ހަވަރުތިނަދޫ ދެވަނަ އާބާދީގެ ފުރަތަމަ ހުކުރުނަމާދު

ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި (22 އޯގަސްޓް 1966މ. ހޯމަ ދުވަހު) ވަޒަންވެރި ވުމަށްފަހު، ފުރަތަމަ ހުކުރުނަމާދު ކުރީ ޖެހިގެން އައި ހުކުރު ދުވަސްކަމަށްވާ 26 އޯގަސްޓް 1966މ. ގަ އެވެ. މި ލިޔުމުގެ މަތީގެ ފޮޓޯއިން އެ ފެންނަނީ ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ވަޒަންވެރި ވުމަށްފަހު ފުރަތަމަ ހުކުރުނަމާދު ކުރި އެ ރަށުގެ ހުކުރުމިސްކިތް (މަސްޖިދުއްސުލްޠާން މުޙައްމަދު) އޭރުވެސް ހުރި ގޮތެވެ.

ހަވަރުތިނަދޫގެ ދެވަނަ އާބާދީގެ ފުރަތަމަ ހުކުރުގެ ހުކުރުޚުޠުބާ ވިދާޅުވެ އިމާމްވެ ހުކުރުނަމާދު ކުރެއްވީ ހުކުރުމިސްކިތުގެ މުދިމް އަދި ޤުރްއާނާއި ދީނިއްޔާތު(އިސްލާމް) މުދައްރިސް، ހަވަރުތިނަދޫ ފެންފިޔާޒުގޭ އަލްފާޟިލް އަލްމަރުޙޫމް ޤާސިމް ރަޝާދު (ކާސިންފުތު ބެއްޔާ)އެވެ. އެ ދުވަހު ވަގުތު ބަންގިއާއި ހުކުރުބަންގި ދެއްވީ (ބަންގިގޮވީ) ހަވަރުތިނަދޫ ނާއިބު އެ ރަށު ޗާންދު އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ރަޝާދެވެ. މި ހުކުރު ނަމާދުގައި ހަވަރުތިނަދޫގެ އެ ދުވަސްވަރުގެ ވެރިން ކަމަށްވާ ކަތީބު ޙަސަން ޙިލްމީ، ކުޑަކަތީބު މޫސާ ފަތުޙީ، އަދި ކުޑަކަތީބު ޢަބުދުއްޞަމަދު ޙުސައިން އާއި ރަށުގެ ކަމުވޮށިގެންވާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ހަވަރުތިނަދޫން މީހުން ބޭލުމާ ހަމައަށްވެސް ހުކުރުމިސްކިތުގެ މިންބަރުގައި ހުންނަވައިގެން ހުކުރުދުވަހުގެ ޚުޠުބާ ވިދާޅުވާ ޚަޠީބުގެ ވާތްޕުޅުން ހިފަހައްޓަވައިގެން ހުންނަވަނީ ކޮން ދުވަސްވަރަކުން ފެށިގެން އޭގެ ބޭނުން ކުރަމުން ގެންދާ އެއްޗެއްކަން އެނގެން ނެތް ކަނޑިއެކެވެ. ހަވަރުތިނަދޫން މީހުން ބޭލުމުން މި ކަނޑިއާއި ހުކުރުމިސްކިތުގެ އެތެރޭގައި ހުންނަ ބޮޑުގަޑި ގެންދަވާފައި އޮތީ، ގދ. އަތޮޅުއޮފީހުގެ ބެއްލެވުމުގެ ދަށުގައި ގައްދޫގައެވެ. ނަމަވެސް ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ދިރިއުޅެން ފެށުމާއެކު އަތޮޅުވެރިޔާ އަލްފާޟިލް އަލްމަރުޙޫމް ޙުސައިންމަނިކު ވަނީ އެ ތަކެތި ހަވަރުތިނަދޫއަށް ފޮނުއްވާފައެވެ. ފޮނުއްވީމާ މިސްކިތުގެ މިންބަރު މަތީގައި (ކުރިންވެސް ހުންނަގޮތަށް) ކަނޑި ބެހެއްޓީ އަޅުގަނޑެވެ.

ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގެ ހުކުރު ނަމާދުގައި މިސްކިތުން ފެންނަމުން ދިޔަ އިސްލާމީ އިޖްތިމާޢީ ބޭނުންތެރި އަދަބުވެރި އާދަކާދަ ތަކުގައި އެކި ރަށްރަށުގައި ކުދިކުދި ތަފާތު ހުއްޓަސް އޭގެ މައިގަނޑު މަފުހޫމު ކަމަށްވާ އިސްލާމީ އިޖްތިމާޢީ އަދަބުވެރި ކަމަށް އެ ދުވަސްވަރު އެއްވެސް ބަދަލެއް ނާދެއެވެ.  

މިދެންނެވި ދުވަސްވަރު އިސްވެ ހުކުރުނަމާދު ކުރައްވާ ޚަޠީބާއި އަތްޖޯޑުކޮށް އިސްލާމީ ރިވެތި ސަލާމުން ސަލާމް ކުރުމުގެ ބޭނުމުގައި ހުކުރުނަމާދުގައި ބައިވެރިވި އެންމެން އިންތިޒާރުގެ ވަގުތުކޮޅެއް ހުސް ކުރެއެވެ. އެހެން ވުމާއެކު ޚަޠީބު މިސްކިތުން ނުކުންނަވަން ތެދުވެންނެވުމާއި އެކު މިސްކިތުގެތެރޭ ދެ ސަފަށް މީހުން އެތުރި ޚަޠީބާއި ސަލާމް ކުރަމުން ގެންދާނެއެވެ. އަދި އޭގެ ފަހުން ޚަޠީބުގެ ފަހަތުގައި ތިއްބަވައިގެން މިސްކިތުން ނުކުންނަވަމުން ގެންދަވާ ރަށުގެ ވެރިންނާއި ކަމުވޮށިންނާއި އެހެނިހެން މީހުންނާއި ވެސް ސަލާމް ކުރަމުން ގެންދެއެވެ.

އެ ދުވަސްވަރަކީ ހުކުރު ނަމާދާއި އެހެނިހެން ނަމާދުތަކުގައި ވެސް އިސްލާމީ އިޖްތިމާޢީ ނުހަނު ބޭނުންތެރި ރަނގަޅު އަދަބުވެރި އާދަކާދަ ތަކެއް ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގެ މިސްކިތްތަކުން ޚާއްޞަކޮށް ހުކުރު ނަމާދުގައި ހުކުރުމިސްކިތުން ފެންނަމުން ދިޔަ ދުވަސްވަރެކެވެ. މި ކަންކަން ރާއްޖޭގެ ރަށްރަށުން ނެތެމުން ދާންފެށީ، "ޑިމޮކްރަސީ"ގެ ފޭރާމުގައި ރާއްޖެއަށް ގެނެވެނު ކަންކަމެއްގެ ތެރެއިން ބިދުޢަ ނައްތާލުމުގެ ނަމުގައިކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. 

ކޮންމެއަކަސް އެބުނެވޭ "ޑިމޮކްރަސީ"އެއް ދިވެހިރާއްޖެއަށް ގެނައި ފަހުން ބައެއް ރަށްރަށުގައި އިސްވެ ހުކުރުނަމާދު ކުރައްވާ ޚަޠީބާއި އަތްޖޯޑުކޮށް އިސްލާމީ ރިވެތި ސަލާމުން ސަލާމް ކުރުމަށް ބޭނުންވާތީ ފެންނަނީ މަދު މީހެކެވެ. މިހާރަކަށް އައިސް ބައެއް ރަށްރަށުގައި އިސްވެ ހުކުރުނަމާދު ކުރައްވާ ބައެއް ޚަޠީބުން، ހުކުރު ނަމާދުގެ ފަހުން ސުންނަތް(ނަމާދު) ކުރައްވައިގެން ސަލާމް ކޮށްލެއްވުމުގެ ބޭނުމުގައި ދުވަހުގެ ބަންގި ދެއްވި މުދިމު ކޮބައިތޯ ބައްލަވާއިރު، މިސްކިތުގެ ފަންކާއާއި ބޮކިތައް ނިއްވާލައްވައި މިސްކިތުން ފައިބަންނަވައި އަވަސް އަވަހަށް ގެއަށްދުރުވެ، ގަދަ ނިދިން މުދިމު ނިދިކުރެއްވިތާ ކިތަންމެ އިރެކެވެ.

މިހިރީ އަދު އިސްލާމުންގެ ރާއްޖެއެކޭ ބަޔަކު ކިޔައި އުޅޭ ރާއްޖޭގެ ބައެއް ރަށްރަށުގެ ކަންތައްހުރި ގޮތެވެ. މިގޮތް ރަނގަޅިއްޔާ ގޯހެއް ނޫނެވެ. އެކަމަކު، ގޯހިއްޔާ ރަނގަޅެއް ނޫންތާއެވެ.

              -------------------

ޢަބުދުﷲ ޙިލްމީ

26 ސެޕްޓެމްބަރ 2015މ.

 

މަޢުލޫމާތުގެ ޙިއްޞާ:

ޢަބުދުލްމުޙުސިން މޫސާ ގަހާކޯޅި/ތިނަދޫ، ޢަބުދުﷲ އަޙުމަދު ސޯސަންޕާކް/ތިނަދޫ، އާދަމް ސަޢީދު ވެސްޓްލައިޓް/ތިނަދޫ