ކަކުލުހުޅުން އަޑުގޮވާ ސަބަބާއި އެކަމުގެ ޙައްލު
















ކަސްރަތުކުރާއިރު ކަކުލުން އަޑުގޮވުމަކީ، ބައެއް މީހުން ބިރުގަންނަ ކަމެކެވެ. އެކަމާހެދި ބައެއް މީހުން ކަސްރަތުކުރުން ހުއްޓާލަ އެވެ. އެކަމުގެ ޙައްލަކީ ކޮބައިތޯ މީހުން ސުވާލުކުރެ އެވެ. އަދި ކަސްރަތުކުރާއިރު ކަކުލުހުޅުން އަޑުގޮވާ ކަމަށްވަނީނަމަ، ކަސްރަތުކުރުން ހުއްޓާލަންވީތޯ ނުވަތަ ނޫންތޯ މީހުން ސުވާލުކުރެ އެވެ.

ކަސްރަތުކުރާއިރު ކަކުލުން "ޓައް" ކިޔާފައި ގޮވާ އަޑަކީ، ތަދުނުވާ ކަމަށްވަނީނަމަ، ނުވަތަ ދުޅައެއް ނެތްކަމަށްވަނީނަމަ، ނުވަތަ އުދަނގުލެއް ނުވާކަމަށްވަނީނަމަ، އެ އަޑާމެދު ބިތުވެތިވާންޖެހޭ އަޑެއް ނޫނެވެ. އެ އަޑު ގޮވުމަށް މެދުވެރިވާ އެއް ސަބަބަކީ، ކަކުލުހުޅުގެ ތެރޭގައި އުފެދޭ ވައިބޮކިތަކެވެ. ބައެއްފަހަރު އެއް ވައިކޮތްކަށްވުރެ ގިނަ ވައިބޮކިތައް ކަކުލުހުޅުގެ ތެރޭގައި އުފެދިފައި ވެދާނެ އެވެ. ކަކުލުހުޅުގައިވާ މަޑުކަށިކޮޅުގެ މަޑުކަމަށް އުނިކަމެއް ލިބިފައިވާނަމަ، އެކަމުގެ ސަބަބުން ވެސް ބައެއް ފަހަރު އަޑުގޮވަ އެވެ. މި ޙާލަތުގައި ކަކޫ ލަންބާއިރު ދެކަށިގަނޑު ޖެހި އަޑުގޮވައެވެ. އެކަމުގައި ކަކުލުހުޅުގައިވާ ޓިޝޫތައް ވެސް ބައިވެރިވެ އެވެ.

މިކަންކަމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ކަމުގެ މާހިރުން ވިދާޅުވަނީ، ކަކުލުހުޅުން "ޓައް" ގޮވާ އަޑަކީ، އާންމު ކަމެއް ކަމަށެވެ. ހުޅުތަކުން އަޑުގޮވުމަކީ، ޠަބީޢީ ކަމެއް ކަމަށެވެ. އެހެންކަމުން އާދަޔާ ޚިލާފު ކަމެއް ނެތްކަމަށްވަނީނަމަ، އެ އަޑާމެދު ބިރުވެތިވާކަށެއް ނުޖެހޭނެ އެވެ.

އެހެނަސް، ކަކުލުހުޅުން އަޑުގޮވާ ކަމަށްވަނީނަމަ، ހުޅުތެރޭގައި ވެސް ދުޅައެއް ވޭތޯ ބެލުމަކީ ކުރަންޖެހޭނެ ކަމެކެވެ. އަދި އަޑުގޮވަނީ ކަކޫ ލަންބައިލާއިރުތޯ ނުވަތަ ނޫންތޯ ވެސް ބަލަންޖެހޭނެ އެވެ. ކަކުލުހުޅުގެ ތެރޭގައި ފެން ހެދިފައިވާ ކަމަށްވަނީނަމަ، ކަކޫ ލެންބުން ފަދަ ޙަރަކާތްތައް ކުރާއިރު، އަޑުގޮވުމަކީ ވެދާނެ ކަމެކެވެ.

އިށީނުމަށްޓަކައި ކަކޫ ލަންބައިލާއިރު ނުވަތަ ޙަރަކާތްކުރާއިރު، ދެކަށިގަނޑު ޖެހޭ ކަމުގެ އިޙުސާސްކުރެވޭ ކަމަށްވަނީނަމަ، ކަކުލުހުޅަށް އެވަނީ މައްސަލައެއް ޖެހިފައެވެ. އުޑަފައިން އިށީނުމަށްޓަކައި ޙަރަކާތްކުރާއިރު، ހަށިގަނޑުގެ ބުރަދަނުގެ 8 (އަށެއް) ގުނައިގެ ބުރަދަން، ކަކުލުގެ ފިޔަންކަށިގަނޑަށް އެޅޭނެ އެވެ. ކަންމިހެން އޮތްއިރު، އިތުރު ބުރަދަންތަކެއް ހިފައިގެން އިށީންނަކަމަށްވަނީނަމަ، އެ ކަށިގަނޑަށާއި ކަކުލުހުޅުގައިވާ ޓިޝޫތަކަށް އިތުރު ބުރަދަނާއި އިތުރު ޕްރެޝަރު އެޅޭނެކަން ހަނދުމަފުޅު ބަހައްޓަވާށެވެ!
                ------------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން