ލައިލަތުލް ޤަދުރި ވިލޭރެއަކީ ކިތައްވަނަ ރޭ ކަން ބުނެދޭ ރައުޔުތައް















ލައިލަތުލް ޤަދުރި ވިލޭރެއަކީ ރަމަޟާން މަހުގެ ކިތައް ވަނަ ރޭ ކަން ދެނެގަތުމަކީ، މުސްލިމުން ނުހަނު ޝައުޤުވެރިވާ ކަމެކެވެ. އެ ރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ކަމުގައިވާތީ އާއި، އެ ރޭ ކުރާ ކޮންމެ ހެޔޮކަމެއް އެތައް ހާސް ގުނައަކަށް އިތުރުވެގެންދާތީ އެވެ. އެއީ ކަނޑައެޅިގެން ކޮން ރެއެއްކަން އަންގަވާފައެއް ނެތެވެ. ނަމަވެސް، ކީރިތި ޤުރުއާނާއި، ޠާހިރު ސުންނަތުގެ އަލީގައި، އެއީ ރަމަޟާންމަހުގެ ކިތައް ވަނަ ރޭކަން ބުނެދޭ ރައުޔުތަކެއް ވެ އެވެ. މި މަޒުމޫނުގައި ބަލައިލާނީ، އެއިން ބައެއް ރައުޔުތަކުގެ މައްޗަށެވެ.

1. އެއީ ފަހުދިހައިގެ ރެއެކެވެ.
ލައިލަތުލް ޤަދުރިވިލޭރެއަކީ، ފަހުދިހައިގެ ރޭތަކުގެ ތެރެއިން ރެއެއް ކަމަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ.

އެހެންކަމުން، އެންމެ ޞައްޙަކަން ބޮޑު، އަދި އެންމެ މަޤުބޫލު ރައުރަކީ، އެއީ ފަހުދިހައިގެ ރޭތަކުގެ ތެރެއިން ރެއެއް ކަމަށް ބުނާ ރައުޔެވެ. މިރައުޔުގައި ޝާމިލުވާ ރޭތަކުގެ ތެރޭގައި ފަހުދިހައިގެ ނުވަ ރޭ، ނުވަތަ ދިހަ ރޭ ހިމެނެ އެވެ. މީގެ މާނައަކީ، އެކާވީސް، ތޭވީސް، ފަންސަވީސް ފަދަ އޮނަހިރި ޢަދަދުގެ ރޭތަކާއި، ބާވީސް، ސައުވީސް، ސައްބީސް ފަދަ ހިރި ޢަދަދުގެ ރޭތައް ވެސް މި ރައުޔުގައި ޝާމިލުވެ އެވެ. ރަމަޟާން މަސް ފަށަން ޖެހޭ ދުވަސް ނޫން ދުވަހެއްގައި ފެށިއްޖެނަމަ، މި ރައުޔުގެ މުހިންމުކަން އިތުރުވެގެންދެ އެވެ. ލައިލަތުލް ޤަދުރި ވިލޭރޭ ޙާޞިލުކުރުމަށް އެދިގެން، ފަހު ދިހައިގެ ހުރިހައި ރެއެއްގައި އަޅުކަންކުރާ މީހާއަށް އެ ނިޢުމަތް ޙާޞިލުވާނެތީ އެވެ.

2. އެއީ އޮނަހިރި ރެއެކެވެ.
ލައިލަތުލް ޤަދުރި ވިލޭރެއަކީ، ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރެއިން އޮނަހިރި ރެއެއް ކަމަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ. އެހެންކަމުން އެއީ، އޮނަހިރި ޢަދަދުގެ ރޭތަކުގެ ތެރެއިން ރެއެއް ކަމަށް މި ރައުޔު ބުނެ އެވެ. އޮނަހިރި ރޭތަކަކީ، 21، 23، 25، 27، 29  އެވެ. ނަމަވެސް ރަމަޟާން މަސް ފަށަން ޖެހޭ ދުވަސް ނޫން ދުވަހެއްގައި ފެށިއްޖެނަމަ، މި ރޭތައް ވާނީ ހިރި ޢަދަދުގެ ރޭތަކަކަށް ބަދަލުވެފަ އެވެ.

3. އެއީ ހިތްގައިމު ރެއެކެވެ.
ލައިލަތުލް ޤަދުރި ވިލޭރެއަކީ، ފިނިހޫނުމިނުގެ ގޮތުން މެދުމިނުގެ ރެއެއް ކަމަށާއި، އެރޭގައި ދުނިޔޭގެ ބިމަށް ގިނިހިލައެއް ނުވެއްޓޭނެ ކަމަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ. ޖުމުލަ ގޮތެއްގައި ބަލާއިރު، އެއީ ސާފު އަލި ރެއެކެވެ. ވައިމަޑު ރެއެކެވެ. ޠޫފާންތަކާއި ކޮޅިގަނޑުތަކެއް އެރެއަކު ނާންނާނެ އެވެ. ޖައްވުގެ ޙާލަތު ވާނީ އާދައިގެ ރީތި ހެޔޮވަރެއްގަ އެވެ. އެހެން ރޭތަކުގައި އަޅުކަންކުރާއިރު ހިތްހަމަޖެހޭވަރަށް ވުރެ ބޮޑަށް އެރޭ އަޅުކަންކުރާއިރު ހިތްހަމަޖެހޭނެ އެވެ. މިފަދަ ޢަލާމާތްތަކަށް ބަލައިގެން، ލައިލަތުލް ޤަދުރި ވިލޭރޭ ދެނެގަތުމަކީ ފަސޭހަ ކަމެއް ކަމުގައި ނުވެދާނެ އެވެ.

4. އެ ރެއަށްފަހު އަންނާނީ ދޯއްޖެއްނެތި އިރުއަރާނެ ދުވަހެކެވެ.
ލައިލަތުލް ޤަދުރި ވިލޭރެއަށްފަހު އަންނަ ދުވަހު އިރުއަރާނީ ދޯއްޖެއް ނެތި ކަމަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ. އެގޮތަށް އިރުއަރާއިރު، އިރު ފެންނާނީ ގާތްގަނޑަކަށް ހަނދު ފެންނަ ގޮތަށް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް މި ޢަލާމާތް ފެންނާނީ، އެ ރޭ ފާއިތުވެދާ ފަހުންނެވެ.

5. އެއީ، ހަތާވީސް ވިލޭރެ އެވެ.
ލައިލަތުލް ޤަދުރި ވިލޭރޭ ޙާޞިލުކުރަން އެދޭ މީހާ، ހަތާވީސް ވިލޭރޭ އެކަމަށްޓަކައި މަސައްކަތް ކުރުމަށް، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދުދެއްވާފަ އެވެ. މިހެންވެ، ރަމަޟާން މަހުގެ ހަތާވީސް ވިލޭރެއަކީ، ލައިލަތުލް ޤަދުރި ވިލޭރޭ ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ، އެއީ އެކާވީސް ވިލޭރޭ ކަމަށެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ، އެއީ ތޭވީސް ވިލޭރޭ ކަމަށެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ، އެއީ ފަންސަވީސް ވިލޭރޭ ކަމަށެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ، އެއީ ނަވާވީސް ވިލޭރޭ ކަމަށެވެ. މި ރައުޔުތަކުގެ ތެރެއިން ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ، އެއީ ހަތާވީސް ވިލޭރޭ ރޭ ކަމަށެވެ.

6. އެއީ ފަހުދިހައިގެ އަންގާރަވިލޭރެ އެވެ.
ލައިލަތުލް ޤަދުރި ވިލޭރެއަކީ، ރަމަޟާން މަހުގެ ފަހުދިހައިގެ އަންގާރަވިލޭރޭ ކަމަށް ބުނާ ރައުޔެއް، 1432 ހ. ވަނަ އަހަރު ވަނީ މަޝްހޫރުވެފަ އެވެ. އެ ރައުޔު ބުނާ ގޮތުގައި، އެ އަހަރުގެ ރަމަޟާންމަހުގެ ލައިލަތުލް ޤަދުރި ވިލޭރެއަކީ، 22 ރަމަޟާން 1432 (22 އޯގަސްޓް 2011) ވާ ހޯމަދުވަހަށްފަހު އަންނަ އަންގާރަވިލޭރެ އެވެ. އެއީ 23 ވިލޭރެ އެވެ. ފަލަކީ ހިސާބުގެ މައްޗަށް ބިނާވެފައިވާ މި ރައުޔު ބުނާ ގޮތުގައި، ލައިލަތުލް ޤަދުރި ވިލޭރެއަކީ، 8 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބަދަލުވަމުންދާ ރެއެކެވެ. އެކި އަހަރުގެ ރަމަޟާން މަހު، އެ ރޭ އަންނާނީ އެކި ތާރީޚުގަ އެވެ. އެ ތާރީޚުތަކަކީ ރަމަޟާން މަހުގެ، 27، 23، 25، 21، 23، 25، 29،  25 އެވެ. މި ތާރީޚުތަކުގައި ލައިލަތުލް ޤަދުރިވިލޭރޭ ބަދަލުވަމުންދާނީ ތަރުތީބުންނެވެ. އެއް އަހަރެއްގެ 27 ވިލޭރެއަކީ، ލައިލަތުލް ޤަދުރި ވިލޭރޭ ކަމަށް ވެއްޖެނަމަ، އެއާ ވިދިގެން އަންނަ އަހަރު އެ ރޭ ކަމަށް ވާނީ، 23 ވިލޭރެ އެވެ. ދެން އަންނަ އަހަރު އެ ރޭ ކަމަށް ވާނީ، 25 ވިލޭރެ އެވެ. މި ރައުޔު ބުނާ ގޮތުގައި، މި ބީދައިން އެ ރޭ ބަދަލުވަމުންދާއިރު، އެއީ އަންގާރަވިލޭރޭ ކަމުގައި ވާން ޖެހެ އެވެ. ބައެއް ފަހަރު ރަމަޟާން މަސް ފަށަން ޖެހޭ ދުވަސް ނޫން ދުވަހެއްގައި ފެށިއްޖެނަމަ، ލައިލަތުލް ޤަދުރި ވިލޭރެއަކީ، ހިރި ޢަދަދުގެ ރެއެއް ކަމަށް ވެދާނެ ކަމަށާއި، އެ ޙާލަތުގައި ބަލަން ޖެހޭނީ އަންގާރަ ވިލޭރެއަށް ކަމަށް ވެސް މިރައުޔު ބުނެ އެވެ. އަދި ބައެއް އަހަރުތަކުގައި، އަންގާރަ ވިލޭރޭ، ފަހު ދިހައިގައި ދެފަހަރު ތަކުރާރުވެދާނެ ކަމަށާއި، އޭރުން ބަލަންޖެހޭނީ އޮނަހިރި ޢަދަދުގެ ރެއަށް ކަމަށް ވެސް މި ރައުޔު ބުނެ އެވެ.

7. އެއީ ދުނިޔޭގެ ބިމަށް ގިނިހިލަ ނުވެއްޓޭ ރެ އެވެ.
ލައިލަތުލް ޤަދުރި ވިލޭރެއަކީ، ދުނިޔޭގެ ބިމަށް ގިނިހިލަ ނުވެއްޓޭ ރޭ ކަމަށް ބުނާ ރައުޔެއް ވެސް ވެ އެވެ. ކޮންމެ ދުވަހަކު އެތައް ހާސް ގިނިހިލައެއް ދުނިޔޭގެ ޖައްވުގެ ތެރެއަށްވަދެ، ބިމަށް ވެއްޓެ އެވެ. ބައެއް ގިނިހިލަތައް ބިމާ ހަމައަށް ވާޞިލުވުމުގެ ކުރިން އަނދައިހުލިވެ އެވެ. ބައެއް ގިނިހިލަތައް ބިމާހަމައަށް ވާޞިލުވެ، ބައެއް ފަހަރު ބޮޑެތި ގެއްލުންތައް ވެސް ލިބިފައިވެ އެވެ. މިރައުޔުގެ މަޞްދަރަކީ، އަލްޤަދުރި ސޫރަތުގެ ފަހު އާޔަތާއި، ލައިލަތުލް ޤަދުރި ވިލޭރޭ ބިމަށް ގިނިހިލައެއް ނުވެއްޓޭނެ ކަމަށް އޮންނަ ޙަދީޘްފުޅާއި، އަދި ނާސާއަށް ނިސްބަތްކުރެވޭ ހޯދުމެކެވެ. މި ރައުޔުގެ އަހުލުވެރިން ބުނަނީ، ލައިލަތުލް ޤަދުރި ވިލޭރޭ ދުނިޔޭގެ ބިމަށް ގިނިހިލައެއް ނުވެއްޓޭކަން، މީގެ 10 ވަރަކަށް އަހަރު ކުރިއްސުރެ ނާސާއަށް ވަނީ އެނގިފައި ކަމަށެވެ. ނަމަވެސް މިކަމުގެ ޙަޤީޤަތް ހޯދުމަށްޓަކައި ކުރި ތަޙުޤީޤުތަކުން ވަނީ މިކަން ކަށަވަރު ނުކުރެވިފަ އެވެ. ނާސާއިން އެފަދަ ހޯދުމެއް ހޯދާފައިވާކަން ކަށަވަރުވާނެ ޞައްޙަ މަޞްދަރެއް މިހާތަނަށް ފެނިފައިނުވާކަން މިތާނގައި ފާހަގަކުރަމެވެ.

ނަންގަނެވިދިޔައީ، ލައިލަތުލް ޤަދުރި ވިލޭރެއަކީ ކިތައްވަނަ ރޭ ކަން ބުނެދޭ ބައެއް ރައުޔުތަކެވެ. ގިނަ ޢިލްމުވެރިން އިރުޝާދު ދެއްވަނީ، އެ ރޭ ޙާޞިލުކުރަން އެދޭ ނަމަ، ރަމަޟާން މަހުގެ ފަހުދިހައިގެ ހުރިހައި ރެއެއްގައި އެކަމަށް އެދިގެން މަސައްކަތްކުރުމަށެވެ.
                -----------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން