ދެ ވެރިޔެއްގެ ދެ އިނާމު - ނިކަމެތި ފަޤީރު އަންހެނަކަށް











މިލިޔުން ގުޅިފައިވަނީ 1950މ. ގެ ހަވަރުތިނަދޫގެ ރަށްވެހިކަމުގެ ދުވަސްވަރާއި، އަދި 1962މ. ގައި ހަވަރުތިނަދޫން މީހުން ބޭލި ދުވަހާއެވެ.

އިނާމަކީ ރަނގަޅު ކަމެއްގެ ބަދަލެވެ. ކަމެއްކުރީމާ ދޭ ހަދިޔާއެވެ. ހަދިޔާއަކީ އެކުވެރިކަމުގެ ގޮތުން ނުވަތަ ގާތްކަމުގެ ގޮތުން މީހުންނަށް ހިލޭ ދޭ ތަކެއްޗެވެ. މިއީ ދިވެހި ބަހުގެ ރަދީފުގައި މި ކަންކަމަކީ ކޮބައިކަން ބުނެދޭ ގޮތެވެ. ހަދިޔާއަކަށް ދޭ އެއްޗަކީ ފައިސާކަމަށް ނުވަތަ އަގުގެ ގޮތުން އެހާ ބޮޑު އެއްޗަކަށްވުން ކޮންމެހެން މުހިއްމެއްނޫނެވެ. މުހިއްމީ އެ ޙާލަތަކާއި އެ ކަމަކާއި އެ އެއްޗެއް ދިން އަދި އެ އެއްޗެއް ލިބިގަތް ފަރާތެއްގެ ނިސްބަތެއްގައި އެ ކަމެއް އޮތްގޮތެވެ. ބައެއް އިނާމަކީ އެ އިނާމެއް ލިބެނީ ކިހިނެއް ކޮން ކަމެއް ކޮން ގޮތަކަށް ކުރުމުންކަން ކުރިން އެނގޭ އިނާމެވެ. ބައެއް އިނާމަކީ އޭގެ ކުރިން މީހަކު ނުދެނެހުއްޓައި ވެސް އެ މީހަކަށްލިބިދާ އެއްޗެކެވެ. ލިބޭ ގޮތެއްގައެވެ.

ދެ ވެރިޔެއްގެ ދެ ވައްތަރެއްގެ ދެ އިނާމެއް ދެ ފަހަރަކަށް ނިކަމެތި ފަޤީރު އަންހެނަކަށް ލިބިފައިވުމަކީ ނާދިރުކަމަކަށް ވެދާނެއެވެ. ނަމަވެސް މީހެއްގެ (ދިރިއުޅުމުގެ) ނިކަމެތިކަމާއި ފަޤީރުކަމަކީ އެ މީހެއްގެމައްޗަށް އެ ހިނދަށް ހުންނެވި ވެރިޔެއްގެ އިނާމެއް ނުލިބެންވީ ސަބަބެއް ވެސް ނޫންމެއެވެ.

އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ދިވެހިދައުލަތް ހިންގެވި ދުވަސްވަރު އަތޮޅުތަކުގައި ރަށްވެހިކަމުގެ މަސައްކަތް ފައްޓަވައި ކުރިޔަށް ގެންދެވި އެވެ. އެ ކިލެގެފާނުގެ އެ މަސައްކަތްޕުޅުގެ ސަބަބުން ދުވަސްވަރާއި އަޅައި ބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ރަށްރަށަށް ލިބުނެވެ. ޚާއްޞަކޮށް އާބާދީވެށީގެ ގައިގޯޅިކަން ކުޑަވެ ސާފުތާހިރުވުމުގެ ޞިއްޙީ ފައިދާއެވެ. އެންމެންއެކީ މަސައްކަތްކުރުމުގެ އިޖުތިމާޢީ ގުޅުންތެރިކަމެވެ. ފޯރުންތެރިކަންހުރި ވަރަކުން ތަރައްޤީއަށް ލޯ ހުޅުވުމެވެ.

ރަށްވެހިކަމުގެތެރޭ އަލްއަމީރު މުޙައްމަދު އަމީން އަތޮޅުތަކަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއްގައި ހަވަރުތިނަދޫއަށް ވަޑައިގަންނަވާނެކަމަށް އެނގިފައި އޮތީ އެއް ދުވަހެއްގެ ހެނދުނު އެވެ. އެހެންވުމުން ވާން އޮތް ވަރަކުން ރަށުގެ އާބާތުރަ ފިލުވައި ރަށުތެރެ ސާފުކޮށް ރީތިކޮށް މަގުތައް ކުނިކެހުމުގެ މަސައްކަތް ވެސް ކުރަމުން ގެންދިޔަ އެވެ. އެއް ދުވަހެއްގެ ހެނދުނު ވަޑައިގަންނަވާނެތީވެ އޭގެ ކުރީދުވަހުގެ ހެނދުނުއްސުރެ ހިނގަމުންދިޔަ މަސައްކަތް ޖެހިގެންއައި ރޭ މެންދަމާއި ކައިރިވީއިރު ވެސް މުޅީން ނުނިމެއެވެ. (ރަށްވެހިކަމުގެ މަސައްކަތަކީ އެ ދުވަސްވަރު ދިވެހިދައުލަތުގެ ފޯރުންތެރިކަން ހުރި ގޮތުން ދައުލަތުގެ މާ ބޮޑު އެހީތެރިކަމެއްނެތި އެ ރަށެއްގައި ތިއްބެވި ފައިސާވެރިންނާއި ފުދުންތެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް އޮވެގެން ރައްޔިތުންކުރި މަސައްކަތެކެވެ. ހަވަރުތިނަދޫގެ އެ ދުވަސްވަރުގެ ބޮޑެތި ފައިސާވެރިންކަމަށްވާ މޫސާ ހިރިހަމައިދި ކަލޭގެފާނާއި ޙާޖީ މުޙައްމަދު ކަލޭގެފާނާއި އިސްމާޢީލް ޙާޖީއާ މި ބޭފުޅުންނަކީ އެ ރަށުގެ ރަށްވެހިކަމުގެ މަސައްކަތަށް ވަރަށްބޮޑު ޚަރަދުކުރެއްވި ބޭފުޅުންނެވެ.)

އަލްއަމީރު މުޙައްމަދު އަމީން ހަވަރުތިނަދޫއަށް ވަޑައިގަތުމުގެ އެންމެ ފަހުގެ ތައްޔާރީއަށް ފުޅިބައްތިއާއި ފާނޫޒުފަދަ ތަކެތީގެ އަލީގައި އަންހެންވެރިންގެ ބަޔަކު ރޭގަނޑު މަގުމަތި ކުނިކަހަމުން ދަނިކޮށް އެ ތާކަށް ދިޔަ ބީރައްޓެހި މީހަކު އެ އަންހެނުން ކުރެން އެއްސެވެ. "ތިޔައީ ކޮންކަމެއްހެއްޔެވެ؟" 

ޖަވާބުދިނީ ކުނިކަހަމުންދިޔަ އަންހެނެކެވެ. ކުނިކަހަމުންނެވެ. އެ ވާހަކަ އެހި މީހަކަށް ބަލައިވެސްނުލައި ބުންޏެވެ. "މި އުޅެނީ މާދަމާ ހެނދުނު ވެރިމީހާ ވަޑައިގަންނަވާތީވެ މަގުތައް ކުނިކަހައި ރީތިކުރާށެވެ." 

ސުވާލުކުރިމީހާ ބުންޏެވެ. "ތިޔައީ އެހާވަރުން ކޮންމެހެންކުރަންޖެހޭ ކަމެއްހެއްޔެވެ؟" 

އަންހެންމީހާ ރުޅިއައިސް (އިލޮށިފައްޗާއެކު) ބީރައްޓެހި މީހާގެ ކައިރިއަށްޖެހިލާފައި ބުންޏެވެ. "މިހިރަ މީހެއްތާދޯ އެވެ! އަހަރެމެންގެ ވެރިމީހާ ވަޑައިގަންނަވާއިރު ވެސް މަގުތައް އޮންނަންވީ އޮންނާނެ ގޮތަކަށް ހެއްޔެވެ؟ ކުނިކަހައިގެން ވެސް ނުވޭހެއްޔެވެ؟ ތިޔަ ވާހަކަދައްކަން އެންމެ ރަނގަޅު މީހަކީ ކަލޭހެއްޔެވެ؟" 

އަންހެންމީހާއަށް މިހެން ބުނެވުނު އިރު އެ ބީރައްޓެހި މީހެއްގެ މޫނު ވެސް ރީތިކޮށް ފެނުނީ އެވެ. އެއީ އަލްއަމީރު މުޙައްމަދު އަމީނެވެ. އެކަން ހަމަ އެނގުމާއެކު ގަތް ބިރާއި ލަދުން އެ އަންހެންމީހާ ދުވެ ފިލައިފި އެވެ.

(
އަލްއަމީރު މުޙައްމަދު އަމީން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ އަނެއް ދުވަހު ހެނދުނުކަމަށް ވިޔަސް ހިނގަމުންދާ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށް "ހައިސިންތު"އަށް އަތޮޅަށް ވަދެވުމާއެކު ހަވަރުތިނަދޫއާ ދުރުގައި "ހައިސިންތު" ބަނދަރުކުރުމަށްފަހު އޭގެ ޑިންގީގައި އެ ކިލެގެފާނު ހަވަރުތިނަދޫއަށް ވަޑައިގަތްކަމެއް ރަށުގެ ގިނަ ބަޔަކަށް ނޭނގެނީ އެވެ.)

އަލްއަމީރު މުޙައްމަދު އަމީނަށް "ޖަވާބު" އެރުވި އަންހެންމީހާއާއި އަނެއް ދުވަހުގެ މެންދުރެއްހާއިރު އެ ކިލެގެފާނު ބައްދަލުކުރެއްވި އެވެ. ވިދާޅުވިއެވެ. 
"ރޭގައި އެ ދިނީ ހާދަހާ ރަނގަޅު ޖަވާބެކެވެ. އެ ބަޔެއްގެ ވެރިޔަކު އަންނާތީ ވިޔަސް ކުރެވޭ ކަމަކީ އެ ތަނެއްގެ އެންމެނަށް ފައިދާހުރި ބޭނުންތެރިކަމަކަށް ވާނަމަ އެ ކުރެވެނީ ޤައުމީ ކަމެކެވެ. އެކަމެއް ދުވަހަކު ވެސް ގެއްލިނުދާނެ އެވެ." 
މިހެން ވިދާޅުވެފައި އެ އަންހެންމީހާއަށް މުޙައްމަދު އަމީންގެ އަތްޕުޅުން "ހަދިޔާއެއް" ދެއްވިއެވެ. 

މި އަންހެންމީހާއަކީ ކާކުތޯއެވެ؟ ހަވަރުތިނަދޫގެ ވަރަށްފަޤީރު އެހާ ނިކަމެތި އަންހެނެކެވެ. ފޯރުންތެރި ބަޔަކަށް ނޯކިރީކޮށްދީ އުޅުމުން ހަމައެކަނި އެ އިރެއްގެ އިރު ކޮއްތުން ކައިބޮއި އުޅެވޭވަރުގެ ނުފޯރާ މީހެކެވެ. ހަވަރުތިނަދޫގައި އެ ދުވަސްވަރު ތިއްބެވި ކަމުވޮށިގެންވާ "ވަރުވަރުގެ" ކަނބަލުންނަށް ބަލާއިރު އެ ކަނބަލުންގެ ގިންތީގެ ފަހަތުން ވަނައެއް ގައި ވެސް ލައްވައިނުލާނެ މީހެކެވެ. އެކަމަކު ދަންނަވަންތޯއެވެ؟ އޭނާގެ މުރާލިކަމާއި ހީވާގިކަމާއި ކަމަށް ކަމޭހީވުމާއި ރައްޔިތު މަސައްކަތުގައި ހީވާގިކަމާއެކު ގުޅިގެން އުޅުމުގެ ނިސްބަތުގައި އެ ގިންތީގެ ކުރިއާއި މެދާއި ފަހަތަށް ބެލި ނަމަވެސް އެ ގިންތީގައި ލައްވައިލާނޭ "ވަރުވަރުގެ" އެހެން އެއްވެސް ކަނބަލެއް ހަވަރުތިނަދޫގައި އެ ދުވަސްވަރަކު ނެތެވެ.

31
ޖެނުއަރީ 1962 ގައި ހަވަރުތިނަދޫން މީހުން ފައިބައިގެން ދިޔުމުގެ އަމުރާއެކު މީހުން ފައިބަމުން ދިޔަ އިރު އެ ރަށުގެ އެއްވެސް މީހަކު އެ ކަމާބެހޭ ގޮތަކުން އަދި އެ ނޫން ގޮތަކުން ވެސް އެއްވެސް ވާހަކައެއް ބޮޑުވަޒީރު އިބްރާހީމް ނާޞިރަކަށް ނުދަންނަވަ އެވެ. ރަށުން ފައިބައިގެންދާ މީހަކަށް އެއްވެސް އެއްޗެއް ގެންދެވެނީ އެ އެއްޗެއް ބަލައި ފާސްކޮށްދިނުމުންނެވެ. އެކަން ހިނގަމުން ދިޔައީ އޭރުގެ މަޙުކަމަތުއްޝަރުޢިއްޔާގެ ވެރިޔާ އަޙުމަދު ޒަކީގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ފާސްކުރުން ހިނގަމުން ދިޔައިރު އެ ކަން ފެނިވަޑައިގަންނަވާ ހިސާބެއްގައި ބޮޑުވަޒީރު ހުންނެވި އެވެ. އޭރު ވެސް ހުންނެވީ ދިމާވި ކަންކަމެއްގެ ހިތްޕުޅު ހަމަނުޖެހުމެއްގައި ކަމަށް ތިނަދޫ ދޯދިލް ޢަބުދުލްވައްހާބު މަޢުލޫމާތުދެއްވައިފައި ވެއެވެ.

ތިނަދޫ ދޯދިލް ޢަބުދުލްވައްހާބަކީ ހަވަރުތިނަދޫއަށް ބޮޑުވަޒީރު ވަޑައިގަތްދުވަހުގެރޭ ދަންވަރު އެ ރަށުގެ ވެރިންނާއި ޙަރަކާތްތެރިންނަށް ސިއްރުން ބޮއްކުރާއެއްގައި "ސިލްވަރކްރެސްޓް" ދޮށަށް ގޮސް ބޮޑުވަޒީރާ ބައްދަލުކޮށް ދިވެހި ދައުލަތުގެ މާފަށް އެދިލެއްވި ހަމައެކަނި ދެ ބޭކަލުންގެތެރެއިން އެކެކެވެ. ސުވައިދީބު ސަރުކާރުގެ އަތޮޅުއޮފީހުގެ ސެކްރެޓަރީއެވެ. އަނެއް ބޭކަލަކީ ތިނަދޫ މާބަނޑޭރިގޭ މުޙައްމަދު ޙުސައިންއެވެ. ސުވައިދީބު ސަރުކާރުގެ ސިފައިންގެ މީހެކެވެ. މި ދެ ބޭކަލުންނަކީ ހަވަރުތިނަދޫގެ އެ ފަހަރުގެ ކަންކަން ނިމެންދެން ބޮޑުވަޒީރުގެ އަރިހުގައި އުޅުއްވި ހަވަރުތިނަދޫގެ ހަމައެކަނި ދެ ބޭކަލުންނެވެ.


(އެ ދަތުރުފުޅުގައި ބޮޑުވަޒީރު އެންމެ ބޮޑަށް ހިތްޕުޅާނުވެ ދިޔުން އެކަށީގެންވާ 3 ކަމެއް ތިނަދޫ ދޯދިލް ޢަބުދުލް ވައްހާބު ފާހަގަކުރައްވާފައި ވެއެވެ.

