ހުވަދުއަތޮޅު ދެކުނުބުރި ހެލްތު ސެންޓަރަށް ޚާއްޞަކޮށް ބިނާކުރި ޢިމާރާތް ހުޅުވުމުގެ ބައެއް ތައްޔާރީތަކުގެ ވީޑިއޯ












ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރު ހުޅުވުމާއި އަދި އެ ހެލްތު ސެންޓަރުގެ ޢިމާރާތް ހުޅުވުމާއި އެ މިއީ ދެ ކަމެކެވެ. ދެ ރަސްމިއްޔާތެކެވެ. މިހެންވެފައިވަނީ ހަވަރުތިނަދޫގެ 2 ވަނަ އާބާދީ އެ ރަށުގައި ވަޒަންވެރިވީތާ 3 ވަނައަށްވީ އަހަރުކަމަށްވާ 1969މ. ގެ އޯގަސްޓް 9 ދުވަހުގެ ރޭ 8.30 ގައި ހެލްތު ސެންޓަރު ހުޅުވީ ނުވަތަ އެ ސެންޓަރުގެ ޚިދުމަތްފެށީ އެ ސެންޓަރަށް ޚާއްޞަކޮށް ބިނާކުރި ޢިމާރާތެއްގައި ކަމަށް ނުވެފައި، ސެންޓަރަށް ޚާއްޞަކޮށް ބިނާކުރި ޢިމާރާތްހުޅުވީ ސެންޓަރު ހުޅުވިތާ ނުވަތަ ސެންޓަރުން ދޭންޖެހޭ ޚިދުމަތް ދޭންފެށިތާ 22 ވަނައަށްވީ އަހަރުކަމަށްވާ 1988މ. ގެ މާރޗް 25 ގައި ކަމަށް ވުމުންނެވެ.

ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރުގެ ޚިދުމަތްދިނުމަށް ފުރަތަމަފެށީ އޭރުގެ ހަވަރުތިނަދޫ އޮފީސް ހިންގާ ޢިމާރާތުގެ ބަޔެއްގަ އެވެ. އޭގެ ދުވަސްކޮޅަކަށްފަހު ހެލްތް ސެންޓަރުގެ ޚިދުމަތްދިނުން ބަދަލުކުރީ އޭރުގެ ގދ. އަތޮޅުކޮމިޓީގެ އޮފީސް ހިންގާ ޢިމާރާތަށެވެ. ނަމަވެސް 1979މ. ގައި ހެލްތް ސެންޓަރުގެ ޚިދުމަތްދިނުން ބަދަލުކުރީ އަނެއްކާ ވެސް އެންމެކުރިން އެ ޚިދުމަތްދޭން ފެށި ހަވަރުތިނަދޫ އޮފީސް ހިންގާ ޢިމާރާތަށެވެ. އެއަށްފަހު އަނެއްކާ ވެސް ހެލްތް ސެންޓަރުގެ ޚިދުމަތް ދޭންފެށީ ގދ. އަތޮޅުކޮމިޓީގެ އޮފީސް ހިންގާ ޢިމާރާތުގަ އެވެ. މިގޮތަށް އެ ދެ ޢިމާރާތުންކުރެ ކޮންމެ ޢިމާރާތަކަށް ދެ ފަހަރު ހެލްތް ސެންޓަރުގެ ޚިދުމަތްދިނުން ބަދަލުކުރަން ޖެހިފައިވަނީ އެ ސެންޓަރަށް ޚާއްޞަކުރެވިފައިވާ ޢިމާރާތެއް ނެތުމުންނެވެ.    


