވެ. އެނާ އުރުނު ކަމަށް ބުނެވެނީ 1890މ. ގެ އަހަރު ތަކުގައެވެ. އަދި މީގެ އިތުރަށް ކާނޑެއްދޫ ފުއްޓަރުފަރާތަށް އުރުނު ނަވުގެ "ކައްޓިއާ"ވެސް އަޅުގަނޑު ދުށީމެވެ. އެރަށު ހުޅަނގުދެކުނު މައިތޮށިން ބޭރުގައި "ބެރައުކުޅިއާ" ދިމާއަށް ހުރި އެ ކައްޓިއާ ހުރީ ކޮޅަށެވެ. ނަމަވެސް އެނަވާއި ބެހޭ އިތުރު ތަފްޞީލެއް މިހާތަނަށް އަދި އަޅުގަނޑަށް ލިބިފައި ނުވެއެވެ.

ރިޔާލަ ނަވަކީ ވެސް ތާރީޚީ ގޮތުން ހުވަދުއަތޮޅާއި، ވަރަށްބޮޑަށް ގުޅިފައިވާ ނަވެކެވެ. ބުނެވޭގޮތުގައި ހުވަދުއަތޮޅަށް ޖުޒާމްބަލި އެތެރެވީ، އެނަވުގައި ތިބި ޖުޒާމްބަލި ޖެހިފައިވާ މީހުންގެ ފަރާތުންނެވެ. ޖުޒާމްބަލި ޖެހިފައިވާ މީހުން، ދިވެހި ރާއްޖެއިން އެންމެ ފުރަތަމަ ފާހަގަކުރެވުނީ ގއ.އަތޮޅު ވިލިގިލިންނެވެ. އެއީ 1779މ. ން 1835މ. ށް ރަސްކަންކުރެއްވި އައްސުލްޠާން މުޙަންމަދު މުޢީނުއްދީނު (1 ވަނަ) ރަސްކަންކުރެއްވި ދުވަސްވަރެވެ. އެ ނަވުން ރިޔާލަ ނެގިގޮތުގެ މަޢުލޫމާތު، އަޅުގަނޑުގެ ކާފަ ކިޔައިދިނެވެ. ކުރީޒަމާނުގައި ޖުޒާމްބަލިޖެހޭ "އިންޑިއާ" މީހުން އެކަހެރިކުރަނީ މަލިކުއަތޮޅުގެ ވިރިގިލީގައެވެ.

ހުވަދުއަތޮޅު ވިލިގިލި، މާލެ އަތޮޅު ވިލިގިލިވަރު މަލިކުއަތޮޅު ވިރިގިލި މިއީ ވަރަށް އެއްވައްތަރުގެ ނަންތަކެވެ. އިންޑިއާގެ ތާރީޚީ ޞަފްޙާތަކުން އެނގޭގޮތުގައި ކުރީޒަމާނުގައި ޖުޒާމްބަލި ޖެހޭ، އިންޑިއާ މީހުން އެންމެ ފުރަތަމަ ފުރަތަމަ އެކަހެރިކުރީ، މަލިކު އަތޮޅު ވިރިގިއްޔަށެވެ. އެގޮތުގައި ޒަމާންތަކެއް ވުމަށްފަހު، ދެން އެމީހުންގެންދަނީ، ފޯޅަވައްސަށެވެ. ފޯޅަވައްސަށް ބަލިމީހުން ގެންދިއުމުގެ މަގުމަތީގައި ހުވަދުއަތޮޅުގެ ފަރުތަކަށް ނާފަހަރު އުރެއެވެ. އެހާހިސާބުން އެ ޗެޕްޓަރު އެނިމުނީއެވެ.

އެމް.އެސް "ތާލަތާ" ނުވަތަ އެކެފަރުބޯޓު ހުވަދުއަތޮޅު އެކެފަރަށް (މާމުޓާ ކައިރިއަށް) އުރުނީ، ޖުލައި 4، 1948މ. (ޝަޢުބާން 27، 1376ހ.) ގަވެ. މި ބޯޓުގައި ހަނޑުލާއި، ފުށާއި، އަސޭމިރުހާއި، ފޮނިތޮއްޓާއި، ކާއްޓާއި، އަދި ގިނަ ޢަދަދަކަށް ރޯނާއި، ރަބަރު ހުއްޓެވެ. ބޯޓް ފުންކުރުމަށްޓަކައި، ގިނަޢަދަދެއްގެ ތަކެތި (ފަރުކައިރިއަށް) މޫދަށް ބޭރުކޮށް، ބޯޓް ލުއިކުރިއެވެ. އެތަކެތި އަތޮޅުގެ ރަށްރަށުގެ މީހުން ނަގައި އުޅުނެވެ. މިތަނުން ބައެއްތަކެތި މާލެ ގެންގޮސް، ބައެއްތަކެތި އަތޮޅުގެ ރައްޔިތުންނަށް ލިބުނެވެ. ސަރުކާރުގެ ފަރާތުން ބޯޓްގެ ކަންތައްތަކާއި ޙަވާލުވެގެން އުޅުއްވީ، އަތޮޅުވެރިޔާ ވީރު ޢަލިދީދީއާއި، ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭފާނާއި، އޮޅަދީދި ކަތީބާއި، ޢަބުދުﷲ ކަތީބާއި، ނާއިބު އިސްމާޢީލްދީދީ އާއި، ވާދޫ ގެދަރު ޢަލިމަނިކާއި، ޖަނަވަރީގޭ ޙަސަން ޙިލްމީ އެވެ. ތަރުޖަމާނަކީ، ހަވަރުތިނަދޫ މާނެލް ޔޫސުފް ޞިދުގީ އެވެ. ބޯޓް އުރުނުތާ ދެމަހެއްހާ ދުވަސްފަހުން ބޭރުން (މިޞްރުން) ޓަގްބޯޓެއް ގެނެސް ބޯޓު ފުންކުރީއެވެ. ބޯޓްގެ ކަންކަމާއި ޙަވާލުކުރައްވާފައި ސަރުކާރުން ފޮނުއްވީ، އަލްއުސްތާޒު މުޙައްމަދު އިބްރާހިމް ލުޠުފީ އާއި އަލްފާޟިލް ކުޑަ އަޙުމަދު ކަލޭގެފާނެވެ. ބޯޓު ފުންކުރެވުނީ، އޮކްޓޫބަރ 26، 1948މ. ގަ އެވެ.

އެކެފަރު ބޯޓު ފުންކުރުމުގެ ކުރިން ބޯޓު ލުއިކުރުމަށްޓަކައި ގިނަ ޢަދަދެއްގެ ގޮދަންފުށް ކަނޑަށް ބޭރުކުރި އެވެ. އެ ބޯޓުން ބޭރުކުރި މުދާ އެރުވީ، ކޫއްޑޫ އަށެވެ. އޭރު އެރަށް އޮންނަނީ، މޫސާ ހިރިހަމައިދި ކަލޭފާނަށެވެ. އެބޯޓުގެ މުދަލާއި ޙަވާލުވެ ހުންނެވީ އަލްފާޟިލް ޢަބްދުﷲ ކަތީބެވެ. އޭނާއާއި އެއްބަނޑު ދެ އަންހެން ކޮއްކޮއަކު ވެސް އޭރު އެރަށް ގެންދިޔައެވެ. ގޮދަށްފުށް ކަނޑުމަތިން ހޮވައިގެން ކޫއްޑުއަށް ގެންދިއުމުގެ މަސައްކަތްކުރީ، ހުވަދު އަތޮޅުގެ ރައްޔިތުންނެވެ. ގޮދަންފުށް ބޭރުކުރަން ފެށުމުން ދިރުނބާކޮޅު ލުއިވާ ވަރަކަށް އެއްގަމަށް (ފަރުމައްޗަށް) ބޯޓު އަރަމުން ދިޔައެވެ. އެކަން ޙައްލުކުރުމަށްޓަކައި ފަލުކާތަކަށް ލޮނު ބަރުކުރިއެވެ. އެ ޚިޔާލުދިނީ، ކެޕްޓަނުގެ އަންހެނުން ކަމަށް ބުނެވެއެވެ. ބޯޓު ލުއިކުރުމަށްފަހު، ޓަގުބޯޓުގެ އެހީގައި ބޯޓު ފުންކުރީއެވެ.

ބޯޓު ފުންވަމުން ދިޔަވަގުތު ބޯޓުގެ ކެޕްޓަން ދިރުނބާކޮޅުގައި ހުރެފައި، ދުވެފައި ކޮޅުފަސްކޮޅަށް ދަނިކޮށް ފަލުކާތެރެއަށް ވެއްޓި ކަރު ބިނދި މަރުވީއެވެ. އޭނާ ވަޅުލީ ކޫއްޑޫގައެވެ. އޭނާގެ ޖަނާޒާގެ ކަންތައްކުރިގޮތަކީ، ބޮޑުފޮއްޓެއް ޖަހައި އެފޮށި ތެރޭގައި (ގޮނޑިއެއްގައި) އެމައްޔިތާ ކޮއްޅަށް ބައިންދައި، އޭނަގެ މިލްކިއްޔާތުގައި ހިމެނޭ ފައިސާއާއި، ގަހަނާފަދަ ތަކެތި، އެފޮއްޓަށް ލައި، އޭނާގެ ލޮލުގައި އައިނު އަނުއަޅުވައި، ޖީބުގައި ގަލަންޖަހައި އެމީހާ ވަޅުލީއެވެ. ބޯޓު ފުރައިގެންދިއުމުން ރޭގަނޑު ދަންވަރު) މަހާނަކޮނެ ފޮށީގައިހުރި ތަކެތިނެގީ، އޭރު ކޫއްޑޫގައި ރަށްވެރި އަކަށްހުރި ހަވަރުތިނަދޫ ޝަރުބަތު އަލީ ކިޔާ މީހެކެވެ. މި ޢަލީ އާއި، އޭނަގެ އަންހެނުން، މާމެންދޫ ސަންފާދިޔެ އޭރު އުޅުނީ، ކޫއްޑޫގައެވެ.

އެކެފަރު ބޯޓު އުރުނު ދުވަސްވަރަކީ، ދެވަނަ ބޮޑުހަނގުރާމައިގެ ހައިހޫނުކަން، ހިހޫވަމުންދިޔަ ދުވަސްވަރުކަމަށް ވިއަސް އަތޮޅުގެ ރައްޔިތުން ތިބީ ކާބޯތަކެއްޗަށް ނުހަނުބޮޑަށް ބޭނުންވެފައެވެ. ވުމާއެކު، ވިލިގިލީ ދޮން އަހަންމަދުގެ ގާތަށް މީހުންގޮސް ހައިހޫނުކަމުގެ އެވާހަކަ ބުނަން ފެށުމުން، ފުފޭއެއްގައި ފަންޑިތައެއް ލިޔެ އެނދު ތަންދޮށުގައި ބަންޑުން ބޭއްވުމަށްފަހު، ބުނިކަމަށް ވަނީ، މާދަމާހެނދުނު އަތިރިމައްޗަށް ދާށެވެ. އެގޮތުން ހެނދުނު އަތިރިމައްޗަށް ދިޔަ މީހުން އައިސް އެކެފަރަށް ބޯޓެއް އުރިފައިވާކަމަށް ބުނުމުން އޭނާ ބުނިކަމަށް ވަނީ، އެ ބޯޓުގައި ހުރި ކާބޯތަކެތި ހުސްވުމުގެ ކުރިން ބޯޓު ފުންނުކުރެވޭނެ ކަމަށެވެ. އެކަން ހިނގީވެސް އެގޮތަށެވެ.

ކޮންމެއަކަސް، އެކެފަރު ބޯޓަކީ، ހުވަދުއަތޮޅު މީހުންގެމެދުގައި ވަރަށް މަޝްހޫރު ބޯޓެކެވެ. އެ ބޯޓާއި ގުޅުވައިގެން ވަރަށްގިނަ ބަޔަކު، އެމީހުންގެ އުފަން ތާރީޚު ކިޔައި އުޅެއެވެ. މިސާލަކަށް، އެކެފަރުބޯޓު އުރުނު އަހަރު، ފަހުއަހަރު، އޭގެ ކުރީއަހަރު ނުވަތަ ދެއަހަރު ފަހުން، ނުވަތަ ދެއަހަރު ކުރިން މިކަހަލަ ގޮތްގޮތަށެވެ.
         ---------------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމްޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި 

މަޢުލޫމާތު:
އަލްފާޟިލް ޙަސަން ޙިލްމީ / ޖަނަވަރީގެ ގދ.ތިނަދޫ، އަލްފާޟިލް އިސްމާޢީލް ވަޙީދު / ހިންދޫސް ގދ.ތިނަދޫ، އަލްފާޟިލް ޢަލީ އިބްރާހީމް / ޒޫރިޔާގެ ގދ.މަޑަވެލި، އަލްފާޟިލް ޢަބްދުއްޞަމަދު ޙުސައިން / މާކޯނި ގދ.ތިނަދޫ، އަދި އިންޓަނެޓް