ފުރަތަމަކަމަކީ: 
ހަވަރުތިނަދޫއަށް ބޮޑުވަޒީރުވަޑައިގެން ރަށުގެ އޭރުގެ ވެރިންނާއި ރަށުގައި ތިބި ރައްޔިތުން ދިވެހި ދައުލަތަށް ކިޔަމަންތެރިކަން އަދާކުޅައުމަށާއި ކަން އޮތް ގޮތް އޮޅުންފިލުވައިދީ އެންގުމަށް ހަވަރުތިނަދޫގެ އޭރުގެ ވެރިންނާއި ރައްޔިތުންގެ ގާތަށް ފޮނުއްވި ހަވަރުތިނަދޫގެ ޤާޞިދަށް އިހާނެތި ގޮތް ހަދައި އެ މީހާ ގުދަނުގައި ބަންދުކުރުމެވެ. ދެ ފަރާތެއްގެ ދެމެދުގައި ހަނގުރާމަ ހިނގަމުންދާ ވަގުތުގައި ވެސް ޤާޞިދުންނަކީ އެއްވެސް ފަރާތެއްގެ ބަޔަކު ގޯނާނުކުރާ ޙިމާޔަތްލިބިގެންވާ ބަޔެކެވެ. އެ ޤާޞިދަކީ ހަވަރުތިނަދޫ ބެރުގޭ ޒަކަރިއްޔާ މޫސާ އެވެ. 

ދެވަނަކަމަކީ: 
24 ގަޑިއިރުވީ އިރު ވެސް ހަވަރުތިނަދޫގެ އޭރުގެ ވެރިންނާއި ރަށުގައި ތިބި ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވަމުންގެންދެވި ނަސޭޙަތް އެބައިމީހުން ޤަބޫލުނުކޮށް ދެކޮޅުވެރިކަން ކުރިޔަށް ނެރުމެވެ. 

ތިންވަނަކަމަކީ: 
ބޮޑުވަޒީރަށް އިއްވުމުގެ ބޭނުމުގައި އިވިވަޑައިގަންނަވާ ހިސާބުގައި ހަޑި (ހުތުރު) އެއްޗެހި ބާރަށް ގޮވަމުން ގެންގޮސްފައިވުމެވެ. 

ހަވަރުތިނަދޫން ފައިބައިބަމުންދާ މީހުންގެ ތަކެތި ފާސްކުރަމުންދަނިކޮށް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނަށް އެއްކަލަ "ޖަވާބު" އެރުވި ހަވަރުތިނަދޫ އަންހެންމީހާ (މުސްކުޅި ޢުމުރާއި ދާދިގާތުގައި) ފެން ބަނޑިޔަލެއްހެން ކުޑަވަރެއްގެ ފޮއްޓެއް ބޯމަތީގައި ބަހައްޓައިގެން ތަކެތި ފާސްކޮށްދޭ ދިމާއަށް އެބަހަރަ ދެއެވެ. ވަކި ހިސާބަކަށް ގޮސް އަންހެންމީހާ އެނބުރި ހިނގައިގަތީ ސީދާ ބޮޑުވަޒީރާ ދިމާއަށެވެ. އެހެންވުމުން އެކަމަށް ކުޑަވަރެއްގެ "ހުއްޓުވުމެއް" ވެސް އައެވެ. ނަމަވެސް ބޮޑުވަޒީރުގެ އިޝާރާތަކަށް "ހުއްޓުވުން" ދޫކޮށްލީމާ އަންހެންމީހާ އައިސް ބޮޑުވަޒީރުގެ ސީދާ ކުރިފުޅުމައްޗަށް ހުއްޓި ބޮޑުވަޒީރަށް ރަނގަޅަށް ބަލައިލުމަށްފަހު ދެންނެވިއެވެ. 

"ކަލޯ. ތަގެ ހުސީނެބެއި އަސް ރަޓުނެތިޔެއި. ރަޓުން އެރީގެން އެބިޔަނެފަހޭއަސް އެއްތެތި ގެނެންނަން މި ހުއްޓޫއަސް ތަގެ ދައިތާ އެކަނި. އެހެންވީމެއި ތަގެ މި ދައިތާ ރަޓުންނުބާއި ބާއިދުވަންނަންކުންވޫ!"

(
މުސްކުޅިބަހުގައި މާތް ފިރިހެނުންނަށް ވެސް "ކަލޯ" ކިޔައެވެ. މާތްބަހުންނަމަ އެ ދެންނެވީ ކަލޯ، ތިބާގެ ޙުސައިންބޭ (ދައިތަގެފިރި) ވެސް ރަށަކުނެތެވެ. ރަށުން ފައިބައިގެން ދަންޏާ ވެސް އެއްޗެތި ގެންނަން މިހިނީ ވެސް ތިބާގެ ދައިތަ އެކަންޏެވެ. އެހެންވީމާ ތިބާގެ މި ދައިތަ ރަށުން ނުބާލުއްވައި ބައިންދަވަންވީނޫންތޯ މިހެންނެވެ.)

މިކަން ހިނގި އިރު އެ ތާނގައި ހުންނެވި ޢަބުދުލްވައްހާބު ބުނުއްވީ އެހެން އެ ދައިތަ ދެންނެވުމުން ބޮޑުވަޒީރު ވިދާޅުވިއެވެ. 

"ދިވެހިދައުލަތުގެ ފަރާތުން އަހަރެން މި ރަށަށް އައިސް ރަށުގެ ވެރިންނާއި ރައްޔިތުން ދިވެހި ދިދައިގެ ދަށަށް ގެނެވޭތޯ 24 ގަޑިއިރު ވަންދެން ނަޞޭޙަތާއި އިންޒާރުދީ ކުރި މަސައްކަތަށް އެއްވެސް އިޖާބައެއް ނުލިބުނެވެ. އަދި އެ ހުރިހާ ވަގުތެއް ފާއިތުވެ ދިޔަ އިރު ވެސް ދައިތަ ތިޔަ ކޮށްލި ވަރު ވެސް މި ރަށުގެ ވެރިންނާއި ރައްޔިތުންނަކަށް ނުވިއެވެ. އެއްވެސް މީހަކު އެއްވެސް ކަމަކަށް ނޭދެއެވެ. ކުރާނެކަމެއް މިހާރަކު ނެތެވެ. މިއަދު ދެން ދާށެވެ." 

މިހެން ވިދާޅުވެފައި ބޮޑުވަޒީރު އިޝާރާތެއް ކުރެއްވުމުން އެ ދައިތަގެ ފޮށި ބެއްލެވުމެއްނެތި ފާސްކުރައްވާ ބޭފުޅުން އޭގައި ފާސްކުރެއްވި ފާހަގަ ޖެއްސެވި އެވެ. އަދި އެ ދައިތަ ގެންދަން ބޭނުންވި ތަކެއްޗެއް ގެންދިޔުމަށް ވެސް އެހީތެރިވެދެއްވި އެވެ. ހަވަރުތިނަދޫން މީހުން ބޭލުމުން އެ ފަހަރު އެ ރަށުން ގެންދިޔަ ތަކެތީގެ ތެރެއިން (ދިވެހި ދައުލަތާއި އެއްކޮޅު ބަޔަކަށްވިޔަސް ދެކޮޅު ބަޔަކަށްވިޔަސް) ފާސްކޮށް ބެލުމެއްނެތި ރަށުންބޭރަށް ގެންދެވުނީ ހަމައެކަނި އެ ދައިތަގެ ތަކެތިކަމަށް ޢަބުދުލްވައްހާބު ބުނުއްވައެވެ. އެހެންވުމުން އެ ދައިތައަށް އެ ލިބުނީ ޙާލަތާއި ވަގުތަށްބަލާ ނަމަ ކުޑަ ނޫން އިނާމެކެވެ. އެ ނޫން މީހަކަށް އެ އިނާމު ލިބިފައިނެތުމުންނެވެ.

(
ހަވަރުތިނަދޫގެ އެ ދައިތައަށް ބޮޑުވަޒީރު ދެއްވި ޖަވާބުގައި "މިއަދު ދެން ދާށޭ" ވިދާޅުވުމަކީ ހަވަރުތިނަދޫގައި އަދި މީހުން ވަޒަންވެރި ކުރުވާނެކަމަށް ޔަޤީނާ ގާތަށް ބެލެވޭ ކަމެއްކަމަށް އެ ރަށުން މީހުން ބާލާފައި އޮތް ދުވަސްވަރު ޢަބުދުލްވައްހާބު ބުނުއްވަމުން ގެންދަވައިފައިވެއެވެ. ހަވަރުތިނަދޫން މީހުން ބޭލުއްވީ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އަދި ދެވަނަފަހަރަށް ހަވަރުތިނަދޫގައި މީހުން ވަޒަންވެރި ކުރުއްވީ ވެސް ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ.) 

މިލިޔުމުގައިވާ ހަވަރުތިނަދޫގެ މި އާދަޔާއި ޚިލާފު ދައިތައަކީ އެ ރަށުގެ ގިނަ ބަޔަކު ދަންނަ އަބަދުވެސް މަޖާ ދަލިކަ ދައިތަ އެވެ. ކޮންމެ އިރަކު ކޮންމެ މީހަކު ވެސް ހެއްވައިލުމަކީ އޭނާއަށް އެހާ ދަތިކަމެއްނޫނެވެ. އޭނާގެ މަޝްހޫރުނަމަކީ "އުވަ ދަލިކާ" އެވެ. ފިރިމީހާ އަކީ ޙުސައިންބެ އެވެ. މަޝްހޫރު ނަމުންނަމަ "ކޮޓީތާ" ޙުސޭނެވެ. "ކޮޓީތާ" މިއީ ހުވަދޫބަހެކެވެ. އެއީ "ކޮށި ތަނެވެ." ރަށުގެ ވަލުތެރެއިން ތަނެއް ކޮށައި ސާފުކޮށްގެން އެ ތާނގައި ގެޔެއް އަޅައި އެ ގޭގައި އުޅުނު ދެމަފިރިއެކެވެ.

ދަރިއަކުނެތެވެ. ހަވަރުތިނަދޫގެ ދެވަނަ އާބާދީގައި ވެސް އެ ދެމަފިރިން އެ ރަށުގައި ވަޒަންވެރިވެ އުޅުނެވެ. ދެމަފިރިންނަކީ ވެސް މުރާލިކަމާއި ހީވާގިކަމާއި ކަމަށް ކަމޭހީވުމާއި ރައްޔިތު މަސައްކަތުގެ ނިސްބަތުގައި އެ ގިންތީގެ ކުރިއާއި މެދާއި ފަހަތުގައި ވެސް ލައްވައިލާނޭ އެހެންބަޔަކު ހަވަރުތިނަދޫގައި ނެތްކަމަށް ބުނެވޭ މަޝްހޫރު ދެމަފިރިއެކެވެ. މިހާރު އެ ދެމަފިރިން ނިޔައުވެއްޖެއެވެ. މަތިވެރި ﷲ އެ ދެމަފިރިންނަށް ހެޔޮ ރަޙުމަތްލައްވާށިއެވެ!

ނިކަމެތި ފަޤީރު އަންހެނަކަށް ވިޔަސް ޤައުމެއްގެ އެންމެމަތީ ދެ ވެރިޔެއްގެ ތަފާތު ދެ އިނާމެއް ލިބިދާނެއެވެ. އެއީ ނުކުރެވޭނޭ ކަމެއްނޫނެވެ. ބޭނުންވާނަމަ އެކަމަށްޓަކައި އޮތީ ޤައުމީ ނިސްބަތެއްގެ ޚިދުމަތާއި ވިސްނުމާއި ކެރުމެވެ. އެ މަތިވެރި ޢަޒުމެވެ.
                               ---------------------- 
ޢަބުދުﷲ ޙިލްމީ
20 ޖުލައި 2012މ.