ދިވެހި ރަސްކަމަށްވުރެ












މިއަދާ ޖެހެންދެން ރާއްޖޭގެ ތާރީޚު ލިޔުމަކީ ވެރިކަމުގެ ދާއިރާއިން ކުރަމުން އައި ކަމެކެވެ. ތާރީޚު ލިޔާ ފަރާތަކަށް އެތާރީޚް އޮޅުންފިލުވައިދީ ހަދަނީ އެ ދާއިރާއިންނެވެ. ލިޔުމުގެ މަސައްކަތް ކުރަނީވެސް އެ ދާއިރާއެއްގެ މުވައްޒަފުންނެވެ. މިހެންވުމުން ތާރީޚް އޮތީ ޤައުމީ ތާރީޚަށްވުރެ ބޮޑަށް ވެރިކަމުގެ ތާރީޚުކަމުގައި ވެފައެވެ. ވެރިކަމުގެ ފަރާތުން ޖެއްސި ކުލައެއް އޭގައި ޖެހިފައެވެ.
މުޙައްމަދު އިބްރާހީމް ލުޠުފީ، މުޚްތަޞަރު ތާރީޚު ދީބާމަޙަލް

1789މ. ގައި ޙަސަން ނޫރައްދީން(1) ރަދުން ޙައްޖަށް ވަޑައިގެންފައި އެނބުރި މާލެ ވަޑައިގެންއިރު ފުވައްމުލަކުގައި ހުންނެވި ޙާޖީ ބަންޑާރައިންގެ ދަރިކަލުންނަށް ރަސްކަން ހޯދައިދިނުމަށް ބަޔަކު މަސައްކަތް ކުރިކަމުގެ ނަމުގައި އެތައްބަޔަކު ވަނީ އަރުވާލައިފައި ކަމަށް ދިވެހިތާރީޚު ފޮތުގެ 254ޞ. ގައި ވެއެވެ. އަދި މިފޮތުގެ އެބަޔާއި ޖެހިގެން ދެން އަންނަ ބައިބައި ބައްލަވާލެއްވުމުން އިތުރު މަޢުލޫމާތްތަކެއް އެނގިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. 


ޙަސަން ނޫރައްދީން ރަދުން ޙައްޖުން އެނބުރި ވަޑައިގަތްފަހުން ވެސް ރަސްކަން ހޯދުމަށް ބަޔަކު މަސައްކަތްކުރާކަމަށް ދެކެވުނު ދޮގު ވާހަކައަކާއި ގުޅިގެން ކަމުގެ ޙަޤީޤަތަށް ބެއްލެވުމެއް ނެތި ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނަށްވެސް ބޮޑެތި އަދަބުތަކެއް ދެއްވައި އަރުވާލެއްވިއެވެ. އަދި އެނޫން އެތައްބަޔަކު އެފަހަރުވެސް އަރުވާލެއްވިއެވެ. ދިވެހިތާރީޚުން އެނގެންހުރި މިބާވަތުގެ ކަންކަމަށް ބަލައި ފިކުރު ހިންގައިލުމުން މިދެފަހަރުމެ ހިނގިކަމަށް ބުނެވޭ ކަންކަން ހިނގަން މެދުވެރިވެދާނެ ގޮތަކީ ބުއްދިއަށް ވިސްނައިގަތުން އެހާ އުނދަގޫ ގޮތެއްކަމަށް ނުވާނެއެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް އެތައް އަހަރުތަކެއް ވޭތިވެދިޔުމުން މިހާރު އޮތީ އެކަންކަމަށް ވިސްނައި ޢިބްރަތެއް ލިބޭތޯ އުޅުމެވެ. އެދުވަސްވަރުގެ ބޭފުޅުންނަށް ހިތްނިޔަތް ނުބައިކޮށް އެކިގޮތަށް އެކިވާހަކަ ދެއްކުމުގައި މިހާރު ލިބޭނޭ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އެފަހަރު ސިރާޖުއްދީނާމެދު ކަންކުރެއްވިގޮތާ މެދު ދިވެހިތާރީޚުގައި ލިޔެފައިވެއެވެ.

"ރަދުންގެ އަރިއަހުގައި ޢަރަބިކަރާ ގެންދެވި އިބްރާހީމް ސިރާޖުއްދީން ފަޑިޔާރުމަނިކުފާނު އޭނަޔާއެކުގައި ބަޔަކުމީހުން ރަސްކަން އަތުލާން ވާހަކަދެކެވިގެން މިވާހަކަ ދެކެވުނު ދޮގުބަސްތައް ގަބޫލުވެވިގެން މިފަޑިޔާރުމަނިކުފާނު ތަޅައި ވަރަށްއަދަބު ދެއްވައިފައި އެމަނިކުފާނު ހުވަދޫ ކަޑުހުޅުދުވަށް އަރުވާލެއްވިޔޭ. އޭނާގެ މަންމާ ފާޠިމާ ރަނިކިލެގެފާނު ވެސް އެމަނިކުފާނާއެކު ފޮނުވާލެއްވިޔޭ. އެފަޑިޔާރުމަނިކުފާނަށް އަދަބުދެއްވާން ތެޅުއްވި ތެޅުއްވުމުގައި އޭނާގެ ގައިގައި ހަތަރުސަތޭކަ ހަތްދިހަގަޑު ފާރު ހުއްޓޭ. މީގެތެރޭގައި ލޭ އަންނަވަރު ފާރާއި މަސްކެފުނު ފާރާއި އެޔަށްވުރެ ފުންވެ މަހާ ކައްޓާ ދެމެދުގައި ހުންނަ ދުލި ފެންނަ ފާރާއިހުއްޓޭ. މިދެމައިން އެކުގައި ޙަސަން ތާޖުއްދީން ފަޑިޔާރު ކަލޭގެފާނުންގެ ފުތް ކުޑަ ފަޑިޔާރުކަލޭގެފާނުގެ ފުތް މައްކާ ސީދީގެ ފުތް އަޙުމަދު މަނިކުފާނު އަރުވާލެއްވިޔޭ. މީނާގެ ދެދަރިންވެސް ފޮނުއްވިޔޭ. އަދި އެހެން މީސްމީހުންވެސް އޭނަޔާއިއެކު އަރުވާލެއްވިޔޭ. މިކަންތައްވީ 1206ހ. ވަނައަހަރު ޛުލްޤަޢުދު މަހު އަށްޑުވަހުއޭ. ދެން މޫސާ ނަޖުމުއްދީނަށް ފަޑިޔާރުކަން ދެއްވެވިޔޭ. ދެން ހުވަދޫ މީހުންނަށް އަމުރުކުރެއްވިޔޭ އެފަޑިޔާރުމަނިކުފާނަށް (އިބްރާހީމް ސިރާޖުއްދީނަށް) އެއްވެސް ހަދިޔާއެއް ނުކުޅައުމަށް. ބިލެތްފަތްގަޑެއްވެސް ނުދިނުމަށް. ގެޔެއް އެޅުމުގައިވެސް އެހީޔެއް ނުވުމަށާއި. ދީނުގެ މަސްއަލަޔެއްވެސް ނުއެހުމަށާއި މާލޫދެއްވެސް އޭނާ ގާތުން ނުކިޔެވުމަށާއި މިކަންތަކަށް އަމުރުކުރެއްވިޔޭ."

ކޮންމެއަކަސް ޙާޖީ ބަންޑާރައިންގެ ދަރިކަލުންނަށް ރަސްކަން ހޯދައިދިނުމަށް ބަޔަކު މަސައްކަތް ކުރިކަމުގެ ނަމުގައި އެތައްބަޔަކު އަރުވާލިއިރުވެސް ޙާޖީ ބަންޑާރައިންގެ ދަރިކަލުން ހުންނެވީ ފުވައްމުލަކުގައެވެ. ހިނގިކަމަށް ބުނެވޭ ކަންކަމެއްގެ ޙަޤީޤަތަށް ބެއްލެވުމެއްނެތި ރަސްކަމުގެ ފަރާތުން ކުރައްވަމުން ގެންދެވި ކަންކަމުގެ ސަބަބުން މަސްރަޙު އޮތީ ވަރަށް ބަނަވެފައެވެ. އެހެންވާން ޖެހުމުގެ ސަބަބުތަކެއްވެސް ހުއްޓެވެ. އަރުވާލި ބަޔަކު އަރުވާލުމުގެ އިތުރަށްވެސް ދިވެހި ގިނަރައްޔިތުން ޤަބޫލުނޫން އެތައްކަމެއްވަނީ ހިނގަމުން ގޮސްފައެވެ. އެހެނީ މުސްލިމް ދިވެހީންގެ ގިނަ މީހުންނަކީ ޞުލްޙަ މަޞްލަޙަތާއި އަމަންއަމާންކަމަށް އަބަދުވެސް ލޯބިކުރާ ބަޔެކެވެ.

ބަޔެއްގެ ކެހިވެރިކަމެއްގެ ތެރެއިން ރަސްކަމުގެ ބޮޑުންލައްވައި މިކަންކަން ހިންގާފައި އޮއްވައި ޙަސަން ނޫރައްދީން ރަދުން ދެވަނަފަހަރު ޙައްޖަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން އޭރު އަރުވާލައްވާފައިވާ ބައެއްމީހުން ދޫކޮށްލެއްވިއެވެ. ތާރީޚުފޮތުގައި ލިޔެފައިވަނީ "އަރުވާލެއްވި މީހުން ކުރެން އިބްރާހީމް ސިރާޖުއްދީން ފަޑިޔާރު މަނިކުފާނާއި އޭނާގެ ތިމާގެމީހުންނާއި ނޫން އެހެން މީސްމީހުން ގެންނެވިޔޭ. ދެން އެމީހުންގެ ގެދޮރު އެމީހުންނަށް ދެއްވެވިޔޭ" މިހެންނެވެ. އޭރު ސިރާޖުއްދީންވަނީ ކަޑުހުޅުދޫއަށް އަރުވާލެއްވިތާ 9 މަސްދުވަހުގެ ފަހުން ހައްދުންމަތީ ގަމަށް ވަޑައިގަތުމުގެ އަމުރުދެއްވާފައެވެ.

އެފަހަރު ރަދުން ފުރާވަޑައިގަތުމުގެ ކުރިން މުލަކުގައި ހުންނެވި ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޢިއްޒަތުގައި މާލެ ގެންނެވިއެވެ. އެކަންކުރެއްވީ ރަދުން ޙައްޖަށް ފުރާވަޑައިގަންނަވާތީ މަސްރަޙުގެ ބަނަކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުންނާއި ޙާޖީ ބަންޑާރައިންގެ ދަރިކަލުންގެ ފަރާތްޕުޅުން އެއްވެސްކަހަލަ އުނދަގޫފުޅެއް ރަދުންނަށް ކުރިމަތިފުޅު ނުވާތީއާއި އަދި ހިނގިކަމަށް ބުނެވޭ ކަމެއްގައި އެމަނިކުފާނުގެ ދައުރެއް ނެތްކަން ރަދުންނަށް އެނގިވަޑައިގަންނަވާތީ ކަމަށް ބުނެވެއެވެ. މިކަންކަމާއެކު ރަދުން ޙައްޖަށް ފުރާވަޑައިގަންނަވާތީ ރަސްކަން ޙަވާލުކުރެއްވި އެރަދުންގެ ދަރިކަލުން މުޢީނުއްދީން(1) ރަދުންނަށް ސިޔާސީގޮތުން "ހިމޭން" ވެއްޓެއް ޤާއިމްކޮށްދެއްވުމަކީ ވެސް ޙަސަން ނޫރައްދީން ރަދުންގެ ބޭނުންފުޅެކެވެ.

ޙާޖީ ބަންޑާރައިންގެ ދަރިކަލުން މާލެ ގެންނެވުމަށް އަރުމާދު ދަތުރުފުޅެއް ތައްޔާރުކުރައްވައި މުލަކަށް ފޮނުއްވައިގެން ޢިއްޒަތުގައި އެމަނިކުފާނު މާލެ ގެންނަވައި ރަސްކަމުގެ ބޮޑުންނާއިއެކު ރަސްކަމުގެ ގަނޑުވަރުގައި ރަދުން އެމަނިކުފާނާއި ބައްދަލުކުރެއްވިއެވެ. ޙާލުކޮޅުގެ ވާހަކަ އެއްސެވިއެވެ. އަދި މިދޭތެރެއިން ހިނގައިދިޔަ ކަންކަމާމެދު (އެމަނިކުފާނަށް ރަސްކަން ހޯދައިދޭން ބަޔަކުއުޅުނުކަމަށް ބުނެވޭ ބުނުމާމެދު) ވިދާޅުވަނީ ކީކޭތޯ ރަދުން އެއްސެވީމާ އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި ރަސްކަމަށްވުރެ މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް އަޅުގަނޑަށް މާރަނގަޅެވެ."

(
ކަހަނަލައަކީ ތޮއްޓާއި އަދި ތޮއްޓާ ގުޅޭ ހިސާބު އަލަގަނޑުގައި ކެހެނިކަން ގަދަ ފުރެއްދެ އަލައިގެ ބާވަތެކެވެ. މިއަލަ ކެއުމަށް ބޭނުންކުރެވޭނީ ކެހެނި ފިލުވައިގެންނެވެ. މީގެ ތަފާތު ވައްތަރުތައް ހުރެއެވެ.)

ޙާޖީ ބަންޑާރައިންގެ ދަރިކަލުން ދެއްވި ޖަވާބުން ރަސްގެފާނާއި ބޮޑުންގެ ގިނަ ބޭފުޅުން އުފާފުޅުވެ ހިނިފުޅުވަޑުވައި ވަރަށް އޯގާވެރިކަމާއެކު ހެޔޮފުޅުކޮށް ހިތްތެވިކަމަށް ބުނެވެއެވެ. އެއަށްފަހު ބޭނުންފުޅުނަމަ މާލޭގައި ހުންނެވުމަށް ނުވަތަ މުލަކުގައި ހުންނެވުމާމެދު ފެނިވަޑައިގަންނަވާ ގޮތެއް ޚިޔާރުކުރެއްވުމަށް ހުއްދަ ވިދާޅުބަސްފުޅު ރަދުން އިއްވެވިއެވެ. ޙާޖީ ބަންޑާރައިންގެ ދަރިކަލުން ބޭނުންފުޅުވީ ދޭތެރެއަކުން މާލެ ވަޑައިގެން އުޅުއްވިޔަސް މުލަކުގައި ދިރިއުޅުއްވުމަށެވެ.

ޙާޖީ ބަންޑާރައިންގެ ދަރިކަލުންނަށް “ފާމުލަދޭރިކިލެގެ” ކަމުގެ ޢިއްޒަތް ދެއްވައި ކޮލިލެއްވީ މިދަތުރުފުޅުގައެވެ. އޭރު އެކިލެގެފާނުގެ އުމުރުފުޅަކަށްވާނީ 32, 33 ވަރަކަށް އަހަރުކަމާއި ކުރިން ފުވައްމުލަކަށް ފޮނުވާލެއްވީ ޢުމުރުފުޅުން 7 އަހަރުގައިކަމަށް ބުނެވެއެވެ. އިބްރާހީމް ފާމުލަދޭރިކިލެފާނަށް ކިލެގެކަމުގެ ޢިއްޒަތް ދެއްވުމަށް ޙަސަން ނޫރައްދީން ރަދުން ނިންމެވިހިނދު އެކަމާއި ރުހިވަޑައިނުގަންނަވާ ބޮޑުންގެ ބޭފުޅަކު އެދުވަސްވަރު ހުންނެވިއެވެ. އަހަރުތަކެއްގެ ފަހުން މިބޭފުޅެއްގެ ފަރާތްޕުޅުން ސިޔާސީ ގޯނާއަކާއި އިބްރާހީމް ފާމުލަދޭރިކިލެފާނާއި ކުރިމަތިފުޅުވިއެވެ. ނަމަވެސް އެވާހަކައަކީ މިލިޔުމުގެ ބޭނުމާއި ގުޅޭ ވާހަކައެއްނޫނެވެ.

"ދިވެހި ރަސްކަމަށްވުރެ މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް އަޅުގަނޑަށް މާރަނގަޅުކަމަށް" ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޙަސަން ނޫރައްދީން ރަދުންގެ އަރިހުގައި ވިދާޅުވީ ކީއްވެތޯ ބަލާލުމަކީ ނެތްކަމެއް ނޫނެވެ. އެއީ ހަމައެކަނި އެމަނިކުފާނު ތުއްޕުޅުއިރު އެމަނިކުފާނުގެ ބައްޕާފުޅު ޝަހީދުކުޅައުމާއި އޭގެފަހުން އެމަނިކުފާނު ޤަތުލުކުރައްވަން އުޅުއްވައި އެކަންނުވެ ފުވައްމުލަކަށް ފޮނުވާލެއްވުމާއި ގުޅިފައިވާ ކަންކަމެއް ނޫނެވެ. އެތައް ކަމެކެވެ. އެތައް ގޮތަކުންނެވެ.

ޙާޖީ ބަންޑާރައިންނަކީ ދިވެހި ރަސްރަސްކަލުންގެ ތެރެއިން ޢާއްމުން ވަރަށްލޯބިވި ބޭފުޅެއްކަން ތާރީޚުގެ ޞަފުޙާތަކުން ފެނެއެވެ. އެރަދުން ޝަހީދުކުޅައުމަށް ފަހު ދާދިފަހަކާ ޖެހެންދެން ވެސް ކާބޯތަކެތީގެ ގޮތުން ކިތަންމެ ދައްޗަސް ރާއްޖޭގެ މީހުންއުޅޭ ގިނަ ގޭގޭގައި ކޮންމެއަހަރަކު ޙާޖީ ބަންޑާރައިންގެ އަހަރުމަތިފުޅު ފާހަގަކޮށް (ފާތިޙާ ކިޔަވައި) އުޅުނުކަމީ ދިވެހީންގެ ގިނަމީހުން އެރަދުންދެކެ ވަރަށްބޮޑަށް ލޯބިވީކަމުގެ ދަލީލެކެވެ. އަދި ރަށްރަށުގައި ހުރި ޙާޖީ ބަނޑާރައިންގެ މަޤާމްފުޅު ކިޔައި އުޅުނު ތަންތާގައި ބިދުޢައިގެ ކަމަކަށްވިޔަސް ދިދަ ޖަހައި އެތަންތަނަށް ނަޛުރުބުނެ ހެދީވެސް ޙާޖީ ބަންޑާރައިންނަށް ދިވެހިންގެ ގިނަ ބަޔެއްގެ ހިތުގައިވާ އާދަޔާއި ޚިލާފު ޤަދަރަކާއި އިޙުތިރާމެކެވެ.

އެރަދުން ޝަހީދުކުޅައުމަށް ފަހު ދާދިފަހަކާ ޖެހެންދެން ވެސް ކާބޯތަކެތީގެ ގޮތުން ކިތަންމެ ދައްޗަސް ރާއްޖޭގެ މީހުންއުޅޭ ގިނަ ގޭގޭގައި ކޮންމެއަހަރަކު ޙާޖީ ބަންޑާރައިންގެ އަހަރުމަތިފުޅު ފާހަގަކޮށް (ފާތިޙާ ކިޔަވައި) އުޅުނުކަމީ ދިވެހީންގެ ގިނަމީހުން އެރަދުންދެކެ ވަރަށްބޮޑަށް ލޯބިވީކަމުގެ ދަލީލެކެވެ.

އަދި ރަށްރަށުގައި ހުރި ޙާޖީ ބަނޑާރައިންގެ މަޤާމްފުޅު ކިޔައި އުޅުނު ތަންތާގައި ބިދުޢައިގެ ކަމަކަށްވިޔަސް ދިދަ ޖަހައި އެތަންތަނަށް ނަޛުރުބުނެ ހެދީވެސް ޙާޖީ ބަންޑާރައިންނަށް ދިވެހިންގެ ގިނަ ބަޔެއްގެ ހިތުގައިވާ އާދަޔާއި ޚިލާފު ޤަދަރަކާއި އިޙުތިރާމެކެވެ.

ދިވެހި މުސްލިމް ރައްޔިތުން ހިތާމަކުރަންޖެހޭ ފަދަ ނުބައި އަނިޔާވެރި ރަޙުމްކުޑަ ގޮތަކަށް ޙާޖީ ބަންޑާރައިން ޝަހީދުކުޅައުމުގެ އިތުރަށް "ދިވެހިރާއްޖޭގައި ޢިލްމު ކިޔަވާމީހުން އަތުން ފޮތް ފޭރުމާއި ގޭގެ މުގުރާން ފުރަތަމައަށް އަމުރުކުރައްވައި ޙާޖީ ބަންޑާރައިން އުޅުއްވި ގަނޑުވަރު ރޫޅާލައްވައި އެތާނގައިހުރި ހުރިހާ ތަކެތި ގެންދެވިއެވެ. އަދި ޙާޖީ ބަންޑާރައިންގެ ކާފާފުޅު ދިޔަމިގިލީ ބަންޑާރައިންގެ ދިޔަމިގިލީގައި ހުރި ގަނޑުވަރުނޫނީ އެހެން އެއްވެސްތަނެއް އެޢާއިލާއަށް ނުވީއްލަވައި އަތުލެއްވުމާއި ޙާޖީ ބަންޑާރައިންގެ ބައްޕާފުޅު އިބްރާހީމް ރަސްގެފާނުގެ ގޯތިތަކާއި ވަޤުފް ކުރައްވައިފައި ހުރި ތަކެތިވެސް އަތުލައްވައި އިބްރާހީމް ރަސްގެފާނުގެ މަރިޔަމް ކަނބާފާނުގެ އަތްޕުޅުގައި ހުރި ހުރިހާ މުދައު އަތުލެއްވުމަށްފަހު އެކަމަނާގެ ބޭފުޅުންގެ އަތްޕުޅުގައި ހުރި ފޮތްތަކާއި މުދައު އަތުލައްވައި އެބޭފުޅުން ޢިލްމު އުނގެނިވަޑައިގަތުން މަނާކުރައްވައި އެޢާއިލާގެ ބޭފުޅުން ކޮޅުމަޑުލު އެކިރަށްރަށަށް އަރުވައިލެއްވިއެވެ.

ޙާޖީ ބަންޑާރައިންގެ ބައްޕާފުޅު އިބްރާހީމް ރަސްގެފާނުގެ ފާޠިމާ ރަނިކިލެގެފާނަށްވެސް ހަމަ މިފަދަ ޙާލުކޮޅެއް ޖައްސަވައި އެކަމަނާއާއި ދަރިކަލުންވެސް އަރުވާލެއްވިކަން ދިވެހިތާރީޚުގެ ޞަފުޙާތަކުން އެނގެއެވެ. އަދި ޙާޖީ ބަންޑާރައިންގެ އަރިހުގައި އުޅުނު ގިނަ ބައެއްގެ މުދައު އަތުލައި އެބައިމީހުން އެކި ރަށްރަށަށް އަރުވާލެއްވިކަން" މިއީ އޭރު ހިނގާފައިވާ ކަންތަކެއްކަން ދިވެހި ތާރީޚުގެ ޞަފުޙާތަކުން ފެނެއެވެ. މިކަންކަން މިހެން އޮތުމުން ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޙަސަން ނޫރައްދީން ރަދުންނަށް އެޖަވާބު ދެއްވީއެވެ.
އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ” މިސިލްސިލާ ލިޔުން ފުރިހަމަކުރުމަށް މަގުދައްކަވައި އަދި އަޅުގަނޑަށްވެސް ހެޔޮއެދިވަޑައިގަންނަވާ ކަމަށް ޤަބޫލުކުރަންޖެހޭ ބޭފުޅަކު ކޮމެންޓް ކުރައްވާފައި ވަނީ "އުސްތާޛުލް މަރުޙޫމް މުހަންމަދު އިބްރާހީމް ލުޠުފީ ފަދަ އިހުމާލުކުރެވިފައިވާ ތާރީޚީ ޙަޤީޤަތްތައް ގެނެސްދޭން މަސައްކަތްކުރާ ތާރީޚާ ރައްޓެހި ދިވެހިދަރިން މިއަދު މިޤައުމަށް އެބަ ބޭނުންވާ" ކަމަށެވެ.

ބޭފުޅަކު ވިދާޅުވެފައި އެވަނީ އެސިލްސިލާގެ ފުރަތަމަ ބައިގައި ދަންނަވާފައިވާނޭ ފަދައިން  ހިނގި ކަމެއް ކުރިމީހަކު ނެތި، ދުށްމީހަކު ނެތި، ދެނެހުރި މީހަކު ނެތި، ޔޯލަކޮށް ބަޔަކު ދެއްކި ނުއުފަންނަ ނުހައްދަވާ ކަމެއްގެ ވާހަކަ އޭގެ އެތައް އަހަރެއްގެ ފަހުން ތާރީޚީ ކަމެއްގެ ގޮތަށް އުފަންކުރުވާ ވާހަކައެއްނޫނެވެ. ކޮންމެސަބަކާހުރެ ވިޔަސް މިހާތަނަށް ލިޔެވި ފެންނަންނެތް ތާރީޚަށް ބޭނުންތެރި ކަމަށް ފެންނަ ހިނގާފައިވާ ކަންކަމުގެ ވާހަކަ ގެނެސްދޭ ވާހަކައެވެ. އެކަންކަން ގެނެސްދެވޭނޭ އެއްގޮތަކީ އެފަދަ ކަންކަން ހާމަކޮށް ބުނެދިނުމެވެ. ލިޔުމެވެ. ނުވަތަ ލިޔާ ބަޔަކަށް ކޮމެންޓްގެ ގޮތުގައި އަންގައި ނުވަތަ ދާންވީމަގު ދައްކައި އެހީތެރިވެދިނުމެވެ.

އަޅުގަނޑު ލިޔަމުންގެންދާ "އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ" މިސިލްސިލާއަށް ދާންވީ މަގު ދައްކަވައި ހެޔޮއެދިވަޑައިގެން ކުރައްވާފައިވާ ކޮމެންޓުން އެސިލްސިލާގެ މިހާތަނަށް ގެނެސްދީފައިވާ 3 ބަޔަށް މިހާރު އެވަނީ އިޞްލާޙުތަކެއް ގެނެވިފައެވެ. އެކަމަށްޓަކައި މަގުދެއްކެވި ބޭފުޅުންނަށާއި ނޫހުގެ އިދާރީ ބޭފުޅުންނަށް ޝުކުރު ފަށްފަށްކުރަމެވެ. އެސިލްސިލާއަށް ކޮމެންޓް ކުރައްވައި ދާންވީމަގު ދެއްކެވި ބޭފުޅުން ވިދާޅުވެފައިވާ ގޮތަށް އެފަދަ ލިޔުމަކީ ތާރީޚުގައި "ބުރަދަން" ހުރި ލިޔުމެވެ. އެފަދަ ލިޔުމަކީ ލިޔާ މީހަކު އުޅޭނޭ ތަނެއްގައި އުޅެ ކުރާނޭކަމެއް ކޮށްފައި ލިޔެ “ރާސްޓަސް”ގެ އުޞޫލުން ނަގައި ހިއްލާލެވޭވަރަށް ވުރެ ބުރަދަން މާބޮޑު ލިޔުމެވެ.

ޙާޖީ ބަންޑާރައިންގެ ޢުމުރުފުޅުން 41 އަހަރުގައި އެރަދުންނަށް ހެދިގޮތެއް ހެދުމަށްފަހު އެރަދުންގެ ތުއްޕުޅު ދަރިކަލުން (ފަހުން އިބުރާހީމް ފާމުލަދޭރިކިލެގެފާނު) ޤަތުލުކުރުމަށް މާލޭގެ ވެރިކަމުގެ ބޮޑުންގެމެދުގައި ވާހަކަ ދެކެވުނުކަމާއި މިތުއްޕުޅު ބޭފުޅާގެ ސަލާމަތަށް މަތިވެރިﷲ މެދުވެރިކުރެއްވީ ފުވައްމުލަކު ދެމަފިރިއެއްކަމަށް ލިޔުންތަކުން އެނގެއެވެ.

ޣިޔާޘުއްދީން ރަދުންގެ ތުއްޕުޅު ބޭފުޅާ (ފަހުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު) އެކަމުން ސަލާމަތްކުރެއްވީ (މެދުވެރިވީ) އިބްރާހީމްރަސްގެފާނާއި ގާތް ބަޔެއްކަމަށް އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ކަރިއްޔަ ޙަސަންދީދީގެ ޙުސައިންދީދީގެ މަރިޔަމްދީދީގެ މޫސާދީދީގެ  އިބްރާހީމް ސަޢީދު މޫސާ ވިދާޅުވެފައިވެއެވެ.
ޣިޔާޘުއްދީން ރަދުންގެ ދަރިކަލުން (ފަހުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު) މުލަކަށް އަރުވައިލެއްވުމުން އެތުއްޕުޅުބޭފުޅާ ބައްލަވައި ގެންގުޅުއްވީ ދިޔަމިގިލީ ދަރިކޮޅުގެ ވަފާތެރި ބަޔެއްކަމަށް އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ޢާއިޝާދީދީގެ މީދޫގަނޑުވަރު ޙަސަންދީދީގެ ފިޔޯރީ ދޮންދީދީގެ އިބްރާހީމްދީދީގެ މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވެފައިވެއެވެ.

ޣިޔާޘުއްދީން ރަދުންގެ ދަރިކަލުން ޤަތުލުކުރުމުގެ ސަލާމަތަށް މެދުވެރިވެ އެމަނިކުފާނު ފުވައްމުލަކަށް ގެންނަވައި ގެންގުޅުއްވީ މުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި ދިގަލެގެދަރު އާމިނާ މަނިކެފާނާއި ދެމަފިރިކަނބަލުން ކަމަށް އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އާމިނާދީދީ (ބެރިމަގުދީދީ)ގެ ޢަލިދީދީގެ ކަތްދާދީދީ ވިދާޅުވެފައިވެއެވެ. މިކަތްދާދީދީގެ މަންމައަކީ އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ޢާއިޝާދީދީ (ދޮށީދީދީ)ގެ އަޙުމަދުދީދީގެ ޙައްވާދީދީގެ ދޮންދީދީއެވެ. ކަތްދާދީދީއަކީ ކިލެގެފާނުގެ އެންމެދޮށީ ބޭފުޅާއި އެންމެހަނގު ބޭފުޅާގެ ޢާއިލާގެ ބޭފުޅެކެވެ. އޭނާ އަވަހާރަވީ 1986 ގައެވެ.

އަޅުގަނޑު ލިޔަމުންގެންދާ "އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ" ސިލްސިލާއާއި އަދި  ހުވަދުއަތޮޅާއި ގުޅުންހުރި މަޢުލޫމާތުގެ ބޮޑުބައި ލިޔުއްވާފައިވާ ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީއާއި ކުރިން ދެންނެވި ކަތްދާދީދީއާއި ދެބެންގެ ދެދަރިއެވެ. ޙަސަން ޙިލްމީއަކީ މީދޫ ރަހާގެ މޫސާ މަނިކުފާނުގެ ޢަލިމަނިކުފާނުގެ ޙަސަން ޙިލްމީއެވެ. ކަތްދާދީދީއަކީ މީދޫ ރަހާގެ މޫސާ މަނިކުފާނުގެ ދޮންދީދީގެ ކަތްދާދީދީއެވެ. މިދެބޭފުޅުންނަކީވެސް އައްޑޫ ފުވައްމުލައް ހުވަދޫގެ ތާރީޚީ މަޢުލޫމާތުތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅުންނަށްވީމާ އެއްބޭފުޅަކު އަނެއްބޭފުޅަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަކީ ހިނގާފައިވާ ކަމެކެވެ. މިދެބޭފުޅުންނާއި މަޝްހޫރު ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީއާއި ތިން ބޭފުޅުންނަކީ ޙާޖީ ބަންޑާރައިންގެ ޢާއިޝާދީދީގެ ދަރިފަސްކޮޅުންވެސް ގުޅޭ ބޭފުޅުންނެވެ.

މިލިޔުމުގެ ބޭނުމަކީ ޣިޔާޘުއްދީން ރަދުންގެ ދަރިކަލުން ޤަތުލުކުރުމުގެ ސަލާމަތަށް މެދުވެރިވެ އެމަނިކުފާނު ފުވައްމުލަކަށް ގެންނަވައި ގެންގުޅުއްވީ މުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި ދިގަލެގެދަރު އާމިނާ މަނިކެފާނާއި ދެމަފިރިކަނބަލުން ކަމަށް ބުނެވޭތީ މުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާކީ ކޮންބޭފުޅެއްތޯ އެނގޭތޯ ބެލުމެވެ. އެކަން އެނގޭތޯ އުޅެން އެބަ ޖެހެއެވެ. އެއީ މިލިޔުމުގެ މައިގަޑު ނަމަކަށްވާ "ދިވެހި ރަސްކަމަށްވުރެ މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް އަޅުގަނޑަށް މާރަނގަޅެވެ." އެބުނާ ދިގަލަގެދަރު އާމިނާ މަނިކެފާނުގެ ފިރިކަލުން ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއްކަން އެނގޭނީ ގިނަ ބޭފުޅުންގެ އެހީތެރިކަން ލިބިގެންނެވެ. އެކަމާގުޅޭގޮތުން މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު އަރުވާނަމެވެ.

ދައިގަޑު ގަނޑުވަރު

މުލަކު އަލްގެދަރު މިސްކިތާއި މުލަކު ދައިގަޑު ގަނޑުވަރާއި ގުޅުވައިދޭ ފަރާތަކީ ދައިގަޑު ދޮންޢީސާ ޚަޠީބު ކަލޭގެފާނުކަމާއި އަދި "ދައިގަޑު" ދައިގަޑު ގަނޑުވަރަކަށް ބަދަލުވީ ދައިގަޑު ދޮންޢީސާ ޚަޠީބު ކަލޭގެފާނުގެ ދަރިކޮޅުން ވަޑައިގަތް އިސްދޫ ޢާއިލާގެ ފެށުންކަމުގައި ހިމެނިވަޑައިގަތް އައްސުލްޠާނު ޢަލީ (ހަތްވަނަ) ރަސްކަމަށް އިސްވެވަޑައިގަތުމާ އެކުގައި ކަމަށް ދިވެހިމުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވެއެވެ.

ދައިގަޑު ގަނޑުވަރުގެ ބޭފުޅުން

ދިވެހިމުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވަނީ “އައްސުލްޠާނު އިބްރާހީމް މުޡުހިރުއްދީން ރަދުންގެ ދަރިކަލުންގެ ނަމެއް ތާރީޚީ ފޮތްތަކުން އެގޭކަށް ނެތެވެ. އެގޭހައި އެއްޗަކީ މުޡުހިރުއްދީނާ އެކު (އެދަރިކަލުން) މުލަކަށް ފޮނުވާލެވުނުކަމެވެ. އޭގެފަހުގައި އެބޭފުޅަކާމެދު އިތުރުމަޢުލޫމާތެއް ނުލިބި ޒަމާންތަކެއް ހިގައިދިޔުމަށްފަހު ފެންނަނީ ހުވަދުއަތޮޅު ކޮނޑޭ ހުކުރުމިސްކިތްދޮށުގައި ހުރި މަހާނަ ގަލެކެވެ. އެގަލުގައި ހުރި ލިޔުންތަކުން ޔަޤީންކޮށްދެނީ އެއީ މުޡުހިރުއްދީން ރަދުންގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ މަހާނަކަމެވެ.

އެމަހާނަގަލުގައި ހުރި ލިޔުމުގެ ނަކަލުކަމަށް އެރަށު އިހުގެ ކަތީބު ތުއްތީދީ (ކޮނޑޭ ދާރުއްސަލާމް އިބްރާހީމް އިސްމާޢީލްދީދީ) ދެއްކި ލިޔުމުގައިވަނީ “ހާޛާ ޤަބުރުއްޞަޣީރު މުޙައްމަދު ބިން އައްސުލްޠާނު އިބްރާހީމް މުޡުހިރުއްދީން ޝާހުބަންދަރު ބިން އަލްވަޒީރު ޙަސަން މާފަތްތަކުރުފާނު ބިން އަލްވަޒީރު އިބްރާހީމް ޝާހުބަންދަރު ޖަމާލުއްދީނުލް އިސްދުވިލް ޢަޒީޒު” މިފަދައިންނެވެ. 1970މ. ވަނަ އަހަރު ކޮނޑޭ ފަޅުކުރި އިރު އެމަހާނަގައު ހުރިކަމަށްވެއެވެ. ނަމަވެސް 1975މ. ގައި ކޮނޑޭ މީހުން އެބުރި ރަށަށް އައުމާއެކު ރަށުގެ މަގުފާރާއި ގެދޮރު ރޭނުމަށް މަހާނަގައު ބޭނުންކުރުމުގައި އެމުހިއްމު މަހާނަގައުވެސް ގެއްލިދިޔައީ ކަމުގައި ބުނެވެއެވެ. މުޙައްމަދު މަނިކުފާނު އަވަހާރަވީ 1175ހ. ވަނަ އަހަރު ރަމަޟާންމަހު 9 ވަނަ ދުވަހުގައެވެ. އެއީ އައްސުލްޠާނު ޙަސަން ޢިއްޒައްދީންގެ ރަސްކަމުގެ ތިންވަނަ އަހަރެވެ. އޭރު އެމަނިކުފާނުގެ (މުޙައްމަދު މަނިކުފާނުގެ) ޢުމުރުފުޅަކީ 85 އަހަރެވެ.

އަދިވެސް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ.
"ތާރީޚުން އެގޭގޮތުގައި އިބްރާހީމް މުޡުހިރުއްދީން ރަދުންގެ ހުންނެވީ އެންމެ ފިރިހެން ބޭފުޅެކެވެ. އެއީ މުލަކު މުޙައްމަދު މަނިކުފާނެވެ. ނަމަވެސް މުލަކު "ކަރިއްޔާ"އިން ފެނުނު ލިޔުމެއްގައިވަނީ "ބޮޑުކިލެގެފާނު (މުޡުހިރުއްދީން ރަދުން)ގެ ދަރީނީ، މުޙައްމަދު މަނިކުފާނު، ބޮޑު ޢާއިޝާފާނު. ބޮޑުޢާއިޝާފާނުގެ ދަރީނީ، ދެއްވަދޫ މީހުން" މިފަދައިންނެވެ. އަދި މިހައިތަނަށް ބޮޑު ޢާއިޝާފާނުގެ ދަރިކޮޅު ހޯދައި ބެލިފައި ނުވެއެވެ.  ނަމަވެސް މުޙައްމަދު މަނިކުފާނުގެ ދަރިކޮޅު ފާހަގަކުރެވެއެވެ.
މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެގި ޘާބިތުވެފައިވަނީ 4 ބޭފުޅުންނެވެ. އެއީ ޙަސަން މަނިކުފާނާއި، ޢަލިމަނިކުފާނާއި ކޮނޑޭ މޫސާ މަނިކުފާނާއި އާމިނާ މަނިކެފާނެވެ. ޙަސަން މަނިކުފާނުގެ ދަރިކޮޅުވަނީ "ހުޖުބު"ވެފައެވެ.
ޢަލިމަނިކުފާނާއި އާމިނާ މަނިކުފާނުގެ ދަރިކޮޅު އަދި ހޯދިފައިނުވެއެވެ. މިއަދާއިހަމައަށް ފާހަގަކުރެވެނީ މޫސާ މަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކޮޅެވެ. މޫސާ މަނިކުފާނުގެ މުޙައްމަދު މަނިކުފާނުގެ ދަރިކޮޅުވެސްވަނީ "ނަޑާލި"ވެފައެވެ.
މުލަކު އަލްގެދަރު މިސްކިތުގެ އުތުރުފަރާތުގައި ވެލިގަލުން ހަދާފައިހުރި ބިސްތާނައަކީ ދައިގަޑު ގަނޑުވަރު ބޭފުޅުންނަށް ޚާއްޞަކުރެވިފައިވާ ތަނެއްކަމުގައި ބުނެވެއެވެ. އެބިސްތާނައިގައި ހުރި މަހާނަގަލުގެތެރެއިން ކިޔަން އެގެނީ ދައިގަޑު ގަޑުވަރު ޙަސަން މަނިކުފާނުގެ މަހާނަގަލެވެ. އޭގައިވަނީ "ދައިގަޑުގަޑުވަރު ޙަސަން ބުނު މުޙައްމަދު ބުނު އައްސުލްޠާނު އިބްރާހީމް އިސްކަންދަރު . . . .” މިފަދައިންނެވެ."

ދައިގަޑު ގަޑުވަރު ޙަސަން ބުނު މުޙައްމަދު ބުނު އައްސުލްޠާނު އިބްރާހީމް އިސްކަންދަރުއަކީ އިބްރާހީމް މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ ޙަސަންމަނިކުފާނުކަން އެނގެއެވެ. މިއީ މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވާ "މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެގި ޘާބިތުވެފައިވަނީ 4 ބޭފުޅުންނެވެ." ވިދާޅުވާ ބޭފުޅުންގެތެރެއިން ބޭފުޅެކެވެ. "މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެގި ޘާބިތުވެފައިވަނީ" މިގޮތަށް މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވެފައިވުމުން އެނޫން އެހެންބޭފުޅުން ތިއްބެވުމާއި ނުތިއްބެވުމާމެދު އެމަނިކުފާނު ގޮތެއް ކަޑަނުއަޅުއްވާކަން އެނގެއެވެ. ވިދާޅުވެފައި އެވަނީ އެހާތަނަށް ޔަޤީންކުރެއްވޭ ބޭފުޅުންގެ ޢަދަދެވެ.

ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނު

މުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނަކީ މިލިޔުމުގެ މައިގަޑު ނަމުގައި އެވާ ދިގަލެގެދަރު އާމިނާ މަނިކުފާނުގެ ފިރިކަލުންނެވެ.
ދައިގަޑު ގަޑުވަރު ކިޔާފައިވަނީ ކިހިނެއްކަމާއި އަވަހާރަވި ބޭފުޅެއްގެ މަހާނަގަލުގައި (ދައިގަޑު ގަޑުވަރު ޙަސަން ބުނު މުޙައްމަދު ބުނު އައްސުލްޠާނު އިބްރާހީމް އިސްކަންދަރު . . . .) މިފަދައިން އޮތުމުން އެބޭފުޅެއް ނިސްބަތްވާ ގަޑުވަރަކީ ކޮބައިކަން އެނގެއެވެ. ވީމާ ޙާޖީ ބަންޑާރައިންގެ ދަރިކަލުންގެ ސަލާމަތަށް މަތިވެރިﷲ މެދުވެރިކުރެއްވި ދައިގަޑު ގަޑުވަރު އަޙުމަދު މަނިކުފާނަކީ ކޮން ބޭފުޅެއްތޯއެވެ. މަތިފުށަކީ ކޮބައިތޯއެވެ. ޣިޔާޘުއްދީން ރަދުންގެ ދަރިކަލުން ޤަތުލުކުރުމުގެ ސަލާމަތަށް މެދުވެރިވެ އެދަރިކަލުން މުލަކަށް ގެންނަވައި ބައްލަވައި ގެންގުޅުއްވުމާއި އިބްރާހީމް ރަސްގެފާނާއި އަޙުމަދު މަނިކުފާނާއި ހުރި ގާތްކަމާއި އަޙުމަދު މަނިކުފާނުގެ ދެމަފިރިންގެ އަމިއްލަ ގެ ޣިޔާޘުއްދީން ރަދުންގެ ދަރިކަލުންނަށް ދެއްވުމުގައި ދައިގަޑު ގަޑުވަރު އަޙުމަދު މަނިކުފާނާއި އެބޭފުޅުންނާއި ގުޅޭ ގާތްކަމަކީ ކޮބައިތޯއެވެ.

ހޯދުމެއް:

1. ޙާޖީ ބަންޑާރައިންގެ ދަރިކަލުން (އިބްރާހީމް ފާމުލަދޭރިކިލެގެފާނު) ބޮޑުފުޅުވުމުން އެމަނިކުފާނު  ކައިވެނިފުޅު ކުރެއްވުމަށް އެމަނިކުފާނުގެ އޭރުގެ ބެލެނިވެރިންކަމަށްވާ ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި ދިގަލަގެދަރު އާމިނާމަނިކުފާނު ދެފިރިކަނބަލުން އެދިވަޑައިގަތީ ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި އެއްބަޑު އެއްބައްޕަ ދައިގަޑު ގަޑުވަރު ޢާއިޝާ މަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް މަނިކެފާނާއެވެ. އެހެންވުމުން ޙާޖީ ބަންޑާރައިންގެ ދަރިކަލުން ފުރަތަމަ ކާވެނިފުޅުކުރެއްވީ މިދެންނެވި މަރިޔަމް މަނިކުފާނާއެވެ.

2. ޙާޖީ ބަންޑާރައިންގެ ދަރިކަލުން (އިބްރާހީމް ފާމުލަދޭރިކިލެގެފާނު) އާއި ދައިގަޑު ގަޑުވަރު ޢާއިޝާ މަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް މަނިކެފާނާ ދެމަފިރިކަނބަލުންގެ ދަރިކަނބަލުން ޢާއިޝާދީދީ (ދޮށީދީދީ)  ބޮޑުފުޅުވެ ކައިވެނީގެގޮތުން ގުޅިވަޑައިގަތުމަށް މިޢާއިލާގެ ބޭފުޅުން ބާރުއެޅުއްވީ އިބްރާހީމް މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ މޫސާ މަނިކުފާނުގެ ޢަލިމަނިކުފާނާ ކަމަށާއި އެގޮތަށް ބާރުއެޅުއްވީ ޢަލިމަނިކުފާނަކީ “ކައިރިން ތިމާގެ ބޭފުޅަކަށް”ވާތީ ކަމަށް ކިލެގެފާނުގެ އާމިނާދީދީ (ބެރިމަގުދީދީ)ގެ ޢަލިދީދީގެ ކަތްދާދީދީ ވިދާޅުވެފައިވެއެވެ. ކަތްދާދީދީގެ މަންމައަކީ ކުރިންވެސް ދަންނަވާފައިވާނޭހެން ކިލެގެފާނުގެ ޢާއިޝާދީދީ (ދޮށީދީދީ)ގެ އަޙުމަދުދީދީގެ ޙައްވާދީދީގެ ދޮންދީދީއެވެ. 

ޢާއިޝާދީދީއާއި ކޮނޑޭ ޢަލިމަނިކުފާނު

ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޢާއިޝާދީދީއާއި ކޮނޑޭ ޢަލިމަނިކުފާނާއި ދެބޭފުޅުން "ކައިރިން ތިމާގެ ބޭފުޅުންނަށް" ވޭތޯ ނޫންތޯ ބަލާލަމާތޯއެވެ.

1. މުޡުހިރުއްދީން ރަދުންގެ މަންމާފުޅު އަތިރީކަމަނާގެ ބައްޕަ ހަނދޭގިރި ތަކުރުފާނަކީ ދިޔަމިގިލީ ރަދުންނާއި އެއްބަނޑު ބޭފުޅެކެވެ. ވީމާ ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނާއި އަތިރީކަމަނާއާއި ދެބެންގެ ދެދަރިއެވެ. އަދި އިބްރާހީމް ރަސްގެފާނު ކައިވެނިފުޅު ކުރައްވައިގެން ހަ ބޭފުޅުން ލިބިވަޑައިގެންނެވި ޢާއިޝާ ކަނބާފާނަކީ އަތިރީކަމަނާގެ، ފާޠިމާ މާވާކިލެގެފާނުގެ، ދަރިކަނބަލުންނެވެ. ޙާޖީ ބަންޑާރައިން (ޣިޔާޘުއްދީން ރަދުން)ނަކީ އިބްރާހީމް ރަސްގެފާނާއި ޢާއިޝާ ކަނބާފާނާއި ދެމަފިރިކަނބަލުންގެ ބޭފުޅެކެވެ.

2. ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޢާއިޝާދީދީގެ މާމާފުޅު ދައިގަޑު ގަޑުވަރު ޢާއިޝާ މަނިކުފާނަކީ މުޡުހިރުއްދީން ރަދުންނަށް ކާފަ ވިދާޅުވާ ބޭފުޅެއްކަމަށް ބުނެވެއެވެ. ދައިގަޑު ގަޑުވަރު ޢާއިޝާ މަނިކުފާނާއި  ކައިވެނިބެއްލެވީ މީދޫ ކުޑައިރަނިޔަ (ނުވަތަ ކުޑޭރަނިޔަ)ގެ އެދުރު ތައްޚާނެވެ. “ކުޑޭރަނިޔަ އެދުރުގެ” އެޅުއްވީ މިދެމަފިރިން ކާވެނިކުރައްވައިގެންނެވެ. މިދެމަފިރިކަނބަލުންނަށް ލިބިވަޑައިގަތީ *މަރިޔަމް މަނިކެފާނާއި އާމިނާ މަނިކެފާނާއި މުޙައްމަދު މަނިކުފާނެވެ. *މަރިޔަމް މަނިކެފާނާއި ކައިވެނިފުޅުބެއްލެވީ ކުރިން ދެންނެވިހެން ޙާޖީ ބަންޑާރައިންގެ ކިލެގެފާނެވެ. ލިބިވަޑައިގަތީ ޢާއިޝާދީދީ އާމިނާދީދީ، މޫސާދީދީ އެވެ. މިޢާއިޝާދީދީއަކީ ކޮނޑޭ ޢަލިމަނިކުފާނާއި ކައިރިން ތިމާގެފުޅު ވުމުން އެދެބޭފުޅުން ކައިވެނިފުޅު ކުރެއްވުމަށް ޢާއިލާގެ ބޭފުޅުން ބާރުއެޅުއްވި ޢާއިޝާދީދީ (ދޮށީދީދީ) އެވެ.

މިހެންވުމުން “ޢާއިޝާދީދީއާއި ކޮނޑޭ ޢަލިމަނިކުފާނު” މިބައިގެ ނަމްބަރ 1 ގައި އެވާގޮތުން ކޮނޑޭ ޢަލިމަނިކުފާނާއި ޢާއިޝާދީދީގެ ބައްޕާފުޅާއި 4 ވަނައެވެ. އަދި ނަމްބަރ 2 ގައި އެވާގޮތުން ކޮނޑޭ ޢަލިމަނިކުފާނާއި ޢާއިޝާދީދީގެ މަންމާފުޅާއި ދެބެންގެ ދެދަރިއެވެ. ނަމްބަރ 1 ގައި އެވާގޮތަށްވުރެ ނަމްބަރ 2 ގައި އެވާގޮތް ކައިރިން ތިމާގެއެވެ.

ވީމާ ދައިގަޑު ގަޑުވަރު އާއިޝާ މަނިކުފާނަކީ މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވެފައިވާ "މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެގި ޘާބިތުވެފައިވާ 4 ބޭފުޅުން" ކަމުގައިވާ ޙަސަން މަނިކުފާނާއި، ޢަލިމަނިކުފާނާއި ކޮނޑޭ މޫސާ މަނިކުފާނާއި އާމިނާ މަނިކެފާނު ފިޔަވައި އިތުރު ބޭފުޅަކަށް ވެދާނެތޯ ނޫންތޯގެ ސުވާލު ކުރިމަތިވެއެވެ.

އަދި މިކަމާއެކުމެ "ދިވެހި ރަސްކަމަށްވުރެ މުލަކު ދިގަލަގެދަރު އާމިނާމަނިކެފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއްވެސް އަޅުގަނޑަށް މާރަނގަޅޭ" ޙާޖީ ބަންޑާރައިންގެ ދަރިކަލުން (އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު) ވިދާޅުވުމުގައި އެވާ އާމިނާމަނިކެފާނުގެ ފިރިކަލުން ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނަކީ ވެސް މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވެފައިވާ "މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެގި ޘާބިތުވެފައިވާ 4 ބޭފުޅުން" ކަމުގައިވާ ޙަސަން މަނިކުފާނާއި، ޢަލިމަނިކުފާނާއި ކޮނޑޭ މޫސާ މަނިކުފާނާއި އާމިނާ މަނިކެފާނު ފިޔަވައި އިތުރު ބޭފުޅަކަށް ވެދާނެތޯ ނޫންތޯ ސުވާލު އެބަ ކުރިމަތިވެއެވެ.

ކުރިން ދެންނެވި ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި ދައިގަޑު ގަނޑުވަރު ޢާއިޝާ މަނިކެފާނާއި ބެހޭ އެއްވެސް ހޯއްދެވުމެއް ހޯއްދެވި އޭގެ ލިޔުއްވުމެއް ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ (އަވަހާރަވުމުގެ ކުރިން) ލިޔުއްވާފައިވާކަމެއް ނުވަތަ ނޫންކަމެއް އެނގޭކަށް ނެތެވެ. ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީގެ ލިޔުއްވުމުގެތެރެއިންވެސް އެފަދަ ލިޔުއްވުމެއް އަޅުގަނޑާއި ހަމަޔަށް ލިބިފައިނުވެއެވެ.

އިންސާނީ ޙަޔާތުގެ ދަނޑުގައި ދުނިޔެ ނިމުމާއި ހަމަޔަށް އަބަދުވެސް ކުޅޭނީ ފައިނަލް މެޗެވެ. އިތުރު މެޗެއް އެދަނޑުގައި ނޯވެއެވެ. ނަމަވެސް އެދަނޑުގައި ކުޅުންތެރިއަކު ކުޅެންޖެހެނީ ކިހާއިރެއްވަންދެން ކަން ކުރިން އެމީހަކަށް އެނގޭނޭ ގޮތެއްވެސް ނޯވެއެވެ. އަދި ރަތްކާޑު ފިޔަވައި ކުލަކުލައިގެ ކާޑު ދެއްކުމެއްވެސް ނޯވެއެވެ. ރެފްރީ ރަތްކާޑު ދެއްކުމުން އެކުޅުންތެރިޔަކު ވަގުތުން ދަނޑުން ފައިބަންވީއެވެ. އެކަމާއި ރެފްރީއާއި ކުރެވޭނޭ ޒުވާބެއް ނޯންނާނެއެވެ. ނަމަވެސް އެމީހަކު ދައްކާފައިވާ ކުޅުމާއި ޖަހާފައިވާ ގޯލަށް ބަލައި ރަންބޫޓާއި ދާއިމީ "ނިޢުމަތުގެ އިނާމު" ލިބިގަތުމުގެ ފުރުޞަތު ކޮންމެމީހަކަށްމެ އޮވެއެވެ.


ނޯޓް:

މީދޫ ކުޑައިރަނިޔަ (ނުވަތަ ކުޑޭރަނިޔަ)ގެ އެދުރު ތައްޚާނުގެ ދަރިކަނބަލުން މަރިޔަމް މަނިކެފާނާއި، ޙާޖީ ބަންޑާރައިންގެ ދަރިކަލުން ކިލެގެފާނު (އިބްރާހީމް ފާމުލަދޭރި ކިލެގެފާނު) އާއި ދެކަނބަލުންގެ ކައިވެނިފުޅުން ލިބިވަޑައިގަތް 3 ބޭފުޅުންގެ ތެރެއިން ޢާއިޝާދީދީ ފިޔަވައި އަނެއް އަންހެންބޭފުޅެއްގެ ނަމަކީ ޙައްވާދީދީ ކަމަށް ވެސް ބައެއް ލިޔުންތަކުގައި ހުރެއެވެ. މިދީދީ އަވަހާރަވީ ބޭފުޅަކަށް އާލާސްވެ އިންނެވުމުގެތެރޭގައެވެ. މިދީދީގެ މަހާނަވަނީ އައްޑުއަތޮޅު ހިތަދޫ ތަކުރުފާނު މިސްކިތުގެ ގަބުރުސްތާނުގައެވެ.
                  ----------------

ޢަބުދުﷲ ޙިލްމީ
20 މޭ 2012މ.