ފޮޓޯގެ ތަޢާރަފު:
A – ހެލްތު ސެންޓަރުގެ ޚިދުމަތްދިނުމަށް ފުރަތަމަ ފެށި ހަވަރުތިނަދޫ އޮފީސް ހިންގާ ޢިމާރާތް
B – ހަވަރުތިނަދޫ އޮފީސް ހިންގާ ޢިމާރާތުގެ ބޭރުން ވަދެވޭގޮތަށް ހުރި ހެލްތު ސެންޓަރުގެ ޚިދުމަތްދޭ ބައި ބޭރުން ފެންނަގޮތް
C – ހެލްތް ސެންޓަރުގެ ޚިދުމަތް ދިނުން ބަދަލުކުރި އޭރުގެ ގދ. އަތޮޅުކޮމިޓީގެ އޮފީސް ޢިމާރާތް
D – ހެލްތް ސެންޓަރަށް ޚާއްޞަކޮށް ބިނާކޮށް އަދި އެންމެފަހުން ޚިދުމަތްދިން ހެލްތު ސެންޓަރު ހިންގި ޢިމާރާތް
  
ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ކަންކަން ހިނގިގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ވެސް ލިބިވަޑައިގަންނަވާނެ އެވެ. އެ މަޢުލޫމާތު ހާމަކުރައްވާފައިވަނީ އެ ސެންޓަރުގައި ފުރަތަމަ ޚިދުމަތްކުރެއްވި ސީނިއަރ ހެލްތް އެސިސްޓެންޓް އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ މީޒާން/ ޅ. ނައިފަރު އެވެ.


ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރަށް ޚާއްޞަކޮށް ބިނާކުރާ ޢިމާރާތުގެ ބިންގާއަޅުއްވާ ދެއްވީ 10 އޯގަސްޓް 1986މ. ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތް އޮނަރަބްލް އަލްފާޟިލް ޢަބުދުﷲ ޖަމީލެވެ. މި ޢިމާރާތާއެކު އެ ސެންޓަރުގައި މަސައްކަތްކުރައްވާ ސްޓާފުންނަށް ޚާއްޞަ އެކޮމަޑޭޝަން ލިބޭގޮތަށް ސެންޓަރުގެ އައު ޢިމާރާތުގެ ކައިރީގައި އެ ސްޓާފުންގެ ގެ ވެސް ޢިމާރާތްކުރަމުން ގެންދިޔަ އެވެ.


ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރަށް ޚާއްޞަކޮށް ބިނާކުރާ ޢިމާރާތުގެ ބިންގާ އެޅުއްވުން

ހުވަދުއަތޮޅު ދެކުނުބުރި ހެލްތު ސެންޓަރުގެ ޢިމާރާތް ހުޅުއްވާދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ގައްޔޫމެވެ.


ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރަށް ޚާއްޞަކޮށް ބިނާކުރި ޢިމާރާތް ހުޅުއްވައިދެއްވުން

ރައީސުލް ޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޢަބުދުﷲ ޖަމީލާއި އެޓޮލްސް މިނިސްޓަރ ޢަބުދުﷲ ޙަމީދާއި ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއަރޒް މިނިސްޓަރ ޢައްބާސް އިބްރާހީމާއި ޖަސްޓިސް މިނިސްޓަރގެ ނާއިބު މުޙައްމަދު ރަޝީދު އިބްރާހީމާއި ރައީސުލް ޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ ޢަބުދުއްރަޝީދު ޙުސައިނާއި އަތޮޅުއޮފީހާއި ރަށުއޮފީހާއި ތިނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ރަށުގެ ކަމުވޮށިވެގެންވާ ގިނަ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.


ފޮޓޯގެ ތަޢާރަފު:
A – ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރަށް ޚާއްޞަކޮށް ބިނާކޮށް އަދި އެންމެފަހުން ޚިދުމަތްދިން ހެލްތު ސެންޓަރު ހިންގި ޢިމާރާތް (ހުޅަނގު ދެކުން)
B – ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރަށް ޚާއްޞަކޮށް ބިނާކޮށް އަދި އެންމެފަހުން ޚިދުމަތްދިން ހެލްތު ސެންޓަރު ހިންގި ޢިމާރާތް (ހުޅަނގު އުތުރުން)
C – ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރަށް ޚާއްޞަކޮށް ބިނާކޮށް އަދި އެންމެފަހުން ޚިދުމަތްދިން ހެލްތު ސެންޓަރު ހުރި ތަނުގެ ހުޅަނގު އުތުރުން މަގުގެ ކަންމަތި
D – ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރުގެ ސްޓާފުންގެ ގެ

