އަމީންދީދީއަށް އެނގިވަޑައިނުގަތް ޙާޖީ މުޙައްމަދު ކަލޭގެފާނު













ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނަކީ ކޮންބޭފުޅެއްކަން އަލްއަމީރު މުޙައްމަދު އަމީނަށް އެނގިވަޑައިނުގެންނެވުމަކީ މީހަކު އަނެއް މީހަކަށް ނޭނގުމުގެ އަމިއްލަޒާތަށް ބަލާނަމަ އެއްވެސް ކަމެއްނޫނެވެ. އެއްވެސް ކަމަކަށްނުވާ ކަމެއްނަމަ، އެކަމެއް ކުޑައެއް ވެސް ނުވަތަ ބޮޑެއް ވެސް ނުވާނެއެވެ. އެއީ ހަމަ އެއްވެސް ކަމެއްނޫނެވެ. އެކަން ކަމަކަށްވާނަމަ ވާނީ، ނޫނީ އެކަމުގެ ކުޑަ ބޮޑުމިނެއް ވާނަމަ އެނގޭނީ އެކަންވީ ގޮތެއް އެނގިގެންނެވެ. އެގޮތެއް އެނގެން ބޭނުންވާ ބަޔަކަށް އެގޮތެއް އެނގިއްޖެނަމަ، އެގޮތުގައި ހުރިނަމަ ހުރި ބޮޑު ކުޑަ މިނެއް ވެސް އެބަޔަކަށް އެނގިދާނެއެވެ.

ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ އަލްއަމީރު މުޙައްމަދު އަމީން ދިވެހިދައުލަތް ހިންގެވި ދުވަސްވަރު މަތިފަޑީގެ ވާވެލާވެލީގައި ގޮށް ޖައްސަވައި ގޮށް މޮއްސެވުމުގެ ފުރިހަމަ އާރާއި ބާރު މުޙައްމަދު އަމީނަށް ލިބިވަޑައިގެން ހުންނަވަނިކޮށެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ 10 ވަރަކަށް އަހަރުގެ ކުރީގައި ހިނގާފައިވާ 31 އަހަރުގައި ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވީ ޙާޖީ މުޙައްމަދު ކަލޭގެފާނެވެ.


މިކަމާއި އަދި މިނޫން ބައެއް ކަންކަންވެސް ހިނގާފައިވާ ގޮތުން ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނަކީ ކޮން ބޭފުޅެއްކަން އެނގިވަޑައިގަންނަވަންވީ ގޮތަށް އަލްއަމީރު މުޙައްމަދު އަމީނަށް އެނގިވަޑައިނުގެންނެވުމަކީ ކުޑަ ކަމެއްނޫން ކަމަށް ދެކިވަޑައިގަތް ގޮތެއްގައި ދެކިވަޑައިގެން އެވާހަކަ ދެއްކެވި އެއް ބޭފުޅަކީ ހުވަދުއަތޮޅުގެ ގިނަ ކަންކަމެއްގެ މަޢުލޫމާތު ހޯއްދަވައި އެކަންކަން ދިރާސާކުރެއްވި ބޭފުޅެއްކަމަށްވާ މަޑަވެލީ ޒޫރިޔާގޭ އަލްމަރުޙޫމް ޢަލީ ނަޞީރެވެ. މަރުޙޫމް ޢަލީ ނަޞީރުގެ މިވާހަކައަށް އޭނާ ސިފަ ގެންނަވާފައިވަނީ އޭނާ ލިޔުއްވާފައިވާ "މަޑަވެލީ މޫސިޔާގެ ޢާއިލާއިން 7 އަދި 8"ވަނަ ބައިގައެވެ.


ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނަކީ، 6 ފޫޓަށްވުރެ ދިގު ހަށިކޮޅު ބިޔަ ގައިގެކުލަ މެދުމިނަށްވުރެ ކަޅު ޞިއްޙަތު ރަނގަޅު ބޭފުޅެކެވެ. ބައެއް ފަހަރަށް މަކަނަށް ފޮށާ ލައްވައިގެން އާދައިގެގޮތަކަށް އުޅުއްވައެވެ. މަދުފަހަރަކު ހަމައެކަނި މުންޑެއް އަނދެލައްވައިގެން ވެސް ހުންނަވައިފައެވެ. ބޭރުން ހަދާފައިވާ ފައިވާނުގެ އިތުރަށް އަމިއްލަފުޅަށް ހައްދަވާ މަރަވަޅި ބޭނުންފުޅު ކުރައްވަ އެވެ. ކޮންމެހެން ދައްކަވަންޖެހޭ ވާހަކަފުޅެއްފިޔަވައި ގިނަވަގުތު ހަނުހުންނެވުން އިސްކުރައްވާ ބަސްމަދު ބޭފުޅެކެވެ. ދުވާލުގެ ބައެއް ވަގުތުތަކުގައި ކަނބުރުގޭގައި މަސައްކަތް ކުރައްވާ ކަނބުރެކެވެ. ވިރުވައިއަޅައި އެކި ތަކެތި ހައްދަވަ އެވެ. 

ނަގިލި، މާދާ، (އޮޑިދޯނި ފަހަރުގައި ހުންގާނު އެޅުވުމަށް ހުންގާނާއި މައްޔަލުގައި ލޮއިން ހަދައި ހަރުކޮށްފައި ހުންނަ ބައި) ދަންމާނު ބުޅި، ކަތިވަޅި، ވަޅި، ފުރޯ، ހަނުފަދަ ކިތަންމެ އެއްޗެއް ޢާއްމުކޮށް ގާތްމީހުންނާއި އަމިއްލަ ބޭނުންފުޅަށް ހައްދަވައެވެ. ލާނދާ ހައްދަވައި، އުއްކަވައެވެ. ބޮޑުމަލާފަތް ހެއްދެވުމާއި، ލާފެންކޮށް ލިޔެ ލާޖެއްސެވުމާއި، ދިވެހީންދަންނަ ހުރިހާ ވައްތަރެއްގެ މަސްވެރިކަމަކީ ވެސް އޭނާއަށް ރަގަޅަށް އެނގިވަޑައިގަންނަވާ އަދި ބައެއްފަހަރު މީހުންނަށް ދަސްކޮށްދެއްވުމުގެ ގޮތުންނާއި އެކު ކުރެއްވި މަސައްކަތްތަކެވެ. ހުވަދުއަތޮޅަށް ފެމުނު މަސްވެރިކަމާއި، ކަށިމިޔަރުގެ މަސްވެރިކަން ތަޢާރަފުކޮށްދެއްވީ ވެސް އޭނާ އެވެ. އެ ދެ ވައްތަރުގެ މިޔަރު ބޭނޭކަހަލަ ބުޅި ޖަހަން ފެއްޓެވީ ވެސް އޭނާ އެވެ.

މޮޅު ކެޔޮޅެއްކަމަށްބެލެވޭ ޙާޖީ މުޙަންމަދު ކަލޭފާނު ހަވަރު ތިނަދޫގެ 07 ދޯންޏަކަށް އެއްދުވަހު މަސްބާނައި ދެއްވި ކަމަށް ބުނެވެ އެވެ. އެކަން ވީގޮތަކީ، އޭނާ މަސްވެރިކަންކުރައްވަން ފުއްޓަރުފަރާތަށް ބޮއްކުރާއެއްގައި ނިކުމެ އުޅުއްވަނިކޮށް ފަރާއި ދާދިގާތުން މަސްވެރީން މަސްބާނަމުން ގެންދަނިކޮށް ފެނިވަޑައިގެން އެތަނުން ދޯންޏަކަށް އަރާވަޑައިގެން މަސްބާނާ ދެއްވައި، އެދޯނި ފުރުމުން އަނެއް ދޯންޏަށް ވަޑައިގެން މަސްބާނާ ދެއްވައި، އެގޮތަށް ހަތްދޯންޏަށް މަސްބާނާ ދެއްވީ އެވެ. އެރަށުން މީހުން ބޭލުމާއި ޖެހެންދެން ވެސް 07 ދޯންޏަށް މަސްބާނައިދެއްވި ދުވަސް ހަވަރުތިނަދޫ މީހުން ފާހަގަކުރަނީ، "ހަތްކުޑައިގެ ދުވަސް" ގެ ގޮތުގަ އެވެ. ގާތްގަނޑަކަށް 150 ވަރަކަށް ފަޅުރަށް އޮންނަ، ހުވަދުއަތޮޅުގެ ހުރިހާ ފަޅުރަށެއްގެ ނަންތަކާއި، އެރަށްރަށް އޮންނަތަނާއި، އަތޮޅުގެ ގިރިފަރު، ކަނޑުއޮޅިތައް ވެސް އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. އަތޮޅުގެ އެކިވަރުގެ ހައެއްކަ ފަޅުރަށް ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި އެވެ.

މުޙައްމަދު ކަލޭގެފާނަކީ، ތިލޭރުވެރިކަމާއި، އެކިވައްތަރުގެ ވަޑިކަމާއި، ބޭސްވެރިކަމާއި،  ނަކަތްތެރިކަމާއި، އަދި ފަންޑިތަވެރިކަން ވެސް އެނގި ވަޑައިގަންނަވާ ބޭފުޅެކެވެ. ތާރީޚީ މަޢުލޫމާތުތަކާއި، މާލެއާއި އަތޮޅުގެ ބޮޑެތި ޢާއިލާތަކުގެ ވަނަވަރާއި،އެ ޢާއިލާތަކާއި ގުޅޭ މުހިއްމު މަޢުލޫމާތު ހޯއްދަވައި، އެއްކުރައްވައި، ލިޔުއްވި އެވެ. އަތޮޅުގެ ބޮޑުނާއިބުކަމާއި، ހަވަރުތިނަދޫ އިސް ކަތީބުކަން ކުރެއްވި އެވެ. ބޭރު ދަތުރުކުރާ ދެ އޮޑިއާއި، އެތެރޭގެ މަސްވެރިކަމާއި، އެހެނިހެން ކަނޑުދަތުރުކުރާ އެކިވަރުގެ ހަތަރުފަސް އުޅަނދު ގެންގުޅުއްވި އެވެ. މިކަންކަމާއެކު ވަގުތުގައި ފަރުޟުނަމާދު އަދާއަށް ކުރެއްވުމަށް އިސްކަން ދެއްވި އެވެ. އަދި އޭނާއަކީ، އެ ޒަމާނުގައި ވަރަށް މަޝްހޫރު މުއްސަންޖަކަށް ވުމާއެކު ވެސް  ޢާއްމުކޮށް ފަރިއްކުޅުއްވަނީ، ރާބޮޅާއިން ކައްކާ ކިރުގަރު ދިޔައާއި، ހިއްކި ބަނބުކޭލެވެ.

އާދެ!  މުޙައްމަދު ކަލޭފާނަކީ، އޭރުވެސް މިހާރުވެސް ހަވަރުތިނަދޫ އާއި، މަޑަވެއްޔާއި، ހޯޑެއްދޫއަށް ނިސްބަތްވާ އެންމެ ޢާއިލާ ބޮޑު އަދި އަވަހާރަވުމާއި ހަމަޔަށް ވެސް އެންމެ ގިނަ ބަޔަކު ބޯލެނބި، އަދި އެންމެ ގިނަ ދުވަހު އަތޮޅުގެ އެންމެ އިސްވެރިކަން ކުރެއްވި ޝަޚުޞިއްޔަ ތެވެ.

އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނު،  މުޙައްމަދު ކަލޭގެފާނާއި އެކީގައި ކުރެއްވި އައްޑޫ ދަތުރުފުޅުގައި ފަހަރެއްގައި،  އަމީރު އަމީނަށް އެނގިވަޑައިނުގެން އޮތުން އެކަށީގެން ވިޔަސް ޙާޖީ މުޙައްމަދު ކަލޭގެފާނަކީ،  އެ ދުވަސްވަރު ރާއްޖެއަށް ވެސް ވަރަށް މަޝްހޫރު ވަރަށް ކުޅަދާނަ، މޮޅު މާލިމީ އެކެވެ. އެ ފަހަރު އަމީން ދީދީ ދަތުރުފުޅު ކުރެއްވީ، މުޙައްމަދު ކަލޭގެފާނުގެ ދޯންޏެއްގަ އެވެ. ދަތުރުގެ މާލިމީއަކަށް ގެންދެވީ ހަވަރުތިނަދޫ އާދަމްތަކުރުފާނު (ރެހެނެބޭ) އެވެ. ޙާޖީ މުޙަންމަދު ކަލޭފާނަކީ، އޭނާގެ ޒަމާނުގައި މާލޭގައިއޮތް ވެރިކަމުގެ އެންމެ އިސް ބޭފުޅުންނާއި އެހެނިހެން ބޮޑުންނާއި ވެސް ގުޅުން ބޮޑު ބޭފުޅެކެވެ. ޚާއްޞަކޮށް އަތިރީގޭ އިބްރާހީމް ދޮށިމޭނާކިލެގެފާނާއި، ޢަބުދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނާއި، އެ ކިލެގެފާނުގެ އަނބިކަނބަލުންނާއި، ބޭފުޅުންގެ ވަރަށް ގާތް ބޭފުޅެކެވެ. ރަންނަބަޑޭރި ކިލެފާނުގެ އަނބިކަނބަލުން ދޮންގޮމާއަކީ، ނޫރައްދީން ބަންޑާރައިންގެ ދަރިކަނބަލުން ނެވެ. އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްޝުއްދީންގެ ކޮއްކޯފުޅެވެ. މިހެންކަމުން ޙާޖީ މުޙައްމަދު ކަލޭގެފާނަކީ، ރާއްޖެތެރޭގައި އޭރު ބާރުހުރި  ޤަދަރުވެރި  ބޭފުޅެކެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނު މާލެވަޑައިގަންނަވާ ކޮންމެ ދަތުރުފުޅެއްގައި ރަސްގެފާނުގެ ފައިންޕުޅު ދެކެވަޑައިގަތުމަށް ގަނޑުވަރަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހުގައި، ކަލޭގެފާނާއި އިސްތިޤްބާލް ކުރެއްވުމަށް ގަނޑުވަރުގެ ދޮރޯށިދޮށަށް އޭރުގެ ރަދުން (މުޙައްމަދު ޝަމްޝުއްދީން) ނުކުމެ ވަޑައިގަންވާތަން ފެނިފައިވާކަމަށް ގދ.ތިނަދޫ ޖޭނެސްޓް ޢަލީ ޤާސިމް (ރެއްކާބެ) ބުނުއްވައިފައިވާކަމަށް ރެއްކާބެއްޔާގެ މުޙައްމަދު ޒުހޭރު މަޢުލޫމާތު ދެއްވި އެވެ. ޒުހޭރުގެ ބައްޕައަކީ، މުޙައްމަދު ކަލޭގެފާނުގެ އޮޑި "ފަތުޙުލް ޢިނާޔަތު"ގެ ދަންޑެހެލެވެ. އަދި މުޙައްމަދު ކަލޭގެފާނު، ރަދުންގެއަރިހަށް ގަނޑުވަރަށް ވަޑައިގަތުމުން ގަނޑުވަރުން ދިމާވާ ޚައްދާމުންނާއި، އެކި ވަރުގެ ބެއިކަލުންނާއި، ބޮޑުންގެ ބޭފުޅުން ވެސް މުޙަންމަދު ކަލޭގެފާނަށް އިޙްތިރާމް އަދާކުރެއްވުމަށް އެ ވަގުތަކު އިށީނދެ ތިއްބެވި ނަމަ ތެދުވަންނަވައި، ސަލާމްކުރައްވައި، އުޅުއްވަ އެވެ. އެގޮތަށް އެކަންތައް ކުރައްވަނީ، ހުވަދޫ ވާރުވެރިންނަކީ، އެހެން އަތޮޅުތަކާއި ޚިލާފަށް ރަސްކަމުގެ ފަރާތުން ޚާއްޞަ ގަދަރެއް ދެއްވާފައިވާ ބޭފުޅަކަށްވާތީ އާއި އަދި ޙާޖީ މުޙައްމަދު ކަލޭގެފާނަކީ، އާދަޔާއިޚިލާފު ޝަޚުޞިއްޔަތަކަށް ވާތީ ވެސް މެ އެވެ. 
ޝަމްޝުއްދީން ރަދުންނާއި، އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި، ޢަބުދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނާއި، އަލްއަމީރު ޙަސަން ފަރީދުދީދީގެ ބާރުފުޅު ވެރިކަމުގެތެރެއިން ނެތިގޮސް، އެ ބޭފުޅުންގެ ޚާންދާނަށް ނިސްބަތްވެ ވަޑައިގަންނަވާ އަލްއަމީރު މުޙައްމަދު އަމީނަށް ވެރިކަމުގެ ބާރުތައް ލިބިވަޑައިގަތުމުން މުޙައްމަދު ކަލޭގެފާނާއި މެދުގައި މުލީގެއިން(ރަދުން) ނާއި އަތިރީގެއިން (ބޮޑުވަޒީރު) ބަހައްޓަވަމުން ގެންދެވި ގާތްކަން އަލްއަމީރު މުޙައްމަދު އަމީން ބެހެއްޓެވި ކަމަކަށް ނުބެލެވެ އެވެ. ވެރިއެއްގެ ގޮތުން ދަށުގައި ހުރި މީހަކާއިމެދުގައި ވިޔަސް ވެރިމީހާގެ ވާޖިބެއްގެ ގޮތުން ކުރަންޖެހޭ ކޮންމެކަމެއް ކުރުން އެއީ ރަނގަޅު ކަމެކެވެ. އަދި އެކަމަކީ، ކުރަންޖެހޭނެ ކަމެއް ވެސް މެ އެވެ. ނަމަވެސް މީހެއްގެ އިޙުސާންތެރިކަން ބޮލާލައި ޖަހައި، ކަމަކަށްވާ ކަމަކާނުލައި އެ މީހާ ދަށު ދަރަޖައަކަށް ނިކަމެތި ކޮށްލައި، ފަޟީޙަތްކޮށް، ހޭރުވުމަކީ، އިސްލާމަކު ކޮށްގެންވާނޭ ކަމެއްނޫނެވެ.

މިހެނީ، މުޙައްމަދު އަމީންގެ ޢިއްޒަތްތެރި މާތް ކާފާފުޅު އަލްއަމީރު އިބްރާހީމް ދޮށިމޭނާކިލެގެފާނު، މާލޭގެ ބޮޑުހުޅުގެ ޙާދިސާގައި ޤައިދީއެއްގެގޮތުން ނިކަމެތި ޙާލުކޮޅެއްގައި އައްޑޫ އޮޑިއަކުން އައްޑުއަށް ފޮނުވާލެއްވި ދަތުރުގައި ހުވަދުއަތޮޅާއި ހަމައިން ވިއްސާރަވެ، ކަނޑުގަދަވެ، ދަތުރުކުރެވޭ ވަރު ނުވެގެން ދެ ފޮއިދުވަހާ ގާތަށް ހަވަރުތިނަދޫގައި އޮޑި ބަނދަރުކުރަން ޖެހުނެވެ. އޭރުވެސް ހުވަދުއަތޮޅުގެ ވާރުވެރިއަކީ، ޙާޖީ މުޙައްމަދު ކަލޭގެފާނެވެ.

ޤައިދީއެއްގެ ގޮތުގައި ދާއިމަށް ފައިންޕުޅުގައި ހިލިހިލާ ޖައްސަވައި، އޮޑީގައި އޮންނެވި އިބްރާހީމް ދޮށިމޭނާކިލެގެފާނަކީ، ސަރުކާރުގެ ވިދާޅުބަސްފުޅެއް  އަމުރުފުޅެއްނެތި މީހަކަށް ބަޔަކަށް ހެވަތައި ކައިރިވާން ވެސް ލާހިކު ކުޅަދާނަ ނުވާވަރުގެ ސިޔާސީ ކުށްވެރިއެކެވެ. ނަމަވެސް ވިއްސާރައިގެ ގަދަ ވަޔާއިއެކު އޮޑި ހަލުވައި ކިލެގެފާނުގެ ޙާލުކޮޅު އިތުރަށް ބޮޑުވެދާނެތީ މުޙައްމަދު ކަލޭގެފާނު ވަޑައިގެން އެ ކިލެގެފާނު ހަވަރުތިނަދޫއަށް ބާލުއްވައި އެރުއްވުނު ދަރަޖައަކުން ޢިއްޒަތް އަރުއްވައި ހެޔޮކޮށް ހިތްތަވައި އަރިސް ގޮތެއްގައި ގެންގުޅުއްވި އެވެ. އަދި އައްޑު އަތޮޅުގައި ހުންނެވި ދުވަސްވަރު ވެސް ކިލެގެފާނާއި މެދު ޙާޖީ ކަލޭގެފާނު ވަރަށް ގާތްގުޅުމެއް ބޭއްވެވި އެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނާއި،  އޭރުއޮތް ވެރިކަމާއި ދެމެދުގައި އޮތް އިތުބާރަކާއި ގުޅުންތެރިކަމެއްގެ ބޮޑުކަމުން މިކަން ޙާޖީ މުޙައްމަދު ކަލޭގެފާނު ކުރެއްވި ނަމަވެސް  މިކަމަކީ،  އެހެންމީހަކު ނުވަތަ  ބަޔަކު އޭރު ކުރިކަމެއްނަމަ އެކަންވާނީ  ޤަތުލު ވާޖިބު ހިސާބުގެ ކަމަކަށެވެ. އެކަން އޮތީ  އޭރު އެހެންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއްބޭފުޅަކީ ވެސް ޚޮދު އިބްރާހީމް ދޮށިމޭނާކިލެގެފާނެވެ. އެކަން ފަހުން ވެސް އެކިލެގެފާނު ދެނެވަޑައިގަންނަވަ އެވެ. ދެނެވަޑައިގަންނަވާ ކަން ބަހާއި ޢަމަލުން އެކިލެގެފާނު ސާބިތުކޮށްދެއްވި އެވެ. އެ ކިލެގެފާނުގެ ބޭފުޅުން ދެނެވަޑައިގަންނަވަ އެވެ. އަދި ކާފަ ބޭފުޅުން ވެސް (މުޙައްމަދު އަމީން ފިޔަވައި އެހެން ބޭފުޅުން) ދެނެވަޑައިގަންނަވަ އެވެ. 

ނަމަވެސް އިބްރާހީމް ދޮށިމޭނާކިލެގެފާނުގެ ކާފަ ދަރިކަލުން އަލްއަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް އެކަން އެނގިވަޑައިގަންނަވާކަމަށް ބެލެވޭކަށް ނެތެވެ. އަދިކީއްތޯއެވެ. ދިވެހި ތާރީޚް ހެކިދެނީ، އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިހެނީ، އަލްއަމީރު މުޙައްމަދު އަމީނަށް ދައުލަތުގެ އިސް ބާރުތައް ލިބިވަޑައިގަތީ، އަލްއަމީރު ޙަސަން ފަރީދު އަވަހާރަ ވުމުންނެވެ. ބާރުތައް ލިބިވަޑައިގަތީ، އެ ބާރުތައް ދެއްވަން ޢަބުދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ވެސް ބޭނުންފުޅުވެ ވަޑައިގަންނަވާތީ އެވެ. ނަމަވެސް އެ ހިސާބުން ޢަބުދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނުގެ ދޮށީ ދަރިކަލުން އަލްއަމީރު މުޙައްމަދު ފަރީދު (ފަހުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލްއައްވަލް) އާއި މެދުގައި ވެސް އަލްއަމީރު މުހައްމަދު އަމީނު ކަންކުރެއްވީ އެންމެރަނގަޅަށް ނޫން ކަމަށް ދިވެހިތާރީޚުން ސާފުކޮށް އެނގެ އެވެ. އަލްއަމީރު މުޙައްމަދު ފަރީދާއި އަލްއަމީރު މުޙައްމަދު އަމީނަކީ ދެބެންގެ ދެދަރި ބޭފުޅުންނެވެ. 

ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ޙަޔާތުގެ ފަތްފުށްތައް ފިޔަވައި، އެހެނިހެން ފަތްފުށްތައް ނިގުޅައި ބަލައި ކިޔައިހެދުމަކީ މިތާނގައި އަޅުގަނޑު ކޮންމެހެން ކުރަންވީ ކަމެއް ކަމަށް ނުދެކެ މެވެ.

އާދެ! ގަހެއްގެ ހުރިހާ ގޮތްޕެއްގައި މޭވާ ވެސް ނާޅައެވެ. ނަމަވެސް އެ ގަސް ފުރިހަމަވަނީ، މޭވާ ނާޅާ ގޮފިތައް ވެސް ހުރުމުން ނެވެ. ހުރިހާ ގޮފިތަކެއްގައި މޭވާއަޅައިފި ނަމަ އެ ގަސް ވެއްޓުމުގެ ފުރުޞަތު ބޮޑުވާނެ އެވެ. ހަމަ އެ އުޞޫލުން (ޙާޖީ މުޙައްމަދު ކަލޭގެފާނު ނިސްބަތްވާ) މަޑަވެލީ މޫސިއާގެ ޢާއިލާގެ ހުރިހާ އެންމެންނަކީ، ޝަޚްޞިއްޔަތްތަކެއް ނޫނެވެ. ނަމަވެސް ފަހުން ވެސް އެހެން ބަޔަކަށް މުގުރާނުލެވޭނެ ކިތަންމެ ރެކޯޑެއް ޤާއިމު ކޮށްފައިވާ ބޭފުޅުން މި ޢާއިލާގައި ވަރަށް ގިނައެވެ. 

ޙާޖީ މުޙަންމަދު ކަލޭފާނުގެ 31 އަހަރުގެ އަތޮޅުވެރިކަމުގެ ވާހަކަ ލިޔެވިއްޖެ އެވެ. ނަމަވެސް އޭނާގެ މުއްސަނދި ކަމާބެހޭ ގޮތުން މާގިނަ ވާހަކަތަކެއް ލިޔާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. ހަމައެކަނި ފާހަގަކޮށްލާނީ، އޭނާގެ ތަރިކަ ބެހި ދުވަހު ވާރިޘެއްގެ ފަރާތުން މުދަލާއި ޙަވާލުވި މއ.ބާރަނާއާގެ ގދ.ތިނަދޫ އަމީރުއްޒަހުރި ހުސައިން ތައްޚާނު ބުނި ޢިބާރާތެކެވެ.  އޭނާ ބުނީ، ފަސްބަޔަށް ބެހުމުން އެއިން ކޮންމެ ބަޔަކަށް ލިބުނު ހަމައެކަނި ބަތްކާ ތަށީގެ ޢަދަދަކީ 750 ތަށި ކަމަށެވެ. އަދި ރުނބާ، ފަދަ އެހެނިހެން ކަންވާރާއި، ރިހިރުފިޔާގެ ޢަދަދު ވެސް ވަރަށް ގިނަ ކަމަށެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނު ނިސްބަތްވާ ޢާއިލާގެ މީސްގިނަކަމާ މެދު ބުނެވެނީ، އޭނާގެ ގެ ހުންނަ ހިސާބު (މިހާރުގެ އަތޮޅުތަޢުލީމީ މަރުކަޒު) އެހުރި ހިސާބުން ފެށިގެން އޭނާގެ އޮޑިދޯނިފަހަރު އެހެލާ (މިހާރު ތިނަދޫ "ތޭންކް" އެހުރި) ހިސާބާ ދެމެދުގައި ދިރިއުޅޭ އެންމެންނަކީ، އޭނާގެ އައުލާދުން ކަމަށެވެ.

އިސްވެދިޔަ މަޢުލޫމާތްތަކަށް ރިޢާޔަތް ކުރުމުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބެ އެވެ. ކުރިންވެސް އަޅުގަނޑު ފާހަގަކޮށްފައިވާނެ، ފަދައިން އެ ޢާއިލާއިން ޤާއިމުކޮށްފައިވާ ރިކޯރޑްތައް ވަރަށްގިނަ އެވެ. އެ އާޢިލާއިން ޤަވްމަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރޭގައި އަތޮޅުވެރިކަން ކުރެއްވި ބޭފުޅުން، ޑޮކްޓަރުން މާލިމީން، ޙަކީމުން، ވަޒީރު ބޭފުޅުންނާއި އަދި ވެސް ކިތަންމެ ބޭފުޅުން ހިމެނެ އެވެ. އެ ސިލްސިލާ މިހާރު ވެސް ދަނީ ހަމަ ކުރިއަށެވެ. އެ ދަރިކޮޅަށް ނިސްބަތްވާ އެތައް ބަޔަކު، ތިނަދޫ، މަޑަވެލި، ހޯނޑެއްދޫ، ރަތަފަންދޫ، ފިޔޯރީ، މާތޮޑާ،  ދާންދޫ އަދި ވިލިގިލީގައި އެބަތިބޫ އެވެ. 

ޙާޖީ މުޙައްމަދު ކަލޭގެފާނު އަވަހާރަވީ ދެވަނަ ފަހަރަށް ޙައްޖަށް ވަޑައިގަތުމަށް މާލެއަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން، ޢުމުރުފުޅުން ގާތްގަނޑަކަށް 72 އަހަރުފުޅުހާ ތާނގަ އެވެ. ނަމަވެސް ޞިއްޙަތު ރަނގަޅުވެފައި ހަށިކޮޅު ފެންނަނީ ދުޅަހެޔޮކޮށްނެވެ. އާލާސްކަންފުޅަށް ބޭސްކޮޅު އެރުވީ އޭރުގެ މަޝްހޫރު ބޭސްވެރިއެއް ކަމަށްވާ، މުޙައްމަދު ކަލޭގެފާނާއި ދެބެންގެ ދެދަރި ދައްތައަކަށް މާމަ ވިދާޅުވާ ހަވަރުތިނަދޫ/ ކޭވަކުގޭ ޙަކީމް ޙުސޭން ޢަފީފެވެ. ޙާޖީ މުޙައްމަދު ކަލޭގެފާނު ފަސްދާނުލެވުނީ، (އޭނާގެ އަންހެން ބޭފުޅެއްކަމަށްވާ ޙައްވާފާނުގެ މަހާނައާއި ޖެހިގެން) މައްޗަންގޮޅީ އާމިސްކިތުގެ ޤަބުރުސްތާނުގަ އެވެ. އެއީ މިހާރު މއ. "ބާބުލް އަވާލީ"އާއި، "ސްޓާރޝެލް" އެހުރި ކޮއްޓެވެ.
                        -------------

ޢަބުދުﷲ ޙިލްމީ
މަޢުލޫމާތު: އަލްމަރުޙޫމް ޢަލީ ނަޞީރު، ޒޫރިޔާގެ/ މަޑަވެލި ލިޔުއްވާފައިވާ "މަޑަވެލީ މޫސިޔާގެ ޢާއިލާއިން 7،8 ވަނަ ބައިން"