ހުވަދުއަތޮޅު ދެކުނުބުރި ހެލްތު ސެންޓަރުގެ އައު ޢިމާރާތް ހުޅުވިއިރު އެ ސެންޓަރު ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވީ ކޮމިއުނިޓީ ހެލްތު ވޯކަރ (ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާ) އަލްފާޟިލް އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި އެވެ. އެ ދުވަސްވަރު ޞިއްޙީ ޚިދުމަތްދިނުމުގެ ކަންކަން ހުރިނެތްގޮތް އެނގިވަޑައިގަތުން ބޭނުންފުޅުނަމަ ތިރީގައިވާ ލިންކުން ވެސް އެފަދަ ބައެއް މަޢުލޫމާތު ލިބިވަޑައިގެންފާނެ އެވެ. އެ މަޢުލޫމާތު ހާމަކުރައްވާފައިވަނީ ވެސް އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި އެވެ.


ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރަށް ޚާއްޞަކޮށް ބިނާކުރި ޢިމާރާތުގައި ދެމުންގެންދިޔަ ޞިއްޙީ ޚިދުމަތްދިނުން އޭގެފަހުން ބަދަލުވެފައިވަނީ ސެޕްޓެމްބަރ 1996މ. ގައި ބިންގާއެޅި ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޢިމާރާތަށެވެ. މި ޢިމާރާތުގެ ބިންގާއަޅުއްވާ ދެއްވީ އޭރުގެ ޞިއްޙަތާއި ބެހޭ ވަޒީރު އޮނަރަބްލް އަލްފާޟިލް އަޙުމަދު ޢަބުދުﷲ އެވެ. ޢިމާރާތްނިމުމުން މި ހޮސްޕިޓަލުން ވަގުތީގޮތުން ޚިދުމަތްދިނުން ފެށީ 11 ފެބްރުއަރީ 2000މ. ގަ އެވެ. ވަގުތީގޮތުން ޚިދުމަތްދިނުން ފަށްޓަވައިދެއްވީ ވެސް އެ މަނިކުފާނެވެ.


               ތިނަދޫ ރީޖަނަލް ހޮސްޕިޓަލް 

ޞިއްޙަތާއި ބެހޭ ވަޒީރު އޮނަރަބްލް އަލްފާޟިލް އަޙުމަދު ޢަބުދުﷲ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އަތޮޅުވެރިޔާ އަލްފާޟިލް އަލްމަރުޙޫމް ޙުސައިން މޫސާއާއި އަތޮޅުއޮފީހާއި ރަށުއޮފީހާއި ތިނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ރަށުގެ ކަމުވޮށިވެގެންވާ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

11 ފެބްރުއަރީ 2000މ. ގައި ވަގުތީގޮތުން ޚިދުމަތްދިނުމަށް ފެށި ހޮސްޕިޓަލުން ދާއިމީ ޚިދުމަތްދިނުމަށް ފަށާނެ ދުވަހަކަށް ކުރެވޭ އިންތިޒާރަށް 16 އަހަރުވީއިރު ވެސް އަދި ނިމުމެއްނާދެ އެވެ. އެ ނިމުން އަންނާނީ ދާއިމީޚިދުމަތް ދިނުމަށް ފެށުމުންނެވެ. ގިނަބަޔެއްގެ އުއްމީދަކީ މިހާރަށްވުރެ ބޭނުންތެރި އިތުރު ޚިދުމަތްތަކާއެކު އެ ދުވަސް ވުޖޫދަށް އައުމެވެ.


ހުވަދުއަތޮޅު ދެކުނުބުރި ހެލްތް ސެންޓަރަށް ޚާއްޞަކޮށް ބިނާކުރި ޢިމާރާތް ހުޅުވުމުގެ ބައެއް ތައްޔާރީތަކުގެ ވީޑިއޯ
               -----------------

ޢަބުދުﷲ ޙިލްމީ
30 އޯގަސްޓް 2016މ. 

ވީޑިއޯ:
އަލްފާޟިލް މުޙައްމަދު ޝަރީފު ހ. ތެވެލި/ މާލެ

ފޮޓޯތައް:
ޙަސަން ޢަބުދުﷲ މަދަރުސާދޮށުގެ/ ގދ. ތިނަދޫ